بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ދިވެހިރާއްޖޭގައި މިއަދު ފާހަގަކުރާ މި އަހަރުގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި ތިބި ލޮބުވެތި ކުޑަކުދިންނަށް، އަޅުގަނޑުގެ ހިތުގެ ފުން ލޯތްބާއި އިޙްތިރާމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަމެވެ. އަދި އެ ކުދިން ބަލައިބޮޑުކޮށް ތަރުބިއްޔަތު ކުރުމުގެ މުހިންމު މަސްއޫލިއްޔަތު އުފުއްލަވާ މައިންބަފައިންނަށާއި، އެންމެހައި ބެލެނިވެރިންނަށްވެސް، ދުވަހުގެ ހެޔޮއެދުންތައް ފޮނުވަމެވެ. ހަމައެފަދައިން، އެ ކުދިންނަށް ކިޔަވައިދީ ޢިލްމު އުނގަންނައިދިނުމުގެ ބުރަ އުފުއްލަވާ އެންމެހައި މުދައްރިސުންނަށާއި ޓީޗަރުންނަށްވެސް ދުވަހުގެ ތަހުނިޔާ ފޮނުވަމެވެ.

ކުޑަކުއްޖަކު ދުނިޔެއަށް އުފަންވާއިރު، އެ ކުއްޖާއަށް އެންމެ ފުރަތަމަ ކަށަވަރުކޮށްދޭންޖެހޭ ޙައްޤަކީ، މައިންބަފައިންގެ ފުރިހަމަ ލޯތްބާއި، ބެލެނިވެރިންގެ އޯގާތެރިކަމާއެކު، ދުޅަހެޔޮ ޞިއްޙަތެއްގައި ބަލައިބޮޑުކޮށް، ރިވެތި އަޚުލާޤުގެ މަތީގައި ތަރުބިއްޔަތުކޮށްދިނުމެވެ. ކުޑަކުދިންގެ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީވެސް، ކުޑަކުއްޖެއްގެ ޢުމުރުފުރާގައި ކޮންމެ އިންސާނަކަށް ލިބެންޖެހޭ އަޅައިލުމާއި ލޯތްބާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ޤައުމީ ފެންވަރުގައި މަސައްކަތްކޮށް، އެކަމަށް އާންމު ރައްޔިތުން ހޭލުންތެރި ކުރުމެވެ.

ކޮންމެ އިންސާނެއްގެ ޙަޔާތުގައިވެސް ބައްދަލުކުރާނެ އެންމެ ފޮނި ދުވަސްތަކަކީ، ކުޑަކުއްޖެއްގެ ގޮތުގައި އޭނާ ހޭދަކުރާ ދުވަސްތަކެވެ. ނަމަވެސް، ޙަޔާތުގެ އެ ފޮނިކަން އެ ކުދިންނަށް އިޙްސާސް ކުރެވޭނީ، އެ ކުދިންގެ ޢާއިލާގެ ތެރެއިންނާއި، ސްކޫލް މާޙައުލުގެ އިތުރުން، މުޅި މުޖުތަމަޢުންވެސް އެ ކުދިންނަށް ލޯތްބާއި ރައްކާތެރިކަން ލިބިގެންނެވެ. ޤައުމުގެ ކޮންމެ ކުއްޖަކީ ލޯތްބާއި އުފަލުގައި ހެދިބޮޑުވާ، އަދި ރަނގަޅު ތަޢުލީމު ލިބިގެން، އިސްލާމީ ރިވެތި އަޚްލާޤުގެ މަތީގައި ތަރުބިއްޔަތުވާ ކުއްޖަކަށްވުމަކީ، ޤައުމަށް ލިބޭނެ އެންމެ ބޮޑު ނަސީބެވެ. އަޅުގަނޑުމެންގެ ކޮންމެ މަންމައަކާއި ކޮންމެ ބައްޕައެއް އަދި ކޮންމެ ބެލެނިވެރިއަކުމެ މަސައްކަތް ކުރަންވީ، އެމީހެއްގެ ބެލެނިވެރިކަމުގެ ދަށުގައި ހުރި ކޮންމެ ކުއްޖަކަށް އެ ފުރުޞަތު ހޯއްދަވައި ދެއްވުމަށެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރާ މި މުނާސަބަތުގައި އަޅުގަނޑުމެން އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ، ޤައުމީ ތަރައްޤީގެ ވިސްނުމެއްގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުމަށެވެ. އެހެންކަމުން، ކޮންމެ ކުއްޖަކީވެސް، ޤައުމަށް ބޭނުންތެރި ކޮންމެވެސް ފަންނުވެރި ދާއިރާއަކުން ކުރިއަށް ދިއުމުގެ ވިސްނުންހުރި ކުއްޖަކަށް ހެދޭތޯ ބެލުމަކީ، ދައުލަތުގެ އިތުރުން، މުޅި މުޖުތަމަޢާއި، މައިންބަފައިންނާއި ބެލެނިވެރިން އެކުގައި މަސައްކަތްކޮށްގެން ކުރަން ޖެހިފައިވާ ކަމެކެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމާ ގުޅިފައިވާ އަނެއްކަމަކީ، ޢާއިލާގެ ތެރެއިންނާއި، މުޖުތަމަޢުގެ ތެރެއިން އެ ކުދިންނަށް ލިބެންވާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ. މުޖުތަމަޢުގައި ހިމެނޭ އެންމެ ނާޒުކު ބަޔަކީ، އެ ތަނެއްގައި ދިރިއުޅޭ ކުޑަކުދިން ކަމަށްވާތީ، އެ ކުދިންގެ އިންސާނީ ކަރާމާތާއި، އެ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ޒިންމާ އެޅިފައިވަނީ، އެ މުޖުތަމަޢެއްގައި ދިރިއުޅޭ ބޮޑެތި މީހުންގެ ކޮނޑުގައެވެ. އަޅުގަނޑުމެން ކޮންމެ މީހަކު ޢަޒުމް ކަނޑައަޅަންވީ، ތިމާގެ އަތުން އެހެން ކުޑަކުއްޖަކަށް އެއްވެސް ގޯނާއެއް ނުވަތަ އަނިޔާއެއް ނުދިނުމަށެވެ. އަދި ކޮންމެ ކުއްޖަކީ ތިމާގެ ފަރާތުން ފުރިހަމަ ޙިމާޔަތާއި ރައްކާތެރިކަން ލިބިގެންވާ ކުއްޖެއް ކަމުގައި ހެދުމަށެވެ.

