بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين،وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ، އަޅުގަނޑުގެ އެކުވެރި ޢިލްމުވެރިން، އަދި ކުންފުނިތަކުން ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، އަދި މި ކުޑަކުޑަ ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މިފަދަ ގޮތަކަށް، މާބޮޑު ވާހަކަދެއްކުންތަކެއް ހިމެނޭގޮތަށް ކުރިއަށް ގެންދާކަށްނޫން އަޅުގަނޑުމެން މި ކަންތައްތައް ރޭވީވެސް. ސަބަބަކީ، އަޅުގަނޑުމެންގެ މިއަދުގެ ބޭނުމަކަށް ހަމައެކަނި ވެގެން މި ދަނީ މިނިސްޓަރ ވިދާޅުވިގޮތަށް ރަމަޟާންމަހު ވަރަށް ބުރަކޮށް އުޅުއްވަމުން، ގޭގެ ކަންތައްތައް، ޢާއިލާގެ ކަންތައްތައް ބަލަހައްޓަމުން، އަދި މަސައްކަތުގެ ކަންތައްތައްވެސް ތިޔަބޭފުޅުން ކުރިއަށް ގެންދަވަމުން، އެހެންނަމަވެސް، ރައްޔިތުންނަށްޓަކައި ތިޔަބޭފުޅުން ވަރަށްގިނަ ވަގުތުތަކެއް ރޭގަނޑުވެސް އަދި ދުވާލުގެ ވަގުތުތަކުގައިވެސް ހޭދަކޮށްދެއްވީތީ، އެކަމަށްޓަކައި ހަމަ ހެޔޮހިތުން އެކަމުގެ އަގު އަޅުގަނޑުމެން ވަޒަން ކުރާ ވާހަކަ ދަންނަވަން. ހަމަ ތިޔަހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އެއީ އަޅުގަނޑުމެންގެ މިރޭގެ މި ކުޑަކުޑަ މި ޙަފްލާގެ ޙަޤީޤީ ބޭނުމަކަށްވަނީ.

ޙަޤީޤަތުގައި ތަންކޮޅެއް ލަސްވެސްވެއްޖެ. ރަމަޟާންމަސް ހަމަ ނިމުމާއެކީ އަޅުގަނޑުމެން ބެލިން ތިޔަބޭފުޅުންނާ ވީހާވެސް އަވަހަކަށް މިގޮތަށް ބައްދަލުކޮށްލެވޭތޯ. އެހެންނަމަވެސް، މިނިސްޓަރ ވިދާޅުވިގޮތަށް، ތަފާތު އެކި ސަބަބުތަކާ ހެދި އަޅުގަނޑުމެންނަށް ވަގުތުވާ ފަހަރު، ބައެއް ބޭފުޅުންނަށް ވަގުތު ތަންކޮޅެއް ދަތިކޮށް، އެކަހަލަ ގޮތަކަށްގޮސް ދެން އަޅުގަނޑުމެންނަށް މިރޭ މިކަން މި ބޭއްވުނީ.

އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގައި ދީނީ ކަންތައްތައް ކުރިއަރުވައި، ޚާއްޞަކޮށް، އަޅުގަނޑުމެންގެ ތުއްތު ކުދިންގެ ބޮޑުވެގެން އަންނަ ޖީލުގެ، ހޭލުންތެރިކަން އިތުރުކުރުވައި، އަޅުގަނޑުމެންނަށް ހުރިހާ ދާއިރާއަކުން ކުރެވެންހުރި މަސައްކަތްތައް ކުރުން. އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ކޮންމެ މީހަކުވެސް ސަރުކާރުން، މުޅި ހުރިހާ ރައްޔިތުންވެސް އެންމެ އިސްކަންދޭންޖެހޭނެ ކަމަކީ މިއީއޭ. ޙަޤީޤަތަކީ، އަޅުގަނޑަށް ދެން ތިޔަބޭފުޅުން ކުރިމަތީގައި ތަންކޮޅެއް އުނދަގޫ، މި މޭރުމުން ވާހަކަ ދައްކަންވެސް. ދެން އެހެންނަމަވެސް، އަޅުގަނޑަށް ހީވަނީ، މިއަދު އަޅުގަނޑުމެންގެ ތެރޭގައި މިހުރި މައްސަލަތަކާއި، ކަންތައްތައް، އަޅުގަނޑުމެންގެ ގޭތެރޭގެ ކަންތައްތަކަށް ބެލި ނަމަވެސް، މަގުމަތީގައާއި އެހެނިހެން ކަންކަމުގެ ތެރޭގައިވެސް ހުރި މައްސަލަތައް މިހުރީ އަޅުގަނޑުމެންގެ ތެރޭގައިހުރި އަޅުގަނޑުމެންގެ ހުރި ރީތި ބައެއް ކަހަލަ ސިފަތައް، ބައެއްކަހަލަ ކަންތައްތައް، ޙަޤީޤަތުގައި ތަރައްޤީއާއި، ނޫނީ އޮއިވަރާއި، ނޫނީ އެކިއެކި ކަންތައްތަކާ ގުޅިގެން އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް ދޫކޮށްލެވެނީ. ނޫނީ އަޅުގަނޑުމެންނަށް އޭގެ މުހިންމުކަން އެ ވަޒަން ކުރަންޖެހޭ މިންވަރަށް އަޅުގަނޑުމެންނަށް ވަޒަން ނުކުރެވެނީ. ނޫނީވިއްޔާ އަޅުގަނޑުމެންނަށް ތަންކޮޅެއް ފަސޭހަކޮށްލެވެނީ. އެއީ، އަޅުގަނޑުމެން ހަމަގައިމުވެސް މިއަދު ކަންބޮޑުވާން ޖެހޭކަމެއް. އެއްވެސް ސްޓޭޖަކަށް އަރާފައި، މިގޮތަށް ޕޯޑިއަމްއަކަށް އަރާފައި ހަމަ ނުފޭބޭ، މި ޤައުމުގައި އަޅުގަނޑުމެންގެ ތެރޭގައި، މުޖުތަމަޢުގައި ހުރި ޑުރަގުގެ، މަސްތުވާތަކެތީގެ ވަބާގެ ވާހަކަ ނުދައްކައެއް. އަޅުގަނޑުމެންގެ ބަހުރުވަ ހުންނަގޮތުގެ ވާހަކަ ނުދައްކައެއް. މުޢާމަލާތް ކުރުމުގެ ކަންތައްތައް ހުންނަގޮތުގެ ވާހަކަ ނުދައްކައެއް. މަގުމަތީގައި އަޅުގަނޑުމެން އުޅޭ އަދަބުސަދަބުގެ ވާހަކަ ނުދައްކައެއް. ދުއްވާއިރު އަޅުގަނޑުމެންނަށް ކަންތައްތައް ކުރެވޭގޮތުގެ ވާހަކަ ނުދައްކައެއް. މިއިން އެނގެނީ އަޅުގަނޑުމެން މަސައްކަތްތައް އިތުރަށްކުރަން އެބަޖެހޭކަން.

