بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އަޅުގަނޑަށް އެންމެ ދަތިވަނީ، ޢާންމުކޮށް ތިޔަބޭފުޅުންގެ ކުރިމަތީގައި ހުރެގެން އެއްޗެއް ދަންނަވާލަން. އެއީ، އަޅުގަނޑު އަބަދުވެސް ބޭނުންވެފައި ހުންނަނީ، އަޅުގަނޑުގެ ކުރިމަތީގައި މިގޮތަށް ތިޔަބޭފުޅުން ތިއްބަވައިގެން، އަޅުގަނޑަށް ކޮންމެވެސް އެއްޗެއް ވިދާޅުވެދެއްވުމަށް ކަމަށްވާތީ. ކޮންމެވެސްކަހަލަ ނަސޭހަތެއްގެ އަޑުއަހާލުން، އެއީ އަޅުގަނޑު އެންމެ ބޭނުންވާ ކަމަކަށްވަނީ. އެހެންވީމާ، އަޅުގަނޑަށް ތަންކޮޅެއް އުނދަގޫވޭ.

އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޤައުމަށް އަދި އަޅުގަނޑުމެންނަށް ފައިދާކުރާ، މުޖުތަމަޢަށް ފައިދާކުރާ، ރައްޔިތުންނަށް ބޭނުންވާ ކޮންމެ ކަމެއް، ކޮންމެ ބަޔަކު ކުރި ކަމަށްވިޔަސް، އެ ކަމެއްގެ އަގު ވަޒަންކޮށް، އެކަމަކަށް އަޅުގަނޑުމެން ޝުކުރު އަދާކުރުމަކީ އެއީ، އަޅުގަނޑުމެންނަށް ލިބޭ ހިތްހަމަޖެހުމެކޭ. އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ އަޅުގަނޑުމެން ކުރަންވެސްޖެހޭ ކަމެއް.

އެހެންވީމާ، މިއަދު އަޅުގަނޑު މި ފުރުޞަތުގައި އެންމެ އިސް ވާޖިބެއް ކަމުގައި މި ދެކެނީ، މިނިސްޓަރުވެސް އެ ވިދާޅުވިގޮތަށް، 1444 ވަނަ އަހަރު، ރަމަޟާން މަހު، ޚާއްޞަކޮށް، ތިޔަބޭފުޅުން އަޅުގަނޑުމެންގެ ރައްޔިތުންނަށްޓަކައި، ޤައުމަށްޓަކައި، އެ ދެއްވި ވަގުތުތަކާއި، އަދި ރާއްޖޭގެ އެކި އަތޮޅުތަކަށް، ރަށްތަކަށް ވަޑައިގެން، އެ ކުރެއްވި މަސައްކަތްތައް ޚާއްޞަކޮށް، މުޖުތަމަޢުގެ ކަންތައްތައް ރަނގަޅުކުރުމަށްޓަކައި ތިޔަބޭފުޅުން އެ ދެއްވި ނަސޭހަތްތަކާއި، އެ ކަންތަކަށް އަޅުގަނޑުގެ އަމިއްލަ ނަމުގައި، އަދި ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ނަންފުޅުގައި، އެކަމުގައި ޝާމިލުވެވަޑައިގެންނެވި ހުރިހާ ޢިލްމުވެރިންނަށާއި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދެންނެވުން.

