بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ހަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އަރބަންކޯގެ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު ޢާޠިފް، ކުންފުނިތަކުގެ އިސްވެރިން، އެކިއެކި މުއައްސަސާތަކުގެ އިސްވެރިން، ޚާއްޞަކޮށް، ސްކޫލް ކުދިންނާއި އަދި ސްކޫލްގެ ހިންގުންތެރިން، ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން،

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ދެންމެ އެ ވިދާޅުވިފަދައިން، މި ކެމްޕެއިންގެ ދަށުން މިދިޔަ އަހަރު މި މަސައްކަތް، އާދެ، ސާފުކުރުމުގެ މި ކެމްޕެއިން ފެށިގެން ދިޔަނަމަވެސް، ސާފުކުރުމަކީ ވަރަށް ކުރިއްސުރެ ފެށިގެން އެކިއެކި ފަރާތްތަކުން ޚާއްޞަކޮށް، އަޅުގަނޑު ދަންނަވާނީ، ރަށްރަށުގައި މީހުން ވަރަށް ބޮޑަށް ކުރަމުންދިޔަ ކަމެކޭ.

އަޅުގަނޑުމެން ކުޑައިރު އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ފަތިހު، ނުވަތަ ހެނދުނު އަޅުގަނޑުމެން ސްކޫލަށް ދާއިރު، ވަރަށް ސާފުކޮށްފައި މަގުމަތި އޮންނަ ތަން. ގޯތިތެރެވެސް އޮންނަނީ، ވަރަށް ސާފުކުރެވިފައި. އަޅުގަނޑު ދަންނަވަން މި އުޅޭ ވާހަކައަކީ، ދިވެހި ރައްޔިތުން ވަރަށް ލޯބިން ކުރި ކަމެކޭ. ޚާއްޞަކޮށް، ގޯތިތެރެއާއި މަގުމަތި ސާފުކޮށް އަބަދުވެސް ބޭއްވުން.

އާދެ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް މިއަދު އެއް އަޑަކަށް ކޮންމެ މަސައްކަތެއްގެ ތެރެއިންވެސް، ދުނިޔޭގައި ބޭއްވޭ، ކޮންމެ އިވެންޓަކަށް ބެލިޔަސް އަބަދުވެސް އަޑުއިވޭ އެއް ވާހަކައަކީ، ތިމާވެށީގެ ވާހަކަ. އާދެ، މިއަދުވެސް މި މަސައްކަތްވެސް މިގޮތަށް ކުރެވިގެން މިދަނީ ތިމާވެށްޓާ ގުޅުވައިގެން. އާދެ، އަޅުގަނޑުމެންނަށް އެބަ އެނގޭ ތިމާވެށީގެ ނާޒުކުކަން.

އެނގިވަޑައިގަންނަވާނެ، އެކި ޤައުމުތަކަށް اللهُ سُبْحَانَهُ وَتَعَالَى ދެއްވާފައިވަނީ އެކިއެކި ނިޢުމަތްތައް. ކޮންމެ ބަޔަކުވެސް ދިރިއުޅެން އެބަޖެހޭ. ދިރިއުޅުމަށްޓަކައި ކޮންމެވެސް ކަންތައްތަކެއް ކުރަން އެބަޖެހޭ. ނަފާއެއް ލިބޭނެ މަސައްކަތެއް އެ ޤައުމުގައި ކުރަން އެބަޖެހޭ. އަޅުގަނޑުމެންނަށް ދުނިޔޭގެ ޤައުމުތަކުން އެބަ ފެނޭ. މިގޮތަށް ބަލާއިރު، އެކި ޤައުމުތަކުގައި އެކިއެކި ކަންތައްތައް މި އޮންނަނީ. ދުނިޔޭގެ އެކި ޤައުމުތަކަށް ބަލާއިރު، ތެލުގެ މުއްސަނދިކަމާއި އަދި އެ ނޫން ކަންތައްތަކުގެ މުއްސަނދިކަން ލިބިފައިވާ ޤައުމުތަކަށް ކުރިއެރުންތައް ލިބިފައިވާތަން އަޅުގަނޑުމެންނަށް އެބަފެނޭ.

