بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

މި އަހަރުގެ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގައި ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ މަސައްކަތް ކުރައްވާ އެންމެހައި ނޫސްވެރިންނަށާއި ނޫސްވެރިންގެ ޢާއިލާތަކަށް، އަދި ނޫސް އިދާރާތަކުގެ ވެރިންނަށާއި އެންމެހައި މުވައްޒަފުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް ފޮނުވަމެވެ. ހަމަ އެފަދައިން، މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން ޢާންމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް، ނޫސްވެރިން ކުރައްވާ ބުރަ މަސައްކަތްތަކުގެ އަގު ޝުކުރުވެރިކަމާއެކު ވަޒަންކުރަމެވެ.

އަދުގެ ޑިމޮކްރެޓިކް މުޖުތަމަޢުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ދީފައިވާ މަތިވެރި މަޤާމާއި، އެ މިނިވަންކަމަށް ދީފައިވާ ޚާއްސަ ސަމާލުކަމުގެ ސަބަބުން، ޑިމޮކްރެސީގެ ހަމަތައް ހިފެހެއްޓުމުގައި، ޤައުމުތަކުން ވަނީ ވަރަށް ގިނަ ކުރިއެރުންތައް ހޯދައިފައެވެ. ނޫސްވެރިކަމުގެ މިނިވަންކަމާ މެދު މިއަދުގެ ޑިމޮކްރެޓިކް މުޖުތަމަޢު ދެކެނީ، ހަމައެކަނި އަސާސީ ޙައްޤެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި، ނޫސްވެރިކަމުގެ މިނިވަންކަމާ މެދު މިއަދު އޮތް ޤަބޫލުކުރުމަކީ، އެއީ ހުރިހާ އިންސާނީ ޙައްޤުތަކެއްގެ ދިރުން ކަމުގައެވެ. ސަބަބަކީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤުގެ ބޭނުން ހެޔޮގޮތުގައި ހިފުމުން، އެ ބައެއްގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ވަޒަންކުރެވި، އެ ޙައްޤުތައް އިތުރަށް ކަށަވަރު ކުރުމަށާއި ލިބިދިނުމަށް މަސައްކަތް ކުރުމުގެ ހިތްވަރާއި ހަކަތަ އެ ބައެއްގެ މެދުގައި އުފެދިގެން ދާތީއެވެ.

އެހެންކަމުން ނޫސްވެރިންގެ އެންމެ އިސް ވާޖިބަކަށް ވާންވީ، އެންމެހައި ފަރުދުންގެ މެދުގައި ހަމަހަމަކަން ޤާއިމުކޮށް، އެ މުޖުތަމަޢެއްގައި ދިރިއުޅޭ އެންމެންގެ އިންސާނީ އަސާސީ ޙައްޤުތައް ޙިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަށް މަސައްކަތް ކުރުމެވެ. ތެދު މަޢުލޫމާތު ލިބުމަކީ އެންމެ އަސާސީ އެއް ޙައްޤަށް ވާއިރު، ނޫސްވެރިކަމުގެ މިނިވަންކަމުގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދޭންވާނީ ސާފު ތެދު މަޢުލޫމާތުކަން ކަށަވަރެވެ. ރައްޔިތުންގެ މެދުގައި ފަތުރާ މަޢުލޫމާތުގައި ދޮގާއި ޝައްކާއި ވަހުމާއި ޔޯލަތައް އެކުލެވިއްޖެ ނަމަ، ފަރުދީ އެތައް ޙައްޤެއް ގެއްލިގެން ދިއުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ.

މި އަހަރަކީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ނަމުގައި ބައިނަލްއަޤުވާމީ ފެންވަރުގައި ޚާއްޞަ ދުވަހެއް ފާހަގަކުރުމަށް، އދ. މަޖިލީހުގެ ތަޢުލީމާއި ސައެންސާއި ޘަޤާފަތާ ބެހޭ ޖަމްޢިއްޔާ (ޔުނެސްކޯ)ގެ ފަރާތުން ކަނޑައެޅިތާ 30 އަހަރު ފުރޭ އަހަރެވެ. ކޮންމެ އަހަރެއްގެ މޭ މަހުގެ 3 ވަނަ ދުވަހަކީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް، 1993 ވަނަ އަހަރު ޔުނެސްކޯގެ ފަރާތުން ކަނޑައެޅި ފަހުން މިވީ 30 އަހަރުގެ ތެރޭގައި، އެ މިނިވަންކަން ކަށަވަރުކުރުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެއެވެ. އަދި އެކަމުގެ ހެޔޮ ނަތީޖާވެސް ދުނިޔޭގެ ހުރިހާ ކަންކޮޅަކުން އަންނަނީ ފެންނަމުންނެވެ.

އަޅުގަނޑުމެންގެ މި ރާއްޖެއަށް ޑިމޮކްރެސީގެ މަގުގައި ލިބުނު ކުރިއެރުންތަކުގެ މައިގަނޑު އެއް އަޞްލަކީ، މައުލޫމާތު ފެތުރުމުގެ ދާއިރާއިން، ދިވެހި ނޫސްވެރިން ކުރި މިންނެތް މަސައްކަތެވެ. ޤާނޫނީ އޮނިގަނޑުގެ ތެރެއިން ޢާންމު ރައްޔިތުންގެ އަސާސީ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ މައިގަނޑު ބާރަކަށްވީ ވެސް، އެ ޙައްޤުތަކާ މެދު ޢާންމު ރައްޔިތުންގެ މެދުގައި، ނޫސްވެރިކަމުގެ ޒަރީޢާއިން އުފެދިގެން ދިޔަ ހޭލުންތެރިކަމެވެ. ހަމަ އެފަދައިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން، އެ ޙައްޤުތަކަށް އެދި ރައްޔިތުން އުފުލަން ފެށި އަޑުތަކެވެ.