އެނގިވަޑައިގަންނަވާނެ، މިދިޔަ އަހަރުވެސް ހަމަ މިގޮތަށް ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމުގެ ފުރުޞަތު އަޅުގަނޑުމެންނަށް ލިބުނު. ރަމަޟާން މަހަށްފަހު އަޅުގަނޑުމެން ބައްދަލުކުރިން. މި އަހަރު ތަންކޮޅެއް ލަސްވެއްޖެ. ދިމާވި އެކިއެކި ސަބަބުތަކާ ހެދި، ތަންކޮޅެއް ފަސްކޮށްލަން މި ޖެހުނީ. އެހެންނަމަވެސް، ރަމަޟާންމަސް ނިމުނުއިރުވެސް އަޅުގަނޑުމެން އޮތީ ނިންމާފައި، އިރާދަކުރެއްވިއްޔާ، ވީހާވެސް އަވަސް ފުރުޞަތެއްގައި، ކުރީ އަހަރުވެސް އަޅުގަނޑުމެން އެ ބޭއްވިގޮތަށް މި ބައްދަލުވުން ބާއްވާފައި، ހަމަ ތިޔަބޭފުޅުންނަށް ޙައްޤު ޝުކުރު އަދާކުރުމަށް. އަދި އަޅުގަނޑުމެން އެކަން ކުރަންޖެހޭނެ ކަމަށް. އެހެންވީމާ ތަންކޮޅެއް ފަސްވިކަމަށްޓަކައި، އަޅުގަނޑު މަޢާފަށްވެސް އެދެން.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ޤައުމުގައި ޚާއްޞަކޮށް، ވޭތުވެދިޔަ އަހަރުތަކުގައި އަދި މި ހަތަރު އަހަރު ވޭތުވެގެން ދިޔައިރު، ވަރަށް ގިނަ މަސައްކަތްތައް ޚާއްޞަކޮށް ޢުމްރާނީ ތަރައްޤީގެ ވަރަށް ގިނަ މަސައްކަތްތައް ކުރެވެމުން އެބަދޭ. ރާއްޖޭގެ އެކިއެކި ރަށްރަށުގައި، އަތޮޅުތަކުގައި، މާލޭ ސަރަޙައްދުގައި، ގިނަ ކަންތައްތަކެއް ކުރެވެމުން އެބަދޭ. އަޅުގަނޑުމެންނަށް އާ ސްކޫލްތައް އެބަ އެޅޭ. ކްލާސްރޫމްތައް، އަދި ސްކޫލްތަކަށް ބޭނުންވާ ވަސީލަތްތައް އިތުރުކުރެވެމުން އެބަދޭ. ޞިއްޙީ ކަންތައްތައް ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަގުނަ މަސައްކަތްތައް. ވަރަށް ގިނަ ކަންތައްތަކެއް ކުރެވެމުން އެބަދޭ. މިސްކިތްތައް އަޅުގަނޑުމެންނަށް އެބަ ބިނާކުރެވޭ. މިސްކިތްތަކަށް ބޭނުންވާ އެހެނިހެން ކަންތައްތައް އެބަ ހަމަޖެއްސޭ. އަދި ޤުރްއާން ކުލާސްތަކާއި، ޤުރްއާން މަރުކަޒުތައް ހިންގުމުގެ މަސައްކަތްތައް އަޅުގަނޑުމެންނަށް އެބަ ކުރެވޭ.

ސަރުކާރުން ދުވަހަކުވެސް އަހަންމިއްޔަތުކަން ދީފައިނުވާ މިންވަރަށް ޚާއްޞަކޮށް މީހުން ބިނާކުރުމުގެ ދާއިރާއިން މަސައްކަތް ކުރެވެމުން އެބަދޭ. އަޅުގަނޑުގެ ކުރިމަތީގައި އެބަ އިންނެވި، މިހާރުވެސް އެ މަސައްކަތް އެންމެ އިސްކޮށް ކުރައްވާ އެއް ބޭފުޅެއް، އައި.ޔޫ.އެމް.ގެ ވައިސް ޗާންސެލަރ. ޔުނިވަރސިޓީތަކުންނާއި، ކޮލެޖުތަކުން، ސަރުކާރުގެ ސިޔާސަތުގެ ދަށުން، ގިނަ މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. ފަސްޓް ޑިގްރީއަށް ބެލިކަމުގައިވިޔަސް، އަދި މަސައްކަތްތެރިކަން ދަސްކޮށްދިނުމާއި، ސްކޫލްތަކުގައި ހިންގާ ޕްރޮގްރާމްތަކާއި، ވަރަށް ގިނަ ކަންތައްތައް އެބަ ކުރިއަށްދޭ. އެއްވެސް ހާލެއްގައި އަޅުގަނޑު މި ވާހަކަ މި ދަންނަވަނީ، ކޮންމެހެން އަޅުގަނޑުގެ މަގާމަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ވީމަ އެއްވެސް ނޫން. މިއީ ކުރެވެމުންދާ، ކުރާކަމަކަށްވާތީ، އަޅުގަނޑު ހަމަ މި ވާހަކަ ދަންނަވާލީ.

