بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން، ވައިސް ޗާންސެލަރ ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާ، ޑެޕިއުޓީ ވައިސް ޗާންސެލަރުން، އިސްލާމީ ޔުނިވަރސިޓީގެ ކައުންސިލް މެންބަރުން، ފެކަލްޓީތަކުގެ ޑީނުންނާއި، އެންމެހައި ލެކްޗަރާއިން، އަދި ހީވާގި މުވައްޒަފުންނާއި، އެންމެހައި ދަރިވަރުން، އަދި މި ޙަފްލާގައި ދަސްވެނިވާ ހުރިހާ ދަރިވަރުންނާއި، ބެލެނިވެރިން، އަދި ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މިރޭ އަޅުގަނޑުގެ އެންމެ އިސް ވާޖިބަކީ، މި ޙަފްލާގައި ދަސްވެނިވި ހުރިހާ ފަރާތްތަކަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރުން. ތިޔަބޭފުޅުން ހާސިލުކުރެއްވި ތަޢުލީމާއި، ހޯއްދެވި ތަޖުރިބާގެ އަލީގައި ދިރިއުޅުން ބައްޓަންކޮށް، ޤައުމަށް ޚިދުމަތް ކުރެއްވުމުގެ ހެޔޮ ތައުފީޤާއި ނަސީބު މިންވަރު ކުރެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

އާދެ، ޢާއިލާއެއް ބެލެހެއްޓުމުގެ މުހިންމު ޒިންމާއާއި އަދި ބުރަ މަސައްކަތް ކުރައްވަމުން، ތިޔަބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުންތަކެއް މިފަދަ މަތީ ވަނަތަކެއް ހާސިލުކުރެއްވިކަމީ، އެއީ ތަޢުލީމަށް ތިޔަބޭފުޅުންގެ ހިތުތެރޭގައި އޮތް ޝައުޤުވެރިކަން ހާމަކޮށްދޭ ކަމެއް. އާދެ، އަޅުގަނޑު ދަންނަވާނީ، މިއަދު ތިޔަބޭފުޅުން ތިޔަ ހާސިލުކުރެއްވި ދަރަޖައަކީ، ތިޔަ ވަނައަކީ އެއީ ކާމިޔާބެއްގެ ފެށުން ކަމަށް. އަދި މި ކާމިޔާބުގެ އަލީގައި ދިރިއުޅުން ބާއްޖަވެރި ކުރައްވައި އަދި މުޖުތަމަޢަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވުމަށްޓަކައި، މަސައްކަތް ކުރައްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އާދެ، މި ލިބުނު ނިޢުމަތުގެ އެންމެ ހެޔޮ ބޭނުންހިފާނެކަމީ އެއީ، އަޅުގަނޑު އެއްވެސްވަރަކަށް ޝައްކުކުރާ ކަމެއް ނޫން.

އާދެ، އަޅުގަނޑުމެން ފާހަގަކޮށްލަން އެބަޖެހޭ، ދުވަހަކުވެސް ފަހިނުވާވަރަށް މިހާރު މިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ފަސޭހަކަމާއެކު ތަޢުލީމީ ފުރުޞަތުތައް އާދެ، މިފަދަ ފުރުޞަތުތައް ހާސިލުކުރުމަށްޓަކައި މަގުފަހިކުރެވިފައި. އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވިސްނުންފުޅަކީ ޚާއްޞަކޮށް، އިންސާނީ ވަސީލަތް ތަރައްޤީކުރުން. އަތޮޅުތެރެއަށް ތަޢުލީމު ފުޅާކޮށް، ޤައުމަށް އެންމެ ބޭނުންވާ ދާއިރާތަކަށް ޚާއްޞަކޮށް، އަދި މީގެ ތެރެއިން ތަޢުލީމީ ދާއިރާއަށް މީހުން ބިނާކުރުން. އާދެ، އެނގިވަޑައިގަންނަވާނެ، ސަރުކާރުން ވަރަށް ބޮޑު ހޭދައެއް މިކަމަށް މިކުރަނީ މި ބޭނުމުގައި. އާދެ، ފަހުން ފެށިގެން މިދިޔަ ޑިގްރީ ޕްރޮގްރާމަށް ބަލައިލިނަމަވެސް، މިއަދު އަޅުގަނޑުމެންނަށް އެބަ ފެނޭ، ސާދަހާހަށްވުރެ ގިނަ ދަރިވަރުން މި ޕްރޮގްރާމްގައި ކިޔަވަމުންދާތަން.

