بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދައިގެ މަތިވެރި ނިޢުމަތް ދެއްވުމަށް ފަހު، މި އަހަރުގެ އުފާވެރި އަދި ބަރަކާތްތެރި ފިޠުރު ޢީދު ދުވަހާ ބައްދަލުވުމުގެ ހެޔޮ ނަސީބުން، އަޅުގަނޑުމެންގެ ހިތްތަކަށް އުފާވެރިކަމާއި ހަމަޖެހުން ދެއްވިކަމަށްޓަކައި، اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަމެވެ. އަދި މި އުފާވެރި ޢީދު ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް ފޮނުވަމެވެ. ހަމައެފަދައިން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންނަށް ވެސް މި އުފާވެރި ޢީދު ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުވަމެވެ.

އުފާވެރި ފިޠުރު ޢީދާ އަޅުގަނޑުމެން މި ބައްދަލުކުރީ، ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދައިގެ އަޅުކަމާއެކު، ވަރަށް ގިނަ ތަޖުރިބާތަކާއި ވަރަށް ތަފާތު އިޙްސާސްތަކެއްގެ ތެރޭގައި މަސްދުވަސް ހޭދަކުރުމަށް ފަހުގައެވެ. ހައިހޫނުކަމާއި ކަރުހިއްކުމުގެ ތަޖުރިބާއިން އަޅުގަނޑުމެންނަށް ލިބިދިން އިޙްސާސަކީ، ފަޤީރުންނާއި ނިކަމެތިން، ދިރިއުޅުމުގައި ތަޙައްމަލުކުރާނޭ ދަތިތަކާއި ހިތްދަތިކަމެވެ. ކެއުންބުއިމަށް ކިތަންމެ ބޭނުންވިޔަސް މާތް ﷲގެ އަމުރުފުޅަށް ކިޔަމަންގަތުމުގެ ގޮތުން، ކެތްތެރިކަމުގައި ސާބިތުވެތިބުމުގެ ތަޖުރިބާއިން އަޅުގަނޑުމެންނަށް ލިބިދޭ ފިލާވަޅަކީ، ކޮންމެ ކަމަކާވެސް ކެތްތެރިކަމާއި ސާބިތުކަމާއެކު ކުރިމަތިލުމުން، އެކަލާނގެ ރުއްސެވުމާއި ފުއްސެވުން ލިބޭނެ ކަމެވެ.

މިއަދު އަޅުގަނޑުމެން މި ފާހަގަކުރާ އުފާވެރި ޢީދަކީ، ރޯދައިގެ އަޅުކަމުން ލިބިދިން ފިލާވަޅުތަކާއި އިޙްސާސްތަކާއި ތަޖުރިބާތަކުގެ ބޭނުން ހިފުމަށް، ވަރަށް އެކަށީގެންވާ ދުވަހެކެވެ. އެކަމުގައި ވެސް އަޅުގަނޑުމެން އިސްކުރަންވީ މައިންބަފައިންނާއި ދަރިންނާއި ގާތްތިމާގެ މީހުންނެވެ. އެއަށް ފަހުގައި އެކުވެރިންނާއި ރަޙްމަތްތެރިންނެވެ. ޢީދުގެ ޙަޤީޤީ އުފަލެއްކަމުގައި އަޅުގަނޑުމެން ކޮންމެ މީހަކުވެސް ހަދަންވީ، އެމީހެއްގެ މައިންބަފައިންނާއި އަނބިދަރިންނާއި ގާތްތިމާގެ މީހުންނާ އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށް، އެކަކު އަނެކަކާ ސަލާންގަލާންކޮށް، ހިތުގެ ޚާލިޞްކަމާއި ހިތްހެޔޮކަން ފާޅުކުރުމެވެ. އެކުވެރިންނާއި ރަޙްމަތްތެރިންނާ ބައްދަލުކޮށް، ޢީދުގެ ތަހުނިޔާ ބަދަލުކުރުމެވެ. ވަކިން ޚާއްޞަ ސަމާލުކަމެއް ދޭންވީ، އެއްވެސް ސަބަބަކާ ހުރެ، މީހަކާ މެދު ހިތުގައި ރުޅިވެރިކަމެއް ނުވަތަ ދެކޮޅުވެރިކަމެއް އަދި ހިތްހަމަނުޖެހުމެއް އޮތް ނަމަ، އެމީހަކަށް ހިތް ހެޔޮކޮށް މަޢާފްކުރުމާއެކު، އަލުން ގުޅުން އުފެއްދުމަށް އިސް ނެގުމަށެވެ.

ބަރަކާތްތެރި ރަމަޟާން މަހާއި އެ މައްސަރާ ވިދިގެން އަންނަ ފިޠުރު ޢީދަކީ، މާތް ﷲ އަޅުގަނޑުމެންނަށް ދެއްވި، ގުނައި ޢަދަދު ނުކުރެވޭހާ ގިނަގުނަ ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ މޫސުމެއްވެސް މެއެވެ. އަޅުގަނޑުމެންގެ ދިވެހި މުޖްތަމަޢަށް ބަލާއިރު، އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވި އެންމެ މަތިވެރި އެއް ނިޢުމަތަކީ، ދިވެހިންގެ މެދުގައި މިއޮތް އެކުވެރިކަމާއި އެއްބައިވަންތަކަމާއި ޞުލްޙަ މަސަލަސްކަމެވެ. އެހެންކަމުން، މި އުފާވެރި ފިޠުރު ޢީދުގެ އުފާ ފާހަގަކުރުމާ ކުރިމަތިލާއިރުވެސް އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދޭންވީ، އެ މަތިވެރި ނިޢުމަތަށް ޝުކުރުވެރިވުމަށެވެ. އެކަމަށް ޝުކުރުވެރިވުމަކީ، އެ މަތިވެރި ނިޢުމަތް ދެއްވިކަމުގެ މައްޗަށް ހިތުގެ އަޑިން ރުހި، އެ ނިޢުމަތް އެ ގޮތުގައި ދެމެހެއްޓުމަށް އަޅުގަނޑުމެން ކޮންމެ މީހަކުމެ ގަދައަޅައި މަސައްކަތް ކުރުމެވެ.

