بسم الله الرحمن الرحيم

اَلْحَمْدُ لِلَّـهِ، أَقَامَ بِالْعَدْلِ نِظَامَ مُلْكِهِ الْمَتِين، وَأَمَرَ بِـإِقَامَةِ الْعَدَالَةِ بَيْنَ الْعَالَمِين؛ وَالصَّلاَةُ وَالسَّلاَمُ عَلَى أَعْظَمِ مَنْ أَقَامَ مَبْدَأَ الْعَدَالَةِ وَالْمُسَاوَاةِ بَيْنَ النَّاسِ أَجْمَعِين، وَأَرْشَدَهُمْ إِلَى إِقَامَةِ الشُّورَى فِى شُئُونِ الْمُسْلمِينَ؛ عَمَلاً بِقَوْلِهِ تَعَالَى: "وَشَاوِرْهُمْ فِي الأَمْرِ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللّهِ؛ إِنَّ اللّهَ يُحِبُّ الْمُتَوَكِّلِينَ."

ރައްޔިތުންގެ މަޖިލީގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

މީގެ ކުރީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް އަޅުގަނޑު ތިޔަބޭފުޅުންނާ މިބައްދަލުކުރަނީ، ރައްޔިތުންގެ މަޖްލިސް ހުޅުވައިދިނުމުގެ ޤާނޫނީ ވާޖިބު އަދާކުރުމަށް. އަދި ވޭތުވެދިޔަ އަހަރު ދައުލަތުގެ ކަންތައްތައް ހިނގިގޮތުގެ ޢާންމު ރިޕޯޓެއް ހުށަހެޅުމަށާއި، ކުރިއަށް އޮތް އަހަރު ދައުލަތުގެ ސިޔާސަތު ބިނާކުރާނޭގޮތް ދަންނަވާލުމަށް.

މިއަދު އަޅުގަނޑުގެ ރިޕޯޓް ދަންނަވަން ފެށުމުގެ ކުރިން އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެނީ، ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބޮޑު ހިތާމައިގައި ބައިވެރިވުން. އާދެ! ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަލްއުސްތާޛު އިބްރާހީމް ޝިހާބު އަވަހާރަވުމުން، އަޅުގަނޑުމެންގެތެރެއިން އުނިވެގެން އެދިޔައީ، ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި މިހާތަނަށް އުފެދުނު އެންމެބޮޑު ތަޖުރިބާކާރު. އަދި ރާއްޖޭގެ ސިޔާސީ މައިދާނުގައި ފެނުނު އެންމެ ހިނގާ ދޫ. އެ މަނިކުފާނު އަޅުގަނޑުމެންނާ ވަކިވެވަޑައިގަތުމުން ރައްޔިތުންގެ މަޖިލީހަށް އެލިބުނީ، ފޫބެއްދުން ދަތި ގެއްލުމެއް. މިފުރުޞަތުގައި، އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް ތަޢުޒިޔާ ދަންނަވަމުން، އެމާތް މަރްޙޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ ތަނަވަސް ނިޢުމަތް ދެއްވުން އެދި ކީރިތި ﷲ ގެ ޙަޟްރަތަށް ދުޢާކުރަން.

މި ފުރުޞަތުގައި، ރައްޔިތުންގެ މަޖިލީހުގެ އާ ރައީސް އަލްއުސްތާޛު ޢަބްދުﷲ ޙަމީދަށް އިޚްލާޞްތެރިކަމާއެކު މަރްޙަބާ ދަންނަވަން. ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު ޚިދުމަތް ކުރައްވާފައިވާ ދިގު މުއްދަތުގެ ތަޖުރިބާއާއެކު، އެ މަނިކުފާނުގެ ރިޔާސަތުގެ ދަށުން މަޖިލިސް ޙަރަކާތްތެރިވަމުން ދާނީ އެދެވޭ ހަރުދަނާގޮތުގައި ކަމަށް އަޅުގަނޑު ޔަޤީންކުރަން.

1987 ވަނަ އަހަރަކީ، ރާއްޖޭގެ ޙަޔާތަށް އައި ތަރައްޤީގެ އަހަރެއް. ރާއްޖޭގެ ދާޚިލީ ކަންތައްތަކުގައްޔާއި، ޚާރިޖީ ކަންތައްތަކުގައި ކުރިއަށްދިޔުމުގެ ފިޔަވަޅުތަކެއް އެޅުނު އަހަރެއް. ޞުލްޙަމަޞްލަޙަތާއި އަމަންއަމާންކަމުގެ އަހަރެއް. ތަފާތު ތަޖުރިބާތަކެއް ލިބިދިން އަހަރެއް.

                     ދައުލަތް ހިންގުން

1987 ވަނަ އަހަރުގެތެރޭގައި، ދައުލަތް ހިންގުމުގެ އެންމެހައި ކަންތައްތައް ހިނގަމުން ގޮސްފައިވަނީ، ވަރަށް އެދެވޭ ގޮތެއްގައި ކަމަށް މިއަހަރުވެސް އަޅުގަނޑު މިދަންނަވަނީ ނުހަނު އުފަލާއެކު. އެކަން އެހެންވުމުގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އެކިއެކި އޮފީސްތައް ހިންގެވުމާ ހަވާލުވެވަޑައިގެން ތިއްބެވި ވެރިންގެ ހީވާގި މަސައްކަތްޕުޅާއި، އިޚްލާޞްތެރި މަޝްވަރާތައް، ވަރަށްބޮޑު ބައެއް ޙިއްޞާކޮށްފައިވާކަން އަޅުގަނޑު މިފުރުޞަތުގައި ފާހަގަކުރަން. އަދި އެކަމަށްޓަކައި، އެ އެންމެ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު އަދާކުރަން.

ދައުލަތް ހިންގުމުގެ ދާއިރާގައި ވޭތުވެދިޔަ އަހަރުގެތެރޭގައިވެސް އެންމެބޮޑު ސަމާލުކަމެއް ދެމުން ގެންދެވުނީ، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރުކޮށް ރަނގަޅުކުރުމަށްޓަކައި. މިމަޤްޞަދު ކާމިޔާބުކުރުމަށްޓަކައި، ސަރުކާރުގެ އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކަމާބެހޭ ތަމްރީނުތައް ދެމުންގެންދެވުނު. ތަމްރީނު ދެވުނު މުވައްޒަފުންގެ ތެރޭގައި، ރާއްޖެތެރޭގެ ރަށްރަށުގެ ވެރިންނާއި، އަތޮޅުއޮފީސްއޮފީހުގެ ސެކްރެޓެރީންނާއި، ކޯޓުތަކުގެ ޤާޒީންނާއި، އަދި މާލޭގެ އޮފީސްއޮފީހުގެ ސެކްރެޓެރީން ފެންވަރުގެ މުވައްޒަފުން ހިމެނޭ.

ދައުލަތް ހިންގުމުގެ ދާއިރާގެ އެންމެ މުހިންމު އެއްބައި ކަމުގައިވާ ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ކަންތައްތައް ވޭތުވެދިޔަ އަހަރުގެތެރޭގައިވެސް އެދެވޭގޮތެއްގައި ކުރަމުން ގެންދެވުނު.

                    ދާޚިލީ ހިންގުން

1987 ވަނަ އަހަރު ރާއްޖެއާ ކުރިމަތިވި އެންމެބޮޑު ކަމަކީ، އެ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައި މާލެއާއި ރާއްޖެތެރޭގެ ބައެއް ރަށްރަށަށް އާދަޔާ ޚިލާފަށް ރާޅުއެރުން. މިހާދިސާގައި މާލޭގެ ދެކުނުފަރާތުގެ ވަރަށްބޮޑު ހިސާބެއްގައި ފެންބޮޑުވެ، އެހިސާބުގަނޑުގެ މީހުން އެތައް ދުވަހެއް ވަންދެން ވަރަށްދަތި ޙާލެއްގައި އުޅެންޖެހުނު. އަދި މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށާއި، ބައެއް ޓޫރިސްޓް ރިޒޯޓުތަކަށާއި، ވަރަށްގިނަ އޮޑިދޯނިފަހަރަށް ގެއްލުން ލިބުނު. ރާއްޖެތެރޭގެ ބައެއް ރަށްރަށުގައިވެސް ގެދޮރަށާއި، ދަނޑުބިންތަކަށާއި، އަލައޮޅުތަކަށާއި، ގަސްގަހާގެއްސަށް ގެއްލުން ލިބުނު. އޭގެފަހުން، އެއަހަރުގެ ޖޫންމަހުގެތެރޭގައްޔާއި ސެޕްޓެމްބަރުމަހުގެ ތެރޭގައިވެސް ރާއްޖޭގެ ބައެއް ރަށްރަށަށް ވަރަށްބޮޑަށް ރާޅުއެރި. އެކަމުގެ ސަބަބުންވެސް، ދެކުނުގެ ވަރަށްގިނަ ރަށްރަށަށް ގެއްލުން ލިބުނު. މާތްﷲގެ ރަޙްމަތްފުޅުން، މިއިން އެއްވެސް ފަހަރަކު އެއްވެސް މީހެއްގެ ފުރާނައަކަށް ގެއްލުމެއް ނުލިބޭ.

ރާޅުއެރުމުގެ ސަބަބުން ގެއްލުން ލިބުނު ރަށްރަށުގެ ރައްޔިތުންނަށް ހަމަ އެވަގުތު ސަރުކާރުން ވެވެންއޮތް އެންމެމަތީ ދަރަޖައަކަށް އެހީވެދެވުނު. އަދި އެ ގެއްލުންތައް ފޫބައްދައިދެވޭތޯ ކުރެވެން އޮތްހާ މަސައްކަތެއް ކުރެވުނު. މިކަމުގައި އެކުވެރި ޤައުމުތަކުންނާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން، ވަރަށް ދީލަތި އެހީތައް ރާއްޖެއަށް ލިބުނު.

މިދެންނެވި ރާޅުއެރުމުގެ ހާދިސާތަކުގެ ސަބަބުން، އަޅުގަނޑުމެންގެ ލޯތައް މުޅިން އާ ދާއިރާއަކަށް ހުޅުވިގެންދިޔަކަން މިފުރްޞަތުގައި އަޅުގަނޑު މިފާހަގަކުރަނީ، އެ ދާއިރާގައި މިހާރު ބައިނަލްއަޤްވާމީ ދަނޑުގައި ރާއްޖެ ޙަރަކާތްތެރިވާކަން ހާމަކުރަމުން. އާދެ، ދުނިޔޭގެ ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކެއްގެ ސަބަބުން، ކަނޑުގެ ލޮނުގަނޑު އުފުލެމުންދާކަމަށް، ކަމާބެހޭ ސައިންޓިސްޓުން ބުނާ ބުނުމަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށް، އެންމެމަތީ ސިޔާސީ ފެންވަރުގައި ރާއްޖޭގެ ފަރާތުންވަނީ މަސައްކަތް ފަށާފައި. އަދި މިމަސައްކަތަށް މިހާރު ދުނިޔޭގެ ޤައުމުތަކުން ލިބެމުންދަނީ، ވަރަށް ހޫނު ތަރުޙީބެއް. އ.ދ. މަޖިލީހާއި ކޮމަންވެލްތާއި ދެކުނު އޭޝިޔާ ޤައުމުތަކުގެ އެއްބާރުލުމުގެ ޖަމްޢިއްޔާފަދަ ބައިނަލްއަޤްވާމީ ޖަމާޢަތްތަކުންވެސް، މިކަމަށް ލިބެމުންދަނީ މަތިވެރި ތާއީދެއް.

