بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ވަޑައިގެން ތިއްބެވި ހުރިހާ ނޫސްވެރިންނަށް މަރުޙަބާ ދަންނަވަން. ދުވަސްކޮޅަކަށްފަހު އަނެއްކާވެސް އަޅުގަނޑަށް ނޫސްވެރިންނާ މިގޮތަށް މި ބައްދަލުކޮށްލެވެނީ. ތިޔަބޭފުޅުންނަށް ފުރުޞަތު އެރުވުމުގެ ގޮތުން، އަޅުގަނޑު ދެތިން ވާހަކައެއް ދަންނަވާލަން.

އެނގިވަޑައިގަންނަވާނެ، ރައްޔިތުން މި ސަރުކާރު އިންތިޚާބު ކުރިތާ ހަތަރު އަހަރު ފުރިއްޖެ. ގުނަމުން މިގެންދަނީ ފަސްވަނަ އަހަރު. ވީ ވަޢުދުތައް ފުއްދުމުގައި އަޅުގަނޑުމެންނަށް ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރެވިއްޖެ. މި ރާއްޖެއަށް އަލުން އަނބުރާ ހަމަޖެހުން ގެނެވިއްޖެ ކަމުގެ ހިތްހަމަޖެހުން އަޅުގަނޑުގެ އެބައޮތް.

އަސާސީ ޚިދުމަތްތައް ރާއްޖޭގެ އެންމެންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ މިހާރުވެސް ބާރަށް ކުރިއަށް. ސާފު ބޯފެނާއި ނަރުދަމާ، އެންމެންނަށް ފޯރުކޮށްދިނުމުގެ 141 މަޝްރޫޢު މިހާރުވެސް ކުރިއަށް އެބަދޭ. ކަރަންޓުގެ ޔަޤީންކަން އެންމެންނަށް މިހާރު މިވަނީ ފޯރުކޮށްދެވިފައި. 144 ރަށެއްގައި، 313 ޖަނަރޭޓަރު އަލަށް ބެހެއްޓިއްޖެ. އިންޖީނުގެތަކާއި، އިންޖީނުގޭގެ އޮފީސް އިމާރާތް ކުރުމުގެ 76 މަޝްރޫޢެއް މިހާރުވެސް ކުރިއަށް އެބަދޭ.

ލަފާފުރުން ޙައްލުކުރުމަށް 47 ރަށެއްގެ ބަނދަރު ނިމި، 37 ރަށުގެ މަސައްކަތް ކުރިއަށް އެބަދޭ. 31 ރަށުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް އެބަދޭ. 7 ރަށުގެ ބިން އިތުރުކޮށް ނިމި، 8 ރަށުގެ ބިން އިތުރުކުރުމުގެ ޢަމަލީ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދޭ. ޞިއްޙީ ދާއިރާގެ 31 މަޝްރޫޢެއް ވަނީ ނިމިފައި. ރަށްރަށުގައި ހުރި ޞިއްޙީ މަރުކަޒުތަކާއި، އަތޮޅު ހޮސްޕިޓަލްތަކާއި، ޓަރޝަރީ ހޮސްޕިޓަލްތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުތައް މީގެތެރޭގައި ހިމެނޭ.

ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާލުމުގެ މަސައްކަތް މިވަނީ ފެށިފައި، މިދިޔަ ހަމަސް ދުވަހުގެ ތެރޭގައި. މި ނިޒާމު، ބޮޑުތިލަދުންމައްޗަށް ވަރަށްފަހުން ތަޢާރުފް ކުރެވުނު. މާލެ، އައްޑޫ، ލ. އަތޮޅު ގަން، ޅ. އަތޮޅު ހިމެނޭގޮތަށް، އެއްލައްކައަށްވުރެ ގިނަ ފަސިންޖަރުން މިހާތަނަށް ދަތުރުކޮށްފި. ފުވައްމުލަކުގައި މިނީބަސް ތަޢާރުފް ކުރެވިއްޖެ.

މާލެއާއި އަތޮޅުތެރޭގައި، 16,000 ޢާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އެކި މަޝްރޫޢުތައް ކުރިއަށް އެބަދޭ. އޭގެތެރޭގައި، މާލޭގައި އަޅާ އެކި ކެޓަގަރީގެ 8700 ފްލެޓް ހިމެނޭ. ފްލެޓްތަކަށް އެޕްލައި ކުރުމަށް ހުޅުވާލި ފުރުޞަތުގައި 20,697 އެޕްލިކޭޝަން، އެއީ، 22,667 ހިމެނޭގޮތަށް. 4000 ފްލެޓަށް ފުރަތަމަ އަޅުގަނޑުމެން ހުޅުވާލީ. ހުޅުވާލިއިރު، އެ ފުރުޞަތަށް އެދިފައި އެބައޮތް.

އަތޮޅުތެރޭގައި 4436 ފްލެޓާއި، ރޯހައުސް އެޅުމުގެ މަސައްކަތް ކުރިއަށް އެބަދޭ. ގެދޮރުވެރިޔާ ލޯނު، 183 މީހަކަށް، 168 މިލިއަން ރުފިޔާ މިހާތަނަށް ދެވިއްޖެ. މާލޭ ސަރަޙައްދުން ދޫކުރުމަށް ކަނޑައެޅިފައިވާ 5000 ގޯތި އެޕްލައި ކުރުމަށް ހުޅުވާލި ފުރުޞަތުގައި، 15,164 އެޕްލިކޭޝަން، އެއީ 23,088 މީހުން ހިމެނޭގޮތަށް ލިބިފައި އެބައޮތް.

އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެބޮޑު މަޝްރޫޢު ކަމުގައިވާ ހިލޭ ޑިގްރީގެ ދަށުން ޖުމްލަ 16,000 އަށްވުރެ ގިނަ ކުދިން ތަޢުލީމު ހާސިލުކުރަމުން އެބަގެންދޭ. މިހާތަނަށް 6519 ކުދިން ގްރެޖުއޭޓްވެ ނިމިއްޖެ.

ސަރުކާރުން ވަޢުދުވިގޮތަށް މަސައްކަތްތެރިންނަށް އެންމެކުޑަ އުޖޫރަ، ޤާނޫނަކުން ކަށަވަރުކޮށްދެވިއްޖެ. އޭގެތެރޭގައި، ޓޫރިޒަމް ސެކްޓަރގައި މަސައްކަތްކުރާ 13,000 މުވައްޒަފަކާއި، ސަރުކާރުގެ އެކި މަގާމުތަކުގައި ވަޒީފާ އަދާކުރާ 15,000 މީހަކާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގައި މަސައްކަތްކުރާ 5000 އަށްވުރެ ގިނަ މުވައްޒަފުން ހިމެނޭ.

ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ 10,000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ރަނގަޅު ބަދަލު ގެނެވިއްޖެ.

ހިފެހެއްޓިފައި ހުރި ބާރުތައް ދޫކޮށްލެވިއްޖެ. ލާމަރުކަޒީ ބަދަލު، ބޮޑު ބަދަލު ގެނެވެން ފަށައިފި.

ކޯވިޑުން އަރައިގަތުމަށް އިންކަމް ސަޕޯޓްގެ ގޮތުގައި 22,940 މީހުންނަށް 421 މިލިއަން ރުފިޔާގެ އެހީ ދެވުނު.

ވިޔަފާރި އެހީގެ ގޮތުގައި، އެ މުއްދަތުގައި 2818 ފަރާތަކަށް 1.6 ބިލިއަން ރުފިޔާގެ ލުއި ލޯނު ދޫކުރެވުނު.

2030 ވަނަ އަހަރު ނެޓް ޒީރޯއަށް އަމާޒު ހިފުމަށް ގިނަ ކަންތައްތަކެއް މިހާރުވެސް ކުރެވެމުން އެބަދޭ. އެގޮތުން، 20 މެގަވޮޓް ސޯލަރ ޕީ.ވީ. ސިސްޓަމް އިންސްޓޯލްކޮށް ނިމިއްޖެ. ހޯމް ސޯލަރ ޕްރޮގްރާމްގެ ދަށުން އެއް މެގަވޮޓް ސޯލަރ ޕީ.ވީ. ސިސްޓަމް، ގޭބިސީތަކުގައި ހަރުކުރުމަށްޓަކައި ފެނަކަ ކޯޕަރޭޝަނުން މަސައްކަތް ކުރަމުން އެބަގެންދޭ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 589 ކިލޯ ވޮޓްގެ ސޯލަރ ޕީ.ވީ. ސިސްޓަމް، 2012 ގޭބިސީގައި ވަނީ ޤާއިމްކޮށް ނިމިފައި. އަދި 2018 ވަނަ އަހަރުގެ ޑިސެންބަރުން ފެށިގެން މިހާތަނަށް 32 ސަރަޙައްދެއް، ޗަސްބިމާއި، ކުޅިއާއި ފަރުތައް ހިމެނޭގޮތަށް ޙިމާޔަތް ކުރެވިއްޖެ. 13 ބާވަތެއް ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖޭގައި ބޭނުންކުރުމާއި އަދި ރާއްޖޭގައި އުފެއްދުން މަނާކުރާނެ ޕްލޭނެއް އެކުލަވައިލައި، ތަންފީޒު ކުރުމަށް ވަނީ ފަށާފައި.

ޕްލާސްޓިކް ވޭސްޓް މަދުކުރުމަށްޓަކައި، މި ޕްލޭންގެ ދަށުން 10 ބާވަތެއްގެ ޕްލާސްޓިކް ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖޭގައި ބޭނުންކުރުން މިހާރުވަނީ މަނާކުރެވިފައި. މި ޕްލޭން ތަންފީޒު ކުރަން ފެށިފަހުން އެއް އަހަރުގެ ތެރޭގައި، ރާއްޖެއަށް އެތެރެކުރި ސިންގަލް ޔޫސްޑް ޕްލާސްޓިކް ކޮތަޅުގެ ނިސްބަތް، ދެބައިކުޅަ އެއްބަޔަށް ވަނީ ކުޑަކުރެވިފައި.

ތިލަފުށްޓަށް ކުނި ޖަމާކުރުން ހުއްޓުވައި، އެ ކުނިތައް އެކަށީގެންވާ ގޮތަށް މެނޭޖް ކުރަން ފަށައި، ތިލަފުށިން ދުންއެރުވުން ހުއްޓުމަކަށް ގެނެވިއްޖެ. އަދި ޒަމާންތަކެއް ވަންދެން 20 ރަށެއްގައި ޖަމާވެފައި ހުރި 29,000 ޓަނުގެ ކުނި ސާފުކޮށް ނިމިއްޖެ.

ޑީ.ޑީ.ކޮމް. އިން ތިން ރިޕޯޓެއް މިހާތަނަށް އަޅުގަނޑާ ހިސާބަށް ލިބިއްޖެ. އެންމެފަހުން ލިބުނީ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލި މައްސަލައިގެ ރިޕޯޓް. އެކަމާ ގުޅިގެން ތިން މީހެއްގެ މައްޗަށް ކޯޓުގައި މައްސަލަ މިހާރުވެސް ހިނގަމުން އެބަދޭ. އިތުރު ފަރާތްތަކާ ދަޢުވާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރިއަށް އެބަދޭ. ކޮމިޝަން ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ކަންކަން ދައުލަތުގެ އިދާރާތަކާ ގުޅިގެން އިޞްލާޙް ކުރުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށް އެބަދޭ.

އެމް.އެމް.ޕީ.އާރު.ސީ.ގެ ބޮޑު ޚިޔާނާތުގެ 14 މައްސަލައެއް މީގެކުރިން ކޯޓަށް ހުށަހަޅާފައިވޭ. މީގެތެރެއިން 5 ފަރާތަކަށް ޖުމްލަ 43 ދަޢުވާއެއް ކޯޓުގައި ސާބިތުވެފައިވޭ. 7 ފަރާތަކާއި 2 ކުންފުންޏެއްގެ މައްސަލަ ކޯޓުގައި ކުރިއަށް އެބަދޭ.

53 މައްސަލަ، އޭ.ސީ.ސީ.އިން މިހާރު ތަޙުޤީޤު ކުރަމުން އެބަދޭ. މި ދެ ކޮމިޝަނާ ހަވާލުކުރި ބުރަ މަސައްކަތް ކުރަމުން ދަނިކޮށް، އެ ދެ ކޮމިޝަންގެ މަސައްކަތަށް ހުއްޓުމެއް އައި. 2020 ވަނަ އަހަރު އައިއިރު، ކޮމިޝަނުން ތައްޔާރުކޮށްފައި އޮތް ޑްރާފްޓް ރިޕޯޓްތަކެއް ޢާންމުވުމާ ގުޅިގެން، މަސައްކަތްތަކަށް ބުރޫއެރި. ޚާއްޞަކޮށް، ޑީ.ޑީ.ކޮމްގެ މަސައްކަތް، އެ ބޭފުޅުން ވިދާޅުވާ ގޮތުންވިއްޔާ، ގާތްގަނޑަކަށް އެއް އަހަރަށް މެދުކެނޑިގެންދިޔަ. ސިއްރު ހެކިންނާއި، މަޢުލޫމާތު ދޭން ތިބި ފަރާތްތައް ހާމަވަމުންދިޔުމުގެ ސަބަބުން މަޢުލޫމާތު ޙިއްޞާކުރަން އެ ބޭފުޅުން ފަހަތަށްޖެހުނު. އެހެން ނަމަވެސް، މި ދެ ކޮމިޝަނުން ބުރަ މަސައްކަތްތަކެއް ކޮށް، ނަތީޖާތަކެއް ނެރެފައިވާކަން އަޅުގަނޑު ފާހަގަކުރަން.

ނިމިގެންމިދާ އަހަރަކީ، 2022 ވަނަ އަހަރަކީ، އިޤްތިޞާދީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު އަހަރެއް. ކޯވިޑަށްފަހު އަދި އިރުމަތީ ޔޫރަޕްގައި ފެށިގެންދިޔަ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި. މި އުނދަގޫތައް ހުރަސްކުރުމަށް ވަރަށްގިނަ މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ކުރަންޖެހުނު. އާމްދަނީ އިތުރުވި ނަމަވެސް، ދުނިޔޭގެ ބާޒާރުގައި މުދަލާއި ތެލުގެ އަގު އިންތިހާއަށް ބޮޑުވުމުގެ ސަބަބުން އަޅުގަނޑުމެން އިތުރަށް ފައިސާ ހޯދަންޖެހުނު. އެހެން ނަމަވެސް، މުސްތަޤްބަލް ފެންނަނީ އުޖާލާކޮށް.

އަހަރު ނިމިގެންދާއިރު، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިދަނީ ރަނގަޅުވަމުން. މިހާރު ރާއްޖޭގެ އިޤްތިޞާދު، ކޯވިޑް-19ގެ ކުރިން އޮތް ހިސާބަށް އަލުން އަނބުރާ ގާތްގަނޑަކަށް ވާސިލުވެވިއްޖެ. 2022 ނިމޭއިރު، 12.3 އިންސައްތައިގެ އިޤްތިޞާދު ކުރިއަރާނެ ކަމަށް ލަފާކުރެވޭ. އަދި 2023 ވަނަ އަހަރުގެ އަންދާޒާ ދައްކަނީ 7.6 އިންސައްތަ ކުރިއަރާނެ ކަމަށް.

އިޤްތިޞާދު ރަނގަޅުވި މައިގަނޑު ސަބަބަކީ، ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވުން. ގާތްގަނޑަކަށް މިހާރު ޕްރީ-ޕެންޑަމިކް ލެވެލްއަށް ޓޫރިސްޓުން ރާއްޖެއަށް އާދޭ. ކޯވިޑަށްފަހު ދުނިޔޭގެ ނިސްބަތުގައި އެންމެބާރު ދުވެއްޔެއްގައި އިޤްތިޞާދު ކުރިއަރާ 10 ޤައުމުގެ ތެރޭގައި ރާއްޖެ މިވަނީ ހިމެނިފައި. 2021، 2022 ވަނަ އަހަރުގެ އެންމެ ކުރިއަރައިދިޔަ 5 އިޤްތިޞާދުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭ. އަންނަ އަހަރަކީ، ހުރި ގޮންޖެހުންތައް ހުރަސްކުރުމަށް އުންމީދުތަކެއް ލިބިގެންދާނެ އަހަރެއް ކަމަށް އަޅުގަނޑުމެން ޔަޤީންކުރަން.

މިހިސާބުން އަޅުގަނޑު ތިޔަބޭފުޅުންނަށް ފުރުޞަތު ހުޅުވާލާނަން.

ދެ ސުވާލަށްވުރެ ގިނައިން ފުރަތަމަ ނުކުރައްވައްޗޭ އިނގޭތޯ. ދެން އަޅުގަނޑު ފުރުޞަތު އަރުވާނަން. އެންމެ ރަނގަޅީ އެއް ސުވާލު.

ނަޒީމް ނައުޝާދު - ތިލަދުން ނިއުސް:

ޝުކުރިއްޔާ ރައީސް.

އަޅުގަނޑުގެ އެންމެ ސުވާލެއް. ބޮޑުތިލަދުންމަތީގެ ހދ. އަތޮޅުގެ ރައްޔިތުން އަދިވެސް ދެކޭ އެންމެބޮޑު ހުވަފެނެއް އެއީ، ޓޫރިޒަމް ތަރައްޤީވުން. ދެން ހަނިމާދޫ އެއަރޕޯޓުގެ މަޝްރޫޢާއެކު، އާރު.ޓީ.އެލް.ގެ ޚިދުމަތްތައްވެސް އިތުރުވެއްޖެ. އެހެންވީމާ، އެ އަތޮޅުގައި މިވަގުތު މިއޮތީ އެންމެ ރިޒޯޓެއް. ފުރިހަމަގޮތުގައި ތަރައްޤީވާ އެންމެ ރިޒޯޓެއް. އާ އަހަރުތަކާއެކީ ކުރިމަތިލާއިރު،
ހދ. އަތޮޅުގައި ފަތުރުވެރިކަން ފައްކާކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުންފުޅަކީ ކޮބައިތޯއޭ؟

ރައީސް ވިދާޅުވެއްޖެ، ވަރަށްގިނަ އަހަރުތަކުގެ ތަރައްޤީގެ ވާހަކަ ވިދާޅުވެއްޖެ. މި ފަސް އަހަރު ނިމިގެންދާއިރު، ގަބޫލުކުރައްވަންތޯ ފުރިހަމަގޮތުގައި ވަޢުދުތައް ނިންމާލެވުނުކަން؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ ނައުޝާދު.

އާދެ، ބޮޑުތިލަދުންމަތީގެ ޓޫރިޒަމަކީ މިހާތަނަށް އައިއިރުގައި، ވަރަށް ކުރިއެރުމެއް ނެތް ސަރަޙައްދެއް. އަޅުގަނޑު ހިތުން އެހެންވެފައި އޮތީ، ދަތުރުފަތުރުގެ ނިޒާމު އޭރު އޮތްގޮތުން. މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓަށް ބޭރުން އަންނަ ފަތުރުވެރިން އައުމަށްފަހުގައި، އެހާހިސާބަށް ދަތުރުކުރުން އެއީ، ވަރަށް އުނދަގޫ ކަމެއްގެ ގޮތުގައި މިހާތަނަށް ވެފައި މިއޮތީ. މިހާރު އެހެން ނަމަވެސް، ހަނިމާދޫ އެއަރޕޯޓް، އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށް އެބަދޭ. އަދި އޭގެއިތުރުން، މުޅި އަތޮޅުގައި އާރު.ޓީ.އެލް.ގެ ކަނެކްޓިވިޓީ އެބައޮތް. އަޅުގަނޑުގެ އުންމީދަކީ، ވިޔަފާރިވެރިން މިކަމާ ދޭތެރޭގައި މިހާރަށްވުރެ ޝައުޤު އިތުރުވެ، ބޮޑުތިލަދުންމަތީގައި ޓޫރިޒަމް ތަރައްޤީ ކުރުމަށް ޝައުޤުވެރިކަން އުފެދިގެން ދިޔުން.

އަޅުގަނޑުމެން ހއ. ހދ. ށ. އަށް ނިސްބަތްވާ ގޮތަށް ރަށްތަކެއް، ދެފަހަރެއްގެ މަތިން ބިޑަށް ލައިފިން. އެހެން ނަމަވެސް، އޭރު އަޅުގަނޑު ހިތުން ޝައުޤުވެރިކަން އެހާބޮޑަށް ނެތީ، މި ދެންނެވިހެން ދަތުރުފަތުރުގެ ނިޒާމު އޮތްގޮތުން ކަމަށްވެދާނެ. އެހެން ނަމަވެސް، މި އަންނަ ތަރައްޤީއާ އެކުގައި އިރާދަކުރެއްވިއްޔާ، ބޮޑުތިލަދުންމައްޗަށްވެސް އަދި މުޅި ރާއްޖެއަށްވެސް ޓޫރިޒަމް ފުޅާވެގެންދާނެ ކަމުގެ ޔަޤީންކަން އެބައޮތް.

އަޅުގަނޑުމެން ވާނެ އަމާޒެއް. އެ ސަރަޙައްދުގައި ޑިވެލޮޕް ކުރާނެ އެނދުގެ ޢަދަދެއްވެސް ގާތްގަނޑަކަށް ކަނޑައަޅާފައި. އެއާނުލައެއް އެއަރޕޯޓެއް، ފީޒިބަލްވުމަކީ ދުރުކަމަކަށްވާނީ. އެހެންވީމާ، މި ދެކަންތައް އެކުއެކީގައި ކުރިއަށްދާނެ.

އަޅުގަނޑު ވީ ވަޢުދުތައް ފުރިހަމަކުރުމަށްޓަކައި އަޅުގަނޑު ފަށަމުންވެސް ދެންނެވި ފަދައިން، ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. އޭގެ ބައެއް ތަފްޞީލުތައް އަޅުގަނޑު ދެންމެ މި ދަންނަވާލީ.

އަޅުގަނޑުމެންނަށް އެ ކުރިމަތިވި، ކޯވިޑާއި އަދި ޔޫކްރެއިން ހަނގުރާމައާ އެކުގައިވެސް އަޅުގަނޑު ހިތްހަމަޖެހޭވަރަށް މަސައްކަތްތައް ކުރިއަށް ގެންދެވިފައި ހުރި ކަމަށް އަޅުގަނޑު ގަބޫލުކުރަން. މިކަންކަން ކޮށްދިނުމުގައި އަޅުގަނޑުގެ ވަޒީރުންގެ މަޖިލީހާއި، އެސް.އޯ.އީ.ތައް ހިންގަވަން ތިއްބެވި ބޭފުޅުން އުފުއްލެވި ބުރަ މަސައްކަތް އަޅުގަނޑު މިވަގުތު ފާހަގަކުރަން. ޗެލެންޖްތަކާ އެކީގައިވެސް އެބޭފުޅުންގެ ބުރަ މަސައްކަތާ އެކުގައި ހަމަ ގާތްގަނޑަކަށް ބޮޑުބައެއް މިވަނީ އަތޮޅުތަކުގައި ފެށި، މަސައްކަތް ނިމުމަކާ ހިސާބަށް ގޮސްފައި. އަދި ނުނިމިހުރި މަސައްކަތްވެސް، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މުޅިން ނިންމާލެވޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑުމެންގެ އެބައޮތް.