އާދެ، މި ޤައުމަށް، ދިވެހިރާއްޖެއަށް ބަލާއިރު އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަކީ ވަރަށް ނަސީބުވެރި ބައެކޭ. އަޅުގަނޑުމެންނަށް ޤުދުރަތީ ރީތިކަން، މުއްސަނދިކަން މި އޮތީ އިންތިހާ ދަރަޖައަށް ލިބިފައި. އަޅުގަނޑުމެންނަށް ލިބުނު ހަދިޔާއަކީ، ޤުދުރަތުގެ ހަދިޔާއަކީ ރީތި ގޮނޑުދޮށްތަކާއި، ފަޅުތަކާއި މޫދުތައް. އާދެ، އޭގެ ސަބަބުން މިއަދު އަޅުގަނޑުމެންނަށް ކުރިއެރުންތައް މި ހޯދެނީ. އަޅުގަނޑުމެންގެ ޤައުމުގެ ރީތިކަން އެހެން މީހުންނަށް އަޅުގަނޑުމެން ހަދިޔާކޮށްގެން، ވިއްކައިގެން ނުވަތަ އެ ޕްރޮމޯޓްކޮށްގެން ދިވެހިރާއްޖެއަށް ދުނިޔޭގެ އެތައް ޤައުމަކުން އެތައް ހާސް ބަޔަކު ޒިޔާރަތްކޮށް، އޭގެ ސަބަބުން ލިބޭ ކުރިއެރުން އަޅުގަނޑުމެންނަށް އެބަފެނޭ.

އާދެ، އަޅުގަނޑުމެން އެބަޖެހޭ މި ކަންތައްތައް ހިފަހައްޓަން. ޚާއްޞަކޮށް، ދުނިޔޭގެ ތިމާވެށްޓަށް އަންނަ ބަދަލާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ. ތިމާވެށްޓަށް ގެއްލުން ލިބިދާނެ ކުޑަނަމަވެސް ކަމެއް ކުރުމުން އަޅުގަނޑުމެން ދުރުހެލިވާން އެބަޖެހޭ. މިކަން ކުރެވޭނީ އަޅުގަނޑު ދަންނަވާނީ، ޤައުމުގެ ހުރިހާ ރައްޔިތުން އެކީގައި މަސައްކަތްކޮށްގެން. ކުދި ބޮޑު އެންމެހައި ފަރާތްތަކުން މިކަމުގައި ޝާމިލުވެގެން. އެއްވެސް މީހެއްގެ އިހުމާލުން އެއްވެސް ތަނެއް ހަޑިވުމަށް، އެ ފުރުޞަތު ނުދީ މަސައްކަތްތައް ކޮށްގެން. އެއްވެސް ތަނަކަށް އެއްޗެއް އުކާނުލައިގެން. އަޅުގަނޑުމެން ފާހަގަކުރަން އެބަޖެހޭ، އަޅުގަނޑުމެންގެ މި ތަރައްޤީއާއެކު، އަޅުގަނޑުގެ ކުރިމަތިންވެސް މި ފެންނަނީ، ޔޫރަޕްގައިވެސް ހުންނަ ކަހަލަ ބިލްޑިންގތައްކަން. މިހާރު ކުރިމަތިން މި ފެންނަކަހަލަ ބިލްޑިންގތައް ފެންނާނީ، މިހާ ރީތި ދެން ވާނީ ތަނެއް ރީތިވެގެން. ޔޫރަޕްގައިވެސް ހުންނަނީ މިފަދަ ރީތި އިމާރާތްތައް. ދުނިޔޭގައި އެންމެ ކުރިއަރާފައި އޮތް ޤައުމުތަކުގައިވެސް ހުންނަނީ، މިފަދަ ރީތި އިމާރާތްތައް. މަގުމަތިވެސް އޮންނަނީ މިގޮތަށް. ހަމަ ތާރު އެޅިފައި، ޕޭވްމަންޓް ހެދިފައި. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ސިޓީއެއްގެ ޗާލުކަން މި ގެނެވެނީ، ހަމައެކަނި މިކަހަލަ ރީތި ބިލްޑިންގ ތަކަކުން ނޫން. ތަހުޒީބު ކޮންމެ މުޖުތަމަޢެއްގައި އެންމެ ބޮޑު ސަމާލުކަމެއް ދީފައި އޮންނަނީ، ސާފުތާހިރުކަމަށް. ޚާއްޞަކޮށް، މަގުމަތީގެ ސާފުތާހިރުކަމަކީ، އެއީ އެންމެންގެ މޫނުމައްޗަށް، އެންމެންގެ ލޮލަށް ރީތިކުރުމަށްޓަކައި ކުރަންޖެހޭ ކަމެއް.

