بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ ޢުމުޤުން އިޚްލާޞްތެރި ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަމެވެ. ޤައުމީ ދުވަސް އެ ބަޠަލަކަށް ނިސްބަތްވާ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންގެ މަތިވެރި ޖިހާދުގެ ހަނދާން އައުކޮށް، އެ ރަދުންގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. އަދި އެ ތަކުރުފާނުގެ ޤައުމީ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ހިތްވަރުގަދަ އެންމެހައި ދިވެހިންނަށްވެސް، ޙައްޤު ޝުކުރު އަދާކޮށް، އެ ބޭފުޅުންނަށްވެސް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވަމެވެ.

ޤައުމީ ދުވަހުގެ ހަނދާންތައް އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދޭ އެންމެ މަތިވެރި ޒިކުރާއަކީ، ދިވެހި އުންމަތުގެ ޙައްޤުގައި އުތީމު ތިން ބެއިންނާއި ދެ ހާޖީންނާއި ދަންޑެހެލު، އަނގަމަތި މަސްދޯންޏެއްގައި، މާސިންގާ ކަނޑުތަކުގައި ކުރެއްވި ހިތްވަރުގަދަ ޤައުމީ ޖިހާދެވެ. ދިވެހި ޤައުމުން މާތްވެގެންވާ އިސްލާމީ ހިދާޔަތުގެ ނޫރު ފަނޑުވިޔަ ނުދިނުމަށްޓަކައި، ކަނޑުގެ ބާޒުކަމުގައި ހެދިގެން އުޅުނު ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި ވަރުގަދަ ޖިހާދެވެ. ދިވެހިންގެ ދާޚިލީ އަދި ޚާރިޖީ މިނިވަންކަމުގެ ދިފާޢުގައި އެ ބަޠަލުން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީއެވެ.

ދިވެހި ޤައުމިއްޔަތުގެ ބިންގަލަކީ، އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ، މާތްވެގެންވާ އިސްލާމް ދީނުގެ ހިދާޔަތެވެ. އަޅުގަނޑުމެންގެ ޤައުމީ ވަޙުދަތަކީ، ދިވެހިންގެ މާދަރީ ބަހާއި އަދަބިއްޔާތާއި ދިވެހިންގެ ތާރީޚާއި ސަގާފަތުގެ އެއްގޮތް ކަމެވެ. ދިވެހި ޤައުމިއްޔަތުގެ ކުރިބޯއްޓަކީ، ދިވެހިންގެ ސިޔާދަތީ މިނިވަންކަމާއި، އެ މިނިވަންކަންމަތީގައި ދަމަހައްޓަމުން އަންނަ ޞުލްޙަ މަސަލަސްކަމެވެ. އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ހިތުގައި ސާބިތުކަމާއެކު ކަނޑައަޅާފައިވާ އެންމެ ވަރުގަދަ ޢަޒުމަކީ، ދިވެހި ޤައުމިއްޔަތުގެ މި އަސާސްތަކަށް ކުޑަވެސް ގުޑުމެއް އެރިޔަނުދީ ޙިމާޔަތްކޮށް ރައްކާތެރިކުރުމެވެ.

ޤައުމެއްގެ ނިސްބަތުގައި، އެ ޤައުމަކަށް އިރު އަރައި އޮއްސޭ ކޮންމެ ދުވަހަކީ ޤައުމީ ދުވަހެކެވެ. މިޖަޒީރާތަކުގައި މީހުން ވަޒަންވެރިވި ހިނދުން ފެށިގެން ޤައުމެއްގެ ސިފަ ޖެހިގެން ދިޔުމާ ހަމައަށް، އަދި އޭގެ ފަހުން މިއަދާ ހަމައަށް ޤައުމެއްގެ ގޮތުގައި މިރާއްޖެ ދެމިއޮތުމުގެ ސަބަބުތަކަކާއި ސިއްރުތަކެއްވެއެވެ. އެއީ، އެހެން ބައެއްގެ އަޅުވެތިކަމުގެ ދަށުގައި ނުވުމަށް ދިވެހިން ކަނޑައެޅި ޢަޒުމެވެ. އަދި އެ ޢަޒުމުގެ މަތީގައި ދެމިތިބުމަށްޓަކައި، ދިވެހިން ކުރި މަސައްކަތާއި ވި ޤުރުބާނީއެވެ.

މިއަދުވެސް އަޅުގަނޑުމެން ދިވެހިން މިތިބީ ހަމަ އެ ޢަޒުމާއި އެ ސާބިތުކަމުގައެވެ. ދިވެހިންގެ މިނިވަންކަމާއި އިސްތިޤުލާލުގެ މައްޗަށް އިސްކުރާނެ އެހެން މަޞްލަޙަތެއް އަޅުގަނޑުމެންގެ ނެތެވެ. ބައިނަލްއަޤުވާމީ މުޖުތަމަޢުގައި އިތުބާރު ކުރެވޭ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ނަން މިއަދުވެސް ލިޔެވިފައިވަނީ، އެންމެ ފުރިހަމަ މާނައިގެ މިނިވަން ޤައުމެއްގެ ގޮތުގައެވެ. ސިޔާސީ އަދި އިޤްތިޞާދީ މިނިވަންކަން ފުރިހަމައަށް ލިބިފައިވާ ފަދައިން، ދާޚިލީ އަދި ޚާރިޖީ މިނިވަންކަމުގައި ދިވެހިންގެ މައްޗަށް ބަސް ކިޔައި ގޮތް ނިންމޭނެ އެހެން ބަޔަކު ނެތެވެ.

މިއަދުވެސް ދިވެހި ސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އުތީމު މަހާރަދުންގެ ހިތްވަރާއި ފަންވަރުން ދިވެހިންނަށް ހޯއްދަވައިދެއްވި، ދިވެހި ޤައުމިއްޔަތާއި ދިވެހިންގެ މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކުރުމެވެ. މާތް ﷲގެ ވާގިފުޅާއެކު، ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ޙިމާޔަތްކުރުމުގައި ދެމިތިބުމުގެ ހެޔޮ ތައުފީޤު، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރައްވާށިއެވެ. ދިވެހި އުންމަތަށް ފާގަތިކަމާއި ތަނަވަސްކަން މިންވަރު ކުރައްވައި، ރާއްޖެއަކީ އެންމެހައި ދިވެހިންނަށާއި މި ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ މެހުމާނަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިދެނިވި އަމާން މުޖުތަމަޢެއް ކަމުގައި ލައްވާށިއެވެ. އާމީން.