بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

މުޅި އިންސާނިއްޔަތަށް ތެދުމަގު ދެއްކެވުމަށް اللهُ سُبْحَانَهُ وَتَعَالَى ފޮނުއްވި ރަޙްމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ވަސްމީރު ޢީދު މީލާދުގެ އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަމެވެ. އަދި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި އިސްލާމީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުގެ ވެރިންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންނަށް ވެސް، މި އުފާވެރި މުނާސަބަތުގައި ހެޔޮއެދުންތައް ފޮނުވަމެވެ.

އަޅުގަނޑުމެން މިއަދު އައުކުރަމުން މިއަންނަނީ، މީގެ 14 ޤަރުނު ކުރިން، އިންސާނީ ތާރީޚު ބަދަލުކޮށްލި، މުޅި ދުނިޔެ ދުށް އެންމެ ވަރުގަދަ ޝަޚްޞިއްޔަތުގެ މަތިވެރި ނޫރުފުޅުން ދުނިޔެ ހުޅުދާންވެގެން ދިޔަ މަތިވެރި ހަނދާންތަކެވެ. އަޅުގަނޑުމެން މި އައުކުރަނީ އަނިޔާވެރިކަމާއި ޖަހާލަތުގެ އަނދިރިކަމުގައި އޮތް މި ބިން، އިންސާނީ ޙަޔާތް ދިރިދަމަހައްޓައިދޭ އަމާން މާޙައުލަކަށް ބަދަލުކޮށްލެއްވި، އިންސާނިއްޔަތުގެ މާތް ނަބިއްޔާ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި މަތިވެރި ޒިކުރާގެ ހަނދާންތަކެވެ.

އެ ވަސްމީރު ޒިކުރާގެ ހަނދާންތައް މުޅި ދުނިޔޭގައި އައުކުރަނީ، އެމާތް ނަބިއްޔާގެ ޙަޔާތްޕުޅުން މުޅި އިންސާނިއްޔަތަށް ފެންނަން ހުރި ނަމޫނާތަކުގެ ރިވެތިކަމާއި ފުރިހަމަކަމުންނެވެ. އަދި އެކަލޭގެފާނުގެ ސީރަތުން އަޅުގަނޑުމެން ލިބިގަންނަންޖެހޭ ޢިބްރަތްތަކާއި ފިލާވަޅުތައް ގިނަކަމުންނެވެ. ހަމައެފަދައިން އެކަލޭގެފާނު ކޮށްޓަވައިދެއްވި މަގުން، ދުނިޔެ އާއި އާޚިރަތުގެވެސް އަމާން އައްސޭރި ޙާޞިލްކުރެވޭތީއެވެ. ކީރިތި މާތް ނަބިއްޔާގެ މުޅި ސީރަތުން ވެސް ފެންނަ އެންމެ އުސް ކުރިބޯއްޓަކީ ޞުލްޙަވެރިކަމާއި އަމާންކަމެވެ. ނަބީކަމުގެ އިހާއި ފަހުގެ ޙަޔާތްޕުޅުގައި ވެސް، އަދި މައްކީ ދުވަސްވަރާއި މަދަނީ ދުވަސްވަރުގައި ވެސް އެކަލޭގެފާނުގެ އެންމެ އިސް މަސްއޫލިއްޔަތަކަށް ހެއްދެވީ، މީސްތަކުން ޞުލްޙަވެރި ކުރެއްވުމާއި މުޖްތަމަޢު އަމާން ކުރެއްވުމެވެ.

އިސްލާމީ އުންމަތުގެ ބިންގާ ކަމުގައި ހެއްދެވީ، މުހާޖިރުންނާއި އަންޞާރުން އަޚުކުރައްވައިގެން، މަދީނާގައި ޤާއިމުކުރެއްވި އިޖްތިމާޢީ ޞުލްޙަވެރިކަމާއި އަމާންކަމެވެ. އެ ބިންގަލުގެ މަތީގައި އިސްލާމީ އުންމަތް ބިނާވެ ވަރުގަދަވެގެން އައީ، އެއްވެސް ތަފާތުކުރުމެއް ނެތި، މަދީނާގެ އެންމެހައި ރައްޔިތުންގެ މެދުގައި ޢަދުލުވެރިކަން ޤާއިމުކޮށް އެންމެން ބައިވެރިކުރުމުންނެވެ. ބައިބައިވުންތަކާއި އެކަހެރިވުންތައް އެއްފަރާތް ކުރައްވައި، އެކަލޭގެފާނު އިސްކުރެއްވީ އެކުވެރިކުރެއްވުމާއި ބައިވެރިކުރެއްވުމެވެ. އިސްލާމީ ދަޢުވަތު ފެތުރުއްވުމުގައި އެކަލޭގެފާނު ދެމެހެއްޓެވި އަސާސަކީ، މީސްތަކުންނަށް ޢަފޫކުރެއްވުމާއި އޯގާތެރިވުމާއި އެހީތެރިވުމުގެ މަތިވެރި ސިފަތަކެވެ.