ނަޒާހަތު އިބްރާހީމް - ރާއްޖެ ޓީ.ވީ:

އަޅުގަނޑުގެ ދެ ސުވާލެއް އެބައޮތް. ފުރަތަމަ ސުވާލަކީ، މިހާރު އެމް.ޑީ.ޕީ.ގެ ޕްރައިމަރީގެ ތައްޔާރުތައް ވަމުންދާއިރުގައި، ރައީސް ނަޝީދުގެ އެންމެބޮޑު ޝަކުވާއަކީ، ވެރިކަމަށް އައިއިރުގައި، ވަޢުދުވެގެންނޭ އައީ ނިޒާމު ބަދަލުކުރާނެ ކަމަށް. އަދި ގުޅިފައިވާ ޕާޓީތަކުން އެކުގައި ކޯލިޝަން އެކުލަވައިލައިގެން މެނިފެސްޓޯ އެކުލަވައިލި ކަމުގައިވީނަމަވެސް، އެއީ، އެމް.ޑީ.ޕީ.ގެ ވަޢުދެއްގެ ގޮތުގައި އެބަ ސިފަކުރޭ. އަދި އެންމެ ބޮޑު ޝަކުވާއަކީވެސް އެއާނުލާ ނިޒާމު ބަދަލުކުރުމުގެ ވާހަކަ ނުދައްކައި ޕްރައިމަރީއަކަށް ދާތީވެ، އެ ޝަކުވާ ތަކުރާރުކޮށް ކުރައްވާފައި އެބަވޭ. މީގެކުރީގައި ސަރުކާރުން ޖަވާބު ދެއްވާފައި އެބަވޭ، އެއީ ވަޢުދެއް ނޫން ކަމުގައި. އެހެން ނަމަވެސް، ރައީސްގެ ޚިޔާލަކީ ކޮބައިތޯ، ރައީސް އެކަމަށް ވިދާޅުވާން އޮތް ވާހަކައަކީ.

ތިލަމާލެ ބްރިޖުގެ މަސައްކަތްތަކުގެ ވާހަކަ ދައްކާ ކަމުގައިވަނީނަމަ، ރައީސް މީގެކުރީގައި ފާހަގަކުރައްވާފައިވޭ، އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށް. އެހެން ނަމަވެސް، އެ މަސައްކަތް ކުރަމުންދާ އެފް. ކޮންސްއާ ހަވާލާދީ ބައެއް މީޑިއާތަކުންވެސް ރިޕޯޓްކޮށްފައިވޭ، އެ މަސައްކަތަށް ބުރޫއަރާފާނެ ކަމަށް. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިމޭނެކަމުގެ ކިހާވަރެއްގެ ޔަޤީންކަމެއް ދެއްވަފާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ނިޒާމީ ވޯޓާ ބެހޭގޮތުން ތިޔަ ދެއްކެވި ވާހަކައާ ގުޅިގެން ދަންނަވަން. އަޅުގަނޑު ކެންޑިޑޭޓަކަށް ވުމާއެކީގައި، ރައްޔިތުންނާ ހިސާބަށް ދިޔުމުގެ ކުރިން މެނިފެސްޓޯއެއް އެކުލަވައިލިން. އެ އެކުލަވައިލީ ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކެއްގެ މަޝްވަރާގެ މަތިން. އެ މެނިފެސްޓޯގައި އެއްގޮތަކަށްވެސް ނޯންނާނެ، ނިޒާމީ ވޯޓެއް، މި ފަސް އަހަރުގެ ތެރޭގައި ނަގާނެ ވާހަކައެއް. އަޅުގަނޑު ތަންފީޒު ކުރަމުން މިގެންދަނީ އަޅުގަނޑާ ހަވާލުވެފައި އޮތް އެ މެނިފެސްޓޯ. އޭގައި އޮތްގޮތަށް މި ކުރިއަށް ގެންދަނީ. އެއްވެސް ހާލެއްގައި އެ މެނިފެސްޓޯގެ މަސައްކަތްތަކުގެ ތެރެއަކު މި ދެންނެވިހެން ނިޒާމީ ވޯޓެއް، މި ފަސް އަހަރުގެ ތެރޭގައި ނަގާ ވާހަކައެއް ނެތް. މެނިފެސްޓޯގައި ނެތް ކަމެއް ކުރަންވެއްޖެ ކަމަށްވަންޏާ، ދެން ކުރަންޖެހޭނެ ކަމަކީ ކޯލިޝަންގައި މިތިބި އެންމެންނާ މަޝްވަރާ ކުރުން. އެންމެންގެ ލަފަޔާ އެކީގައި އަޅުގަނޑަށް ކުރިއަށް ދެވޭނީ. އެނޫން ގޮތަކަށް އަޅުގަނޑަކަށެއް އެކަމުގައި މި ދައުރުތެރެއަކު ކުރިއަށް ދެވޭނެ ފުރުޞަތެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން.

ތިލަމާލެ ބްރިޖުގައި ސޮއިކުރެވިފައި މިއޮތީ 26 އޮގަސްޓު 2021 ގައި. މީގެ ގާތްގަނޑަކަށް އެއް އަހަރާއި ހަތަރު މަސް ކުރިން. އޭގައި އެބަހުރި ޑެޑްލައިންތަކެއް މަސައްކަތް ނިންމަން. އެގޮތުން، މާލެއިން ފެށިގެން އޮތް ފުރަތަމަ ފޭސްއަކީ އެއީ، މާލެއިން ފެށިގެން ގުޅީފަޅާ ހިސާބަށް ނިންމަން އޮތް ފޭސް. އެކަން ނިންމަން މިއޮތީ ޑިސެންބަރު 2023ގެ ނިޔަލަށް. އެހެން ނަމަވެސް، އަޅުގަނޑުމެން މަސައްކަތް ކުރިން، ތިޔަ ވިދާޅުވިހެން ޖޫންއާ ހިސާބަށް، ވިލިމާލެއާ ހިސާބަށް ބްރިޖް ގެންދެވޭތޯ. އެކަމަކު އެއަށް އިތުރަށްދާ ޚަރަދުތަކެއް ހުރުމާއެކީގައި މިވަގުތު އިތުރު ޚަރަދުތަކެއް ކުރުމަކީ ރަނގަޅު ކަމަކަށްނުވާތީ، ކުރިންވެސް އެ އޮތްގޮތަށް ޑިސެންބަރު 23އާ ހިސާބަށް ފުރަތަމަ ފޭސް ނިންމުމަށް މިހާރު ހަމަޖެހިފައި އެ އޮތީ. މިހާރުވެސް އެ ބޭފުޅުން ޔަޤީންކަން އެބަ ދެއްވާ، ޝެޑިއުލްއާ އެއްގޮތަށް އެ މަސައްކަތް ކޮށް ނިންމާލެވޭނެ ކަމަށް.

އެ ދެ ސުވާލު ދޮގެއްތޯ. އާދެ، ޝުކުރިއްޔާ.

ޝަހްބާން ފަހުމީ - ސަންގު ޓީ.ވީ:

ޝުކުރިއްޔާ ރައީސް.

އަޅުގަނޑުގެ އެބައޮތް ދެ ސުވާލެއް. ފުރަތަމަ ސުވާލަކީ، 30 ޖޫން 2018 ވަނަ ދުވަހުގެރޭ 9:00ގައި ބޭއްވުނު އެމް.ޑީ.ޕީ.ގެ އާދަޔާޚިލާފު ކޮންގްރެސްއަށްފަހުގައި މަނިކުފާނު ދެއްވި ސްޕީޗްގައި މަނިކުފާނު އެބަވޭ ވިދާޅުވެފައި. މަނިކުފާނު އެންމެ ބޮޑަށް ދެކެން ބޭނުންވާ ދުވަހަކީ އަދި މަނިކުފާނު އެންމެ އުފާވާނެ ދުވަހަކީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ރައީސް މުޙައްމަދު ނަޝީދު ހުންނަވާނެ ދުވަހޭ. އަދި މަނިކުފާނު މަސައްކަތްޕުޅުވެސް ކުރައްވާނީ އެގޮތަށް ކަމަށް. އަޅުގަނޑުގެ ސުވާލަކީ، މަނިކުފާނު އެންމެ އުފާވާނެ ކަމަކީ އެއީ ކަމަށްވާއިރުގައި، ކުރިއަށް މިއޮތް 2023ގެ ރިޔާސީ އިންތިޚާބަށް، އެމް.ޑީ.ޕީ.ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައި ނިންމެވީ ކީއްވެގެންތޯ؟ އެއީ ރައީސް ނަޝީދަށް، މަނިކުފާނު އެ ވިދާޅުވިގޮތަށް އެންމެ ބޭނުންވާ ކަން ކޮށްދެއްވެން ޖާގަ އޮއްވައި، ކީއްވެގެންތޯއޭ 2023ގެ ރިޔާސީ ޕްރައިމަރީ ތިޔަ ވާދަކުރައްވަނީ؟

ދެވަނަ ސުވާލަކީ، މަނިކުފާނު 2018ގެ ކެމްޕެއިން ދުވަސްވަރު، އޭގެކުރިންވެސް އެމް.ޑީ.ޕީ. އިން ވަރަށް ބޮޑަށް ވަކާލާތު ކުރަމުންދޭ، ކޮންމެ ސިޔާސީ ޕާޓީއަކަށްވެސް އެ ސިޔާސީ ޕާޓީއަކުން އިޚްތިޔާރު ކުރާ ނުވަތަ ބޭނުންވާ ކެންޑިޑޭޓަކަށް، ބޭނުންވާ މީހަކަށް ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮންނަންޖެހޭނެ ކަމަށް. އަދި ހަމަ އެއާއެކީ އެއަށް ބާރުދޭ އެއްކަމެއްގެ ގޮތުގައި، މަނިކުފާނު ފާހަގަކުރެއްވި، ރައީސް ނަޝީދުގެ މައްޗަށް އޭރު ކޮށްފައި އޮތް ޙުކުމަކީ، ބަލައިނުގަންނަ ޙުކުމެއް ކަމަށް، މި ދެންނެވި ރޭގައި މަނިކުފާނު ވާހަކަފުޅު ދައްކަވަމުން ވިދާޅުވި. އަދި މި ޙުކުމް ބާޠިލްކޮށް، އެންމެންވެސް ގަބޫލުކުރާ، ކޮންމެ ސިޔާސީ ޕާޓީއަކުންވެސް ގަބޫލުކުރާ ރިޔާސީ ކެންޑިޑޭޓަކާއެކީ އިންތިޚާބަށް ދިޔުމަށް މަނިކުފާނު އޭރުގެ ސަރުކާރަށް ގޮވާލެއްވި.

އަޅުގަނޑުގެ ސުވާލަކީ، މަނިކުފާނު 2023ގެ ރިޔާސީ އިންތިޚާބަށް ވަޑައިގަންނަވަން ބޭނުންފުޅުވަނީ، ކުރީގެ ރައީސް ޔާމީން ޖަލުގައި ބާއްވައިގެންތޯއޭ؟ އަދި އެހެން ކަމަށްވަންޏާ ކީއްވެގެންތޯއޭ މަނިކުފާނު އެގޮތް ބޭނުންފުޅުވަނީ؟ ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ވާދަކުރަނީ ކީއްވެގެންތޯ؟ އެއީ މީގެތެރޭގައި ހިމެނުނު މައިގަނޑު އެއް ސުވާލަކީ. އަޅުގަނޑު ދެކޭގޮތުގައި، އެމް.ޑީ.ޕީ. އިން ބޭނުންވާނެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން. މިވަގުތު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ރިޔާސީ އިންތިޚާބު، އެމް.ޑީ.ޕީ. އަށް ކާމިޔާބު ކުރެވޭނެ ކަމުގެ ފުރުޞަތު އެންމެބޮޑީ އަޅުގަނޑަށް. ސިޔާސީ މާޙައުލު ރާއްޖޭގައި އޮތްގޮތް ޝަހުބާނަށް އެނގިވަޑައިގަންނަވާނެ. އެއްވެސް ޕާޓީއަކަށް، އަޅުގަނޑަކަށް ނުކެރޭނެ ދަންނަވާކަށެއް، އެއްވެސް ޕާޓީއަކަށް އެކަނި ނުކުމެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިދާނެ ކަމަކަށް އަދިވެސް.

އެހެންވީމާ، އެމް.ޑީ.ޕީ. އިން ނުކުންނަ ކެންޑިޑޭޓަކީ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ފިފްޓީ ޕަސެންޓް ކްރޮސް ކުރެވޭނެ ކެންޑިޑޭޓަކަށް ވާންޖެހޭނެ. އަޅުގަނޑަށް އިރާދަކުރެއްވިއްޔާ، އެ ޔަޤީންކަން އެބައޮތް. މިކަމުގައި ސިޔާސީ ޚިޔާލު އަޅުގަނޑުމެންނާ އެއްގޮތް ނޫން ބައެއް ކަންތައްތަކުގައި، ނޫން މީހުންނާ އެކީގައިވެސް ކޯލިޝަނެއް ހަދައިގެން ގޮސް ރިޔާސީ އިންތިޚާބު، 2023 ވަނަ އަހަރު ކާމިޔާބު ކުރެވޭނެ ކަމުގެ. އެ ފުރުޞަތު އެހެން އޮތީމާ، އަޅުގަނޑު ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރަން މި ނިންމީ. އަޅުގަނޑު ހިތުން މި ދެންނެވިހެން ކެންޑިޑޭޓަކު އެމް.ޑީ.ޕީ. އިން ކަނޑައަޅާއިރުގައި، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ފަރާތަކަށް އެބޭފުޅުން ވޯޓު ދެއްވާނީ.

ދެވަނަ ކަމަކީ، 2018 ވަނަ އަހަރު އަޅުގަނޑު ވީ ވަޢުދުތައް ފުއްދަމުން މިދަނީ. ރައްޔިތުން އެކަން އަޅުގަނޑު ހިތުން ގަބޫލުކުރާނެ. އަދި ފެށިފައި ހުރި ބައެއް މަޝްރޫޢުތައް އެބަހުރި. އެ މަޝްރޫޢުތައް ނިންމުމަށްޓަކައި އަޅުގަނޑު އެބަޖެހޭ މަސައްކަތް ކުރަން. އަޅުގަނޑުމެންނަށް އެ ކުރިމަތިވި ކޯވިޑުގެ އުނދަގުލާއި، މުޅި ދުނިޔެ ހުއްޓުމަކަށް އައުމާ ގުޅިގެން ދިމާވި ދަތިތަކާއި، އަދި ޔޫކްރެއިން- ރަޝިޔާ، އެ ހަނގުރާމައާ ގުޅިގެން މުޅި ދުނިޔެއަށް މިއައި ގޮންޖެހުންތަކާ އެކީގައި ބައެއް މަޝްރޫޢުތައް މަޑުޖެހިފައި އެބަހުރި. ކުރިއަށް އޮތް ދެ އަހަރަކީ ވަރަށް މުހިންމު ދެ އަހަރު އަޅުގަނޑުމެންގެ މަޝްރޫޢުތައް ނިންމުމަށްޓަކައި. އެހެންވީމާ، މި ކަންތައްތައް ކުރުމަށްޓަކައި އަޅުގަނޑު ކުރިމަތިލާން އަޅުގަނޑު ނިންމީ.

ދެން ރައީސް ޔާމީން ޖަލުގައި ބަހައްޓައިގެންތޯ އަޅުގަނޑު ރިޔާސީ އިންތިޚާބަށް ދާން ބޭނުންވަނީ. ނޫން އެއްގޮތަކަށްވެސް އަޅުގަނޑުގެ ވިސްނުމެއް ނެތް، ވަކި މީހަކު އެކަހެރިކޮށްފައި، ވަކި މީހަކު ބާކީކޮށްފައި އަޅުގަނޑު އެކަނި ނުކުމެ އިންތިޚާބު ކާމިޔާބުކުރާކަށެއް. ޝަރުޠު ހަމަވާ އެންމެންނަށް، ހުރިހާ ބޭފުޅުންނަށް ރިޔާސީ އިންތިޚާބުގައި ކުރިމަތިލުމުގެ ފުރުޞަތު އޮންނަންވާނެ. ދެން ރައީސް ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި، ވަރަށް ސާފުކޮށް ވިދާޅުވެފައި އޮތީ. ތިމަންނާ ދެން ބޭނުމެއް ނޫނޭ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރާކަށެއް. ތިމަންނާ ބޭނުންވަނީ ބޮޑުވަޒީރުކަމޭ ކުރަން. ވަރަށް ސާފުކޮށް އެކަމަށް ޖަވާބު ދެއްވާފައި އޮތީ.

އިބްރާހީމް މާހިލް މުޙައްމަދު - ސޯޝަލް:

ޝުކުރިއްޔާ ރައީސް.

2023 ވަނަ އަހަރު ފެށުމާއެކު، ޖީ.އެސް.ޓީ 8 ޕަސެންޓަށް ބޮޑުވޭ އެބަ. ދެން މިކަމާ ގުޅިގެން ޢާންމުންނަށް ކޮންމެވެސްވަރެއްގެ ބުރައެއް އުފުލަން އެބަޖެހޭ. ތަކެތީގެ އަގުވެސް ހަމަ ބޮޑުވާނެ. ރައީސް ކިހިނެއްތޯ ދެކެވަޑައިގަންނަވަނީ މިކަމާ ގުޅޭގޮތުން.

ދެން އަޅުގަނޑުގެ ދެވަނަ ސުވާލަކީ، ޓެކްސް ބޮޑުކުރުމުގެ އިތުރުން، ސަރުކާރުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އަންނަ އަހަރު ކޮންކޮން ކަންތައްތަކެއްތޯ ކުރައްވާނީ؟ ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ރިޔާސީ އިންތިޚާބެއް ކުރިމަތީގައި އޮއްވައި، ޓެކްސް ބޮޑުކުރާނީ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ސިޔާސީ ބޭނުމެއް އޭގައި އޮވެގެނެއް ނޫން. ސިޔާސީ ވިސްނުމެއްގައި ކުރާނެ ކަމެއް ނޫން އެއީކީ. ރައްޔިތުން އަތުން އިތުރަށް ޓެކްސް ނަގަން މަސައްކަތް ކުރުމަކީ. އެހެންވީމާ، އެކަން ކުރަންޖެހުނު ސަބަބު ވަރަށް ސާފު. ރާއްޖޭގެ އިޤްތިޞާދަށް މިއައި ހީނަރުކަމާއި ގޮންޖެހުންތަކާ އެކީގައި، އަޅުގަނޑުމެންނަށް ބައިނަލްއަޤްވާމީ އިދާރާތަކުންވެސް ލަފާ ލިބިފައި އޮތީ، ރާއްޖޭގެ ޓެކްސް ނިޒާމަށް ބަދަލުގެންނަންޖެހޭ ކަމަށް. ޖީ.އެސް.ޓީ. އާއި، ޓީ.ޖީ.އެސް.ޓީ. ބޮޑުކުރުމަށް ރާއްޖޭގައި އަދިވެސް ޖާގަ އޮތީމަ، އެކަން ކުރުން އެއީ، ރަނގަޅު ކަމެއް ކަމަށް އެޑްވައިސް ދީފައި އެބަހުރި. އަޅުގަނޑުމެން މި ވާހަކަތައް ދައްކަން ފަށްޓައިފިން، މި އަހަރުގެ ކުރީކޮޅުގައި. ގާތްގަނޑަކަށް މާރިޗު، އެޕްރީލް ހިސާބުން ފެށިގެން. މަޝްވަރާތަކަކަށްފަހުގައި، އަޅުގަނޑުމެން ޖީ.އެސް.ޓީ. އާއި ޓީ.ޖީ.އެސް.ޓީ. މި ބޮޑުކުރީ.

ތެދުފުޅެއް، މި ބަދަލާ އެކީގައި ކޮންމެވެސްވަރެއްގެ އިންފްލޭޝަނެއް، އަގުތަކަށް ބަދަލު އަންނާނެ. އަޅުގަނޑުމެންނަކީ އިމްޕޯޓަށް ބަރޯސާވާ ޤައުމަކަށްވާއިރުގައި، އެކްސްޗޭންޖް ރޭޓަށް މިއިން އަންނަ ބަދަލުތަކަކާ ގުޅިގެން ޑޮލަރަށް އޮތް ޑިމާންޑް ބޮޑުވާ ކަމަށްވަންޏާ، އެތެރެކުރާ މުދަލުގެ އަގު މައްޗަށް ދިޔުމަކީ އެކަށީގެންވާ ކަމެއް. ދާނެ ކޮންމެގޮތެއްވިޔަސް. ދެން މީގައި އަޅުގަނޑުމެން ބަލާއިރުގައި، އަޅުގަނޑުމެން މި އަންދާޒާ ކުރަނީ، 2023 ވަނަ އަހަރު ގާތްގަނޑަކަށް 5.4 ޕަސެންޓަށް ފަހަރެއްގައި އިންފްލޭޝަން ބޮޑުވެދާނެ ކަމަށް. އެހެން ނަމަވެސް، އައި.އެމް.އެފް. އިން އަންދާޒާ ކުރާގޮތުން ހުންނާނީ 3.2 ޕަސެންޓްގައި. އަޅުގަނޑުމެން މި ހިސާބުތައް ޖަހައި ރާވަމުން މިގެންދަނީ، މީގައި އޮތް އެންމެ ގޯސް ވަރސްޓް ސިނާރީއޯއަކަށް ބަލައިގެން. އެހެންވެގެން އަޅުގަނޑު މި ދެންނެވީ އެވަރަށް ހިނގައިދާނެއޭ. 

ހަމަ އެއާއެކީގައި އަޅުގަނޑުމެންގެ ޚަރަދުތައް ކުޑަކުރުމުގެ މަސައްކަތްތަކެއްވެސް ކުރަމުން އެބަ ގެންދަން. މި އަންނަ އަހަރުގެ ތެރޭގައި އެކަން ތަންފީޒުވަމުން އަންނަތަން ތިޔަބޭފުޅުންނަށް ފެނިގެންދާނެ.

