بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدٌ رَّسُولُ ٱللَّهِ صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލްމަންނާން ޔޫސުފް، ސްކޫލްތަކުގެ ޕްރިންސިޕަލުން، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި އަދި ސްކޫލްތަކުގެ އިސްވެރިން، ޚާއްޞަކޮށް، ޓްރެފިކް މޮނިޓަރސް ޕްރޮގްރާމްގައި ބައިވެރިވި އެންމެހައި ލޮބުވެތި ދަރިވަރުން، އަދި އެ ދަރިވަރުންގެ ބެލެނިވެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް، މި ޕްރޮގްރާމްގައި ބައިވެރިވި ހުރިހާ ދަރިވަރުންނަށް، ޢިއްޒުއްދީން ސްކޫލާއި، އަދި ދަރުމަވަންތަ ސްކޫލްގެ އެންމެހައި ލޮބުވެތި ދަރިވަރުންނަށް، އަޅުގަނޑު ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން. އަދި ހަމައެއާއެކު، އެ ދަރިވަރުންގެ ލޮބުވެތި މައިންބަފައިން، ޚާއްޞަކޮށް، ފުލުހުންނާއި އެޑިޔުކޭޝަން މިނިސްޓްރީ އަދި ސްކޫލްތައް ގުޅިގެން މި ގެންދިޔަ ޕްރޮގްރާމަކަށް، މިފަދަ ކަމަކަށް ތިޔަބޭފުޅުން އިތުބާރު ކުރައްވައި، ވަކިން ޚާއްޞަކޮށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ނުވަތަ އެހީތެރިވެދިނުމަށްޓަކައި މިކަހަލަ ކަމެއްގައި ތިޔަބޭފުޅުންގެ ދަރިން ބައިވެރިކުރެއްވިކަމަށްޓަކައި ބެލެނިވެރިންނަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން.

އާދެ، ފަސް އަހަރު ފާއިތުވެގެންދާއިރު، އަޅުގަނޑަށް އެންމެ ގިނައިން ބައިވެރިވެވުނީ، މިކަހަލަ އެކިއެކި ޕްރޮގްރާމްތަކުގައި. ޚާއްޞަކޮށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، ޓްރެފިކާ ގުޅުންހުރި ކަންތައްތަކުގައި. އާދެ، ސަބަބެއް ނެތިއެއްނޫން. ހަމައެކަނި ވޭތުވެދިޔަ ފަސް އަހަރު ދުވަހަށް އަޅުގަނޑުމެން ބަލައިފި ކަމަށްވަންޏާ، ރާއްޖޭގެ މަގުތަކުގައި ހިނގާފައިވާ އެކްސިޑެންޓްތަކުގެ އަދަދު އަށާރަހާހަށްވުރެ ގިނަ. އަށާރަ ސަތޭކައިގެ ވާހަކައެއް ނޫން އަޅުގަނޑު މި ދަންނަވަނީ. އަށާރަހާސް އެކްސިޑެންޓުގެ ވާހަކަ. ހަމަ އެގޮތަށް، ކަނޑު ދަތުރުފަތުރުގެ އެކްސިޑެންޓުތައްވެސް، ގިނަ އަދަދަކަށް ހިނގާފައި ވަނީ.