ރޯދައިގެ އަޅުކަމުން އަޅުގަނޑުމެންނަށް ޙާޞިލުވި އެންމެ ބޮޑު އުފަލަކީ އަޅުގަނޑުމެންގެ ހިތްތައް ޠާހިރުވެ އަލުން ތާޒާވުމެވެ. އެހެންކަމުން ކުރިއަށް މިއޮތް ދުވަސްތަކުގައި އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދޭންވީ، ރޯދައިގެ އަޅުކަމުން އަޅުގަނޑުމެންގެ ނަފްސުތަކަށް މިލިބުނު ތާޒާކަމާއި ސާފުކަން އެ ގޮތުގައި ދެމެހެއްޓުމަށެވެ. އަޅުގަނޑުމެންގެ ޢަޒުމަކަށް ހަދަންވީ، ޙަސަދައާއި ނަފްރަތަށް އަޅުގަނޑުމެންގެ ހިތްތަކުން ޖާގަ ނުދިނުމެވެ. ކޮންމެ ޙާލަތެއްގައިވެސް، ހަމަނުޖެހުމާއި ދެކޮޅުވެރިކަމަށް ފާޅުގައި ނޫނެކޭ ބުނުމެވެ. އޭގެ ބަދަލުގައި އަޅުގަނޑުމެންގެ ހިތްތައް ހުޅުވައިލަންވީ، އެކުވެރިކަމާއި އެއްބައިވަންތަކަމަށެވެ. އަޅުގަނޑުމެންގެ ހިތްތަކަށް އާރޯކަމާއި ތާޒާކަން ހޯދައިދޭންވީ، އަނެކުންނާ މެދު ބަހައްޓާ ގާތްކަމާއި ލޯތްބާއި ކުލުނާއި އޯގާތެރިކަމުންނެވެ.

ފިޠުރު ޢީދުގެ އުފާ ފާހަގަކުރާ އިރު، އަޅުގަނޑުމެންގެ ހަނދާނަށް އެންމެ ފުރަތަމަ ގެންނަންޖެހޭ އެއް ބަޔަކީ، އަޅުގަނޑުމެންގެ މުޖްތަމަޢުގައި ތިބި ފަޤީރުންނާއި ނިކަމެތިންނެވެ. ޢީދުގެ އުފާ ފާހަގަކުރުން ކަނޑައެޅިފައި އޮތީ، އެއްވެސް މީހަކު ބާކީ ނުކޮށް، އަދި އެއްވެސް ތަފާތުކުރުމެއް ނުބާއްވައި، އެންމެން ބައިވެރިވާ އިޖްތިމާޢީ މުނާސަބަތެއްގެ ގޮތުގައެވެ. އަދި އެކަކު އަނެކަކަށް އެހީތެރިވެ ހެޔޮ ފޯރުވައި، މުޅި މުޖްތަމަޢުގައި އުފާވެރިކަން ފެތުރުމަށެވެ. މިއީވެސް ފިޠުރު ޢީދުގެ އުފާ ފާހަގަކުރުމަށް ނުކުންނައިރު، އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަން ދޭންޖެހޭ ކަމެކެވެ.

މި އުފާވެރި ފިޠުރު ޢީދުގެ ހެޔޮއެދުންތައް އަދިވެސް އެއްފަހަރު، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަމުން، އެންމެ ފުރިހަމަ ގޮތުގައި ޢީދުގެ އުފާ ފާހަގަކުރުމުގެ ހެޔޮ ނަޞީބު، އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. އެކުވެރިކަމާއި އެއްބައިވަންތަކަމާ އެކުގައި، ދިވެހި އުންމަތާއިގެން ކުރިއަށް ދިއުމުގެ ހެޔޮ ވިސްނުން އަޅުގަނޑުމެން އެންމެންނަށް ދެއްވައި، އަޅުގަނޑުމެންގެ މެދުގައި ޞުލްޙަވެރިކަމާއި އަމާންކަން މިންވަރު ކުރައްވާށިއެވެ. އަޅުގަނޑުމެންގެ މި ލޮބުވެތި ވަޠަންގައި ތިޔާގިކަމާއި ފާގަތިކަން ޢާންމުކުރައްވައި، ކުރިއެރުމާއި ކާމިޔާބީގެ ދޮރުތައް އަޅުގަނޑުމެންނަށް ހުޅުއްވައިދެއްވާށިއެވެ. ބަރަކާތްތެރި ރަމަޟާން މަހުގައި އަޅުގަނޑުމެން ހިފި ރޯދަތަކާއި ކުރި އެންމެހައި އަޅުކަންތައް ޤަބޫލުކުރައްވައި، އުފާވެރިކަމާއި ހަމަޖެހުމާއި އެއްބައިވަންތަކަމާއެކު ޢީދުގެ އުފާ ފާހަގަކުރުމުގެ ހެޔޮ ނަސީބު އަޅުގަނޑުމެންނަށް ދެއްވާށިއެވެ. އާމީން