އާމްދަނީ އިތުރުކުރުމަށް ކުރަނީ ކޮން ކަމެއްތޯ؟ ރާއްޖޭގައި އަޅުގަނޑު ހިތުން އަދިވެސް ޓޫރިޒަމް އެކްސްޕޭންޑް ކުރުމުގެ ފުރުޞަތު ވަރަށް ބޮޑަށް އެބައޮތް. މިހާރު ދޫކުރެވިފައި ހުރި ވަރަށް ގިނަ ރަށްރަށް އެބަހުރި. އަޅުގަނޑުމެންގެ ވެރިކަމުގައި ބަލަމުން މި އަންނަނީ، އެ ރަށްތައް ހެދުމަށްޓަކައި އިންވެސްޓަރުންނަށް ފަހި ފުރުޞަތުތައް ހޯދައިދީގެން އެކަން ކުރުމަށް. ބައެއް މަދު ސަރަޙައްދުތަކުން އަޅުގަނޑުމެން ޓޫރިޒަމަށް އާ ރަށްތައް ނެރުނު ނަމަވެސް، އެކަންވެސް ހިފަހައްޓައިގެން މިގެންދަނީ ބާޒާރުގައި، މާކެޓުގައި ގިނަ ރަށްތަކެއް ހުރީމަ. އެހެންވީމާ، އޭގެތެރެއިން އަޅުގަނޑު ހިތުން އިޤްތިޞާދަށް އިތުރު ފައިސާ ވަންނާނީ. އިންޓަރނޭޝަނަލް އެއަރޕޯޓް، މީގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ. އެހެން ނަމަވެސް، އެއަރޕޯޓް މުޅި ނިމި، އާ ޓަރމިނަލްގެ ޚިދުމަތްތައް އަދިއެއް މި އަންނަ އަހަރު ތެރެއަކުއެއް ނުލިބޭނެ. އެހެން ނަމަވެސް، ހަނިމާދޫ އެއަރޕޯޓާއި އަދިވެސް އައްޑޫ އެއަރޕޯޓުގެ ޑިވެލޮޕްމަންޓާ އެކީގައި، ލޯންގް ޓަރމްގައި ބޮޑު ބަދަލުތަކެއް އިޤްތިޞާދަށް އަންނާނެ.

މި އަންނަ އަހަރު ޚަރަދުތައް ކުޑަކުރުމަށްޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ތެރޭގައި، ފިއުލް ސަބްސިޑީ ކުޑަކުރުން އެބައޮތް. މިހާރަށްވުރެ ޑައިރެކްޓްކޮށް، އެ ސަބްސިޑީ ދެވޭނެ ގޮތްތަކެއް އެބަ ރާވަން. އާސަންދައިންވެސް ޚަރަދުތަކެއް އެބަ ކުޑަކުރަން. އެ އާގޮތަކަށް ބަދަލުކުރެވޭތޯ މިދެންނެވީ. ޕޭ ހާމަނައިޒޭޝަނަށްވެސް، ކުރިން އަޅުގަނޑުމެން ކަނޑައަޅާފައި އޮންނާނީ ދެ ބިލިއަން، މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން. އެހެން ނަމަވެސް، އެވަރަކަށް އަންނަ އަހަރު ތެރެއަކު އަޅުގަނޑުމެން ޚަރަދެއް ނުކުރާނަން. ކަރަންޓް ސަބްސިޑީޒްވެސް ސީދާ ޑައިރެކްޓްކޮށް ދެވޭނެ ގޮތްތަކަކަށް ރާވަމުން މިގެންދަނީ. މުޅި މެޑިކަލް ކޮންޒިއުމަބަލް، ބަލްކް ކޮށް ގަންނަން ފެށުމުން، އެއިންވެސް ވަރަށްބޮޑު ތަނެއް ސޭވް ވެގެންދާނެ. ޖުމްލަކޮށް އަޅުގަނޑުމެން މި ބަލަނީ، 3.2 ބިލިއަން ރުފިޔާގެ ސޭވިންގއެއް ބަޖެޓުތެރެއިން މި އަންނަ އަހަރު ހޯދުމަށް. އެހެންވީމާ، އޭގެ ސަބަބުން އަޅުގަނޑުމެންނަށް މިހުރި ރިސްކްތައް ކުޑަކުރެވިގެންދާނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ.

އަޙްމަދު ނިޒާމް - އަޞްލު އޮންލައިން:

އެންމެ ފުރަތަމަ އަޅުގަނޑު ޝުކުރު ދަންނަވަން، މި ފުރުޞަތު ދެއްވި ކަމަށްޓަކައި ރައީސަށް ވަރަށް ބޮޑަށް.

އަޅުގަނޑުގެ ދެ ސުވާލެއް މިއޮތީ. އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، ރައީސްގެ ވަރަށްބޮޑު ވަޢުދުފުޅެއް އެއީ، ޢަރަބިއްޔާ ސްކޫލަށް އިސްކަމެއް ދެއްވުން. ދެން ޢަރަބިއްޔާ ސްކޫލްގެ ޢިމާރާތް، މިހާރު ކުރެވެމުންދާ ޢިމާރާތާއި، އަޞްލު ޢަރަބިއްޔާ ސްކޫލްގެ މަސައްކަތްތަކާ، މިކަމަށް ރައީސްގެ ކޮމެންޓަކީ ކޮބައިތޯ؟ ކޮބައިތޯ މިހާރު ދެކެވަޑައިގަންނަވާ ގޮތަކީ؟

ދެވަނަ ސުވާލަކީ، ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދާ ދެބޭފުޅުންގެ ދޭތެރޭގައި ނުތަނަވަސްކަމެއް އޮތްކަން އަޅުގަނޑުމެންނަށް އެބަ ފާހަގަކުރެވޭ. މި ނުތަނަވަސްކަމުގެ އަޞްލަކީ ކޮބައިތޯއޭ. ޝުކުރިއްޔާ ރައީސް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ޢަރަބިއްޔާ ސްކޫލް އަޅަން އަޅުގަނޑުމެން ނިންމާފައި ވާނީ، ބާ ޖަމާލުއްދީން ސްކޫލް ހުރިތަން ތަޅާލައިގެން. ކުރިއްސުރެ ފަށައިގެންވެސް އަޅުގަނޑުމެން ނިންމާފައި އޮތްގޮތަށް މިހާރު ޢަރަބިއްޔާ ސްކޫލް އެހުރި ޢިމާރާތަށްވުރެ ޖާގަ ބޮޑުކޮށް، އިތުރު ފެސިލިޓީތަކާ އެކުގައި ޕްލޭން ކުރެވިފައި އޮތްގޮތަށް އެކަން ކުރިއަށްދާނެ. އަޅުގަނޑު ހިތުން ޢަރަބިއްޔާ ސްކޫލަށް، އޭރުން ހިންގުމުގައި ވަރަށްބޮޑު ފަސޭހަތަކެއް ވެގެންދާނެ. ކިޔަވާ ކުދިންނަށާއި މުދައްރިސުންނަށާއި އަދި ހިންގާ އިތުރު އެކްޓިވިޓީޒްތައް ހިންގުމަށް ބޮޑު ޖާގަ ލިބިގެންދާނެ. އެހެންވީމާ، ޢަރަބިއްޔާ ސްކޫލަށް މި ގެނެވޭ ބަދަލު ވެގެންދާނީ، ވަރަށް ރަނގަޅު ހެޔޮ ބަދަލަކަށް. އަޅުގަނޑުމެންގެ ޕްލޭންގައި އޮތްގޮތުން، މުޅިން ޢަރަބިއްޔާ ސްކޫލް ނިންމާލެވި، އެތަނަށް ސްކޫލް ބަދަލުކުރެވޭނީ، 2023 ވަނަ އަހަރު ނިމޭހާ ތަނުގައި. އެއީ ގާތްގަނޑަކަށް 168 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް.

ދެންއޮތީ، ދެން ވަރަށް ޕަރސަނަލް ސުވާލެއް ދެން ތިޔަ ކުރައްވަނީ. އަޅުގަނޑާ ރައީސް ނަޝީދާ ދެމީހުންގެ ދޭތެރޭގައި ޚިޔާލުތަފާތުވަނީ ކީއްވެގެންނޭތޯ، އެއީތޯ؟

އާދެ، ފެށުނީއްސުރެ ސިޔާސީ ބައެއް ކަންތައްތަކުގައި އަޅުގަނޑުމެންނަކީ ޚިޔާލު ތަފާތު މީހުން. އެހެން ނަމަވެސް، އަބަދުވެސް އެކީގައި ކުރިއަށް ދެވޭ. މިހާރުވެސް އެކަހަލަ ކަންތައް ކުރިމަތިވެފައި އެހެރީ. ރައީސް ނަޝީދު ވެރިކަމުގައި ހުންނެވިއިރުވެސް ނިންމަވަމުން ގެންދެވި ބައެއް ކަންތައްތަކަކަށް އަޅުގަނޑު ދެކޮޅުހެދިން. އަޅުގަނޑަށް ފެންނަގޮތް އަޅުގަނޑު ހާމަކުރަމުން ގެންދިޔައީ. އެހެން ނަމަވެސް، ރައީސް ނަޝީދަކީ އޭރު ވެރިޔަކަށް ހުންނެވި ބޭފުޅަކަށްވާތީ، އަޅުގަނޑުގެ އިތުރުން މަޝްވަރާ ކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅުން ތިއްބަވާނެ. ވެރިޔަކަށް ހުންނަ މީހަކު ކަންތައްތައް ނިންމަވަންވާނީ، މަޝްވަރާގެ މަތިން. ގިނަ ބައެއްގެ މަޝްވަރާގެ މަތިން. އެހެންވީމާ، އަޅުގަނޑުގެ ވިސްނުން އޭރު އެކަމެއްގައި ހުންނަގޮތް ޙިއްޞާ ކުރުމަށްފަހުގައި، ނިންމަވާ ނިންމެވުމަކާ އެކީގައި އަޅުގަނޑު ކުރިއަށްދާނީ.

މިއަދު އަޅުގަނޑު ވެރިކަމުގައި ހުރެ ނިންމާ ނިންމުންތައްވެސް އަޅުގަނޑު ނިންމަންވާނީ އެގޮތަށް. ހުށަހެޅޭ ކަންތައްތަކުގައި ޚިޔާލު ދެއްވަންވީ ހުރިހާ ބޭފުޅުންވެސް. އެހެން ނަމަވެސް، އަޅުގަނޑަށް މި މަގާމުގައި ހުރެ ކަންތައްތައް ނިންމޭނީ، ގިނަ ބައެއްގެ މަޝްވަރާއާ އެކުގައި. އެންމެންނަށް، ގިނަ ބަޔަކަށް ފައިދާވާގޮތަށް. އެހެންވީމާ، ވަކި މީހެއްގެ ވަކި ކަމެއް ހާސިލު ކުރުމަށްޓަކައި އަޅުގަނޑަށް ހުށަހަޅާ ހުށަހެޅުމަކަށް އަޅުގަނޑަށް ގޮތެއް ނިންމޭނީ، ދެން ތިބި އެންމެންނާ މަޝްވަރާ ކޮށްފައި. އެހެންވީމާ، އަބަދުވެސް ޚިޔާލުތަފާތުވުންތައް ހުރޭ. އެއާއެކީގައި، އަޅުގަނޑުމެންނަށް ކުރިއަށް ދެވޭ.

މިވަގުތު ޚިޔާލުތަފާތުވެގެން މިއުޅޭ މައިގަނޑު ސަބަބަކީ، އަޅުގަނޑު ހިތުން ވެރިކަމުގައި ހުރި ހުރުމާ ދޭތެރޭގައި އޮތް ޚިޔާލުތަފާތުވުން. އެއީ، ކޮންމެހެން އަޅުގަނޑު ވެގެނެއް ނޫން. ރައީސް ނަޝީދަކީ، ވިދާޅުވާގޮތުން ވެރިކަން ބޭނުންފުޅުވާ ބޭފުޅެއް. ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުރި ނަމަވެސް، އެ ޚިޔާލުތަފާތުވުން އޮންނާނެ ކަމަށް އަޅުގަނޑު ދެކެނީ. އެހެންވީމާ، މިހާރުވެސް މިއޮތް ޚިޔާލުތަފާތުވުމަކީ، އަޅުގަނޑު މި މަގާމުގައި ހުރީމާ އޮތް ޚިޔާލުތަފާތުވުމެއް ކަމަށް އަޅުގަނޑަށް ބެލެވެނީ. އެނޫން އެއްވެސް ކަމެއް މީގައި އޮތް ކަމަކަށް އަޅުގަނޑު ނުދެކެން.


ޝަފްރާޒް އަޙްމަދު ޙުސައިން - ވޮއިސް އޮންލައިން:

މަނިކުފާނު މި ފާހަގަކޮށްލެވެނީ އިދިކޮޅު ލީޑަރެއްގެ ގޮތުންވެސް މީގެކުރިން އަދި ނޫސްވެރިއެއްގެ ހައިސިއްޔަތުންވެސް އެއްވެއުޅުމުގެ މިނިވަންކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވައި، އެކަން ޕްރޮމޯޓް ކުރެއްވި ބޭފުޅެއްގެ ގޮތަށް. އެންމެފަހުން ބޭއްވި ޕްރެސްއާއި މި ޕްރެސްއާ ދޭތެރޭވެސް މި ސުވާލު އަޅުގަނޑު ކުރިން. އެ މިނިވަންކަން އަދިވެސް ނުލިބޭ. ރޭވެސް ބަޔަކު ހައްޔަރުކުރި ތަން މި ފެނުނީ. އެ މިނިވަންކަން ކިހާތާކުތޯ ލިބޭނީ ދިވެހިންނަށް؟

ދެވަނަ ސުވާލެއްގެ ގޮތުން، އެމް.ޑީ.ޕީ. މިހާރު މި ކުރިއަށްދާ ޕްރައިމަރީގައި، މަނިކުފާނާއި ރައީސް ނަޝީދާ އެކުގައި މަސައްކަތް ކުރާނެ ފޯމިއުލަރއެއް ކަމަށް ގަބޫލު މި ކުރެވެނީ ބަރުލަމާނީއަށް އެއްބަސްވުން. މިފަދަ ހުށަހެޅުމެއް ރައީސް ނަޝީދު ހުށަހަޅުއްވައިފިއްޔާ، ކުރިއަށް އޮތް ފަސް އަހަރަށް ބަރުލަމާނީއަކަށް ނިޒާމު ބަދަލުކުރުމުގެ ވިސްނުންފުޅެއް ގެންގުޅުއްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ނިޒާމީ ވޯޓުގައި އަޅުގަނޑު ދަންނަވައިފިން، އަޅުގަނޑަށް މިވަގުތު ކަން ކުރެވެން އޮތްގޮތް.

ޝަފްރާޒް އަޙްމަދު ޙުސައިން - ވޮއިސް:

އެފަދަ ވޯޓަކަށް ހިނގައިދާނެތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އެބައޮތް ޕްރޮސެސިންގ އޭގައި ދޮގެއްތޯ. ކުރިއަށް ގެންދެވޭނެ ގޮތެއް. އެއީ، ޤާނޫނުއަސާސީގައި އެބައޮތް ލިޔެފައި. ބޮޑެތި ކަންތައްތަކާ ބެހޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ގޮތް ބެލުމަށްޓަކައި ރައްޔިތުންނާ ހިސާބަށް ދެވިދާނެ ކަމަށް. ދެން ރައްޔިތުންގެ މަޖިލީހުން ވަކިގޮތެއް ފާސްކޮށްފައި، ފެންނަ ނުފެންނަ ވޯޓަކަށް ދާން އަޅުގަނޑަށް ފޮނުވައިފިއްޔާ، އަޅުގަނޑު އެކަމައިގެން ކުރިއަށްދާނަން.

ޝަފްރާޒް އަޙްމަދު ޙުސައިން - ވޮއިސް:

އެފަދަ ހުށަހެޅުމެއް ރައީސް ނަޝީދު ހުށަހަޅުއްވައިފިއްޔާ ގަބޫލުފުޅު ކުރައްވާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

މަޖިލިސް ތެރެއިން އަންނަންވާނީ. މަޖިލީހުން ނިންމަންވާނެ. އެހެން ނޫނީވިއްޔާ ރައްޔިތުންގެ ގިނަބައެއްގެ ތާއީދު އެއަށް އޮންނަންޖެހޭނެ.

ޝަފްރާޒް އަޙްމަދު ޙުސައިން - ވޮއިސް:

އެއްވެއުޅުމާ ބެހޭގޮތުން؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، އެއްވެއުޅުމާ ބެހޭގޮތުން އަޅުގަނޑު ހިތުން މިހާރުވެސް ކޮންމެވެސްވަރަކަށް އެބަ އެއްވޭ ދޮގެއްތޯ. ދެން އެ އެއްވުމުގެ ތެރޭގައި އަބަދުވެސް ޤާނޫނާ ޚިލާފަށް ޢަމަލުކުރަންޏާ، ނޫނީވިއްޔާ ފުލުހުންގެ އެ ނިންމާ ނިންމުން ހުރަސްކުރަންޏާ، ވަގުތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅަމުން އޭރުވެސް ގެންދޭ. މިހާރުވެސް އެގޮތުން ކުރަންޖެހޭ ކަމެއް އެއީ. ފުލުހުން ޤާނޫނު ތަންފީޒު ކުރާނެ. އެއީ، ވަކި މީހަކަށް ބެލުމެއްނެތި ކުރުމަށް ފުލުހުންގެ މައްޗަށް ލާޒިމުކޮށްފައި އޮތް ކަމެއް. އެކަން ކުރުމަކަށް ފުލުހުން ފަސްޖެހޭނެ ކަމަކަށް އަޅުގަނޑު ނުދެކެން. އެއީ، ޤައުމުގެ ޞުލްޙައާއި އަމަންއަމާންކަން ބެލެހެއްޓުމަށްޓަކައި ފުލުހުން ކުރަންޖެހޭނެ ކަމެއް.

ދެން އޮތީ ޤާނޫނަށް ގެނެވިފައި އޮތް ބަދަލު. ކުރީގައި މާލޭގެ އެއްވުންތަކުގައި ވަކިތަނަކަށް އެއްވުމަށް އެބައޮތް ޤާނޫނުގައި ބުނެފައި. މާލޭގެ ހަލަބޮލިކަމާއި، ދުއްވާ ތަކެއްޗާއި، ޓްރެފިކާ، އެ ހުރިހާ އެއްޗަކަށް ބައްލަވާފައި ކުރައްވާފައި އޮތް ކަމެއް ކަމަށް އަޅުގަނޑު ދެކެނީ. އެ ޤާނޫނު އިޞްލާޙު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި މިހާރުވެސް އެބައޮތް، ކޮމިޓީ ސްޓޭޖްގައި. އެހެން އޮއްވައި އިތުރަކަށް އަޅުގަނޑު ދެން ކޮންކަމެއްތޯ ކުރަންވީ؟ އެ ފާސްކޮށްފައި އަޅުގަނޑާ ހިސާބަށް ގެނައިމާ، އަޅުގަނޑު ތަޞްދީޤު ކުރާނަން. އަދި އެކަން އަވަސްކުރަން ކުރެވެން އޮތް ކަމެއްވެސް އަޅުގަނޑު ކުރާނަން.

އަޙްމަދު އިނާހް - ސަން ސިޔާމް މީޑިއާ:

ޝުކުރިއްޔާ އިނގޭތޯ ރައީސް.

އަޅުގަނޑުގެވެސް އެބައޮތް މައިގަނޑު ދެ ސުވާލެއް.

ފުރަތަމަ ދެންމެ ރައީސް މަރު ކޮމިޝަންގެ ވާހަކަވެސް ފާހަގަކުރެއްވީމާ، އަޅުގަނޑު ސުވާލުކޮށްލަން ބޭނުންވޭ. ދާދިފަހުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި ގދ. ހޯނޑެއްދޫ ސާވަން ޢަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި، މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއްނުވޭ. ދެން އެ މައްސަލައިގައި ޢާއިލާއިން ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރޭ ފުލުހުންގެ މައްޗަށް. އެކަމުގައި ކޮބައިތޯ ރައީސް ދެކެވަޑައިގަންނަވާ ގޮތަކީ. ފުލުހުންގެ އިހުމާލެއް، އެ މަރުގެ މައްސަލައިގައި އުޅޭކަމަށް ގަބޫލުކުރައްވަންތޯ؟ އަދި އެ މަރުގެ މައްސަލައިގައި އިންޞާފް ހޯއްދެވުމަށްޓަކައި ކިހާ މިންވަރަކަށް މަސައްކަތް ކުރައްވާނަންތޯ؟

ދެން ދެވަނަ ސުވާލަކީ އަޅުގަނޑު ދެންމެ ކުރި ސުވާލު ތަކުރާރުކޮށްލަން ބޭނުންވީ. އަޅުގަނޑަކަށް ހިއެއްނުވޭ ސާފު ޖަވާބެއް ލިބިގެންދިޔަހެނެއް. މިހާރު އެއްވެއުޅުމުގެ ޤާނޫނަށް ގެނެސްފައި އޮތް އިޞްލާޙުގައިވާ ގޮތުން އޮންނަނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ވަކި ސަރަޙައްދުތަކެއްގައި އެއްވެވޭނެއޭ ޞުލްޙަވެރިކޮށް، މާލޭގައި. ދެން މިހާރު ކީއްވެގެންތޯއޭ، ހޯމް މިނިސްޓްރީން އިތުރު ސަރަޙައްދުތަކެއް ކަނޑަނާޅަނީ. ނޫނީވިއްޔާ މީގައި ޙައްލުތަކެއް ހޯއްދަވަން މަސައްކަތް ނުކުރައްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ޢަބްދުﷲގެ މަރުގެ މައްސަލަ ދޮގެއްތޯ. އެކަން ހިނގައިދިޔުމާ އެކީގައި، ވީހާވެސް އަވަހަކަށް ތަޙުޤީޤުކޮށް، އެކަން ހިނގައިދިޔަގޮތް ބެލުމަށް އަޅުގަނޑު ޕޮލިހުގައި ދެންނެވިން. އެއާ ގުޅިގެން ކަން ހިނގައިދިޔަގޮތް ބެލުމުގެ މަސައްކަތް ފުލުހުންގެ ފަރާތުން ކުރަމުން އެބަގެންދޭ. ދެން އެކަން ހިނގާފައި އޮތްގޮތް ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުން ބައްލަވައި، ފުލުހުންނާ ދޭތެރޭގައި ތިޔަ އުފައްދާ ސުވާލުތަކަށް ޖަވާބު ހޯއްދެވުމަށްޓަކައި އެ ކޮމިޝަނުން މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ. އެހެންވީމާ، މި މައްސަލަވެސް އިންޞާފުވެރިކަމާއެކު ކުރިއަށް ގެންދިޔުމަށް ކުރެވެން އޮތް ހުރިހާ ކަމެއް އަޅުގަނޑު ކުރާނަން. އަދި އެކަން ކުރުމުގައި ދައްޗެއް އޮވެއްޖިއްޔާ ހޯމް މިނިސްޓަރ މެދުވެރިކޮށް އެކަމަށް ޙައްލު ހޯދައިދީ، އެކަން ކުރުމަށް އަޅުގަނޑު މަގުފަހިކޮށްދޭނަން.

އެއްވެއުޅުން ހަނިކުރުމަށްޓަކައި ޤާނޫނުގައި މި އޮންނަނީ އެހެން. އެހެންވީމާ، އަޅުގަނޑުމެން އެކަން ކުރާނީ ޤާނޫނަށް ބަދަލުގެނައުމާ އެކީގައި.