ރަމަޟާންމަސް އަޅުގަނޑުމެންނާ ކުރިމަތިވަމުން އައިއިރު، މިނިސްޓަރ ވިދާޅުވިގޮތަށް އިޖުތިމާޢީ ކަންތައްތަކާ ގުޅޭގޮތުން ބޮޑަށް މަސައްކަތްކުރުން، ސޯޝަލް ކައުންސިލުގެ ތެރޭގައި ހިމެނިފައިވަނީ. އަދި އިސްވެ ހުންނަ މީހެއްގެގޮތުން އަޅުގަނޑާ ހަވާލުކުރައްވައިފައި އޮންނަނީ. ރައީސުލްޖުމްހޫރިއްޔާ މިކަންތައްތަކަށް ވަރަށްބޮޑަށް ބާރުއަޅުއްވައި، އަޅުގަނޑުމެންނަށް ކުރެވެން އޮންނަ ކޮންމެ ކަމެއް ކުރުމަށް އަބަދުވެސް އިރުޝާދު ދެއްވާ. އެ ގޮތުން މި ފަހަރު ރަމަޟާން މަހު އަޅުގަނޑުމެން ބެލީ އިތުރަށް އަޅުގަނޑުމެންނަށް ކުރެވޭނީ ކޮންކޮން ކަންތައްތަކެއްތޯ. ބައެއްފަހަރު ވަކި ދިމާއަކަށް އަމާޒު ހިފާފައި އެހެން ހިސާބުތައް ތަންކޮޅެއް ބޮޑަށް ދޫކޮށްލެވޭ ފަހަރުވެސް އަޅުގަނޑުމެންނަށް އާދޭ. އެހެންނަމަވެސް، މި ސަރުކާރުގެ ސިޔާސަތަކީ، މުޅި ޤައުމަށް އަޅުގަނޑުމެން ކުރާ ކަންތައްތަކުގެ ހިއްސާ ވީހާވެސް ވަރަކަށް އެއްވަރުކޮށް، އެއްގޮތްކުރުން ކަމަށްވާތީވެ، މި ފަހަރު އެކި ބޭފުޅުންގެ މަޝްވަރާއާ އެކީ، މިނިސްޓަރ ވިދާޅުވިގޮތަށް އަޅުގަނޑުމެން ކަންތައްތައް ގެންދިޔައީ.

ދެން އެހެންނަމަވެސް، އަޅުގަނޑު ގަބޫލުކުރަނީ، މީގައި އަޅުގަނޑުމެން މިކުރާ މަސައްކަތްތައް މެދުނުކެނޑި އަޅުގަނޑުމެން ގެންދަން އެބަޖެހޭ ކަމަށް. ބައެއްފަހަރު ވާގޮތަކީ، އެކި ދުވަސްތައް ފާހަގަކުރާ ބީދައިން ކަމެއްކޮށްލެވެނީ އަޅުގަނޑުމެންނަށް. ދެން ކޮންމެވެސް އެއް ދުވަހަކު ކޮށްފައި ދެން އެއޮތީ ރެސްޓް. ޓެސްޓަށް ފިލާވަޅު ދަސްކުރާގޮތަށް. ދެން އަންނަ 11 މަސް އަޅުގަނޑުމެން ހުއްޓާލާނީ. އަނެއްކާ އަނެއް މަހު އަޅުގަނޑުމެން މަސައްކަތްކުރާނީ. އެގޮތަކަށް ދެން އަޅުގަނޑުމެންނަކަށް މި ކަންތައްތައް ރަނގަޅު ކުރެވޭނެހެނެއް ހީއެއްނުވޭ. އެހެންވީމާ، މިނިސްޓަރު ވިދާޅުވިގޮތަށް އަޅުގަނޑުމެންގެ ވަރަށްބޮޑު އެދުމެއް، ވަރަށްބޮޑަށް ބޭނުންވާ ކަމެއް، ޚާއްޞަކޮށް، ސްކޫލްތެރޭގައި އަޅުގަނޑު ފާހަގަކުރަން އަބަދުވެސް، އެކިއެކި ޕްރޮގްރާމްތައް ކުރީގެ ސަރުކާރުތަކުންވެސް ކުރިއަށް ގެންދަވާ. އަބަދުވެސް ރާއްޖޭގައި އޮތްކަމެއް، އޮންނަކަމެއް ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރުމަކީ. އެއީ ނެތްކަމެއް ނޫން. ތިޔަބޭފުޅުން އަދި ތިޔަބޭފުޅުންގެ ތެރޭގައި އުމުރުން ދޮށީ ބޭފުޅުންނަށް އަދި މާރަނގަޅަށް އެކަންތައްތައް އެނގިވަޑައިގަންނަވާނެ. އެހެންނަމަވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، ކުރީގައިވެސް މި ދެންނެވިގޮތަށް އަޅުގަނޑުމެންގެ ތެރޭގައި މިހާރު ހުރި ކަންތައްތަކާ އެއްވަރަށް އަޅުގަނޑުމެންގެ މައްސަލަތައް މިހާރު ގިނައޭ މީގެ 25 އަހަރު، 20 އަހަރު، 15 އަހަރު ކުރިއާ އަޅައިބަލާއިރު. އެހެންވީމާ، އަޅުގަނޑުމެންގެ މަސައްކަތްތައް އިތުރުކުރަން ޖެހޭ ވާހަކަ މި ދެންނެވީ.