ދުނިޔޭގެ ތިމާވެށްޓަށް އަންނަމުންދާ ބަދަލާ ބެހޭގޮތުން، ޚާއްޞަކޮށް މިކަމުގައި ރާއްޖެއާ ކުރިމަތިވާ މައްސަލަތަކާ ބެހޭގޮތުން، އަޅުގަނޑު ބައިނަލްއަޤްވާމީ ތަފާތު ދާއިރާތަކުގައި ވާހަކަދައްކައި، އެކަމުގައި ރާއްޖޭގެ ޚިޔާލާއި ރާއްޖެ އެދޭގޮތް ފާޅުކުރިން. އަދި އ.ދ. މަޖިލީހަށް ރާއްޖޭގެ ފަރާތުން ޤަރާރެއް ހުށަހަޅައި، ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން އެ ޤަރާރު ފާސްވެފައިވާކަން އަޅުގަނޑު އުފަލާއެކު ހާމަކުރަން. މިއެޅުނު ފިޔަވަޅުތަކުގެ ނަތީޖާ މިހާރުވެސް އެދެވޭގޮތެއްގައި ފެންނަން ފަށައިފި. ދުނިޔޭގެ ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން، އަޅުގަނޑުމެންގެ ބިންގަނޑު ތިރި ރަށްތަކަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތަކަށް، އެކުވެރި ޤައުމުތަކުން ވަރަށް ދީލަތި އެހީ ލިބެމުންދާނެކަމުގެ އުންމީދު އަޅުގަނޑަށް ކުރެވޭ.

ރާޅުއެރުމުގެ ހާދިސާއާ ގުޅިގެން އިތުރު އެތައް ދަތިތަކަކާ ކުރިމަތިލާން ދިމާވުމާއެކުވެސް، ރާއްޖެތެރެ ތަރައްޤީ ކުރުމަށްޓަކައި ސަރުކާރުން ހިންގަމުން ގެންދާ މަޝްރޫޢުގެ ކަންތައްތައް މިދިޔަ އަހަރުގެ ތެރޭގައިވެސް ހުއްޓާނުލައި ކުރިއަށް ގެންދެވުނު. އެ މަޝްރޫޢުގެ ދަށުން، 1987 ވަނަ އަހަރު ރާއްޖެތެރޭގައި 8 މިސްކިތް ބިނާކުރެވުނު. 9 ރަށުގެ ރަށުއޮފީހާއި، ކޯޓާއި ރަށްވެހިގެ އަޅައިދެވުނު. 2 ރަށުގެ ރަށުއޮފީހާއި، ކޯޓު ހަދައިދެވުނު. އަދި އެއްއަތޮޅެއްގައި އަތޮޅުއޮފީސް އިމާރާތް ކުރެވުނު.

ރާއްޖެތެރޭގެ ރަށްރަށުގެ ފަޅުފުންކުރުމުގެ މަސައްކަތް، 1986 ވަނަ އަހަރުއްސުރެ ކުޅުދުއްފުށީގައި ކުރަމުންދިޔުމާއެކު، ވޭތުވެދިޔަ އަހަރު އިތުރު ރަށެއްގައި ފެށްޓިފައިވޭ. އެއީ ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި. އަދި ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައިވެސް ވަރަށް އަވަހަށް އެ މަސައްކަތް ފެށްޓޭނެ. ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި ސަރުކާރުން އިލެކްޓްރިކް ކަރަންޓްލައިދިނުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ވަނީ އައްޑުއަތޮޅު ފޭދޫގައި ކަރަންޓްލައިދެވިފައި. އަދި ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި މިއަހަރުގެ ކުރީކޮޅު ކަރަންޓްލައިދެވޭވަރަށް ކަމާބެހޭ މަސައްކަތްތައް ވަނީ ކުރެވިފައި.

މާލޭގެ މަގުތައް ރަނގަޅު ފެންވަރެއްގައި ހެދުމުގެ މަސައްކަތް 1987 ވަނަ އަހަރުގެ މާޗުމަހުގެ ތެރޭގައި ފަށައިގަނެވުނު. މި މަސައްކަތް ކުރަމުން ގެންދަނީ، ސަރުކާރުގެ ބަޖެޓުންނާއި، މާލޭގެ މަގުތައް ހެދުމަށް އެހީވާ ފަންޑަށް ލިބޭ ފައިސާއާއި ތަކެތިން. މިފަންޑަށް މާލޭގެ އަމިއްލަ ފަރާތްތަކަކުންނާއި، ސަރުކާރުގެ މުވައްޒަފުންނާއި، ރާއްޖެތެރޭގެ އަތޮޅުއަތޮޅުންނާއި ރަށްރަށުން ވަރަށް މަތީ ދަރަޖައަކަށް އެހީ ލިބެމުންދާކަން އަޅުގަނޑު ޝުކުރުވެރިކަމާއެކު ފާހަގަކޮށްލަން.

މާލޭގައި ދިރިއުޅޭ މީހުން ގިނަވުމުގެ ސަބަބުން ދިމާވަމުންދާ ޞިއްޙީ އަދި އިޖުތިމާޢީ މައްސަލަތައް އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާތީ، އެކަމަށް ޙައްލެއް ގެނެވޭތޯ ވޭތުވެދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން ވަރަށް މުހިންމު ފިޔަވަޅުތަކެއް އެޅި. އޭގެތެރޭގައި، މާލޭގައި މީހުން ދިރިއުޅޭ ގޯތިގެދޮރުގައި ކަންތައްތައް ހުންނަންވީގޮތުގެ ގަވާއިދެއް އިޢުލާނު ކުރުމާއި، މާލެއަތޮޅު ވިލިނގިއްޔާއި މީރުފެންފުށި، މިހާރު ޓޫރިޒަމްގެ މަސައްކަތަށް ކުއްޔަށް ދީފައިވާ މުއްދަތު ހަމަވުމުން، މީހުން އުޅޭ ރަށްރަށަށް ބަދަލުކުރުމަށް ކަނޑައެޅުނު. އަދި ރާއްޖޭގެ ތަފާތު ސަރަޙައްދުތަކުން އިތުރު 7 ރަށަކުން މީހުން ދިރިއުޅުމަށްޓަކައި ގޯތިދޭގޮތަށް ހަމަޖައްސައި، ހައްދުންމަތީ ގަން ޞިނާޢީ ސަރަޙައްދެއްގެ ގޮތުން ތަރައްޤީ ކުރުމަށް ނިންމުނު. މިރަށްރަށް ތަރައްޤީ ކުރުމުގައި ސަރުކާރުގެ އެންމެބޮޑު މަޤްޞަދަކީ، އިޖުތިމާޢީ ޚިދުމަތްތައް ލިބޭ، އިޤްތިޞާދީ ފުރުޞަތުތައް ހުންނަ، ބޮޑެތި ރަށްތަކެއް ރާއްޖެތެރޭގައި އުފެއްދުން. ވޭތުވެދިޔަ އަހަރު ނިމުނުއިރު މާފިލާފުށްޓާއި ގަމުގައި ވަނީ، ޢަމަލީގޮތުން މަސައްކަތް ފަށައިގަނެވިފައި. އެހެން ރަށްރަށާ ބެހޭގޮތުންވެސް ވަނީ، މަސައްކަތްތަކެއް ކުރެވިފައި.

ރާއްޖޭގެ ތަރައްޤީއަށްޓަކައި، 1985 ން 1987 އަށް ހިންގުނު 3 އަހަރު ދުވަހުގެ ޤައުމީ މަޝްރޫޢު 1987 ވަނަ އަހަރުގެ ނިޔަލަށް ނިމިގެން ހިނގައްޖެ. މި މަޝްރޫޢު ނިމުނުއިރު، އެ މަޝްރޫޢުގައި ހިމެނޭ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު މަޤްޞަދުތައް އެކަށީގެންވާ ގޮތެއްގައި ޙާޞިލުކުރެވުނު. އާދެ، ވޭތުވެދިޔަ 3 އަހަރަށް ކަނޑައެޅުނު ލަނޑުދަނޑިތަކުގެ %80 ކާމިޔާބު ކުރެވިފައިވޭ. ކާމިޔާބު ނުކުރެވުނު ގިނަ ކަންތައްތައް ކާމިޔާބު ނުކުރެވި ވަނީ، އެކަންތައްތަކަށް ލިބެންވާ ފައިސާއާއި، އެކަންތައްތައް ކުރުމަށް ބޭނުންވާ، ކަމަށް އެކަށީގެންވާ މީހުން ނުލިބުމުގެ ސަބަބުން.

1987 ގެ ނިޔަލަށް ހިންގުނު ޤައުމީ މަޝްރޫޢު ނިމުމާއެކު، ތަރައްޤީގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށްޓަކައި، 1988 ން 1990 އަށް ވަނީ 3 އަހަރުގެ ދެވަނަ ޤައުމީ މަޝްރޫޢެއް އެކުލަވައިލެވިފައި.

އިޖުތިމާޢީ ޚިދުމަތް

ރާއްޖޭގެ ދާޚިލީ ހިންގުމުގެ އެންމެ މުހިންމު އެއްބަޔަކީ، ރައްޔިތުންނަށް ދެވޭ އިޖުތިމާޢީ ޚިދުމަތްތައް. ވޭތުވެދިޔަ އަހަރުގެތެރޭގައިވެސް މިދެންނެވިފަދަ ޚިދުމަތްތައް ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ދެމުން ގެންދިޔައީ އެދެވޭގޮތެއްގައި.