އެނގިވަޑައިގަންނަވާނެ، ތަންތަން ހަޑިކޮށް އޮތުމުގެ ސަބަބުން ހަމައެކަނި މީހުންގެ ލޮލަކަށް ނޫން ހަޑިވަނީކީ. އޭގެ ސަބަބުން ދިމާވާ އެހެނިހެން އެތައް ކަންތައްތަކެއް އެބަހުރި. އާދެ، ބަލިމަޑުކަމުގެ ވާހަކަ. އަޅުގަނޑުމެން އެއްފަރާތުން ތިމާވެށީގެ ވާހަކަ ދައްކާއިރު، އަނެއް ފަރާތުން އަޅުގަނޑުމެން މި ދައްކަނީ ބަލިމަޑުކަމުގެ ވާހަކަ. އަބަދުވެސް ޑެންގޫ ހުމުގެ ވާހަކަ، މަދިރީގެ ސަބަބުން ދިމާވާ އެކިއެކި ކަންތައްތަކުގެ ވާހަކަ. އެހެންވީމާ، ވަރަށް ގިނަ ކަންތައްތައް އަޅުގަނޑުމެންގެ ވަށައިގެން މިހުރީ. މިއިން އެއްވެސް ކަމަކީ، ހަމައެކަނި އަހަރަކު އެއްފަހަރު، އަހަރަކު ތިންފަހަރު ސާފުކުރުމުގެ ދުވަހެއް ބާއްވައިގެން އަޅުގަނޑުމެންނަށް ޙައްލުކުރެވޭނެ ކަންތައްތަކެއް ނޫން.

އަޅުގަނޑު މިއަދު ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ހަމަ ގޮވާލަން ބޭނުންވޭ، އިލްތިމާސް ކުރަން ބޭނުންވޭ މި ކަމަށް ބާރުއަޅަން. އަބަދުވެސް މަގުމައްޗާއި، ގޯތިތެރެއާ ތަންތަން ސާފުތާހިރުކޮށް ބޭއްވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަން އެބަޖެހޭ. އެނގިވަޑައިގަންނަވާނެ، މި އަމާޒަށް ދިއުމަށްޓަކައި ގިނަ ކަންތައްތަކެއްވެސް އެބަހުރި، އަޅުގަނޑުމެން ސަރުކާރުން ކަނޑައަޅާފައި. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެ މަސައްކަތްތަކައިގެން ކުރިޔަށް ދާނަން. އެހެންނަމަވެސް، ކަނޑައަޅާ އެއްވެސް އަމާޒެއްވެސް ކާމިޔާބު މި ކުރެވެނީ މި ދެންނެވި ގޮތަށް މަސައްކަތްތައް ކުރެވިގެން.

އެނގިވަޑައިގަންނަވާނެ، މިއަދު އަޅުގަނޑުމެންގެ ފަރާތުން އަޅުގަނޑުމެން ދެއްކި ނަމޫނާ އެހެން ކުދިންނަށް، ޚާއްޞަކޮށް، އަޅުގަނޑުމެންގެ ބޮޑުވެގެން އަންނަ ޖީލަށް ފެންނާނީ. އަބަދަކު ނުތިބޭނެ އަޅުގަނޑުމެންނެއް. އެހެންނަމަވެސް، އަޅުގަނޑުމެން ދަސްކޮށްދިން ގޮތަކަށް ކުދިން ހޭނޭނީ. ކުދިންނަކީ ދަސްކޮށްދޭ ކަމެއްގެ މައްޗަށް ހޭނޭ ބައެއް. ރަނގަޅު ގޮތްތަކެއް އަޅުގަނޑުމެން ދައްކައިދީފި ކަމަށްވަންޏާ، ދަސްވާނީ ރަނގަޅު ގޮތްތައް. ނުބައި ކަންތައްތަކެއް އަޅުގަނޑުމެން ދައްކައިފި ކަމަށްވަންޏާ، ހެދިބޮޑުވަމުން އަންނައިރު ދަސްވާނީ އެ ކަންތައްތައް. އެހެންވީމާ، ތަހުޒީބު މުޖުތަމަޢަކަށްވުމަށް، ތަރައްޤީވެފައިވާ ޤައުމަކަށްވުމަށް، އަދި ހޭލުންތެރި ބަޔަކަށް އަޅުގަނޑުމެން ވުމަށްޓަކައި މަސައްކަތްކުރާއިރު، މިހުރި ހުރިހާ ކަމަކަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަން ދޭން އެބަޖެހޭ.