އެގޮތުން، ސްކޫލްތެރޭގެ ޕްރޮގްރާމްތަކާއި، އަދި ޓީ.ވީ.އިން ހޭލުންތެރިކަން އިތުރުކުރުމުގެ އެހެނިހެން ޕްރޮގްރާމްތަކާއި، އަދި އަތޮޅުތެރެއަށް ޚާއްޞަކޮށްގެން ވީހާވެސް ބޮޑަކަށް މެދުނުކެނޑި ޕްރޮގްރާމްތަކެއް ގެންދެވޭނެފަދަ ގޮތްތަކެއް އަޅުގަނޑުމެން ހޯދަން އެބަޖެހޭ. އެގޮތުން އަޅުގަނޑުމެންގެ ވިސްނުމަކީ ވީހާވެސް އަވަހަކަށް، ޝައުޤުވެރިކަންވެސް އުފެދޭނެ ގޮތްތަކަކަށް އަޅުގަނޑުމެން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުން.

އަޅުގަނޑު ވަރަށް އުފާކުރަން، ތިޔަބޭފުޅުންގެ ވަރަށްގިނަ ޕްރޮގްރާމްތަކުގައި މި ރަމަޟާންމަހުވެސް އަޅުގަނޑަށް ބައިވެރިވެވުނު. އަދި އަތޮޅުތެރޭގެ ޕްރޮގްރާމްތަކުގައިވެސް ކޮންމެވެސް ވަރަކަށް ބައިވެރިވެވުނު. އަޅުގަނޑަށް ބައިވެރިނުވެވޭ ޕްރޮގްރާމްތައް އަޅުގަނޑަށް ޓީ.ވީ.އިން ފެނުނު. އަޅުގަނޑަށް ފެނުނީ ވަރަށްބޮޑު ޝައުޤުވެރިކަމެއް، ވަރަށްބޮޑަށް އިސްކަންދޭ ކަމެއްގެގޮތުގައި. ޚާއްޞަކޮށް، ރަށްރަށުގައިވެސް މިނިސްޓަރ ވިދާޅުވިގޮތަށް މުޅި މުޖުތަމަޢުން އަޅުގަނޑުމެންނަށް ފެނުނު. ޚާއްޞަކޮށް ސްކޫލް ޓީޗަރުން، ޕްރިންސިޕަލުން، އަދި ސްކޫލްގެ ދަރިވަރުން، ކައުންސިލްތަކުން ވަރަށްބޮޑު ސަމާލުކަމެއް ދެއްވައި، ގާތްގަނޑަކަށް މިއިން ޕްރޮގްރާމަކަށް 700، 800، 900 ވަރަކަށް މީހުން ތިބި މަންޒަރު ފެނުމުން ޙަޤީޤަތުގައިވެސް އަޅުގަނޑުމެން ވަރަށްބޮޑަށް ހިތްހަމަޖެހުނު. އަޅުގަނޑުމެންނަށް ގަބޫލުކުރެވުނު މިއީ ހަމަ ރަނގަޅުކަމެކޭ މި ކުރެވެނީ. މިއީ ހަމަ ކުރަންޖެހޭ ކަމެކޭ މި ކުރެވެނީ. އެހެންވީމާ، އެ މަންޒަރު ފެނުނީމާ ހަމަ ވަގުތުން މިނިސްޓަރާ އަޅުގަނޑުމެން ވާހަކަ ދައްކާލައިފައި ޚިޔާލަށް އައީ، މިކަންތައް ކުރިއަށް ގެންދަންވީއޭ. ކޮންޓިނިއު ކުރަންވީއޭ. މުޅި 12 މަސްދުވަހަށް ބަހާލައިގެން ރާއްޖޭގެ އެއްވެސް އަތޮޅެއް ބާކީވެސް ނުވާގޮތަށް، ވީހާވެސް ގިނަ ބަޔަކަށް ފޯކަސްކޮށްގެން އިރާދަކުރެއްވިއްޔާ އެކަންތައްތައް އަޅުގަނޑުމެން ކުރިއަށް އޮތްތާނގައި ގެންދާނަން. މިކަމުގައިވެސް އަނެއްކާ ދަންނަވާލަންޖެހެނީ ހަމަ ތިޔަބޭފުޅުންނަށް، އެކި ހިސާބުތަކަށް ދަތުރު ކުރައްވައި މި ކަންތައްތައް ފުރިހަމަ ކޮށްދެއްވުމަށް. އެކަންތައް އަޅުގަނޑުވެސް މި ފާހަގަކޮށްލީ.