އިޖުތިމާޢީ ޚިދުމަތުގެތެރެއިން އެންމެބޮޑު ސަމާލުކަމެއް ދެމުންގެންދާ ކަމަކީ، ރާއްޖޭގެ ދަރިންނަށް ތަޢުލީމު ދިނުން. މިދިޔަ އަހަރު މާލޭގައި ސަރުކާރުން ހިންގާ އިތުރު މަދަރުސާއެއް ހުޅުވުނު. އެއީ ޢަރަބިބަހުން ކިޔަވައިދޭ މަދަރުސާއެއް. މި އާ މަދަރުސާއާއެކު، 1987 ވަނަ އަހަރު ނިމުނުއިރު، މުޅި ރާއްޖޭގައި ސަރުކާރުގެ ފަރާތުން ތަޢުލީމުދޭ 49 ތަން ހިނގަމުންދޭ. މީގެއިތުރަށް، ސަރުކާރުން އެހީވެދީގެން ހިނގަމުންދާ 96 ތަންވެސް ރާއްޖޭގައި ހުރި. އަދި މާލޭގައި އިތުރު އިބްތިދާއީ މަދަރުސާއެއްގެ ބިންގާއެޅި، ޢިމާރާތް ކުރުމުގެ މަސައްކަތް ވަނީ ފެށިފައި. ރާއްޖެތެރޭގައި ތަޢުލީމު ދިނުމުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން، ރާއްޖެތެރޭގެ މީހުން އުޅޭ ކޮންމެ ރަށަކަށް މަދުވެގެން އެއް މުދައްރިސް، ސަރުކާރުން ދޭގޮތަށްވެސް ވަނީ ވޭތުވެދިޔަ އަހަރު ހަމަޖައްސާފައި. އަހަރު ނިމުނުއިރު 198 މުދައްރިސުން ރާއްޖެތެރެއަށް ފޮނުވިފައިވޭ.

މީގެއިތުރަށް، ރާއްޖެތެރޭގައި ތަޢުލީމު ދިނުމުގެ ފެންވަރު މައްޗަށް ގެންދިޔުމަށްޓަކައި ސަރުކާރުން ގެންދަނީ އިތުރު ފިޔަވަޅުތައް އަޅަމުން. އަދި ރާއްޖެތެރޭގައި ހުޅުވާ ފުރަތަމަ ސާނަވީ މަދަރުސާ އައްޑުއަތޮޅު ހިތަދޫގައި އިމާރާތް ކުރުމަށްޓަކައި، ކަމާބެހޭ ތައްޔާރުތައް ކުރެވިފައިވޭ. އިރާދަކުރެއްވިއްޔާ މިއަހަރު އެ މަދަރުސާ ޢިމާރާތްކުރަން ފެށޭނެ.

ރާއްޖޭގެ ދަރިންނަށް ތަޢުލީމު ދިނުމުގައި، މުދައްރިސުންގެ ބޭނުންތެރިކަން ބޮޑުކަމުން، މުދައްރިސުން އުފެއްދުމުގެ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައިވެސް ކުރިއަށް ގެންދެވުނު. އެ އަހަރު ރާއްޖޭގައި ބޭއްވުނު ކޯސްތަކުން 80 މުދައްރިސުން ތަމްރީނު ހޯދައި ފާސްވެފައިވޭ. އަދި ރާއްޖެއިން ބޭރުން ތަމްރީނު ހޯދައިގެން 10 މުދައްރިސުން އައިސްފައިވޭ.

ތަޢުލީމުގެ ދާއިރާގައި މަދަރުސާތަކާއި މަކްތަބުތަކުގައި ކިޔަވައިދިނުމުގެ އިތުރަށް، ނުރަސްމީ ތަޢުލީމު ފެތުރުމުގެ މަސައްކަތްވެސް އެހެން އަހަރުތަކެކޭ އެއްގޮތަށް މިދިޔަ އަހަރު ސަރުކާރުން ކުރަމުން ގެންދިޔަ. އޭގެތެރޭގައި، އަސާސީ ތަޢުލީމުގެ މަޝްރޫޢާއި، ރޭޑިޔޯއާއި ޓެލެވިޜަންގެ ޛަރީޢާއިން ފޮނުވޭ އުނގަންނައިދިނުމުގެ ޕްރޮގްރާމްތައް ޚާއްޞަގޮތެއްގައި ފާހަގަކުރެވޭ. އަދި މާލެއާއި ރާއްޖެތެރޭގައި ހިންގަމުންގެންދާ ޤުރްއާން ކިޔަވައިދިނުމާއި، މަސައްކަތްތައް ދަސްކޮށްދިނުމުގެ ކޯސްތައްވެސް ފާހަގަކޮށްލެވޭ.

ރާއްޖޭގެ ދަރިންނަށް ތަޢުލީމު ދިނުމުގައި ސަރުކާރުން މަސައްކަތްކުރާ އަނެއްރޮނގަކީ، ބޭރުގެ ތަންތަނަށް ފޮނުވައިގެން ކިޔަވައިދިނުން. މިރޮނގުން 1987 ވަނަ އަހަރުގެ ތެރޭގައި މަތީ ތަޢުލީމު ޙާޞިލުކުރުމަށްޓަކައި، ރާއްޖޭގެ 27 ކުދިން ބޭރު ޤައުމުތަކަށް ފޮނުވިފައިވޭ. އަދި ބައެއް ފަންނީ ތަޢުލީމު ހޯދުމަށްޓަކައި 251 ކުދިން ފޮނުވިފައިވޭ. މިދިޔަ އަހަރު ސަރުކާރުން ހޯދައިދިން ސްކޮލަރޝިޕްގައި މަތީ ތަޢުލީމާއި ފަންނީ ތަޢުލީމް ޙާޞިލުކޮށް ނިމިގެން، 224 މީހުން ރާއްޖެ އައިސްފައިވޭ.

ސަރުކާރުން ރައްޔިތުންނަށް ދޭ އެންމެ މުހިންމު އަނެއް އިޖުތިމާޢީ ޚިދުމަތަކީ، ޞިއްޙީ ރޮނގުން ދޭ ޚިދުމަތް. ވޭތުވެދިޔަ އަހަރުގެ ތެރޭގައި މިރޮނގުންވެސް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިވޭ.

ރާއްޖޭގައި ޢާންމުކޮށް އުޅޭ ބޭރަށްހިންގުންފަދަ ގިނަ ރޯގާތައް ފެތުރުމުގެ އެންމެބޮޑު ވަސީލަތަކީ ބޯފެން ކަމަށްވާތީ، މާލެއާއި ރާއްޖެތެރޭގައި ބޯފެން ނަގާނޭ ތާނގީތައް ހެދުމަކީ ސަރުކާރުން ވަރަށް މަތީ އަހަންމިއްޔަތެއް ދީގެން މީގެ އެތައް އަހަރެއްގެ ކުރިން ކުރަމުން ގެންދާ ކަމެއް. ވޭތުވެދިޔަ އަހަރު، މާލޭގެ ގޭގޭގައި 821 ތާނގީ ހަދައިދެވުނު. މިތާނގީތައް ހަދައިދީފައިވަނީ، ދިގު މުއްދަތެއްގެތެރޭގައި އެގޭގޭގެ ވެރިން ސަރުކާރަށް އޭގެ އަގު ދައްކާގޮތަށް. ރާއްޖެތެރޭގެ ރަށްރަށުގައި ފެންތާނގީ ހަދައިދިނުމުގެ ޕްރޮގްރާމުގެ ދަށުން، 1987 ވަނަ އަހަރު 18 ރަށުގައި 150 ތާނގީ ހަދައިދެވުނު. އެހެންކަމުން، އަހަރު ނިމުނުއިރު ރާއްޖެތެރޭގެ 85 ރަށުގައި 585 ތާނގީ ހަދައިދެވިފައިވޭ.

މާލޭގައި ފާޚާނާހޮޅިލުމާއި، ސާފުބޯފެން ޢާންމުންނަށް ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ސަރުކާރުން ހިންގަމުންގެންދާ މަޝްރޫޢުގެ %82 ވޭތުވެދިޔަ އަހަރުގެ ތެރޭގައި ނިންމިފައިވޭ. އަދި މިއަހަރުގެ މެދެއްހާ ތާނގައި މި މަޝްރޫޢު މުޅިން ނިންމާލެވޭނެ ކަމަށް އުންމީދުކުރެވޭ.

ޞިއްޙީ ދާއިރާގައި ދެވޭ އެންމެފާޅުކަންބޮޑު ޚިދުމަތަކީ މާލޭ ސެންޓްރަލް ހޮސްޕިޓަލްގައްޔާއި، ރާއްޖެތެރޭގައި ހުރި ރީޖަނަލް ހޮސްޕިޓަލްތަކުން ދެވޭ ޚިދުމަތް. ރާއްޖެތެރޭގައި ހުޅުވަން ގަސްދުކޮށްފައިވާ 4 ރީޖަނަލް ހޮސްޕިޓަލްގެތެރެއިން، މުލަކަތޮޅު ހޮސްޕިޓަލް، އުންމީދު ކުރެވޭ ގޮތުގައި، މިއަހަރުގެ ތެރޭގައި ހުޅުވޭނެ. 1987 ވަނަ އަހަރު، ރާއްޖެތެރޭގެ 5 އަތޮޅެއްގައި ޞިއްޙީ މަރުކަޒު އަލަށް ޢިމާރާތްކުރުމުގެ މަސައްކަތް ކުރެވުނު. އިރާދަކުރެއްވިއްޔާ، މިއަހަރުގެތެރޭގައި އެ ހުރިހާ ތަނެއް ހުޅުވޭނެ. އަލަށް މި ހެދޭ ޞިއްޙީ މަރުކަޒުތަކުގައި ބަލިމީހުން ބަލާ ކޮޓަރިއާއި، ބަލިމީހުން ބައިތިއްބާ ކޮޓަރި ހުންނާނެ.

ޞިއްޙީ ރޮނގުން ކުރެވޭ މަސައްކަތްތަކުގެތެރޭގައި، ރައްޔިތުންގެ މެދުގައި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން، ތަފާތު ފެންވަރުތަކުގައި ބޭއްވޭ މަސައްކަތު ބައްދަލުވުންތަކާއި ޖަލްސާތައް މިދިޔަ އަހަރުގެތެރޭގައިވެސް ބޭއްވުނު. އަދި ޞިއްޙީ ޚިދުމަތްދޭނޭ އިތުރު މީހުން އުފެއްދުމުގެގޮތުން ތަފާތު ކޯސްތައް ހިންގިފައިވޭ.

ހޮސްޕިޓަލްތަކުން ބަލިމީހުންނަށް ފަރުވާދިނުމުގެ އިތުރަށް، ރާއްޖެއިން ފަރުވާކުރެވެން ނުހުންނަކަހަލަ ބަލިބަލިޖެހޭ މީހުންގެ ތެރެއިން، އަމިއްލައަށް ރާއްޖެއިން ބޭރަށް ދެވޭފަދަ ތަނަވަސްކަން ނެތް މީހުންނަށް، ކުރީ އަހަރުތަކެކޭ އެއްފަދައިން، ސަރުކާރުގެ ޚަރަދުގައި ވޭތުވެދިޔަ އަހަރުވެސް ރާއްޖެއިން ބޭރަށް ފޮނުވައިގެން ބޭސްކޮށްދެވިފައިވޭ. 1987 ވަނަ އަހަރު އެކަމަށް 5.3 މިލިޔަށް ރުފިޔާ ޚަރަދުވި. އަދި ރާއްޖެތެރޭގެ ރަށްރަށުގައި ބަލިވާމީހުންގެ ތެރެއިން އަމިއްލައަށް މާލެ ނާދެވޭފަދަ މީހުން ސަރުކާރުން މާލެއަށް ގެނެސް ސެންޓްރަލް ހޮސްޕިޓަލުން އެމީހުންނަށް ފަރުވާދެވުނު.

ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށާއި، ރާއްޖޭގެ ޒުވާނުންނަށް ކުޅިވަރުގެ ޛަރީޢާއިން އެދެވޭ ތަރުބިޔަތެއް ދީ، އަދި ޒުވާނުންގެ ހިތުގައި ޤައުމީ ރޫޙު އިތުރުކުރެވޭތޯ މިދިޔަ އަހަރު ޚާއްޞަ މަސައްކަތްތަކެއް ކުރެވުނު.

ކުޅިވަރުގެ ރޮނގު ފިޔަވައި އެހެން ރޮނގުރޮނގުންވެސް ޒުވާނުންގެ ކަންތައްތައް ކުރިއެރުވުމުގެ ގޮތުން ޒުވާނުންގެ މަރުކަޒުގެ ފަރާތުން ވަރަށްގިނަ މަސައްކަތްތަކެއް މިދިޔަ އަހަރުގެތެރޭގައިވެސް ކުރެވުނު.

ރާއްޖޭގެ އަންހެނުންގެ ކަންތައްތައް ކުރިއަރުވައި، ޤައުމުގެ ތަރައްޤީއަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި، ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ވޭތުވެދިޔަ އަހަރުވެސް އެތައް ކަންތައްތަކެއް ކުރެވުނު. އޭގެތެރޭގައި، އެންމެ ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ އެއްކަމަކީ، ދެކުނު އޭޝިޔާ ޤައުމުތަކުގެ އެއްބާރުލުމުގެ ޖަމްޢިއްޔާގެ ޤައުމުތަކުގެ ރަށްފުށު އަންހެނުންގެ އަތްތެރިމަސައްކަތުގެ މައުރަޒެއް މާލޭގައި ބޭއްވުން.

މީގެ 8 އަހަރު ކުރިން އުފައްދާފައިވާ "ދީނީ ކަންތައްތައް ރައްކާތެރިކުރާ ކޮމިޓީ"ގެ ފަރާތުން ކުރަމުންގެންދިޔަ އެންމެބޮޑު މަސައްކަތް ކަމުގައިވާ ކީރިތި ޤުރްއާން ތަރުޖަމާ ކުރުމުގެ މަސައްކަތް، 1987 ވަނަ އަހަރުގެ ތެރޭގައި ނިމުނު ވާހަކަ އަޅުގަނޑު މިދަންނަވަނީ ވަރަށް ޚާއްޞަ އުފަލަކާއެކު. މާލަސްތަކެއްނުވެ، މި ތަރުޖަމާ އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ޗާޕްކޮށް، ޢާންމުކޮށް ލިބޭގޮތަށް ހަމަޖެއްސުމަށް ވަނީ ގަސްދުކުރެވިފައި. ދީނީ ރޮނގުންނާއި އެނޫންވެސް ތަފާތު ރޮނގުރޮނގުން ރާއްޖޭގެ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ އަޑުންނާއި ޓެލެވިޜަން މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައިވެސް އެއްވެސް ވަރުބަލިކަމެއްނެތި ކުރިއަށް ގެންދެވުނު. އޭގެއިތުރަށް، ޚަބަރާއި ތަފާތު މަޢުލޫމާތުތަކާއި އިރުޝާދުތައް ރައްޔިތުންނަށް ގެނެސްދިނުމުގައ، މިދެންނެވި ދެ ވަސީލަތް އަދާކުރީ ވަރަށް މުހިންމު ބައެއް. ދިވެހިރާއްޖޭގައި އަޑު ދުރަށް ފަތުރަން ފެށުނުތާ ފަންސަވީސް އަހަރު ފުރުން ފާހަގަކުރެވުނީވެސް ވޭތުވެދިޔަ އަހަރު.

               ރާއްޖޭގެ އިޤްތިޞާދިއްޔަތު

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވޭ!

1987 ވަނަ އަހަރަކީ އިޤްތިޞާދީގޮތުން ރާއްޖެ ދުށް ވަރަށް ރަނގަޅު އަހަރެއް ކަމުގައި އަޅުގަނޑު މިދަންނަވަނީ ހިތްހަމަޖެހުމާއެކު. އިޤްތިޞާދިއްޔަތާ ބެހޭ ހުރިހާ ޢަލާމާތަކުންވެސް ދައްކަނީ، އެއަހަރު ކުރިއަށް ގޮސްފައިވާ ކަމަށް.

ޤައުމުގެ އިޤްތިޞާދީ އުފެއްދުންތެރިކަމަށް ބަލާއިރު، 1987 ވަނަ އަހަރު، އޭގެ ކުރީ އަހަރަށްވުރެ، %8 އިތުރުވެފައިވޭ. މިހާތަނަށް ހިސާބުތައް ދައްކާގޮތުން، 1987 ވަނަ އަހަރު ނިމުނުއިރު، ރާއްޖެއަށް ލިބޭ މުޅި އާމްދަނީއިން ބޮލަކަށްޖެހެނީ -/4,382 ރުފިޔާ. މިއީވެސް 1986 ވަނަ އަހަރު ނިމުނުއިރަށްވުރެ %5.6 މައްޗަށް ޖެހިފައިވާ ޢަދަދެއް.

ވޭތުވެދިޔަ އަހަރު ސަރުކާރުގެ ބަޖެޓް ނިމިގެންދިޔައީ، އޭގެ ކުރީ އަހަރުތަކާ ޚިލާފަށް، ޚަރަދުވީ އެއްޗަކަށްވުރެ ލިބުނު އާމްދަނީ އިތުރުވެގެން. މިހާތަނަށް ލިބިފައިވާ ހިސާބުތަކުން ދައްކާގޮތުގައި، 1987 ވަނަ އަހަރު ދައުލަތަށް ހުރިހާ ގޮތަކުން ލިބިފައިވަނީ 312 މިލިޔަން ރުފިޔާ. މިއީ އޭގެ ކުރީ އަހަރު ލިބުނުވަރަށްވުރެ %37 މަތީ ޢަދަދެއް. ދައުލަތުގެ ހުރިހާ ކަމަކަށް 1987 ގައި ޚަރަދުވެފައިވަނީ، 270 މިލިޔަން ރުފިޔާ. މިޚަރަދުގެ ތެރޭގައި އެންމެބޮޑު ބައެއް ހޭދަކުރެވިފައި ވަނީ، ރައްޔިތުންނަށް ދެވޭ ޢާންމު ޚިދުމަތްތަކަށް. އެކަމަށް މުޅި ޚަރަދުގެ %35.5 ހޭދަވެފައިވޭ. ދެން އެންމެމަތީ ޢަދަދެއް، އާދެ، %29 ހޭދަވެފައިވަނީ އިޖުތިމާޢީ ތަރައްޤީއަށްޓަކައި ކުރެވޭ ކަންތައްތަކަށް.

1987 ވަނަ އަހަރުގެ ތެރޭގައިވެސް ދައުލަތަށް ލިބުނު އާމްދަނީގެ އެންމެބޮޑު ބައެއް ލިބިފައިވަނީ، ރާއްޖެއަށް އެތެރެކުރާ މުދަލުގެ ޑިއުޓީއަށް. އެއީ ލިބުނު އާމްދަނީގެ %35. ދެވަނައަށް އެންމެ ގިނައިން ލިބިފައިވަނީ ޓޫރިޒަމްގެ ދާއިރާއިން. އެއީ %18. ދެން، މަތިންދާބޯޓް ދަތުރުފަތުރުންނާއި، އެސް.ޓީ.އޯ.ގެ ފައިދާއިން.

ވޭތުވެދިޔަ އަހަރުގެތެރޭގައި ބޭރުފައިސާގެ އަގާ ބެހޭގޮތުން ވަރަށް މުހިންމު ބަދަލެއް ގެނެވުނު. އެއަހަރު މާޗުމަހުގެ އެއްވަނަ ދުވަހުން ފެށިގެން، ބޭރުފައިސާގެ އަގަކީ ވަކިގޮތަކަށް ހަމަޖެހިފައި އޮންނަ އަގަކަށް އޮތުމުގެ ބަދަލުގައި، އެވަގުތަކު ބާޒާރުގައި ހުންނަ އަގު ކަމުގައި ހަމަޖެއްސުނު. މިބަދަލުގެ ސަބަބުން، ރާއްޖޭގެ ބޭރުފައިސާގެ ޙާލަތު ކުރީ އަހަރުތަކަށްވުރެ މިދިޔަ އަހަރު ވަރަށްބޮޑުތަން ރަނގަޅުވެގެންދިޔަ. 1987 ވަނަ އަހަރު ބޭރުފައިސާއިން ދައުލަތަށް ލިބިފައިވަނީ، ގާތްގަނޑަކަށް 51 މިލިޔަން ޑޮލަރު. މިއީ އޭގެ ކުރީ އަހަރަށްވުރެ %18 އިތުރު ޢަދަދެއް. ބޭރުފައިސާއިން ކުރަންޖެހޭ ޚަރަދުތަކުގެ އެންމެބޮޑު ބައެއް، 1987 ވަނަ އަހަރުގެ ތެރޭގައި ހޭދަވެފައިވަނީ، ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކަށްޓަކައި ނަގާފައިވާ ލޯނުތައް އަދާކުރުމަށް. މިކަމަށް 7.5 މިލިޔަން އެމެރިކާ ޑޮލަރު ހޭދަވި. ރާއްޖެއަށް ގެންނަންޖެހޭ ކާޑުގެ ތަކެއްޗާއި، ތެލުގެ ބާވަތްތަކާއި، ބޭސްގަތުމަށް 13.3 މިލިޔަން ޑޮލަރު ހޭދަވި.

އިޤްތިޞާދީ ދާއިރާގެ އެންމެ ވަރުގަދަ ބައި ކަމުގައިވާ މަސްވެރިކަން ކުރިއެރުވުމަށްޓަކައި، 1987 ވަނަ އަހަރު ވަރަށްގިނަ ކަންތައްތަކެއް ސަރުކާރުގެ ފަރާތުން ކުރި. 1982 ވަނަ އަހަރު ހިންގަން ފެށްޓުނު މަސްވެރިކަމުގެ ދެވަނަ މަޝްރޫޢުގެ ގިނަ ކަންތައްތައް މިދިޔަ އަހަރުގެ ތެރޭގައި މުޅީން ނިމި ހިންގަން ފެށުނު. އޭގެތެރޭގައި، ފެލިވަރުގައި 750 ޓަނުގެ ފިނިކުރި މަސް ބެހެއްޓޭވަރުގެ ފިނިގުދަނަކާއި، މަސް ގަނޑުކުރާކަހަލަ ފިނިކުރާ ތަނަކާއި، ގަނޑުފެން ހަދާ ތަނަކާއި، ލޮނު، ފެނަށް ބަދަލުކުރާ މެޝިނެއް ބެހެއްޓުން ހިމެނޭ. އަދި މަސްކިރާ ބޯޓުފަހަރު ފެލިވަރުގެ ގޮނޑުދޮށަށް ކައިރިކުރެވޭގޮތަށް ފަޅުތެރެ ފުންކުރުމާއި، ތޮށިގަނޑު ހެދުން ހިމެނޭ. މި މަޝްރޫޢު ފުރިހަމަވުމުން، ރާއްޖޭގެ މަސްވެރިންގެ އަތުން ފެލިވަރަށް ގަންނަ މަހުގެ ޢަދަދު މިހާރަށްވުރެ އެތައްތަނެއް އިތުރުވެގެންދާނެކަމީ، ޝައްކެއްހުރިކަމެއް ނޫން.

