بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

އެންމެހައި ޙަމްދު ޘަނާއާއި ތަޢުރީފް ޙައްޤުވެގެންވަނީ ޢާލަމްތަކުގެ ވެރި اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ މި އުއްމަތުގެ ކައު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ހެލްތު، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބްލް އަޙްމަދު ނަސީމް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ސްޓޭޓް މިނިސްޓަރުން، މިނިސްޓްރީ އޮފް ހެލްތުގެ އިސްވެރިން، އަތޮޅު ހޮސްޕިޓަލްތަކާއި އަދި ހެލްތު ސެންޓަރުތައް ހިންގެވުމާ ހަވާލުވެ ތިއްބެވި އެންމެހައި އިސްވެރިން، މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ފަށަން މި ޖެހުނީ ހިތާމަވެރި ޚަބަރަކާއެކު. އެނގިވަޑައިގަންނަވާނެ، ދައުލަތަށް ވަރަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބްލް ޢަބްދުﷲ ޖަމީލް މިއަދުގެ ވަގުތެއްގައި ވަނީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވާފައި. އަޅުގަނޑުމެންގެ ހެޔޮ ދުޢާއަކީ މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް اللهُ سُبْحَانَهُ وَتَعَالَى މިންވަރުކުރައްވައި އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވުން.

އެނގިވަޑައިގަންނަވާނެ، އަލްމަރްޙޫމް ޢަބްދުﷲ ޖަމީލް ވަނީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައި. 1983 ވަނަ އަހަރުން ފެށިގެން 1989 ވަނަ އަހަރާ ހަމައަށް ޞިއްޙީ ދާއިރާ ކުރިއެރުވުމަށްޓަކައި، ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައި. އަދި ދިވެހި ދައުލަތުގެ ތަފާތު އެތައް ވުޒާރާތަކެއްގައި މަސައްކަތް ކުރައްވައި އެ ދާއިރާތަކުންވެސް ވަނީ، ދިވެހި ޤައުމަށް ޚިދުމަތްތަކެއް ކޮށްދެއްވާފައި. އަދި ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ތިރީހަކަށް އަހަރު އެމަނިކުފާނު ވަނީ ކުރައްވާފައި.

އާދެ، މި ހުރިހާ ގޮތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ތާރީޚުގައި ދިގު މުއްދަތަކަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅަކަށް އަލްމަރްޙޫމް ޢަބްދުﷲ ޖަމީލް ވެވަޑައިގަންނަވާ. އަޅުގަނޑުމެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ. އެ މަނިކުފާނު ކޮށްދެއްވި މަސައްކަތްޕުޅުތަކަށް އަޅުގަނޑުމެންގެ ހިތުގައި ޝުކުރުވެރިކަން އަބަދުމެ އޮންނާނެ.

އާދެ، މިއަދު ޞިއްޙީ ދާއިރާގެ ޚިދުމަތްތައް ހަރުދަނާކޮށް، ފުޅާކުރުމަށްޓަކައި މި ފެށިގެންދަނީ ވަރަށް މުހިންމު މަސައްކަތްތަކެއް. އެނގިވަޑައިގަންނަވާނެ، މިއީ ޓެކްނޯލޮޖީގެ ޒަމާން. މުޅި ދިވެހިރާއްޖެވެސް އެނބުރެމުންދަނީ، ޑިޖިޓަލް ޒަމާނަކަށް. އަޅުގަނޑުމެން މިދަނީ ފަސޭހަކަމާއެކު ޚިދުމަތްތައް ހޯދުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުން. ދިވެހި ސަރުކާރުން ވޭތުވެދިޔަ އަހަރުތަކުގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފި. ޑިޖިޓަލް އައި.ޑީ. އަކާ ދިމާއަށްވެސް އަޅުގަނޑުމެން އެބަ ދަތުރުކުރަން.

އާދެ، މިއަދު މި ފެށިގެންދާ ކަންތައްތަކުގެ ތެރެއިން، އަދި ޚާއްޞަކޮށް މިއަދު އަތޮޅު ހޮސްޕިޓަލްތަކަށާއި އަދި ހެލްތު ސެންޓަރުތަކަށް މި ހަވާލުކުރެވޭ ތަކެތީގެ ސަބަބުން، މި ދެންނެވި ކަންތައްތަކަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެ.

އާދެ، އެނގިވަޑައިގަންނަވާނެ. ހޮސްޕިޓަލްތަކުގެ ރެކޯޑުތައް ބެލެހެއްޓުމާއި، ހޮސްޕިޓަލް މެނޭޖްކުރުމާ ކަންތައްތަކަކީ އެއީ، ޒަމާނާ އެއްގޮތަށް ބަދަލުވާންޖެހޭ ކަންތައްތަކެއް. ދިވެހިރާއްޖެއަކީ، ކުދި ރަށްތަކެއްގެ މައްޗަށް ފެތުރިފައިވާ ޤައުމެއް. މި ހުރިހާ ގޮތަކަށް ބަލާއިރުވެސް، މިފަދަ ވަސީލަތްތަކުގެ ފުރިހަމަ ބޭނުން ހިފި، އިންފޮމޭޝަން ޓެކްނޯލޮޖީގެ އިންފްރާސްޓްރަކްޗަރ ވަރުގަދަ ކުރެވިގެން ނޫނީ، އެކަށީގެންވާ ފާސްޓް ސްޕީޑެއްގައި، ފަސޭހަ ޚިދުމަތްތައް ދިނުމަކީ ދަތިކަމަކަށްވާނެ.

އާދެ، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، ވޭތުވެދިޔަ އަހަރުތަކުގައި ހަމަގައިމުވެސް އަޅުގަނޑުމެންގެ ހަނދާނުގައި ކަންތައްތައް ހުންނަން ފެށީއްސުރެވެސް މިހާގިނަ ސާމާނު، މިހާގިނަ ތަކެތި އެއްފަހަރާ ރާއްޖޭގެ އަތޮޅުތަކަކަށް ދެވުނު ދުވަހެއް ހަމަގައިމުވެސް އަޅުގަނޑުގެ ހަނދާނަކަށް ހަމަ ނާދޭ. އާދެ، ކުޑަ އަދަދެއް ނޫން، މިއަދު މި ހިމެނިގެން ދަނީކީ. އަޅުގަނޑަށް އެނގިފައިވާގޮތުގައި، ގާތްގަނޑަކަށް ހައެއްކަ ސަތޭކަ ކޮމްޕިއުޓަރ. އެއަށްވުރެވެސް ގިނަ އަދަދަކަށް ހަމައެކަނި ކޮމްޕިއުޓަރވެސް އެބަ ހިމެނޭ. އަދި އޭގެ ތެރޭގައި ލެޕްޓޮޕާއި، އައިޕެޑް ނުވަތަ ޓެބްލެޓް، ވީޑިއޯ ކޮންފަރެންސިންގ ސިސްޓަމްތަކާއި، ޕްރިންޓަރުތަކާއި، އަދި މިނޫނަސް ވަރަށް ގިނަ ސާމާނު އެބަ ހިމެނޭ.

