بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

1988 ނޮވެންބަރު 3 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާގައި ދިވެހިންނަށް ނަޞްރު ދެއްވައި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކޮށްދެއްވިކަމަށްޓަކައި، اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަމެވެ. އަދި އެ ދުވަހު ދިވެހިންނަށް ލިބުނު ފަތަޙަ އާއި ނަޞްރުގެ ސަބަބެއް ކަމުގައި މެދުވެރި ކުރެއްވި، އަދި އެ ދުވަހު ދިވެހިން ކުރި ޖިހާދުގައި ޝަހީދުވެދިޔަ އެންމެހައި ސިފައިންނަށާއި، ދުޝްމަނުންގެ ޙަމަލާތަކުގައި ޝަހީދުވެދިޔަ ޢާންމު ރައްޔިތުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުން އެދި އެ ކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.

މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ، ދިވެހިރާއްޖޭގެ 36ވަނަ ނަޞްރުގެ ދުވަހެވެ. އެހެންކަމުން މިއަދުގެ އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް ފޮނުވަމެވެ. އަދި 3 ނޮވެންބަރުގެ ޢުދުވާނީ ޙަމަލާއިން ދިވެހިންނާއި ދިވެހިރާއްޖޭގެ މިނިވަންކަން ރައްކާތެރިކުރުމުގައި ސާބިތުވެ ތިއްބަވައި ޖިހާދު ކުރެއްވި ހިތްވަރުގަދަ ދިވެހި ސިފައިންނަށް، އެންމެހައި ދިވެހިންގެ ނަމުގައި ޝުކުރު ދަންނަވަމެވެ. އެދުވަހު އަޅުގަނޑުމެންނާ ކުރިމަތިވި ބިރުވެރި އަދި ނުރައްކާތެރި ޙާލަތުގައި، ދިވެހިންގެ މިނިވަންކަމާއި ދިވެހިންގެ އެއްބައިވަންތަކަން ދެމެހެއްޓުމުގައި، ޢާންމު ރައްޔިތުންގެ ތެރެއިން އިސް ނަންގަވައިގެން މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަމެވެ.

ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ސަރުކާރާއި ރައްޔިތުން ގުޅިގެން، އެއް ރޫޙެއްގައި އެއް ޢަޒުމެއްގައި އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް ހޭލުންތެރިވުމެވެ. ނޮވެންބަރު 3 ވަނަ ދުވަހު ދިވެހިންނާ ކުރިމަތިވި ބިރުވެރި ހާދިސާގައި، ދިވެހިންނަށް ނަޞްރު ލިބުމުގެ ސިއްރަކީ، މި ދެންނެވި ގުޅުމުގެ ހަރުދަނާ ކަމެވެ. ދުޝްމަނުންގެ ބަޔަކު ހަތިޔާރާއެކު މާލެ އަރައި، އެ ދުވަހު ހިންގި ޢުދުވާނީ ޢަމަލުތައް ނާކާމިޔާބުކޮށްލެވުނީ، ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރު ގުޅިގެން ކުރި މަސައްކަތާއި ޖިހާދުގެ ސަބަބުންކަން ޔަޤީނެވެ. އެދުވަހު ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރެވުނީ، ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި، މިނިވަންކަމަށްޓަކައި ޤުރުބާންވުމުގެ ރޫޙު ދިވެހިންގެ ކިބައިގައި ވަރުގަދަކަމުންނެވެ.

މިފަދަ ދުވަހެއް ފާހަގަކުރާ އިރު، އަޅުގަނޑުމެންގެ ޢަޒުމަކަށް ހަދަންވީ މި ޤައުމުގެ ކަރާމަތާއި ދިވެހިންގެ މިނިވަންކަން ނަގަހައްޓައި ދެމެހެއްޓުމުގައި ސާބިތުވެ ތިބުމަށެވެ. ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަމެއް އަތުވެދާނެ ކޮންމެ ކަމަކުން ދުރުހެލިވެ ތިބެ، ފަރުދީ މަޞްލަޙަތުގެ މައްޗަށް ޤައުމީ މަޞްލަޙަތު އިސްކުރުމެވެ. އަޅުގަނޑުމެން މަސައްކަތް ކުރަންވީ، އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ފަރުދީ ގޮތުން މަސައްކަތް ކުރުމުގެ ރޫޙު އަށަގެންނެވުމަށެވެ. އަޅުގަނޑުމެންގެ ޅަދަރިންގެ ހިތްތަކުގައި ޤައުމީ ލޯބި އާލާކޮށް، ޤައުމީ މަޞްލަޙަތު އިސްކުރުމުގެ ސިފަ އެކުދިންގެ ކިބައިގައި ހަރުލެއްވުމަކީ، މިފަދަ ދުވަހެއް ފާހަގަކުރުމުގެ ވަރަށް މުހިންމު ބޭނުމެކެވެ.