އާދެ، މި ހިނގައިދިޔަ އެކްސިޑެންޓްތަކުގެ ތެރެއިން އަޅުގަނޑުމެން ކަންބޮޑުވާ، އަޅުގަނޑުމެން ހިތާމަކުރަންޖެހޭވަރަށް، ގިނަ އަދަދެއްގެ މީހުން ވަނީ ދުނިޔެ ދޫކޮށްފައި. އަޅުގަނޑު އަދަދު ދަންނަވާކަށް ނެތިން. މަގުމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ނުހިނގާ އެންމެ ދުވަހެއްވެސް ނުދޭ. ދެންމެ އަޅުގަނޑު ޑެޕިޔުޓީ ކޮމިޝަނަރ މަންނާނަށް މި ދެންނެވީ، މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގެ ވާހަކަ. އިއްޔެ އަޅުގަނޑަށް މި ސްކޫލްގެ ޕްރިންސިޕަލަށް ގުޅައިލެވުނީ، މި ސްކޫލް ކައިރީގައި ހިނގި އެކްސިޑެންޓެއްގައި، މި ސްކޫލްގެ ގްރޭޑް 1 ގައި އުޅޭ ކުއްޖަކަށް އަނިޔާވެގެން އެކަމުގައި. ކޮންމެ ދުވަހަކު، ކޮންމެ ދުވަހަކު މިފަދަ އެކްސިޑެންޓްތައް ހިނގާ. އެކްސިޑެންޓްތައް މަދުކުރުމަށް އަޅުގަނޑުމެންނަށް މަސައްކަތްތަކެއް އެބަ ކުރެވޭ. އަޅުގަނޑު ވަރަށް ބޮޑަށް ބަލައިގަންނަން، ޚާއްޞަކޮށް، ފުލުހުންގެ ޚިދުމަތުގެ ފަރާތުން ގާތްގަނޑަކަށް ވޭތުވެދިޔަ 10 އަހަރު ދުވަހުގެތެރޭގައި، މިގޮތަށް މި ޕްރޮގްރާމް ވަރަށް ބޮޑަށް ހިންގަވައިފައިވާތީ. ގާތްގަނޑަކަށް 66 ވަނަ ޕްރޮގްރާމް ނިމިގެން މިދިޔައީ. އެތައްހާސް ކުދިންނަކަށް މިކަމުގެ މަޢުލޫމާތު ދެވި، ޚާއްޞަކޮށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގިނަ ކަންތައްތަކެއް އަޅުގަނޑުމެންނަށް ކުރެވިއްޖެ.

އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، މިއީ ހަމައެކަނި ދަރިވަރުންނާ ގުޅުންހުރި ކަމެއްނޫން. މިއީ އަޅުގަނޑުމެންގެ އެންމެހައި ރައްޔިތުންނާ ގުޅުންހުރި ކަމެއް. އަޅުގަނޑަށް އެންމެ ކަންބޮޑުވާ ގޮތަށް، އަޅުގަނޑު ހިތުގައި އެންމެ ބޮޑަށް އެކަމަކަށް ކަންބޮޑުވުން އުފެދިގެންދާ ގޮތަށް، މި ވާހަކަ ބަޔާންކޮށްދެއްވީ މިރޭ ޑެޕިޔުޓީ ކޮމިޝަނަރ. މިކަމުގެ ބިރުވެރިކަން އޮތްވަރު. އެނގިވަޑައިގަންނަވާނެ، ތޫނު ވަޅިއަށް، ހޫނު އަލިފާނަށް އަބަދުވެސް އަޅުގަނޑުމެން ސަމާލުވާންޖެހޭ. އެއީ، މަގުމަތީގެ ހާލަތު މިއަދު އޮތްގޮތް. ޑެޕިޔުޓީ ކޮމިޝަނަރ ވިދާޅުވިގޮތަށް، ކޮންމެ ފަހަރަކު، ނުވަތަ ގިނަފަހަރު، ގެއްލުމާއި އަނިޔާއާ ކުރިމަތިލާންޖެހެނީކީ ގަވާއިދާ ޚިލާފަށް ނުވަތަ އަދި މުޅިން ފަރުވާކުޑަކުރެވިގެން ނުވަތަ ސަމާލުކަން ކުޑަވެގެންދާ މީހާއެއްވެސް ނޫން. އެހެން މީހެއްގެ ސަބަބުންވެސް އެކްސިޑެންޓާ ކުރިމަތިލާން އެބަޖެހޭ.