އެހެންނަމަވެސް، މި ހުރިހާ ކަމެއް މިގޮތަށް ދާއިރުވެސް، އަޅުގަނޑަށް ގަބޫލުކުރެވެނީ، އަދި އެއަށްވުރެ މުހިންމު ކަމެއް އެބައޮތޭ. މި ދެންނެވި ހުރިހާ ކަމެއް ފުރިހަމަވިޔަސް، ސްކޫލްތަކާއި، މިސްކިތްތަކާއި، އަދި އެހެނިހެން ކަންތައްތައް ފުރިހަމަވެގެން ދިޔަ ކަމުގައިވިޔަސް، އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވާ މާ މުހިންމު ކަމެއް އެބައޮތޭ. އެއީ ތިޔަބޭފުޅުންވެސް އެންމެ ގިނައިން ދައްކަވާ ވާހަކަ. އަޅުގަނޑުމެންވެސް އެންމެ ބޮޑަށް ބޭނުންވާ. ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަން ދެއްވާ، އެންމެ ބޮޑަށް އެ ކަމެއް ރަނގަޅުވުމަށްޓަކައި ބޭނުންވާ ކަމަކީވެސް އަޅުގަނޑުމެން އެކަކު އަނެކަކަށް އިޙްތިރާމްކޮށް، ރަނގަޅަށް ތަރުބިއްޔަތު ވެފައިވާ ދަރިންތަކެއްގެ މައްޗަށް އެކުލެވޭ މުޖުތަމަޢެއް އަޅުގަނޑުމެންގެ ތެރޭގައި އޮތުން. ކިތަންމެ ރަނގަޅު، ރީތި ސްކޫލަކުންވެސް އެ މަސައްކަތް އަޅުގަނޑުމެންނަށް ނުކުރެވޭ ކަމަށްވަންޏާ، އަންނަ ދަރިވަރުން، އަޅުގަނޑުމެންނަކަށް ނޭނގެ، ކިހިނެއް ކަމެއްވާނީ.

އެހެންވީމާ، އަޅުގަނޑު ވަރަށް އުފާކުރަން. އެބަ ތިއްބެވި މީގެ އަހަރުތަކެއް ކުރިންވެސް ހަމަ މިކަހަލަ މަސައްކަތްތައް ކޮންމެވެސް މިންވަރަކަށް ކުރެއްވި ބޭފުޅުން. އޭރުވެސް އަމިއްލަ ހައިސިއްޔަތުން އަޅުގަނޑު ބޭނުންވީ، މި ދެންނެވި ކަންތައްތައް. އަދި އަމުދުން މާ ބޮޑަށް، މިއަދު ސަރުކާރުގައި ޚާއްޞަކޮށް، އަޅުގަނޑަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބެއްގެ ގޮތުގައި، މިގޮތަށް މި ފުރުޞަތު ލިބިގެންދިޔައިމާ މާބޮޑަށްވެސް އަޅުގަނޑުމެން ބޭނުންވޭ، ޤައުމުގެ ހަމަޖެހުމާއި، ހެދިބޮޑުވެގެން އަންނަ ޖީލަކީ އެއީ، އެންމެ ބޭނުންވާ، އަޅުގަނޑުމެންގެ އިސްލާމީ ރިވެތި ސިފަތައް އެކުލެވޭ ތަހުޒީބު މުޖުތަމަޢެއް، އެންމެންނަށް ރީތިކޮށް އުޅެލެވޭކަހަލަ މުޖުތަމަޢެއްގެ ވެރިބަޔަކަށް ހެދުމަށް.

އެހެންވީމާ، އަޅުގަނޑު މި ދެންނެވީ، ސަރުކާރުން އެކަމަށް އެ ދެއްވާ ބޮޑު ސަމާލުކަމަކީ، މި ދެންނެވި ގޮތަށް ތަޢުލީމީ ފުރުޞަތުތައް އެކިއެކި ކޯސްތައް އަޅުގަނޑުމެންނަށް އެކި ރޮނގުރޮނގުން ހޯދައިދިނުން. ޚާއްޞަކޮށް، މީގައި އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، ވަކި ބަޔަކު ބާކީވެސްނުކޮށް، އަޅުގަނޑުމެން ވަރަށް ގިނަ ކަންތައްތައް ކަސްޓަމައިޒްކޮށްފިން. ވަކި ބަޔަކަށް އެކަންކަން ކޮށްދިނުމަށްޓަކައި. މިސާލަކަށް ލޯފަން ކުދިންނަށް، ނުވަތަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، ޔުނިވަރސިޓީންނާއި އަޅުގަނޑުމެންގެ އިންސްޓިޓިއުޓްތަކުން އެކި ޕްރޮގްރާމްތައް ތައްޔާރު ކުރުވައިގެންވެސް އަޅުގަނޑުމެން އެކަންތައް ކުރިއަށް ގެންގޮސްފިން. އެނގިވަޑައިގަންނަވާނެ، ނިމިގެން މިދިޔަ މަހުވެސް ގިނަ އަދަދަކަށް އިމާމުން އައި.ޔޫ.އެމް.އިން ގްރެޖްއޭޓްވެއްޖެ. އެ ކަންތައްވެސް ކުރައްވަނީ.