އާދެ، ސްޓޭޓް މިނިސްޓަރ ޢާދިލް ފާހަގަކުރެއްވި، އެ ބޭފުޅާގެ ވާހަކަފުޅުގައި، އަޅުގަނޑާ ގުޅޭގޮތުންވެސް އެއްޗެއް ވިދާޅުވި. އަޅުގަނޑު ހަމަ މިއަދު ހިތަށްއަރަނީ، އަޅުގަނޑުމެން މިއަދުގެ ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު އަޅުގަނޑު ހަނދާން އެބަހުރި، އަތޮޅުތަކަށް، ހެލްތު ސެންޓަރުތަކަށް އެ މަނިކުފާނު ވަޑައިގެން، އޭރުގެ ހާލަތު ބެއްލެވި. އަޅުގަނޑަށް ފެނުނީ، ވަރަށް ޒިންމާދާރު ބޭފުޅެއްގެ ގޮތުގައި. އަޅުގަނޑުމެންނަށް މި ފެންނަނީ، މި ހުރިހާ ކަމެއްވެސް ޚާއްޞަކޮށް، ރާއްޖޭގެ ޞިއްޙީ ދާއިރާ ފުރިހަމަ ކުރުމަށްޓަކައި، ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންތައްތަކަކީ ކޮބައިކަން އެނގިވަޑައިގެން، ވަރަށް ޒިންމާދާރު ކަމާއެކު މަސައްކަތް ކުރައްވާ ބޭފުޅެއް.

އާދެ، މިއަދު ކޮންމެ ކަމެއް ކުރުމުގައި، ކޮންމެ އެއްޗެއް ހޯދުމުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ އަރިހަށް، ނުވަތަ ހެޔޮއެދޭ ފަރާތަކާ ހަމައަށް ދިއުމުގެ ބަދަލުގައި ސަރުކާރުގެ ޒިންމާއެއްކަން ދެނެވަޑައިގެން، ބޭނުންވާ އެންމެ ކުދިކުދި ކަންތައްތަކުން ފެށިގެންގޮސް، ބޮޑެތި ކަންތައްތަކާ ހަމައަށް ރައީސުލްޖުމްހޫރިއްޔާ މި ކަންތައް ކުރައްވާކަމީ އެއީ، އެމަނިކުފާނަށް އޮތް އިތުބާރަކީ. އާދެ، މިކަމަށްޓަކައި އަޅުގަނޑުގެ ހިތުގެ ފުންމިނުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ޞިއްޙީ ދާއިރާއަށް މިގެނެވެނީ ކުޑަކުޑަ ބަދަލެއްނޫން. އިންޤިލާބީ ބަދަލެއް. ޚާއްޞަކޮށް، ރާއްޖޭގެ އަތޮޅުތަކުގައި މި ގެނެވޭ ބަދަލަކީ އެއީ، އެތަކެއް އަހަރުތަކެއް ވަންދެން، ރާއްޖޭގެ ރައްޔިތުން އިންތިޒާރު ކޮށްގެން ތިބި ބަދަލެއް. އާދެ، އަޅުގަނޑުމެންނަށް އެބަ ފެނޭ، އަންނަ ބަދަލުތައް. މިއީ، ފެންނަން ހުރި ޙަޤީޤަތްތައް. މިއީ ހަމައެކަނި ދައްކާލާ ވާހަކައެއްގެ ގޮތުގައި އޮތްކަމެއް ނޫން. އަޅުގަނޑުމެން ފަށްޓަންވީ ރާއްޖޭގެ އެންމެ އުތުރުން. ފަށައިގެން ގޮސް އަޅުގަނޑުމެން ދާންވީ އައްޑޫ ސިޓީއާ ހަމައަށް. އަޅުގަނޑުމެންނަށް ފެނިއްޖެ، އަޅުގަނޑަށް ލިސްޓު ދިގުކަމުން ރަށްތަކުގެ ނަންތައް ކިޔަން ފަށައިފި ކަމަށްވަންޏާ ތަންކޮޅެއް ގިނަ ވަގުތު ހޭދަވެދާނެ. އެހެންނަމަވެސް، އަޅުގަނޑުމެން ހަމަ ބަލައިލަންވީ، ހދ. ކުޅުދުއްފުށްޓަށް ބެލިޔަސް، ރ. އުނގޫފާރަށް ބެލިކަމުގައިވިޔަސް، ދެކުނަށްގޮސް އައްޑޫ އީކްއެޓޯރިއަލް ހޮސްޕިޓަލްގައި ދެވޭ ޚިދުމަތްތަކަށް ބެލިކަމުގައިވިޔަސް، ޢަބްދުއްޞަމަދު ހޮސްޕިޓަލުގައި ދެވޭ ޚިދުމަތްތަކަށް ބެލިޔަސް، އަޅުގަނޑުމެންނަށް އެބަފެނޭ، ކުރީގައި ނުދެވޭ އެތަކެއް ޚިދުމަތްތަކެއް. ލ. ގަމު ހޮސްޕިޓަލަށް ބެލިކަމުގައިވިޔަސް، ދެން މެދުތެރޭގައި ހުރި އިތުރު އަތޮޅު ހޮސްޕިޓަލްތަކަށް އަޅުގަނޑުމެން ބެލި ކަމުގައިވިޔަސް، ހެލްތު ސެންޓަރުތަކަށް އަޅުގަނޑުމެން ބެލިކަމުގައިވިޔަސް، އެތަކެއް މަޝްރޫޢެއް. މިހާރުވެސް ގާތްގަނޑަކަށް ސާޅީހަކަށް މަޝްރޫޢުވަނީ ނިމިފައި. ހެލްތު ދާއިރާގެ، ހެލްތު ސެންޓަރުތަކާއި، ހޮސްޕިޓަލްތަކާ ގުޅުންހުރި ޢިމާރާތްތަކާއި، ކެޕޭސިޓީ ބިލްޑްކުރުމުގެ ގާތްގަނޑަކަށް ސާޅީހަކަށް މަޝްރޫޢު ނިމިއްޖެ. އިތުރު އެތަކެއް މަޝްރޫޢުތަކެއް މިހާރުވެސް ކުރިއަށް އެބަދޭ.

ހަމައެއާއެކު އަޅުގަނޑުމެންނަށް މި ފެނިގެންދިޔައީ، ކުރިން އަޅުގަނޑުމެން ހީވެސް ނުކުރާކަހަލަ، ރާއްޖޭގެ އަތޮޅު ހޮސްޕިޓަލެއްގައި ކޮށްފާނެ ކަމަށް ސިކުނޑިއަށް ނާންނަކަހަލަ ޕްރޮސީޖަރތަކާއި، އޮޕަރޭޝަންތައްވެސް ކާމިޔާބުކަމާއެކު، ރައްޔިތުންގެ އިތުބާރު ލިބޭފަދަ ގޮތަކަށް، ކުރަމުންދާތަން. އާދެ، މިއީ، ރައްޔިތުންނަށް އޯގާތެރިވުމަކީ. މިއީ، ރައްޔިތުންނަށް ފަސޭހަކޮށްދިނުމަކީ. މާލެ އާދެވިދާނެ. ވަރަށް ފަސޭހައިން ފުރައިގެން އާދެވޭ. ފުލައިޓްތައް އެބަހުރި. ކަނޑު ބޯޓުތަކާއި ލޯންޗްތައްވެސް ގިނަވެއްޖެ. އެކަމަކު، އަޅުގަނޑުމެން ވިސްނަންވީ، ތަކުލީފް. ޢާއިލާ ދޫކޮށްފައި، ދަރިން ދޫކޮށްފައި، މާލެ އައިސްފައި މި ތަނުގައި އުޅެންޖެހޭނެ ގޮތްތަކާއި، އޭގެ ވެއިޓިންގ ޓައިމާ، މި ހުރިހާ ކަމެއް ބަލަންވީ.