ފެލިވަރުގައި 1986 ވަނަ އަހަރުގެ ފަހުކޮޅު އަލަށް ޤާއިމުކުރެވުނު، ދަޅުގައި މަސްބަންދުކުރާ ކާރުޚާނާގެ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައި އޭގެ ފުރިހަމަ ދުވެއްޔަށް ގެނެވުނު. އޭގެ ނަތީޖާއެއްގެ ގޮތުން، ރާއްޖެއިން ބޭރަށް ފޮނުވުނު، ދަޅުގައި ބަންދުކުރި މަހުގެ ޢަދަދު 1986 ވަނަ އަހަރަށްވުރެ ހަތަރުގުނަ އިތުރުވެފައިވޭ. ރާއްޖޭގެ ދަޅުމަސް އުފެއްދުން އިތުރުވުމާއި، އުފައްދާ މަހުގެ ފެންވަރު ރަނގަޅުވުމުގެ ސަބަބުން، މީގެކުރިން ދަޅުމަސް ވިއްކަމުން އައި ޔޫރަޕްގެ ތިން ޤައުމެއްގެ އިތުރަށް، ދެ ޤައުމަކަށް އަލަށް ވިއްކަން ފެށްޓުނު.

ރާއްޖޭގެ ދެކުނުގެ ފަސް އަތޮޅުގައި މަސްވެރިކަން ތަރައްޤީ ކުރުމަށްޓަކައި ހިންގަން ފަށާފައިވާ މަސްވެރިކަމުގެ މުއްސަނދިކަން ހެޔޮގޮތުގައި ބޭނުންކުރުމުގެ މަޝްރޫޢުގެ ދަށުން ބަނުމަށް ހަމަޖެހިފައިވާ ދެވަނަ ޖީލުގެ 100 މަސްދޯނި، 1987 ވަނަ އަހަރު ނިމުނުއިރު ބަނދެ ނިމިއްޖެ. އަދި މިހާރު އެ ހުރިހާ ދޯނިވެސް ވަނީ މަސްވެރިކަން ކުރުމަށްޓަކައި ދޫކުރެވިފައި. މި މަޝްރޫޢުގެ ދަށުން ބަނދެފައިވާ މަސް އެއްކުރާ 9 ބޯޓުގެ ތެރެއިން 6 ބޯޓު މުޅިންނިމި، އޭގެތެރެއިން 3 ބޯޓުގައި މަސްގަތުމުގެ މަސައްކަތްކުރަން ވަނީ ފެށިފައި. މި މަޝްރޫޢުގައި ހިމެނޭ ތެޔޮ ތާނގީތަކުގެ ތެރެއިން 2 ތާނގީ، ދެކުނުގެ ދެރަށެއްގައި ހަދައި، މިހާރު އެތާނގީތަކުން އެހިސާބުގެ މަސްވެރިންނަށް ތެޔޮލިބޭނޭގޮތްވަނީ ހަމަޖައްސައިދެވިފައި. މި މަޝްރޫޢުގެ ދަށުން ބަނދެވުނު ދެވަނަ ޖީލުގެ މަސްދޯންޏަކީ، ރާއްޖޭގެ މަސްވެރިންގެ ގާތުގައި ވަރަށް މަޤްބޫލް ދޯންޏަކަށްވުމާއެކު، މަޝްރޫޢުގައި ހިމެނޭ 100 ދޯނި ބަނދެ ނިމުނުކަމުގައިވިޔަސް، ސަރުކާރުގެ ފަރާތުން އެބާވަތުގެ އިތުރު ދޯނި ބަނދެ، ކުރީގެ ދޯނިތަކެކޭ އެއްގޮތަށް، ދިގު މުއްދަތަކުން އޭގެ އަގު އަދާކުރާގޮތަށް، މަސްވެރިންނަށް ދޫކުރުމަށް މިހާރުވަނީ ގަސްދުކޮށްފައި. މިގޮތުން ބަނދެވޭ ފުރަތަމަ ދޯނިތައް މިހާރުދަނީ ބަންނަމުން.

ކުރިން ދެންނެވި ދެ މަޝްރޫޢުގެ އިތުރަށްވެސް، މަސްވެރިކަން ތަރައްޤީކުރުމަށްޓަކައި ތަފާތު އެތައް މަސައްކަތެއް ސަރުކާރުން ހިންގަމުންގެންދޭ. 1987 ވަނަ އަހަރު ހިންގުނު ކަންތައްތަކުގެތެރޭގައި، ރާއްޖޭގެ އިތުރު ހަތަރު ދިމާއެއްގައި އޮއިވާލި ކަނދުފަތި ލުމާއި، ފަރުމަހުގެ ކެޔޮޅުކަން މިހާރަށްވުރެ ރަނގަޅުކުރެވޭނޭ ގޮތްތަކެއް ހޯދުމަށްޓަކައި، ބޭނުންވާ ތަޙުލީލުތައް ކުރަން ފެށުން ހިމެނޭ. އަދި މަސްވެރިކަމަށް ބޭނުންކުރާ އެމާބެހޭ މަޢުލޫމާތު އެއްކުރުމާއި، ރާއްޖެއިން ލިބެންހުރި މަހުގެ ބާވަތްތަކާއި، ލިބެންހުރި ޢަދަދު ބެލޭތޯ ކުރަމުން ގެންދާ މަސައްކަތް ހިމެނޭ.

މަސްދޯނިފަހަރުގައި އިންޖީނު ބަހައްޓައިދިނުމުގެ މަސައްކަތް ދުވަސްކޮޅަކަށް މެދުކެނޑިފައި އޮތުމަށްފަހު، 1987 ވަނަ އަހަރުގެތެރޭގައި އަނެއްކާވެސް ފަށްޓައި، ދިގު މުއްދަތެއްގެ ތެރޭގައި އަގު އަދާކުރާގޮތަށް، މަސްދޯނިފަހަރުގައި ބަހައްޓާ އިންޖީނު ސަރުކާރުން ދޭން ފެށުނު. މީގެކުރިން އިންޖީނު ދޫކުރަމުން ގެންދިޔައީ، ހަމައެކަނި މަސްދޯނިފަހަރަށް. ނަމަވެސް މިދިޔަ އަހަރު އަލަށް ފެށުނު މަޝްރޫޢެއްގެ ދަށުން، ފުވައްމުލަކުގެ ވަދުދޯނިފަހަރަށްވެސް އިންޖީނު ދޫކުރާގޮތަށް ހަމަޖެއްސުނު.

މަސްވެރިކަން ކުރިއެރުވުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، 1987 ވަނަ އަހަރު މަސްވެރިކަމުގެ ދާއިރާއިން ސަރުކާރަށް ލިބުނު ބޭރުފައިސާ އޭގެ ކުރީ އަހަރަށްވުރެ %18 އިތުރުވެފައިވޭ. ވޭތުވެދިޔަ އަހަރު ރާއްޖެއިން ބޭރުކުރި މަހުގެ ބާވަތްތަކަށް 17 މިލިޔަން އެމެރިކާ ޑޮލަރު ލިބުނު. އަދި މީގެކުރިން ރާއްޖެއިން އެކްސްޕޯޓް ކުރެވިފައި ނެތް އާ އުފެއްދުމެއް ކަމުގައިވާ "މަސްކުނޑި" މިދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓް ކުރަން ފެށުނު.

މަސްވެރިކަމާ ބެހޭގޮތުން ވޭތުވެދިޔަ އަހަރުގެތެރޭގައި އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި މަސްވެރިކަމާބެހޭ ޤާނޫނު. އެ ޤާނޫނާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވައިލުމުގެ މަސައްކަތްވެސް މިހާރުވަނީ ފެށި، ބައެއް ގަވާއިދު ހަދައި ނިމިފައި.

އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް މިދިޔަ އަހަރުވެސް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ފަރާތުން ވަރަށް ރަނގަޅަށް ކުރަމުންގެންދިޔަ. އަހަރުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ދިމާއަކުން ބޭރުގެ މަސްހިފާ ބޯޓެއްގެ އުނދަގޫ ރާއްޖޭގެ މަސްވެރިންނަށް ލިބިފައިނުވާކަން މިފުރުޞަތުގައި އަޅުގަނޑު ފާހަގަކޮށްލަނީ ހިތްހަމަޖެހުމާއެކު.

މަސްވެރިކަމުގެ ދަނޑުގައިވެސް ތަފާތު ރޮނގުރޮނގުން ތަމްރީނު ލިބިފައިވާ މީހުން މަދުވަމުންދާކަން އިޙްސާސްވުން، އެއްދުވަހުން އަނެއްދުވަހަށް ދަނީ އިތުރުވަމުން. އެހެންކަމުން، މަސްވެރިކަމުގެ މަސައްކަތާ ގުޅޭ އެކިކަންކަމުގެ ތަމްރީނު ދިނުމަށް ތަފާތު ކޯސްތައް ވޭތުވެދިޔަ އަހަރުގެތެރޭގައި ހިންގުނު.

ރާއްޖޭގެ އިޤްތިޞާދިއްޔަތުގެ އެންމެ މުހިންމު އަނެއްބައި ކަމުގައިވާ ޓޫރިޒަމްގެ ދާއިރާގައިވެސް، 1987 ވަނަ އަހަރު ފާހަގަކުރެވޭނީ، ވަރަށް ޚާއްޞަ އަހަރެއްގެ ގޮތުގައި. ޓޫރިޒަމްގެ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުމަށްޓަކައި ރާއްޖޭގައި އެންމެފުރަތަމަ ހުޅުވުނު މަދަރުސާ ހުޅުވުނީ މިދިޔަ އަހަރު.

ވޭތުވެދިޔަ އަހަރު ރާއްޖެއަށް 131,399 ޓޫރިސްޓުން އައި. މިއީ އޭގެކުރީ އަހަރަށްވުރެ %15 އިތުރު ޢަދަދެއް. މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގައި އިތުރަށް ހުޅުވުނު ދެ ޓޫރިސްޓް ރިޒޯޓާއެކު އަހަރު ނިމުނުއިރު، ރާއްޖޭގައި 57 ޓޫރިސްޓް ރިޒޯޓާއި، 4 ޓޫރިސްޓް ހޮޓަލާއި، 36 ގެސްޓްހައުސް ހުރި. އަދި ޓޫރިސްޓުން ގޮވައިގެން ދަތުރުކުރާ ކަހަލަ 56 އުޅަނދު އޮތް.