އެހެންވީމާ މިއީ، ސަރުކާރުން ވަރަށްބޮޑު ސަމާލުކަމެއް ދެއްވައިގެން ކުރިއަށް ގެންދާކަމެއް. އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް ދަންނަވާލަން އޮތީ، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް އަހަރުތަކަކީ، އަޅުގަނޑު ގަބޫލުކުރަނީ، އަޅުގަނޑުމެން އަދި މިކަމަށް އިތުރު ސަމާލުކަން ދޭންޖެހޭނެ އަހަރުތަކެއް ކަމަށް. އަޅުގަނޑު އެހެން މި ދަންނަވަނީ އަޅުގަނޑުމެން ކަންކަމާމެދު ވިސްނަން. އަޅުގަނޑުމެންނަށް އެބަ ފެނޭ، މުޅި ދުނިޔެއަށް އަންނަ ބަދަލުތަކާއި، އޭގެ ސަބަބުން އަޅުގަނޑުމެންގެ ޤައުމަށް ކުރާނެ އަސަރު، އަޅުގަނޑުމެން ރަނގަޅަށް ހޭލައި، ރަނގަޅަށް އެކަމަށް ތައްޔާރުވެގެން، ރަނގަޅަށް ލޯ ހުޅުވައިގެން ނެތް ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ލިބިދާނެ ގެއްލުން މާބޮޑު، އަޅުގަނޑުމެންނަށް ލިބިދާނެ ފައިދާއަކަށްވުރެ. މި ހިނގާ ހުރިހާ ކަމެއްގެ ތެރެއިން، އެހެންވެ އަޅުގަނޑު ދެންނެވީ އަޅުގަނޑަށް ތަންކޮޅެއް އުނދަގުލޭ، ތިޔަބޭފުޅުންގެ ކުރިމަތީގައި ހުއްޓި ހުރެ ވާހަކަ ދައްކަން. އަޅުގަނޑު ތިޔަބޭފުޅުންނާ ކޮން ވާހަކައެއްތޯ ދައްކަން އޮންނާނީ. ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވާނީ ކޮން އެއްޗެއްތޯ؟ މި ރޮނގުން ތިޔަބޭފުޅުންނަށް އެނގިވަޑައިނުގަންނަވާ ކޮން ވާހަކައެއްތޯ އަޅުގަނޑަށް ދެއްކޭނީ. އެހެންނަމަވެސް އަޅުގަނޑުމެންވެސް ޤައުމު ދެކެ ލޯބިވާތީ، އަދި އަޅުގަނޑުމެންގެ ރައްޔިތުން، ޚާއްޞަކޮށް ކުޑަކުދިން ދެކެ ވާ ލޯތްބަކުން، ޤައުމަށް ހެޔޮއެދޭވަރު ބޮޑުކަމުން، އަދި ވަރަށް ބޮޑު ވާޖިބެއް، މަސްއޫލިއްޔަތެއް ކޮނޑުގައި އެޅިފައިވެސް އޮތުމާއެކު، މިގޮތަށް މި ވާހަކަ އެހާ ގިނައިން ދެއްކެނީ.

އަޅުގަނޑު ދަންނަވާލަން ބޭނުން، މިނިސްޓަރ ފާހަގަކުރެއްވި އަދި ޝައިޚް އިލްޔާސް ޙުސައިންވެސް ފާހަގަކުރެއްވި ތެދު ވާހަކަފުޅެއް. މި ސަރުކާރުގެ ކަންތައްތައް އޮތީ ހަމަ އެގޮތަށް. ދީނީ ކަންކަމުގައި، މިއިން ކޮންމެ ކަމެއްގައި އަޅުގަނޑުމެން މި ސަރުކާރުން މަޝްވަރާކުރާނެ. ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރައްވާނެ. އެނގިވަޑައިގަންނަވާނެ، މީހުންނާ މަޝްވަރާކުރުމަކީ އެއީ، އަޅުގަނޑުމެން އެންމެބޮޑަށް ކުރަންޖެހޭ ކަންތައްތައް. ޞިއްޙީ ކަންތަކުގައި ޑޮކްޓަރުންނާ މަޝްވަރާކުރަންޖެހޭނެ. ފަތުރުވެރިކަން، ނޫނީ އިޤްތިޞާދީ ކަންތައްތަކުގައި އިޤްތިޞާދީ މާހިރުންނާ މަޝްވަރާ ކުރަންޖެހޭނެ. އެއީ، މި ސަރުކާރުން އެއީ ރައީސުލްޖުމްހޫރިއްޔާ ކުރިއަށް ގެންދަވާގޮތް. އެހެންވީމާ، އަޅުގަނޑުމެންނަށް ޤައުމައިގެން ކުރިއަށް މި ދެވެނީ.

