بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

މިއަހަރުގެ، ދުނިޔޭގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ސްކޫލް މަދަރުސާތަކާއި ކޮލެޖްތަކާއި ޔުނިވަސިޓީތަކުގައި މަސައްކަތް ކުރައްވާ އެންމެހައި ޓީޗަރުންނަށާއި ލެކްޗަރާއިންނާއި އެ ހުރިހާ ބޭފުޅުންގެ ޢާއިލާތަކަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަމެވެ. އަދި ޓީޗަރުން ތަމްރީން ކުރެއްވުމުގެ މަތިވެރި ޒިންމާ އަދާކުރައްވާ އެންމެހައި ބޭފުޅުންނަށް ވެސް ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.

ދުނިޔޭގެ ފެންވަރުގައި ޓީޗަރުންގެ ދުވަހެއް ފާހަގަކުރަމުން އަންނަތާ 29 އަހަރު ފުރިގެން ދިޔައިރު، ޓީޗަރުންގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ޤައުމުތަކުން ދޭ ސަމާލުކަން، މީގެ އަހަރުތަކެއް ކުރިއާ އަޅައިބަލާއިރު އެތައް ގުނައަކަށް އިތުރުވެއްޖެއެވެ. ޓީޗަރުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް، ޓީޗަރުން އަދާކުރާ ޒިންމާތަކާއި ވާޖިބުތަކާ މެދު ޢާންމު ރައްޔިތުން ހޭލުންތެރިކުރުމަށް ކުރެވޭ މަސައްކަތްތައް ވެސް އެތައް ގުނައެއް އިތުރުވެއްޖެއެވެ. ބައިނަލްއަޤުވާމީ ފެންވަރުގައި ޓީޗަރުންނާ މެދު މިހާ ބޮޑު ސަމާލުކަމެއް ދީފައިވަނީ، ހެޔޮލަފާ ހަރުދަނާ މުޖްތަމަޢެއް ބިނާކުރުމުގައި ޓީޗަރުންގެ ދައުރު ފުޅާކަމުންނެވެ.

ޤައުމުގެ މަސްއޫލިއްޔަތުތައް އަދާކުރާނެ ޒިންމާދާރު ޖީލެއް ބިނާވެގެން އަންނަނީ، ޓީޗަރުންގެ އަތްމަތިންނެވެ. ހެޔޮލަފާ ޒުވާނުންތަކެއް މުޖްތަމަޢުގައި އުފެދިގެން އަންނަނީ، ޓީޗަރުންގެ ފުރިހަމަ ތަރުބިއްޔަތާ އެކުގައެވެ. ޤައުމު ތަރައްޤީކޮށްދޭނެ އުފެއްދުންތެރި އީޖާދީ ހުނަރުވެރިންތަކެއް ތައްޔާރު ކުރެވެނީ ވެސް، ޓީޗަރުންގެ މިންނެތް މަސައްކަތުންކަން ކަށަވަރެވެ. މި ސަބަބުތައް މިހެން ހުރުމުން، ފެންވަރު ރަނގަޅު ޓީޗަރުން އުފައްދައި، ޓީޗަރުންގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތް ކުރުމަކީ، ސަރުކާރުން ވަރަށް އިސްކަންދޭ ސިޔާސަތެކެވެ.

ޤައުމީ ވާޖިބުތައް އަދާކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރައްވާ ބަޔަކީ ޓީޗަރުންކަން ޔަޤީނެވެ. ސަރުކާރުގެ ސްކޫލްތަކުގައި ކަމަށް ވިޔަސް، ނުވަތަ އަމިއްލަ ސްކޫލްތަކުގައި ކަމަށް ވިޔަސް، ކޮންމެ ޓީޗަރަކުމެ އެ އަދާކުރައްވަނީ ޤައުމީ ޚިދުމަތުގެ ވަރަށް މުހިންމު ދައުރެކެވެ. އެހެންކަމުން، ކޮންމެ މަރުޙަލާއެއްގެ ކޮންމެ ޓީޗަރެއްގެ، އަދި ޓީޗަރުން ތަމްރީން ކުރެއްވުމުގެ ބުރަ އުފުއްލަވާ ކޮންމެ ބޭފުޅެއްގެ ޚިދުމަތުގެ އަގު ވަޒަންކޮށް، އެ ބޭފުޅުންނަށް ޝުކުރާއި ތަޢުރީފު އަރިސްކުރަމެވެ.

