بسـم اللّـه الرّحمـن الرّحيـم

اَلْحَمـدلِلَّـهِ اْلأَكْرَمِ اْلاَعْـدَلِ، اَلْقَـائِلِ فِى كِتَابِـهِ الْمُنَـزَّلِ، "وَإِذَاحَكَمْتُمْ بَيْنَ النَّـاسِ أَنْ تَحْكُمُـواْ بِالْعَـدْلِ"، وَالصَّـلاَةُ وَالسَّـلاَمُ عَلَى سَيِّـدِنَا مُحَمَّـدٍ الْحَـاكِمِ اْلأَمْثَلِ، وَعَلَى آلِهِ وَصَحْبِـهِ الَّذِيْنَ سَـارُوا عَلَى نَهْجِـهِ اْلأَقْسَـطِ اْلأَفْضَـلِ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

މިއަދު އަނެއްކާވެސް އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހަށް އައިސް މި ބައްދަލުކުރީ، ވޭތުވެދިޔަ އަހަރު ދައުލަތުގެ ކަންތައްތައް ހިނގިގޮތުގެ އާންމު ރިޕޯޓެއް ހުށަހެޅުމަށާއި، ކުރިއަށް އޮތް އަހަރު ދައުލަތުގެ ސިޔާސަތު ބިނާކުރާނޭގޮތް ބަޔާންކުރުމަށް. އަދި އެއާއެކު، ޤާނޫނުގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލިސް ހުޅުވައިދިނުމުގެ މުހިންމު ވާޖިބު އަދާކުރުމަށް. މިކަމަކީ ކޮންމެ އަހަރަކުވެސް އަޅުގަނޑަށް ވަރަށް މަތިވެރި އުފަލެއް ހާސިލުވާ ކަމެއް. އެހެންކަމުން، މިއަހަރުވެސް މި ފުރްޞަތު ލިބުނުކަމަށްޓަކައި اللّه سبحانه وتعالىއަށް ޙަމްދާއި ޝުކުރުކުރަން.

ވޭތުވެދިޔަ އަހަރަކީ، އާދެ! 1986 ވަނަ އަހަރަކީ، ތަރައްޤީގެ މަގުގައި އަޅުގަނޑުމެންގެ ރާއްޖެ އެއްރޮނގަށްވުރެ ގިނަ ރޮނގުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ އަހަރެއް. އަޅުގަނޑުގެ މި އެޑްރެސް އައްސަވަމުން ގެންދަވާއިރު، ތިޔަ ޢިއްޒަތްތެރި މެންބަރުންނަށްވެސް އެކަން ގަބޫލުކުރެއްވޭނެ ކަމުގައި އަޅުގަނޑު ޔަޤީންކުރަން.

                       ދައުލަތް ހިންގުން

1986 ވަނަ އަހަރު ދައުލަތް ހިންގުމުގެ އެންމެހައި ކަންތައްތައް ހިނގަމުން ގޮސްފައިވަނީ، ކުރީ އަހަރުތަކެކޭ އެއްފަދައިން، ހިތްހަމަޖެހޭފަދަ ގޮތެއްގައި. ދައުލަތުގެ ކަންތައްތައް ހިންގުމުގައި އެންމެބޮޑު ސަމާލުކަމެއް ދެމުން ގެންދިޔައީ، ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އެ ޚިދުމަތްތައް ހަލުވިކަމާއި އޮމާންކަމާއެކު ދެވޭނޭ މަގުތައް ތަނަވަސްކުރުމުގެ މައްޗަށް. މިކަމަށްޓަކައި، ސަރުކާރުގެ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކިއެކި ތަމްރީނުތައް ދެމުން ގެންދެވުނު. ތަންކޮޅެއް ކުރީއްސުރެ މަސައްކަތް ކުރަމުން އައިސްފައިވާ، ސަރުކާރުގެ މުވައްޒަފުންނާބެހޭ ގަވާއިދު، މިދިޔަ އަހަރުގެ ތެރޭގައި އެކުލަވާލައި ނިމިފައިވޭ. އަދި، އިރާދަކުރެއްވިއްޔާ މިއަހަރު އެ ގަވާއިދަށް ޢަމަލުކުރަން ފެށޭނެ.

ދައުލަތް ހިންގުމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އެކިއެކި އޮފީސްތައް ހިންގެވުމާ ހަވާލުވެވަޑައިގެން ތިއްބެވި ވެރިންގެ ފަރާތްޕުޅުން އަޅުގަނޑަށް ލިބެމުންދިޔައީ ވަރަށްވެސް މަތިވެރި އެހީތަކެއް. އެކަމަށްޓަކައި، އެ އެންމެ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަނީ، އިޚްލާޞްތެރިކަމާއެކު.

ސަރުކާރުގެ ކަންތައްތައް ހިންގަމުން އަޅުގަނޑު މިގެންދަނީ މިހާރު ހަމަޖެހިފައިވާ އުސޫލުން ކޮންމެ ކަމަކާމެދުވެސް އެކަމަކަށް ކަނޑައެޅިފައިވާ ދާއިރާތަކުގެ މަޝްވަރާ ހޯދައިގެން. އެކިއެކި ބޮޑެތި މައްސަލަތައް ނިންމަނީ ވަޒީރުންގެ މަޖިލީހުގެ ލަފާ ހޯދައިގެން. އަދި ޤައުމުގެ ބައެއް ކަންކަމާމެދު ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލީހުގެ ލަފާވެސް ހޯދަމުން ގެންދެވުނު. މީގެއިތުރަށް، އެކިއެކި ބޭނުމުގައި އުފެދިފައިވާ ބޯޑުތަކާއި މަޖިލީސްތަކުން ސަރުކާރަށް ބޭނުންވާ ލަފަޔާއި މަޝްވަރާ އެދެވޭގޮތެއްގެ މަތީން ލިބެމުންދިޔަ.

ދައުލަތުން ހިންގާ ކަންތައްތަކާމެދު އެމީހަކަށް ފެންނަ ޚިޔާލެއް، މިނިވަންކަމާއެކު، ސީދާ އަޅުގަނޑަށް ހުށަހަޅަމުން ގެންދިޔުމަށް މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހު އަޅުގަނޑު ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އިލްތިމާސް ކުރިން. އެކަމާ ގުޅިގެން، ވަރަށްގިނަ ފަރާތްތަކުން އަޅުގަނޑަށް ލިޔަމުންގެންދޭ. އޭގެތެރޭގައި ވަރަށް ހަރުދަނާ ޚިޔާލު ހުންނަ ވާހަކަ، މިފުރްޞަތުގައި މިދަންނަވާލަނީ އުފަލާއެކު. އަދި އޭގެ ތެރެއިން ޢަމަލީސިފަ ގެނެވެންހުރި ޚިޔާލުތަކަށް، ޢަމަލީސިފަ ގެންނަމުން ގެންދާ ވާހަކަވެސް ދަންނަވާލަން.

ސަރުކާރުގައި މެދުނުކެނޑި 20 އަހަރު އުޅެ ޕެންޝަން ހާސިލުކުރުމަކީ، އަޅުގަނޑު ދެކޭގޮތުގައި ވަރަށްބޮޑު ކަމެއް. އެހެންކަމުން، ޕެންޝަން ލިބޭ އެންމެންނަށް އަޅުގަނޑު ޝުކުރުގެ ސިޓީއެއް ފޮނުވަމުން މިހާރު އެބަ ގެންދަން. އަޅުގަނޑު މި މަސައްކަތް ކުރަނީ، އަޅުގަނޑު ސަރުކާރު ހިންގުމާ ހަވާލުވީއްސުރެ ޕެންޝަން ލިބުނު ހަމަ ކޮންމެ މީހަކަށް މި ދެންނެވިފަދަ ޝުކުރުގެ ސިޓީއެއް ފޮނުވޭތޯ. 1978 ގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން 1986 ވަނަ އަހަރުގެ ނިޔަލަށް 584 މީހަކަށް ޕެންޝަން ދެވިފައިވާކަން މި ފުރްޞަތުގައި އަޅުގަނޑު ފާހަގަކޮށްލަން.

ޢަދްލު އިންޞާފު ޤާއިމުކުރުމަކީ، ދައުލަތް ހިންގުމުގެ އެންމެ މުހިންމު އެއްބައި ކަމަށް ވުމާއެކު، ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް މި ދާއިރާގެ ކަންތައްތައް ރަނގަޅު ކުރުމުގެ ގޮތުން އިތުރު ފިޔަވަޅުތައް އެޅުނު. އޭގެތެރެއިން އެއްފިޔަވަޅަކީ، އަވަސްނިޔާގެ ކޯޓެއް އުފެއްދުން. އަދި މާލޭގެ ކޯޓުތަކުގައި އާދަކޮށް މަސައްކަތްކުރާ ގަޑީގެ އިތުރަށް ނުރަސްމީގަޑީގައި މަސައްކަތްކޮށްގެންނާއި، ރާއްޖެތެރެއަށް އެކިއެކި ޝަރްޢީ ވަފްދުތައް ފޮނުވައިގެން މައްސަލަތައް އަވަހަށް ނިންމުމަށް މަސައްކަތް ކުރެވުނު.

                      ދާޚިލީ ހިންގުން

ރާއްޖޭގެ ދާޚިލީ ހިންގުމުގައި 1986 ވަނަ އަހަރު ހިމެނިގެންދާނީ، ވަރަށް ގިނަ ގޮތްގޮތުން ފާހަގަކުރެވޭނެ އަހަރެއް ކަމުގައި. ޚާއްޞަކޮށް، ޢުމްރާނީގޮތުން ވަރަށްގިނަ ކަންތައްތަކެއް ކުރެވުނު އަހަރެއް ކަމުގައި. އާދެ! ރާއްޖެތެރޭގައި މިހާތަނަށް ތައްޔާރުކުރެވުނު އެންމެބޮޑު އިމާރާތް ކަމުގައިވާ، ބޮޑުތަކުރުފާނުގެ ހަނދާނީ މަރްކަޒު އިމާރާތްކޮށް ނިމިގެން، މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ހުޅުވައިދެވުނު. މީގެއިތުރަށް، މިދިޔަ އަހަރު ރާއްޖެތެރޭގައި ހެދުނު ތަފާތު އިމާރާތްތަކުގެ ތެރޭގައި، ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އަޅައިދެވުނު 9 މިސްކިތާއި، އޮފީހާއި ކޯޓާއި ރަށްވެހިގޭގެ 16 އިމާރާތާއި، 3 އަތޮޅުއޮފީހާއި، 2 މަކްތަބު ހިމެނޭ. އަދި ކުރިން އިމާރާތް ކުރެވިފައި ހުރި 3 މިސްކިތާއި، 1 އަތޮޅުއޮފީހާއި، 1 ރަށުއޮފީސް މަރާމާތު ކޮށްދެވިފައިވޭ.