ރާއްޖޭގެ ޓޫރިޒަމް ބޭރުގެ ތަންތާނގައި އިޝްތިހާރުކުރުމަށްޓަކައި، ވޭތުވެދިޔަ އަހަރުވެސް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރި. ބޭރު ޤައުމުތަކުގައި ބޭއްވޭ އެކިއެކި ޓޫރިޒަމް ފެއަރތަކުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ، ބޭރުގެ ނޫސްތަކާއި މަޖައްލާތަކުގައި އިޝްތިހާރު ޖަހަމުން ގެންދެވުނު. ޓޫރިސްޓުންނަށް މަޢުލޫމާތު ދިނުމަށްޓަކައި، ޓޫރިސްޓް އިންފޮމޭޝަން ޔުނިޓުގެ ނަމުގައި ވަކި ޚާއްޞަ އޮފީހެއްވެސް މިދިޔަ އަހަރު ހުޅުވިފައިވޭ.

ޓޫރިޒަމުގެ ދާއިރާއިން 1987 ވަނަ އަހަރު ސަރުކާރަށް ލިބިފައިވަނީ، 56.5 މިލިޔަން ރުފިޔާ. މިއީ މީގެ ކުރީ އަހަރަށްވުރެ %26 މަތީ ޢަދަދެއް.

ރާއްޖޭގެ އިޤްތިޞާދިއްޔަތަށް ޓޫރިޒަމްގެ މަސައްކަތުން ލިބެމުންދާ ކުރިއެރުމުގެ ސަބަބުން، ޓޫރިޒަމްގެ ދާއިރާ މިހާރަށްވުރެ ފުޅާކޮށް، އިތުރު ސަރަޙައްދެއްގައި އެ މަސައްކަތް ފަށައިގަތުމަށް ހަމަޖެހި، އަރިއަތޮޅުގެ ބައެއް ރަށްރަށް، ޓޫރިސްޓް ރިޒޯޓް ހެދުމަށްޓަކައި ދޫކުރުމަށް ކަނޑައެޅުނު. އިރާދަކުރެއްވިއްޔާ މިހިނގާ އަހަރު މިރަށްރަށުގައި ރިޒޯޓް ހެދުމުގެ މަސައްކަތްތައް ފަށައިގަނެވޭނެ.

އިޤްތިޞާދީ ރޮނގުން ބަލާއިރު، އެންމެމަތީ އަހަންމިއްޔަތެއް ދެވޭ އަނެއް ދާއިރާއަކީ މުވާޞަލާތުގެ ދާއިރާ. 1987 ވަނަ އަހަރުގެތެރޭގައި މި ރޮނގުންވެސް ވަނީ ވަރަށްބޮޑު ތަރައްޤީއެއް އައިސްފައި. މާލޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް އިތުރު ތިން އެއަރލައިނަކުން މަތިންދާބޯޓު ދަތުރުތައް ފެށްޓި. އަދި ޗާޓަރ ފްލައިޓުގެ ގޮތުގައި، އިތުރު ހަތަރު މަތިންދާ ބޯޓެއްގެ ދަތުރުވެސް ފެށްޓި. ރާއްޖެތެރޭގައި ހުޅުވިފައިވާ ވައިގެ ދެ ބަނދަރަށް ކުރެވުނު ދަތުރުތައްވެސް މިދިޔަ އަހަރުގެ ތެރޭގައި ވަނީ އިތުރުވެފައި.

ވައިގެ ދަތުރުތައް އިތުރުވަމުން ދިޔުމާއެކު، މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ބޮޑުކޮށް، އަދި އެތާނގައި ދެވެން ހުންނަ ޚިދުމަތްތައް އިތުރުކުރުމަށްޓަކައި ރޭވިފައިވާ މަޝްރޫޢުގެ ބައެއް ކަންތައްތައް މިދިޔަ އަހަރު ވަނީ ފެށިފައި. އޭގެތެރޭގައި އެ މަޝްރޫޢުގެ މަސައްކަތްތައް ބަލަހައްޓާނޭ މުޝީރުން ޚިޔާރުކުރުމާއި، ބައެއް މަސައްކަތް ހަވާލުކުރާނޭ ފަރާތްތައް ހޮވުމަށް ބައިނަލްއަޤްވާމީ ޓެންޑަރަށް ހުށަހެޅުން ހިމެނޭ. އަދި އެއަރޕޯޓުގައި މަތިންދާބޯޓަށް އަޅާ ތެޔޮ ބަހައްޓާނޭ އިތުރު ތާނގީތައް ހެދުމާއި، މުދާ ރައްކާކުރާނޭ އިތުރު ގުދަން ހެދުން ހިމެނޭ.

މުވާޞަލާތުގެ އަނެއް ދާއިރާ ކަމުގައިވާ ޓެލެކޮމިއުނިކޭޝަނާއި ޕޯސްޓުގެ ޚިދުމަތްތައް ވޭތުވެދިޔަ އަހަރު އިތުރަށް ތަރައްޤީ ކުރެވުނު. ޖަޕާނު ސަރުކާރުގެ އެހީ ލިބިގެން މާލޭގައި ޢިމާރާތް ކުރެވުނު މުވާޞަލާތުގެ މަރުކަޒީ ޢިމާރާތް، މިދިޔަ އަހަރުގެ ތެރޭގައި ހުޅުވުނު. އަދި މާލޭގައި މިހާރު ބޭނުންކުރަމުންދާ، ތެލެފޯނު އެކްސްޗޭންޖް އެންމެ މިޒަމާނުގެ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފެށިފައި. މިއަހަރުގެ ކުރީކޮޅު މި އާ ނިޒާމުގެ ބޭނުންކުރަން ފެށޭނެ. ބައެއް އަމިއްލަ މީސްމީހުންނަށާއި، ވިޔަފާރި އިދާރާތަކަށް އެހެން ޤައުމުތަކުގެ ފޯނުތަކާ ސީދާ ގުޅާލެވޭނެ ޚިދުމަތްވެސް މިދިޔަ އަހަރުގެތެރޭގައި ދެވުނު. ރާއްޖެތެރެއަށް ތެލެފޯނުގެ ޚިދުމަތް ދެވޭތޯ ސަރުކާރުން ކުރާ މަސައްކަތްތަކުގެ ބައެއްގެ ގޮތުން، މާލެއަތޮޅު ކާށިދޫއަށާއި، ފާދިއްޕޮޅު ނައިފަރަށް، މާލޭ އެކްސްޗޭންޖުން ސީދާ ގުޅޭގޮތަށް މިދިޔަ އަހަރު ތެލެފޯނު ލައިދެވުނު.

ބޯޓުފަހަރު ދުއްވުމުގެ މަސައްކަތް 1987 ވަނަ އަހަރުގެތެރޭގައިވެސް، ސަރުކާރުގެ ކަމާބެހޭ ކުންފުނިން ކުރަމުންގެންދިޔަ. އަހަރު ނިމުނުއިރު، މޯލްޑިވްސް ނޭޝަނަލް ޝިޕް މެނޭޖްމަންޓް ލިމިޓެޑުން ދުއްވާ 15 ބޯޓުއޮތް. މިހާތަނަށް ލިބިފައިވާ ހިސާބުތައް ދައްކާގޮތުން، އަހަރު ނިމުނުއިރު އެކުންފުނިން ކޮންމެވެސްވަރެއްގެ ފައިދާއެއްވާނެ. އޭގެކުރިން ދިޔަ 5 އަހަރު އެކުންފުނިން ވެފައިވަނީ ގެއްލުން ކަމަށްވުމާއެކު، މިދިޔަ އަހަރު އެކުންފުނިން ކުޑަނަމަވެސް ފައިދާއެއްވިކަމީ، އެ ދާއިރާއަށްވެސް ހެޔޮބަދަލެއް އަންނަން ފަށައިފިކަމުގެ ނިޝާނެއް.

ވިޔަފާރީގެ ރޮނގުން 1987 ވަނަ އަހަރުވެސް ހިމެނޭނީ، ކުރިއަރާފައިވާ އަހަރެއް ކަމުގައި. އެއަހަރު ރާއްޖެއިން 289 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓް ކުރެވިފައިވޭ. މިއީ 1986 ވަނަ އަހަރު އެކްސްޕޯޓް ކުރެވުނުވަރަށްވުރެ %62 މަތީ ޢަދަދެއް.

ސަރުކާރުގެ ވިޔަފާރި އިދާރާ ކަމަށްވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ 1986 ވަނަ އަހަރުގެ ފައިދާގެ ގޮތުން، ވޭތުވެދިޔަ އަހަރު، 20 މިލިޔަން ރުފިޔާ އާމްދަނީގެ ގޮތުގައި ސަރުކާރަށް ދައްކާފައިވޭ. މިއީ، އޭގެ ކުރީ އަހަރަށްވުރެ %20 އިތުރު ފައިދާއެއް. އެސް.ޓީ.އޯ.ގެ ފަރާތުން ރާއްޖެތެރޭގެ 8 ރަށެއްގައި ވިޔަފާރިކުރާ ފިހާރަ ހުޅުވާފައިވޭ. އެފިހާރަތަކުން ކާޑުގެ ބާވަތްތަކާއި، އަދިވެސް ބޭނުންތެރި ވަރަށްގިނަ މުދާ މާލޭ ބާޒާރާ އެއްއަގެއްގައި ލިބޭގޮތަށް ހަމަޖައްސައިދެވުނު.

ވިޔަފާރީގެ ރޮނގުން ވޭތުވެދިޔަ އަހަރު އެޅިފައިވާ މުހިންމު އެއްފިޔަވަޅަކީ، މާލޭގައި ޑިއުޓީ ހިލޭ ވިޔަފާރިކުރާ ފިހާރަތަކެއް ހުޅުވުން. މިފިހާރަތައް ހުޅުވުމުން، ޚާއްޞަކޮށް ކައިރި ޤައުމުތަކުން ރާއްޖެއަށް އަންނަ ބޭރުމީހުން އިތުރުވެގެން ދިޔުމާއެކު، ރާއްޖެއަށް އިތުރު ފައިދާތަކެއް ލިބިގެންދާނޭކަން ކަށަވަރު.