ކުޑަކުދިންނަކީ ޤައުމުގެ ކުރިމަގަށްޓަކައި މުޑުވައް ކުރާ ނިރުތަކަކަށްވާއިރު، އެ ކުދިން ތަރުބިއްޔަތު ކުރުމުގައި، އެ ވަގުތަކު ޤައުމުގައި ހުރި އިޖުތިމާޢީ ހުރިހާ މައްސަލަތަކަށް ރިޢާޔަތްކުރަންޖެހެއެވެ. އެގޮތުން، މިއަދު އަޅުގަނޑުމެން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހެނީ، އެކުދިންގެ ހިތްތަކުގައި އިސްލާމްދީނުގެ ޞައްޙަ ޢަޤީދާ އާއި ޤައުމީ ލޯބި ފުރިހަމައަށް ބިންވަޅު ނަގައިދިނުމަށެވެ. ކުޑަކުދިންނަށް އޯގާތެރިވުމަށާއި، ބޮޑެތި މީހުންނަށް އިޙްތިރާމް ކުރުމުގެ ރީތި އާދަ އަށަގެންނެވުމަށެވެ. ތަފާތު ވިސްނުންތަކާ އެކުގައިވެސް ބައިބައިނުވެ އެކަތިގަނޑެއްގެ ގޮތުގައި އިޖުތިމާޢީ ގުޅުން ދެމެހެއްޓުމަށެވެ. މިކަންކަމުގައި އެ ކުދިންނަށް މަގުދައްކައިދޭން ތިބީ، މައިންބަފައިންނާއި ބެލެނިވެރިންނާއި މުދައްރިސުންނެވެ.

އަޅުގަނޑުމެން ކޮންމެ މީހަކީ، ކުޑަކުދިންނަށް އޯގާތެރިވެ، ކަމޭހިތައި، ލޯތްބާއި ކުލުނާއެކު ކުދިންނާ މުޢާމަލާތުކުރާ ބަޔަކު ކަމުގައި اللهُ سُبْحَانَهُ وَتَعَالَى ލައްވާށިއެވެ. މި ރާއްޖޭގެ ކޮންމެ ކުއްޖަކީ، ޤައުމު ތަރައްޤީ ކުރުމުގެ ޒިންމާ އަދާކުރެވޭފަދަ އެންމެހައި ޤާބިލުކަން ލިބިގެންވާ ހެޔޮލަފާ ދަރިއެއް ކަމުގައި ލައްވާށިއެވެ. ޤައުމުދެކެ ލޯބިވާ، ޤައުމަށް ވަފާތެރި ދަރިންތަކެއް ބިނާކުރުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އެކަލާނގެ ބަރަކާތް ލައްވައި، ރާއްޖޭގެ އެންމެހައި ކުޑަކުދިންނަށް ފާގަތިކަމާއި ފުރިހަމަ ޞިއްޙަތު ދެއްވައި، އުފަލާ އަރާމުގައި ހެދި ބޮޑުވުމުގެ މަތިވެރި ނަސީބު މިންވަރު ކުރައްވާށިއެވެ. އާމީން.