އެހެންވީމާ، އެ ދުވަހުވެސް ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެ ވަޑައިގެންނެވީ، ކައިރިން އަތޮޅުން، ރަށުން، ފަސޭހަކަމާއެކު އެ ޚިދުމަތް ލިބޭގޮތް، އަޅުގަނޑުމެންގެ ސަރުކާރެއްގައި އެގޮތަށް ހަދާނެ ވާހަކަ. އާދެ، އަޅުގަނޑުމެންނަށް އެ ކަންތައް ފެންނަން އެބައޮތް. އަޅުގަނޑު ހަމަ މީގެ ތެރޭގައި ފާހަގަކޮށްލަން ބޭނުންވޭ، ޚާއްޞަކޮށް، ކޯވިޑް-19 ގެ ތެރޭގައި އެ ދިމާވި ކަންތައްތަކާ އެކުވެސް، މި ހުރިހާ ކަމެއް ވަރަށް ރަނގަޅަށް މެނޭޖްކުރެވުނު. ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވައިގެން، އެ ކުރެއްވި މަސައްކަތްޕުޅުތައް، އަޅުގަނޑުމެންގެ ހަނދާނުގައި އަދިވެސް އެބަހުރި. އޭރު ދިވެހިރާއްޖޭގެ ކަންތައްތައްވެސް އޮތްގޮތް. އަޅުގަނޑުމެންނަށް އެނގޭ، މުޅި ދުނިޔޭގައި ޓެކްނޯލޮޖީގެ ގޮތުން އެންމެ އެޑްވާންސް ޤައުމުތަކުގައިވެސް ކަންތައްތައް ހުރިގޮތް. ކަންތައްތައް ނުވެގެން ބިރުބޮޑުވެގެން ދިޔަވަރު. މީހުންނަށް ފަރުވާ ނުދެވިގެން، ހާލަތު ގޯސްވެއްޖެ ކަމަށްވަންޏާ، ވެންޓިލޭޓަރެއްގެ އެހީ ބޭނުންވެދާނެ ހާލަތެއްގައި އެ ނެތިގެން، އެ ނުލިބިދާނެ ކަމުގެ ބިރުވެސް ދުނިޔޭގެ އެތައް ޤައުމެއްގައި އެކަމަށްވެސް މީހުން ކިޔޫގައި ޖެހިގެންދިޔަ މަންޒަރު އަޅުގަނޑުމެން ދުށިން. އެއީ، އިޓަލީވިލާތަށް ބެލިކަމުގައިވިޔަސް، އެއީ އެމެރިކާއަށް ބެލިކަމުގައިވިޔަސް، ހާލަތު އޮތީ އެގޮތަށް. އެއީ، އެންމެ ޓެކްނޯލޮޖިކަލީ، އެންމެ އެޑްވާންސް ތަންތަން. އެ މީހުންނަކީ އުފައްދާ މީހުން. ﷲ އިރާދަކުރެއްވީތީ އަޅުގަނޑުމެންނަށް އެ ދުވަހު ފެނިގެންދިޔައީ، އަޅުގަނޑުމެންގެ ޓީމުތައް ގުޅިލާމެހިފައި، މިނިސްޓްރީ އޮފް ހެލްތާއި، މުޅި ސަރުކާރު، ހެލްތު ސެންޓަރުތަކާއި، ހޮސްޕިޓަލްތަކުގެ މެނޭޖަރުންނާއި، މުވައްޒަފުން އެކުގައި ކުރި މަސައްކަތުން އަޅުގަނޑުމެންނަށް ހިންދަމާލެވުނު ތަން. އެކުގައި ކުރެވުނު މަސައްކަތުން ރަނގަޅު ފަރުވާއެއް ދެވި، ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ހޯދައިދެވުނުކަން. އެކަންތައްތައް އަޅުގަނޑުމެންނަށް ކުރެވިގެން ދިޔައީވެސް، އޭގެ ޙަޤީޤަތަކީ، އޯގާތެރި ވެރިއެއް. ރައްޔިތުންނާ ދޭތެރޭގައި ވިސްނަވާ ވެރިއެއް. ޚާއްޞަކޮށް ރާއްޖޭގެ އަތޮޅުތަކާއި ރަށްތަކުގައި އޮތް ކަންތައްތަކާމެދު ވިސްނައި، ރަނގަޅުގޮތްތައް ހޯދައިދެއްވަން ކެނޑިނޭޅި އަބަދުމެ މަސައްކަތް ކުރައްވާ ވެރިއެއް އަޅުގަނޑުމެންގެ ގާތުގައި ހުންނެވީތީވެ.

އާދެ، އެ ހިސާބަކުން އަދި ނުނިމޭ. އެއްގޮތަކަށްވެސް ނުނިމޭ. އަޅުގަނޑު ދެންނެވިން އަޅުގަނޑުގެ ލިސްޓްކިޔަން ވެއްޖިއްޔާ، ވަރަށް ދިގުވާނެއޭ. އަޅުގަނޑުމެން ރަށްރަށަށް ދިޔައިރު، ކުރި އެންމެ ބޮޑު އެއް ޝަކުވާ، މީހުން މަދުވުމުގެ ޝަކުވާ. ހަމަ އެންމެ ރަށަކަށްވެސް ނުދެވޭ. އަޅުގަނޑުމެން ދިޔަ ކޮންމެ ރަށެއްގެ ހެލްތު ސެންޓަރަށް އަޅުގަނޑުމެން ދިޔައިން. ނަރުހުން މަދުވެގެން، ޑޮކްޓަރަކު ނެތިގެން، އެމްބިއުލާންސް ނެތިގެން، އެމްބިއުލާންސެއް އޮތިއްޔާ ޑުރައިވަރަކު ނެތިގެން، މިކަހަލަ އެތައް ޝަކުވާއެއް. އެހެންނަމަވެސް އެ ކަންތައްތައް ހަމަޖެއްސުމަށްޓަކައި، އެދުވަހުން ފެށިގެން މަސައްކަތް ކުރި. އޭގެ ނަތީޖާއަކީ، މިހާރު މިއަދާ ހަމައަށްވެސް ސަތޭކަ ތިރީހަކަށް އެމްބިއުލާންސް ރަށްތަކަށް ފޮނުވުނުކަން. އިތުރު އެމްބިއުލާންސް އަންނައިރު، ރާއްޖޭގެ ރަށްތަކަށް އެންމެ ފިޓުވާނެގޮތަށްވެސް ބެލިގެން، މިނިސްޓަރ އޮފް ހެލްތު އެ މަސައްކަތް ކުރައްވަނީ، އެ ރަށްތަކަށް ފޯރުކޮށްދޭ ތަކެއްޗަކީ އެންމެ އެކަށޭނަ ތަކެއްޗަށްވެސް ހެއްދެވުމަށްޓަކައި. މިހާރުވެސް އެ މަސައްކަތައިގެން މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ކުރިއަށް އެބަ ވަޑައިގަންނަވާ.

