بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

މި އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު ދުވަހާ ބައްދަލުވުމުގެ އުފަލާއި ހިތްހަމަޖެހުން މިންވަރު ކުރެއްވިކަމަށްޓަކައި، اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަމެވެ. އަދި މި އުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި އަޚުންނާއި އުޚުތުންނަށް، އަޅުގަނޑުގެ ހިތުގެ ލޯތްބާއި އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ. އަޟްޙާ ޢީދުގެ މި ތަހުނިޔާގައި، މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ވަޑައިގެން މިވަގުތު މައްކާގެ މާތް ބިމުގައި ތިއްބެވި، އަޅުގަނޑުމެންގެ ލޮބުވެތި އަޚުންނާއި އުޚުތުން ވެސް ޝާމިލުކުރަމެވެ. ހަމައެފަދައިން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހައި މުސްލިމް އަޚުންނާއި އުޚުތުންނަށް ވެސް މި އުފާވެރި ޢީދު ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުވަމެވެ.

އުފާ ފާޅުކޮށް އެކަކު އަނެކަކަށް ތަހުނިޔާ ކިޔައި ހަދިޔާ ބަދަލުކޮށް އުޅުމުގެ ދުވަސްތަކެއް، އަޅުގަނޑުމެންގެ ދީނުގައި ކަނޑައަޅުއްވާފައިވަނީ ވަރަށް މަތިވެރި އިލާހީ ޙިކްމަތަކަށްޓަކައެވެ. އިސްލާމީ އެއްބަނޑުއެއްބަފާކަން އާލާކުރުމާއި، ޢާއިލީ ގުޅުންތައް ބަދަހިކުރުމާއި، އިޖްތިމާޢީ މަޞްލަޙަތުތައް ރައްކާތެރިކުރުމަކީ، ޢީދު ފާހަގަކުރުމުގައި ޙާޞިލުކުރަންޖެހޭ އެންމެ މަތިވެރި މަޤްޞަދުތަކެވެ. އަޅުގަނޑުމެންނަށް ކަނޑައެޅިފައިވާ ދެ ޢީދާއި އެ ދެ ޢީދުގެ ކުރިން ފުރިހަމަކުރާ އަޅުކަންތަކުންވެސް މި މަޤްޞަދުތައް ޙާޞިލުކުރުމަށް މަގު ފަހިކޮށްދެއެވެ.

މި މަތިވެރި ޢީދުގައި އަޅުގަނޑުމެން އުފާ ފާޅުކުރާއިރު، އިސްނަގަންވީ ޢާއިލާގެ ތެރެއިންނެވެ. މައިންބަފައިންނާ ބައްދަލުކޮށް، އިޙްތިރާމާއި އޯގާތެރިކަމާއެކު ޢީދުގެ ތަހުނިޔާ ކިޔައި ގުޅުން ބަދަހިކުރައްވާށެވެ. އަނބިދަރިންނަށް ހަދިޔާ ދީ، ލޯތްބާއި ކުލުނާއެކު ޢީދުގެ އުފާ ފާޅުކުރައްވާށެވެ. ގާތްތިމާގެ މީހުންނަށާއި ރައްޓެހި ރަޙުމަތްތެރިންނަށް ޒިޔާރަތް ކުރައްވައި، ހިތްހެޔޮކަމާއި އެކުވެރިކަމާއެކު ޢީދުގެ ތަހުނިޔާ ބަދަލުކުރައްވާށެވެ. އުފާވެރި ހިނިތުންވުމަކާއެކު ކޮންމެ މީހަކާ ވެސް ބައްދަލުކޮށް، މުޖްތަމަޢުގައި ހިތްހަމަޖެހުމާއި އަމާންކަން ފެތުރުމަށް މަސައްކަތް ކުރައްވާށެވެ.

