ސުވާލު:

ދިހަ ހާސް މީހުންގެ މަސްލަޙަތު ހިމެނޭ، ވޭތުވެދިޔަ ސަރުކާރު ނިމުނު އިރުގައި އެކިމީހުންނަށް ދޫކޮށްފައި އެބަހުރި ގުޅީފަޅުންނާއި ގިރާވަރުފަޅުން ގޯތި. އެހެންވީމާ އޭގެ އެއްވެސް ކަހަލަ މަޢުލޫމާތެއް މި ސަރުކާރު ބަދަލުވުމުގެ ފަހުން ނެތް ދޯ އެއްވެސް ރައްޔިތަކަށް ސާފުވާކަށް. އެއީ ގޯއްޗަކީ ލިބުނު އެއްޗެއްތޯ އޭތި ކަށަވަރުވާކަށް ނެތް. އެހެންވީމާ އެކަމުގައި ދިހަ ހާސް މީހުންނަކީ ވަރަށް ބޮޑު އަދަދެއް. އެކަމުގެ އެއްވެސް ކަހަލަ ކުރިއެރުމެއް ނުލިބޭ އެހެންވީމާ އެކަމާ އަޅުގަނޑު ބޭނުންވަނީ ސުވާލުކޮށްލަން.


ޖަވާބު:

އާދެ! އިބްރާހީމް ސަމާހު ކުރެއްވި ސުވާލަކީ ވަރަށް މުހިންމު ސުވާލެއް. ވަރަށް ގިނަ ރައްޔިތުންނާއި ގުޅިފައިވާ މައްސަލައެއްގެ ސުވާލު. އަޅުގަނޑު ހަމަ ދޭން ބޭނުންވާ ޔަގީންކަމަކީ ގުޅީފަޅުން ވެސް ގިރާވަރު ފަޅުން ވެސް ގޯތި ލިބުނު ހަމަ ހުރިހާ އެންމެންގެ ގޯތިތަކަށް ދޭންޖެހޭ ލިޔެކިޔުމުގެ ކަންތައްތައް ހަމަ އެބަ ކުރިއަށް ދޭ ވަރަށް ބާރަށް. ރަޖިސްޓްރީ ހެދުމުގެ މަސައްކަތް، ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް އެބަ ކުރިއަށް ދޭ. ދެން ނުހިއްކާ އޮތް ސަރަޙައްދުތަކުން ދޫކޮށްފައިވާ ގޯތިތަކަށް ދޭން އޮންނަ ވަގުތީ ލިޔުން ޤާނޫނީގޮތުން ރަޖިސްޓްރީއެއް މިހެދެނީ ބިން ހިކުނީމާ. އެހެންނަމަވެސް ވަގުތީ ރަޖިސްޓްރީއެއް އެ ގޯތި ލިބުނުކަމުގެ ޔަގީންކަން ކަށަވަރުވާ ވަރުގެ ލިޔުމެއް ދޫކުރުމުގެ މަސައްކަތްވެސް އެބަކުރިއަށްދޭ. އެހެންވީމާ ގުޅީފަޅުން ވިޔަސް، ގިރާވަރު ފަޅުން ވިޔަސް އަދި ހުޅުމާލޭގެ ފަޅުތެރެއިން ހިއްކަމުންދާ ބައިން ދޫކޮށްފައި ހުރި ގޯތިތައް ވިޔަސް ހުރިހާ އެންމެނަށް އެއްވެސް މީހަކު ބާކީނުވެ ހުރިހާ އެންމެނަށް ލިޔުމާ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ހަމަ ބާރަށް އެބަ ކުރިއަށް ދޭ.