އާދެ، ތަންތަން ހެދިދާނެ. ހޮސްޕިޓަލް ބޮޑުކުރެވިދާނެ. ޑައިގްނޯސްޓިކް ފެސިލިޓީޒްތަކާއި، އެންމެ އެޑްވާންސް އިކުއިޕްމަންޓްސް އަޅުގަނޑުމެންނަށް ހޯދިދާނެ. މިއަދު މި ފޮނުވާ ތަކެތި ހުރީމާވެސް ވަރަށްގިނަ ތަކެތި ދެވުނީ. އެކަމަކު އެ ހިސާބަކުން ނުނިމޭ. އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެންމެ އިސްކަމެއް ދެއްވާ ސިޔާސަތަކީ، އެމަނިކުފާނުގެ އެންމެ އިސް، އެންމެ މުހިންމު ސިޔާސަތެއްގެ ގޮތުގައި އޮތީ، މީހުން ބިނާކުރެއްވުން. މީހުން ބިނާކުރުމުގެ މަސައްކަތަށް އަޅުގަނޑުމެން ބަލައިލާއިރު، ހަމައެކަނި ހެލްތު ރިލޭޓެޑް ދާއިރާތަކުގައި، ފްރީ ޑިގްރީ ޕްރޮގްރާމް ތެރޭގައިވެސް ދެ ހާހަށްވުރެ ގިނަ ކުދިން، ގިނަ ބޭފުޅުން، އެކި ދާއިރާތަކުން އެބަ ތަޢުލީމު ހާސިލުކުރައްވާ. 2019 އިން ފެށިގެން މިއަދާ ހަމައަށް ބަލައިފި ކަމަށްވަންޏާ، އެމް.ބީ.ބީ.އެސް.އަށް އެކަނިވެސް އެކި ގޮތްގޮތުން ފައްސަތޭކައަށްވުރެ ގިނަ ފަރާތްތައް ކިޔަވަމުން އެބަދޭ. އަދި ސްޕެޝަލައިޒްޑް ވުމަށްޓަކައި އެކި ގޮތްގޮތުން، މިއަދާ ހަމައަށް ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި، ނުވަދިހައަށްވުރެ ގިނަ ފަރާތްތަކުން އެބަ ކިޔަވައި ވިދާޅުވޭ.

އާދެ، އަޅުގަނޑުމެންނަށް ޓެކްނިކަލް ދާއިރާތަކަށްވެސް މީހުން އެބަ ތަމްރީނުކުރެވޭ. އެނގިވަޑައިގަންނަވާނެ، ރޭޑިއޯގްރަފީގެ ކޯހެއް މިހާރުވެސް ކުރިއަށް އެބަދޭ. އިރާދަކުރެއްވިއްޔާ 2024 ވަނަ އަހަރު، ނިމިގެން ދާއިރު، ދިވެހިން ތައްޔާރުވެފައި ތިބޭނެ. ދިވެހިރާއްޖޭގެ 20 އަތޮޅަށް، ހަމަގައިމުވެސް 20 ބޭފުޅުން ތައްޔާރުވެފައި ތިބޭނެ.

އާދެ، މީގެ އިތުރުންވެސް، ހެލްތު ދާއިރާއަށް އެކިއެކި ދާއިރާތަކުން ބޭނުންވާ މީހުން ބިނާކުރުމުގެ މަސައްކަތްތައް މިހާރުވެސް ވަރަށް ބާރަށް ކުރިއަށް އެބަދޭ. އާދެ، އެނގިވަޑައިގަންނަވާނެ، ދިވެހި ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވި އެއް ދާއިރާ، ޚާއްޞަ އެހީއަށް ބޭނުންވާ، ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް އަޅައިލެވޭނެ، އޯގާތެރި ކަމާއެކު ބޭނުންވާ ކަންތައްތައް ކޮށްދެވޭނެ ގޮތަކަށް ކަންތައްތައް ކުރުންވެސް. އަޅުގަނޑުމެން މަސައްކަތްތަކެއް ފެށްޓިން. އެއީވެސް ހަމަ ބޮޑު ޕްރޮޖެކްޓެއް. ކުދިކުދި ޕްރޮޖެކްޓްތައް އެކަންޏެއްނޫން، ސަރުކާރުން ކުރިއަށް ގެންދިޔައީކީ. ވަރަށް ބިޔަ ބޮޑު، މެގަ ޕްރޮޖެކްޓްތައްވެސް ކުރިއަށް އެބަދޭ. ބައެއްކަހަލަ ޕްރޮޖެކްޓްތައް މުހިންމުވަނީ، ސައިޒް ބޮޑުވެގެނެއްވެސް ނޫން.

ބައެއްކަހަލަ ކަންތައްތަކަކީ ތަންކޮޅެއް ކުދި ކަންތައްތަކަށް ވިޔަސް، ވަރަށް ގިނަ ބަޔަކަށް ވަރަށް ސިވިއަރ ކޮންޑިޝަންގައި ތިބޭ ބަޔަކަށް އޭގެ ފައިދާތައް ކުރޭ. އާދެ، އަޅުގަނޑުމެން އަލަށް ފެށި ކަމެއް، ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުގެ ގޮތުގައި ސެންޓަރުތަކެއް ޤާއިމުކުރުން. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތެރަޕީތަކާއި، ބޭނުންވާ އެކިއެކި ތަމްރީނާއި، އެ ފަރުވާ ދިނުމަށްޓަކައި. އަޅުގަނޑުމެން ޤާއިމުކުރިން، ހުޅުމާލޭ ހޮސްޕިޓަލުގައި ޒަމާނީ ފެންވަރުގައި މަރުކަޒެއް. މެލޭޝިއާއިންވެސް ފެންނާނީ އެކަހަލަ ތަންތަން. ސިންގަޕޯރއަށް ދިޔަޔަސް ފެންނާނީ، ހަމަ އެކަހަލަ މަރުކަޒުތައް. އަޅުގަނޑުމެން ތައްޔާރުކުރިން. ހަމަ އެއާއެކު، އެ ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރާ ގުޅުވައިގެން އައްޑޫގައި އަޅުގަނޑުމެންނަށް ޤާއިމު ކުރެވުނު. ކުޅުދުއްފުށީގައި މިހާރު އެ ހުރީ އެ މަސައްކަތައިގެން ކުރިޔަށް ދާން ތައްޔާރުވެފައި. އެ ހިސާބަކުންވެސް ނުނިމޭ. ރާއްޖޭގެ އެކި ހިސާބުތަކަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި ކަންތައްތައް ފަތުރާނަން. ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި ދިރިއުޅުއްވާ ރައްޔިތުންނަށްވެސް، އެކަމަކަށް އެންމެ ބޭނުންވެފައި ތިބި ރައްޔިތުންނަށް ފަސޭހަކަމާއެކު އެ ޚިދުމަތް ލިބޭނޭ މަގު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ތަނަވަސް ކުރާނަން.

