بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

އަޅުގަނޑުމެން މިއަދު މި ފާހަގަކުރަނީ، މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި ނިޢުމަތުން މުޅި ރާއްޖެއާއި އެންމެހައި ދިވެހިންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިދިން މަތިވެރި ޒިކުރާގެ ހަނދާންތަކެވެ. އެ މަތިވެރި ނިޢުމަތުގައި އަޅުގަނޑުމެން ލެހެއްޓެވިކަމަށްޓަކައި، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަމެވެ. އަދި މި އުފާވެރި މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަމެވެ.

މާތްވެގެންވާ އިސްލާމް ދީނުގެ ހިޔާވަހިކަމުގެ އުފާފާގަތިކަން ދިވެހިން ލިބިގަތީ، ހިޖްރީ ތާރީޚުން މީގެ 897 އަހަރު ކުރިން، އަދި މީލާދީ ތާރީޚުން މީގެ 870 އަހަރު ކުރިންނެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ދިވެހިން އެ މަތީގައި ސާބިތުކަމާއެކު ދެމިތިބެ، އެކުވެރިކަމާއި އެއްބައިވަންތަކަންމަތީ ޤައުމު އާރާސްތުކުރަމުން އައި ވަރުގަދަ ބިންގަލަކީ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާއެވެ. މާތް ﷲގެ ވާގިފުޅާއެކު، ތާއަބަދަށްވެސް ދިވެހިން ދެމި ތިބޭނީ އިސްލާމީ ހިދާޔަތުގައެވެ. އަޅުގަނޑުމެންގެ ހިތްތަކުގައި އެންމެ މުޤައްދަސް ލޯތްބެއް ދެވިފައިވަނީ، މާތް ﷲގެ އެއްކައުވަންތަކަމަށާއި މިއުންމަތުގެ މާތް ނަބިއްޔާގެ ސުންނަތަށާއި، އިސްލާމް ދީނުގެ އަސާސްތަކަށާއި، އިސްލާމް ދީނުގެ މަތިވެރި އުޞޫލުތަކަށް ކަން ކަށަވަރެވެ.

ބައިނަލްއަޤުވާމީ މަސްރަހުގެ ދުރާއި ގާތުން އަޅުގަނޑުމެންނަށް ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު، ދިވެހިންގެ މެދުގައި އިސްލާމީ ހިދާޔަތުގެ އަލިކަން ފެތުރިފައި އޮތުމަށް މާތް ﷲ މިންވަރުކުރެއްވިކަމީ، އެ ކަލާނގެ ދިވެހިންނަށްޓަކައި ދެއްވި ހާސް ނިޢުމަތްކަން ކަށަވަރެވެ. އަޅުގަނޑުމެންގެ މެދުގައި މި އޮތް ހަމަޖެހުމާއި ޞުލްޙަވެރިކަމުގެ އަޞްލަކީ، މުޖުތަމަޢުގެ ބަދަހިކަމަށް އިސްލާމް ދީނުގައި ދީފައިވާ ސަމާލުކަމެވެ. އަޅުގަނޑުމެންގެ މެދުގައި މިއޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ އަޞްލަކީ، މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ތަރުބަވީ ފިލާވަޅުތަކުންނާއި ޢަމަލީ ގޮތުން ދެއްކެވި ނަމޫނާއިން މުސްލިމުންގެ މެދުގައި ގާއިމުކޮށްދެއްވި އެއްބަނޑުއެއްބަފާކަމުގެ ގުޅުމެވެ.