ބައިނަލްއަޤުވާމީ ތަރައްޤީގެ މިސްރާބު މިހާރު ހުރީ ޒަމާނީ ޓެކްނޮލޮޖީ އާއި އީޖާދީ އުފެއްދުންތެރިކަމުގެ މުޅިން އާ މަންޒިލަކަށެވެ. އެހެންކަމުން ދުނިޔެއަށް އަންނަ އިޤްތިޞާދީ ކުރިއެރުމާއި އިޖްތިމާޢީ ބަދަލުތަކާ އެއް ހަމައެއްގައި އަޅުގަނޑުމެންގެ ތަރައްޤީގެ ދުވެލި ދެމެހެއްޓުމަށް، ރާއްޖޭގެ ތަޢުލީމީ މުއައްސަސާތަކުން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމުގައި ދެކެމެވެ. ހަމައެފަދައިން، ދިވެހިންގެ ދީނީ ޢަޤީދާ އާއި ދިވެހިންގެ ސަގާފީ އަދި އަދަބީ ތަރިކައިގެ މުއްސަނދިކަމަށް ރިޢާޔަތްކޮށް، އަޅުގަނޑުމެންގެ ޅަ ދަރިންނަށް ހަރުދަނާ ތަރުބިއްޔަތެއް ދިނުމަށްވެސް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ.

ރަނގަޅު ތަޢުލީމީ ޖީލެއް ބިނާކުރެވޭނީ، ތަޢުލީމީ ގޮތުން ފެންވަރު ރަނގަޅު ޓީޗަރުންތަކެއް އުފެއްދިގެންކަން ކަށަވަރެވެ. އެހެންކަމުން، ތަޢުލީމާއި ތަރުބިއްޔަތުގެ ދާއިރާގެ ތެރެއަށް މެހެމުން އަންނަ ޒަމާނީ ވިސްނުންތަކާއި ޓެކްނޮލޮޖީގެ ލުއިފަސޭހަތަކަށް ޓީޗަރުން އަހުލުވެރިކުރުމަކީ، ޤައުމީ ތަރައްޤީއަށްޓަކައި މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ އެއް ކަންތަކެވެ. ހަމައެފަދައިން އިސްލާމީ ރިވެތި އަދަބު އަޚްލާޤުގެ މަތީގައި ޓީޗަރުން ސާބިތުވެ ތިބެ، އެކަމުގައި ރިވެތި ނަމޫނާ ދެއްކުމަކީ، އަޅުގަނޑުމެންގެ އިޖްތިމާޢީ ފޭރާން ހެޔޮކުރުމަށްޓަކައި ކުރެވޭނެ ވަރަށް މުހިންމު ކަމެކެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ރާއްޖޭގެ އެންމެހައި ޓީޗަރުންނާއި އެދުރުންނަށް ފާގަތި އަމާން މުސްތަޤުބަލެއް، اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުމެވެ. ޤައުމީ ވާޖިބުތަކާއިގެން ތެދުވާނެ، ޚުލްޤު ހެޔޮ އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުމަށް، ޓީޗަރުންނާއި ތަޢުލީމީ ދާއިރާގެ އެންމެހައި ބޭފުޅުން ކުރައްވާ މަސައްކަތުގައި، މާތް ﷲ ބަރަކާތް ލައްވައި، ތަޢުލީމީ ދާއިރާއަށް ކާމިޔާބާއި ބާއްޖަވެރިކަން މިންވަރު ކުރައްވާށިއެވެ! ދިވެހިރާއްޖޭގެ އެންމެހައި ކަންކޮޅުތަކުގައި އަމާންކަމާއި ޞުލްޙަވެރިކަން ޢާންމު ކުރައްވައި، ތިޔާގިކަމާއި ތަނަވަސްކަންމަތީ ދިރިއުޅެވޭނެ ފަދަ، އުފާވެރި ފާގަތި ދުވަސްތަކެއް އެންމެހައި ދިވެހިންނަށް އެކަލާނގެ މިންވަރު ކުރައްވާށިއެވެ. އާމީން