بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

މި އަހަރުގެ ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގައި ތަފާތު ދާއިރާތަކުން ވަޒީފާ އަދާކުރާ އެންމެހައި މަސައްކަތްތެރިންނަށާއި، އެމީހުންގެ ޢާއިލާތަކަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ. އަދި މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށާއި، މަސައްކަތްތެރިންނަށް ފަހި ގޮތްތައް ހޯދައިދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކަށް ވެސް، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުވަމެވެ.

މުޅި ދުނިޔޭގެ ފެންވަރުގައި މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، މުޖުތަމަޢުގެ ކުރިއެރުމާއި ޤައުމުތަކުގެ ތަރައްޤީގައި މަސައްކަތްތެރިން އަދާކުރާ މުހިންމު ދައުރުގެ އަގު ވަޒަންކުރުމެވެ. ހަމައެފަދައިން، ބައިނަލްއަޤުވާމީ މުޢާހަދާތަކުންނާއި، ޤައުމުތަކުގެ ޤާނޫނުއަސާސީތަކާއި ޤާނޫނުތަކުން މަސައްކަތްތެރިންނަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް ބާރުއެޅުމެވެ. އޭގެ އިތުރުން، މަސައްކަތްތެރިންގެ ވަޒީފާގެ މާޙައުލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، މަސައްކަތްތެރިންގެ ޙައްޤު އުޖޫރަ ލިބިދިނުމަށް މަސައްކަތް ކުރުމެވެ.

މި އަހަރުގެ މަސައްކަތްތެރިންގެ ދުވަހާ އަޅުގަނޑުމެން ކުރިމަތިލާއިރު، މިދިޔަ ހަތަރު އަހަރެއްހާ ދުވަހަކީ، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މަސައްކަތްތެރިންގެ ޙައްޤުގައި، ދިވެހި ސަރުކާރުގެ ފަރާތުން މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ދުވަސްތަކެއްކަން ފާހަގަކޮށްލެވެއެވެ. ވިހެއުމާ ގުޅިގެން މަންމައަށް 6 މަސްދުވަހުގެ މެޓަރނިޓީ ލީވް، އަދި ބައްޕައަށް 1 މަސް ދުވަހުގެ ޕެޓަރނިޓީ ލީވް، ސަރުކާރުން ހަމަޖެއްސީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އަދި މުވައްޒަފުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖް އަޅުގަނޑުމެން ކަނޑައެޅީ 2021 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އަދި ސަރވިސް ޗާޖްގެ ފައިދާ، މުވައްޒަފުންނަށް ހަމަހަމައަށް ލިބިދެވޭނެ ގޮތަށް ޤާނޫނަށް ވާނީ އެ ބަދަލު ގެނެސްފައެވެ.

މަސައްކަތްތެރިންގެ ޙައްޤުގައި ސަރުކާރުން މިއަދު ތަންފީޒު ކުރަމުން އަންނަ އެންމެ މުހިންމު ސިޔާސަތަކީ، ދައުލަތުގެ ތަފާތު ދާއިރާތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މުސާރައަށް އެކަށީގެންވާ ހެޔޮ ބަދަލެއް ގެނައުމެވެ. ސަރުކާރުން ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތަކީ، މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށާއި، މުވައްޒަފުންގެ މެދުގައި ހުރި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ކުރަމުން އަންނަ ވަރަށް މުހިންމު މަސައްކަތެކެވެ. ސަރުކާރުގެ މުސާރަތަކަށް މި ގެންނަ ހެޔޮ ބަދަލުތަކަކީ، އެންމެ އެކަށީގެންވާ ބަދަލުތައް ކަމަށް ނުވިޔަސް، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ސިވިލް ސަރވިސްގެ މުސާރަތަކަށް، ނިސްބަތުން މިހާ ބޮޑު ބަދަލެއް އަންނަ ފުރަތަމަ ފަހަރެވެ.