އަޅުގަނޑު މި ފުރުޞަތުގައި ހަމަ ފާހަގަކުރަން ބޭނުން، ވޭތުވެދިޔަ އަހަރުތަކުގައި، ޚާއްޞަކޮށް، މިދިޔަ ހަތަރު އަހަރުތެރޭގައިވެސް އަޅުގަނޑުމެންނަށް ފެނިގެންދިޔަ، ސްކޫލްތަކުން އިސްނަގައިގެން، ސްކޫލްތަކުން ގްރޭޑް އެކެއް އަދި ލޯވަރ ގްރޭޑް ތަކުގެ ކުދިންނާއި، އެލް.ކޭ.ޖީ.، ނަރސަރީ ކުދިންނަށް، ތަފާތު އެކި ޕްރޮގްރާމްތައް މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި ވަރަށް ގިނަ ޕްރޮގްރާމްތައް ކުދިންލައްވައި ހިންގިތަން. އެއިންވެސް އަޅުގަނޑުމެންނަށް އެބަ އެނގޭ، މިކަމުގެ މުހިންމުކަން އޮތް މިންވަރު. 

އެހެންވީމާ، މިއަދު އަޅުގަނޑުމެން ކުރަންވީހާވެސް ކަމަކީ އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ ގޮނޑުދޮށްތަކާއި، އަޅުގަނޑުމެންގެ މަގުތަކާއި، ގޯތިތެރެއާއި އަދި އަޅުގަނޑުމެން ދިރިއުޅޭތަންވެސް އަޅުގަނޑުމެން ސާފުކޮށް ރީތިކޮށް ބެލެހެއްޓުމޭ. އަޅުގަނޑުމެންނަކީ، އަޅުގަނޑު ކުރީ ދުވަހުވެސް ދެންނެވިން ޚާއްޞަކޮށް، ދިވެހިންނަކީ ވަރަށް ރީތިކޮށް ހެދުން އަޅާ ބައެއް. ވަރަށް ރީތިކޮށް، ނަލަކޮށް އަބަދުވެސް ތިބޭ ބައެއް. އަދި ނަލަކޮށް ތިބުމަށް ލޯބިވެސް ކުރާ ބައެއް. އެއީ އަޅުގަނޑުމެންގެ ނަފްސު. އެހެންވީމާ، މި ހުރިހާ ކަމެއް ފުރިހަމަ މި ވަނީ އަޅުގަނޑުމެންގެ ވަށައި ޖެހިފައިވާ މާޙައުލުގެ ރީތިކަންވެސް އަޅުގަނޑުމެންނަށް ދެމެހެއްޓިގެން.

އާދެ، ޚާއްޞަކޮށް، މިކަހަލަ ޤައުމީ މަސައްކަތްތަކެއްގައި، އަމުދުން ސްކޫލް ކުދިންނާއި އަދި ސްކޫލްގެ ހިންގުންތެރިންނާ އެކީގައި ބައިވެރިވެވޭކަން މިއީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އެހެންނަމަވެސް، ތަކުރާރުކޮށްވެސް އަޅުގަނޑު ދަންނަވާނީ މިކަމަކީ މިއީ، އަޅުގަނޑުމެން މިގޮތަށް ކަނޑައަޅައިގެން އެއްދުވަހަކުން ނިންމާލެވޭނެ ކަމެއް ނޫނޭ.