އާދެ، އެނގިވަޑައިގަންނަވާނެ، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުގެ ތެރެއިން ސަތޭކަ ދުވަހުގެ ތެރޭގައި ގިނަ ކަންތައްތަކެއް ކުރެވުނު. މި ދާއިރާއަށް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ބެލެނިވެރިން ބޭނުންވެފައި އޮތް ކަމެއް. އަގު ބޮޑު، ޚަރަދު ބޮޑު ކަމެއްގެ ގޮތުގައި އޮންނަނީ ތެރަޕީ ހޯދުމުގެ ކަންތައްތައް. ވަރަށް ބޮޑު އެއްޗެއް ޖީބުން ދޭ. އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ވަނީ ސަތޭކަ ދުވަހުގެ ތެރޭގައި ހިލޭ ތެރަޕީ ޕްރޮގްރާމެއް ފަށްޓަވައިފައި. އެ ބޮޑު ތަކުލީފް، އެ ވިސްނުން މައިންބަފައިންނަށް ކުރިމަތިވި ކަންތައް ނިމުމަކަށް ގެންނެވި. ވޭތުވެދިޔަ 2022 ވަނަ އަހަރު ނިމިގެން ދިޔައިރު ގާތްގަނޑަކަށް ފަނަރަސަތޭކައެއްހާ ކުދިންނަށް މި ޕްރޮގްރާމްގެ ދަށުންވެސް އަޅުގަނޑުމެންނަށް ފަރުވާ ކޮންޓިނިއު ކުރެވުނު.

އަޅުގަނޑު މިއަދު އެ ފަރާތްތަކަށްވެސް ދަންނަވާލަން އޮތީ، އިރާދަކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާގެ މި ސިޔާސަތުގެ ދަށުން ކަންތައްތަކަށް އެންމެ ބޮޑަށް ބޭނުންވެފައި ތިބި، އެންމެ ވަލްނަރަބަލް ކޮމިޔުނިޓީޒްތަކަށް، ފެމިލީސްތަކަށް ހުއްޓުމެއްނެތި، އަޅުގަނޑުމެން އެ މަސައްކަތްތައް ކުރާނަމޭ. ކުރިޔަށް އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ، މާ ފުރިހަމައަށް އަދި މާ ފަހިކޮށް ކުރިޔަށް އޮތް އަހަރުތަކުގައި އެ ކަންތައްތައް ރައްޔިތުންނާ ހަމައަށް ކުރިޔަށް ގެންދެވޭނޭ.

އާދެ، މިހާ ހިސާބަކުންވެސް ނުނިމޭ. އެނގިވަޑައިގަންނަވާނެ، މުޅި ދުނިޔޭގެ ދިރިއުޅުމުގެ ފެންވަރު ބަދަލުވެ، ދިރިއުޅުމަށް ކުރަންޖެހޭ ޚަރަދުތައް އިންތިހާ ދަރަޖައަށް ބޮޑުވެގެން ހިނގައްޖެ. އަޅުގަނޑުމެން އެމެރިކާއަށް ބެލިޔަސް، އިނގިރޭސިވިލާތަށް ބެލިޔަސް، ސިންގަޕޯރ އަށް ބެލިޔަސް އަދި އެންމެ ކައިރީގައި އޮތް ސްރީލަންކާއަށް ބެލިޔަސް. ތިޔަބޭފުޅުން ވަޑައިނުގަންނަވާ ޤައުމެއް ނޯންނާނެ. މިއިން ކޮންމެ ޤައުމަކަށް ބަލައިލިޔަސް، މީގެ ތިން އަހަރާއި މިއަދާ އަޅުގަނޑުމެން އަޅައިބަލައިފި ކަމަށްވަންޏާ ދިރިއުޅުމަށް ކުރަންޖެހޭ ޚަރަދު ގާތްގަނޑަކަށް ހަމަ ދެގުނައަށް، އެބަ އަރާ. ބައެއް ދާއިރަތަކުން ހަމަ ގައިމުވެސް ހުރީ އެހިސާބުގައި. ކާބޯތަކެއްޗާއި އެ ނޫން ކަންތައްތަކަށް ބަލައިފި ކަމަށްވަންޏާ ސާޅީހަކަށް ޕަސެންޓް އިތުރުވެގެން ހިނގައްޖެ. އަޅުގަނޑު މި ދެންނެވީ ތަކެތި އުފައްދާ މީހުންގެ ވާހަކަ. ޗީޕް ލޭބަރގައި ތަކެތި އުފައްދާ މީހުންގެ ހާލަތުވެސް އޮތީ އެގޮތަށް. އަޅުގަނޑުމެންނަކީ އެ މީހުން އުފެއްދީމަ އެ ތަނުން ތަކެތި ގަނެގެން ގެނެސް އެއްޗެހިތައް ވިއްކައިގެން ނުވަތަ އެއްޗެހިތައް ބޭނުންކުރާ މީހުން. އެހެންވީމާ، އަޅުގަނޑުމެން މޮޅު މީހެއްގެ، މޮޅު ވިސްނުމެއް އެކަމުގައި ބޭނުންކުރަންޖެހޭ. އެހެންނޫނީ އަގުން ސާޅީސް ޕަސެންޓް ބޮޑުވާކަމުގައިވަންޏާ މިތަނުގައި އަށްޑިހަ ފަސެންޓް ބޮޑުވެގެން ދާނެ.

އެހެންވީމާ، މިއަދުގެ ސަރުކާރުން މި ހުރިހާ ކަމަކަށް ވިސްނައި މަސައްކަތްތަކެއް އެބަ ކުރެވޭ. އެނގިވަޑައިގަންނަވާނެ، މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފުރަތަމަ ދުވަހުން ފެށިގެންވެސް ފެށްޓެވި މަސައްކަތަކީ މަސައްކަތްތެރިންނަށް ފުރިހަމަ އުޖޫރައެއް ދިނުމުގެ މަސައްކަތް.