މިފަދަ އުފާވެރި ކޮންމެ މުނާސަބަތަކީ، އަޅުގަނޑުމެންގެ ތެރޭގައި ތިބި ނިކަމެތިންނާއި ފަޤީރުންނާއި މިސްކީނުންގެ މަތިން ހަނދާންކޮށް، އެމީހުންނަށް އެހީތެރިވެ، އެމީހުންނަށް ވެސް އުފަލާއި ހިތްހަމަޖެހުން ހޯދައިދިނުމަށް، މުޅި މުޖްތަމަޢު އެކުގައި މަސައްކަތް ކުރަންޖެހޭ މުނާސަބަތެކެވެ. ފޯރުންތެރިކަމުގެ އަހުލުވެރިން އިސްނަގައި، ނިކަމެތިންނަށް އެހީތެރިވެދިނުމުގެ މޫސުމެކެވެ. ވަކިން ޚާއްޞަކޮށް، ޢާއިލާގެ ތެރޭގައި އެފަދަ މީހަކު ނުވަތަ ބަޔަކު ތިބިނަމަ، އެ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސްނެގުމަށް ސަމާލުކަން ދެއްވާށެވެ.

އަޟްޙާ ޢީދާ ގުޅިފައިވާ ޙައްޖުގެ މަތިވެރި އަޅުކަމުގައި ހިމެނޭ ކޮންމެ ކަމަކުން ވެސް ރަމްޒުކޮށްދެނީ، އިންސާނީ ދަރިފަސްކޮޅުގެ މެދުގައި އޮންނަންވީ ގާތް ގުޅުމާއި، އެކަކު އަނެކަކަށް އެހީތެރިވެ އެއްބާރުލުންދީ، ހެޔޮ ފޯރުވައި އުޅުމުގެ މުހިންމު ކަމެވެ. ޙައްޖުގެ އަޅުކަމުން ލިބިދޭ އެންމެ މަތިވެރި ޢިބްރަތަކީ، އެންމެހައި އިންސާނުންގެ ހަމަހަމަކަމާއި، އިންސާނީ ކަރާމާތްތެރިކަމުގެ އަގު މާތް ކަމެވެ. މިފަދަ މަތިވެރި އަޅުކަމަކާ ވިދިގެން އަންނަ މި އުފާވެރި ޢީދު ދުވަހުގައި، މި މަތިވެރި ފިލާވަޅުތަކުން އަޅުގަނޑުމެން ޢިބްރަތް ޙާޞިލުކުރަންޖެހޭނެއެވެ.

ޢީދުގެ އެންމެ މަތިވެރި މަޤްޞަދަކީ، އެކަކު އަނެކަކަށް މަޢާފްކޮށް ހިތްހެޔޮކުރުމެވެ. ޒާތީ ޙަސަދަ އާއި ނަފްރަތުން އެއްކިބާވެ، އަޚުވަންތަކަމުގައި ދެމިތިބުމެވެ. ރުޅިވެރިކަމާއި އަނިޔާވެރިކަމުން ދުރުހެލިވެ، ރަޙްމަތްތެރިކަމާއި އޯގާތެރިކަމާއެކު، އެންމެން ގުޅިގެން ދިރިއުޅުމުގެ ހިތްހަމަޖެހުން ހޯދުމެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ހިތްތަކުގައި ކިތަންމެ ކުޑަ މިންވަރެއްގެ ވިޔަސް، ޙަސަދަވެރިކަމާއި ޢަދާވާތްތެރިކަމެއް ނުބޭއްވުމަށް ޢަޒުމް ކަނޑައަޅައި އެ ގޮތުގައި ދެމިހުރުމުގެ މަސައްކަތް ފެށުމަށް މިއީ ނުހަނު ރަނގަޅު މުނާސަބަތެކެވެ.

އަޟްޙާ ޢީދުގެ މި އުފާވެރި ދުވަސްތަކަކީ، އަޅުގަނޑުމެންގެ މެދުގައި އިސްލާމީ އުޚުއްވަތްތެރިކަން ހަރުދަނާކޮށް، ޢާއިލީ ގުޅުންތައް ހަރުދަނާ ކުރުމުގެ ތަނަވަސް ފުރުޞަތެއް ކަމުގައި ލެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ދުޢާ ދަންނަވަމެވެ. އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދަމަހައްޓަވައި، ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުން ދަމަހައްޓަވާށިއެވެ. އެންމެހައި ދިވެހިންނަށް ފާގަތިކަމާއި ތަނަވަސްކަން މިންވަރު ކުރައްވައި، ދިވެހިރާއްޖެއަށް ހުރިހާ ގޮތަކުން ވެސް ކާމިޔާބާއި ކުރިއެރުން މިންވަރު ކުރައްވާށިއެވެ.

ޢީދު މުބާރަކް