މަރްޔަމް އަފާ ނިޒާމް - އަވަސް އޮންލައިން:

ޝުކުރިއްޔާ ރައީސް. އަޅުގަނޑު އަފާ އިނގޭތޯ އަވަސް ނިއުސްގެ ފަރާތުން. އަޅުގަނޑުގެ ދެ ސުވާލެއް އެބައޮތް. ފުރަތަމަ ސުވާލަކީ، މަނިކުފާނުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ދެ ވަޒީރުންގެ ވަރަށް ޒާތީ ފޮޓޯތަކެއް މިވަނީ ޢާންމުވެފައި. އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިއީ ޢާންމު މިންގަނޑާ ޚިލާފު ފޮޓޯތަކެއް. ދެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވެސް މިވަނީ އެފަދަ ފޮޓޯތަކެއްގެ ތުހުމަތު މަނިކުފާނަށްވެސް ކުރައްވާފައި. ދެން ވަޒީރުންގެ މިފަދަ ފޮޓޯތަކެއް ޢާންމުވެގެންދިޔައިރު، މިކަމާ ބެހޭގޮތުން މަނިކުފާނު ޢަމަލުކުރެއްވި ގޮތަކީ ކޮބައިތޯ؟ އެބޭފުޅުންނާ އެއްވެސް ސުވާލެއް ކުރައްވާފައިވާނެތޯ؟

ދެން އަޅުގަނޑުގެ ދެވަނަ ސުވާލަކީ، އެމް.ޑީ.ޕީ.ގެ ރިޔާސީ ޕްރައިމަރީ ގާތްވެފައިވާއިރު، ޕްރައިމަރީއަށް މަނިކުފާނު ވާދަކުރައްވާއިރު، ކޯލިޝަންގެ ބައިވެރިންގެ، ޕާޓްނަރުންގެ 100 އިންސައްތަ ތާއީދު މަނިކުފާނަށް ލިބޭނެކަމުގެ ޔަޤީންކަން އެބޭފުޅުން ދެއްވައިފައިވޭތޯ؟ ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ޕްރައިމަރީއަކީ ޕާޓީގެ އެތެރޭގައި ހިނގަމުންދާ އިންތިޚާބެއް. ކޯލިޝަންގެ ވާހަކައަކީ، އޭގެފަހަށް އަންނާނެ ވާހަކައެއް. ރިޔާސީ މައި އިންތިޚާބަށް ނުކުންނައިރުގައި، ޕްރައިމަރީގެ ވާހަކަ ދައްކަން އެންމެ ރަނގަޅުވާނީ. އެމް.ޑީ.ޕީ.ގެ އެތެރޭގައި އެބައޮތް ވަރަށް ރަނގަޅު ފުރިހަމަ ނިޒާމެއް، ވާދަކޮށްގެން އިންތިޚާބު ކާމިޔާބު ކުރުމުގެ. އެހެންވީމާ، މިވަގުތު އަޅުގަނޑުގެ އަމާޒަކީ، ފޯކަސްއަކީ އެތެރޭގައި މިއޮތް ޕްރައިމަރީ ވިން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. ސަރުކާރު ހިންގުމުގައި މިހާރުވެސް ކޯލިޝަންގެ ބައިވެރިންގެ ފުރިހަމަ ތާއީދު އަޅުގަނޑަށް ލިބޭ.

ވަޒީރުންނާ ބެހޭގޮތުން، ވަޒީރުންގެ ފޮޓޯތަކެއް ހާމަވެގެންދިޔަ ވާހަކަ ތިޔަ ވިދާޅުވީ. ކިހާވަރެއްގެ ޔަޤީންކަމެއްތޯ އޮތީ އެއީ، އަޞްލު ފޮޓޯތަކެއްކަމާ ދޭތެރޭގައި. އެއީ ނޫންތޯ ފުރަތަމަ ކަށަވަރު ކުރަންޖެހޭނީ. މިހާރު ސޯޝަލް މީޑިއާގައި ވަރަށް ތަފާތު ފޮޓޯތައް އެހެން އެބަ ހާމަވޭ. އެހެންވީމާ، އެއީ، ޞައްޙަ އެއްޗެއްތޯ ނުބަލައި، އަޅުގަނޑު ނުވާނެ މީހަކާ ދޭތެރޭގައި ފިޔަވަޅެއް އަޅާކަށެއް. ދެން ހަމަގައިމުވެސް އަޅުގަނޑުގެ ނުހުންނާނެ އެކަހަލަ އެއްވެސް ފޮޓޯއެއް. 100 ޕަސެންޓް ޔަޤީންކަން ދެން.

ޙައްވާ މިންހާ - ޖަޒީރާ ނިއުސް:

އަޅުގަނޑުގެވެސް އެބައޮތް ދެ ސުވާލެއް.

ފުރަތަމަ ސުވާލު، ހަމަ އަލަށް މި އަންނަ އަހަރު މި ނަގާ ޓެކްސްއާ ގުޅޭގޮތުން އަޅުގަނޑު ކޮށްލަން ބޭނުންވާ ސުވާލެއް. މިހާރުވެސް ތަކެއްޗާއި ޚިދުމަތުގެ އަގަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ. ދެން މީގެތެރޭގައި، ޢާންމުންނަށް އޮޅުވާލުމުގެ އުޞޫލުން އަގުތައް ބޮޑުކުރަމުންދާ ފަރާތްތަކެއްވެސް އެބައުޅޭ. ރީޒަނަބަލް ނޫން އަގުތަކެއް މީގެތެރޭގައި އެބައުޅޭ. ގަބޫލު ކުރައްވަންތޯ، ޢާންމު ރައްޔިތުންގެ އެވަރުގެ ފުދުންތެރިކަމެއް އެބަހުރި ކަމަށް، މި ބޮޑުކުރި ޓެކްސް ދެއްކުމުގެ. ދެން އަދި ހަމައެއާއެކީގައި ފާހަގަކުރައްވައިފި، އިންފްލޭޝަނަށްވެސް ހަމަ ބަދަލުތަކެއް އަންނާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް. ތަކެއްޗާއި ޚިދުމަތުގެ އަގުތައް ކޮންޓްރޯލް ކުރުމުގެ ސިޔާސަތެއް ސަރުކާރުގެ އެބައޮތްތޯ؟

ދެވަނަ ސުވާލު އަމާޒުކުރާނީ ކޯލިޝަނާ ގުޅޭގޮތުން. އަހަރުތެރޭގައި ފެންމަތިވި ބައެއް ކަންކަމުގެ ތެރޭގައި، ކޯލިޝަން ޕާޓީތަކުގެ ޚިޔާލު ހޯދާފައިނުވާކަމުގެ ތުހުމަތުތައް ޕާޓީތަކުން ކޮށްފައި އެބަހުރި. ނޫނީވިއްޔާ، އަޅުގަނޑުމެންނަށް ކޯލިޝަންގެ މާބޮޑު މަޝްވަރާތަކެއްގެ ވާހަކަތަކެއްވެސް އަޑުއިވިފައެއް ނެތް. ކޯލިޝަންގެ ގުޅުން އޮތީ އެންމެ ރަނގަޅަށްތޯ؟ މި ތިން ޕާޓީއާވެސް މަނިކުފާނާ ގުޅުން އެއްވަރަކަށް އެބައޮތްތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެން ޓެކްސް މި ބޮޑުކުރީ ވަރަށްގިނަ ފަރާތްތަކާ، މިކަމުގައި ޝާމިލުވާ ވަރަށްގިނަ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހުގައި. ޖީ.އެސް.ޓީ.އާއި ޓީ.ޖީ.އެސް.ޓީ.ވެސް.، ވިޔަފާރީގެ ތެރެއިން ނަގާ ޓެކްސްއެއް މިއީ. މީގައި އެންމެ ރަނގަޅުވީހީ، ތިޔަ ވިދާޅުވާހެން ވަރަށްދިގު މުއްދަތެއް މީގައި ދެވުނުނަމަ. އެހެން ނަމަވެސް، އަޅުގަނޑު ހިތުން މިހާރުވެސް އެ ވާހަކަ ދައްކަން ފެށި ހިސާބުން ފެށިގެން އަށެއްކަ މަސްދުވަސް އަޅުގަނޑުމެންނަށް ދެވިއްޖެ. އެއީ، މި ދެންނެވިހެން މި އަހަރުގެ ކުރީކޮޅުގައި މި މަޝްވަރާތައް ފެށިއްޖެ. ދެން ކޮންމެއަކަސް އިންފްލޭޝަން އަންނާނެ. އެއީ އަޅުގަނޑުވެސް ގަބޫލުކުރާ އެއްޗެއް. އެކަމަކު އެއީކީއެއް އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެންނަށް އެ ނުދެއްކޭވަރުގެ އެއްޗަކަށް ވެގެނެއްނުދާނެ. ރައްޔިތުންނަށް އެހާބޮޑު ބުރައެއް އުފުލަންޖެހޭވަރު އެއްޗަކަށް ވެގެންދާނެ ކަމަކަށް އަޅުގަނޑު ނުދެކެން.

އައި.އެމް.އެފް. އިން، ވާރލްޑް ބޭންކުން އަޅުގަނޑުމެންނަށް ލަފާދީފައި އޮތްގޮތުން، މި ދެންނެވިހެން 2023 ވަނަ އަހަރު އިންފްލޭޝަން ހުންނާނެވަރު އެއޮތީ އެ މީހުން ހާމަކޮށްފައި. އަޅުގަނޑުމެން ބަލަމުން ގެންދާނަން. ރައްޔިތުންނަށް އެއިން ވަރަށްބޮޑު ތަކުލީފެއް އުފުލަންޖެހޭ ހިސާބަށް ކަންތައް ހިނގައްޖިއްޔާ، ކުރަންޖެހޭ ކަންތައްތައް އަޅުގަނޑުމެން ކުރާނަން. މި އަހަރުގެ ތެރޭގައި، 2022 ވަނަ އަހަރުގެ ޖުލައި މަހަށް ބަލައިލާއިރުގައި މިހުރީ 2.5 ޕަސެންޓްގެ އިންފްލޭޝަނެއް. އޮގަސްޓުގައި 2.6 ގައި. ސެޕްޓެންބަރުގައި 3.1 ގައި. އަދި އޮކްޓޫބަރުގައި 2.9 ޕަސެންޓުގައި. އެވަރެއްގައި މިހުރީ. ދެން މި އަންނަ އަހަރު އެ ޖީ.އެސް.ޓީ. ބޮޑުވީމާ، މި ދަންނަވާހެން އަޅުގަނޑުމެން މި ބަލަނީ، ފަސް ޕަސެންޓާއި ސިކްސް ޕަސެންޓާ، އެ ދޭތެރޭގައި ހިނގައިދާނެ ކަމަށް. އެކަމަކު އައި.އެމް.އެފް.އަކުންނެއް އެ ގޮތަކަށް ނުދެކޭ.

އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ އިކޮނޮމީއަށް މި އަންނަ ބަދަލާއެކީގައި، ޚާއްޞަކޮށް، ޑޮލަރު ރެވެނިއު އިތުރުވާ ކަމަށްވަންޏާ، މި ދަންނަވާހެން އިމްޕޯޓަކަށް، އަޅުގަނޑުމެން ކުރިން އަންދާޒާކޮށްފައި މިއޮތްވަރުގެ ބުރައެއް ޑޮލަރުން އުފުލާކަށްޖެހޭ ތަނެއް ނުފެނޭ. ދެން ފަށައިގަތީމާ އެނގޭނީ. ޖަނަވަރީ، ފެބުރުވަރީ، މާރިޗާ ހިސާބުން މީގެ ރިވިއުއެއް އަޅުގަނޑުމެން ހަދަންޖެހޭނެ. ހަދާފައި، ދެން އެކަމުން މާބޮޑު އުނދަގުލެއް، ތަކުލީފެއް އުފުލަންޖެހޭ ކަމަށްވަންޏާ، ކުރަންޖެހޭ ކަންތައްތަކެއް އަޅުގަނޑުމެން ކުރަންޖެހޭ.

ދެން ކޮން ވާހަކައެއްތޯ ވިދާޅުވީ. އެ ސުވާލު އެކަނި ދޮގެއްތޯ.

ޙައްވާ މިންހާ - ޖަޒީރާ ނިއުސް:

ކޯލިޝަންގެ ވާހަކަ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ކޯލިޝަންގެ މަޝްވަރާތައް ކުރެވޭ. އެކި ކަންތަކުގައި އެކި ލެވެލްއަށް ކުރެވެނީ. ބައެއްފަހަރު ފޯނުން ވާހަކަ ދައްކައިގެން އަޅުގަނޑު ކުރަން، ލީޑަރޝިޕް ލެވެލްގައި. ކޮންމެ ޕާޓީއެއްގައިވެސް އެބަ ތިއްބެވި ކެބިނެޓުގެ ބޭފުޅުން. މުހިންމު ބޮޑު ސިޔާސަތެއް އަޅުގަނޑެއް ނުނިންމަން ކެބިނެޓެއް ނުގެނެހެއް. އެއީ، ޓެކްސް ކަމަށްވިޔަސް އަދި އެނޫން ކަމެއް ކަމަށްވިޔަސް. އެހެންވީމާ، ކެބިނެޓުގައި ވަރަށްފުޅާކޮށް މަޝްވަރާ ކުރުމަށްފަހުގައި، އަޅުގަނޑުމެން ގޮތްތައް ނިންމަމުން ގެންދަނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ކެބިނެޓަށް އެބޭފުޅުން ވަޑައިގަންނަވާނީ، އެބޭފުޅަކު ނިސްބަތްވާ ޕާޓީގެ ލީޑަރޝިޕާ މަޝްވަރާކޮށްފައި، ދެކޭގޮތާ އެކީގައި. ކެބިނެޓްގައި ބައެއްފަހަރު ހަމަ ޚިޔާލުތަފާތުވެގެންދޭ، ބައެއް ކަންތަކުގައި، އިޝޫތަކުގައި. ބައެއްފަހަރު އެ އިޝޫތައް ވަކިގޮތަކަށް ނިމުނީމާ، ކަންބޮޑުވެގެން ބަޔާންވެސް އެބަ ނެރޭ. އެހެން ނަމަވެސް، ކެބިނެޓުގައި ތިއްބަވައިގެން އެއްބަސްވެވަޑައިގެން، ދެން ނުކުމެވަޑައިގެން ބަޔާންވެސް ނެރުއްވާ.

އެހެންވީމާ، މަޝްވަރާ ކުރެވޭ. ބޮޑު ހާމަތަނެއްގައި އަޅުގަނޑުމެން ތިބެ، އެންމެންނަށް ފެންނަގޮތަށް ނުކުރި ނަމަވެސް، އެއީ ހަމަ ކުރެވެމުންދާ ކަމެއް.

އާމިނަތު މާޝާ - ރަސް އޮންލައިން:

ޝުކުރިއްޔާ. ދެ ސުވާލެއް ކޮށްލާނަން. ފުރަތަމަ ސުވާލަކީ، އަންނަ ރިޔާސީ އިންތިޚާބަށް މަނިކުފާނު ނުކުމެވަޑައިގަންނަވަނީވެސް މިހާރުއޮތް ކޯލިޝަންގެ ތާއީދާ އެކުގައި ކަމަށް ދޭހަވާ މޭރުމަކުން މަނިކުފާނު ވަނީ ވާހަކަ ދައްކަވާފައި. ނަމަވެސް، މިހާތަނަށްވެސް ކޯލިޝަންގެ ބައިވެރިންނާއެކު މިފަދަ މަޝްވަރާއެއް ކުރެއްވި ކަމެއް އެނގިފައެއްނުވޭ. އެގޮތުން، އަންނަ ރިޔާސީ އިންތިޚާބުގައި ކޯލިޝަންގެ ބައިވެރިން ތިބީ މަނިކުފާނާ އެކުގައިތޯ. އަދި އެކަން ކިހާވަރަކަށް ކަށަވަރު ކުރެއްވިދާނެތޯ؟

ދެވަނަ ސުވާލަކީ، ކޮޕް ސަމިޓްގައި ބައިވެރިވެ އަޑުއުފުލާ އެއްކަމަކީ، މުއްސަނދި ޤައުމުތަކުން ތިމާވެށްޓަށް ދޭ ގެއްލުމުގެ ބަދަލު ހޯދުން ނުވަތަ ގެއްލުންތައް ކުޑަކުރުމަށް ފަންޑު ހޯދުން. މިފަހަރުގެ ސަމިޓާއެކު އެފަދަ އެއްވެސް އެހީއެއް ރާއްޖެއަށް ޕްލެޖް ކޮށްފައިވޭތޯ، ނޫނީ ލިބޭނެކަމަށް ލަފާކުރެއްވޭތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި، ކޯލިޝަންގެ ތާއީދު އަޅުގަނޑަށް ލިބޭނެތޯ، ނޫންތޯ، ފުރަތަމަ ސުވާލަކީ. ފުރަތަމަ އަޅުގަނޑު ކަށަވަރު ކުރަންޖެހޭނީ ކެންޑިޑެސީ ދޮގެއްތޯ. އިރާދަކުރެއްވިއްޔާ، އެމް.ޑީ.ޕީ.ގެ ޕްރައިމަރީ، ބޮޑުތަނުން އަޅުގަނޑު ކާމިޔާބުކުރާނަން. އެއަށްފަހުގައި، އަޅުގަނޑު ކޯލިޝަނެއް އުފެއްދުމުގެ މަސައްކަތް ފަށާނަން. އަޅުގަނޑަށް ގަބޫލުކުރެވެނީ، އަޅުގަނޑުމެންގެ ސިޔާސަތުތައް ތަންފީޒު ކުރަމުން މިދާގޮތަށް ބަލާފައި، ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތާއީދު އަޅުގަނޑަށް ލިބޭނެކަމަށް. އަދި އެކަމަކު އެ މަޝްވަރާއެއް އަޅުގަނޑު ނުކުރަން. ނުރަސްމީކޮށް ބައެއް ވާހަކަ ދެކެވިފައި ހުންނާނެ. އެ ވާހަކައިގެ ތެރޭގައި އަޅުގަނޑުމެންނާ ޚިޔާލު އެއްގޮތްވޭ ގިނަ ކަންތައްތަކުގައި. އެހެންވީމާ، އެ ޔަޤީންކަން އަޅުގަނޑަށް ވަރަށް ބޮޑަށް އެބައޮތް. އަދި މީގެއިތުރަށް، މިހާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ އިތުރަށް، އެކިއެކި ފަރުދުންގެ އިތުރު ތާއީދުވެސް، ސިޔާސީ ބޭފުޅުންގެ ތާއީދުވެސް އަޅުގަނޑަށް ލިބޭނެކަމުގެ ޔަޤީންކަން މިހާރުވެސް އަޅުގަނޑަށް އެބައޮތް. އެހެންވީމާ، ފުރަތަމަ އަޅުގަނޑު މި މަސައްކަތް ކުރަނީ، ޕާޓީގެ ޓިކެޓް ކަށަވަރު ކުރުމަށް. އެކަން އިރާދަކުރެއްވިއްޔާ، މި ފެށޭ ޖަނަވަރީ މަހުގެ ތެރޭގައި، އަޅުގަނޑުމެންނަށް ކަށަވަރުވެގެންދާނެ.

ދެން ތިޔަ ވިދާޅުވާހެން، ކޮންމެ ކޮޕް ސަމިޓެއްގައި ނިންމަން ވަރަށް ބޮޑެތި ޕްލެޖް އާދޭ. ފައިސާގެ ބޮޑެތި ޢަދަދުތައް، ބިލިއަނުން، ހަންޑްރެޑް ބިލިއަނުން ހުރޭ. އެހެންވީމާ، އެ ބޭނުންޖެހޭ ޤައުމުތަކާ ހިސާބަށް، އެ ފޯރުކޮށްދިނުމުގައި އަދި އެ ތަންފީޒުވާ ތަނެއް ނުފެނޭ. ވަރަށްމަދު ޤައުމަކުން، ވަރަށްމަދު ޢަދަދެއްގެ ފައިސާއެއް ފޯރުކޮށްދެމުން ދަނީ. މިހާރުވެސް އީ.ޔޫ.އިންވެސް އެބައޮތް ވަކި ބަޖެޓެއް ހަދާފައި. އޭގެތެރޭގައި، ސީދާ ރާއްޖެއަށް ކަނޑައަޅާފައި އޮތް ބަޖެޓެއްވެސް އެބައޮތް. އިރާދަކުރެއްވިއްޔާ، އަޅުގަނޑު މި ދެކެނީ މިވޭތުވެދިޔަ ތަނަށްވުރެ ރަނގަޅަށް، ކްލައިމެޓާ ބެހޭގޮތުން ފާސްކޮށްފައި މިއޮތް ބަޖެޓުގެ ތެރެއިން ރާއްޖެއަށް ފައިސާގެ އެހީ ލިބިގެންދާނެ ކަމަށް.

ޢާއިޝަތު ނުޒުހާ - ޢަދަދު:

ރައީސްގެ ވާހަކަފުޅުގައި ވަރަށް ބޮޑަށް ފާހަގަކުރައްވައިފި، ހަތަރު އަހަރުގެ ތެރޭގައި، ވަރަށްގިނަ ކަންކަން ކުރެވިއްޖެ ކަމަށް. މި ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި. ދެން ވަރަށް ބޮޑެތި ވަޢުދުތަކެއްވެސް ވެވަޑައިގެން ވެރިކަމަށް ވަޑައިގެންނެވީ. އެކަމަކު މިހާތަނަށް އެމް.އެމް.ޕީ.އާރު.ސީ. މައްސަލައިގައި ގެއްލުނު ގިނަ ފައިސާ ލިބިފައިނުވޭ ދައުލަތަށް.

ދެން މަރުތަކުގެ މައްސަލައިގައި ހަމައެކަނި ރިޕޯޓެއްގެ ސިފައިގައި މިއޮތީ. ދެން އިންތިޤާލީ އިންޞާފުވެސް ލިބުނެކޭ ދެންނެވޭކަށް ނެތް. ދެން ޖޭ.އެސް.ސީ. ބަދަލުވުމުގެ މަސައްކަތް މަޝްވަރާގައި ތާށިވެފައި. އަދި އެއްވެއުޅުމުގެ ޙައްޤު މިއޮތީ ހަނިވެފައި. ވީއިރު ރައީސް ގަބޫލުކުރައްވަންތޯ، ރައީސް ވެވަޑައިގެންނެވި ގިނަ ވަޢުދުތައް މިހާތަނަށް ފުއްދިފައިވާ ކަމަށް. އަދި ނުފުއްދިވާ ކަމުގައިވާނަމަ، މިހާރު ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމުގެ އުންމީދު ގެންގުޅުއްވާނަމަ، ކީއްވެގެންތޯ ރައްޔިތުން ރައީސް ދެވަނަ ދައުރަކަށް ހޮވަންވީ؟

ދެން އަޅުގަނޑުގެ ދެވަނަ ސުވާލަކީ، ރިޟްވާނުގެ މަރުގެ މައްސަލައިގެ ރިޕޯޓް އެންމެފަހުން ރައީސަށް މި އެރުވީ. ދެން ރައީސަށް ފުލް ރިޕޯޓްވެސް ލިބިވަޑައިގެންފައި ވާނީ. ދެން އެސޯސިއޭޝަން ފޮރ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް އިން މިވަނީ މިއަދު ކަންބޮޑުވުން ފާޅުކޮށް ބަޔާނެއްވެސް ނެރެފައި. މި ތަޙުޤީޤު ފުރިހަމަނުވާ ކަމަށް ފެންނަ ކަމަށް. ދެން ރިޟްވާނުގެ ޢާއިލާއިންވެސް މިފަދަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައި އެބަހުރި. ދެން ރައީސް ގަބޫލު ކުރައްވަންތޯ މި ތަޙުޤީޤު ފުރިހަމަވެފައިވާ ކަމަށް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ރިޟްވާނުގެ މައްސަލައިގެ ތަޙުޤީޤު ފުރިހަމަނުވާ ކަމަށް ކިހިނެއްތޯ އެބޭފުޅުން ނިންމެވީ؟ ރިޕޯޓް ފެނުނުތޯ.