ދެން އަޅުގަނޑުގެ ހަމަ އެދުމެއް، ތިޔަބޭފުޅުންނަށްވެސް އިތުރަށް ކުރެވެން އޮތް ކޮންމެކަމެއް މިކަމުގައި ހަމަ ކޮށްދެއްވުން. އަޅުގަނޑު ކުރީގައި ދަންނަވައިފިން، އަޅުގަނޑުމެންގެ ތެރޭގައި ހުރި މައްސަލަތައް. އަޅުގަނޑަށް ވުރެ މާ ރަނގަޅަށް އެކަންތައްތައް، މައްސަލަ އޮތް މިންވަރާއި، އެ މައްސަލައަށް ބޭނުންވާ ހައްލު އެނގިވަޑައިގަންނަވާނެ ބޭފުޅުންވެސް އަޅުގަނޑަށް ކުރިމަތިން އެބަފެނޭ. ވަރަށްގިނަ ލެކްޗަރަރއިން، ޓީޗަރުން، މުދައްރިސުންވެސް އެބަތިއްބެވި. މިހާރުވެސް އަޅުގަނޑުމެންގެ މައިންބަފައިންނަށް ކުރާ އިޙްތިރާމް އަޅުގަނޑުމެން ކުރަން އަޅުގަނޑުމެންގެ މުދައްރިސުންނަށް. ތިޔަބޭފުޅުންނަށް އިޙްތިރާމް ލިބޭނެ އެތައް ދަރިވަރުންނެއްގެ ފަރާތުން. އެހެންވީމާ، އަޅުގަނޑުގެ ހަމަ އެދުމަކީ، މިހިރަ މައްސަލަތަކަށް ހައްލު ހޯދުމުގައި އަޅުގަނޑުމެންގެ ފިލާވަޅުތަކުގެ ތެރެއިންވެސް، ސްކޫލް ތެރެއިންވެސް، އަޅުގަނޑުމެން އިތުރު މަސައްކަތްތައް ކުރުން. ޚާއްޞަކޮށް، ކަންބޮޑުވާ ކަންތައްތަކެއްގެ ވާހަކަ އަޅުގަނޑު މި ދެންނެވީ. މަސްތުވާތަކެއްޗާއި އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންގެ މި ބަސްމޮށުންތެރިކަން، އަޅުގަނޑުމެންގެ ބަހުރުވަ މި ހުންނަގޮތް، ވާހަކަ ދެއްކުން މި ހުންނަގޮތް ރަނގަޅުކުރުން. ވަރަށް ހަޑިހުތުރު ބަހުރުވައިން މަގުމަތީގައި ވާހަކަ ދައްކަނީ، ތުއްތުކުދިން ތިބޭއިރު. އިހަށްދުވަހުވެސް އަޅުގަނޑަށް އަޑުއިވުނު. ދެން ދެ ކަންފަތުގައި އަތްއަޅަން މި ޖެހުނީ. އެހެން ކަމަކުނުދާނެ އެއްގޮތަކަށްވެސް. އަޅުގަނޑުމެންގެ ކޮންމެ ބައެއްގެވެސް ދަރިންވެސް ތިބޭނެ، ތުއްތު ކުދިންވެސް ތިބޭނެ، ޢާއިލާ ތިބޭނެ. އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު ބޭނުމެއް ނުވާނެ، އަޅުގަނޑުމެންގެ ކުދިންނަށް ހުތުރު ބަސްތައް އަޑުއިވި، އެ ދަސްވެ، އެ ކުދިން އެ ބަހުރުވަތައް ބޭނުންކޮށްގެން ބަސްތައް ބޭނުންކޮށްގެން ވާހަކަދައްކާކަށް. މިއީ، މުޖުތަމަޢެއްގެ ތެރޭގައި އޮންނާނެ އެންމެ ހަޑި ސިފަ. އަދި ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އިސްލާމީ ރިވެތި މުޖުތަމަޢެއްގައި، ސައްތައިން ސައްތަ މުސްލިމް ބައެއްގެ ގޮތުގައިވެސް އެންމެ އިސްކަންދޭން ޖެހޭ ކަމަކީ މިއީ.