އެހެންވީމާ، އަޅުގަނޑުމެން މިއަދު ޢަޒުމް ކަނޑައަޅަންވީ، އެއްވެސް މީހެއްގެ ފަރާތުން އެއްޗެއް މަގުމައްޗަށް އުކާނުލަން. ޕްލާސްޓިކް ފުޅިއެއްވެސް އެއްލައިނުލާން. ކުނި ކޮތަޅެއްވެސް އެއްލައިނުލަންވީ. ފަހަރެއްގައި ތިމާއަށް އުނދަގޫ ނުވެދާނެ، އެ އެއްލައިލާ ކޮތަޅަކުން. އެކަމަކު ތިމާގެ ޢާއިލާ މީހަކަށް އުނދަގޫ ވެދާނެ. ތިމަންނާގެ ކުއްޖަކަށް އުނދަގޫ ވެދާނެ. އަވަށްޓެރިންނަށް އުނދަގޫ ވެދާނެ. ސައިކަލު ވަށިގަނޑަށްވެސް ކުނި ނާޅަންވީ. ކުނިއަޅާ ވަށިގަނޑު ހުރިތަނަކުން ހޯދައިގެން އަޅުގަނޑުމެން ކުނި އަޅަންވީ. ފަހަރެއްގައި ހުރިހާ ތަނެއްގައި އަޅުގަނޑުމެންނަށް ވަށިގަނޑުތަކާއި އެއްޗެތި ނުބެހެއްޓިދާނެ. އެހެންނަމަވެސް، ޢަޒުމު ކަނޑައަޅަންވީ ތިމާގެ ފަރާތުން އެކަހަލަ ނާތަހުޒީބު، އެކަހަލަ ހަޑި، ހުތުރު ޢަމަލެއް ހަމަ ނުހިންގުމަށް.

އާދެ، މިފަދަ ކޮންމެ ކަމެއްވެސް މި ކުރެވެނީ، ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު. ކުންފުނިތަކާއި، ސްކޫލްތަކާއި، އަމިއްލަ ކުންފުނިތަކާއި، އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކުން ލިބޭ އެހީތެރިކަން އަޅުގަނޑު ހަމަ ޚާއްޞަކޮށް، ފާހަގަކުރަން ބޭނުންވޭ. ތިމާވެށި ޙިމާޔަތްކުރުމަކީ، އަޅުގަނޑުމެންގެ ވެށި ސާފުކޮށް ބޭއްވުމަކީ، އެއީ އެންމެ މުހިންމު ކަންކަމުގައި އަޅުގަނޑުމެން ދަނެގެން، ކުރިޔަށް ދިޔުމަކީ އެއީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދު އަޅުގަނޑުމެން އުންމީދު ކުރާ ގޮތް. އަޅުގަނޑުމެން އެންމެންގެވެސް ޢަޒުމް.

އާދެ، ބައިވެރިވި ހުރިހާ ފަރާތްތަކަށް، ވަކިން ޚާއްޞަކޮށް، ސްކޫލް ދަރިވަރުންނަށް، ތުއްތުކުދިންނަށް އަޅުގަނޑު ޝުކުރު އަދާކުރަން. ސްކޫލް ދަރިވަރުންގެ ހިތްތަކުގައި މިފަދަ ކަންކަން އަށަގެންނެވުމަށްޓަކައި ރެޔާއިދުވާލު ޚާއްޞަކޮށް، ފިލާވަޅުތަކުގެ ތެރެއިންނާއި، އެ ނޫން ގޮތްގޮތުން މުދައްރިސުން ކުރައްވާ މަސައްކަތް، ބެލެނިވެރިން ކުދިންނަށް ދެއްވާ ހެޔޮ ނަސޭހަތުގެ އަގު ވަޒަން ކުރަމުން އަޅުގަނޑު ޝުކުރު އަދާކުރާ ހާލު ވަކިވާނީ، ޚާއްޞަކޮށް، މި ކަމުގައި ބައިވެރިވާ އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރަމުން.

اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންގެ ވެށްޓަކީ ސާފު ވެށްޓެއްގެ ގޮތުގައި ލައްވައި، އަޅުގަނޑުމެންނަށް އަބަދުވެސް ވެށި ސާފުކޮށް ބޭއްވުމުގެ ހެޔޮ ވިސްނުން ދެއްވާށި. އަޅުގަނޑުމެންގެ ރާއްޖެއަށް ފެހި ދުވަސްތަކެއް ދައްކަވާށި.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.