بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ لَّلهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى سَيِّدنَا مُحَمَّدٍ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

މިއަދަކީ މީލާދީ ސަނަތުން އާ އަހަރެއް އަޅުގަނޑުމެންނާ ބައްދަލުކުރި ދުވަހެވެ. 2023ވަނަ އަހަރަށް ދުނިޔެ އަލްވަދާޢު ކިޔައި، 2024ވަނަ އަހަރަށް މަރުޙަބާ ކީ ދުވަހެވެ. އިރާދަކުރެއްވިއްޔާ އަލަށް ފެށުނު މީލާދީ އާ އަހަރަކީ، ދިވެހިރާއްޖެއަށާއި ދިވެހީންނަށް އުޖާލާ އަލިވިލުމެކެވެ. އެހެންކަމުން، މި ފެށުނު އުފާވެރި މީލާދީ އާ އަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ލޮބުވެތި އެންމެހައި ދިވެހި އަޚުންނާއި އުޚްތުންނަށް އަރިސްކުރަމެވެ.

ފާއިތުވި އަހަރަކީ ދިވެހީން ވަރަށް މުހިންމު ނިންމުންތަކެއް ނިންމި އަހަރެކެވެ. ވަރަށް ކުލަގަދަ ތަޞައްވުރުތަކެއް ކުރެހި އަހަރެކެވެ. ދިވެހިރާއްޖޭގައި ބޭރުގެ އެއްވެސް ޢަސްކަރީ ބާރެއް އޮވެގެންނުވާނެކަން ދިވެހީން ނިންމިއެވެ. ދުނިޔޭގެ އެހެން ޤައުމުތައް ހާސިލުކުރާ ފަދަ ކުރިއެރުމާއި ތަހުޒީބާއި ތަރައްޤީ ބޭނުންކަން ނިންމިއެވެ. އެ ކަމަށްޓަކައި ފިކުރީ ގޮތުން ޖީލުތައް އިސްލާމީ، ދިވެހި ޤައުމީ ސިފަތަކާއެކު ބިނާކުރަން ވެއްޖެކަމަށް ދިވެހީން އެއްބަސްވިއެވެ. ހަމަ އެހެންމެ، ޢުމްރާނީ ގޮތުން އެންމެ ޒަމާނީ ގެދޮރުވެރިކަމާއި ރަށްވެހިކަމަށް ތައްޔާރުވިއެވެ.

ދިވެހީންގެ މި ނިންމުންތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި އާ ސަރުކާރެއް ހޮވައި، އެ ސަރުކާރާ މި އަމާނާތް ހަވާލުކުރިއެވެ. އާ އަހަރަށް ދިވެހީން ދެކޭ ހުވަފެންތައް ބިނާވެފައި ވަނީ މި އުންމީދުތަކާއި ތަޞައްވުރުތަކުގެ މައްޗަށެވެ.

އަޅުގަނޑު ދެކޭގޮތުގައި ތަރައްޤީ ފެށިގެން އަންނަންވާނީ ތިރިން މައްޗަށެވެ. ތަރައްޤީގެ ވިސްނުންތައް އުފަންވާންވާނީ ރައްޔިތުންގެ ސިކުނޑިތަކުގައެވެ. އެ ރައްޔިތުން އެކަމުގެ މަސްއޫލިއްޔަތު ހަވާލުކުރާ ފަރާތްތަކުގެ ވާޖިބަކަށް ވާންވާނީ، މާތް اللهُ އަށް ބިރުވެތިވެ، ތެދުވެރިކަމާއި ވަފާތެރިކަމާއެކު، އެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމެވެ.

ދިވެހި މަސްއޮޑިއެއް އެކުލެވިގެންވަނީ، އޭގެ ފަށަނުގެ ދެފަރާތަށް އިންދޭ ގެތިގެންވާ މަޑޫތަކަކުންނެވެ. ހަމަ އެފަދައިން، ޤައުމެއް ތަރައްޤީވުމުގައި ވެސް ދެ ފަރާތެއްގެ މި ދެންނެވި ބަދަހި ގުޅުން ހިމެނިގެންވެއެވެ. އެއީ ރައްޔިތުންނާއި ވެރީންނެވެ. ވެރީން ރައްޔިތުންނަށް ރަޙުމުހުރި ބަޔަކަށްވުމެވެ ވަޢުދަށް ކަމޭހިތުމެވެ. ރައްޔިތުން ވެރީންނަށް ކިޔަމަންވުމެވެ. އެއްބާރުލުން ދިނުމެވެ. ޤައުމެއްގެ ތަރައްޤީގެ ބިންގަލަކީ އަދި ކުރިބޯށްޓަކީ ވެސް މިއެވެ.

ނިމިދިޔަ އަހަރުގެ ފަހު ހަފުތާތަކާއި، މި ފެށުނު އަހަރުގެ ފުރަތަމަ ހަފުތާތަކަކީ، ތަރައްޤީގެ ވަރަށް ޚާއްޞަ މޫސުމެކެވެ. މިއީ އަޅުގަނޑުމެންގެ ސަރުކާރުގެ ހަފުތާ ސާދައިގެ ތެރޭގައި ގިނަގުނަ ވަޢުދުތަކެއް އަކުރުން އަކުރަށް ސީދާ ސުންގަޑިއަށް ފުއްދަމުންދާ ދުވަސްތަކެކެވެ.

ތަރައްޤީއަށްޓަކައި ވިސްނުންތެރިކަމާއި ހަމަޖެހުން ބޭނުމެވެ. ތެދުވެރިކަމާއި އިޚްލާޞްތެރިކަން ބޭނުމެވެ. އާ އަހަރަކީ ތިމާގެ އަމިއްލަ ނަފުސު ތެދުވެރިކަމުގެ މައްޗަށް ބިނާކުރާ އަހަރަކަށް ހަދަމާތޯއެވެ! އާ އަހަރަކީ އިވޭ އަޑުތަކާއި، ލިބޭ މަޢުލޫމާތުން ދޮގުތެދު ވަކިކުރާ އަހަރަކަށް ހަދަމާތޯއެވެ! އާ އަހަރަކީ ޙަޤީޤަތް ޤަބޫލުކޮށް، އާ އުންމީދުތަކާއި، އާ ކުރިއެރުންތަކާ އެކު ހަލުވިކޮށް ކުރިޔަށްދާ އަހަރެއް ކަމުގައި ހަދަމާތޯއެވެ! އަޅުގަނޑުމެން ދިވެހީންނަކީ އެއް ޤައުމެކެވެ. އެއް ބައެކެވެ.

ހެޔޮ ބަސް އަހާ، ހެޔޮ ބަސް ގަބޫލުކުރާ ބަޔަކު ކަމުގައި މާތް ﷲ އަޅުގަނޑުމެން ލައްވާށިއެވެ. ދޮގު ބަސްތައް އުފެއްދުމާއި، ދޮގު މަޢުލޫމާތުތައް ފެތުރުން ފަދަ ނޭދެވޭ އައިބު އަމަލުތަކުން އަޅުގަނޑުމެންގެ ދޫތަކާއި އަތްތައް ސަލާމަތް ކުރައްވާށިއެވެ! ސާފު ހިތަކައިގެން ދިރިއުޅުމުގެ ހެޔޮ ނަސީބު މިންވަރު ކުރައްވާށިއެވެ! މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށިއެވެ! އާމީން!