މިދިޔަ އަހަރު ރާއްޖެތެރޭގެ ތަރައްޤީއަށްޓަކައި ކުރެވުނު އެންމެބޮޑު އަނެއް މަސައްކަތަކީ، ހައްދުންމަތީ ކައްދޫގައި ވައިގެ ބަނދަރެއް ހުޅުވުން. ފަސް އަހަރު ދުވަހުގެ މަސައްކަތުން ނިންމުނު، މި ވައިގެ ބަނދަރު ހެދުމުގެ ހުރިހާ މަސައްކަތެއް ކޮށްފައިވަނީ ދިވެހީންކަން މި ފުރްޞަތުގައި އަޅުގަނޑު މި ފާހަގަކުރަނީ، ޚާއްޞަ އުފަލަކާއެކު. ކައްދޫގެ ވައިގެ ބަނދަރު ހުޅުވުމާއެކު، އެރަށާ އެންމެ ކައިރިއަށް ހުރި މީހުން އުޅޭ ރަށްރަށަށް އެއްގަމުން ދަތުރުކުރެވޭގޮތަށް ގާ ފާލަން އަޅައި، ގުޅާލެވުނު.

1979 ވަނަ އަހަރުން ފެށިގެން ހިނގަމުން އައިސްފައިވާ، މާލޭގެ ފަޅުން ބިންހިއްކުމުގެ މަސައްކަތް 1986 ވަނަ އަހަރުގެ ތެރޭގައި ނިންމާލެވުނު. މި މަޝްރޫޢުގެ ދަށުން، މާލޭގެ ބިމަށް 6.3 މިލިޔަން އަކަފޫޓު އިތުރުކުރެވުނު. މިއީ މި މަޝްރޫޢު ފެށުމުގެ ކުރިން އޮތް މާލޭގެ ބިމުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބަޔާ އެއްވަރު އަދަދެއް.

ބިން ހިއްކުމުގެ އިތުރަށް، މިދިޔަ އަހަރު މާލޭގައި ވަރަށް މުހިންމު ދެ މަޝްރޫޢެއް ނިންމުނު. އެއީ މާލޭ ވިޔަފާރި ބަނދަރުގެ ފުރަތަމަބައި ހެދުމާއި، ސަރުކާރުގެ އޮފީސްތައް ހިންގުމަށްޓަކައި 52,800 އަކަފޫޓުގެ ތަން ލިބޭ އިމާރާތެއް ކަމުގައިވާ "ހުރަވީ ބިލްޑިންގ" ބިނާކޮށް ނިންމުން. އަދި މާލޭގެ މަގުތައް ވަރަށް ބޮޑަށް ހަލާކުވަމުންދާތީ، މާލޭގެ މަގުތައް ހެދުމާބެހޭ ބައެއް މާލޭ މުނިސިޕަލްޓީގައި އުފައްދައި، އެކަމާބެހޭ މަސައްކަތްތައް އަހަރު ނިމުނުއިރު ވަނީ ފެށިފައި. ރަނގަޅު ފެންވަރެއްގައި މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް މިއަހަރު ފަށައިގަތުމަށް ވަނީ ހަމަޖެހިފައި.

އިޖުތިމާޢީ ޚިދުމަތް

ރާއްޖޭގެ ދާޚިލީ ހިންގުމުގެ އެންމެ މުހިންމު އެއްބަޔަކީ، ސަރުކާރުން ރައްޔިތުންނަށްދޭ އެކިއެކި އިޖުތިމާޢީ ޚިދުމަތްތައް. މި ޚިދުމަތްތައް ދެމުން ގެންދަނީ، ތަޢުލީމީ ރޮނގުންނާއި ޞިއްޙީ ރޮނގުންނާއި، އަދިވެސް އެހެން ކިތަންމެ ރޮނގަކުން. 1986 ވަނަ އަހަރުވެސް، މިދެންނެވި ޚިދުމަތްތައް ރައްޔިތުންނަށް އެދެވޭ ގޮތެއްގައި ދެމުން ގެންދެވިފައިވޭ.

1986 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ސަރުކާރުން ހިންގާ ތަޢުލީމީ މަރްކަޒަކާއި، ފުވައްމުލައް ފިޔަވައި ކޮންމެ އަތޮޅެއްގައި، އަތޮޅު މަދަރުސާއެއް ހިންގަމުންދިޔަ. މިތަންތަނާއެކު ވޭތުވެދިޔަ އަހަރު ނިމުނުއިރު، މުޅި ރާއްޖޭގައި ސަރުކާރުގެ ފަރާތުން ތަޢުލީމުދޭ 48 ތަން ހުރި. ސީދާ ސަރުކާރުން ހިންގާ މަދަރުސާތަކުގެ އިތުރަށް، 1986 ވަނަ އަހަރު ނިމުނުއިރު، ސަރުކާރުގެ އެހީ ލިބިގެން ހިންގާ 36 މަދަރުސާއާއި، 49 މަކްތަބުވެސް ހުރި. އަހަރު ނިމުނުއިރު، ރާއްޖޭގައި ތިބި ކިޔަވާ ކުދިންގެ އަދަދު 50,055 އަށް އަރައިފި.

ރާއްޖޭގެ ދަރިންނަށް ތަޢުލީމު ދިނުމަށްޓަކައި ބޭނުންވާ މުދައްރިސުން ތަމްރީނު ކުރުމުގެ މަސައްކަތާއި، ކިޔަވައިދޭ ފޮތްތައް ލިޔެ ޗާޕުކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައިވެސް ކުރިއަށް ގެންދެވުނު. 1986 ވަނަ އަހަރު 66 މުދައްރިސުންނަށް ތަމްރީނު ދެވުނު.

ތަޢުލީމީ ދާއިރާގައި، ސަރުކާރުން އެންމެ ޚާއްޞަ ގޮތެއްގައި ހިންގަމުން ގެންދާ އެއް މަޝްރޫޢަކީ އަސާސީ ތަޢުލީމުގެ މަޝްރޫޢު. މިދިޔަ އަހަރުގެ ތެރޭގައި، މި މަޝްރޫޢުގެ ފުރަތަމަ 6 އަހަރު ނިމުނުއިރު، ހިސާބުތައް ދައްކާގޮތުން، މިހާރު ރާއްޖޭގައި ތިބި 10 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން %93 މީހުންނަކީ ލިޔަންކިޔަން ދަންނަ މީހުން. މިއީ ޚާއްޞަކޮށް މިހިސާބުގަނޑަށް، އާންމުކޮށް މުޅި ދުނިޔެއަށް ބަލާއިރުވެސް، ފަޚުރުވެރިވުން ޙައްޤުވާފަދަ މަތީ ނިސްބަތެއް.

ނުރަސްމީ ތަޢުލީމު ދިނުމަށްޓަކައި ވޭތުވެދިޔަ އަހަރު ޚާއްޞަ ޔުނިޓެއް އުފައްދައި، ނުރަސްމީ ތަޢުލީމު ދިނުމުގެ ގޮތުން ސަރުކާރުން ހިންގާ އެކިއެކި ޕްރޮގްރާމުތައް އެތަނުގެ ފަރާތުން ހިންގަމުން ގެންދެވުނު. އޭގެތެރޭގައި، ރޭޑިޔޯއާއި ޓެލެވިޜަންގެ ޒަރީޢާއިން ފޮނުވޭ އުނގަންނައިދިނުމުގެ ޕްރޮގްރާމުތަކާއި، މާލެއާއި ރާއްޖެތެރޭގައި ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރުގެ ފަރާތުން ހިންގަމުންގެންދާ އެކިއެކި މަސައްކަތް ދަސްކޮށްދިނުމުގެ ޕްރޮގްރާމުތައް ހިމެނޭ.

ރާއްޖޭގެ ދަރިންނަށް ތަޢުލީމު ދިނުމުގައި، ރާއްޖެއިން ލިބެން ނެތް ފެންވަރުގެ މަތީ ތަޢުލީމާއި، ބައެއް ފަންނީ ތަޢުލީމު ހޯދައިދިނުމަށްޓަކައި، މިދިޔަ އަހަރު 230 ކުދިން ރާއްޖެއިން ބޭރަށް ފޮނުވިފައިވޭ. ބޭރު ތަންތަނުން ތަޢުލީމު ހާސިލުކޮށް ނިމިގެން މިދިޔަ އަހަރު ރާއްޖެ އައިސްފައިވަނީ 182 ކުދިން. ވޭތުވެދިޔަ އަހަރު ނިމުނުއިރު، ރާއްޖެއިން ބޭރުގައި ތަޢުލީމު ހާސިލުކުރުމަށް ސަރުކާރުގެ ފަރާތުން ފޮނުވިފައިވާ 240 ކުދިން ތިބި.

1986 ވަނަ އަހަރު ޞިއްޙީ ރޮނގުންވެސް ސަރުކާރުގެ ފަރާތުން އާންމުންނަށް ތަފާތު ޚިދުމަތްތަކެއް ދެވިފައިވޭ. އަދި މިރޮނގުން ދެވޭ ޚިދުމަތްތައް އިތުރުކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއްވެސް ކުރެވުނު.

މާލޭ ސެންޓްރަލް ހޮސްޕިޓަލުން ދެވޭ ޚިދުމަތްތައް ރަނގަޅުކުރެވޭތޯ ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ، ލޭ ރައްކާކުރާނޭ ތަނެއް މިދިޔަ އަހަރުގެ ތެރޭގައި މާލޭ ސެންޓްރަލް ހޮސްޕިޓަލުގައި ހުޅުވުނު. އެތާނގައި އިތުރު އިމާރާތެއް އެޅުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުން. ރާއްޖެތެރޭގައި އިތުރު ސަރަޙައްދީ ހަސްފަތާލެއް އެޅުމުގެ މަސައްކަތްވެސް ކުރެވެމުން އެބަދޭ. ރާއްޖެތެރޭގެ އަތޮޅުތަކުގެ ޞިއްޙީ މަރްކަޒުގެ ފެންވަރު މަތިކުރުމުގެ މަޝްރޫޢެއްވެސް ވަނީ މިހާރު ފެށިފައި. މި މަޝްރޫޢުގެ ދަށުން، މިދިޔަ އަހަރު 4 އަތޮޅެއްގެ ޞިއްޙީ މަރްކަޒު އިމާރާތް ކުރުމުގެ މަސައްކަތް ފެށިފައިވޭ.