އެހެންވީމާ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، ފުލުހުންގެ ޚިދުމަތާ ގުޅިގެން މިއަދު މިފަދަ ކަމެއް އަޅުގަނޑުމެން މި ކުރަނީ ކިހާ މުހިންމު ކަމަކަށްވީމާކަން އަޅުގަނޑުމެން އެބަޖެހޭ ގަބޫލުކުރަން. ދެން އަޅުގަނޑަށްވެސް އެނގޭ، މިއަދުގެ މި ރަސްމިއްޔާތުގައި، ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ އަދަދު އެހާ ގިނަނޫންކަން. އެހެންނަމަވެސް، އަޅުގަނޑަށް ގަބޫލުކުރެވެނީ، ވޭތުވެދިޔަ ދުވަސްތަކުގައި ޚާއްޞަކޮށް، މި ފަސް އަހަރު އަޅުގަނޑުމެންނަށް ކުރެވުނު އެކިއެކި މަސައްކަތްތަކުން، މުޅި ސަރުކާރާއި، އަމިއްލަ ކުންފުނިތަކާއި، ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި، އެކިއެކި އިދާރާތަކުގެ ބައިވެރިވުން އެކިފަހަރު މަތިން މިކަމަށް ލިބި، ވަރަށް ގިނަ ޕްރޮގްރާމްތައް އަޅުގަނޑުމެންނަށް ހިންގިއްޖެ ކަމަށް.

އަޅުގަނޑުގެ އެދުމަކީ، މިކަމުގެ މެސެޖުތައް އެހެން ފަރާތްތަކަށް ފޯރުކޮށްދިނުން. މަގުމަތީގައި ހޭދަކުރާ އެއް މިނިޓަކީވެސް، އެއީ މަގުމަތީގައި ވެހިކަލެއް ދުއްވަން ކަމުގައިވިޔަސް، އަދި މަގުމަތީގައި ހިނގާފައި ދިޔުން ކަމުގައިވިޔަސް، ޒިބްރާކްރޮސްއިން ހުރަސްކުރުން ކަމުގައިވިޔަސް، އެ ވަގުތުކޮޅުވެސް މަގުމަތީގެ ގަވާއިދަށް ސަމާލުކަންދީގެން، ފަރުވާތެރިކަމާއެކު އެގޮތަށް ކަންތައްތައް ކުރުން. އާދެ، އަޅުގަނޑުމެންގެ ތުއްތު ކުދިންނަށް، އަޅުގަނޑުމެންގެ ދަރިވަރުންނަށް ލިބޭ މިފަދަ ފުރުޞަތުތަކަކީ މިއީ ވަރަށް މުހިންމު ފުރުޞަތުތަކެއް. ކަންކަމަށް އިސްނެގުމާއި، ކަންކަމާ ދޭތެރޭގައި ގޮތް ނިންމުމުގެ ވިސްނުން ގެނައުމާއި، މުޖުތަމަޢުގެ ތެރޭގައި މިހެން ހިނގާ ކަންތައްތަކުގައި ބައިވެރިވެ، އެ ކަންތައްތައް ކުރުމުގެ ސަބަބުން ވަރަށް ގިނަ ފުރުޞަތުތަކެއް، ވަރަށް ގިނަ ކަންތައްތަކެއް އެ ކުދިންނަށް، އެ ދަރިވަރުންނަށް ދަސްވެގެންދޭ.

އާދެ، އަޅުގަނޑު ހަމަ ދަރިވަރުންނަށް ބުނެލަން އޮތީ، ތިޔަ ކުދިންނަށް ދަސްވި އެއްޗެއްގެ ބޭނުން ރަނގަޅަށް ހިފައްޗޭ. އެނގިވަޑައިގަންނަވާނެ، ސްކޫލްގައި ލިބޭ ކޮންމެ ފިލާވަޅެއް ދަސްކޮށްގެން، އޭގެ ބޭނުންހިފައިގެން ރަނގަޅު ކުއްޖަކަށް، ރަނގަޅު ދަރިޔަކަށް މި ވެވެނީ. އެހެންވީމާ، މިއަދު ތިޔަ ކުދިންނަށް މި އެނގުނު އެއްޗަކީ އެއީ، ވަރަށް މުހިންމު އެއްޗެއް. ޚާއްޞަކޮށް، މާލެއާއި ރާއްޖޭގެ ބޮޑެތި ރަށްރަށުގެ ކަންތައްތައް މިއަދު އޮތްގޮތުން، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ އަދި ސީދާ މި ނުރައްކާތެރިކަން އޮތީކީ ކޮންމެހެން ހަމައެކަނި ބޮޑެތި ރަށްރަށުގައެއްވެސް ނޫންކަން. ތަންކޮޅެއް ކުދިކުދި ރަށްރަށުގައިވެސް ވަރަށް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައިގެން ހިނގައްޖެ.

