بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

މި އަހަރުގެ ބައިނަލްއަޤްވާމީ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަމެވެ. އަދި ދިވެހިންގެ މެދުގައި ޑިމޮކްރެސީގެ ހަމަތައް ދިރުވައި އާލާކޮށް، ޑިމޮކްރެސީގެ އުޞޫލުތައް ނެގެހެއްޓުމަށް މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށާއި ސިޔާސީ ޕާޓީތަކަށާއި އަމިއްލަ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކަށްވެސް ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަމެވެ.

ޒަމާނީ ޑިމޮކްރެސީގެ އިމުގެ ތެރެއަށް ދިވެހިރާއްޖެ ހިމުންވެ ފައްކާވެގެން ދިއުމުގައި، އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބައެއްގެ ހިތްވަރާއި މަތިވެރި ޤުރުބާނީގެ ހިއްސާ ވަރަށް ބޮޑެވެ. ރައްޔިތުން އެދޭ ގޮތަށް ޤައުމުގެ ކަންކަން ނިންމުމުގައި، ބަސް ބުނެ ގޮތް ކަނޑައެޅުމުގެ ބާރު ރައްޔިތުންނަށް މިއަދު ލިބިފައިވަނީ، މުޅި ޤައުމުގެ ހެވާއި ލާބަޔަށްޓަކައި ހަމަ އަޅުގަނޑުމެންގެ ތެރެއިން ތެދުވި ވަރަށް ގިނަ ބައެއްގެ މިންނެތް މަސައްކަތުންނެވެ. އެހެންކަމުން، ދިވެހިންގެ މެދުގައި ޑިމޮކްރެސީގެ ހަމަތައް މުޑުވައް ކުރެއްވުމުގައި، ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ.

ޙަޤީޤީ ޑިމޮކްރެސީއަކީ މަސްއޫލިއްޔަތުތަކަކާ އެކުގައި ލިބިގެންދާ، ޒިންމާދާރުވާންޖެހޭ މިނިވަންކަމެކެވެ. ޑިމޮކްރެސީ ބުނެދޭ ޙަޤީޤަތަކީ، އެ ޤައުމެއްގެ އެންމެހައި ކަންކަން ރާވައި ހިންގުމުގެ ޙައްޤު ލިބިގެންވަނީ، އެ ޤައުމެއްގެ މިލްކުވެރިން ކަމުގައިވާ އެ ޤައުމުގެ ރައްޔިތުންނަށް ކަމެވެ. ރައްޔިތުންގެ ނަމުގައި އެ ވާޖިބުތައް އަދާކުރާނެ ބަޔަކު އިޚްތިޔާރުކޮށް ކަނޑައެޅުމުގެ ޙައްޤު ލިބިގެންވަނީވެސް ހަމަ ރައްޔިތުންނަށެވެ. މިއަދުގެ ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ޤައުމުތައް ކުރިއަރައި ތަހުޒީބުވަމުން ދިއުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޑިމޮކްރެސީގެ ހަމަތަކާއި އުޞޫލުތަކެވެ.

އިޤްތިޞާދީ ފުދުންތެރިކަމާއެކު ލިބޭ ކުރިއެރުމުގައި، އުފާވެރިކަމާއެކު ރައްޔިތުން ދިރިއުޅޭ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ތަޅުދަނޑިއަކީ ޒަމާނީ ޑިމޮކްރެސީއެވެ. އެ އުފާވެރިކަން ރައްޔިތުންނަށް ލިއްބައިދެނީ، ދައުލަތުގެ ފަރާތުން ފޯރުކޮށްދޭ އެންމެހައި ޚިދުމަތްތަކުގައި، ރައްޔިތުންނަށް ލިބިދޭ ހަމަހަމަ ފުރުޞަތުތަކާއި ހަމަހަމަ ޙައްޤުތަކުންނެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި މި އުޞޫލުތައް ކަނޑައަޅައި، އެ އުޞޫލުތައް ތަންފީޒުކުރަން ފެށި ފަހުން، ޤައުމަށާއި ރައްޔިތުންނަށް ލިބުނު މަންފާ ނުހަނު ބޮޑެވެ.