ރާއްޖޭގެ ކުޑަކުދީން ބަލިބަލިން ދިފާޢުކުރުމަށްޓަކައި، އިންޖެކްޝަން ޖެހުމުގެ ޕްރޮގްރާމެއް ހިންގަމުން ގެންދާތާ މިހާރު ދުވަސްކޮޅެއްވެއްޖެ. މިދިޔަ އަހަރު މި ޕްރޮގްރާމް ހިންގުމަށް ޚާއްޞަ ބާރެއްލެވުނު. އޭގެ ނަތީޖާއެއްގެ ގޮތުން، އަހަރު ނިމުނުއިރު، މާލޭގައި ތިބި އުމުރުން އެއް އަހަރު ނުފުރޭ ކުދީންގެ %83 ކުދިންނަށްވަނީ، ޞިއްޙީގޮތުން އެކުދިންނަށް ޖަހަންޖެހޭ އިންޖެކްޝަންތައް ޖަހާ ނިމިފައި.

ރާއްޖޭގެ ޞިއްޙީ ދާއިރާގައި އެންމެބޮޑު ސަމާލުކަމެއް ދޭންޖެހިފައިވަނީ ބޯފެނަށް ކަމަށްވާތީ، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ސާފު ބޯފެން ލިބޭނޭގޮތް ހޯދައިދިނުމަށް، ސަރުކާރުން ކުރަމުންގެންދާ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައިވެސް ކުރިއަށް ގެންދެވުނު. މިދިޔަ އަހަރު ރާއްޖެތެރޭގެ 17 ރަށެއްގައި 10,000 ލީޓަރުގެ 121 ތާނގީ ބިނާކުރެވުނު. އަހަރު ނިމުނުއިރު، ރާއްޖޭގެ 77 ރަށުގައި އެކިވަރުވަރުގެ 415 ތާނގީވަނީ ހަދާދެވިފައި. މާލޭގެ ބޯފެނާއި ފާޚާނާހޮޅިތަކުގެ ކަންތައް ރަނގަޅުކުރުމުގެ މަޝްރޫޢުގެ މަސައްކަތްވެސް، މިދިޔަ އަހަރު ފަށައިގަނެގެން މިހާރު ވަރަށް ހަލުވިކަމާއެކު ހިނގަމުން އެބަދޭ. 1986 ނިމުނުއިރު، މާލޭގެ މަގުތަކުގެ ތެރެއިން 9,670 މީޓަރު މަގުގައިވަނީ ފާޚާނާހޮޅި ވަޅުލެވިފައި. އަދި 360 މީޓަރުގައިވަނީ ބޯފެން ގެންނަ ހޮޅިވަޅުލެވިފައި. އަދި ހަމަ މި މަޝްރޫޢުގެ ދަށުން، މާލޭގެ 333 ގޭގައިވަނީ ފެންއަޅާ ތާނގީ ހަދާދެވިފައި.

ރައްޔިތުންނަށް ދެވޭ ޞިއްޙީ ޚިދުމަތްތައް އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި، ތަފާތު ފެންވަރުތަކުގައި ބޭއްވޭ ޖަލްސާތަކާއި، މަސައްކަތު ބައްދަލުވުންތަކާއި، ތަމްރީނު ކޯސްތައް ހިމެނޭ. ހިންގުނު ކޯސްތަކުގެ ނަތީޖާއެއްގެ ގޮތުން، ވޭތުވެދިޔަ އަހަރު 35 ނަރުހުންނާއި، 39 ފޫޅުމައިންނާއި، 32 ޢާއިލާގެ ޞިއްޙީ އެހީތެރިން އަލަށް އުފެއްދުނު.

އަތްމަތި ދަތި މީހުންނަށް ބޭސްކޮށްދިނުމަށް، 1986 ވަނަ އަހަރު ސަރުކާރުން 3.8 މިލިޔަން ރުފިޔާ ޚަރަދުވެފައިވޭ. މީގެތެރޭގައި، ރާއްޖެއިން ބޭރަށް ފޮނުވައިގެން ބޭސްކޮށްދެވުނު މީހުންނާއި، ރާއްޖެތެރެއިން މާލޭގެ ސެންޓްރަލް ހޮސްޕިޓަލަށް ގެނެސްގެން ބޭސްކޮށްދެވުނު މީހުން ހިމެނޭ.

މާލެއަތޮޅު ގުރައިދޫގައި ދައުލަތުގެ ފަރާތުން ބަލަހައްޓަމުންގެންދާ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ކަންތައްވެސް ވެވެންއޮތް އެންމެ ރަނގަޅަކަށް ބަލަހައްޓަމުން ގެންދެވުނު. އެމީހުންނަށް ދެވޭ ޚިދުމަތްތައް މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި، މިހާރު ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުން.

ކުޅިވަރުގެ ރޮނގުންވެސް 1986 ވަނަ އަހަރު ހިމެނޭނީ ފާހަގަކޮށްލެވޭ އަހަރެއް ކަމުގައި. ސަބަބަކީ، ރާއްޖޭގެ ފުޓްބޯޅަ މުބާރާތުގެ ބައެއްގެ ގޮތުގައި، މުޅި ރާއްޖޭގެ ހުރިހާ އަތޮޅުތަކުގެ މެދުގައި ބާއްވާ މެޗްތަކެއް މިދިޔަ އަހަރުގެ ތެރޭގައި އެންމެ ފުރަތަމައަށް ބޭއްވުނުކަން. ރާއްޖެތެރޭގެ ފުޓްބޯޅަ މުބާރާތުން މޮޅުވި ޓީމުތައް، މިހާރު ހަމަޖެހިފައިވާ ގަވާއިދުގެ މަތިން، މިދިޔަ އަހަރު ރާއްޖޭގެ ރަސްމީ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވި. ރާއްޖޭގައި ބާއްވާ ކުޅިވަރު މުބާރާތްތަކުގެ އިތުރަށް، ރާއްޖެއިން ބޭރުގައި ބޭއްވޭ އެކިއެކި މުބާރާތުގައި މިދިޔަ އަހަރުވެސް ރާއްޖެ ތަމްސީލުކުރެވުނު.

ކުޅިވަރުގެ އިތުރަށް، ތަފާތު ކަންތައްތަކުގައި ރާއްޖޭގެ ޒުވާނުން ހަރަކާތްތެރިވަމުން ދިޔައީ ވަރަށް އެދެވޭގޮތެއްގައި. ޒުވާނުންގެ މަރްކަޒުގެ ފަރާތުން ހިންގަމުން ގެންދިޔަ އެކިއެކި މަސައްކަތް ދަސްކޮށްދޭ ކޯސްތަކުގައާއި މުބާރާތްތަކުގައި ޒުވާނުން ބައިވެރިވަމުން ގެންދިޔަ.

ވޭތުވެދިޔަ އަހަރު ސަރުކާރުން ސަމާލުކަން ދޭންޖެހުނު އެއްކަމަކީ، ދާދި މަދު ބައެއްގެ ފަރާތުންނަމަވެސް މަސްތުވާތަކެތި ނަހަމަގޮތުގައި ބޭނުންކުރުމުގެ ޢަމަލު ހިނގަމުންދާތީ، އެކަމާމެދު ހަރުދަނާ ފިޔަވަޅުތަކެއް އެޅުން. މިކަމަށްޓަކައި، "މަސްތުވާތަކެތި ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް މަސައްކަތްކުރާ ކޮމިޓީ" އަލުން އިންތިޒާމުކޮށް، މި ނުރައްކާތެރި ވަބާއިން ރާއްޖޭގެ ޒުވާނުންނާއި އާންމު ރައްޔިތުން ސަލާމަތްކުރުމަށްޓަކައި އިތުރަށް ހަރަކާތްތެރިވާން ފެށްޓުނު.

ވޭތުވެދިޔަ އަހަރަކީ ތިމާވެށްޓާބެހޭ ބައިނަލްއަޤްވާމީ އަހަރު ކަމަށްވުމާއެކު، ރާއްޖޭގައިވެސް ދުނިޔޭގެ ތިމާވެށި ދުވަސް ފާހަގަކުރެވުނު. އަދި އެ މުނާސަބަތާ ގުޅިގެން މާލެއާއި ރާއްޖެތެރޭގައި ގަސް އިންދުނު.

ރާއްޖޭގެ އަންހެނުންގެ ކަންތައްތައް ތަރައްޤީކޮށް، ބައިނަލްއަޤްވާމީ ކަންތައްތަކުގައި ރާއްޖޭގެ އަންހެނުން ތަމްސީލުކުރަމުން ގެންދިޔުމަށްޓަކައި އުފައްދާފައިވާ، އަންހެނުންގެ ޤައުމީ ކޮމިޓީން ކުރަމުންއައި މަސައްކަތްތައް ހިންގުމަށްޓަކައި "އޮފީސް ފޮރ ވިމެންސް އެފެއާޒް"ގެ ނަމުގައި ސަރުކާރުގެ ޚާއްޞަ އޮފީހެއް އުފެއްދުނު. އަދި އެ މަސައްކަތްތަކަށް ލަފާދިނުމުގެ ގޮތުން އަންހެނުންގެ ޤައުމީ މަޖިލީހެއް ޤާއިމުކުރެވުނު. އަންހެނުންނާބެހޭ އޮފީހުގެ ފަރާތުން، ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި އަތްތެރި މަސައްކަތާއި، ގޯތިތެރޭގައި ގަސް އިންދުމުގެ ކަންތައް ދަސްކޮށްދިނުމުގެ ކޯސްތައް ހިންގައި ހެދި. އަދި ކުރީ އަހަރުތަކެކޭ އެއްފަދައިން، އަންހެނުންގެ ތެރޭގައި އިސްނަގައިގެން ހަރަކާތްތެރިވާނޭ މީހުން އުފެއްދުމުގެ ކޯސްތަކެއްވެސް ހިންގި. 1986 ވަނަ އަހަރު ނިމުނުއިރު، ރާއްޖެތެރޭގެ 135 ރަށުން 144 އަންހެނުންނަށް މި ކޯހުގައި ތަމްރީނު ދެވިފައިވޭ.

ރާއްޖޭގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތުގެ ދާއިރާ ފުޅާކުރުމުގެ ގޮތުން، މިދިޔަ އަހަރުގެ ތެރޭގައި އިތުރު ދެ މަސައްކަތެއް ފެށި، މިހާރު ހިނގަމުން އެބަދޭ. އެއީ "އެންމެމާތް ދީން" މި ނަމުގައި ޓެލެވިޜަން ޕްރޮގްރާމެއް ފޮނުވަން ފެށުމާއި، "ދީނުގެމަގު" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަފްތާނޫހެއް ޝާއިޢުކުރަން ފެށުން. އިސްލާމީ މަރްކަޒުގެ ފަރާތުން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލެވުނު، ޤުރްއާން ކިޔެވުމުގެ ފުރަތަމަ ޤައުމީ މުބާރާތްވެސް މިދިޔަ އަހަރު ބޭއްވުނު. އަދި ކުރިއްސުރެ ރޭޑިއޯއާއި ޓެލެވިޜަންގެ ޒަރީއާއިން ފޮނުވަމުން ގެންދިޔަ ދީނީ ޕްރޮގްރާމުތައް މިދިޔަ އަހަރުގެ ތެރޭގައިވެސް ކުރިއަށް ގެންދެވުނު. މީގެއިތުރަށް، ރޭޑިޔޯއާއި ޓެލެވިޜަންގެ ޒަރީޢާއިން ޚަބަރާއި މަޢުލޫމާތު އަދި މުނިފޫހިފިލުވުމުގެ ޕްރޮގްރާމުތައްވެސް ފޮނުވަމުން ގެންދެވިފައިވޭ. އަދި ޓެލެވިޜަނުން ދައްކާ ރާއްޖެއާބެހޭ މުހިންމު ޚަބަރުތައް ރާއްޖެތެރޭގެ ރަށްރަށުގެ މީހުންނަށް ފެންނާނޭގޮތް ހަދައިދިނުމަށްޓަކައި، ރާއްޖެތެރޭގައި ޓެލެވިޜަން ދައްކާ ތަންތަންހުރި ރަށްރަށަށް ޚަބަރާބެހޭ ކެސެޓު ފޮނުވުމުގެ އިންތިޒާމެއްވެސް ހަމަޖެއްސުނު.

                  ރާއްޖޭގެ އިޤްތިޞާދިއްޔަތު

1986 ވަނަ އަހަރުގެ ކުރީކޮޅު އިޤްތިޞާދީ ގޮތުން ބައެއް ދަތިތަކާ ރާއްޖެ ކުރިމަތިލާން ޖެހުނުނަމަވެސް، އަހަރު ނިމިގެންދިޔައީ އިޤްތިޞާދީ ގޮތުންވެސް ހިތްހަމަޖެހޭފަދަ ނަތީޖާތަކެއް ދައްކާފައި.

އާދެ، ރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް ބަލާއިރު، 1986 ވަނަ އަހަރު ރާއްޖެއަށް އެތެރެކުރެވުނު މުދާ، އޭގެ ކުރީ އަހަރަށްވުރެ %11 މަދުވެފައިވޭ. އަދި، ރާއްޖެއިން ބޭރަށް ފޮނުވުނު މުދާވަނީ، އޭގެ ކުރީ އަހަރަށްވުރެ %14.5 އިތުރުވެފައި. މިހެންކަމުން، ރާއްޖެއިން ދެވޭ ޚިދުމަތްތަކަށް ލިބޭ ބޭރުފައިސާއާއެކު، ވޭތުވެދިޔަ އަހަރު ނިމުނީ، ބެލެންސް އޮފް ޕޭމަންޓް ރާއްޖެއަށް ފަހިކޮށް އޮތް އަހަރެއްގެ ގޮތުގައި.

1986 ވަނަ އަހަރު ބޭރު ފައިސާއިން ދައުލަތަށް ލިބިފައިވަނީ ގާތްގަނޑަކަށް 43.4 މިލިޔަން އެމެރިކާ ޑޮލަރު. މިއީ މީގެކުރީ އަހަރަށްވުރެ %10.8 އިތުރު އަދަދެއް. މި ފައިސާ ލިބިފައިވަނީ މަސްވެރިކަމާއި، ޓޫރިޒަމުންނާއި، ސަރުކާރަށް ރާއްޖެއިން ގަންނަ ބޭރު ފައިސާއިންނާއި، ބޭރުގެ އެހީގެ ގޮތުގައި ލިބޭ ފައިސާއިން. ވޭތުވެދިޔަ އަހަރު ބޭރުފައިސާ އެންމެ ގިނައިން ހޭދަކުރެވިފައިވަނީ، ކާޑުގެ ތަކެތި ގަތުމަށާއި، ތެލާއި ތެލާބެހޭ ތަކެތި ގަތުމަށް. މިކަމަށް ޚަރަދުވެފައިވަނީ 8.2 މިލިޔަން އެމެރިކާ ޑޮލަރު. ދެން އެންމެ ގިނައިން ބޭރުފައިސާ ހޭދަކުރެވިފައިވަނީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށްޓަކައި ނަގާފައިވާ ލޯނުތައް އަދާކުރުމަށް. މިކަމަށް 7.5 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުވި.

ވޭތުވެދިޔަ އަހަރުވެސް ސަރުކާރުގެ ބަޖެޓް ނިމިގެން ދިޔައީ، ލިބުނު އާމްދަނީއަށްވުރެ ޚަރަދުވި ފައިސާގެ އަދަދު އިތުރުވެގެން. ނަމަވެސް، މިގޮތުން ޚަރަދު ބޮޑުވި ނިސްބަތް، ކުރީ އަހަރަށްވުރެ %11.5 ކުޑަވެފައިވޭ. މިހާތަނަށް ހިސާބުތައް ދައްކާގޮތުން، 1986 ވަނަ އަހަރު ދައުލަތަށް ހުރިހާ ގޮތަކުން ލިބިފައިވަނީ 228 މިލިޔަން ރުފިޔާ. ދައުލަތުގެ ހުރިހާ ކަމަކަށް ޚަރަދުވެފައިވަނީ 228.7 މިލިޔަން ރުފިޔާ. ރައްޔިތުންނަށް ދެވޭ އާންމު ޚިދުމަތް ފިޔަވައި ވޭތުވެދިޔަ އަހަރު ދައުލަތުން އެންމެބޮޑު ޚަރަދުތަކެއް ހޭދަވެފައިވަނީ، ރައްޔިތުންނަށް ދެވޭ އިޖުތިމާޢީ ޚިދުމަތްތަކަށް. އެއީ ދައުލަތުން ހިނގި ޚަރަދުގެ %30.5. އެއަށްފަހު، އިޤްތިޞާދީ ތަރައްޤީއަށްޓަކައި ކުރެވޭ ކަންތައްތަކަށް. އެއީ ޚަރަދުގެ %18.3.

ދައުލަތަށް އެންމެގިނަ އާމްދަނީއެއް ލިބިފައިވަނީ، ރާއްޖެއަށް އެތެރެކުރާ މުދަލުގެ ޑިއުޓީއަށް. ދައުލަތަށް ލިބުނު އާމްދަނީގެ %28 ލިބިފައިވަނީ މިބައިން. ދެވަނައަށް އެންމެ ގިނައިން ލިބިފައިވަނީ، ޓޫރިޒަމްގެ ދާއިރާއިން. އެއީ %19.6. އެއަށްފަހު މަތިންދާބޯޓު ދަތުރުފަތުރުން. އަދި އެސް.ޓީ.އޯ.ގެ ފައިދާއިން.

ރާއްޖޭގެ އިޤްތިޞާދިއްޔަތުގެ އެންމެ މުހިންމު ބައި ކަމުގައިވާ، މަސްވެރިކަމުގެ ކަންތައްތައް ކުރިއަރުވައި ތަރައްޤީ ކުރުމަށްޓަކައި، ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ސަރުކާރުން ވަރަށްގިނަ މަސައްކަތްތަކެއް ކުރެވުނު. އޭގެތެރެއިން އެންމެ ޚާއްޞަ މަސައްކަތަކީ، ފެލިވަރުގައި ހުރި ދަޅުގައި މަސްބަންދުކުރާ ކާރުޚާނާގެ ބަދަލުގައި، މުޅިން އާ ކާރުޚާނާއެއް އެރަށުގައި ތައްޔާރުކޮށް ހުޅުވުން. ވޭތުވެދިޔަ އަހަރުގެ ޖުމްހޫރީ ދުވަހު ހުޅުވުނު، މި ކާރުޚާނާގެ މަސައްކަތް ފުރިހަމައަށް ހިނގައިގަތުމުން، ދުވާލަކު 40 ޓަނަށްވުރެ މަދުނޫން އަދަދެއްގެ މަސް، ދަޅުގައި ބަންދުކުރެވޭނެ. މިއީ ކުރިން ފެލިވަރުގައި ހުރި ކާރުޚާނާއިން ބަންދުކުރެވޭ ވަރަށްވުރެ 5 ގުނަ އިތުރު އަދަދެއް.

ދެކުނުގެ ފަސް އަތޮޅުގައި ހިންގުމަށް ކަނޑައެޅިފައިވާ، މަސްވެރިކަމުގެ މުއްސަނދިކަން ހެޔޮގޮތުގައި ބޭނުންކުރުމުގެ މަޝްރޫޢުގެ ދަށުން ބަނުމަށް ހަމަޖެހިފައިވާ، ދެވަނަ ޖީލުގެ 100 މަސްދޯނީގެ ތެރެއިން 82 ދޯނި މިދިޔަ އަހަރުގެ ތެރޭގައި ބަނދެ ނިންމާލެވުނު. އަދި މި މަޝްރޫޢުގެ ދަށުން ބަންނަން ގަސްދުކޮށްފައިވާ، މަސް އެއްކުރާ ބޯޓުގެ 9 ބޯޓު ވަނީ ބަނދެ ނިމިފައި. މީގެތެރެއިން ގިނަ ބޯޓުތައް މިއަހަރުގެ ތެރޭގައި މަސައްކަތަށް ނެރެވޭވަރުވާނެ.

ރާއްޖޭގެ މަސްވެރިކަމުގެ ދެވަނަ މަޝްރޫޢުގެ މަސައްކަތްތައްވެސް މިދިޔަ އަހަރުގެ ތެރޭގައި ފެށިގެން މިހާރު ހިނގަމުން އެބަދޭ. އެންމެ ފުރަތަމަ ކުރެވެމުންދަނީ، ފެލިވަރުގެ ފަޅު ފުންކުރުމާއި، މަސްކިރާ ބޯޓުފަހަރު އެރަށުގެ ގޮނޑުދޮށަށް ކައިރިކުރެވޭގޮތަށް ތޮށިގަނޑު ހެދުމުގެ މަސައްކަތް. އަދި 700 ޓަނުގެ ފިނިކުރިމަސް ބެހެއްޓޭވަރުގެ ތަނެއް ހެދުމުގެ މަސައްކަތްވެސް މިހާރުވަނީ ފެށިފައި.