މީގެ 36 އަހަރު ކުރިން އަޅުގަނޑުމެން ތަޖުރިބާކުރި ނުރައްކާތަކުގެ ހަނދާން އައުކޮށް، ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަސް އަޅުގަނޑުމެން މިއަދު ފާހަގަކުރާ އިރު، ނުރައްކާތެރި ލާއިންސާނީ ޢުދުވާންތަކަކާ ކުރިމަތިލާންޖެހިފައިވާ، މުސްލިމް އަޚުންނާއި އުޚުތުންތަކެއްގެ ވޭނާއި ކެކުޅުމުގެ އަޑުތައް ދަނީ އަޅުގަނޑުމެންގެ ވަށައިގެން ގުގުމަމުންނެވެ. ފަލަސްޠީނުގެ މިނިވަންކަމާއި ސިޔާދަތު ނިގުޅައިގަނެ، ޒަޔަނިސްޓުންގެ އިސްތިޢުމާރީ އަޅުވެތިކަމުގައި ފަލަސްޠީނުގެ ރައްޔިތުން ކަސްތޮޅު އަޅުވާފައި ތިބޭތާ 75 އަހަރު ވެގެން ދިޔައިރު، ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން މިއަދު ތަޙައްމަލު ކުރަމުން އެދަނީ މިޒަމާނުގެ އިންސާނީ ތާރީޚު ނުދެކޭހާ އަނިޔާވެރި ލާއިންސާނީ ޢަމަލުތަކެކެވެ. ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ހުރިހާ ކަންކޮޅެއްގައި، ޒަމާނީ ޑިމޮކްރެސީ އާއި އިންސާނީ ޙައްޤުތަކުގެ އަޑު ގުގުމަމުންދާ މި ޒަމާނުގައި، ފަލަސްޠީނުގެ ރައްޔިތުންނަށް ވުރެ ވަކިން ބޮޑަށް، އެ ޙައްޤުތަކުން މަޙުރޫމް ކުރެވި ނިކަމެތި ކުރެވިފައިވާ އެހެން ބަޔަކު އަދުގެ ދުނިޔޭގައި ނެތެވެ.

ފަލަސްޠީނުގެ ނިކަމެތި ރައްޔިތުން ތަޙައްމަލުކުރަމުންދާ ނިކަމެތިކަމުން އެމީހުން މިންޖުކުރައްވައި، ފަލަސްޠީނުގެ ހިތްވަރުގަދަ މުޖާހިދުންނަށް ފުރިހަމަ ނަޞްރެއް ދެއްވައި، އެބައިމީހުންގެ އިންސާނީ ކަރާމާތާއި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށްދެއްވުން އެދި، اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. އަދި ޒަޔަނިސްޓު ޔަހޫދީންގެ އަނިޔާވެރި ޢަމަލުތަކުގައި ޝަހީދުވަމުންދާ ފަލަސްޠީނުގެ އެންމެހައި އަޚުންނާއި އުޚުތުން، ޝަހީދުންގެ ދަރަޖައިގައި ސުވަރުގޭގެ މަތިވެރި ނިޢުމަތުގައި ލެއްވުން އެދެމެވެ. ޣައްޒާއާއި ހުޅަނގު އައްސޭރީގައި އިސްރާއީލްގެ އިސްތިޢުމާރީ ސިފައިން ހިންގާ ލާއިންސާނީ ޢަމަލުތަކުގައި ޒަޚަމްވެ އަނިޔާ ލިބެމުންދާ އެންމެންނަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށިއެވެ.

މާތްވެގެންވާ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބެ، އިސްލާމީ އުޚުއްވަތްތެރިކަމުގެ ވަރުގަދަ ގުޅުމުން، އެންމެހައި ދިވެހިންގެ މެދުގައި ބަދަހިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. ޤައުމުގެ މިނިވަންކަމާއި ސިޔާދަތު އެންމެ ފުރިހަމައަށް ރައްކާތެރިކުރުމަށް ދިވެހި ސަރުކާރާއި ރައްޔިތުން ގުޅިގެން މިކުރާ މަސައްކަތުގައި ބަރަކާތްލައްވައި، ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ ޤައުމެއްގެ ގޮތުގައި ތާއަބަދަށް ލައްވާށިއެވެ. އަޅުގަނޑުމެންގެ މި ލޮބުވެތި ވަޠަނަކީމި ޤައުމުގެ އެންމެހައި ރައްޔިތުންނަށާއި މި ޤައުމަށް ޒިޔާރަތްކުރާ ކޮންމެ މެހުމާނަކަށް އަމާންކަމާއި ރައްކާތެރިކަން ލިބިގެންވާ، ހިތްފަސޭހަ މާޙައުލެއްކަމުގައި ލައްވާށި އެވެ. ފާގަތިކަމާއި ތަނަވަސްކަމުގައި ރާއްޖެ ލައްވައި، ހަށިހެޔޮ ދުޅަހެޔޮ ޞިއްޙަތެއްގައި އުފާވެރި ދިރިއުޅުމެއް ވެއަތުކުރުމުގެ ހެޔޮ ތައުފީޤު ދެއްވާށިއެވެ. އާމީން.