އެ މިނިވަންކަމުގެ ޙައްޤު އެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ހުރިހާ ނޫސްވެރިންގެ ވެސް މަސްއޫލިއްޔަތެކެވެ. އެ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާކުރުމަކީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤާ ގުޅިފައިވާ ޒިންމާތަކަށް ފުރިހަމައަށް ރައްކާތެރިވުމެވެ. އޭގެތެރެއިން ވެސް އެންމެ މަތިވެރި ޒިންމާއަކީ، ކޮންމެ ޙާލަތެއްގައި ވިޔަސް އިތުބާރު ހުރި ތެދު މަޢުލޫމާތު ފެތުރުމެވެ. މިނިވަންކަމާއެކު ނޫސްވެރިކަން ކުރުމުގެ ޙައްޤު ލިބިފައިވާއިރު، އަނެކުންނަށް ލިބިގެންވާ، އަބުރާއި ޢިއްޒަތް އަދި އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގެ ޙައްޤު ރައްކާތެރިކޮށްދިނުމަކީ، ކޮންމެ ނޫސްވެރިއެއްގެ ޒިންމާއެއްކަމުގައި ހެޔޮ ހިތުން ޤަބޫލުކުރަންޖެހެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤާ އެންމެ ބޮޑަށް ގުޅިފައިވާ އަނެއް ޙައްޤަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤެވެ. ޒަމާނީ ޓެކްނޮލޮޖީ އާއި އިންޓަނެޓްގެ ލުއިފަސޭހަކަމާ އެކު، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ބޭނުން ހިފުމުގެ ދާއިރާ މިހާރު މިއޮތީ ވަރަށް ބޮޑަށް ފުޅާވެފައެވެ. މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ފެތުރުމުގެ ވަސީލަތްތައް ވެސް އެތައް ގުނައެއް އިތުރުވެ، ފުރިހަމަ ތެދު މަޢުލޫމާތަށްޓަކައި ރައްޔިތުން ގޮވާ ގޮވުމުގެ އަޑުތައް މިވަނީ އެތައް ގުނައަކަށް އިތުރުވެސް ވެފައެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެއް ފާހަގަކުރާއިރު، އެންމެ ބޮޑަށް ހަނދާނުގައި ބަހައްޓަންޖެހެނީ މުޖުތަމަޢުގައި ހުރި މައްސަލަތަކަށް ޙައްލު ހޯދުމުގައި ނޫސްވެރިން އަދާކުރާ މުހިންމު ދައުރެވެ. އިޖުތިމާޢީ ގޮތުން ޤައުމަށް އަންނަ ބަދަލުތަކާއި ސިޔާސީ ގޮތުން ޤައުމަށް ކުރިމަތިވާ ފުރޮޅުންތަކާއި، އަދި އިޤްތިޞާދީ ގޮތުން ޤައުމަށް ކުރިމަތިވަމުން އަންނަ ކޮންމެ ބަދަލެއްގެ މިސްރާބު ސީދާކުރުމުގައި ނޫސްވެރިންގެ ޒިންމާ ވަރަށް ބޮޑެވެ. މިނިވަން ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރު ކަމުގައި މާނަކުރެވެނީ މި ސަބަބަށްޓަކައެވެ.

ދިވެހި ނޫސްވެރިކަމުގެ ފަސްމަގުން ލިބުނު ޢިބްރަތްތަކުގެ އަލީގައި، ކުރިމަގު އެއަށްވުރެ އުޖާލާ ކުރުމަށް މަސައްކަތް ކުރުމަކީ، ކޮންމެ ނޫސްވެރިއެއްގެ އަދި ކޮންމެ ނޫސް އިދާރާއެއްގެވެސް ޒިންމާއެކެވެ. ދިވެހި ނޫސްވެރިކަން އޭގެ އެންމެ ފުރިހަމަ މިނިވަންކަމުގައި ދެމެހެއްޓުމަށް، ސަރުކާރުގެ ފަރާތުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެއެވެ. އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުވެސް، ކޮންމެ ފަރުދަކަށް ލިބިދޭކަން ސަރުކާރުގެ ފަރާތުން އަބަދުވެސް ކަށަވަރުކުރާނެއެވެ.

ދިވެހި ނޫސްވެރިކަމަށް އަޅުގަނޑު އަބަދުވެސް އެދެނީ ކާމިޔާބާއި ފާގަތި ދުވަސްތަކަކަށެވެ. ޒިންމާދާރުކަމާއެކު މަޢުލޫމާތު ހޯދައި ފެތުރުމަށް ދިވެހި ނޫސްވެރިން ކުރަމުން އަންނަ ބުރަ މަސައްކަތްތަކުން، އަޅުގަނޑުމެންގެ މުޖުތަމަޢަށް ހެޔޮ ބަދަލުތައް އަންނަމުންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަމެވެ. އަދި ޤައުމުގެ ކަންކަން އިޞްލާޙްކޮށް ރައްޔިތުންނަށް ތެދު މަޢުލޫމާތު ފޯރުކޮށްދިނުމަށް، ދިވެހި ނޫސްވެރިން ކުރަމުން އަންނަ މަސައްކަތްތަކަށް، މަދަދާއި ހެޔޮ ތައުފީޤު ދެއްވުން އެދި، މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.