އަޅުގަނޑު ހަމަ މި ފާހަގަކޮށްލީ، އަޅުގަނޑަށް އެނގޭ ހުކުރު ޚުޠުބާ ވަރަށް ރަނގަޅު. ވޭތުވެދިޔަ އަހަރުތަކުގައި މުޖުތަމަޢުގައި އެވަގުތެއްގައި އޮންނަ އެންމެ މުހިންމު ކަންތައްތަކަށް ވަރަށް ރަނގަޅަށް އަލި އަޅުއްވައިލައްވައި ވަރަށް ރަނގަޅު ނަސޭހަތްތައް ދެއްވާ. ކަނުލައި އަޑުއަހައި، ގެއަށް އައިސްވެސް އޮންލައިންކޮށް ބަލައިގެންވެސް ކިޔާހާ ޝައުޤުވެރިކަން މި ހުކުރު ޚުޠުބާގައިވެސް ހުރޭ. އެ ތައްޔާރުކުރައްވާ ބޭފުޅުން އަޅުގަނޑަށް އެނގޭ. އަޅުގަނޑު އެފަރާތްތަކަށްވެސް މި ފުރުޞަތުގައި ޝުކުރު އަދާކޮށްލަން. އެހެންވީމާ، މިކަމަށްޓަކައި އިތުރު ހިތްވަރެއް ލައިދެއްވުމަކީ ވަރަށް މުހިންމުކަމެއް. ކޮލެޖް، ޔުނިވަރސިޓީ، ސްކޫލްތައް، މިތަނުގައި އެބަތިއްބެވި އޭގެ އިސް ބޭފުޅުންވެސް. އަޅުގަނޑު މިހެން ދަންނަވާއިރު އެއްގޮތަކަށްވެސް ހީފުޅުނުކުރައްވާތި، ތިމަންނާމެން މިކަހަލަ ކަމެއް ނުކުރާތީތޯ އަޅުގަނޑު މިހެން މި ބުނެލަނީ. އެއްގޮތަކަށްވެސް އެހެނެއްނޫން. ކަމުގެ ބޭނުންވާވަރު ބޮޑުކަމުން މި ދެންނެވީ. ކޮންމެ ތަނަކަށް ދިޔަޔަސް، ކޮންމެކަހަލަ ބައްދަލުވުމަކަށް ދިޔަޔަސް، މިކަހަލަ ވާހަކަ، ތަކުރާރުކޮށް ދެއްކޭ، މައްސަލަ އޮންނަވަރުގެ ބޮޑުކަމުން.