އާދެ، މިހާރު މިވަނީ ޞިއްޙީ ދާއިރާގައި މަސައްކަތް ކުރާ ތިންހާސް ހަތްސަތޭކައަށްވުރެ ގިނަ ފަރާތްތަކަށް އެ ބަދަލު ގެނެވިފައި. އަދި ކުރީގައި އެހެނިހެން ސެކްޓަރ ތަކަށްވެސް މި ބަދަލު ގެނެވިފައި ވެއްޖެ. މީގެ ތެރެއިން ހަމަ އެއްވެސް ބަޔަކު ބާކީއެއް ނުވޭ. ރާއްޖޭގައި، ދިވެހި ދައުލަތުގައި، ދިވެހި ފަސްގަނޑުގައި، ދިވެހި ރަށެއްގައި ހުރެގެން މަސައްކަތްކުރާ ކަމަށްވަންޏާ އެއީ ދިވެއްސެއް. އެ މީހަކު އެ ކުރާ މަސައްކަތެއްގެ ފައިދާ މުޅި ޤައުމަށް، ހުރިހާ ޢާއިލާތަކަށް ކުރަނީ. ރާއްޖޭގެ ކުރިއެރުމާ ގުޅިފައި ހުރީ. ވަކި ދާއިރާއަކުން ކުރާ މަސައްކަތަކީ އެއީ ވަކި ބައެއްގެ ގޮތުގައި މި ސަރުކާރަކުން ނުދެކޭ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެހެން ދެކިވަޑައިނުގަންނަވާ. މުޅި ޤައުމަކީ އެއް ޤައުމެއްގެ ގޮތުގައި. މުޅި ރައްޔިތަކީ، އެއް ރައްޔިތެއްގެ ގޮތުގައި، ހުރިހާ އެންމެން ކުރާ މަސައްކަތަކީވެސް އެއް މަސައްކަތެއްގެ ގޮތުގައި މި ބެލެވެނީ. އެއީ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތަކަށްވިޔަސް، މަސްވެރިކަން ކަމުގައިވިޔަސް، ދަނޑުވެރިކަން ކަމުގައިވިޔަސް، އެނގިވަޑައިގަންނަވާނެ، ގެނެވިފައި އޮތް ކުރިއެރުން. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ފުރިހަމަ އުޖޫރަ ހޯދައިދިނުމަށްޓަކައި މަސައްކަތްތަކެއް ކުރެވިއްޖެ. ބަދަލުތަކެއް ގެނެވިއްޖެ. މަސްވެރިކަމުގެ ދާއިރާގައި މަޑުޖެހުމެއްނެތި ކުރަމުންދާ މަސައްކަތްތައް ފެނިވަޑައިގަންނަވާނެ.

އެތަކެއް އަހަރުތަކެއް ވަންދެން ދިވެހި ސަރުކާރުންވެސް ނުކުރެވި އޮތް މަސައްކަތެއްގެ ފެށުން އައީ އިނގިރޭސިވިލާތާ އެކީގައި. ނިމިގެންދިޔަ ހަފްތާގައި. ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ތަފްސީލް ނުދިނަސް ކޮންކަމެއްކަން. އިރާދަކުރެއްވިއްޔާ، މަސްވެރިންނަށްވެސް އޭގެ ނަފާ، ޢާއިލާތަކަށް ހިތްހަމަޖެހުން، އިތުރު ފުރިހަމަ އަގުތައް އެއިންވެސް ލިބި، ޤައުމަށް އޭގެ ފައިދާތަކެއް ކުރާނެ.

އާދެ، އަޅުގަނޑަށް މިހާރު ދެވުނު ހިސާބެއްވެސް ނޭނގެ. ވާހަކަ ތަންކޮޅެއް ގިނައިން ދެއްކުނީ. އެއީ ކަންތައްތައް ގިނައިން ކުރެވިފައި އޮތީމާ، އެ ވާހަކަތައް އަޅުގަނޑަށް ހަމަ ދެއްކެނީ.

އާދެ، އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުން، މިނިސްޓަރ ނަސީމް. އަޅުގަނޑާ ވަރަށް ނަންވެސް އެއްގޮތް. އަނެއްކާ އަޅުގަނޑު ބައްޕަގެ ނަން. އެގޮތުންވެސް އަޅުގަނޑާ ޚާއްޞަ ގާތްކަމެއް އޮވޭ، މިނިސްޓަރ އަޙްމަދު ނަސީމާ، ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރެއްވިއިރުވެސް. ބަލާލުމަކަށް ހަމަ ގައިމުވެސް އުމުރުގައި އެހާ ތަފާތު ހުރިހެންނެއް ހިއެއް ނުވާނެ. ދެން އެހެންނަމަވެސް، އަޅުގަނޑަށްވުރެ އުމުރުން ދުވަސްވީ ބޭފުޅެއް. އެހެންނަމަވެސް، އެއްވެސް ވަރަކަށް އެ އިޙްސާސެއް ނުކުރެވޭ އުމުރުގެ އެ ތަފާތުކަމެއް. އެމަނިކުފާނަކީ ތަޖުރިބާގެ ގޮތުން ބަލައިފި ކަމަށްވަންޏާ، އަޅުގަނޑު ދަންނަވާނީ، ހަމަ ކަށަވަރުންވެސް މިހާރު ދިވެހިރާއްޖޭގައި ސަރުކާރުގެތެރޭގައިވެސް އަދި އެ ނޫން ދާއިރާއެއްގައިވެސް، އެމަނިކުފާނުފަދަ ތަޖުރިބާކާރު ބޭފުޅަކު ނެތޭ އަޅުގަނޑު ދަންނަވަން، ކުޑަކުޑަކޮށް މި ވިސްނާލަނީ، އެފަދަ މީހަކު ހުރިތޯ. އަޅުގަނޑަކަށް ހަމަ ހިއެއް ނުވޭ މިނިސްޓަރ ނަސީމް ފަދަ، ހުރިހާ ދާއިރާއަކަށް ބަލައިފި ކަމަށްވަންޏާ، ތަޖުރިބާކާރު ބޭފުޅަކު ދިވެހިރާއްޖޭގައި ހުރިހެނެއް. އަޅުގަނޑަށް ހަމަ ހިއެއް ނުވޭ. މިއީ، އެހެން ބޭފުޅަކާ ދިމާއަށް އަޅުގަނޑަށް ދެންނެވޭ ކުޑައިމީސް ބަހަކަށް ނުވާނެ.

އެއީ ފަތުރުވެރިކަމަށް ބެލިކަމުގައި ވިޔަސް އަޅުގަނޑުމެންގެ މުޅި އިޤްތިޞާދު އިނގޭތޯ. އަޅުގަނޑުމެންނަށް މިގޮތަށް ދިރިއުޅުމުގެ އަސްލަކަށް ވެގެންދާކަން މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން. އޭގެ ފެށުންވެސް އަޅުގަނޑުމެންނާ ހަމައަށް ގެނެސްދެއްވައި، ފެށްޓެވި ބޭފުޅަކީ ހަމަގައިމުވެސް މިނިސްޓަރ އަޙްމަދު ނަސީމް. ވަރަށް ގިނަ މަސައްކަތްތައް ކުރެއްވި. ދިވެހިރާއްޖޭގައި ހިނގާދިޔަ ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް، އެއީ، އައްޑޫގައި ހެދި ހޮޓަލަކަށްވިޔަސް. އަޅުގަނޑުމެންނެއް ހަނދާނެއް ނެތް. އަޅުގަނޑުމެން އަޑުއަހަނީ. ލިޔުންތަކުން ފެންނަނީ. ދެން މީހުން ދައްކާ ވާހަކަ އަޑުއަހަނީ. މިވެނިކަމެއްވެސް ކުރެއްވިޔޭ. މިވެނި މަގެއް ހެދުމުގައި މަސައްކަތް ކުރެއްވިޔޭ. މިވެނި ހޮޓަލެއް މީގެ ސާޅީސް، ފަންސާސް އަހަރު ކުރިން ހެދުމުގައިވެސް އެކަމުގައިވެސް އެންމެ އިސްކޮށް ހުންނެވީ މިނިސްޓަރ ނަސީމޭ. އެތައް ކަންތައްތަކެއް ކުރެއްވި، ސަރުކާރުގެ ތެރޭގައްޔާއި އަމިއްލަ ގޮތުން. އަދި އެހާ މޮޅަށް ކުޅިވަރުވެސް ކުޅުއްވި. އެހެންވީމާ، ހުރިހާ ދިމާއަކުންވެސް ވަރަށް ކާމިޔާބު ބޭފުޅެއްގެ ގޮތުގައި އަޅުގަނޑަށް މިނިސްޓަރ ނަސީމް މި ފެންނަނީ. ދެން އަޅުގަނޑަށް ހަމަ ގައިމުވެސް ވަރަށް ގިނަ ނަސޭހަތްތައް ދެއްވާ. އަޅުގަނޑަށް ވަރަށް ގިނަ އިރުޝާދު ދެއްވާ. އަޅުގަނޑުމެން ދެ މީހުންނަކީ ވަރަށް ގިނައިން ގުޅާ އެކި ކަންތައްތަކާ ގުޅޭގޮތުން ވާހަކަދައްކާ ދެމީހުން. އަދި ހެލްތު ދާއިރާ ނޫނަސް، އެހެން ކަންތައްތަކުގައި ވަރަށް ގިނަ އިރުޝާދު ދެއްވާ މިނިސްޓަރ ނަސީމް. އެއީ އެބޭފުޅާގެ ތަޖުރިބާއާ އެއްގޮތަށް ހުރީތީވެ.