އާދެ، ދެންމެ ޑެޕިޔުޓީ ކޮމިޝަނަރ މަންނާނަށް، އަޅުގަނޑަށް މި ދަންނަވާލެވުނީ، ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ނުވަތަ ޓްރެފިކާ ގުޅުންހުރި ޕްރޮގްރާމެއްގެ މިކަހަލަ ކަމެއްގައި ބައިވެރިވެވޭނެ އެންމެފަހު ފަހަރުކަން މިއީ ގާތްގަނޑަކަށް އަޅުގަނޑަށް ޔަޤީންވެއްޖެއޭ. އެއީ ބާކީއޮތް ދުވަސްކޮޅު ހަމަ ކުޑަކަމުން. މިކަމުގެ މުހިންމުކަމާއެކު، މިދިޔަ ހަފްތާތެރޭގައި އަޅުގަނޑު ބައްދަލުކުރިން، ޚާއްޞަކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތެރެއިން ފްރޮންޓް ލައިންގައި މަސައްކަތް ކުރައްވާ ގާތްގަނޑަކަށް ހުރިހާ ބޭފުޅުންނާ ކަހަލަ ގޮތަކަށް. އަޅުގަނޑު އެ ބޭފުޅުންނާ ބައްދަލުކުރީ، އަޅުގަނޑަށް ގަބޫލުކުރެވުނީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމުކުރުމަށްޓަކައި، ރައްޔިތުންނަށް އެ ކަންތައް ކަށަވަރުކޮށްދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް އެ ބޭފުޅުން ކޮށްދެއްވައިފައިވާކަން. ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފި. އެއީ މަގުމަތީގެ ކަންތައްތަކާ ގުޅޭގޮތުން ކުރީގައިވިއްޔާ، އެސިސްޓެންޓް ކޮމިޝަނަރ ނަވީންއާއި ދެން ސަމީރު، މި ބޭފުޅުންނާ ސީދާސީދާ އަޅުގަނޑަށް ގުޅައިނުލެވޭ ހަމަ އެންމެ ހަފްތާއެއްވެސް ނުދާނެ. އެ ބޭފުޅުން ކުރެއްވި މަސައްކަތް އަޅުގަނޑު ވަރަށް ކައިރިން ދުށިން. އެހެންވީމާ، މި ފުރުޞަތުގައި ތިޔަބޭފުޅުންނަށް ޝުކުރު އަދާކޮށްލަން. ޚާއްޞަކޮށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ޓްރެފިކް ޕޮލިހުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް މި މަގާމުގައި ހުރެގެން މިކަހަލަ ރަސްމިއްޔާތެއްގައި އަޅުގަނޑަށް ޝުކުރު ދެންނެވޭނެ އެންމެފަހު ފަހަރު ކަމަށްވާތީ، ތިޔަބޭފުޅުން ކުރެއްވި ހުރިހާ މަސައްކަތްތަކެއް އަޅުގަނޑު ބަލައިގަނެ، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ހަމައެއާއެކު، އަޅުގަނޑަށް ފެނުނީ ސްކޫލްތަކުންވެސް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަދި ގުޅިފައި ހުރި އެހެނިހެން އިދާރާތަކުން ވަރަށްބޮޑު ސަމާލުކަމެއް ދެވިގެންދިޔަތަން. ގިނަ މަސައްކަތްތަކެއް ކުރެވުނު. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ކުރި އެއްވެސް ކަމަކީ އެއީ، އެކަނި ކުރެވުނު ކަމެއް ނޫން. އަޅުގަނޑުމެންނަށް އެއްވެސް ކާމިޔާބީއެއް ލިބި، ރަނގަޅު އެއްވެސް ކަމެއް ކުރެވިފައި އޮތް ކަމަށްވަންޏާ، އެކަމެއް ހާސިލުވެފައި އޮތީ، ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބިގެން. މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށްޓަކައި، އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހިންގުނު ގިނަގުނަ ކެމްޕެއިންތަކެއްގައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަން އަޅުގަނޑުމެންނަށް ލިބުނު. އެތައް ގިނަގުނަ ކުންފުނިތަކެއްގެ އެހީތެރިކަން ލިބުނު. ސްކޫލް މަދަރުސާތަކުގެ އެހީތެރިކަން ލިބުނު. ވަކިވަކި ފަރުދުންގެ އެހީތެރިކަން ލިބުނު. މި ހުރިހާ ކަމެއް އަޅުގަނޑަށް ވަރަށް ކައިރިން ފެނުނު.