އަޅުގަނޑު ހަމަ މިއަދު ތިޔަބޭފުޅުންގެ އަރިހުން އެދެން ބޭނުން، އަޅުގަނޑަށް މީގެ ދެ ދުވަހެއް ކުރިން، އިސްލާމީ ވަރަށް ގިނަ ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކޮށްލުމުގެ ފުރުޞަތުވެސް ލިބުނު. ކޮންމެވެސް މިންވަރަކަށް ވާހަކަވެސް ދައްކާލެވުނު. އަޅުގަނޑުމެންގެ ތެރޭގައި ހުރި ކަންބޮޑުވުންތަކާއި، އަޅުގަނޑުމެން އެ ބޭފުޅުންގެ ކިބައިން ބޭނުންވާ ކަންތައްތަކާއި، ޚާއްޞަކޮށް، އިސްލާމީ ޤައުމުތައް މެލޭޝިޔާ، ބަޙްރައިން، އޮމާން، އަދި މެދު އިރުމަތީގެ ޤައުމުތަކާއި، ތުރުކީވިލާތް. ޙަޤީޤަތަކީ އަޅުގަނޑުމެންނަކީ އަސްލު ވަރަށް ނަސީބުވެރި ބައެއްކަން. އަޅުގަނޑު ދަންނަވާނީ. އަޅުގަނޑުމެންގެ ޤައުމު ކުޑަވިޔަސް، އަޅުގަނޑުމެންގެ މި މުސްލިމް ޤައުމުދެކެ، އަޅުގަނޑު ގަބޫލުކުރަނީ، ހަމަ އެފަރާތްތަކުން އިންތިހާއަށް ލޯބިވާކަމަށް. އަޅުގަނޑުމެންނަށް ރަނގަޅު ގޮތްތައް ވުމަށްވެސް އެދޭ. އެ އެހީތެރިކަން ދޭންވެސް ވަރަށް ތައްޔާރަށް ތިބީ. އެ ނަސީބު އަޅުގަނޑުމެންނަށް އެބަލިބޭ. އަޅުގަނޑުމެން ފެނުނީމާ، ރާއްޖެއޭ ބުނީމާ، އަޅުގަނޑުމެންނާ ވާހަކަދައްކާލަން ބޭނުންނުވާ ވެރިއެއްވެސް ނުހުރޭ. ދެން އެ އެހީތެރިކަން ދޭންވެސް އެހާމެ ތައްޔާރު.

އެހެންވީމާ، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަން އަޅުގަނޑުމެންނަށް ފެންނަނީ ވަރަށް އުޖާލާކޮށް. ވަރަށް އުޖާލާ މުސްތަޤްބަލެއް. ދިވެހިރާއްޖެއާއި ބޭރުގެ ޤައުމުތަކާ. ޚާއްޞަކޮށް އިސްލާމީ، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކާ އެކީގައި އަޅުގަނޑުމެންނަށް މަސައްކަތް ކުރެވި، މިހާރު އަޅުގަނޑުމެންގެ ކުރިމަތީގައި ހުރި ކަންތައްތަކަށް އަޅުގަނޑުމެންނަށް ހައްލު ހޯދޭނެ. އެންމެ މުހިންމު ކަމަކީ ތަޢުލީމީގޮތުން، ވިސްނުންތެރި، ރަނގަޅު، ތޫނުފިލި، ޖީލެއްވެސް އުފެއްދުން. އެކަމަށްޓަކައިވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފުރުޞަތު ހޯދޭނެ. މިތަނުގައި މި ތިއްބެވި ހަމަ ހުރިހާ ބޭފުޅުންނަކީ ރާއްޖެއިން ބޭރުގެ އެކިއެކި ޔުނިވަރސިޓީތަކުން ތަޢުލީމު ހާސިލުކުރެއްވި ބޭފުޅުންކަންވެސް އަޅުގަނޑަށް އެނގޭ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެގޮތަށް އެ ލިބޭ ފުރުޞަތުތަކުގެ މުހިންމުކަމާއި، އެ ފުރުޞަތުން ކިހާ ކަންތައްތަކެއް ދަސްކޮށްލެވޭ ކަންވެސް. އެގޮތަށް ބޭރު ޤައުމެއްގައި މީހާ ހޭދަކޮށް، ރަނގަޅު ހެޔޮ ނިޔަތުގައި، އަޅުގަނޑުމެންނަށް ވަގުތު ހޭދަކޮށްލެވިއްޖިއްޔާ ހަމައެކަނި ތަޢުލީމު އެކަންޏެއް ނޫން، ދުނިޔޭގައި އުޅުމާއި، މި ހުރިހާ ކަމެއް އޭގެ ތެރެއިން ދަސްވެގެންވެސްދާނެ.

އެހެންވީމާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި، މި ހުރިހާ މަސައްކަތްތަކެއް ކުރާނަން. ކަންތައްތައް ނިމޭކަށް ހަމަ ގާތެއްވެސްނުވޭ. ކުރިއަށް ހަމަ އޮތީ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ގުޅިގެން ރަނގަޅަށް މަސައްކަތް ކުރެވިއްޖެ ކަމަށްވަންޏާ ހޯދޭނެ ކަންތައްތައް ވަރަށް ގިނަ.

އާދެ، އަޅުގަނޑުވެސް ހަމަ ފާހަގަކޮށްލަން ބޭނުން، މިނިސްޓަރު ވިދާޅުވިގޮތަށް، ވޭތުވެދިޔަ އަހަރުތަކުގައި އަހަރަކަށްފަހު އަހަރެއް، އަޅުގަނޑުމެންނަށް ޕްރޮގްރާމްތައް އިތުރު އެބަކުރެވޭ. މާލެއިން ފެށްޓި ކަންތައްތައް އަޅުގަނޑުމެންނަށް ގެންދެވިއްޖެ، ރާއްޖޭގެ އުތުރާއި ދެކުނަށް. އެއް އަހަރަށްވުރެ އަނެއް އަހަރު، އަޅުގަނޑުމެންނަށް ގިނަ ކަންތައްތައް އެބަ ކުރެވޭ. އަޅުގަނޑުމެންނަށް ސްކޫލްތަކުގައި، ސްކޫލް ކުލާސްރޫމް ތެރޭގައި ދަރިވަރުންނަށް ނަގާ ފިލާވަޅުތަކުގެ އިތުރަށް، ވަރަށް ގިނަ ފިލާވަޅުތައް އަޅުގަނޑުމެންނަށް އެބަ ފޯރުކޮށްދެވޭ. ސްކޫލް ކުދިން ލައްވައި އަޅުގަނޑުމެންނަށް ކަންތައްތައް އެބަ ކުރެވޭ. އެ ކުދިން އަޅުގަނޑުމެންނަށް މިކަމުގައި މަސްއޫލު ކުރެވިއްޖެ، އެ ކުދިންގެ ހުނަރު. އެ ކުދިންނަށް ހިތްވަރު އެބަދެވޭ އެކިއެކި ރޮނގުރޮނގުން. ޚާއްޞަކޮށް ދީނީ ކަންތައްތަކުގައި ވިސްނައި، ރަނގަޅު ގޮތެއް ޚިޔާރުކުރުމަށްޓަކައި، މި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އަޅުގަނޑުމެންނަށް އެ ފުރުޞަތު ހޯދައިދޭން ފެށްޓިއްޖެ.

ކުރިއަށް އޮތް ތަނުގައި، ޤުރްއާން މުބާރާތްވެސް އަދި ހޭލުންތެރިކުރުވުމުގެ ދީނީ އެހެން ޕްރޮގްރާމްތަކާއި އަދި ގިނަ ކަންތައްތަކެއް އަޅުގަނޑުމެން ހަމަ ހުއްޓުމެއްނެތި އިރާދަކުރެއްވިއްޔާ، ގެންދާނަން. އެންމެ ދަތި ވަގުތުވެސް، އަޅުގަނޑުމެން ހުއްޓާނުލައި ކުރިއަށް ގެންދިޔަ ކަންތައްތަކެއް ހުންނާނެ. އެނގިވަޑައިގަންނަވާނެ، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަކީވެސް އަޅުގަނޑުމެންގެ ހަމަ ދިވެއްސެއް ކަމަށްވަންޏާ، ކޮންމެ ތަނެއްގައި ހުއްޓަސް، އަޅުގަނޑުމެން ބޭނުންވޭ، މާތްވެގެންވާ އިސްލާމްދީނުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެ ކުއްޖަކުވެސް ބޮޑުވެގެންދާން.