އާދެ، މިއަދު އަޅުގަނޑުމެންނަށް ތިޔަބޭފުޅުންނާ ހަވާލުކުރެވިގެން ދިޔަ ތަކެއްޗާ، މި ކަންތައް ކުރުމުގައިވެސް މިނިސްޓަރ ނަސީމުގެ ރޯލް ވަރަށް ބޮޑު. ވަރަށް ގިނަގުނަ މަސައްކަތްތަކެއް އެ މަނިކުފާނު މިނިސްޓްރީ އޮފް ހެލްތުގެ މަސައްކަތްތަކާ ހަވާލުވެވަޑައިގެންނެވި ފަހުންވެސް ކުރެއްވި. ކޯވިޑްގެ ތެރޭގައި ހަވާލުވެވަޑައިގަތީވެސް. އެދުވަސްވަރުގެ ކަންތައްތަކުގެ ވާހަކަ އަޅުގަނޑަށް ދެއްކިއްޖެ. އެކަމުގައިވެސް މިނިސްޓަރ ނަސީމް އެކަމުން އަރައިގަތުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ވަރަށް ބޮޑަށް ކުރެއްވި. ކުރަންޖެހުނީ ވަރަށް ގިނަ މަސައްކަތްތައް. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެއީ ވެކްސިނޭޝަން ކަމުގައިވިޔަސް، ވެކްސިން ހޯދުން ކަމުގައިވިޔަސް، ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި. އަޅުގަނޑުމެންނަށް މިއަދު މި ފެންނަ ކުރިއެރުމުގައި އަޅުގަނޑު ދަންނަވާނީ ހަމަ ވަރަށް ބޮޑު ހިއްސާދާރެކޭ އެއީ. ރާއްޖޭގައި ޚާއްޞަކޮށް، ހެލްތު ދާއިރާގައި އަޅުގަނޑުމެންނަށް މި ގެނެވޭ ކަންތައްތަކަކީ، ކުރިއެރުންތަކަކީ މިނިސްޓަރ ނަސީމް އޭގައި ވަރަށް ބޮޑަށް ހިމެނިވަޑައިގަންނަވާ ކަންތައްތައް. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު ހަމަ، އަޅުގަނޑުގެ އަމިއްލަ ނަމުގައްޔާއި، މިތަނުގައި މި ތިއްބެވި ހެލްތު ދާއިރާގެ ހިންގުންތެރި ހުރިހާ ބޭފުޅުންނާއި އަދި މިނިސްޓްރީ އޮފް ހެލްތުގެ ބޭފުޅުންގެވެސް ނަންފުޅުގައި އަޅުގަނޑު ހަމަ މިނިސްޓަރ ނަސީމަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ހެލްތު ދާއިރާ، ރާއްޖޭގެ އެކިއެކި ސެކްޓަރތައް ތަރައްޤީކޮށް ރައްޔިތުންނަށް ފަސޭހަ ޚިދުމަތްތަކެއް، އަވަސް ހަލުވި ޚިދުމަތްތަކެއް ހޯދައިދިނުމަށްޓަކައި ރެޔާއިދުވާލު ކުރައްވާ ބުރަ މަސައްކަތް އެންމެ ގާތުން ފެންނަ އެކަކީ އަޅުގަނޑު. ވަރަށް ސާފުކޮށް އަޅުގަނޑަށް ފެންނާތީ އަޅުގަނޑު މި ދަންނަވަނީ. އަޅުގަނޑެއް އަޑެއްވެސް ނާހަން، ކުރީގައިވެސް އަޅުގަނޑަކަށް އަޑެއްވެސް ނީވޭ އެގޮތަށް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ވާހަކަ. އަޅުގަނޑު ދަންނަވައިފިން ކުރީގައި، ސްޓޭޓް މިނިސްޓަރ ޢާދިލްވެސް ވިދާޅުވި ކަމެއް. ބޭނުންވެއްޖިއްޔާ ދާއިރާއަށް އަޅުގަނޑުމެން ޖެހެނީ ސްކޭން މެޝިނެއްވެސް ދޭން. ޑެންޓަލް މެޝިނެއްވެސް ދޭން. ލޮލުގެ ފަރުވާ ކަންތައްވެސް ހަމަޖައްސައިދޭން. މެޑިކަލް ކޭމްޕްތަކަށް ސްޕެޝަލިސްޓުންވެސް ގެންދަން.އަދި ތަން ކުޑަވެއްޖިއްޔާ އިމާރާތްވެސް އަޅަން ޖެހެނީ އަމިއްލައަށް. ވީލް ޗެއަރވެސް އަދި ސްޓްރެޗަރ އެއްޗެހިވެސް، ވަކި އެއްޗެއް ނޫން. އެކަމު މިއަދު އެއަށްވުރެ މާ ޒިންމާދާރުކޮށް، ވަރަށް ޒިންމާދާރުކޮށް އެކަންތައް ކުރެވެނީ. އެހެންވީމާ، އެކަމަށްޓަކައި ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާއަށާއި، ހެލްތު މިނިސްޓަރަށް އަދިވެސް އެއްފަހަރު އަޅުގަނޑު ޝުކުރު އަދާކުރަން.