އެހެންވީމާ މިއަދު އަޅުގަނޑުގެ ވާޖިބެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އަދި އޭގެ ކުރިންވެސް މިކަމުގައި މަސްއޫލުވެ، މިކަމުގައި ބައިވެރިވެވަޑައިގެން އެހީތެރިކަން ދެއްވި ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުން.

ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، ހަނދާނީ ލިޔުމާ ހަވާލުވާން ގޮސްފައި އަޅުގަނޑު ތަންކޮޅެއް ގިނަ ވަގުތު ނެގިތަން. މަންނާނު އަރިހުގައި އަޅުގަނޑު ދަންނަވާލީ، ދެން ކިހިނެއްތޯއޭ މިކަން ކުރިއަށްދާނީ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ މުހިންމުކަމާ ގުޅޭގޮތުން ޤައުމީ ފެންވަރުގައި ކުރިއަށްގެންދާ އެއްވެސް މަސައްކަތެއްގައި، ނޫނީ މިކަހަލަ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުޞަތު ދެން އަޅުގަނޑުމެންނަށް އޮންނާނެތޯއޭ. އެ ސުވާލުކޮށްލައި، އެ ވާހަކަ ދައްކާލަން ގިނަ ވަގުތުކޮޅެއް މި ނެގީ.

ދެން އަޅުގަނޑުގެ ޕޮއިންޓަކީ، މިކަމަކީ މިއީ، ވަކި މަގާމެއްގައި ހުރެގެން ކުރަންޖެހޭ ކަމެއްވެސް ނޫނޭ. އަޅުގަނޑަށްވެސް އޮންނަންޖެހޭ ރައްކާތެރިކަން. އަޅުގަނޑުގެ ޢާއިލާއާއި، އަޅުގަނޑުގެ ކުދިންނާއި، އަޅުގަނޑުގެ ތިމާގެ މީހުންނާއި، ރައްޓެހިންނާއި، މުޅި ރައްޔިތުންނަށް، ހުރިހާ އެންމެންނަށް އޮތްކަމެއް މިއީ. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރަނީ މިއީ ވަރަށް ސީރިއަސްކޮށް ވިސްނަންޖެހޭނެ ކަމެއްކަމަށް. މި ވާހަކަ ތަފްޞީލުގޮތަކަށް، މާ ދިގުކޮށް ދައްކާކަށް އަޅުގަނޑަށް ވަގުތު ތަނެއްނުދޭ. އެހެންނަމަވެސް، ކުރު ޢިބާރާތަކުން އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑުގެ ފަސްއަހަރުގެ ތަޖުރިބާގައި، އެންމެ ހިތްދަތި، އެންމެ ކަންބޮޑުވި، އެންމެ އެ ކަމަކާ ލޮލުން ކަރުނައައި ކަމަކަށް ދިމާވީ މަގުމަތީގައި، ކަނޑުމަތީގައި ހިނގައިދިޔަ އެކްސިޑެންޓްތަކުގެ ސަބަބުން ޢާއިލާތަކަށް ލިބިގެންދިޔަ ގެއްލުމާއި، އެ ވޭނާއި، އެ ކެކުޅުމޭ. އަޅުގަނޑުގެ މި ފަސް އަހަރުގެ ތަޖުރިބާގެ އެންމެ ހިތްދަތި، އެންމެ ފުންކޮށް އެކަމަކާ ވިސްނަންޖެހުނު ވަގުތަކީ އެއީއޭ. އަޅުގަނޑަށް ޔަޤީން، އަޅުގަނޑު މި ވާހަކަ ނުދެންނެވިޔަސް، ތިޔައިން ހަމަ ކޮންމެ ބޭފުޅަކަށް މި މަންޒަރު ފެނި، އެ ޢާއިލާތަކާއެކު މިކަމުގައި ބައިވެރިވެވި، ކަންތައްތަކެއް ކުރެއްވުނު.