އަޅުގަނޑުވެސް ދެން މިނިސްޓަރު ފާހަގަކުރެއްވި ގޮތަށް، މިކަމުގައި ހަމަ ބައިވެރިވެވަޑައިގެންނެވި ހުރިހާ ފަރާތްތަކަށް، ޢިލްމުވެރިންނަށް، ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އަދި ކޮންމެ ރެޔަކު، ކޮންމެ ދުވަހަކު ވަރަށް ބުރަކޮށް، ރައްޔިތުންނާ ހަމައަށް، އެތަނުގައި ސީދާ ނެތް ރައްޔިތުންނާ ހަމައަށް ގެންދިއުމަށްޓަކައި މަސައްކަތްކުރެއްވި ޓީ.ވީ.، ރޭޑިޔޯތައް އެބަހުރި. އޭގެތެރޭގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ޕީ.އެސް.އެމް.ގެ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވިކަން. އެއާއެކު އަޅުގަނޑުމެންނަށް އަބަދުވެސް ހިތްވަރުދެއްވާ ފަރާތްތައް، ކުންފުނިތައް. ކުންފުނިތަކުގެ ވާހަކަ މިނިސްޓަރ ވިދާޅުވެއްޖެ. ފަހަރެއްގައި ކިޔަން އުޅެގެން އަޅުގަނޑަށް ވެއްޓިދާނެ ބައެއް ކުންފުނިތަކުގެ ނަންތައް. އެހެންނަމަވެސް އަޅުގަނޑަށް ކުރިމަތިން އެބަ ފެނޭ، ޕީ.އެސް.އެމް. ދިރާގު، އުރީދޫ. ދެން އެއާއެކު ބައެއް އެހެނިހެން ކުންފުނިތައް ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބްރާންޗާއި އަދި އެނޫން ބައެއް އަމިއްލަ ކުންފުނިތަކުންވެސް އަޅުގަނޑުމެންނަށް ވަރަށްބޮޑު އެހީތެރިކަމެއް ފޯރުކޮށްދިންކަން ފާހަގަކޮށްލަން. އެފަރާތްތަކަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މިކަމުގައި އިސްލާމިކް މިނިސްޓްރީ ބޭފުޅުންގެ އެ ހުންނަ ޝައުޤުވެރިކަން ފާހަގަކޮށް އަޅުގަނޑު އެކަމަށް ވަރަށް އުފާކޮށް މިނިސްޓްރީގައި މިކަމުގައި އުޅުއްވި ހުރިހައި ފަރާތްތަކަށާއި، އެފަރާތްތަކަށް އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށާއި، މިކަމުގައި ބައިވެރިވެދެއްވި ހުރިހައި ފަރާތްތަކަށް، ސްކޫލް، ކައުންސިލްތައް، އަދި އެނޫނަސް ރަށްރަށުގައި، އަތޮޅުތަކުގައި ހިމެނޭ ސަރުކާރުގެ އެހެނިހެން މުއައްސަސާތަކާއި، އަމިއްލަ ހުރިހާ ފަރާތްތަކަށް ޖުމްލަކޮށް ޝުކުރު އަދާކުރަން.

އަޅުގަނޑުގެ އުންމީދަކީ، މިގޮތަށް އެންމެންނަށް އެކީގައި މަސައްކަތްކުރެވި، މިހެން ހުރި މައްސަލަތަކާއި، އަޅުގަނޑުމެން އެންމެ ކަންބޮޑުވާ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި މި ކުރެވޭ މަސައްކަތުން، އިރާދަކުރެއްވިއްޔާ އެދެވޭ ނަތީޖާއެއް ނެރެވި، ކުރިޔަށް އޮތް ޖީލަކީ، އަޅުގަނޑުމެން އުފާކުރާކަހަލަ، އަޅުގަނޑުމެން ފަޚުރުވެރި ވާކަހަލަ، ޤައުމަށް އެންމެ ބޭނުންތެރިކަހަލަ، ޖީލަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެކަމަށް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެން ކުރާ ހެޔޮ މަސައްކަތުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ ބަރަކާތް ލައްވައި، އަޅުގަނޑުމެންނަށް އަބަދުވެސް ހެޔޮ ވިސްނުން ދެއްވައި، ހެޔޮ މަގުންދިއުމުގެ ސާބިތުކަން اللَّـهُ سُبْحَانَهُ وَتَعَالَىٰ އިތުރުކުރެއްވުން. އާމީން!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.