بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ހިޖްރީ ސަނަތުން އައު އަހަރަކާ ބައްދަލުވުމުގެ މަތިވެރި ނަސީބު މިންވަރުކުރެއްވި ކަމަށްޓަކައި، اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަމުން، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ލޯތްބާއެކު، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ. އަދި އިސްލާމީ އުންމަތުގެ އެންމެހައި އަޚުންނާއި އުޚުތުންނަށާއި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އިސްލާމީ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށް ވެސް، މި އުފާވެރި މުނާސަބަތުގައި ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.

މި އުންމަތުގެ މާތް ނަބިއްޔާ، مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ނަބަވީ ހިޖްރައާ ގުޅިފައިވާ މި އުފާވެރި މުނާސަބާ އަޅުގަނޑުމެންގެ ހަނދާނަށް ގެނެސްދެނީ، ހަމަނުޖެހުންތަކާއި ބައިބައިވުންތަކެއްގައި ތިބި ބައެއްގެ ތެރެއިން، ޞުލްޙަވެރި އަމާން ވަރުގަދަ އުންމަތެއް އުފަންވެގެން އައި ގޮތެވެ. ނިކަމެތިކަމާއި ކަންބޮޑުވުންތަކުގެ ތެރޭގައި ވިއްސިވިހާލިވެފައި ތިބި މީސްތަކެއް، އުފާވެރި ހައިބަވަންތަ ބަދަހި މުޖުތަމަޢަކަށް ބަދަލުވެގެން ދިޔަ ގޮތެވެ. ހަމައެފަދައިން ނަބަވީ ހިޖްރައާ ގުޅިފައިވާ އިލާހީ ރިސާލަތުގެ ދަންމަރު މުޅި އިންސާނިއްޔަތު ހުޅުދާންކޮށްދިން ގޮތެވެ.

ހިޖްރައިގެ މަތިވެރި ހާދިސާގެ އިހާއި ފަހާ ގުޅިފައިވާ ކަންކަމުން ތަޞައްވަރުވެގެން ދަނީ، މިނިވަންކަމާއި ހަމަޖެހުމާއި ޞުލްޙަވެރިކަމަށް އިންސާނީ ޠަބީޢަތު މުހުތާދުވެފައިވާ މިންވަރެވެ. ހިޖްރައިގެ ބިންގަލުގެ މަތީގައި އުފަންވި އިސްލާމީ އުންމަތް ދުނިޔެއަށް ސާބިތުކޮށްދިނީ، އެކުވެރިކަމާއި އެއްބައިވަންތަކަމާއި އަޚުވަންތަކަމުން އިންސާނީ މުޖްތަމަޢަށް ލިބިގެންދާ ކުރިއެރުމާއި ފާގަތިކަމެވެ. މާތް ނަބިއްޔާ ކޮށްޓަވައިދެއްވި މަގުގައި ސާބިތުވެ ތިއްބެވި އެކަލޭގެފާނުގެ މިތުރު ޞަޙާބީން ދައްކަވައިދެއްވީ، މުޖުތަމަޢުގެ ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމުގައި ފަރުދީ ޒިންމާ އަދާކުރުމުގެ އެންމެ މަތިވެރި ނަމޫނާއެވެ.

ހިޖްރައިގެ މަތިވެރި ހާދިސާއާ ގުޅިފައިވާ އެންމެ މުހިންމު އެއް މަޤްޞަދަކީ، މައްކާގެ ބިމުގައި ނާމާންކަމާއި ހިތްދަތިކަމުގައި އުޅެމުން ދިޔަ މުސްލިމުންނަށް، މަދީނާގެ ބިމުން އުފާވެރިކަމާއި އަމާންކަން ހޯއްދަވައިދެއްވުމެވެ. މަދީނާގެ ބިމުގައި އިސްލާމީ އުންމަތް ކުރިލައި ހެދިގަތީ، ހިޖްރައަށް ފަހުގައި މުސްލިމުންނަށް ލިބުނު އަމާންކަމާއި ހިތްހަމަޖެހުމުންނެވެ. ހިޖްރީ އައު އަހަރެއްގެ ފެށުން ފާހަގަކުރާ މި އުފާވެރި މުނާސަބަތުގައި، އެ މަތިވެރި ހާދިސާއިން އަޅުގަނޑުމެންނަށް ލިބިދޭ މިފަދަ ފިލާވަޅުތަކުން ޢިބްރަތް ޙާޞިލުކުރެއްވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ.

ޤައުމީ ތަރައްޤީގެ މުޅިން އައު ފަތިހަކަށް ދިވެހި އުންމަތް އަލިވިލިފައިވާ މި ދަނޑިވަޅުގައި، އަޅުގަނޑުމެންގެ މިސްރާބު އަމާޒުކުރަންވީ، ދިވެހިންގެ މެދުގައި މިއޮތް ހަމަޖެހުމާއި ޞުލްޙަވެރިކަމުގެ މަތީގައި ޤައުމު ބިނާކުރުމަށެވެ. އުފާވެރިކަމާއި އަމާންކަންމަތީ ދެމި ތިބެ ދިރިއުޅުން އާރާސްތުކޮށް، އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ކުރިއަރާފައިވާ ތަހުޒީބީ ޤައުމެއްގެ ގޮތުގައި، ކުރިމަގުގެ ޖީލުތަކަށް މި ޤައުމު ފޯރުކޮށްދިނުމަށެވެ. ބައިބައިވުމާއި ދެކޮޅުވެރިކަމާއި ޙަސަދަވެރިކަން ދޫކޮށްލައި، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަތީގައި ސާބިތުވެ ތިބެ، ކޮންމެ ކަމެއްގައި ވެސް ޤައުމީ މަޞްލަޙަތު އިސްކުރުމަށް، މި އުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.

މި ފެށުނު ހިޖްރީ 1445 ވަނަ އަހަރަކީ، އެންމެހައި ދިވެހިންނަށާއި ދިވެހިރާއްޖެއަށް އަދި މުޅި އިސްލާމީ އުންމަތަށް، ބާއްޖަވެރިކަމާއި ތަނަވަސްކަން ގެނެސްދޭނެ އުފާވެރި އަހަރެއް ކަމުގައި ލެއްވުން އެދި، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. އިސްލާމް ދީނުގެ މަތިވެރި ހިދާޔަތުން އަޅުގަނޑުމެންގެ ހިތްތައް އުޖާލާ ކުރައްވައި، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށިއެވެ. އުފާވެރިކަމާއި އަމާންކަމުގެ މަތީގައި ދިރިއުޅުން އާރާސްތުކުރުމަށް، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބަރަކާތްލައްވައި، މުޅި މުޖުތަމަޢުގެ ހެވާއި ލާބަޔަށް މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤު ދެއްވާށިއެވެ. ނިމިގެން ދިޔަ އަހަރަށް ވުރެ، މި ފެށުނު އަހަރަކީ، މުޅި ދުނިޔޭގައިވެސް ޞުލްޙަޔާއި އަމާންކަން ޤާއިމުވެގެންދާނެ އަހަރެއް ކަމުގައި ލައްވައި، އިސްލާމީ އުންމަތަށް ތަނަވަސްކަމާއި ފާގަތިކަން މިންވަރު ކުރައްވާށިއެވެ! އާމީން.