އެހެންވީމާ، އަޅުގަނޑުގެ އެދުމަކީ މިފަދަ ޕްރޮގްރާމްތައް ގިނަގިނައިން ހިންގުން. އަދި ޚާއްޞަކޮށް، ސްކޫލް ނިންމާފައި، ސްކޫލުން ނުކުންނަ ކޮންމެ ކުއްޖަކީވެސް، މަގުމަތީގެ ގަވާއިދުތަކަށާއި، ހެދިފައިވާ އުސޫލުތަކަށް ބޯލަނބައި، އެ ބަލައިގަންނަ ކުއްޖެއްގެ ގޮތުގައި ހެދުން. އަދި ހަމަ އެހެންމެ، އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސެއް، ޔުނީފޯރމްގައި ތިބޭ ކުދިން ގޮވައިގެން ތިޔަބޭފުޅުން ސްކޫލަށް ވަޑައިގަންނަވާއިރުވެސް، އަޅުގަނޑުމެން ބޮޑެތި މީހުންގެ ފަރާތުން ކުދިންނަށް އެއްވެސްކަހަލަ އުނިކަމެއް އަތުވެދާނެ ކަމެއް. ޚާއްޞަކޮށް، މި ޓްރެފިކްގެ އުސޫލުތަކާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް އެގޮތަށް ނުކުރެއްވުން. އަދި ޕްރިންސިޕަލުންނާއި ޓީޗަރުންގެ އަރިހުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން، ތިޔަބޭފުޅުން މާލޭ އޭރިޔާގައި ހިމެނޭ ސްކޫލްތަކުގައި، ޚާއްޞަކޮށް މި ހުރިހާ ސްކޫލްތަކެއްގައި، ސްކޫލްގެ ޕްރޮގްރާމްތަކުގެ ތެރޭގައިވެސް މިކަމަށް އަލިއަޅުއްވައިލައްވައި، ބެލެނިވެރިން ބޮޑަށް މިކަމަށް ހޭލުންތެރިކުރުވޭނެ ގޮތަކަށް ޕްރޮގްރާމްތައް ރޭއްވެވުމަށް. މިކަހަލަ ކޮންމެ ކަމަކަށްވެސް ހޭލުންތެރި ކުރުވައި، ހަނދާންކޮށްދިނުމުގެ މުހިންމުކަން ބޮޑުކަމުން، ހަނދާންކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ތިޔަބޭފުޅުން ހިންގަވައިދެއްވާ. އޭރުން އޭގެ ނަތީޖާވެސް އަޅުގަނޑުމެންނަށް ފެނިގެންދާނެ.

އަޅުގަނޑުގެ އުންމީދަކީ، ދިވެހިރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް މިގޮތަށް ދަސްވާ ކޮންމެ ކަމެއް ހެޔޮގޮތުގައި އެ ކުދިން ޕްރެކްޓިސްކޮށް، އޭގެ ހެޔޮ ނަތީޖާ، އޭގެ ފަސޭހަކަން އެ ކުދިންނަށް މުސްތަޤްބަލުގައިވެސް ލިބިގެންދިޔުން.

ނިންމާލުމުގެ ކުރިން، އަދިވެސް އެއްފަހަރު ފުލުހުންގެ އިދާރާއަށާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިސްވެރިންނަށާއި، ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް، ޓީޗަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. ބެލެނިވެރިން މިކަމަށް ދެއްވާ ސަމާލުކަމާއި، އެއްބާރުލުން ފާހަގަކޮށް، ބެލެނިވެރިންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

اللَّـهُ سُبْحَانَهُ وَتَعَالَىٰ އަޅުގަނޑުމެންގެ މަގުތަކަކީ ރައްކާތެރި، އަމާން މަގުތަކެއްގެ ގޮތުގައި ލައްވާށި. އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން ދެއްވާށި. ރާއްޖެއަށް ފާގަތިކަމާއި، އުފާވެރިކަން ދެއްވާށި.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.