މަސްވެރިކަން ކުރިއެރުވޭތޯ ސަރުކާރުން ވަރަށް މަތީ އަދަދަކަށް ލޯނުވެސް ނަގައިގެން، ނުހަނު ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މަސްވެރިކަން ކުރާ މީހުންގެ އަދަދު ރާއްޖެއިން އެއްދުވަހުން އަނެއްދުވަހަށް މަދުވަމުންދާކަން މިފުރްޞަތުގައި ފާހަގަކޮށްލަންޖެހޭ. ވޭތުވެދިޔަ އަހަރު ހޯދުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގައި މިހާރު މަސްވެރިކަން ކުރަނީ، މަސައްކަތްކުރާ އުމުރުގެ %11 މީހުން. މިއީ މީގެ ހަތަރުފަސް އަހަރު ކުރިއާ އަޅާބަލާއިރު، ގާތްގަނޑަކަށް %6 މަދު ނިސްބަތެއް. މިކަން މިހެންވަމުންދާއިރު، ދަޅުގައި މަސް ބަންދުކުރުންފަދަ މަސްވެރިކަމާބެހޭ ޒަމާނީ ގޮތްތައް އަޅުގަނޑުމެންގެ ތެރެއަށް އަންނައިރު، އެ މަސައްކަތުގައި އުޅޭނެ މީހުންވެސް އަޅުގަނޑުމެންގެ ތެރެއިން އޮންނަނީ ނުލިބިފައި. އެހެންކަމުން، ހިތާމައާއެކު ދަންނަވަންޖެހެނީ، ޒަމާނުއްސުރެ ދިވެހިންގެ އަމިއްލަ ކަމެއްގެ ގޮތުގައި އޮތް މަސްވެރިކަމުގެ ތެރެއަށް، ބޭރުމީހުން ގެންނަންޖެހޭގޮތް އެއްދުވަހުން އަނެއްދުވަހަށް ދަނީ އިތުރުވަމުންނޭ. މިއީ، މިއަދު އަޅުގަނޑުމެން ވަރަށް ފުންކޮށް ވިސްނަންޖެހިފައިވާ މައްސަލައެއް ކަމުގައި އަޅުގަނޑު ދެކެން.

1986 ވަނަ އަހަރު ރާއްޖެއިން ބޭރުކުރެވުނު މަހުގެ ބާވަތްތަކަށް ބަލާއިރު، ރޯމަހުގެ އަދަދުވަނީ ކުރީ އަހަރަށްވުރެ އިތުރުވެފައި. ނަމަވެސް، ފަރުމަހާއި ދަޅުގައި ބަންދުކުރި މަސް ބޭރުކުރެވުނު އަދަދުވަނީ އޭގެ ކުރީ އަހަރަށްވުރެ ތަންކޮޅެއް މަދުވެފައި. ވޭތުވެދިޔަ އަހަރު 17,620 ޓަނުގެ ރޯމަހާއި، 129 ޓަނުގެ ފަރުމަހާއި، 432 ޓަނުގެ ދަޅުމަސް ބޭރުކުރެވިފައިވޭ.

މިހާތަނަށް ހިސާބުތަކުން ދައްކާގޮތުން، މަސްވެރިކަމުން ސަރުކާރަށް މިދިޔަ އަހަރު ލިބުނު އާމްދަނީވެސް ވަނީ، ކުރީ އަހަރަށްވުރެ ތަންކޮޅެއް އިތުރުވެފައި. 1986 ވަނަ އަހަރު ސަރުކާރުން އެކްސްޕޯޓް ކުރި މަހުގެ ބާވަތްތަކަށް ލިބިފައިވަނީ 14.6 މިލިޔަން އެމެރިކާ ޑޮލަރު. މިއީ ކުރީ އަހަރަށްވުރެ %6.6 މަތީ އަދަދެއް.

ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށްޓަކައި، އެ ސަރަޙައްދުގެ ތެރެއިން ދިވެހިން އާންމުކޮށް މަސްބާނާ މަސްހިފާ އުޅޭ ހިސާބަށްވުރެ ބޭރުގައި، މަސްވެރިކަން ކުރުމުގެ ހުއްދަ މިދިޔަ އަހަރު ދޫކުރެވުނު. މިކަމަށްޓަކައި، ރާއްޖޭގެ އަތޮޅުތަކުގެ ބޭރުދުނީގެ ރަށްރަށުގެ ފުށްޓަރުން ފެށިގެން 75 މޭލު ބޭރުން، ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ނިމޭހިސާބާ ދެމެދުގައިވާ ސަރަޙައްދު ހަމަޖެއްސުނު.

މަސްވެރިކަމާބެހޭ އެންމެ މުހިންމު އެއްކަމެއް ކަމުގައިވާ ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ރައްކާތެރިކޮށް ބެލެހެއްޓުމުގެ މަސައްކަތް، މިދިޔަ އަހަރުވެސް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ފަރާތުން ވަރަށް އެދެވޭ ގޮތެއްގައި ކުރަމުން ގެންދިޔަ. މި މަސައްކަތުގެ ތެރޭގައި، ރާއްޖޭގެ ސަރަޙައްދުގެ ތެރެއަށް ގަވާއިދާ ޚިލާފަށް ވަދެގެން އުޅުނު ބޭރު ޤައުމެއްގެ މަސްހިފާ ބޯޓެއް މިދިޔަ އަހަރުގެ ތެރޭގައިވެސް ހިފާފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން.

ރާއްޖޭގައި އަދި މިހާތަނަށް ފެންނަން އޮތް، ހަމައެކަނި ޤުދްރަތީ މުއްސަނދިކަމުގެ ވަސީލަތަކީ މަސްވެރިކަން ކަމަށްވާތީ، ރާއްޖެއިން ލިބެންހުރި މަހުގެ ބާވަތްތަކާއި، ލިބެންހުރި އަދަދު ބެލޭތޯ ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުން. ރާއްޖޭގެ ކަނޑުތަކުން މިހާތަނަށް ފެނުނު އެކިބާވަތް ބާވަތުގެ މަހާއި، ކަނޑުގައި ދިރިއުޅޭ އެއްޗިއްސާބެހޭ ސައިންޓިފިކް ތަޙްލީލުތައް މިހާރުދަނީ ކުރެވެމުން. މީގެތެރެއިން، ބައެއް ބާވަތުގެ މަހާބެހޭ ފުރަތަމަ ޢިލްމީ ފޮތް މިދިޔަ އަހަރުގެ ތެރޭގައި މިނިސްޓްރީ އޮފް ފިޝަރީޒްގެ ފަރާތުން ޝާއިޢުކުރި.

ވޭތުވެދިޔަ އަހަރުގެ މެދެއްހާތާނގައި، ކޮޅުނބު އެއަރޕޯޓުގައި ރާއްޖެ އައުމަށްޓަކައި ފުރަން ތައްޔާރުވެފައި އޮތް ބޯޓެއްގައި ބޮމެއް ގޮވުމުގެ ސަބަބުން، ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދަށް އެދުވަސްވަރު ވަރަށްބޮޑު އަސަރެއްކުރި. މިކަމުގެ ސަބަބުންނާއި، އެނޫންވެސް ބައެއް ސަބަބުތަކާހުރެ، 1985 ވަނަ އަހަރު ރާއްޖެއައި ޓޫރިސްޓުންނަށްވުރެ 1986 ވަނަ އަހަރު ރާއްޖެއައި ޓޫރިސްޓުން %0.5 މަދު. އެހެންނަމަވެސް، ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މުއްދަތަށް ބަލާއިރު، އޭގެކުރީ އަހަރަށްވުރެ މިދިޔަ އަހަރު ރަނގަޅު ކަމަށްވާތީ، ޓޫރިޒަމްގެ ދާއިރާއިން ސަރުކާރަށް ލިބުނު އާމްދަނީ މިދިޔަ އަހަރު އޭގެ ކުރީ އަހަރަށްވުރެ މަދެއްނުވޭ.

ޓޫރިޒަމްގެ މަސައްކަތް ތަރައްޤީ ކުރުމަށްޓަކައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް މިދިޔަ އަހަރުގެ ތެރޭގައިވެސް ކުރިއަށް ގެންދެވުނު. އެ މަސައްކަތުގައި އުޅޭ އެކިއެކި ފެންވަރުގެ މީހުންނަށް ތަފާތު ތަމްރީނުތައް ދިނުމުގެ ކޯސްތައް ހިންގާ ހެދުނު. އަދި މިކަން މިހާރަށްވުރެ ފުރިހަމަގޮތެއްގައި ހިންގުމަށްޓަކައި، ގަވާއިދުން ހިންގާ ހޮޓެލް ސްކޫލެއް ތައްޔާރުކުރެވި، މިއަހަރު ހުޅުވާގޮތަށް މިހާރުވަނީ ހަމަޖެހިފައި.

ޓޫރިޒަމްގެ މަސައްކަތުގެ ވަރަށްބޮޑު ބައެއް ހިންގަމުން ގެންދަނީ، އަމިއްލަ ފަރާތްތަކުން. އެފަރާތްތަކުންވެސް ރާއްޖޭގެ ޓޫރިޒަމްގެ ފެންވަރު ރަނގަޅު ކުރެވޭތޯ ވަރަށްބޮޑަށް މިމަސައްކަތް ކުރަމުން ގެންދާކަން ސަރުކާރުން ގަބޫލުކުރޭ. މިކަން އަޅުގަނޑު މި ފުރްޞަތުގައި މި ހާމަކުރަނީ، އެ މަސައްކަތުގައި އެފަރާތްތަކަށް ބޭނުންވާ އެހީތައް ސަރުކާރުން ވެވެންއޮތްވަރަކުން ވެދޭނޭކަން ޔަޤީންކޮށްދެމުން. އަދި ރާއްޖޭގެ ޓޫރިޒަމްގެ މުސްތަޤްބަލް އަލިވާން އޮތީ، ރާއްޖެއިން މިހާރު ޓޫރިސްޓުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުކޮށްގެންކަން އެ މަސައްކަތް ހިންގާ ފަރާތްތަކަށް ހަނދާންކޮށްދެމުން.

ބޯޓުފަހަރު ދުއްވުމުގެ މަސައްކަތް މިދިޔަ އަހަރު އޭގެ ކުރީ އަހަރަށްވުރެ ރަނގަޅު. އަހަރު ނިމުނުއިރު، އޭގެ ކުރީ ދެތިން އަހަރާ ޚިލާފަށް އެ މަސައްކަތުންވެސް ސަރުކާރަށް އާމްދަނީއެއް ލިބެންވަނީ ފަށާފައި. އަދި، ކުރީ އަހަރުތަކެކޭ އެއްފަދައިން، މޯލްޑިވްސް ޝިޕިންގ ލިމިޓެޑުން މިދިޔަ އަހަރުވެސް ތަރައްޤީގެ ބައެއް މަޝްރޫއުތަކަށް އެހީވެދީފައިވޭ. އޭގެތެރޭގައި، މާލޭ ވިޔަފާރި ބަނދަރު ހެދުމާއި، ރާއްޖެތެރޭގައި ބޯޑިންގ ހެދުންފަދަ ބައެއް ކަންތައްތައް ހިމެނޭ.