ޤުރްއާން ކުލާސްތަކެއްވެސް އަޅުގަނޑުމެންނަށް ފެށުނު މެލޭޝިޔާގައި. އެހެންނަމަވެސް، އެ މަސައްކަތް މަޑުޖެހިފައި މިހާރު މިއޮތީ. އަޅުގަނޑުމެން ވަރަށް އަވަސް ފުރުޞަތެއްގައި އިރާދަކުރެއްވިއްޔާ އެ މަސައްކަތްވެސް ފަށާނަން. އަދި ދުނިޔޭގެ އެހެން ހިސާބުތަކުގައި ތިބި ފަރާތްތަކަށްވެސް ފުރުޞަތު ހޯދައިދެވޭތޯ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މަސައްކަތްކުރާނަން.

އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ޤައުމަކީ އެންމެންގެ ޤައުމެކޭ. ވަކި މީހެއްގެ ޤައުމެއް ނޫނޭ. ޤައުމަށް ލިބޭ ގެއްލުމަކުންވެސް، ހިތާމައަކުންވެސް، އެ ގެއްލުންވާނެ ހުރިހާ އެންމެންނަށް. ކޮންމެ މީހަކަށްވެސް އެ ގެއްލުންވާނެ. ލިބޭ ކޮންމެ ހިތްހަމަޖެހުމަކީ، މޮޅަކީ، އުފަލަކީ އެއީ އެންމެން ހިއްސާކުރާނެ އެއްޗެއް.

އެހެންވީމާ، މިއަދު އަޅުގަނޑުމެން ވިސްނަންވީ، ޤައުމީ ހަމަޖެހުމަށް. އަޅުގަނޑުމެންނަށް އެންމެބޮޑުވާނީ ޤައުމު. އެންމެ މުހިންމުވާނީ އަޅުގަނޑުމެންގެ ރައްޔިތުން. އެއަށްވުރެ މުހިންމު އެއްވެސް ކަމެއް އަޅުގަނޑުމެންގެ މައްޗަކަށް ނެތް. އެހެންވީމާ، ހަމަޖެހުން ޤާއިމުކޮށް، ޤައުމައިގެން ކުރިއަށްގޮސް، ރީތިކޮށް އެކަކު އަނެކަކަށް އިޙްތިރާމްކޮށް، އަޅުގަނޑުމެންނަށް އިސްލާމްދީނުން ދަސްކޮށްދީފައިވާ ރީތި ގޮތްތައް ގެންގުޅުމަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ ޚާއްޞަ މަސައްކަތްތަކެއް ކުރަން.

އެހެންވީމާ، އެކަމަށްޓަކައި އަދިވެސް އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުން. އަޅުގަނޑަށް އެނގޭ ތިޔައިން އެއްވެސް ބޭފުޅަކީ އަޅުގަނޑުމެން ދަންނަވާލާ ދަންނަވާލުމަކަށް، އަޅުގަނޑުމެން ގޮވާލާ ގޮވާލުމަކަށް، ދުވަހަކުވެސް ފަސްޖެހިވަޑައިގަންނަވާ ބޭފުޅުންނެއް ނޫންކަން. އެކަމުގެ ހަމަ ފުރިހަމަ ޔަޤީންކަން އަޅުގަނޑުމެންނަށް އެބަވޭ. އިތުރު ޕްރޮގްރާމްތަކެއްވެސް އަޅުގަނޑުމެން ފަށްޓާނަން. ﷲ އިރާދަކުރެއްވިއްޔާ، ދިރާސީ އާ އަހަރު ފެށުމާއެކު، ޚާއްޞަކޮށް ސްކޫލްތަކާއި މުޖުތަމަޢުތަކަށް އަމާޒުކޮށްގެން، އިތުރު މަސައްކަތްތަކެއްވެސް އަޅުގަނޑުމެން ފަށާނަން. އެކަމުގައި އަނެއްކާވެސް އަޅުގަނޑުމެން ހަމަ ތިޔަބޭފުޅުންނަށް ދަންނަވާނަން.