މަސައްކަތްތެރިންގެ ޙައްޤުގައި ކުރަންޖެހޭ ކިތަންމެ ކަމެއް އަދިވެސް ހުރިކަން އަޅުގަނޑު ފާހަގަކުރަމެވެ. އަދި އެކަންކަން ކުރުމުގައި ސަރުކާރު ދެމިއޮންނާނެކަމުގެ ޔަޤީންކަން ވެސް، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަމެވެ. އަދި މިހާރުވެސް މަސައްކަތްތެރިންގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން މި އަންނަނީ، ނަސްލީ ތަފާތެއް އަދި މިންތީ ތަފާތެއް ނެތި، ވަރަށް އިންސާފުވެރި ސިޔާސަތެއްގެ ދަށުންނެވެ. ދޭސީންނާއި ބިދޭސީން ފަރަގުކުރުމެއް ނެތި، ހުރިހާ މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށްދެމުން މި އަންނަނީ، އެއިން ކޮންމެ މީހަކުވެސް އެ އަދާކުރަނީ ޤައުމީ ތަރައްޤީގެ ވަރަށް މުހިންމު ދައުރެއްކަން ޤަބޫލުކުރަމުންނެވެ.

މިފަދަ މުހިންމު ދުވަހެއް ފާހަގަކުރާއިރު، ޕްރައިވެޓް ސެކްޓަރގެ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާ މީހުންގެ ޙައްޤުތައް ވެސް، އެމީހުންގެ އިންސާނީ ކަރާމާތާއި، ޤާނޫނީ ގޮތުން ލިބެންޖެހޭ ޙައްޤުތަކަށް އުނިކަމެއް ނާންނާނެ ގޮތެއްގެ މަތިން ލިބިދިނުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. އަޅުގަނޑުމެންގެ ތެރޭގައި ވަޒީފާ އަދާކުރާ އެންމެހައި މަސައްކަތްތެރިންގެ މެދުގައި ހަމަހަމަކަން ޤާއިމުކޮށް، އެ މީހުންގެ އިންސާނީ ޙައްޤުތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށް ހިތައި، އެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް މި ފުރުޞަތުގައި އަޅުގަނޑު ގޮވައިލަމެވެ.

މަސައްކަތްތެރިންނަށް ހޯދައިދެވޭ މިފަދަ ކޮންމެ ރަނގަޅަކީ، ދިވެހި ރައްޔިތުންނަށް ހޯދައިދެވޭ ރަނގަޅެކެވެ. ދިވެހި ޢާއިލާތަކުގެ ފޯރުންތެރިކަމާއި ތަނަވަސްކަމާ ގުޅިފައިވާ މިފަދަ ބަދަލުތައް ގެނައުމުގައި ސަރުކާރަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ، ޞުލްޙަވެރިކަމާއި ހަމަޖެހުމުގެ މަތީގައި ދެމިތިބުމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުން ދެއްވާ އިސްކަމެވެ. އެކަމަށްޓަކައި ދިވެހި ރައްޔިތުންނަށް ޝުކުރު ދަންނަވަމުން، ދިވެހި ޤައުމުގެ ލާބަޔާއި މަންފާއަށްޓަކައި މިކުރާ މަސައްކަތުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އަދިވެސް އިތުރަށް ދެއްވުމަށް ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރަމެވެ.

ރާއްޖޭގައި މަސައްކަތްކުރާ އެންމެންގެ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ޤައުމު ބިނާކުރުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ކާމިޔާބާއި ކުރިއެރުން މިންވަރު ކުރައްވާށިއެވެ. އަޅުގަނޑުމެން އެންމެންގެ މެދުގައި އޯގާވެރިކަމާއި ކުލުނާއި ހިތްހެޔޮކަން ޢާންމު ކުރައްވައި، ޞުލްޙަ މަސަލަސްކަމާ އެކުގައި ދިރިއުޅުމުގެ ހެޔޮ ތައުފީޤު ދެއްވާށިއެވެ. ދިވެހިރާއްޖެއަށް ފާގަތިކަމާއި ތަނަވަސްކަން މިންވަރު ކުރައްވައި، އެންމެހައި މަސައްކަތްތެރިންނަށް އަދަށްވުރެ ފަހި މާދަމާއެއް މިންވަރު ކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.