ޢާއިޝަތު ނުޒުހާ - ޢަދަދު:

ރިޕޯޓުން ޙިއްޞާކުރި ކަންކަމަށް ބަލާފައި، އެބޭފުޅުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައި ހުރީ ވަކިވަކި ކަންކަމާމެދު.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ރިޕޯޓުގައި އެބަހުރި ދޮގެއްތޯ އަދި ހާމަނުކުރާ ވަރަށްގިނަ ކަންތައްތައް. އަޅުގަނޑުގެ އަތުގައި މިއޮތީ ރިޕޯޓް އިނގޭތޯ. މީގެތެރޭގައި ހަމަ އަނެއްހެން ވަރަށް ގިނަ ކަންކަން އެބަހުރި. އެހެންވީމާ، މީގައި ހުރި ގިނަ މަޢުލޫމާތުތަކަކީ އަދި އަޅުގަނޑުމެންނަށް ޙިއްޞާ ކުރެވެން ނެތް މަޢުލޫމާތުތަކެއް. އެއީ، ވަރަށްގިނަ ފަރާތްތަކަކީ ސިއްރު ހެކިންގެ ގޮތުގައި ހެކިބަސް ދީފައިހުރި ފަރާތްތަކެއް. ކުރީގައިވެސް އަޅުގަނޑު މި ދެންނެވިހެން، އޭގެ ޑްރާފްޓް ރިޕޯޓް ލީކްވުމާ ގުޅިގެން މައްސަލަ ކުރިއަށް ގެންދިޔުމަށް ދަތިތަކެއްވި. އެބޭފުޅުން ވިދާޅުވިގޮތުން، އެއް އަހަރު ދުވަސް މެދުކެނޑިގެންދިޔައީ މަޢުލޫމާތުތައް ޙިއްޞާ ކުރުމުގައި. އެހެންވެގެން އެ ރިޕޯޓުގައި ހުރި ގިނަ ކަންތައްތައް އަޅުގަނޑުމެންނަށް ހާމަނުކުރެވި މިއޮތީ. ޢާއިލާގެ ފަރާތުން އަޅުގަނޑު ހިތުން މި ކޮށްފައި އޮތް މަސައްކަތް ހަމަ ބަލައިގަނޭ. އަޅުގަނޑުވެސް ބައްދަލުކުރިން އެބޭފުޅުންނާ. ވަރަށްގިނަ ކަންތައްތަކެއް އަޅުގަނޑުމެން ވާނެ ޢާއިލާއާ ޙިއްޞާކޮށްފައި.

އެހެންވީމާ، އަޅުގަނޑުމެންނަށް ވެވެންހުރިވަރަކުން، ޙިއްޞާ ކުރެވެން ހުރި މަޢުލޫމާތު ޙިއްޞާ ކުރަމުން ގެންދާނަން. އެހެން ނަމަވެސް، ކިރިޔާވެސް މިއަށް ހުރަހެއްއެޅޭނެ ކަމެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދެނެއް ނުކުރާނަން. އެއީ، އަބަދުވެސް މިހާރުވެސް ކޮމިޝަނުން ވިދާޅުވަމުން އެބަގެންދޭ، އަދިވެސް އެބަހުއްޓޭ ބަލަންޖެހޭ ކަންތައްތައް. އިތުރަށް ފެންމަތިވާ ކަންތަކާ ގުޅިގެން އަދިވެސް ހޯދޭނެ މަޢުލޫމާތު އެބަހުއްޓޭ. އެހެންވީމާ، ކޮމިޝަނުން ގެންދާނެ އެކަން ކުރިއަށް. އެކަމަކު މިހާރު މިއޮތް ހިސާބުން އަޅުގަނޑު މި ދެންނެވިހެން އިތުރު ބައެއްގެ މައްޗަށް ދަޢުވާ ކުރުމާއި، މިހާރު ކޯޓުގައި އެއޮތް މައްސަލަތައް ކުރިއަށް ގެންދިޔުމުގައި ވަރަށްބޮޑު ކާމިޔާބީއެއް އެބައޮތް ކޮމިޝަނުން ހޯދާފައި މިހާރުވެސް. އަޅުގަނޑު ހިތުން މައްސަލަ ކުރިއަށްދާއިރުގައި ކޯޓަށް އެކަން ހާމަވެގެންދާނެ.

އެމް.އެމް.ޕީ.އާރު.ސީ. މައްސަލައިގައި، އަޅުގަނޑު ފަށަމުންވެސް ދެންނެވިން، މިހާތަނަށް ގޮސްފައި އޮތް ހިސާބު. 14 މައްސަލައެއް މީގެކުރިން ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް. އޭގެތެރެއިން 5 ފަރާތަކަށް 43 ކަމެއް ކޯޓުގައި ސާބިތުވެފައިވާ ކަމަށް. 7 ފަރާތަކާއި 2 ކުންފުންޏެއްގެ މައްސަލަ މިހާރުވެސް ކޯޓުގައި އެބަ ކުރިއަށްދޭ. 53 މައްސަލައެއް، އޭ.ސީ.ސީ. އިން މިހާރުވެސް އެބަ ތަޙުޤީޤުކުރޭ. އަދި 10 މައްސަލައެއްގައި ދަޢުވާކުރުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ޕީ.ޖީ.އޮފީހާ އެކީގައި މަޝްވަރާ ކުރެވެމުން އެބަދޭ. އޭގެތެރެއިން 4 މައްސަލައެއްގައި ދަޢުވާ ކުރެވިދާނެ ކަމަށް ޕީ.ޖީ.އިން ނިންމައި މިހާރު އޮތީ ކަނޑައަޅާފައި. 5 މައްސަލައެއް އަލުން ރިވިއު ކުރަން މީގެ ދެ ދުވަހެއް ކުރިން އަނެއްކާ ފޮނުވާފައި އެބައޮތް. އެއް މައްސަލައިގައި ދަޢުވާ ނުކުރެވޭނެ ކަމަށް ނިންމާފައި އެބައޮތް، ޕީ.ޖީ. އަށް މިހާތަނަށް ފޮނުވި 10 މައްސަލައިގެ ތެރެއިން. އޭގެއިތުރުން، އޭ.ސީ.ސީ.އިން ތަޙުޤީޤު ކުރަމުންދާ މައްސަލަތަކުގެ ތެރެއިން ފައިސާ ހޯދުމަށްޓަކައި އޭ.ޖީ. އިން މިހާރުވަނީ އޭގެ ބައެއް މައްސަލަތައް އެމް.އެމް.ޕީ.އާރު.ސީ.އާއި މަދަނީ ކޯޓަށް ހުށަހެޅުމަށް ފޮނުވާފައި. އެ ކަންތައްތައް ކުރިއަށްދާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. ޖަވާބު ދެވިއްޖެ ދޮގެއްތޯ.

ޢާއިޝަތު ނުޒުހާ - ޢަދަދު:

އަޅުގަނޑު ދެންނެވީ ރައީސް ގަބޫލުކުރައްވަންތޯއޭ، ވަޢުދުތައް ފުއްދިފައިވާ ކަމަށް. މިހާތަނަށް ހަތަރު އަހަރުވީއިރުގައިވެސް ގިނަ ކަންކަން ޙައްލުނުވެ މިހިރީ. ހުރިއިރުގައި ކީއްވެތޯއޭ ރައީސް ދެވަނަ ދައުރަކަށް ގެންނަންވީ. ރައްޔިތުން އިތުބާރު ކުރައްވަންވީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ގިނަ ކަންތައްތައް ނުވެހުރި ކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަން.

ޢާއިޝަތު ނުޒުހާ - ޢަދަދު:

ބޮޑެތި ކަންކަން ދޮގެއްތޯ. ބޮޑެތި ވަޢުދުތަކާ ގުޅިފައިވާ ކަންކަން.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ވަރަށްގިނަ ބޮޑެތި މައްސަލަތައް މި ކުރިއަށްދަނީ ދޮގެއްތޯ. މީގެތެރޭގައި ހުރަސްތަކެއް ދިމާވި ވާހަކަ އަޅުގަނޑު ދެންނެވިން ދޮގެއްތޯ. އެމް.އެމް.ޕީ.އާރު.ސީ. މައްސަލައިގައި މިހާރު ގޮސްފައި އޮތް ހިސާބު އަޅުގަނޑު މި ދެންނެވީ. ދެން މަރުގެ މައްސަލައިގައި، ދެން މިހާރު ބަލަމުން އެގެންދަނީ ޔާމީން ރަޝީދުގެ މައްސަލަ. ވަރަށް އަވަހަށް އެ ފައިނަލް ކޮށްފައި އަޅުގަނޑަށް ފޮނުވާނެ ކަމަށް އެބޭފުޅުން ވިދާޅުވެފައި އޮތީ.

ދެން އަޅުގަނޑު މި ދެންނެވިހެން، އަޅުގަނޑަށް ވޯޓު ދިނުމުގައި ރައްޔިތުން ބަލާނެ، އަޅުގަނޑުގެ މިދިޔަ ހަތަރު އަހަރު، ނޫނީވިއްޔާ ފަސް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑު ކޮށްފައި ހުރި މަސައްކަތްތައް. ރަށްރަށުގައިވެސް.

ޢާއިޝަތު ނުޒުހާ - ޢަދަދު:

ރައީސް ތިޔަ ވިދާޅުވަނީ، ގަބޫލުކުރައްވަމޭތޯ ވަޢުދު ފުއްދުނު ކަމަށް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ބޮޑުބައި ކުރެވިފައި ހުރީ. ފެންނާނެ. އަޅުގަނޑުމެންގެ އައިލްސް އިން ތިޔަބޭފުޅުން ބައްލަވާ. ޕްރޮޖެކްޓްތައް ކުރިއަށް ގޮސްފައި ހުރިވަރު. އަޅުގަނޑު ވީ ވަޢުދާއި، މިހާރު ގޮސްފައި ހުރި ހިސާބު. ބަލާއިރުގައި ހަމަ 90 ޕަސެންޓް ކުރެވިފައި ހުންނާނީ. އަޅުގަނޑު ހިތުން އެކަހަލަ ހުރިހާ ބޮޑެތި ކަންތައްތަކެއް ހުންނާނެ ކުރެވިފައި. އެހެންވީމާ، އެ ސަބަބަށްޓަކައި އަޅުގަނޑު މި ގަބޫލުކުރަނީ، ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވާނެ ކަމަށް.

ޢާއިޝަތު އިނާޝާ - ދިވެހި ޗެނަލް:

ދެ ސުވާލެއް އެބައޮތް. ފުރަތަމަ ސުވާލަކީ މަރު ކޮމިޝަނުން މި އިޢުލާނުކުރި ރިޟްވާނުގެ މަރުގެ ވާހަކަ. ދެން މި ރިޕޯޓުގައި އެ ބޭފުޅުން ތުހުމަތު ކުރައްވާފައި އެބަވޭ، ކުރީގެ ސަރުކާރަށްވެސް. ދެން އަދި ފުލުހުންގެ މުއައްސަސާއަށްވެސް ތުހުމަތުތަކެއް، އިހުމާލުތަކެއް ހުރިކަމަށް އެބަ ވިދާޅުވޭ. މިފަރާތްތަކަށް ފިޔަވަޅެއް އަޅަން ފަށްޓާފައިވޭތޯއޭ.

ދެން އަޅުގަނޑުގެ ދެވަނަ ސުވާލަކީ، ރައީސް ވަނީ ޓީޗަރުންގެ މުސާރަވެސް ބޮޑުކޮށްދެއްވާފައި. ޞިއްޙީ ދާއިރާގެ މަސައްކަތްތެރިންގެ މުސާރަވެސް ބޮޑުކުރާ ވާހަކަ ވަނީ ވިދާޅުވެފައި. ދެން ޞިއްޙީ ދާއިރާގެ ބޭފުޅުންގެ މުސާރަވެސް ބޮޑުކުރައްވަން މަސައްކަތްކުރާ ވާހަކަ ތަރުޖަމާނު ވަނީ ވިދާޅުވެފައި. ކިހާ ހިސާބަކުތޯ ޞިއްޙީ ދާއިރާގެ މަސައްކަތްތެރިންގެ މުސާރަ ބޮޑުކޮށްދެއްވޭނީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑު ދެންނެވީ، ރިޟްވާންގެ މައްސަލައިގެ ރިޕޯޓަކީ ސިއްރު ރިޕޯޓެއްގެ ގޮތުގައި އަޅުގަނޑަށް ފޮނުވާފައި އޮތް ވާހަކަ. އޭގެތެރެއިން ހާމަކުރެވެން ހުރި ކަންތައްތައް ހާމަކޮށްފައި އެހުރީ. އަދި އިތުރަށް ކުރެވެންހުރި ކަންތައް އަޅުގަނޑުމެން ކުރާނަން. އޭގައި ވަކިބަޔަކާ ބެހޭގޮތުން، ވަކި މީހަކާ ބެހޭގޮތުން ކޮށްފައި އޮތް ތުހުމަތުތަކެއް އޮވެއްޖިއްޔާ ފުލުހުން، ނޫނީވިއްޔާ އެ ކަމާބެހޭ އިދާރާއަކުން އެކަން އަޅުގަނޑުމެން ކުރުވާނަން. އެއީ، ރިޕޯޓުގައި ކަނޑައަޅާފައި ހުރި ރެކޮމެންޑޭޝަންތަކާ ގުޅިގެން. ކުރަންހުރި ކަންތަކާ ގުޅިގެން، އޭ.ޖީ. އިން އެބައޮތް އަޅުގަނޑުމެންނަށް ތައްޔާރުކޮށްދީފައި، ކުރިއަށްދާނެ ގޮތެއް. އޭގެ ދަށުން މިހާރު ކުރެވެން ހުރި ކަންތައްތައް، ފަހަރަކު ކަމެއް ކުރަމުން، ގެންނަންޖެހޭ ބަދަލުތައް ގެންނަމުން އަޅުގަނޑުމެން މިގެންދަނީ. އެހެންވީމާ، އެކަންތައް ތިޔަބޭފުޅުންނަށް ހާމަވަމުންދާނެ.

ދެން ޞިއްޙީ ދާއިރާގެ މުސާރަ ބޮޑުކުރުމަށް 2023 ވަނަ އަހަރުގެ ބަޖެޓުގައި އަޅުގަނޑުމެން ވާނީ ހިމަނާފައި. އަދި އޭގެއިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ ޢިނާޔަތް ބޮޑުކުރުމަށްވެސް ބަޖެޓުގައި ހިމަނާފައި ވާނީ. އެހެންވީމާ، ކުރިއަށް އޮތް އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މި ބަދަލު އަންނާނެ. އަޅުގަނޑުމެން އެކަން 2023 ވަނަ އަހަރު ފެށުމާ އެކީގައި އިޢުލާނު ކުރާނަން. އެޑިޔުކޭޝަނަށް އިޢުލާނު ކުރެވިގެންދިޔަގޮތަށް ތަފްޞީލުތަކާ އެކީގައި ހާމަކުރާނަން.

އަޙްމަދު އަޒާން - ދިޔަރެސް:

ޝުކުރިއްޔާ.

އަޅުގަނޑުގެވެސް ދެ ސުވާލު. ފުރަތަމަ ސުވާލަކީ، މިހާރު ރާއްޖޭގެ ދަރަނި މިވަނީ 100 ބިލިއަނުން މައްޗަށް އަރާފައި. މީގެ ބޮޑުބަޔަކީ ހަމަ ރައީސްގެ ވެރިކަމުގައި އިތުރުވި ދަރަނި. ދެން ދާދިފަހުން ސަރުކާރުން މިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާއިން 100 މިލިއަން ޑޮލަރުގެ ބޮންޑެއް އިޝޫކޮށްފައި. ވަރަށްގިނަ ފަރާތްތަކުން މަސައްކަތްކޮށްފި، ނޫސްވެރިންވެސް އަދި އިދިކޮޅު ފަރާތްތަކުންވެސް މަސައްކަތްކޮށްފި، އެސް.ބީ.އައި އިން މި ދޫކުރި ބޮންޑްގެ ޓަރމްސް ހޯދަން، އިންޓްރެސްޓް ރޭޓާއި، އަނބުރާ ދައްކަންޖެހެނީ ކިހާ ދުވަހަކުންތޯ. މީގެ އެއްވެސް ކަމެއް ސަރުކާރުން އެއްވެސްގޮތަކަށް ހާމަނުކުރޭ. ދެން ރައީސްގެ ވަޢުދުފުޅެއް، ހާމަކަންބޮޑު ގޮތެއްގައި ވެރިކަން ކުރެއްވުމަކީ. އެކަމަކު ކީއްވެތޯ ޚާއްޞަކޮށް، ލޯނުތަކާއި އެއްބަސްވުންތަކާ، މިކަހަލަ ކަންތައްތައް ހާމަކުރެއްވުމުގައި ފަސްޖެހެނީ؟

އަޅުގަނޑުގެ ދެވަނަ ސުވާލަކީ، އަފާ ކުރެއްވި ސުވާލުގައި މަނިކުފާނު ވިދާޅުވެއްޖެ، މަނިކުފާނުގެ އެފަދަ އެއްވެސް ފޮޓޯއެއް ނުހުންނާނެ ކަމަށް. މި ތުހުމަތު މި ކުރައްވަނީ އާދައިގެ ބޭފުޅެއް ނޫން. މަނިކުފާނުގެ ބެސްޓް ފްރެންޑް. މަނިކުފާނުގެ އަނބިކަނބަލުންގެ ކަޒިންއެއް. މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ރައީސް. އެ ބޭފުޅާ އެ ވިދާޅުވަނީ މަނިކުފާނުގެ ފޮޓޯތަކެއް ހުރިކަމަށް. އަދި ކޮމްޕްރޮމައިޒްވާ އެހެން މެޓީރިއަލްތަކެއްވެސް ހުރި ކަމަށް.

އަޅުގަނޑުގެ ސުވާލަކީ، މަނިކުފާނާ ދޭތެރޭ، އިސްލާމްދީނުގައި ޙައްދު ކަނޑައެޅިފައި އެވާ ކަމެއް ކުރާކަމުގެ ތުހުމަތު، ރައީސް ނަޝީދު މި ކުރައްވަނީ. އެފަދަ ތުހުމަތެއް ކުރެއްވުމަކީވެސް އިސްލާމްދީނުގައި ކުށެއް. އެހެންވީމާ، ރައީސް ނަޝީދުގެ މައްސަލަ ނުބައްލަވަނީ ކީއްވެތޯއޭ؟ އެ ތުހުމަތު އެ ކުރައްވަނީ ހިންނަވަރު ނޫރާނީގޭ އިބްރާހީމް ޞާލިޙަކަށް ނޫން. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް. އެހެންވީމާ، ދިވެހިރާއްޖޭގެ ވަރަށްގިނަ ރައްޔިތުން މީގެ ޙަޤީޤަތް އެނގެން ބޭނުންވޭ. ކީއްވެތޯ އެ މައްސަލަ ނުބައްލަވަނީ. ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑު ޔަޤީންކަން މި އަރުވަނީ އަނެއްކާވެސް، އަޅުގަނޑުގެ ކޮމްޕްރޮމައިޒްވާ އަދި ތިޔަކަހަލަ އެއްވެސް ފޮޓޯއެއް އަޅުގަނޑުގެ ނުހުންނާނެކަމުގެ. އެކަހަލަ އެއްވެސް ފޮޓޯއެއް، އެއްވެސް ތަނެއްގައި، އެއްވެސް މީހެއްގެ އަތަކު ނުހުންނާނެ.

އަޙްމަދު އަޒާން - ދިޔަރެސް:

ރައީސް ނަޝީދު އެހެން ވިދާޅުވީމާ، ރައީސް ނަޝީދުގެ މައްސަލަ ބައްލަވަންޖެހޭނެ ނޫންތޯ. ކުށެއް ނޫންތޯ، އެފަދަ ތުހުމަތެއް ރައީސަށް ކުރެއްވުން.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ދެން ކުރެއްވި ސުވާލަކީ ދަރަނީގެ މައްސަލަ ދޮގެއްތޯ. ތިޔަ ވިދާޅުވާހެން ދަރަނި ބޮޑުވެގެންދިޔަ އެއް ސަބަބު، ކޯވިޑާ ގުޅިގެން އަޅުގަނޑުމެންނަށް އިތުރު ފައިސާ ބޭނުންވީ. އެއާ ގުޅިގެން އެބަހުރި އިތުރަށް ފައިސާ ނަގާފައި އަޅުގަނޑުމެން. ރިޒަރވްގައި ފައިސާ ހުރިނަމަ، އަޅުގަނޑުމެންނެއް ބޮރޯ ކުރާކަށް ނުޖެހުނީސް. އެހެން ނަމަވެސް، ދައުލަތުގެ ރިޒަރވަކު ނެތް އެވަރެއް. އަޅުގަނޑުމެން އޭރު އެންމެ އިސްކަމެއް ދިނީ، ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް. ކުރެވެންހުރި ކޮންމެ ކަމެއް ކޮށްގެންވެސް. އެކަމަށްޓަކައި އަޅުގަނޑުމެން ފައިސާ ހޯދަންޖެހުނު. ތިޔަ ވިދާޅުވާހެން އޭރު އަޅުގަނޑުމެންގެ ޖީ.ޑީ.ޕީ.ގެ ނިސްބަތުން 152 ޕަސެންޓަށް ދަރަނި އެރި. އެހެން ނަމަވެސް، މިއަދު ކުރެވުނު އިތުރު މަސައްކަތްތަކުގެ ސަބަބުން މިހާރު ވަނީ 113 ޕަސެންޓަށް ދަށްކުރެވިފައި. ކުރިއަށް މި އޮތް ތަނުގައި އަޅުގަނޑުމެންގެ އަމާޒަކީ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި 100 ޕަސެންޓަށްވުރެ ދަށަށް އެ ގެނައުން. މިހާރު 89 ބިލިއަން ކަންނޭނގެ ޓޯޓަލް، ނޫނީވިއްޔާ އެ ފިގަރސްތައް އަޅުގަނޑު ހޯދާލަންޖެހޭނީ. ހުންނާނެ.