އެ މާތް ނަބިއްޔާގެ ޢީދު މީލާދު ފާހަގަކުރާ މި މުނާސަބަތުގައި އަޅުގަނޑުމެން ގަދައަޅައި މަސައްކަތް ކުރަންވީ، އެކަލޭގެފާނުގެ ސީރަތުން އިންސާނިއްޔަތަށް އަލިކޮށްދިން މިފަދަ ދޯދިތަކުން އަޅުގަނޑުމެންގެ ޙަޔާތަށް އަލިކަން ހޯދުމަށެވެ. މައިންބަފައިންނަށް ކަމޭހިތުމާއެކު އެއްބަނޑުއެއްބަފާކަމުގެ ގުޅުން ދަމަހައްޓައި، އިޖްތިމާޢީ ގުޅުންތައް ބަދަހިކުރުމަކީ، އޯގާތެރިކަމުގެ މާތް ނަބިއްޔާގެ ރިސާލަތުގެ އެންމެ ވަސްމީރު ހުވަނދެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ، ނަބަވީ ރިސާލަތުގެ އެންމެ އަގުބޮޑު ޖައުހަރެވެ. އެކަލޭގެފާނު ޢަމަލީ ގޮތުން ދެއްކެވި އަދަބު އަޚްލާޤުގެ މަތިވެރި ސިފަތަކަކީ، އިސްލާމީ ރިސާލަތުގެ އެންމެ ފަރި ފޭރާމެވެ.

އިތުރު އެކަލޭގެފާނު ދުނިޔެއަށް ސާބިތުކޮށްދެއްވި އެންމެ ބޮޑު ޙަޤީޤަތަކީ، މުޖްތަމަޢު އިޞްލާޙް ކުރުމުގެ ބިންގަލަކީ، ކޮންމެ ކަމެއް ވެސް ތިމާގެ އަމިއްލަ ނަފްސުން ފެށުމެވެ. މީސްތަކުން ކުރުމަށް އެކަލޭގެފާނު އަމުރު ކުރެއްވި ކޮންމެ ކަމެއްގައި، އެންމެ ފުރަތަމަ ނަމޫނާ ދެއްކެވީ އެކަލޭގެފާނެވެ. މީސްތަކުންނަށް ނަހީ ކުރެއްވި ކޮންމެ ކަމަކުން، އެންމެ ފުރަތަމަ ދުރުހެލިވެވަޑައިގަތީ ވެސް ހަމަ އެކަލޭގެފާނެވެ. އެކަލޭގެފާނުގެ ކޮންމެ ބަސްފުޅަކާއި ކޮންމެ ޢަމަލުފުޅަކުން ފެންނަން އޮތީ، އަޚްލާޤީ އެންމެ މާތް ސިފަތަކެވެ. އަނެކުންނަށް އިޙްތިރާމް ކުރުމާއި އޯގާތެރިވުމާއި ޢަފޫ ކުރެއްވުމާއި އެހީތެރިވުމުގައި އެއަށްވުރެ ވަކިން ފުރިހަމަ މިސާލެއް ނެތް ފަދައިން އެކަންކަން ކުރެއްވިއެވެ.

މިއަދު އަޅުގަނޑުމެންގެ މުޖްތަމަޢު އެދި ގޮވަނީ މިފަދަ ރިވެތި އަޚްލާޤީ ސިފަތަކުން އިޖްތިމާޢީ ދިރުން އާލާކުރުމަށެވެ. ދެކޮޅުވެރިކަން ދޫކޮށް އަނެކުންނަށް މަޢާފްކުރުމާއެކު ޞުލްޙަވެރިކަން ފެތުރުމަށެވެ. ނަފްރަތާއި ޙަސަދައިން އެއްކިބާވެ އަނެކުންނަށް އިޙްތިރާމްކޮށް، މުޖްތަމަޢަށް ހިނިތުންވުން ގެނެސްދިނުމަށެވެ. ލިބިފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވާ ޙާލު އަނެކުންނަށް އެހީތެރިކަން ފޯރުވައި، އިންސާނީ އަޚުވަންތަކަން ޤާއިމުކުރުމަށެވެ. އަނިޔާވެރިކަމާއި ދެކޮޅުވެރިކަމަށް ހުރިހާ ޙާލަތެއްގައި ވެސް ނޫނެކޭ ބުނެ، ކޮންމެ ޙާލަތެއްގައި ވެސް ޞުލްޙަޔާއި ހަމަޖެހުމާއި އަމާންކަމަށް އިސްކަން ދިނުމަށެވެ.

ކީރިތި މާތް ނަބިއްޔާ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި މަތިވެރި ޒިކުރާ އައުކުރާއިރު، އަޅުގަނޑުމެންގެ ޢަޒުމަކަށް ހަދަންވީ، އިތުރު އެކަލޭގެފާނުގެ އަގު މާތް ސީރަތުން ލިބިދޭ މިފަދަ ފިލާވަޅުތަކުން، އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް އިޞްލާޙް ކުރުމަށެވެ. اللهُ سُبْحَانَهُ وَتَعَالَىގެ އެއްކައުވަންތަކަމުގެ ޢަޤީދާގައި ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީޤު، އެންމެހައި ދިވެހިންނަށް މިންވަރު ކުރައްވައި، މި ލޮބުވެތި ވަޠަނުގައި ޞުލްޙަވެރިކަމާއި އަމާންކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށިއެވެ. ދިވެހިރާއްޖެއަށާއި މުޅި އިސްލާމީ އުންމަތަށް ތަނަވަސްކަމާއި ފާގަތިކަން މިންވަރު ކުރައްވައި، އިސްލާމީ އަޚުވަންތަކަމާއި އެކުވެރިކަމުގައި ދެމިތިބުމުގެ ހެޔޮ ތައުފީޤު ދެއްވާށިއެވެ. އާމީން.