ސަރުކާރުގެ ވިޔަފާރި ހިންގާ އިދާރާ ކަމުގައިވާ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ 1985 ގެ ފައިދާގެ ގޮތުގައި 1986 ވަނަ އަހަރު ސަރުކާރުގެ އާމްދަނީއަށް ލިބިފައިވަނީ 16.8 މިލިޔަން ރުފިޔާ. 1985 ވަނަ އަހަރުގެ ފައިދާ، އޭގެކުރީ އަހަރަށްވުރެ %8.4 މައްޗަށް ދިޔުމާއެކު، އެސް.ޓީ.އޯ.ގެ ފަރާތުން މާލެއާއި ރާއްޖެތެރޭގައި އިމާރާތް ހެދުންފަދަ ބޮޑެތި މަސައްކަތްތައް ކުރެވިފައިވޭ. އަދި، ރާއްޖެތެރޭގެ ބައެއް ފަޅުރަށްރަށުގައި ރުއް އިންދުންފަދަ ތަރައްޤީގެ ބައެއް މަސައްކަތްވެސް ކުރަމުން ގެންދެވިފައިވޭ. މިގޮތުން، މިދިޔަ އަހަރު އެސް.ޓީ.އޯ.ގެ ފަރާތުން ތިން ފަޅުރަށެއްގައި 6,480 ރުއް އިންދާފައިވޭ.

ރާއްޖޭގެ ފަޅުރަށްތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފޭނޭގޮތެއް ރޭވޭތޯ، ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައި ވަނީ މަސައްކަތް ފަށާފައި. ރާއްޖޭގެ ބައެއް ފަޅުރަށްރަށުގައި އިޤްތިޞާދީ ގޮތުން ފައިދާހުރި މަސައްކަތް ދިރުވުމަށްޓަކައި، މިހާރު އާންމުގޮތެއްގައި ސަރުކާރުން ފަޅުރަށް ދޫކުރާގޮތަށް ނޫންގޮތަކަށް އެރަށްރަށް ދޫކުރާނޭ ރަނގަޅު އުސޫލެއް ހަމަޖެއްސުމަށްޓަކައި ބޭރުގެ މާހިރެއް ގެނެސް، ކަމާބެހޭ މުޠާލަޢާތަކެއް ވަނީ ކުރެވިފައި. އަދި އޭނާ ސަރުކާރަށް ހުށަހަޅާފައިވާ ރިޕޯޓާއި ގަވާއިދާމެދު މިހާރު ސަރުކާރުން ގެންދަނީ ވިސްނަމުން.

ރާއްޖޭގައި ކުރީގައި ކޮށްއުޅުނު ދަނޑުވެރިކަމުގެ މަސައްކަތް މިހާރު އެއްގޮތަކަށްވެސް ކުރެވެމުންނެއް ނުދޭ. ނަމަވެސް، ފަތްކޭލާއި، މިރުހާއި، ކަރާފަދަ ބައެއް ތަކެތި ކުރިއަށްވުރެ ރަނގަޅަށް މިހާރު ރާއްޖޭގެ ބައެއް ރަށްރަށުގައި ހައްދަމުންދާކަން ފާހަގަކޮށްލަންޖެހޭ. ހިސާބުތައް ދައްކާގޮތުން، 1986 ވަނަ އަހަރު ރާއްޖެއަށް އެތެރެކުރެވުނު ދޮންކެޔޮ، އޭގެ ކުރީ އަހަރަށްވުރެ %81 މަދު. ފަޅޮލާއި ބަރަބޯވެސް ރާއްޖެއަށް އެތެރެކުރުން މަދުވެފައިވާ ކަމަށް ދައްކާ. މިއީ، ރާއްޖޭގެ ބައެއް ރަށްރަށުގައި މިތަކެތި ހެއްދުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރެވޭކަން ހާމަކޮށްދޭ ނަތީޖާއެއް ކަމުގައި އަޅުގަނޑު އުފަލާއެކު ފާހަގަކުރަން.

ތަނެއްގެ އިޤްތިޞާދީ ކުރިއެރުމުގައި، އެތަނެއްގެ މުވާޞަލާތުގެ ވަސީލަތްތަކަކީ ވަރަށް މުހިންމު ބައެއް. އެހެންކަމުން، ރާއްޖޭގެ މުވާޞަލާތާބެހޭ ކަންތައްތައް ރަނގަޅުކުރުމަށް ސަރުކާރުން އަބަދުވެސް ގެންދަނީ މަސައްކަތް ކުރަމުން. 1986 ވަނަ އަހަރު ހައްދުންމަތީ ކައްދޫގެ ވައިގެ ބަނދަރު ހުޅުވުމުން، ރާއްޖޭގެ ދަތުރުފަތުރުކޮށް އުޅުމުގެ ތާރީޚުގެ އާ ޞަފްޙާއެއް ވަނީ ލިޔަން ފެށިފައި. 1986 ވަނަ އަހަރު މާލެއާއި އައްޑުއަތޮޅު ގަމާ ދެމެދުގައި ވައިގެ ދަތުރުތައް ގަވާއިދުން ކުރެވެމުންދިޔަ. އަދި ކައްދޫގެ ވައިގެ ބަނދަރު ހުޅުވުނު ފަހުން، މާލެއާއި ކައްދުއާ ދެމެދުގެ ދަތުރުތައްވެސް ގަވާއިދުން ކުރެވެމުންދިޔަ.

ކުރިއަށް އޮތް ތާނގައި، ރާއްޖޭގެ އެތެރެއާއި ބޭރުގެ މަތިންދާބޯޓު ދަތުރުތައް އިތުރުވަމުންދާނެތީ، މާލޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު މިހާރަށްވުރެ ބޮޑުކުރުމާއި، އެތާނގައި އިތުރު އިމާރާތް ހެދުމުގެ އާ މަޝްރޫޢެއް މިހާރުވަނީ ރޭވިފައި. އޭގެ ބައެއް މަސައްކަތް މިއަހަރު ފެށޭނެ. އަދި ގަމުގެ ވައިގެ ބަނދަރު އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ގެނައުމަށްޓަކައި، އޮސްޓްރޭލިޔާ ސަރުކާރުގެ އެހީގެ ދަށުން ކުރެވޭ މަސައްކަތްވެސް، މިހާރުދަނީ ނިމުމާ ކައިރިވަމުން.

ކަނޑުމަގުން ރާއްޖޭގައި ކުރަމުންދާ ދަތުރުތައްވެސް، އެއްދުވަހުން އަނެއްދުވަހަށް ދަނީ އިތުރުވަމުން އަވަސްވަމުން. މިކަން އެނގެނީ، ކަނޑުގައި ފުރާދުއްވާ އިންޖީނުލީ އުޅަނދުތައް ގިނަވަމުންދާތީ. 1985 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި ހުރީ، ކަނޑުގައި ދުއްވާ އިންޖީނުލީ 2,485 އުޅަނދު. 1986 ވަނަ އަހަރު ނިމުނުއިރު 2,778 އުޅަނދުހުރި.

މުވާޞަލާތުގެ މުހިންމު ރޮނގެއް ކަމުގައިވާ ޕޯސްޓާއި ތެލެފޯނުގެ މަސައްކަތްވެސް 1986 ވަނަ އަހަރު އިތުރަށް ކުރިއަށް ގެންދެވިފައިވޭ. ކަނޑުމަތީގައި ދަތުރުކުރާ އުޅަނދުތަކާ ގުޅޭ ކޯސްޓަލް ރޭޑިއޯ ސްޓޭޝަންގެ ރިސީވިންގ ބައި، މިދިޔަ އަހަރުގެ ތެރޭގައި މާލެއަތޮޅު ވިލިނގިލީގައި ވަނީ ހުޅުވިފައި. އޭގެކުރިން، މި ސްޓޭޝަންގެ ޓްރާންސްމިޝަން ބައި ވަނީ، މާލެއަތޮޅު މާފުށީގައި ހުޅުވިފައި.

މާލޭގެ ތެލެފޯނުގެ ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި، ޖަޕާނު ސަރުކާރުގެ އެހީ ލިބިގެން މާލޭގައި ބިނާކުރަން ހަމަޖެހިފައިވާ ޓެލެކޮމިއުނިކޭޝަންގެ އާ މަރްކަޒީ އިމާރާތް މިދިޔަ އަހަރުގެ ތެރޭގައި ހަދަން ފަށައިގެން އައިސް، އަހަރު ނިމެންވީއިރު ވަނީ ނިމުމަކާ ވަރަށް ކައިރިވެފައި. އަދި އައްޑުއަތޮޅާއި މާލެއާ ދެމެދުގައި ތެލެފޯނުގެ ގުޅުން އުފެއްދުމަށްޓަކައި ބޭނުންވާ ތަކެތި މިހާރުވަނީ ބަހައްޓާ ނިމިފައި. އަދި މިއަހަރު ކުރީކޮޅު މި ގުޅުން އުފެއްދޭނެ ކަމަށް އުންމީދު ކުރެވޭ.

ރާއްޖޭގައި ހިންގަމުންގެންދާ ތަރައްޤީގެ މަޝްރޫޢުތަކަށް، 1986 ވަނަ އަހަރުވެސް އެކިއެކި އެކުވެރި ޤައުމުތަކުންނާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން އެހީ ލިބުނު. ކާބޯތަކެތިންނާއި، އެހެނިހެން ތަކެތިންނާއި، ފައިސާގެ ގޮތުން، 1986 ވަނަ އަހަރު ސަރުކާރަށް ލިބިފައިވާ އެހީގެ ޖުމްލައަކީ 30.5 މިލިޔަން ރުފިޔާ. މިއީ 1985 ވަނަ އަހަރު ލިބިފައިވާ އެހީއަށްވުރެ %216 މަތީ އަދަދެއް. މިރޮނގުން ލިބޭ އެހީއަކީ، އަޅުގަނޑުމެން ރާއްޖެފަދަ ޤައުމެއްގެ ތަރައްޤީއަށް ލިބޭ ވަރަށްބޮޑު ބާރެއް ކަމުގައިވާތީ، އެފަދަ އެހީތައް ދެމުންގެންދާ ހުރިހާ ޤައުމުތަކަށާއި ޖަމާޢަތްތަކަށް އަޅުގަނޑު މި ފުރްޞަތުގައި ޝުކުރު އަދާކުރަން.