އަޅުގަނޑުމެންގެ ކުރިއެރުމާއި ތަރައްޤީއަށް ލިބޭ އެންމެ ވަރުގަދަ ހަކަތައަކީވެސް، އަޅުގަނޑުމެންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުމެވެ. އަދި އެ ގުޅުމުގެ ބަދަހިކަމުން، އަޅުގަނޑުމެންގެ ރާއްޖޭގައި ގާއިމުވެފައި މިއޮތް ހަމަޖެހުމާއި ޞުލްޙަވެރިކަމެވެ. އެހެންކަމުން، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި ހަރުލައްވައި، އިސްލާމީ ރިވެތި އަދަބު އަޚްލާޤުގެ މަތީގައި އެކުދިން ތަރުބިއްޔަތުކުރުމަކީ، ދިވެހި އުންމަތުގެ ކުރިމަގުގެ އުޖާލާކަމަށްޓަކައި، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ޤައުމީ ވާޖިބެކެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމުގެ ޙަޤީޤީ ބޭނުމަކަށް ވާންޖެހޭނީ، އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް އިސްލާމީ ގިއުގަނޑުގެ ތެރޭގައި ހިފެހެއްޓުމުގެ ޢަޒުމް އާކުރުމެވެ. އިސްލާމް ދީނުގެ ބިނާ ނެގެހެއްޓުމަށްޓަކައި، ނަމާދުތައް ފުރިހަމައަށް އަދާކުރުމަށް އަޅުގަނޑުމެން ސަމާލުކަން ދިނުމަކީ، މިދުވަސް ފާހަގަކުރާއިރު، އަޅުގަނޑުމެންގެ ޢަޒުމްކަމުގައި ހަދަމާ ހިންގަވާށެވެ. ރޯދަ އާއި ޒަކާތުން ލިބިދޭ ޢިބްރަތްތަކުން، އަޅުގަނޑުމެންގެ ނަފްސުތަކުގައި ކެތްތެރިކަން ހަރުލައްވައި، އަނެކުންނަށް އެހީތެރިވެ އަޅައިލުމުގެ މަތިވެރި ސިފަ އަށަގަންނުވަމާ ހިންގަވާށެވެ.

އިސްލާމީ ޢަޤީދާއާ ބީރައްޓެހި އޮއިވަރުތަކުން އަޅުގަނޑުމެންގެ ޅަދަރިންގެ ހިތްތައް ދުރުކޮށް، މާތް ﷲގެ އެއްކައުވަންތަކަމުގެ ސާފު އައްސޭރިއަށް އެކުދިން ގެންގޮސްދިނުމަށް މަސައްކަތް ކުރުމުގެ ރޫޙު އާލާކުރުމަކީވެސް، މިދުވަސް ފާހަގަކުރުމުގެ ވަރަށް މަތިވެރި މަޤްޞަދެކެވެ. އިސްލާމް ދީން ގެނެސްދިން އިޖުތިމާޢީ ރިވެތި އަދަބުތަކާއި އަޚްލާޤީ ރީތި ސިފަތައް އަޅުގަނޑުމެންގެ ކިބައިގައި ހަރުލެއްވުމަށް މަސައްކަތް ކުރުމަކީވެސް، މި ދުވަސް ފާހަގަކުރުމުގެ ވަރަށް މުހިންމު މަޤްޞަދެކެވެ. އެކަމަށްޓަކައި ފަރުދީ ގޮތުންނާއި ޖަމާޢީ ގޮތުންވެސް މަސައްކަތް ކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ.

މާތްވެގެންވާ އިސްލާމް ދީނާ ގުޅިފައިވާ މިފަދަ އުފާވެރި ދުވަހެއް އަޅުގަނޑުމެން ފާހަގަކުރާއިރު، އިސްލާމީ އުންމަތުގެ އެތައް މިލިޔަން އަޚުންނާއި އުޚުތުންނެއް، ޣައިރު މުސްލިމުންގެ އަނިޔާވެރި ޙަމަލާތަކުގައި ޝަހީދުވެ އަދި ޒަޚަމްވަމުންދާކަމީ، މުޅި އިސްލާމީ އުންމަތަށް ލިބޭ ނުހަނު ބޮޑު ހިތާމައެކެވެ. ޒަޔަނިސްޓު ޔަހޫދީން ފަލަސްޠީނުގެ ބިމަށް ވެރިވެގަނެ، ފަލަސްޠީނުގެ ރައްޔިތުން އަޅުވެތިކޮށް، އެ ބިމުގައިވާ މުސްލިމުންގެ މުޤައްދަސް ބިނާތަކުގެ ޙުރުމަތް ކަނޑަމުން ދިޔުމަކީ، އިސްލާމީ އުންމަތުގެ ހިތަށް ހެރިފައިވާ ނުހަނު ތޫނު ޚަންޖަރެކެވެ.

ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް، އިސްރާއީލުގެ އިސްތިޢުމާރީ ސިފައިން ހިންގާ ލާއިންސާނީ އަނިޔާވެރި ޢަމަލުތައް އަޅުގަނޑުމެން ކުށްވެރިކުރަނީ އެންމެ ހަރުކަށި ޢިބާރާތުންނެވެ. ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚުތުންނާ ދެކޮޅަށް، އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ލާއިންސާނީ އެންމެހައި ޢަމަލުތައް ތަޙުޤީޤުކޮށް، ފަލަސްޠީނުގެ ރައްޔިތުންނަށް އިންޞާފު ހޯދައިދިނުމަށް، އެންމެހައި ދިވެހިންގެ ނަމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވައިލަމެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނިކަމެތިކަމާއި އަނިޔާވެރިކަމާ ކުރިމަތިލާންޖެހިފައިވާ އެންމެހައި މުސްލިމުން އެ ޙާލަތުން މިންޖުކޮށްދިނުމަކީ، މުޅި އިސްލާމީ އުންމަތުގެ ވާޖިބެކެވެ. އެކަމަށްޓަކައި އަޅުގަނޑުމެން ހިނގަން އޮތް މަގަކީ، މުސްލިމުންގެ ސަފުތައް ބަދަހިކޮށް މުސްލިމުންގެ ގުޅުން ހަރުދަނާ ކުރުމެވެ. މުސްލިމުންގެ މެދުގައި އޮތް ބައިބައިވުން ނައްތާލައި، އެއް އުންމަތެއް ފަދައިން އަލުން ތެދުވުމެވެ. އިސްލާމް ދީނުގެ ޞުލްޙައާއި ހަމަޖެހުން ދުނިޔެއަށް ސާބިތުކޮށްދިނުމަށް، ހުރިހާ މައިދާންތަކެއްގައި މަސައްކަތް ކުރުމެވެ.

އިސްލާމް ދީނުގެ އުޖާލާ ނޫރުން އަޅުގަނޑުމެންގެ ހިތްތައް އަލިކުރައްވައި، އިސްލާމީ ހިދާޔަތުގައި އަބަދަށް ދެމިތިބުމުގެ ހެޔޮ ތައުފީޤު، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށިއެވެ! ޢަދުއްވުންގެ ލާއިންސާނީ ޙަމަލާތަކުގައި ޝަހީދުވަމުންދާ ފަލަސްޠީނުގެ އަޚުންނާއި އުޚުތުން ޝަހީދުންގެ ދަރަޖައިގައި ސުވަރުގޭގައި ލަހައްޓަވާށިއެވެ. އަނިޔާ ލިބެމުންދާ ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި ކެތްތެރިކަން ދެއްވާށިއެވެ. އަޅުގަނޑުމެންނަކީ ދީނީ ކަންކަމަށް ލޯބިކޮށް، ދީނީ އަޅުކަންތަކަށް ފަރުވާތެރިވާ ބަޔަކު ކަމުގައި ލައްވައި، އިސްލާމީ އުޚުއްވަތްތެރިކަން އަޅުގަނޑުމެންގެ މެދުގައި ދަމަހައްޓަވާށިއެވެ! އެންމެހައި ދިވެހިންނަކީ، އެއްބަނޑުއެއްބަފާކަމުގެ ގުޅުމުން ލާމެހިފައިވާ، އެކުވެރި އެއްބައިވަންތަ ބަޔަކު ކަމުގައި ލައްވައި، ރާއްޖެއަށް ފާގަތިކަމާއި ތިޔާގިކަން މިންވަރު ކުރައްވާށިއެވެ. އިސްލާމީ އުންމަތަށް ނަޞްރާއި ކާމިޔާބާއި ހަމަޖެހުން މިންވަރު ކުރައްވާށިއެވެ! އާމީން.