އާދެ، އަޅުގަނޑުމެންނަށް މި ކަންތައްތައް ކުރިޔަށް މި ގެންދެވެނީ ފަހަތުގައި ވަރަށް ގިނަ ބަޔަކު ތިބީތީވެ. އެއްވެސް ޝައްކެއްނެތް. އަޅުގަނޑުމެންނަށް ހަމައެކަނި އަދި މިނިސްޓްރީގައި އޮންނަ ޓީމަކުންވެސް މިކަމެއް ނުކުރެވޭނެ. އަޅުގަނޑުމެންނަށް މި މަސައްކަތް ކުރިޔަށް މިގެންދެވެނީ ޚާއްޞަކޮށް، ރާއްޖޭގެ ރަށްރަށުގައި މި ކަންތައްތައް ހިންގަން، ވަރަށް ހީވާގި ކަމާއެކު މިކަންތައް ހިންގަން ބަޔަކު ތިބީތީވެ. އާދެ، ހޮސްޕިޓަލް ހިންގަވަން ތިއްބެވި ފަރާތްތަކާއި އަދި އެބޭފުޅުންނާ އެކީގައި މަސައްކަތް ކުރައްވާ ހީވާގި ޓީމް އަސްލު ބަޔަކީ. އެހެންވީމާ، ތިޔަބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޚާއްޞަކޮށް، އަތޮޅުތަކުގެ އަތޮޅު ހޮސްޕިޓަލްތަކާއި އަދި ހެލްތު ސެންޓަރުތައް ހިންގަވަން ތިއްބެވި ބޭފުޅުންނަށާއި އަދި ތިޔަބޭފުޅުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތިޔަބޭފުޅުން ތިޔަކުރައްވާ މަސައްކަތަށް އަދި ވަކިން ޚާއްޞަކޮށް، ކޯވިޑްގެ އެ ދުވަސްތަކުގައި އެ ކަންތައް މެނޭޖް ކުރެއްވުމުގައި، ހޮސްޕިޓަލްތަކުން އެ ކުރެއްވި މަސައްކަތް ފާހަގަކޮށް، އަޅުގަނޑަށް ޝުކުރު ދެންނެވެން އޮތް އެންމެ ބޮޑު މިންވަރަކަށް ތިޔަބޭފުޅުންނަށް އަޅުގަނޑު މިއަދު ޝުކުރު ދަންނަވަން.

މި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންވެސް އެބަތިއްބެވި. އަޅުގަނޑުމެންނަށް ވަރަށް ގާތުން މަސައްކަތްކުރެވޭ. އެނގިވަޑައިގަންނަވާނެ، މި ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކީ ރައްޔިތު މީހާ އޭނާގެ ދުލުން އެބުނާ އެއްޗެއް އަޑު އެއްސެވުން. ރައްޔިތު މީހާ، ރައްޔިތުން ބޭނުންވަނީ ކޮން ކަންތައްތަކެއްތޯ ބެލުން. އެއްވެސް ވަރުބަލިފުޅުވުމެއް ނެތި ރަށްރަށަށް ވަޑައިގެން، ރައްޔިތު މީހާގެ ގާތަށް ވަޑައިގެން އަޑުއައްސަވަނީ. ކޮން ކަމެއްތޯ ދެން ބޭނުންވަނީ. މި ކުރާ ކަންތައްތަކަކީ އެންމެ ރަނގަޅަށް ކުރެވޭ ކަންތައްތޯ. މި ބަނދަރު މި ހެދެނީ އެންމެ ރަނގަޅަށްތޯ. މި މަގު މި ހެދެނީ އެންމެ ރަނގަޅަށްތޯ. އިންޖީނުގެ ނޫނީ އެ ނޫންވެސް ހެލްތު ދާއިރާ އަދި ތަޢުލީމީ ދާއިރާ އެންމެ ރަނގަޅަށްތޯ. އެ ހުރިހާ ބަދަލުތަކެއްވެސް ރައްޔިތުން ބޭނުންވާގޮތަށް އެބަ ގެނެވޭ.

އަޅުގަނޑުމެންނަށް ރައްޔިތުންނާއި ސަރުކާރާ ދެމެދުވެސް ވަރަށް ބޮޑު ފާލަމެއްގެ ގޮތުގައި މި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. ތިޔަބޭފުޅުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާ. އަޅުގަނޑުމެންނާ ވަރަށް ގުޅިގެން އެކުގައި ޤައުމު އާރާސްތު ކުރުމަށްޓަކައި، ރައްޔިތުން އެންމެ ބޭނުންވާގޮތަށް ކަންތައްތައް ކުރުމަށްޓަކައި މިއަދު މަސައްކަތްތަކެއް އެބަ ކުރެވޭ. އެކަމަށްޓަކައި މިއަދު ޚާއްޞަކޮށް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަޅުގަނޑުވެސް ކުރިކަމަކަށްވީތީ އެތަނުގައި ހުންނަ މީހަކަށް ކިހާ ބާރެއް ކުރާނެކަން، ކިހާ ޚިޔާލުތަކެއް އަންނާނެކަން، ކިހާ ފޯން ކޯލްތަކެއް އަންނާނެކަން، ކިހާ ކަންތައްތައް ބޭނުންވާ ގޮތް ހާމަ ކުރައްވާނެކަން އެނގޭތީވެ، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ނިންމާލުމުގެ ކުރިން އަޅުގަނޑު ދަންނަވާލަން އޮތީ، އިރާދަކުރެއްވިއްޔާ، ރައްޔިތުން އެދޭ މަންޒިލަށް ޞިއްޙީ ދާއިރާގެ ކަންތައްތައް އަޅުގަނޑުމެން ގެންދާނަން. މި ސަރުކާރުން އިރާދަކުރެއްވިއްޔާ، އެ ކަންތައްތައް ކުރިޔަށް ގެންދާނެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަސައްކަތް ފަށްޓަވާފައި އޮތީ، މި ކަންތައްތައް ކުޑަގޮތަކަށް ނިންމާލާކަށް ނޫން. ރައްޔިތުންނަށް ބޭނުންވާ މި ކަންތައްތައް ފުރާފުރިހަމަ ކުރުމާ ހަމައަށް ބޮޑު ގޮތަކަށް ކުރިޔަށް ގެންދަން.

އަޅުގަނޑުގެ އުންމީދަކީ، اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ވާގިފުޅާއެކު މި ކަންތައްތައް ރައްޔިތުންނަށް އެންމެ ބޭނުންވާގޮތަށް ފުރިހަމަ ކުރުމުގެ އެ ހިތްވަރާއި އެ ތައުފީޤު އަޅުގަނޑުމެންނަށް ލިބިގެން ދިޔުން.

އާދެ، ނިންމާލުމުގެ ކުރިން ހުރިހާ ބޭފުޅުންނަށްވެސް އަދިވެސް އެއްފަހަރު އަޅުގަނޑު ޝުކުރު އަދާކުރަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް އަބަދުވެސް ހެޔޮ ވިސްނުން ދެއްވައި، ދުޅަހެޔޮ ރަނގަޅު ޞިއްޙަތެއްގައި ތިބުމުގެ ނަސީބު اللَّـهُ سُبْحَانَهُ وَتَعَالَىٰ މިންވަރު ކުރެއްވުން. ކޮންމެ ފަދަ ހާލަތެއްގައިވެސް ޤައުމީ މަސްލަހަތު، ހަމަޖެހުމަކީ އެންމެ މުހިއްމުކަން ކަމުގައި އަޅުގަނޑުމެންގެ ވިސްނުމުގައި ލައްވައި، އަމާން ރާއްޖެއެއް ދެމެހެއްޓުމުގެ ހިތްވަރު އަޅުގަނޑުމެންނަށް ދެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.