                   ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

ވޭތުވެދިޔަ އަހަރުގެ ތެރޭގައި ތިޔަބޭފުޅުން މަސައްކަތްޕުޅު ކުރައްވަމުން ގެންދެވީ، ވަރަށް އެދެވޭ ގޮތެއްގައި ކަމަށް އަޅުގަނޑު މިދަންނަވަނީ، ހިތްހަމަޖެހުމާއެކު. މަޖިލީހަށް ހުށަހެޅެމުންދިޔަ ބިލްތަކާމެދު މެންބަރުން ވިސްނަވައި ފާސްކުރައްވަމުން ގެންދަވާފައިވަނީ، ދައުލަތަށާއި ރައްޔިތުންނަށް އިޚްލާޞްތެރިވެވަޑައިގެން ތިއްބަވައިގެންކަން އަޅުގަނޑު ގަބޫލުކުރަން. އެކަމުގެ ސަބަބުން އަޅުގަނޑަށް ލިބުނު ހިތްވަރާއި ސާބިތުކަން ވަރަށްވެސް މަތިވެރި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބް މެދުކެނޑުމެއްނެތި ސަރުކާރަށް ޚިދުމަތް ކުރައްވާތާ 45 އަހަރު ހަމަވެގެން، މިދިޔަ އަހަރުގެ ތެރޭގައި އެމަނިކުފާނަށް ދެވަނަފަހަރަށް ދައުލަތުން ޕެންޝަން ލިބިވަޑައިގެންނެވިކަމީ، ވަރަށްބޮޑު އުފަލަކާއެކު، މިއަހަރުގެ ޕްރެޒިޑެންޝަލް އެޑްރެސްގައި އަޅުގަނޑު ފާހަގަކޮށްލާ ކަމެއް. ވީމާ، މިފުރްޞަތުގައިވެސް، އަޅުގަނޑު އެމަނިކުފާނު ދައުލަތަށް ކުރައްވާފައިވާ އިޚްލާޞްތެރި ޚިދުމަތްތަކަށް ތަޢުރީފުކޮށް ޝުކުރު ދަންނަވަން.

ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙުކުރުމަށްޓަކައި އިންތިޚާބު ކުރެވިފައިވާ ރައްޔިތުންގެ ޚާއްޞަ މަޖިލީހުން މިހާރު ވަނީ، އެ މަޖިލީހަށް ހުށަހެޅިފައިވާ ނަމޫނާ ޤާނޫނުއަސާސީއާމެދު ޚިޔާލު ފާޅުކޮށް ނިމިފައި. އަދި އެ މަޖިލީހުގެ ޑްރާފްޓިންގ ކޮމިޓީންވެސް މިހާރުވަނީ، ފާޅުކުރެވުނު ޚިޔާލުތަކުގެ މައްޗަށް ވިސްނައި، އާ ޤާނޫނުއަސާސީއެއްގެ ދެލިކޮޕީ ތައްޔާރުކޮށް ނިމިފައި. ޚާއްޞަ މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ލަހެއްނުވެ މި ދެލިކޮޕީ މަޖިލީހުގެ މެންބަރުންނަށް ފޮނުވޭނެ. އަދި އެއާއެކު، އިރާދަކުރެއްވިއްޔާ އާ ޤާނޫނުއަސާސީ ފާސްކުރުމަށްޓަކައި، މަޖިލީހުގެ ޖަލްސާތަކަށް ހުށަހެޅޭނެ.

                     ޚާރިޖީ ހިންގުން

ބައިނަލްއަޤްވާމީ ދާއިރާގައި ރާއްޖޭގެ ބައިވެރިވުން އިތުރުވަމުންދާ މިންވަރާ އެއްގޮތްވާ ގޮތުގެމަތިން، ރާއްޖޭގެ ޚާރިޖީ ހިންގުމުގެ ދާއިރާވެސް އެއްދުވަހުން އަނެއްދުވަހަށް ދަނީ ފުޅާވަމުން ހަރުދަނާވަމުން. ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް، ރާއްޖޭގެ ޚާރިޖީ ހިންގުމުގެ ބައިގައިވަނީ، މުހިންމު ކަންތައްތަކެއް ކުރެވިފައި. އޭގެތެރޭގައި، މިދިޔަ އަހަރު ސެޕްޓެމްބަރުމަހު ހަރާރޭގައި ބޭއްވުނު ވަކިފަރާތަކަށް ނުޖެހޭ ޤައުމުތަކުގެ އިސްވެރިންގެ ޖަލްސާގައާއި، ނޮވެމްބަރުމަހު ބެންގަލޯރުގައި އޮތް ދެކުނު އޭޝިޔާ ޤައުމުތަކުގެ އެއްބާރުލުމުގެ ޖަމްޢިއްޔާގެ ވެރީންގެ ޖަލްސާގައި ބައިވެރިވުން ހިމެނޭ. މީގެތެރެއިން، ވަކިފަރާތަކަށް ނުޖެހޭ ޤައުމުތަކުގެ ވެރިންގެ ޖަލްސާގައި އޭޝިޔާ ޤައުމުތަކުގެ ފަރާތުން އަޅުގަނޑުމެންގެ ރާއްޖެ ވާހަކަ ދައްކަން ޖެހުނުކަން، އެއީ މި ފުރްޞަތުގައި ނުހަނު އުފަލާއެކު އަޅުގަނޑު ފާހަގަކުރާ ކަމެއް.

ވޭތުވެދިޔަ އަހަރުގެ ތެރޭގައި، އެކުވެރި އަރަބި އިމާރާތުގެ ރައީސްގެ ދަޢުވަތަކަށް އަޅުގަނޑު އެ ޤައުމަށް ރަސްމީ ޒިޔާރަތެއް ކުރިން. މިކަން ހިމެނުނީ، އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަށް އިތުރު ބަދަހިކަމެއް ގެނެސްދިން ކަމެއް ކަމުގައި.

މިދިޔަ އަހަރުވެސް، ބައެއް ބޭރު ޤައުމުތަކުގެ ވެރިން ރާއްޖެއަށް ޒިޔާރަތް ކުރައްވާފައިވޭ. އޭގެތެރޭގައި، އިންޑިޔާގެ ބޮޑުވަޒީރު ރަޖީވް ގާނދީއާއި، ބަންގްލާދޭޝްގެ ރައީސް ޖެނެރަލް ޙުސައިން މުޙަންމަދު އިރުޝާދު ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ޚާއްޞަކޮށް ފާހަގަކޮށްލަންޖެހޭ. އަދި މެލޭޝިއާގެ ބޮޑުވަޒީރާއި، ނޭޕާލުގެ ރަސްގެފާނުވެސް، ދާދި ކުރު މަޑުކޮށްލެއްވުމަކަށް ނަމަވެސް، ރާއްޖެއަށް ވަޑައިގެންނެވިކަން ހަނދާންކޮށްލަންޖެހޭ. އޭގެއިތުރަށް، ބައެއް އެކުވެރި ޤައުމުތަކުގެ ވަޒީރުންނާއި، އެ ފެންވަރުގެ އެހެނިހެން ބޭފުޅުންވެސް، މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތް ކުރައްވާފައިވޭ.

ވޭތުވެދިޔަ އަހަރުވެސް، ރާއްޖޭގެ ފަރާތުން އެކުވެރި ބައެއް ޤައުމުތަކާއެކު ތަފާތު އެގްރީމަންޓްތައް ކުރެވުނު.

ރާއްޖޭގެ ޚާރިޖީ ހިންގުމުގެ ވާހަކަ ބަޔާންކުރަމުންދާއިރު، ބައިނަލްއަޤްވާމީ މަސްރަޙުގައި ހިނގަމުންދާ އެކިއެކި ނުރައްކާތަކުން ރާއްޖެއަށް އޭގެ އަސަރު ފޯރަމުންދާ ވާހަކަ ހިތާމަޔާއެކު ފާހަގަކުރަންޖެހޭ. އާދެ! މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކާ ކަމުގައިވާ އީރާނާއި ޢިރާޤުގެ ހަނގުރާމައިގެ ސަބަބުން، އެ ހިސާބުގަނޑުގައި ދުއްވާ ބޯޓުފަހަރުގައި މަސައްކަތްކުރާ ދިވެހީންގެ އެތައް ބަޔަކު މަރުވެފައިވޭ. ހަމައެފަދައިން، ޓެރަރިޒަމްގެ ނުރައްކާތެރި ޢަމަލެއްގެ ސަބަބުން، ޝްރީލަންކާގެ މަތިންދާބޯޓެއް ގޮއްވާލި ހާދިސާއެއްގައިވެސް ދިވެހިންގެ ދެމީހަކު މަރުވެފައިވޭ. އަޅުގަނޑު މިވާހަކަތައް މިތާނގައި ދަންނަވާލުމުގެ ބޭނުމަކީ، އަޅުގަނޑުމެންގެ ރާއްޖެވެސް މިއަދު މިއޮތީ، ދުނިޔޭގައި ހިނގާ އޮއިވަރާއި، ޖެހޭ ވައިގެ އަސަރު ފޯރާފަދަ ގޮތެއްގައިކަން ހާމަކުރުން. އަދި އެކަމާމެދު އަޅުގަނޑުމެން ވިސްނައި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނެކަންވެސް ހާމަކުރުން.

                   ދައުލަތުގެ ސިޔާސަތު

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

މިއަހަރުވެސް ދައުލަތުގެ ސިޔާސަތު ބިނާކުރަން ގަސްދުކޮށްފައި ވަނީ، މީގެ ކުރީ އަހަރުތަކެކޭ އެއްފަދައިން، ރާއްޖޭގެ ތަރައްޤީއަށާއި ރައްޔިތުންގެ މަންފާއާއި ލާބައަށްޓަކައި ކުރެވެންއޮތްހާ މަސައްކަތެއް ކުރުމުގެ މައްޗަށް. ދިވެހީންގެ ފަޚުރެއް ކަމުގައިވާ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމާއި، ދިވެހީންގެ ނަސީބާއި ނަސްރު ކަމުގައިވާ އިސްލާމްދީނުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މުޖުތަމަޢުގެ ކަންތައްތައް އިޞްލާޙުކުރުމުގެ މައްޗަށް. އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުމާއި، ޤައުމީ ލޯތްބާއި ދީނީ ރޫޙު އާލާކުރުމުގެ މައްޗަށް. ބައިނަލްއަޤްވާމީ ކަންތައްތަކުގައި ރާއްޖެއާ އެކަށީގެންވާ މިންވަރަކުން ބައިވެރިވުމާއެކު، ބޭރުގެ ދުނިޔޭގައި ރާއްޖެއަށް ރީތި ނަމާއި ޤަދަރު ލިބޭނޭގޮތަށް މަސައްކަތް ކުރުމުގެ މައްޗަށް.