ރާއްޖޭގެ ދަނޑުވެރިކަމާމެދު މިއަހަރުވެސް ދަންނަވަންޖެހެނީ، ކުރިން ރާއްޖޭގައި ކުރަމުން އައި ދަނޑުވެރިކަމުގެ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައިވެސް ކުރެވެމުން އައިސްފައިނުވާ ކަމުގައި. އެކަން އެހެން އެވަނީ، އެބާވަތުގެ ދަނޑުވެރިކަން އާދެ، ބިންބި، ކުދިބަތް، ޒުވާރިފަދަ ތަކެތި ހެއްދުމަކީ، މިހާރު ބޭނުންތެރި ކަމެއްކަމުގައި އަޅުގަނޑުމެންގެ ގިނަ މީހުންނަށް ގަބޫލުނުކުރެވޭކަން. އެހެންނަމަވެސް، ފަތްކެޔޮ، ލުނބޯ، މިރުސް، ފަޅޯފަދަ ތަކެތި އުފެއްދުން ވޭތުވެދިޔަ އަހަރުގެތެރޭގައިވެސް ދިޔައީ ކުރިއަށް. ރާއްޖޭގައި ހައްދާ އެކި ބާވަތްބާވަތުގެ މޭވާއާއި ތަރުކާރީ ގަސްތަކަށާއި، ރުއްތަކަށް އެންމެ ގެއްލުންދޭ އެއްޗެތި ކަމުގައިވާ މީދަލާއި ވާ މަދުކުރުމުގެ މަޝްރޫޢެއް، ބޭރުގެ އެހީއާއެކު، މިދިޔަ އަހަރު ހިންގަމުން ގެންދެވުނު. އަދި މޭވާއާއި ތަރުކާރީގެ ބައެއް ބާވަތްތަކުގެ މުޑުވަކާއި، ގަހުކާނާއާއި ބޭސް ރާއްޖެތެރޭގެ ރަށްރަށަށް ހިލޭ ދޫކުރެވުނު.

1987 ވަނަ އަހަރު ބޭރުގެ އެހީގެ ގޮތުގައި ފައިސާއިން ދައުލަތަށް ލިބިފައިވަނީ، ގާތްގަނޑަކަށް 17 މިލިޔަން ރުފިޔާ. މީގެ އިތުރަށް، ކާބޯތަކެއްޗާއި، ބޭހާއި، ތަކެތީގެގޮތުންވެސް އެހީ ލިބިފައިވޭ.

                      ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

1987 ވަނަ އަހަރުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ތިޔަ ޢިއްޒަތްތެރި މެންބަރުން ތިޔަބޭފުޅުންގެ ވާޖިބުތައް އަދާކުރެއްވަމުން ގެންދެވީ، ހަރުދަނާކަމާއި ސާބިތުކަމާއެކުގައިކަން އަޅުގަނޑު ގަބޫލުކުރާ ވާހަކަ މިދަންނަވަނީ ނުހަނު އުފަލާއެކު. މަޖިލީހަށް ހުށަހެޅުނު ބިލްތަކާމެދު ތިޔަބޭފުޅުން ޚިޔާލު ފާޅުކުރައްވައި، ޤާނޫނުތައް ފާސްކުރައްވަމުން ގެންދެވީ، ރައްޔިތުންގެ ޙައްޤުތަކަށް ރައްކާތެރިވެވަޑައިގަތުމާއެކު، ރާއްޖެއަށާއި ދައުލަތަށް އިޚްލާޞްތެރިވެވަޑައިގެން ތިއްބަވައިގެން. ވޭތުވެދިޔަ އަހަރުގެ ތެރޭގައި، މަޖިލީހުން ސަރުކާރަށް ދެއްވަމުން ގެންދެވި ތާއީދާއި އެހީއަކީ، އަޅުގަނޑަށް ލިބުނު ވަރަށްވެސް މަތިވެރި ހިތްވަރެއް.

1987 ވަނަ އަހަރު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ފަރާތުން ވަނީ ފާހަގަކުރެވޭފަދަ ގިނަ މަސައްކަތްތަކެއް، ޤާނޫނުއަސާސީ އިޞްލާޙު ކުރެއްވުމުގެ ގޮތުން ކުރައްވާފައި. މަޖިލީހަށް އަޅުގަނޑު ހުށަހެޅި ނަމޫނާ ޤާނޫނުއަސާސީއާއި، މަޖިލީހުގެ މެންބަރުން ފާޅުކުރެއްވި ޚިޔާލުތަކުގެ މައްޗަށް ބައްލަވައިގެން، މަޖިލީހުގެ ޑްރާފްޓްކުރާ ކޮމިޓީއިން އެކުލަވައިލެއްވި ގާނޫނުއަސާސީގެ ޑްރާފްޓް، މިހާރުވަނީ މަޖިލީހަށް ހުށަހެޅިފައި. އަދި މިހާތަނަށް އާ ޤާނޫނުއަސާސީގެ 15 މާއްދާވަނީ މަޖިލީހުން ފާސްކުރައްވާފައި.

                     ޚާރިޖީ ހިންގުން

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭ!

ޚާރިޖީ ހިންގުމުގެ ދާއިރާގައިވެސް، 1987 ވަނަ އަހަރު ފާހަގަކުރެވޭނީ، ރާއްޖޭގެ ފަރާތުން އިތުރު ކުރިއެރުންތަކެއް ހޯދާފައިވާ އަހަރެއްގެ ގޮތުގައި.

އަހަރުގެ ވަރަށްކުރީކޮޅު ކުވެއިތުގައި އޮތް އިސްލާމީ ޤައުމުތަކުގެ އެންމެމަތީ ވެރިންގެ ޖަލްސާގައި ރާއްޖޭގެ ފަރާތުން އަޅުގަނޑު ބައިވެރިވިން. އަދި އެޖަލްސާގައި، ކުރިއަށް އޮތް ތިން އަހަރުދުވަހަށް އެ އޯގަނައިޒޭޝަންގެ އެއް ނާއިބު ރައީސްގެ މަގާމަށް އަޅުގަނޑު ހޮވުނުކަން އެއީ، އަޅުގަނޑު ދެކޭގޮތުގައި، އިސްލާމީ ޤައުމުތަކުގެ ދާއިރާގައި ރާއްޖެ ހަރަކާތްތެރިވާގޮތާމެދު އެ ޤައުމުތަކުގެ ހިތްހަމަޖެހުން ލިބިފައިވާ މިންވަރު ސާބިތުކޮށްދޭ ހެތްކެއް.

މި ޖަލްސާގެ އިތުރަށް، ވޭތުވެދިޔަ އަހަރު އޮކްޓޯބަރުމަހު ކެނެޑާގައި އޮތް ކޮމަންވެލްތު ޤައުމުތަކުގެ ވެރިންގެ ޖަލްސާގައްޔާއި، ނޮވެމްބަރުމަހު ނޭޕާލްގައި އޮތް "ސާރކް"ގެ ޤައުމުތަކުގެ ވެރިންގެ ޖަލްސާގައި ރާއްޖޭގެ ފަރާތުން އަޅުގަނޑު ބައިވެރިވިން. އަދި މިޖަލްސާތަކުގައި ރާއްޖޭގެ ސިޔާސަތު ހާމަކޮށް، ރާއްޖެއަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތައް އެ ޤައުމުތަކުގެ ވެރީންނަށް އޮޅުންފިލުވައިދެވޭތޯ މަސައްކަތްކުރިން.

ވޭތުވެދިޔަ އަހަރުގެތެރޭގައި ބޫޓާނަށާއި، ޤަޠަރަށާއި، ބަޙުރައިނަށް އަޅުގަނޑު ރަސްމީގޮތުން ޒިޔާރަތްކުރިން. އެ ދަތުރުތަކުގެ ސަބަބުން، ރާއްޖެއާއި އެ ޤައުމުތަކާ ދެމެދުގައިވާ އެކުވެރިކަން ބަދަހިވެގެންދިޔަ.

މިދެންނެވި ދަތުރުތަކުގެ އިތުރަށް، މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު އ.ދ. މަޖިލީހުގައި ތިމާވެށްޓާއި ތަރައްޤީގެ މައްސަލަތަކާ ބެހޭގޮތުން ބޭއްވުނު ޚާއްޞަ ޖަލްސާގައިވެސް އަޅުގަނޑު ބައިވެރިވިން. އެއީ، މިދިޔަ އަހަރު ރާއްޖެއަށް ކުރިމަތިވި ރާޅުއެރުމުގެ މައްސަލައާ ގުޅޭގޮތުން، ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހިރާއްޖޭގެ އަޑު އުފުލާލުމަށް. އަދި ކަނޑުގެ ލޮނުގަނޑު ބޮޑުވަމުންދާކަމަށް ދުނިޔޭގެ ސައިންޓިސްޓުން ދައްކާ ވާހަކައާމެދު ރާއްޖެ ކަންބޮޑުވާ މިންވަރު ހާމަކޮށް، ބައިނަލްއަޤްވާމީ ގޮތުން އެކަމާމެދު ހަރަކާތްތެރިވުމަށް ގޮވާލުމަށް.

މިގޮތުން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ ރަށްރަށަށް ރާޅުއެރުމުން ލިބުނު ގެއްލުންތަކުން ސަލާމަތްވުމަށާއި، މުސްތަޤްބަލުގައި އެފަދަ ކަންތައްތަކުން ދިފާޢުވުމަށްޓަކައި އ.ދ.ގެ އިޤްތިޞާދީ އެހީގެ ޚާއްޞަ ޕްރޮގްރާމްގެ ދަށުން ރާއްޖެއަށް އެހީ ލިބޭނޭގޮތް ހަމަޖެއްސުމަށް އެދި، ރާއްޖޭގެ ފަރާތުން އ.ދ. މަޖިލީހަށް ހުށަހެޅި ޤަރާރެއް، މިދިޔަ އަހަރުގެތެރޭގައި ވަނީ، ވަރަށް މަތީ އަޣްލަބިއްޔަތަކުން ފާސްވެފައި.

ވޭތުވެދިޔަ އަހަރުގެތެރޭގައި އަޅުގަނޑުގެ އިތުރަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒާއި އެހެން ބައެއް ވަޒީރުން ބޭރު ޤައުމުތަކަށް ޒިޔާރަތް ކުރައްވާފައިވޭ. ހަމައެފަދައިން، ބޭރު ޤައުމުތަކުގެ ޢިއްޒަތްތެރިންވެސް ރާއްޖެއަށް ޒިޔާރަތްކުރެއްވި. މިގޮތުން 1987 ވަނަ އަހަރުގެތެރޭގައި ރާއްޖެއަށް ވަޑައިގެންނެވި އެންމެ ޢިއްޒަތްތެރި ބޭފުޅަކީ، ޝްރީލަންކާގެ ރައީސް ހިޒްއެކްސެލެންސީ ޖޭ.އާރ. ޖަޔަވަރުދަނާ. އެމަނިކުފާނު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރާއްޖެއާއި ޝްރީލަންކާއާ ދެމެދުގައި އާ، ދެ އެގްރީމެންޓެއްގައި ސޮއިކުރެވުނު. އެއީ، ދެޤައުމު ދެމެދުގައި ތަޢުލީމީ އަދި ފަންނީ އެއްބާރުލުމާބެހޭ އެގްރީމަންޓަކާއި، ދެ ޤައުމު ދެމެދުގައިވާ ރަޙްމަތްތެރި ގުޅުމާއި އެއްބާރުލުން ފުޅާކޮށް ބަދަހިކުރުމުގެ އެގްރީމެންޓް.