ޑިމޮކްރެސީގެ މައިގަނޑު މަޤްޞަދަކީ، ރައްޔިތުން ބާރުވެރިކުރުވުމެވެ. ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމުކޮށް، އެއްވެސް ކަމެއްގައި މިންތީ ތަފާތެއް ނުވަތަ އެނޫން ވެސް ތަފާތުކުރުމެއް ނުގެންގުޅުމެވެ. ޤައުމުގެ ކަންކަމުގައި ބަސް ބުނެ ޚިޔާލު ފާޅުކުރުމުގައި ވެސް، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ މިންތީ ހަމަހަމަކަން ޤާއިމުކުރުމަށެވެ. އެކަމަށްޓަކައި، މިދިޔަ ފަސް އަހަރުގެ ތެރޭގައި ޤާނޫނީ އޮނިގަނޑަށް ގެނައި ބަދަލުތަކުން އެންމެ ހެޔޮ ނަތީޖާއެއް ފެންނަމުން އަންނަނީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުންނެވެ.

ދިވެހިރާއްޖެ ޑިމޮކްރެސީއަށް މިކުރި ދަތުރުން ސާބިތުވި އެންމެ މުހިންމު ކަމަކީ، ޤައުމު ކުރިއަރައިގެން ދާނީ ރައްޔިތުންނަށް މިނިވަންކަން ދިން މިންވަރަކުން ކަމެވެ. ހުޅުވައިލެވިފައިވާ މުޖުތަމަޢެއްގައި މިނިވަންކަމާއެކު ޚިޔާލު ފާޅުކޮށް، މަޢުލޫމާތު ބަދަލުކުރެވޭ މިންވަރަކުން، އެ މުޖުތަމަޢެއްގެ އުޖާލާކަން އިތުރުވެއެވެ. ޤައުމުގެ ކަންކަމާ މެދު ރައްޔިތުންގެ މެދުގައި މަޝްވަރާ އާއި ބަހުސްކުރެވޭ ވަރަކަށް ކަންކަމުގެ ޙައްލު ހޯދެއެވެ. އަދި ޞުލްޙަވެރިކަމާއެކު ކަންކަން ނިންމުމަށް މަގު ފަހިވެ އެވެ.

ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ، ޒަމާނީ ޑިމޮކްރެސީގެ އެންމެ އަސާސީ ރުކުނެވެ. ދިވެހިރާއްޖޭގައި 2008 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އަންނަ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު، އެންމެ ފުޅާ ދާއިރާއެއްގައި ލިބިދެވުނީ މިދިޔަ ފަސް އަހަރުގެ ތެރޭގައިކަން ޔަޤީނެވެ. ނޫސްވެރިކަން ކުރުމުގެ މިނިވަން މާޙައުލެއް ރާއްޖޭގައި ޤާއިމުކޮށްދެވިފައި އޮތުމަކީ، ރާއްޖޭގެ ޑިމޮކްރެސީ އިތުރަށް ހަރުދަނާވެގެން ދިޔަ ކަމެކެވެ. ނަމަވެސް ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ ޙައްޤުގެ ބޭނުން ހިފާ އިރު ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، އެއީ ޒިންމާތަކަކާއި ވާޖިބުތަކަކާ އެކުގައި ލިބިގެންވާ ޙައްޤުތަކެއް ކަމެވެ.

އަޅުގަނޑުގެ އުންމީދަކީ، ޑިމޮކްރެސީގެ މަގުގައި އަޅުގަނޑުމެން މިކުރާ ދަތުރުގައި، ދިވެހިރާއްޖެ އާއި އެންމެހައި ދިވެހިންނަށް ކާމިޔާބާއި ފާގަތިކަން ލިބިގެން ދިއުމެވެ. ޤައުމުގެ ކަންކަމާ މެދުގައި ވިސްނައި ފިކުރުކޮށް، ޞުލްޙަވެރިކަމާއި އަމާންކަމާ އެކުގައި، ދިރިއުޅުން ވެއަތުކުރުމުގެ މިނިވަންކަމާއި ޙައްޤު ލިބިފައި އޮތުމަކީ އަޅުގަނޑުމެން އެންމެންގެވެސް އުންމީދެވެ. އެކަމުގައި އަޅުގަނޑުމެން އެންމެންނަށް، اللهُ سُبْحَانَهُ وَتَعَالَى ހެޔޮ ތައުފީޤު ދެއްވައި، އެންމެހައި ދިވެހިންނަށް ފާގަތިކަމާއި ތަނަވަސްކަން މިންވަރު ކުރައްވާށިއެވެ. އާމީން.