އެހެންވީމާ، އަޅުގަނޑުމެންނަށް މި ކުރިމަތިވި ގޮންޖެހުންތަކާ އެކީގައި، ދަރަނި އިތުރަށް ނަގަންޖެހުނު. އެހެން ނަމަވެސް، އެ ދެއްކޭނެ ގޮތުގެ ޕްލޭނާ އެއްޗެތި އަޅުގަނޑުމެންގެ އެބައޮތް. އަޅުގަނޑުމެންނަށް އެންމެ އަވަހަށް ބޮޑު ޢަދަދެއް ދައްކަން މިޖެހެނީ 2026 ވަނަ އަހަރު. އެހާތަނަށް އަންނައިރުގައި، އެ ފައިސާ ދެއްކޭނެގޮތް ރާވައި އިންތިޒާމުކޮށްފައި އަޅުގަނޑުމެން ހުންނާނީ. އެއީ، ކުރިއްސުރެ ފަށައިގެން ޖަމާވަމުން މިއައި ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑުގައި، އެ ދުވަހަށް އަންނައިރުގައި އަޅުގަނޑުމެން ފައިސާ ބަހައްޓާނަން. އެހެންވީމާ، ދައުލަތުން ނަގާފައި މިހުރި ދަރަނި ދެއްކުމުގައި އަޅުގަނޑުމެންނަށް ބޮޑު ރިސްކެއް ނެތް. އެހާތަނަށް އަންނަންދެން ބަޖެޓަކުންނެއް އަދިއެއް މާބޮޑު ބުރައެއް އުފުލާކަށް ނުޖެހޭނެ.

އެހެންވީމާ، އެހާތަނަށް ރާވައިގެން އަޅުގަނޑުމެން މިގެންދަނީ. 2026 ވަނަ އަހަރު އަންނައިރު، އަޅުގަނޑުމެންގެ އަމާޒަކީ، 9.4 ބިލިއަން ރުފިޔާ، ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑުގައި ބެހެއްޓުން. އެއީ، ޑޮލަރުން ބަލާނަމަ 610 މިލިއަން ޑޮލަރު. އިރާދަކުރެއްވިއްޔާ، ދައްޗެއްނުވެ އެ އަމާޒަށް އަޅުގަނޑުމެންނަށް ވާސިލުވެވޭނެ. ދެން ސަރުކާރުން ބޮރޯކުރާ ފައިސާގެ އިންޓްރެސްޓް އެއްވެސްއިރެއްގައި ހާމައެއްނުކުރޭ. އެކަމަކު އަޅުގަނޑު ބަލާފާނަން ތިޔަބޭފުޅުންނާ ޙިއްޞާ ކުރެވެން އޮތްގޮތެއް. މާލިއްޔަތުގެ ޤާނޫނާއި އަދި ދޭދޭ ފަރާތްތަކާ އެކުގައި ހުރި އެއްބަސްވުންތަކުގެ ތެރެއިން އެ ޖާގަ ލިބޭ ކަމަށްވަންޏާ، އަޅުގަނޑު ކުރާނަން އެކަން. ފޮރުވާފައި ބަހައްޓާކަށް ކޮންމެހެން ބޭނުން އެއްޗެއް ނޫން. އަނެއްކާ ބަޖެޓް ހުށަހަޅާއިރު، އަޅުގަނޑު ހިތުން އެ ހުރިހާ އެއްޗެއް ހުރޭ. ހުންނާނެ ބަޖެޓާ އެކީގައި. ކޮންމެ ލޯނެއްގެ ޢަދަދާއި، ދައްކަންޖެހޭ މުއްދަތާއި، އިންޓްރެސްޓް ރޭޓާ، އެ ހުރިހާ އެއްޗެއް އަޅުގަނޑު ހިތުން ހާމަކުރޭ. އަޅުގަނޑު ޗެކްކޮށްލާނަން. ގައިމުވެސް އަޅުގަނޑު ހަނދާންވޭ، އެ ފެންނަ ތަން. ކިރިޔާވެސް އެ ޖާގަ ލިބެންޏާ އަޅުގަނޑު ހާމަކޮށްދޭނަން. ފޮރުވާފައެއް ނުބަހައްޓާނަން.

މުޙައްމަދު މުޒައްޔިން - ދައުރު ނޫސް:

އަޅުގަނޑުގެ އެބައޮތް ދެތިން ސުވާލެއް. ފުރަތަމަ ސުވާލަކީ، ރައީސް ދެންމެ އޯޕަނިންގ ސްޓޭޓްމަންޓްގައި ވިދާޅުވެއްޖެ ކޮންމެވެސްވަރަކަށް، އެމް.އެމް.ޕީ.އާރު.ސީ.ގެ ޚިޔާނާތާ ގުޅިގެން ކުރަމުންދާ ބައެއް މަސައްކަތްތައް. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ މިވޭތުވެދިޔަ ހަތަރު އަހަރު، ހަމައެކަނި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ޙުކުމްކުރި ތަން. އެހެންވީމާ، މިހާތަނަށް އައިއިރު، ސަރުކާރަށް އެންމެ ބައި ލޯލާރިއެއްވެސް ނުލިބޭ. ރިކަވަރއެއް ނުވޭ. ރައީސް ވިދާޅުވެއްޖެ ދެންމެ، އޭ.ސީ.ސީ. އިން ކޮންމެވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް، އެ ފައިސާތައް ހޯދުމަށްޓަކައި ކޯޓަށް ހުށަހަޅައިގެން. އެހެން ނަމަވެސް، މިކަމުގެ މޭސްތިރިންނަށްވެސް ލުއިތަކެއް ސަރުކާރުން ވަނީ ދީފައި. މީގެކުރިން އެސެޓް ރިކަވަރީ ކޮމިޝަނުން ހާމަކުރި ލިސްޓުގައިވެސް ހިމެނޭ ބައެއް ފަރާތްތަކަށް މި ފައިސާ ލިބުނު. ބައެއް މީހުން އެބަ ތުހުމަތުކުރޭ، ސީދާ ރައީސް ޔާމީނަށް އަމާޒުކޮށްގެން، ޓާގެޓްކޮށްގެން ކޮށްފައިވާ ދަޢުވާއެއް ކަމަށް. އެގޮތަށް އެބަ ތުހުމަތުކުރޭ. ދެން އަދި ފައިސާ ލިބިފައިނުވާތީވެސް، އެ ފާޑުކިޔުންތައް އެބަ އަމާޒުވޭ. ކީކޭތޯ ރައީސް މިކަމާމެދު ވިދާޅުވަނީ. ގަބޫލުކުރައްވަންތޯ، ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެ ފައިސާ ނުހޯދުމަކީ ރައީސްގެ ފެއިލްވުމެއް ކަމަށް.

ދެން އަޅުގަނޑުގެ ދެވަނަ ސުވާލަކީ، މަރު ކޮމިޝަނުން އެކުލަވައިލި ރިޕޯޓުގައި، އެ ދުވަހު ޕްރެސް ކޮންފަރެންސްގައި ހާމަކޮށްފައިވޭ، ރިޟްވާން މަރާލި ކަންނެލި އޮޑީގައި ތިބި ބައެއް މީހުންގެ ތެރެއިން 6 މީހަކު ފުރައިގެން ސީރިއާއަށްދިޔަ ކަމަށް. އެހެން ނަމަވެސް، އަދިވެސް ބައެއް މީހުން އެބަތިބި ރާއްޖޭގައި. އޭގެތެރެއިން ބައެއް މީހުން އަޅުގަނޑުމެންނަށް އެބަ ފާހަގަވޭ، ރައީސްގެ ކެމްޕެއިންގައި ޙަރަކާތްތެރިވާތަންވެސް. މި ފާޑުކިޔުން ސަރުކާރުން އަމާޒުކުރި، އެންމެފަހުން އިދިކޮޅުން ބޭއްވި ޖަލްސާގައި ރައީސް ޢަބްދުﷲ ޔާމީންވެސް. ކޮބައިތޯ، ކީއްވެގެންތޯ، އެބޭފުޅުން، އެމީހުން މިގޮތަށް ދޫވެފައި މި ތިބެނީ. އެމީހުން ހައްޔަރުނުކޮށް މި ތިބެނީ. އެއީތޯ ރިޟްވާނުގެ މަރަށް އިންޞާފު ހޯދައިދޭ ގޮތަކީ؟

ދެން ފަހު ސުވާލަކަށް އަޅުގަނޑު ކޮށްލަން ބޭނުންވޭ. ރައީސް ވިދާޅުވެއްޖެ، ބޮޑުތަނުން އެމް.ޑީ.ޕީ. ޕްރައިމަރީ ނަގާނެކަމަށް. ގަބޫލުކުރެވޭތޯ، މިހާރުވެސް އަޅުގަނޑުމެންނަށް އެބަ ފެނިގެންދޭ، ރައީސް ޞާލިޙާއި، ރައީސް ނަޝީދުގެ ދެމެދުގައި އޮތް ކޯޅުން ވަރަށްބޮޑުވެފައި އޮތް ތަން. އަދި ޕްރައިމަރީގެ މި ވާދަވެރިކަމުގެ ތެރެއިން ވަރަށްބޮޑުކޮށް އެ ރެނދުލައިގެންދާނެ ތަން އަޅުގަނޑުމެންނަށް އެބަ ފެނޭ. ގަބޫލުކުރެވޭތޯ، ރައީސް ނަޝީދާ ނުލައި މި އިންތިޚާބަށް ދާއިރުގައި، އިންތިޚާބު ކާމިޔާބު ކުރެވިގެންދާނެ ކަމަށް. ނޫނީ ތިޔަ ދެބޭފުޅުން އެކީގައި އިންތިޚާބަށް ނުކުމެވަޑައިގެންނެވިދާނެ ކަމަށް ގަބޫލުކުރެއްވޭތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އެމް.އެމް.ޕީ.އާރު.ސީ.ގެ ފައިސާ ހޯދުމުގައި އަޅުގަނޑު ދެފަހަރަކު އޭގެ ތަފްޞީލެއް ދީފިން ދޮގެއްތޯ މިހާރުވެސް. މިހާރުވެސް 11 މީހެއްގެ ފަރާތުން، ބައެއް ކުންފުނިވެސް ހިމެނޭގޮތަށް ފައިސާ ހޯދުމަށް އަޅުގަނޑުމެން ވާނީ އެމް.އެމް.ޕީ.އާރު.ސީ. އަށް ދަޢުވާ ކުރުމަށް ފޮނުވާފައި. އެހެންވީމާ، އެކަންތައް ހަލުވިކޮށް ކުރިއަށް ގެންދިޔުން ދެންއޮތީ. ދެން ޖިނާއީ މައްސަލަތަކުގެ ކޯޓުގައި ހުރި ތަފްޞީލުތައް އަޅުގަނޑު ދެންމެ ހާމަކޮށްދީފިން. އަނެއްކާވެސް އިތުރަށް، ނިންމާފައިވެސް އެ ކަރުދާސްއެކީގައި އަޅުގަނޑު ޙިއްޞާކޮށްލާނަން.

މުޙައްމަދު މުޒައްޔިން - ދައުރު:

މިހާތަނަށް އައިއިރު، އެއްވެސް ފައިސާއެއް ދައުލަތަށް އަނބުރާ ނުހޯދޭ ނޫންތޯ. ދެން އެ ކުރައްވާ ތުހުމަތު، ސިލެކްޓިވް ޖަސްޓިސް ހަމަ ރައީސް ޔާމީނަށްތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އެއްގޮތަކަށްވެސް އެހެނެއް ނޫން މި ދެންނެވީކީ އިނގޭތޯ. އަޅުގަނޑު މި ދެންނެވިހެން، ކޮމިޝަންތަކުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި ވަރަށްބޮޑެތި ދަތިތައް ކުރިމަތިވެގެންދިޔަ. މި ދެންނެވިހެން އޭގައި ހުރި ބައެއް މަޢުލޫމާތުތައް، ކުރިން ހާމަކުރުމުގެ ސަބަބުންނާއި، ކޯވިޑާ ގުޅިގެން މި ދިމާވި ދަތިތަކުގެ ސަބަބުން މަޑުޖެހުމެއް އައި. އެއާއެކީގައި މިހާރު ފެށިގެން މިދާއިރުގައި، އަޅުގަނޑު ހިތުން އެބައި ފެނިގެންދާނެ.

ދެން އޮތީ އަޅުގަނޑުގެ ކެމްޕެއިންގައި ހަމަގައިމުވެސް އަޅުގަނޑެއް ބައިވެރިއެއްނުކުރަން އެއްވެސް މީހަކު. ބައްދަލުވުމުގައި އައިސް ހުރެދާނެ. އަޅުގަނޑަކަށް ނޭނގޭނެ މިހާރުވެސް ފެނުނަސް އެއީ ކާކު ކަމެއް. އަޅުގަނޑު ބަލާނަން އެއީ ކާކުތޯ. ހަމަގައިމުވެސް އަޅުގަނޑުގެ ކެމްޕެއިނަކު އަޅުގަނޑު ނުހުންނާނެ، އެކަހަލަ އެއްވެސް މީހެއްގެ އެހީތެރިކަމެއް ހޯދާފައެއް. އެއްވެސް ފަރާތެއްގެ މަދަދުވެރިކަމެއް ހޯދާފައެއް. އެކަން ޔަޤީނުންވެސް އަޅުގަނޑެއް ނުކުރާނަން.

ދެން އޮތީ ރިޔާސީ އިންތިޚާބު. އަޅުގަނޑު ދެކޭގޮތުގައި، ކާމިޔާބު ކުރަން ވަރަށް ބޮޑަށް ފަސޭހަވާނެ، އެމް.ޑީ.ޕީ. އެކީގައި އޮވެއްޖިއްޔާ. އެމް.ޑީ.ޕީ. ބައިބައިވެ، ދެފަޅިވެގެން ގޮސްފިއްޔާ، އެއީ ހަމަ ދަތި ޗެލެންޖަކަށް ވާނެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން. އަޅުގަނޑުގެ އިލްތިމާސަކީ، މި ޕްރައިމަރީ ކުރިއަށްދާއިރުވެސް ދެފަރާތުންވެސް މަސައްކަތް ކުރެއްވުން. ޕްރައިމަރީ ނިމުމާ އެކީގައި، މިއީ އެކީގައި މަސައްކަތް ކުރަންޖެހޭ ބައެއްކަން ދެނެގަނެ، އެގޮތަށް ކުރިއަށްދިޔުން. ކޮންމެ މީހަކުވެސް އެ ތާއީދުކުރާ ކެންޑިޑޭޓަކަށް ވޯޓުލުން. އެހެން ނަމަވެސް، ނިމުމަށްފަހުގައި، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައް ކުރުމުގައި އެންމެން އެކީގައި ތިބުން. އަދި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ މީހަކާ އެކީގައި މި އިންތިޚާބައިގެން ކުރިއަށްދިޔުން. ޕްރައިމަރީ އަށް ދިޔުން އެއީ، އެމް.ޑީ.ޕީ. އަށް އެންމެ ފައިދާހުރި ގޮތަކީ.

މުޙައްމަދު މުޒައްޔިން - ދައުރު:

ޕްރައިމަރީއަށްފަހު ރައީސް ނަޝީދު މަނިކުފާނު ފަހަތްޕުޅަށް ނާރައިފިނަމަ ކާމިޔާބު ކުރެވޭނެތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑު މި ދެންނެވީ، އަޅުގަނޑުގެ އެދުމަކީ، އަޅުގަނޑު ބޭނުންވަނީ، ޕާޓީ އެކީގައި ކުރިއަށްދިޔުން.

އަޙްމަދު ޙަމްދޫން - މިހާރު:

އަޅުގަނޑުގެ ދެތިން ސުވާލެއް އެބައޮތް.

ފުރަތަމަ ސުވާލު އަޅުގަނޑު ފަށާނަން، ދެންމެ މަނިކުފާނު ދެއްވި ޖަވާބަކުން. އެއީ، ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑުގެ ވާހަކަ. އަޅުގަނޑުމެންނަށް ރެކޯޑުތަކުން ދައްކަނީ، އެ ފަންޑުގައި ހުރި ޢަދަދު މަދުވަމުންދާ ތަން. ދެން ސޮވްރިންގ ފަންޑަކީ ކުރީގެ ސަރުކާރުން، ނަގާފައި ހުންނަ ލޯނުތައް އަނބުރާ ދެއްކުމަށްޓަކައި ދައުލަތަށް ބުރަނުވެ، އެކަން ކުރެވޭނެ ގޮތްތައް ހެދުމަށްޓަކައި ހެދި ފަންޑެއް. އެހެން ނަމަވެސް، އެ ފަންޑު މަދުވަމުންދާތަން ފެންނަމުން މިދަނީ. މިހާރު 98 މިލިއަން އަޅުގަނޑަށް ހީވަނީ. 98 އޭ އަޅުގަނޑު ހަނދާންވަނީ. ބަލައިލަންޖެހޭނީ. އެއީ ކީއްވެގެންތޯ، އެ ޢަދަދު މަދުވަމުން އެދަނީ. ދެން އަންނަ އަހަރު ދަރަނި ދެއްކޭވަރަށް ދެވޭނެކަމަށް ވިދާޅުވެސްވެއްޖެ. ކޮބައިތޯ ގެންނަވާނެ ފޯރމިއުލާއަކީ.

ދެވަނަ ސުވާލަކީ، މަނިކުފާނު ދެންމެ ފާހަގަކުރެއްވި، ސޭވިންގއެއްގެ ވާހަކަ. ސޭވިންގއޭ މި ދަންނަވަނީ، ޓެކްސްއަށް މިއައި ބަދަލާއެއްކޮށް ޚަރަދުތައް ކުޑަކުރުމުގެ ތެރެއިން ވަރަށްބޮޑު ސޭވިންގއެއް ގެންނަވާނެ ކަމަށް. އަންނަ އަހަރަކީ ރިޔާސީ އިންތިޚާބުގެ އަހަރު. ކޮންމެ ބޭފުޅަކުވެސް ހިސާބު ޖައްސަވަނީ ރިޔާސީ އިންތިޚާބާ އެއްކޮށް. އެންމެބޮޑު ބަޖެޓް ފާސްކުރީ އަންނަ އަހަރަށް. ސޭވިންގއެއް ތިޔަ ގެންނަވަނީ، ކިހާވަރެއްގެ ޔަޤީންކަން އެބައޮތްތޯ، ތިޔަ ވިދާޅުވާ ސޭވިންގއެއް ގެނެވޭނެކަމުގެ. ޔަޤީންކަން އޮވެގެންތޯ، ހަމަ އެ ޢަދަދު ގެނެވޭނެކަމުގެ ޔަޤީންކަން ކިހާވަރަކަށްތޯ އޮތީ. ރިޔާސީ އިންތިޚާބެއްގެ އަހަރުގައި، ސިޔާސީ މަގާމުތައްވެސް ހިފަހައްޓަންޖެހޭނެ. އަދި އެހެން ކަންތައްތައްވެސް ކުރާނެ ސަރުކާރުގެ ތެރެއިން.

އަޅުގަނޑުގެ ތިންވަނަ ސުވާލު، އިޒުނަ ދެއްވައިފިއްޔާ.

އާދެ، އެއީ، ޖޭ.އެސް.ސީ.ގެ ވާހަކަ. ޖޭ.އެސް.ސީ. އިޞްލާޙު ކުރުމުގެ ވަޢުދާއެކު ވަޑައިގަތީ. ދެން މިއޮތް 6 މަސް ތެރޭގައި ތިކަން ކުރެވޭނެތޯއޭ. ދެން ބައެއް ބޭފުޅުން ވިދާޅުވޭ، ހުރިހާ ކަމެއް އެންމެފަހު އަހަރަށޭ މި ބަހައްޓަވަނީ. އެއީ، ރައްޔިތުންގެ މަޖިލިސް ސުޕަރ މެޖޯރިޓީ އެބައޮތް. ދެންމެ ވިދާޅުވި، އެއްވެއުޅުމުގެ ޤާނޫނުގެ ވާހަކަ. ބައެއް ބޭފުޅުން ފާހަގަކުރެއްވި، ޖޭ.އެސް.ސީ.ގެ ޤާނޫނުގެ ވާހަކަ. ސުޕަރ މެޖޯރިޓީ އޮވެ، މި ކަންތައްތަކަށް އިސްކަންދެއްވިނަމަ ކުރެއްވުނީހޭ. ކޮބައިތޯ ޖަވާބަކީ؟ ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ފުރަތަމަ ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑު ކުޑަވަމުންދާ ވާހަކަ. މި ފަންޑު އުފައްދާފައި މިވަނީ 2017 ގައި. 2017 ނިމުނުއިރު ހުރީ 336 މިލިއަން ރުފިޔާ. ޑޮލަރުން ވެއްޖިއްޔާ 21 މިލިއަން ޑޮލަރު. 2018 ގައި 1.6 ބިލިއަން ރުފިޔާ. ރުފިޔާއިން ވެއްޖިއްޔާ. ޑޮލަރުން 107. 2019 ގައި 3 ބިލިއަން. 2020 ގައި 3.2 ބިލިއަން. 2021 ގައި 3.6 ބިލިއަން. 2022 ގައި 5.3 ބިލިއަން، މި އަހަރު ނިމޭއިރު. 2023 ގައި 6 ބިލިއަން. 6.1 ބިލިއަން. 2024 ގައި 7.1 ބިލިއަނަށް ދާނެ ކަމަށް. 2025 ގައި 8.2 ބިލިއަން. މިއީ ފޯކަސް. 2026 ގައި 9.4 ބިލިއަނަށް ދާނެ ކަމަށް. މިހިރީ ފެންނަންހުރި ފިގަރސް. މިއީ ހަމަ އެމް.އެމް.އޭ.ގެ ތަފާސްހިސާބު. އަހަރުން އަހަރަށް މަތިވަމުން ގޮސްފައި މިހިރީ. ދެން އޭގައި ހުރި ޑޮލަރސް އަޅުގަނޑުމެން އެބަ ބައެއްފަހަރު ނަގަން. އެ އެގްރީމަންޓެއްގެ ދަށުން އެމް.އެމް.އޭ.އާ އެކީގައި ހަދާފައި، ފޮރިން ރިޒަރވް ދަށްވާ ވަގުތުގައި އިމްޕޯޓަށް ބޭނުންވާ ޑޮލަރު ހޯދުމަށް މިއިން ޑޮލަރު ނަގަން. އެކަމަކު އެގްރީމަންޓްގައި އޮންނާނެ، އެމް.އެމް.އޭ.އާ އެކީގައި، ޑޮލަރު ބޭނުންވާ ވަގުތުގައި އެ ޑޮލަރު އަނބުރާ ލިބޭނެކަމަށް. އެހެންވީމާ، ޑޮލަރަށް ބޭނުންޖެހޭ ގަޑީގައި، އެ ފަންޑުގައި ޑޮލަރު ހުންނާނެ. ރުފިޔާއިން މިހާރުވެސް މި ދެންނެވިހެން، މި އަހަރު ނިމޭއިރުގައި ހުންނާނެ 5.3 ބިލިއަން ރުފިޔާ. އެހެންވީމާ، އެއަށް ބަލައިގެން އަޅުގަނޑުމެން މިގެންދަނީ. 