1987 ވަނަ އަހަރު އަޅުގަނޑުމެންގެ ރާއްޖެ، އިތުރު ހަތަރު ޤައުމަކާއެކު ސިޔާސީ ގުޅުން އުފައްދާފައިވޭ. އަހަރު ނިމުނުއިރު 75 ޤައުމާއެކު ރާއްޖެ ވަނީ ސިޔާސީ ގުޅުން އުފައްދާފައި.

                   ދައުލަތުގެ ސިޔާސަތު

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު، ދައުލަތުގެ ސިޔާސަތު ބިނާކުރެވިފައި ވަނީ ހަރުދަނާ އުޞޫލުތަކެއްގެ މައްޗަށްކަން ގަބޫލުކުރަންޖެހޭ. އެހެންކަމުން، މިއަހަރުވެސް ދައުލަތުގެ ސިޔާސަތު ބިނާކުރެވިފައި އޮންނާނީ، ކުރީ އަހަރުތަކެކޭ އެއްގޮތަށް، ރާއްޖޭގެ ރައްޔިތުންގެ ފައިދާއާއި ތަރައްޤީއަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުން ގެންދިޔުމުގެ މައްޗަށް. ރާއްޖޭގެ ހެޔޮ ނަޞީބުކަމުގައިވާ އިސްލާމްދީނުގެ އުޞޫލުތައް ދިރުވައި، އެ އުޞޫލުތަކާ އެއްގޮތްވާގޮތުގެމަތިން، މުޖުތަމަޢުގެ އެންމެހައި ކަންތައްތައް އިޞްލާޙުކުރުމުގެ މައްޗަށް. ޒަމާނުއްސުރެ ރާއްޖެއަށް ލިބިފައިވާ ފަޚުރުވެރި މިނިވަންކަމާއި، ޤަދަރުހުރި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމުގެ މައްޗަށް. ރައްޔިތުންގެ މެދުގައި ޢަދުލުއިންޞާފާއި ހަމަހަމަކަން ޤާއިމުކުރުމުގެ މައްޗަށް. ބައިނަލްއަޤްވާމީ ކަންތައްތަކުގައި ރާއްޖެއާ އެކަށީގެންވާ މިންވަރަކަށް ބައިވެރިވުމާއެކު، ބޭރުގެ ދުނިޔޭގައި ރާއްޖެއަށް ރީތިނަމާއި ޤަދަރު ހޯދޭނޭ ގޮތުގެ މައްޗަށް.

ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން، ކުރިއަށްއޮތް އަހަރުވެސް ދައުލަތް ހިންގުމުގެ ދާޚިލީ ސިޔާސަތުގެ ބިންގަލަކަށް ވާނީ، ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއި މުސާވާތު ޤާއިމުކޮށް، ޤާނޫނުގައިވާ ގޮތުގެމަތިން ރައްޔިތުންނަށް ލިބިފައިވާ އަސާސީ ޙައްޤުތައް ރައްކާތެރިކޮށްދިނުން. އަޅުގަނޑުމެންނަކީ، އެއް ނަސްލަކުން އައިސްތިބި، އެއްބަހަކުން ވާހަކަދައްކާ، އެއްދީނަކަށް އުޅޭ ބަޔަކަށްވާތީ، އަޅުގަނޑުމެންނަށް ލިބިފައިމިވާ އެއްބައެއްވަންތަކަން ދަމަހައްޓައި ރައްކާތެރިކުރުމަށް މަސައްކަތްކުރުން.

ދައުލަތުގެ ދާޚިލީ ސިޔާސަތުގެ އަނެއްބަޔަކަށް ވާނީ، ރައްޔިތުންނަށް ދެވޭ އިޖުތިމާޢީ ޚިދުމަތްތައް އިތުރުކޮށްދިނުން. އިޤްތިޞާދީގޮތުން ކުރިއަށް ދެވޭނޭ ފުރުޞަތުތައްވެސް އިތުރުކޮށްދިނުން.

ކުރިއަށްއޮތް އަހަރުވެސް، ދައުލަތުގެ ޚާރިޖީ ސިޔާސަތަށް އެއްވެސް ބަދަލެއް ގެންނާކަށް ގަސްދުކޮށްފައެއް ނެތް. ސަބަބަކީ، އެ ސިޔާސަތުގެ ސަބަބުން، ރާއްޖޭގެ އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރިވެ، ޙިމާޔަތްކުރެވެމުންދާކަން. ތިޔަ އެންމެބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭފަދައިން، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑަކީ ވަކިފަރާތަކަށް ނުޖެހުން. އަޅުގަނޑުމެންނާ ރަޙްމަތްތެރިކަން ބަހައްޓަން އެދޭ، އަޅުގަނޑުމެންގެ އަމިއްލަ ވެރިކަމާއި މިނިވަންކަމަށް ޙުރްމަތްތެރިކޮށް ހިތާ ކޮންމެ ޤައުމަކާ، އެކުވެރިކަން އުފެއްދުން. ޚާއްޞަކޮށް، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކާއި، އިސްލާމީ ޤައުމުތަކާ ގުޅުން ބަދަހިކުރުން. މިކަންކަމުގެ އިތުރަށް، ދައުލަތުގެ ޚާރިޖީ ސިޔާސަތުގައި ހިމެނޭ މުހިންމު އަނެއް ބައިތަކަކީ، ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް މިނިވަންކަމަށްޓަކައި މަސައްކަތްކުރާ މީހުންނަށް ތާއީދުކުރުން. އަދި ވަކީން ޚާއްޞަގޮތެއްގައި ފަލަސްޠީނުގެ ރައްޔިތުން، އެމީހުންގެ ޙައްޤުތައް ހޯދުމަށް ކުރާ މަސައްކަތްތަކަށާއި، އިޒްރޭލުމީހުން އަނިޔާވެރިގޮތުގައި ހިފާފައިވާ އަލްޤުދްސާއި، އެނޫންވެސް ޢަރަބި ބިންތައް މިނިވަންކުރުމަށް ޢަރަބި އިސްލާމީ ޤައުމުތަކުން ކުރަމުންދާ މަސައްކަތުގައި މަޢުނަވީގޮތުން ބައިވެރިވުން. ނުރައްކާތެރި ހަތިޔާރު މަދުކުރުމަށާއި، ޢަސްކަރީ ބާރު ގަދަކުރުން ހުއްޓުވުމަށް އިލްތިމާސްކުރުން.

މިދެންނެވި އުޞޫލުތަކުގެ މައްޗަށް ބިނާކުރެވޭ ސިޔާސަތު ހިންގުމަށްޓަކައި، މިހާތަނަށްވެސް ތިޔަ ޢިއްޒަތްތެރި މަޖިލީހާއި ޤައުމުގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ސަރުކާރަށް ލިބެމުން އައި ފުރިހަމަ ތާއީދާއި އެހީ، ކުރިއަށްއޮތްތާނގައިވެސް ލިބެމުންދާނެކަމަށް އަޅުގަނޑު ޔަގީންކުރަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

ވޭތުވެދިޔަ އަހަރު ދައުލަތުގެ ކަންތައްތައް ހިނގައިދިޔަގޮތާއި، ކުރިއަށް އޮތް އަހަރު ދައުލަތުގެ ސިޔާސަތު ބިނާކުރާގޮތް އަޅުގަނޑު ދެންމެ މިދެންނެވީ. ތިޔަ އެންމެ ބޭފުޅުންވެސް ގަބޫލުފުޅުކުރައްވާނޭ ފަދައިން، ވޭތުވެދިޔަ އަހަރުވެސް އަޅުގަނޑުމެންނަށް ވަނީ، އެކަންތައްތަކުގެ ސަބަބުން، ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭފަދަ އެތައް ކަންތައްތަކެއް ކުރެވިފައި. އެހެންކަމާއެކުވެސް، އަޅުގަނޑުމެން ގަބޫލުކުރަންޖެހެނީ، އަދިވެސް ވަރަށްގިނަ ކަންތައްތަކެއް ކުރަންޖެހިފައިވާކަން. އަދި ޤައުމީ ތަރައްޤީގެ މަސައްކަތަކީ، ނިމުމެއްނެތް މަސައްކަތްތަކެއްކަން. މެދުކެނޑުމެއްނެތި އަބަދުވެސް ކުރިއަށްދާންވާނެ މަސައްކަތްތަކެއްކަން. ވީމާ، އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް، އާދެ، ކޮންމެ ދިވެއްސެއްގެވެސް އެންމެ މަތިވެރި މަޤްޞަދަކަށް ވާންވާނީ، ޤައުމުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތުގައި އިޚްލާޞްތެރިކަމާއެކު، އެމީހެއްގެ ބައި އަދާކުރަމުން ގެންދިޔުން. އަޅުގަނޑުމެންގެ ދަރިންނަށާއި، އަންނަންއޮތް ޖީލުތަކުގެ ފައިދާއަށްޓަކައި، ޤައުމުގެ ކޮންމެ ގޮވާލުމަކަށް ހެޔޮހިތުން އިޖާބަދިނުން. މިއަދު އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްވެސް ކުރަންވާނީ، އިސްލާމީ އުޞޫލުތަކުގެ ހިޔާވަހިކަމުގައި ތިބެގެން، ދިވެހި އުންމަތަށް އިތުރު ކުރިއެރުމާއި، ނަޞްރާއި ނަޞީބު ހޯދައިދިނުމުގެ ވަރުގަދަ ޤައުމީ ޢަޒުމުގައި.

އަޅުގަނޑުގެ ހިތުގެ މި އިޚްލާޞްތެރި ޝުޢޫރުތަކާއެކު، ތިޔަ ޢިއްޒަތްތެރި މަޖިލީހަށާއި، އަޅުގަނޑަށާއި، ޤައުމުގެ އެންމެހައި ރައްޔިތުންނަށް، މާތްވެގެންވާ އިސްލާމްދީނުގެ ސީދާ ތެދުމަގުގައި، އެކުވެރިކަމާއި އެއްބާރުލުންމަތީ ދެމިތިބެގެން، އަޅުގަނޑުމެންގެ ލޮބުވެތި ޤައުމާއިގެން ކުރިއަށްދިޔުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި، ކީރިތި ﷲގެ ޙަޟްރަތަށް ދުޢާކުރާ ހާލު، އެކަލާނގެ އިސްމުފުޅުގެ ބަރަކާތުން،

ޤާނޫނު ނަންބަރު 1/68ޖ. ގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މިއަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވައިދިނުމުގެ އުފަލާއި ޝަރަފު ލިބިގަންނަން.

وَماَتَوْفِيقِى إِلاَّبِاللَّـهِ، عَلَيْهِ تَوَكَّلْتُ، وَإِلَيهِ اُنِيب.

وَالسَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّـهِ وَبَرَكَاتُهُ.