އާދެ، މިއިން އެއްވެސް ކަމެއް އަޅުގަނޑުމެންނަކަށް ނުކުރެވޭ، އަޅުގަނޑުމެން އެކަނި ނުކުމެގެނެއް. މިނިސްޓަރ އެކަނި ކުރައްވާ މަސައްކަތަކުންވެސް، އަޅުގަނޑުމެން ބޭނުންވާ ކަންތައްތަކެއް ހާސިލެއް ނުކުރެވޭ. މިއިން ކޮންމެ ކަމެއްގެވެސް ނަތީޖާއާ ހަމައަށް މިދެވެނީ ވަރަށް ގިނަގުނަ ބޭފުޅުން، އަދި މި ތަނުގައި ތިއްބެވި ބޭފުޅުންނާއި، އަދި މާދުރުގައި ތިއްބެވި ބޭފުޅުންވެސް، ބައިވެރިވެވަޑައިގަންނަވައިގެން. އަޅުގަނޑުމެންނަށް އެބަޔަކު ކަމެއް ކޮށްދިންކަން ނޭނގޭ އެތައް ބައެއްގެވެސް އެހީތެރިކަމާއި އެއްބާރުލުން އަޅުގަނޑުމެންނަށް ނޭނގި ނަމަވެސް ލިބިގެން، އަޅުގަނޑުމެންނަށް މިއިން ކޮންމެ ކަމެއް ފުރިހަމަވެގެން ގޮސްފައި މި އޮންނަނީ.

އެހެންވީމާ، އަޅުގަނޑު ހަމަ ތިޔަ ބޭފުޅުން އެ ކޮށްދެއްވި މަސައްކަތްތައް، ޚާއްޞަކޮށް އަޅުގަނޑަށް އެނގޭ، ރަމަޟާންމަހުގެ ދުވަސްތަކުގައި ތިޔަބޭފުޅުން ކުލާސްތައްވެސް ނަންގަވައިދެއްވަމުން، މަސައްކަތް ކުރައްވަމުން، ރާއްޖޭގެ އުތުރާއި ދެކުނަށް ދަތުރުވެސް ކުރެއްވި. ދަތި އުނދަގޫ ވަގުތުވެސް ތިޔަބޭފުޅުން އިސްކަންދެއްވީ، ރައްޔިތުންނާ ހަމައަށް ވަޑައިގެން، ކޮންމެވެސް ހެޔޮ ބަހެއް، ހެޔޮ ނަސޭހަތެއް، ހެޔޮ ރަނގަޅު ވަގުތުތަކެއް ހޭދަކުރެއްވުމަށްޓަކައި. އެހެންވީމާ، ހުރިހާ ކަމަކަށް، މިއަދުގެ މި ޙަފްލާއަށް ވަޑައިގެން ތިއްބެވި ބޭފުޅުންނާއި އަދި ވަޑައިނުގެންނެވުނު ހުރިހާ ބޭފުޅުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު، އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުމެންގެ އުންމީދަކީ، ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ހެޔޮ ނިޔަތުގައި، ރަނގަޅަށް އަޅުގަނޑުމެން މަސައްކަތް ކުރާ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ކާމިޔާބު ލިބިގެންދިޔުން. އަޅުގަނޑުމެން ހަމަ އެއްވެސް ކަމެއް ދޫކޮށްނުލާނަން. ދީނީ ނަސޭހަތް، ދީނީ ހޭލުންތެރިކަން އިތުރުކުރުން، ހަމަޖެހުން ޤާއިމުކުރުން، ރާއްޖޭގެ ތަރައްޤީއަށް ވަކި ރަށެއް، ބޮޑު ރަށެއް، ކުޑަ ރަށެއް ބެލުމެއްނެތި، ހުރިހާ އެންމެން ހަމަހަމަވާގޮތަށް، އިސްކަންދޭންޖެހޭ ކަންތައްތަކަށް އިސްކަންދީގެން، އަޅުގަނޑުމެން އެ މަސައްކަތައިގެން ހުއްޓުމެއްނެތި އިރާދަކުރެއްވިއްޔާ ކުރިއަށް ދާނަން. އެ މަސައްކަތުން އިރާދަކުރެއްވިއްޔާ ކާމިޔާބުވެސް ލިބިގެންދާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ ހެޔޮ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، އަޅުގަނޑުމެންގެ ޤައުމާއި ރައްޔިތުންނަށް މާފަހި، ފެހި، ދުވަސްތަކެއް މިންވަރުކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.