ދެން ބަޖެޓުން ސޭވްކުރަން ކިހާ ޔަޤީންކަމެއް އެބައޮތްތޯ. އަޅުގަނޑުމެން އޭގައި ހަމަ ދިރާސާތަކެއް ކޮށް، މަސައްކަތްތަކެއް ކުރެވިފައި މިހާރުވެސް ހުރީ. އަޅުގަނޑު އޭގެ ތަފްޞީލުތައްވެސް ޙަމްދޫނަށް ހަވާލުކޮށްލާނަން މި ނިމިގެން. ފިއުލް ސަބްސިޑީން އަޅުގަނޑުމެން ސޭވްކުރަން ނިންމާފައި މިއޮތީ އެއް ބިލިއަން ރުފިޔާ. އެއީ، ދެ ބިލިއަން ރުފިޔާ އޮންނާނެ މިހާރުވެސް. މި އަހަރު އެބަ ޚަރަދުވޭ. އެހެންވީމާ، އެ، އެއް ބިލިއަން ރުފިޔާއަށް އެއިން ސޭވްކުރުމަށް މިއޮތީ ޕްލޭން ކޮށްފައި. އެކަމަކު އަދި އަޅުގަނޑުމެންނަށް ފައިނަލެއް ނުކުރެވޭ މިކަން ކުރާނެގޮތެއް. ބޭރުން ޑިސްކައުންޓް ރޭޓެއްގައި ފިއުލް ލިބިއްޖިއްޔާ އެންމެ ފަސޭހަވެގެންދާނީ.

އާސަންދައިން 460 މިލިއަން ރުފިޔާ ސޭވްކުރަން، އެކަން އަޅުގަނޑުމެން މިހާރު ކަރުދާހަށް ނަގާފައި ތަންފީޒު ކުރަން ފަށަންވެފައި އޮތީ.

ޕޭ ހާމަނައިޒޭޝަން، މި އަންނަ އަހަރު ނިންމާފައި އަޅުގަނޑުމެން އޮންނާނެ، މުޅި ސަރުކާރު އެކީގައި، ހުރިހާ މަގާމުތަކެއް ޕޭ ހާމަނައިޒޭޝަންކޮށް ނިންމަން. އެހެން ނަމަވެސް، އިޤްތިޞާދަށް މިއައި ދައްޗާ އެކީގައި، ފޭސްތަކަކަށް އެ ބަހާލައިގެން އަޅުގަނޑުމެން މިގެންދަނީ. އެހެންވީމާ، އޭގެތެރެއިން ހެލްތު ސެކްޓަރަށް އަޅުގަނޑުމެން މި އަންނަ އަހަރު މި އަމާޒުކުރަނީ. އެކަން ކުރާނެ. އެހެންވީމާ، އެއިން ސޭވް ކުރެވޭނެ ގާތްގަނޑަކަށް 1 ބިލިއަނާއި 1.5 ބިލިއަން ރުފިޔާ އަޅުގަނޑުމެން ޚަރަދުނުކޮށް ހިފަހައްޓާފައި އޮންނާނީ.

ކަރަންޓް ސަބްސިޑީ 150 މިލިއަން ރުފިޔާ، ޑައިރެކްޓް ސަބްސިޑީއަށް ބަދަލުކުރީމާ، އެއިން ސޭވް ކުރެވޭނެ. މެޑިކަލް ކޮންޒިއުމަބަލް އިން 166 މިލިއަން ރުފިޔާ ސޭވްކުރަން މިއޮތީ. އޭގެ ހުރިހާ އެއްޗެތިތަކެއް ހަދާފައި ހުންނާނީ. އެހެންވީމާ، ޖުމްލަ 3.2 ބިލިއަން ރުފިޔާ، މިއިން ސޭވިންގއަށް ގެނެވޭނެ ކަމަށް ބަލައިގެން މިގެންދަނީ. މުޅިއެކު 6 ބިލިއަން އަޅުގަނޑުމެން މި ބަލަނީ ޑެފިސިޓުން އުނިކޮށްލެވޭނެ ކަމަށް. މިހާރު ބަޖެޓް ފާސްކުރިއިރުގައި އޮންނާނެ 14 ބިލިއަންވަރު. އެހެންވީމާ، އެއިން 6 ބިލިއަން ކަނޑާލީމާ، އަހަރު ނިމޭއިރުގައި، ޑެފިސިޓް 7 ބިލިއަނަށް ހިފެހެއްޓޭތޯ މި ބަލަނީ. އެހެންވީމާ، އަޅުގަނޑު ހިތުން އެއަށް ރަނގަޅު ބަދަލެއް އަޅުގަނޑުމެންނަށް ގެނެވޭނެ.

ޖޭ.އެސް.ސީ. އިޞްލާޙް ކުރުން. އެނގިވަޑައިގަންނަވާނެ، ހުރިހާ ފަރާތެއްގެ މަޝްވަރާ ހޯދުމަށްފަހުގައި، މަޖިލިސް ފެށޭއިރުގައި ފުރަތަމަ ދައުރަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހުށަހަޅަން މި މަސައްކަތް ކުރަނީ. އެކަން ކުރެވޭނެ.

އަޙްމަދު ޙަމީދު - މި ނިއުސް:

ވަރަށް ބޮޑަށް ޝުކުރިއްޔާ ރައީސް.

އަޅުގަނޑުގެ ފުރަތަމަ ސުވާލު، ރައީސް އޯޕަނިންގ ސްޓޭޓްމަންޓްގައި ފާހަގަކުރެއްވި، މަރު ކޮމިޝަނުން އެކުލަވައިލި ރިޕޯޓެއް ރައްޔިތުންގެ މަޖިލީހުން ޢާންމުވީ ވާހަކަ. އެ ޢާންމުވީކީއެއް އެހާ ސިއްރަކުން ނޫން. މަޖިލީހުގައި އެ ވާހަކަތައް ދެކެވި، މަޖިލީހުގެ ރިޔާސަތުގައި ރައީސް ނަޝީދު އިންނަވައިގެން، އެ މަނިކުފާނު ކުރައްވަން ބޭނުންފުޅުވުމުން. މިދިޔަ މުއްދަތުގައި ރައީސް އެ ކަންބޮޑުވުން ފާޅުކުރައްވާފައެއް ނުވޭ. ސަރުކާރުންވެސް ފާޅުކުރައްވާފައެއް ނުވޭ. މިހާތަނަށް އެ ސުވާލު ކުރެވުނު ކޮންމެފަހަރަކު އެއިން މާބޮޑު އަސަރެއް ނުކުރާނެ ކަމަށް ދޭހަވާ މޭރުމުން ސަރުކާރުގެ ވާހަކަތައް، އޭރުގެ ތަރުޖަމާނުގެ ވާހަކަތައްވެސް ހުރީ. ސުވާލަކީ، ކުއްލިއަކަށް މަޖިލީހުން އެ ރިޕޯޓް، 2020 ގައި ޢާންމުވުން އެހާބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ރައީސް މިހާރު ތިޔަ ފާޅުކުރެއްވީ ކީއްވެގެންތޯއޭ؟ އަހަރެއްހާ ދުވަހަށް ތަޙުޤީޤުތައް މެދުކެނޑިގެންދިޔަ ކަމަށް، އޭރު ސުޢޫދު ހުންނެވިއިރުގައި، ސުޢޫދުގެ ޕްރެސްއެއްގައިވެސް ފާހަގަކުރެއްވި، މަޖިލީހުން އެ ޢާންމުވި މަޢުލޫމާތުތަކުގެ އަލީގައި، ކޮމިޝަންގެ ތަޙުޤީޤަކަށް މާބޮޑު ކަންބޮޑުވުމެއް ނެތޭ. ފަހަރުގައި އެއީ އޭރުގައި ދެ ރައީސުންގެ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވީމާ ވިދާޅުނުވެ އޮވެ، މިހާރު ދެ ރައީސުންގެ ގުޅުން އެހާބޮޑަށް ދެރަވީމާ، ވިދާޅުވި ވިދާޅުވުމެއް ކަމަށް ސިފަކުރުމުގެ ފުރުޞަތު އޮތީމަ ކަމަށްވެދާނެ. އަޅުގަނޑު ހަމަ، އޭގައި ދެން ރައީސްގެ އިންޓެންޝަން އަޅުގަނޑު ބަލައިލަން ބޭނުންވަނީ. ކޮން ވިސްނެވުމެއްގައިތޯއޭ، ރައީސް އެކަން ފާޅުކުރެއްވީ.

ދެވަނަ ކަމަކީ މި ޕްރައިމަރީ. އެއީވެސް ހަމަ ރައީސްގެ ވާހަކަފުޅަކާ ގުޅުވާލައިގެން. ރައީސް ވިދާޅުވެއްޖެ. ރައީސްގެ އިލްތިމާސަކީ، ކުރިއަށް އެކުގައި ދެވޭނެގޮތަކަށް ޕްރައިމަރީގެ ކަންކަން އިންތިޒާމުވެ ތަރުތީބުވެގެން ދިޔުމޭ. ކޮންމެ ބޭފުޅަކު މޮޅުވިޔަސް، އެންމެން އެއްކޮށް ކުރިއަށް ދެވޭނެކަހަލަ ގޮތަކަށް ކަންކަންވުމޭ. މިހާތަނަށް ފެންނަ ކޮންމެ ކަމަކަށް ބަލާއިރު، ރައީސް ނަޝީދުގެ ފެކްޝަންގެ ކަންބޮޑުވުން އެބައޮތް. ރައީސް ޞާލިޙަށް ވަރަށް ކުރިން ތާއީދު ފޯމު ލިބިވަޑައިގެން. މީގެ މަހެއް، ދޮޅުމަހެއްހާ ދުވަސް ކުރިން ފެށިގެން ތާއީދު ފޯމުގައި ސޮއިކުރުމުގެ މަސައްކަތް ތިޔަބޭފުޅުން ފެށްޓެވި ކަމަށް ރައީސް ނަޝީދުގެ ޓީމުން އެބަ ބުނޭ. ދެން އެއީ، ތެދެއް ކަމަށް ބޮޑަށް ގަބޫލުކުރެވެނީ. އެންމެފަހުން ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި ފައްޔާޒު ވިދާޅުވި، ރައީސް ނަޝީދަށްވެސް އެ ފޯމު ފޮނުއްވީމޭ. އެކަމަކު އެބޭފުޅުން އެބަ ވިދާޅުވޭ، ރައީސް ނަޝީދަށް ފޮނުވަންޖެހޭ ސަބަބެއް ނޯންނާނެއޭ. އެއީ، އޭރު ރައީސް ނަޝީދަކީ ކެންޑިޑޭޓެއް ނޫން. ރައީސް ޞާލިޙަކީވެސް ކެންޑިޑޭޓެއް ނޫން. އިހަކަށް ދުވަހު ތިޔަ ދެބޭފުޅުންވެސް ކެންޑިޑޭޓަކަށް ވެވަޑައިގަތީ. އެހެންވީމާ، ފޮނުވަންޖެހޭ އެކަށީގެންވާ ސަބަބެއް ނެތޭ.

ދެވަނަ ކަމަކަށް މި ކޮމިޓީތައް އެކުލަވައިލުން. މި އޮތް ޝަކުވާ ކޮމިޓީ އެކުލަވައިލިއިރު، އަދި އޭގެކުރިން އިންތިޚާބު ކޮމިޓީ އެކުލަވައިލިއިރުވެސް، ރައީސް ނަޝީދުގެ ކަންބޮޑުވުން، އެ މަނިކުފާނުގެ ޕާޓީ، މާނައަކީ މި ދެންނެވީ އެ މަނިކުފާނުގެ ވަފާތެރި ބޭފުޅުންގެ ކަންބޮޑުވުން އެބައޮތް. އެހެންވީމާ، ރައީސް ގަބޫލުފުޅު ކުރައްވަންތޯ، އިންތިޚާބު ނިމުނީމާ އެއްކޮށް ކުރިއަށް ދެވޭކަހަލަ ގޮތަކަށް ވާނެކަމަށް. ރައީސް ނަޝީދަށް ވަރަށްދެރަކޮށް ކަންތައްތައް ކުރައްވާ ކަމަށް އެ މަނިކުފާނުގެ ބައެއް ބޭފުޅުން ގަބޫލުކުރައްވާތީވެ، ރައީސް އެކަންކަން ރަނގަޅު ކުރައްވަން އެއްވެސްވަރަކަށް މަސައްކަތް ކުރައްވަންތޯ. އަދި ކަންކަން މިދަނީ ރަނގަޅަށް ކަމަށް ދެކެވަޑައިގަންނަވަންތޯ. ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ކޮމިޝަންތަކުގެ ރިޕޯޓް ޢާންމުކުރުމަށް އަޅުގަނޑު ގައިމުވެސް އަޅުގަނޑުގެ ޕްރެސްގައި އެކަން ފާހަގަކޮށްފައި އޮންނާނެ. ފުރަތަމަ ޕްރެސްގައިވެސް. ވަރަށްދެރަކޮށް ހިނގި ކަމެކޭ މިއީ. އޭގެ ސަބަބުން ހުރަސްއެޅޭކަމަށް. ދެން އަޅުގަނޑާ ކޮމިޝަން ބައްދަލުކޮށްފައި، އަޅުގަނޑާ ޙިއްޞާކުރި ވާހަކަތައް އަޅުގަނޑު ޕްރެސްގައި އެ ދުވަހު ހާމަކުރީ. ވަރަށް ބޮޑެތި ދަތިތަކެއް އެބަހުއްޓޭ. އެއީ، ހަމަ އެ އަހަރުގެ ތެރޭގައި އޮންނާނެ. ތިޔަބޭފުޅުން ބެއްލެވީމާ އެނގޭނެ. އަޅުގަނޑު އޮންނާނެ އެ ވާހަކަ ބުނެފައި.

ދެން އޮތީ ޕްރައިމަރީގެ ތާއީދު ފޯމު އަޅުގަނޑު ކުރިން ފުރަން ފެށި ވާހަކަ. އަޅުގަނޑެއް ގައިމުވެސް އެ ފޯމެއް ނުހޯދަން. އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ އެއީ، ވެބްސައިޓުން ލިބެންހުރި ފޯމަކަށްވަނީ. އެހެންކަމަށްވަންޏާ، ކުރީ ބައިގައި ކޮންމެ މީހަކަށްވެސް ކުރެވޭނެ. އޭގެ ޔަޤީންކަން އަޅުގަނޑު ކަށަވަރުކުރާނަން. އެހެންތޯ ވެފައި އޮތީ. އަޅުގަނޑު ދެން ގައިމުވެސް އަޅުގަނޑު ބުނެގެން ތާއީދުކޮށް ފޯމުގައި ސޮއިކުރަން ފެށީ އަޅުގަނޑު ކުރިމަތިލާން ނިންމި ހިސާބުން. އޭގެ ކުރިއަކުންނެއް އަޅުގަނޑު އެއްވެސް ފަރާތެއްގައި ތާއީދު ފޯމު ފުރާކަށެއް ބުނެފައެއް ނޯންނާނެ.

ދެން އޮތީ އިންތިޚާބާ ބެހޭ ކޮމިޓީ ނެގުމުގައި، އެއްވެސް ނަމެއް އަޅުގަނޑު ނޯންނާނެ ފޮނުވާފައެއް. އަދި އަޅުގަނޑުގެ ކެމްޕެއިން މެނޭޖަރުވެސް ނޯންނާނެ، އެ ކޮމިޓީއަށް ވަކިމީހަކު ލުމަށް ނަމެއް ހުށަހަޅާފައެއް. ޙަމީދުގެ އެންމެފަހު ސުވާލަކަށް މިއޮތީ ޕްރައިމަރީ ނިންމުމަށްފަހުގައި، އަޅުގަނޑުމެންނަށް ކުރިއަށް ދެވިދާނެތޯ؟

އަޅުގަނޑުގެ އެދުމަކީ އެއީ. އެހެންވެ އަޅުގަނޑު މި ދެންނެވީ، ޕްރައިމަރީގެ ކެމްޕެއިން ކުރިއަށް ގެންދާއިރުގައި، ދެފަރާތުންވެސް އެ ވިސްނުން ގެންގުޅުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އެދުމެކޭ. އަޅުގަނޑު އުންމީދު ކުރަނީ، އެގޮތަށް އެކަން ވެގެންދިޔުން.

ދެން އަޅުގަނޑާ ކުރެއްވި ސުވާލެއްގައި އަޅުގަނޑަށް ކުޑަ މިސްޓޭކެއް ޖެހިއްޖެ. އެއީ ބަޖެޓް ޑެފިސިޓްގެ ވާހަކަ. ފާސްކުރި ބަޖެޓުގައި 14 ބިލިއަނޭ އެ ބުނެވުނީ އެއީ އޮޅުމެއް، މިސްޓޭކެއް. ފާސްކޮށްފައި އޮންނާނީ 8.6 ބިލިއަން. އެކަމަކު އަޅުގަނޑު މި ދެންނެވި ފިޔަވަޅުތައް ނާޅައިފިއްޔާ، 14 ބިލިއަނަށް ދާނެ. ބަޖެޓް ފާސްކޮށްފައި އޮންނާނީ، އެ ފިޔަވަޅުތައް އަޅާގޮތަށް. އެހެންވީމާ އެކަން އަޅުގަނޑުމެން ކުރީމާ 8.6 އަށް އެ ބަދަލުވެގެންދާނީ.


މަރްޔަމް ލަހުފާ - ޗެނަލް 13:

ޝުކުރިއްޔާ. އަޅުގަނޑުގެވެސް ދެ ސުވާލެއް. އެމް.އެމް.ޕީ.އާރު.ސީ.ގެ މި މައްސަލަ ގޮސްފައި އޮތް ހިސާބު ކޮންމެވެސްވަރަކަށް ރައީސް ފާހަގަކުރައްވައިފި. އެހެން ނަމަވެސް، މި މައްސަލަ ނުބެލޭކަމަށް އަދިވެސް ހަމަ ބުނަމުން މިދަނީ. އެމް.ޑީ.ޕީ.ގެ ރައީސް މުޙައްމަދު ނަޝީދުވެސް ވިދާޅުވެފައި އެބަވޭ، މި މައްސަލަ ނުބެލޭ ކަމަށް. އަދި މި ޚިޔާނާތުގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ ފައިސާ ރިކަވަރ ނުކުރެވޭނެ ކަމަށް. ދެން މި މައްސަލަ މުޅިން ބަލައި، އެކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކާ މެދުގައި ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ވަޢުދުވެވަޑައިގެންފައިވާ މުއްދަތުވެސް ފަހަނަޅައި ގޮސްފައިވާއިރުގައިވެސް، އެ މައްސަލައެއް ނުއެއްބެލޭ. އެހެން ނަމަވެސް، ވާދަވެރި، ސިޔާސީ ލީޑަރުގެ މައްޗަށް ހަމަ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ފުލުފުލުގައި ދަޢުވާތަކެއް އުފުލަމުންދާ މަންޒަރު. ޙުކުމަކަށްފަހު ޙުކުމެއް ތައްޔާރުކުރަމުންދާ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. ރައީސް ޔާމީނާ ވާދަކުރައްވަން މަނިކުފާނު ޖެހިލުންވަނީތޯ، ނޫނީވިއްޔާ ބިރުފުޅުގަންނަނީތޯ.

ދެން ދައުރު ނިމެންވާއިރަށް އެމް.އެމް.ޕީ.އާރު.ސީ.ގެ މި ޚިޔާނާތުގެ މައްސަލަ ބަލައި، އެކަމުގެ ތެރޭގައި ދައުލަތަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް ރިކަވަރ ކުރެވޭނެކަމުގެ ކިހާވަރެއްގެ ޔަޤީންކަމެއް ދެއްވަފާނަންތޯ؟ އެއީ އެއް ސުވާލު.

ދެން ދެވަނަ ސުވާލެއްގެ ގޮތުގައި، އަޅުގަނޑު އަހާލަން ބޭނުންވަނީ، މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވީއްސުރެ ނަޞްރުގެ ދުވަސް، ޤައުމީ ފެންވަރެއްގައި ފާހަގަނުކުރާ ކަމުގެ ޝަކުވާ، އެ ކަންބޮޑުވުންތައް ރައްޔިތުންގެ އެބައޮތް. މިހާރު މި ކަންތައްދާގޮތަށް ބަލާއިރުގައި، ކުރިއަށް މިއޮތް އަހަރުގައިވެސް އެ ދުވަސް، އެ ކުލަގަދަކޮށް ފާހަގަކުރައްވާނެކަމާމެދު ހަމަ ގިނަ ސުވާލުތަކެއް އުފެދިފައި އެބަވޭ.

ދެން ދާދިފަހުން މަނިކުފާނު އެބަވޭ، ސުނާމީ ކާރިސާއާ ގުޅިގެން މަނިކުފާނުގެ ތަޖުރިބާ، ރައްޔިތުންނާ ޙިއްޞާ ކުރައްވާފައި. ދެން އަޅުގަނޑުގެ ސުވާލަކީ، ނޮވެންބަރު 3ގެ އެ ޙާދިޘާ، އަޅުގަނޑުމެންނަށް މި ދެކެވެނީ ދިވެހިރާއްޖެއަށް މި ފަހުގެ ތާރީޚެއްގައި ކުރިމަތިވި އެންމެ ނުރައްކާތެރި އެއް ޢުދުވާނީ ޙަމަލާގެ ގޮތުގައި. 19 ދިވެހިންގެ ލޭ މި ބިންމައްޗަށް އޮހޮރިގެންދިޔަ ނުރައްކާތެރި ދުވަހެއްގެ ވާހަކަ. އެ ދުވަހުގެ ތަޖުރިބާ، އަޅުގަނޑުމެން މިތަނުގައި މި ތިއްބެވި ހުރިހާ ނޫސްވެރިންނަށާއި އަދި ރާއްޖޭގެ ރައްޔިތުންނަށް މަނިކުފާނު ޙިއްޞާކޮށްދެއްވިދާނެތޯ. އެ ދުވަހު މަނިކުފާނު ހުންނެވީ ކޮން ތަނެއްގައިތޯ؟ ދެން އެ ދުވަހުގެ އެ އިޙްސާސްތައް، އެ ތަޖުރިބާތައް އަޅުގަނޑުމެންނާ ޙިއްޞާކޮށްދެއްވިދާނެތޯ؟ ޝުކުރިއްޔާ.


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، އެމް.އެމް.ޕީ.އާރު.ސީ.ގެ މައްސަލަ އަޅުގަނޑު މިނިވަން ކޮމިޝަނަކާ ހަވާލުކޮށްގެން ބަލަންފެށީވެސް ނުފޫޒެއްނެތި މިނިވަންކަމާއެކީގައި އެކަން ކުރިއަށް ގެންދިޔުމަށްޓަކައި. ހުރިހާ ބާރުތަކަކާއި، ޤާނޫނީގޮތުން އެންމެފަހުން ދޭންޖެހޭ ބާރުތައްވެސް ދީގެން. ހުރިހާ ފެސިލިޓީއެއްވެސް ދީގެން. އެއަށްފަހު، އެބޭފުޅުން ބަލައި ނިންމުމަށްފަހުގައި ފޮނުވި ރިޕޯޓުގައި، ދެން ކުރަންހުރި ކަންތައްތައް ކުރުމަށް ޕޮލިސްއަށާއި، އޭ.ސީ.ސީ. އަށް އަޅުގަނޑުމެން ފޮނުވައިގެން ކުރިއަށް މިގެންދަނީ. ވަކި މީހަކަށް އަމާޒުކޮށްގެން، ވަކި ކުންފުންޏަކަށް އަމާޒުކޮށްގެން، އެކަން ކުރުމުގެ ނިޔަތެއް އަޅުގަނޑުގެ ނެތް. އަދި އެހެން ނުވެސްކުރާނަން. އެމް.އެމް.ޕީ.އާރު.ސީ.ގެ މައްސަލައިގައި، އޭ.ސީ.ސީ. އިން ބަލައި ނިންމާ ކޮންމެ ކަމެއް އެއީ، ޝަރީޢަތާ ހިސާބަށް ފޮނުވަންޖެހޭ ކަމެއް ވެއްޖިއްޔާ، އެ ކަމެއް ފޮނުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް އަޅުގަނޑު ކުރަމުން ގެންދާނަން.