މިދެންނެވި ގޮތުގެމަތިން ބިނާކުރެވޭ ސިޔާސަތެއްވާނީ، ތިޔަ ޢިއްޒަތްތެރި މެންބަރުންގެ ތާއީދާއި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ އެއްބާރުލެއްވުން ލިބޭނޭ ސިޔާސަތެއް ކަމުގައި ކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަން.

ދާޚިލީ ސިޔާސަތު

ޤައުމެއްގެ އެންމެހައި ރައްޔިތުންނަކީ، އެއްދީނެއްގެ އަހުލުވެރިން ކަމުގައިވާ، އެއް ނަސްލަކުން އައިސް، އެއް ތާރީޚެއް ޙިއްޞާކުރާ، މިނިވަން ބަޔަކަށްވާނަމަ، ޝައްކެއްނެތްގޮތުގައި، އެ ޤައުމެއްގެ ދާޚިލީ ސިޔާސަތުގެ ބިންގަލަކަށްވާންވާނީ، އެކަންކަން ދަމަހައްޓައި ރައްކާތެރިކުރުން. އަޅުގަނޑުމެންނަކީ، މިދެންނެވި ހުރިހާ ހެޔޮގޮތްތައް މާތްﷲ މެދުވެރިކޮށްދެއްވާފައިވާ ބައެއް. އެހެންކަމުން ދިވެހި ދައުލަތުގެ ސިޔާސަތަކީ، މާތްވެގެންވާ އިސްލާމްދީނުގެ އުސޫލުތަކަށް ފުރިހަމައަށް ކަމޭހިތުން. ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އެބައިމީހުންގެ އަސާސީ ޙައްޤުތައް ލިބިދިނުން. ރައްޔިތުންނާއި ޤައުމުގެ ސަލާމަތަށްޓަކައި، ޞުލްޙަވެރިކަމާއި އަމާންކަން ދެމެހެއްޓުން. އާދެ، ދިވެހި ދައުލަތުގެ ދާޚިލީ ސިޔާސަތަކަށް ވާނީ، އަޅުގަނޑުމެންގެ ފަޚުރުވެރި މިނިވަންކަމާއި، ޝަރަފުވެރި ދީނާއި، އަގުހުރި ތާރީޚާއި، ހަރުދަނާ ސަގާފަތު ރައްކާތެރި ކުރުންމަތީ ދެމިތިބެ، ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރެވެންއޮތްހާ މަސައްކަތެއް ކުރުން.

ޚާރީޖީ ސިޔާސަތު

މިދިޔަމަހު ނިމިގެންދިޔަ އިސްލާމީ ޤައުމުތަކުގެ އެންމެ މަތީ ވެރިންގެ 5 ވަނަ ޖަލްސާގައި ރާއްޖެއަށް ލިބުނު ޝަރަފާއި ޤަދަރަކީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮތްގޮތުގެ ރަމްޒެއް ކަމުގައި އަޅުގަނޑު ދެކެން. އާދެ، އިސްލާމީ ކޮންފަރެންސްގައި ހިމެނޭ އެންމެ މީސްކޮޅުމަދު ޤައުމު ކަމުގައިވާ ދިވެހިރާއްޖެ ކުރިއަށް އޮތް ތިން އަހަރަށް އެ މަތިވެރި ޖަމާޢަތް ހިންގުމުގެ ދާއިރާއަށް ހޮވިގެންދިޔައީ، ރާއްޖެ އެކަމަށް އެދި ކުރި އެއްވެސް މަސައްކަތަކާނުލައި. އަޅުގަނޑު ދެކޭގޮތުގައި، އެކަން އެގޮތަށް ހިނގި ސަބަބަކީ، ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ ދުނިޔޭގައި ހުރި ޚިލާފު ބޮޑެތި މައްސަލަތަކުގެ ތެރެއަށް ނުވަދެ އޮތް ޤައުމަކަށްވީކަން. ވަކިފަރާތަކަށް ނުޖެހުމުގެ ސިޔާސަތަށް ފަރުވާތެރިކަމާއެކު ޙުރްމަތްތެރިކޮށްހިތާ ޤައުމެއްކަން ދުނިޔެއަށް ގަބޫލުކުރެވިފައިވާކަން. އަޅުގަނޑުމެންނަކީ، ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ޙުރްމަތްތެރިކޮށްހިތާ ކޮންމެ ފަރާތަކަށް ރަޙްމަތްތެރިކަމުގެ ގުޅުން ބަހައްޓާ ބަޔަކަށްވީކަން. ބޮޑެތި ބާރުތަކުގެ މެދުގައި ހިނގާ އުސޫލުގެ ތަފާތުވުންތަކާ ނުބެހި، ހަތިޔާރުގެ ވާދަވެރިކަން ކުށްވެރިކުރާ ބަޔަކަށްވީކަން. އަވަށްޓެރި ޤައުމުތަކާ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރާ، ދުނިޔޭގެ ޞުލްޙައަށާއި އިސްލާމީ ދުނިޔޭގެ އެއްބައިވަންތަ ކަމަށް ވަކާލާތުކުރާ، ޙައްޤާއި އިންޞާފަށް ލޯބިކުރާ މިނިވަން ސިޔާސަތެއް ގެންގުޅޭ ބައެއް ކަމުގައިވީކަން. ރާއްޖޭގެ މި ދެންނެވި ޚާރިޖީ ސިޔާސަތު ދުނިޔެއަށް އެނގި ގަބޫލުކުރެވެމުން ދިޔަދިޔަހެން، ރާއްޖެއަށް މިދަނީ ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގައި ރީތިނަމާއި އިޙްތިރާމާއި ޤައުމުތަކުގެ އެކުވެރިކަން ލިބެމުން. އެހެންކަމުން ކުރިއަށް އޮތް އަހަރުވެސް، ދިވެހި ދައުލަތުން މަސައްކަތް ކުރާނީ، މިދެންނެވި ސިޔާސަތު ދެމެހެއްޓުމަށް ކަމުގައި އަޅުގަނޑު މިދަންނަވަނީ، ހިތްހަމަޖެހުމާއި ސާބިތުކަމާއެކުގައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

ޤައުމުގެ ކަންތައްތައް އިޞްލާޙުކޮށް ރަނގަޅު ކުރުމަކީ، އެންމެ މީހެއްގެ ނުވަތަ ވަކި ބައެއްގެ މަސްއޫލިއްޔަތެއް ނޫން. އާދެ، އެއީ ޤައުމުގެ އެންމެންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއް. މިވާހަކަ މިނޫން ކިތަންމެ މުނާސަބަތެއްގައިވެސް އަޅުގަނޑު ދަންނަވާފައިވާނެ.

އެހެންކަމާއެކު، މިއަދު އަޅުގަނޑު ތިޔަބޭފުޅުންނަށާއި ތިޔަބޭފުޅުން މެދުވެރިކޮށް ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް މިގޮވާލަނީ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް، އެމީހަކު ކުރާ ކަމެއް، އެކަމެއް ކުރެވެން އޮތް އެންމެ ރަނގަޅު ފެންވަރަކަށް ކުރެވޭތޯ ބެލުމަށް. ތިމާ ކުރާ ކަމަކާމެދު، އެކަމެއް ރަނގަޅަށް ކުރެވުނުކަމުގެ އުފަލާއި ފަޚުރު ހޯދޭނޭގޮތަކަށް ކަންތައް ކުރުމަށް. އެނޫން ގޮތަކަށް، އަޅުގަނޑުމެން ކުރާ ކަންތައްތައް ނިންމަމުންދާނަމަ، ދިވެހިންނަށް ކުރިއްސުރެ ލިބެމުން އައިސްފައިވާ ރީތި ނަން ގެއްލިގެން ހިނގައިދާނެ. އިހުޒަމާނުގެ މުވައްރިޚުން ލިޔެފައިވާ ގޮތުގައިވެސް، ދިވެހިންނަކީ އުޅުންހުރި، ގޮތްހުރި، ހީވާގި، މުރާލި ބައެއް. ބުނާ ބަހުގައި ތެދުވެރި، މުޢާމަލާތްތަކުގައި އަމާނާތްތެރި ބައެއް. މިއަދުގެ ދިވެހިންނަކީވެސް، ހަމަ އެފަދަ ދިވެހިން ކަމުގައި ނުވެވޭންވީ ސަބަބެއް ނެތް. ބޭނުމީ، ހަމައެކަނި މިކަން އަޅުގަނޑުމެން އެންމެން ގަބޫލުކުރުން. އެހެން ނުވެއްޖެނަމަ، އަޅުގަނޑުމެންގެ ކާބަފައިންނަށްޓަކައި އަޅުގަނޑުމެން މިއަދު ފަޚުރުވެރިވާފަދައިން، އަޅުގަނޑުމެންނަށްޓަކައި އަޅުގަނޑުމެންގެ ދަރިންނަކަށް ފަޚުރުވެރިއެއް ނުވެވޭނެ.

ތިޔަ ޢިއްޒަތްތެރި މަޖިލީހަށާއި، އަޅުގަނޑަށާއި، ޤައުމުގެ އެންމެހައި ރައްޔިތުންނަށް، މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި، އެއްބައިވަންތަކަމާއި އެކުވެރިކަންމަތީ ދެމިތިބެގެން، ޤައުމުގެ ހެވާއި ލާބައަށްޓަކައި މަސައްކަތްކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި ކީރިތި ﷲގެ ޙަޟްރަތަށް ދުޢާކުރާ ހާލު،

ޤާނޫނު ނަންބަރު 1/68ޖ. ގެ 6 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލިސް ހުޅުވައިދިނުމުގެ އުފަލާއި ޝަރަފު ލިބިގަންނަން.

رَبَّنَـا آتِنَـا مِنْ لَّدُنْكَ رَحْمَـةً وَهَيِّئْ لَنَـامِنْ أَمْرِنَا رَشَـدًا. رَبَّنَـا عَلَيْكَ تَوَكَّلْنَـا وَإلَيْكَ أَنَبْنَـا وَإِلَيْكَ الْمَصِـيْرُ.

وَالسَّـلاَم عَلَيْـكُمْ وَرَحْمَـةُ اْللَّـهِ وَبَركَاتُـهُ.