ރިޔާސީ އިންތިޚާބަށް އަޅުގަނޑު ކުރިމަތިލާން މި ނިންމީކީ، ކޮންމެހެން އަޅުގަނޑާ ވާދަކުރަނީ ކާކުތޯ ބަލައިގެނެއް ނޫން. ކޮންމެ މީހަކު، ކޮންމެ ބޭފުޅަކު ކުރިމަތިލެއްވިޔަސް، އަޅުގަނޑު ދެކޭގޮތުގައި ވާދަވެރި އިންތިޚާބަކަށް ވާނީ. އެއީ، ވަކި ބޭފުޅެއް ވެގެނެއް ނޫން. ރާއްޖޭގެ ސިޔާސީ މަސްރަޙު މިއޮތްގޮތުން ހަމަ ވާދަވެރި އިންތިޚާބަކަށް ވެގެންދާނެ. އެހެންވީމާ، އެއީ ވަކި ބޭފުޅެއްތޯ، ވަކި ޕާޓީއެއްގެ ބޭފުޅެއްތޯ ބަލައިގެނެއް ނޫން، އަޅުގަނޑު ކުރިއަށްދާން މި ނިންމީކީ. އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ޓިކެޓް ލިބުމާ އެކީގައި، އަޅުގަނޑުގެ އެ މަސައްކަތް ފަށާނީ އިންތިޚާބު ކާމިޔާބު ކުރުމަށް. އެއީ، އަޅުގަނޑުގެ ވާދަވެރި ކެންޑިޑޭޓަކީ ކާކުތޯ، ކޮންމެހެން އޭގައި ބަލައިގެނެއް ނޫން އަޅުގަނޑު ކުރިއަށްދާނީ. ކޮންމެ މީހަކީ ވާދަވެރި ކެންޑިޑޭޓެއްގެ ގޮތުގައި ދެކިގެން.

އެމް.އެމް.ޕީ.އާރު.ސީ.ގެ މައްސަލަ ބަލައި ނިންމުމަށް ކުރެވެން އޮތް ހުރިހާ ކަމެއް އަޅުގަނޑު ކުރާނަން. އޭ.ސީ.ސީ. އިން ވަރަށްބާރު ސްޕީޑްގައި އެކަން އެބަ ކުރިއަށްގެންދޭ. އަޅުގަނޑު ގަބޫލުކުރަނީ، ހަމަ ރަނގަޅު ނަތީޖާތަކެއް، ކުރިއަށް މި އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި ފެނިގެންދާނެ ކަމަށް. ހޯދަންޖެހޭ ފައިސާ ހޯދުމާއި، މިކަމުގައި ޖިނާއީ މައްސަލައެއް އޮތް ކަމަށްވަންޏާ، އެކަމެއް ބަލައި ނިމުމާ އެކީގައި، ކުރަންޖެހޭ ކަންތައްތައް އަޅުގަނޑު އޭ.ޖީ. މެދުވެރިކޮށް، އަދި ޕީ.ޖީ. އާއި، އޭ.ޖީ.ގެ މަޝްވަރާގެ މަތިން އެކަން އެބޭފުޅުން ކުރިއަށް ގެންދަވާނެ. ނަޞްރުގެ ދުވަސް ފާހަގަކުރުން. ސަރުކާރުގެ ދުވަސްތައް ފާހަގަކުރުމަށް ހުރޭ އުޞޫލުތަކެއް ކަނޑައަޅާފައި. މިހާރުވެސް އަޅުގަނޑުމެން އެކި ދުވަސް ފާހަގަކުރަމުން މިގެންދަނީ، އެކަމެއް ކުރަން އޭރު ކަނޑައަޅާފައި އޮތްގޮތަށް. އެއަކަށް އަޅުގަނޑު ބަދަލެއް ނުގެންނަން.

ނަޞްރުގެ ދުވަސް މިހާތަނަށްވެސް މި ފާހަގަކުރަނީ، ކުރިންވެސް ފާހަގަކުރަމުން އައިގޮތަށް. އެއަކަށް އެއްވެސް ބަދަލެއް ނުގެންނަން. އެއަށް ބަދަލެއް ގެންނަންޖެހޭ ކަމަށްވަންޏާ ގެންނަންވީ، އަޅުގަނޑުމެން މަޝްވަރާކޮށްފައި. ކޮންގޮތަކަށްތޯ އެކަން ކުރާނީ. އެ ބަދަލާ އެކީގައި ކުރެވޭނެ. އެންމެންގެ މަޝްވަރާގެ މަތިން އެކަން ކުރަންވީ. އެކަމަކު މިހާރު އަޅުގަނޑު ކޮންމެހެން ކުރިން ކުރަމުން އައި ކަމެއް ނުކޮށެއް ހުއްޓައެއްނުލަން. ހަމަ އޭރު އޮތްގޮތަށް ކުރިއަށް މިގެންދަނީ.

ދެން އަޅުގަނޑުގެ ތަޖުރިބާ. ވަރަށްދިގު އެ ތަޖުރިބާވެސް. އެ ހަމަ ކޮންމެވެސް އެހެން ތަނެއްގައި ތިބެގެން ވާހަކަ ދައްކާލެވިދާނެ. އަޅުގަނޑު އެ ދުވަހު އިނީ ޓީ.ވީ. މޯލްޑިވްސްގައި. އެރޭ ހޭލާހުރިގޮތަށް މެންދުރުވާންދެން ނުނުކުމެވިފައި ހުރީ. ވަރަށްގިނަ ފަރާތްތަކަށް އަޅުގަނޑު ޖެހުނު، ބޭރުގެ ފަރާތްތަކަށް އަޕްޑޭޓް ދޭން. މެންދުރުވާންދެން އަޅުގަނޑު ކަން ހިނގަމުންދިޔަގޮތް ކިޔައިދެމުން ގެންދިޔައީ. ފަހަރަކު ކޯލަކަށް، ފަހަރަކު ކޯލަކަށް އަޅުގަނޑު ޖަވާބު ދެނީ. ޝަމީމް މިތާ އެބަ ހުންނެވިކަންނޭނގެ. ޝަމީމެއް އެ ވަގުތަކު ނެތް. ފަހުން އަޅުގަނޑާ ބައްދަލުވި. އަޅުގަނޑާ ވާޙިދާ ދެމީހުން އެކަނި މުޅި ސްޓޭޝަންގައި ތިބީ. އެ ދުވަހުގެ އެ ވާހަކަތައް އަޅުގަނޑަށް ކިޔައިދެވިދާނެ ވަކިން. މެންދުރުވާންދެން އެރޭ ތިބިގޮތަށް ހޭލާ އަޅުގަނޑުމެން ތިބީ.

މަރްޔަމް ލަހުފާ - ޗެނަލް 13:

އަޅުގަނޑުގެ އެއް ސުވާލަށް އަދި ޖަވާބު ނުލިބޭތީ. ދައުރު ނިމެންވާއިރަށް، އެ ފައިސާ، ގެއްލުނު ފައިސާ އަނބުރާ ހޯދައި، މުޅި މައްސަލަ ބަލައި ފުރިހަމަކުރެވޭނެ ކަމުގެ ޔަޤީންކަން ދެއްވިދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑު ހަމަ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އޭގެ އަޕްޑޭޓް ހޯދަމުން އެބަ ގެންދަން އޭ.ސީ.ސީ.އިން. ކިހާ ހިސާބަކަށްތޯ މައްސަލަ ގޮސްފައި އޮތީ. އެހެންވީމާ، ވީހާވެސް އަވަސްކުރަން އަޅުގަނޑު މަސައްކަތް ކުރަމުން ގެންދާނީ. ރަނގަޅީ ވީހާވެސް އަވަހަކަށް ނިމުނިއްޔާ. ކޮންމެހެން ދައުރު ނިމެންދެން މަޑުކުރާކަށް ނުޖެހޭނެ. އޭގެވެސް ކުރިން ނިމުނިއްޔާ އަޅުގަނޑަށް ރަނގަޅީ. އިންތިޚާބަކަށް ދާއިރުގައި، މީގައި ހިމެނޭ ހުރިހާ ފަރާތްތަކާ ދޭތެރޭގައި އިންޞާފުން ކަން ކުރެވިފައި، އެންމެންނަށް މީގައި އެ މީހަކަށް ބައިވެރިވެވެން އޮތް ގޮތަކަށް ބައިވެރިވެގެން، ޤައުމައިގެން ކުރިއަށްދިޔުން މިއީ އެންމެ ބުއްދިވެރި ގޮތަކީ.

އަކްރަމް ޢަބްދުﷲ - މޯލްޑިވްސް ޖަރނަލް:

السَّلَامُ عَلَيْكُمْ.

My name is Akram from the Maldives Journal. And I will be asking the question in English. And it’s my request if you could respond in English as well.
My question is the I.M.F. has recently predicted that the Globel Economics will be very difficult in the coming year 2023. So what actions will the Maldives be taking to ensure that the Maldivian Economy does not deteriorate to a situation similar to how it was during the Covid-19 Pandamic. Thank you.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑު ދެންނެވިން ދޮގެއްތޯ ދެންމެ، އެ އަޅަމުން ގެންދިޔަ ފިޔަވަޅުތައް. ބަޖެޓުން ހުރި ޚަރަދުތައް ކުޑަކުރުމާއި، ރެވެނިއު އިތުރުކުރުމަށް ކުރަމުންގެންދިޔަ މަސައްކަތްތައް.

އަކްރަމް ޢަބްދުﷲ - މޯލްޑިވްސް ޖަރނަލް:

އިނގިރޭސި ބަހުން.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

I will share with you all the details after this.

އިތުރު ބޭފުޅެއްގެ ފުރުޞަތެއް ނެތް ކަމަށްވަންޏާ، އަޅުގަނޑު މިހިސާބުން ނިންމާލާނަން އިނގޭތޯ. އަޅުގަނޑުމެން ނިންމާލާނީ މިހިސާބުން ދޮގެއްތޯ. އަޅުގަނޑު ނިންމާލާނަން މިހިސާބުން އިނގޭތޯ. އަޅުގަނޑު ދެ ފުރުޞަތު އަރުވާނަން އިނގޭތޯ.

ޝަހްބާން ފަހުމީ - ސަންގު ޓީ.ވީ:

ޝުކުރިއްޔާ ރައީސް އިނގޭތޯ. އަޅުގަނޑުގެ އޭރުގެ ސުވާލަށް އަޞްލު ޖަވާބު ނުލިބޭތީ. މަނިކުފާނު ފާހަގަކުރައްވައިފި، އޭރުގެ ޙާލަތާ އެކުގައި ހަމަ ދެން އަދި ރައީސް ނަޝީދު ބޭނުންފުޅުވަނީ، މިހާރު ރައީސް ނަޝީދު ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވުމާ އެކުގައި މަނިކުފާނު ތިއޮތީ ރައީސް ނަޝީދުގެ ފަހަތްޕުޅަށް ވަޑައިގެން އެކުގައި މަސައްކަތް ކުރައްވަން. އެހެންވެއްޖިއްޔާ މަނިކުފާނު ރައީސް ނަޝީދުގެ ފަހަތްޕުޅަށް އަރައިގެންވެސް، 2023 އެމް.ޑީ.ޕީ. އަށް ކާމިޔާބު ނުކޮށްދެވުނީ.

ދެން އަޒާން ކުރެއްވި ސުވާލުގެ ޖަވާބެއް މަނިކުފާނު ނުދެއްވާ. މަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެއްވުނު، ރައީސް ނަޝީދު ތުހުމަތު ކުރެއްވި، ހިލޭ އަންހެނަކާ އެއްކޮށް މަނިކުފާނު އެ ގުޅުންތަކެއް ހިންގި ވާހަކަ. އަޒާންވެސް އެ ފާހަގަކުރެއްވި ގޮތަށް، މި ދައްކަނީ ނޫރާނީއާގޭ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވާހަކައެއް ނޫން. ދިވެހި ދައުލަތުގެ، އިސްލާމީ ދައުލަތެއްގެ ވެރިޔާގެ ވާހަކަ. އެހެންވީމާ، އިސްލާމީ ދައުލަތެއްގެ ވެރިއެއްގެ މައްޗަށް އެފަދަ ބޮޑު ތުހުމަތެއް މީހަކު ކުރީމާ، އެކަން ރައްޔިތުންނަށް ސާބިތުކޮށްދެއްވައި، އެއީ ނުކުރާ ކަމެއްކަން ބުނެދޭން އެބަޖެހޭ. އެހެންވީމާ، ރައީސް ނަޝީދުގެ މައްސަލަ ދިވެހިރާއްޖޭގެ ފުލުހުންގެ އިދާރާއަށް ހުށަހަޅުއްވައިގެން، ތަޙުޤީޤު ކުރައްވަން މަނިކުފާނު ޤަޞްދުކުރައްވަންތޯ؟

ދެން މަނިކުފާނު ޕްރައިމަރީން ނާކާމިޔާބު ވެއްޖެ ކަމަށްވާނަމަ، ރައީސް ނަޝީދުގެ ފަހަތްޕުޅަށް އަރާވަޑައިގެން، އެމް.ޑީ.ޕީ. 2023 ކާމިޔާބު ކޮށްދިނުމަށްޓަކައި މަސައްކަތް ކުރައްވާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ، ފެންނަ މަންޒަރުން އިރާދަކުރެއްވިއްޔާ އަޅުގަނޑު ބަލިވާނެ ކަމަކަށެއް. އެ މަންޒަރެއް އަޅުގަނޑަކަށް ނުފެނޭ އިނގޭތޯ. އަޅުގަނޑަކަށް ނުފެނޭ، އަޅުގަނޑު ބަލިވާތަނެއް. ދެން ކޮންމެ ގޮތެއްވިޔަސް، އަޅުގަނޑަކީ އެމް.ޑީ.ޕީ.ގެ މެންބަރެއް. އަޅުގަނޑު ހުންނާނީ އެމް.ޑީ.ޕީ.އާ އެކީ. އެއީ، ކޮންމެ ކެންޑިޑޭޓަކު އެމް.ޑީ.ޕީ.އިން އަޔަސް.

ދެން އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވައިފިން ދޮގެއްތޯ. އަޅުގަނޑުގެ އެއްވެސް ފޮޓޯއެއް، އެއްވެސް މަންޒަރެއް، އެއްވެސް މީހެއްގެ އަތަކު ނޯންނާނެއޭ، ތިޔަ ވިދާޅުވާ ކަހަލަ.

އާދެ، ދެން އެންމެފަހު ސުވާލު. އެއަށްފަހު ނިންމާލާނީ.

މުޙައްމަދު މުޒައްޔިން - ދައުރު:

އަޅުގަނޑު ދެވަނަ ފުރުޞަތެއްގެ ބޭނުން މިކޮށްލީ، ބްރިޖް މަޝްރޫޢާ ގުޅޭގޮތުން ޖަވާބު ދެއްވަމުން، ރައީސް ވިދާޅުވެއްޖެ. ޝެޑިއުލްއާ އެއްގޮތަށް އެ މަސައްކަތް ދާނެ ކަމަށް. އަޅުގަނޑުގެ ސުވާލަކީ، މިއީ މި ސަރުކާރުގެ އެންމެ ބޮޑު މެގަ ޕްރޮޖެކްޓް. ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގެ ދަރަންޏެއް، ރައްޔިތުންގެ ބޮލުގައި މި އެޅިގެން މިދަނީ. މި މަޝްރޫޢާ މެދު ރައްޔިތުންގެ މެދުގައިވެސް ވަރަށްބޮޑު ކަންބޮޑުވުންތަކެއް އެބަ ފާޅުކުރޭ، ސޯޝަލް މީޑިއާގައިވެސް. މަޝްރޫޢުގެ ކޮލިޓީއާއި އަދި ސްޕީޑާ މެދުވެސް. ކިހިނެއްތޯ ރައީސް ދެކެވަޑައިގަންނަވަނީ، މި ކުންފުންޏަށް މި މަސައްކަތް، މަޝްރޫޢު ފުރިހަމަގޮތުގައި ނިންމަވާލެވިދާނެތޯ. އަދި ގަބޫލުކުރެވޭތޯ، ކޮބައިތޯ ޝެޑިއުލްއާ އެއްގޮތަށް ނިންމޭނެ ކަމަށް ރައީސް ވިދާޅުވިއިރު، ކޮބައިތޯ ދައުރު ނިމޭއިރުގައި އެޓްލީސްޓް ވިލިމާލެއާ ހަމަޔަށް ސައިކަލްގައި ދެވޭނެކަމުގެ އުންމީދެއް ލިބިދާނެތޯ؟

ދެން އަޅުގަނޑުގެ ފަހު ސުވާލެއްގެ ގޮތުގައި، އަޅުގަނޑަށް އެކި މަސްދަރުތަކުން މަޢުލޫމާތު އެބަ ލިބޭ، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، ރައީސް ޞާލިޙުގެ ރަނިންގ މޭޓަކަށް ހެދުމަށް އިންޑިއާއިން ވަރަށް ބޮޑަށް ރައީސަށް ލޮބީކުރާ ކަމަށް. މިކަހަލަ އެއްވެސް ކަހަލަ ޕްރެޝަރެއް ރައީސަށް އެބައޮތްތޯ، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، ރައީސްގެ ރަނިންގ މޭޓަކަށް ހެދުމަށް. ރައީސް އެބަ ވިދާޅުވޭ، ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށް ބޮޑުތަނުން. އެހެން ކަމަށްވާނަމަ، ރަނިންގ މޭޓަކަށް ޢަބްދުﷲ ޝާހިދު ހެދުމަށްޓަކައި އެކަހަލަ އެއްވެސް ޕްރެޝަރެއް އިންޑިއާގެ ފަރާތުން ރައީސަށް އެބައޮތްތޯ؟ އަދި ޢަބްދުﷲ ޝާހިދަކީ، ރައީސްގެ ރަނިންގ މޭޓަކަށްވުމުގެ ފުރުޞަތު އޮތް ބޭފުޅެއްތޯ؟ ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ބްރިޖުގެ މަސައްކަތާ ދޭތެރެއަކު އަޅުގަނޑުގެ ސުވާލެއް ނެތް އިނގޭތޯ. ކޮލިޓީއާ ދޭތެރެއަކު. މިހާރުވެސް ބަލަހައްޓަމުން އެގެންދަނީ. ޕްރޮޖެކްޓް އިންޖިނިއަރިންގ ކޮންސަލްޓަންސީ ފަރމެއް އެގޮތުގައި އަޅުގަނޑުމެން ހަޔަރކޮށްގެން މިގެންދަނީ. ކުރިންވެސް ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ބެލެހެއްޓީ ބޭރުގެ ފަރާތެއް. އެހެންވީމާ، އެތަނުގައި ހިނގާ ކޮންމެ ކަމެއް، ކޮލިޓީ އެޝުއަރ ކުރުމުގެ މަސައްކަތް ކުރަމުން ގެންދާނީ. އެހެންވީމާ، އެއާ ދޭތެރެއަކު އަޅުގަނޑުގެ ހަމަ އެއްވެސް ޝައްކެއްނެތް.

މުޙައްމަދު މުޒައްޔިން - ދައުރު:

ދައުރު ނިމޭއިރަށް ނިމޭނެތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އޭގައި ޕްލޭންގައި މިއޮތީ، އަޅުގަނޑު ދެންނެވިން ދޮގެއްތޯ. މާލޭ ގުޅިފަޅާ ހިސާބަށް ޑިސެންބަރު 2023 އަށް ނިންމަން. އެހެންވީމާ، އެ ޕްލޭނާ އެއްގޮތަށް ކުރިއަށް އެބަދޭ. އެއަށް ބަދަލެއް އަންނަންޏާ، އަޅުގަނޑުމެން އިޢުލާނު ކުރާނަން. އެއަށްވުރެ އަވަސްވެ، ނޫނީވިއްޔާ ލަސްވަންޏާ.

މުޙައްމަދު މުޒައްޔިން - ދައުރު:

ރަނިންގ މޭޓް؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ރަނިންގ މޭޓް ކަންތައް އަޅުގަނޑު އަދި ނުނިންމަން.

މުޙައްމަދު މުޒައްޔިން - ދައުރު:

އެފަދަ ޕްރެޝަރެއް ރައީސަށް އެބައޮތްތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑަކަށް ނާދޭ އެކަހަލަ އެއްވެސް ޕްރެޝަރެއް. އަދި ޚާއްޞަކޮށް، ބޭރުގެ ޤައުމަކުންނެއް ރާއްޖޭގެ ސިޔާސީ ކަންތައްތަކާ ނުބެހޭނެ. އެ ޔަޤީންކަން އަޅުގަނޑުގެ އެބައޮތް. ދެން އެމް.ޑީ.ޕީ.ގައި އެބަ ތިއްބެވި، ރިޔާސީ ކެންޑިޑޭޓް ކޮލިޓީގެވެސް، ރަނިންގ މޭޓް ކޮލިޓީގެވެސް ވަރަށް ގިނަ ބޭފުޅުން. އެހެންވީމާ، މި ދެންނެވިހެން ކަމަށް އެކަށީގެންވާ ހަމަ ވަރަށް ޤާބިލް ސިޔާސީ ވިސްނުންތެރި، ޙިކްމަތްތެރި ބޭފުޅުން އެބަ ތިއްބެވި.

މުޙައްމަދު މުޒައްޔިން - ދައުރު:

އެމް.ޑީ.ޕީ. މެންބަރަކަށްތޯ ފުރުޞަތު ދެއްވާނީ ރައީސް؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑުމެން އެމް.ޑީ.ޕީ. އެކަނިލަންޏާ، އެމް.ޑީ.ޕީ. މެންބަރެއް ހުންނާނީ. ކޯލިޝަނެއް ހަދަންޏާ، އެ މަޝްވަރާގެ ތެރެއިން ދާނީ. އެއީ، ކޮންމެހެން ވަކި ޕާޓީގެ މެންބަރެއް ކަމަކަށް އަޅުގަނޑު ނުނިންމަން.

އަޅުގަނޑަށް ފެންނަނީ މިހިސާބުން ދެން ނިންމާލަން އިނގޭތޯ.

ވަރަށް ބޮޑަށް ޝުކުރިއްޔާ ހުރިހާ ބޭފުޅުންނަށް.