އާދެ، އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުން، ވަޒީފާއަކަށް ނުކުންނައިރު، ވަޒީފާއެއް އަދާކުރަން ފަށާއިރު، އަޅުގަނޑުމެން އެންމެ ބޭނުންވާ، އެންމެ ހިތްހަމަޖެހޭކަހަލަ ވަޒީފާއެއް އަދި އަޅުގަނޑުމެންނަށް ނުލިބި ހިނގައިދާނެ. އެހެންނަމަވެސް، އަޅުގަނޑު މީގައި ދަންނަވާނީ ޢަޒުމެއްގައި ގަދައަޅައި، ރަނގަޅަށް މަސައްކަތްކުރާ މީހަކަށް، އެމީހާ ބޭނުންވާ ހިސާބަށް ދިޔުމަކީ، އެއީ ހަމަ އެއްވެސް އުނދަގޫ ކަމެއް ނޫނޭ. އަދި ހަމަ އެއާއެކު، ކޮންމެފަދަ މަގާމެއްގައި ހުއްޓަސް، އިޚްލާޞްތެރިކަމާއެކު ޤައުމަށް ޚިދުމަތް ކުރުމަކީ އެއީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް. އާދެ، އަޅުގަނޑުމެންނަށް އެނގޭ، މަގާމާއި، ޢިއްޒަތާއި، ޝަރަފާއި، އާރާއި ބާރު، މިއީކީ އެއްވެސް ހާލެއްގައި އަބަދު މީހަކަށް ލިބިފައި އޮންނަ އެއްޗަކަށްނުވޭ. އެހެންނަމަވެސް، ތިމާއަށް ލިބިފައިވާ ޢިލްމަކާއި، ތިމާއަށް ލިބިފައިވާ ތަޖުރިބާއަކާއި، ތިމާއަށް ލިބިފައިވާ ރީތި ސިފަތަކާއި އަޚްލާޤަކީ، އެއީ އަދި ތިމާއާ މަގާމު ވަކިވެގެންދިޔަޔަސް، ދުވަހަކުވެސް ތިމާއާ ވަކިވެގެންދާނެ އެއްޗެއް ނޫން.

އާދެ، އަޅުގަނޑު ހަމަ ކުޑަ އެއްޗެއް ދަންނަވާލަން އެބަ ބޭނުންވޭ މިއަދު. މިސާލަކަށް، ކާރުގެ ދޮރުފަތް ހުޅުވާކަށް އަޅުގަނޑު މިހާރު ނުޖެހޭ. ވަންނަ އެއްވެސް ތަނެއްގެ ދޮރު ހުޅުވާކަށްނުޖެހޭ. ފެން ތަށްޓެއް ތަނަކުން ނަގާކަށްނުޖެހޭ. ސައިތަށްޓެއްވެސް ގިނަފަހަރަށް ނަގާކަށްނުޖެހޭ. މިތަނަށް ވަންނަން އަންނައިރު، އަޅުގަނޑު މިތަނުން އަންނަންވާ ގޮތް ވަރަށް ރީތިކޮށް ކިޔައިދެއްވައި، އަޅުގަނޑު އިންނަންވާ ތަނުގައި އަޅުގަނޑު ވަރަށް ރީތިކޮށް ބައިންދާ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެއީ އެއްވެސް ހާލެއްގައި، ޏ. ފުވައްމުލަކު ނޫޑަލްހީ ފައިޞަލް ނަސީމަށް ވެގެން ކޮށްދޭ ކަމެއް ނޫނޭ. އެއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް މިއަދު ކޮށްދޭ ކަމެކޭ.

އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، އަބަދުވެސް މީހުންނަށް ހެޔޮކޮށްހިތަން. މީހުންނަށް އޯގާތެރިކޮށް ކަންތައްތައް ކޮށްދޭން އެބަޖެހޭ. އޭރުން އެ މަގާމު ނޯންނަ ދުވަހަކުވެސް ކޮންމެވެސްވަރެއްގެ އިޙްތިރާމަކާއި، ޤަދަރަކާއި، ލޯތްބެއް އެމީހާއަށް ލިބޭނެ. އެއީކީ އެއްވެސް މީހަކަށް ވަކިކުރެވޭނެ އެއްޗެއްވެސް ނޫން. ގެންދެވޭނެ އެއްޗެއްވެސް ނޫން. އެހެންވީމާ، އަޅުގަނޑު ހަމަ ޚާއްޞަކޮށް، އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް، މިއަދު ނަސޭހަތެއްގެ ގޮތުން ދަންނަވާލަން ބޭނުންވޭ. ކައިރީގައި ތިބޭ މީހުންނަށާއި، ދުރުގައި ތިބޭ މީހުންނަށާއި، އެކިއެކި ކަންކަމުގައި އަންނަ މީހުންނަށް ހެޔޮކޮށްހިތާށޭ. ކަންތައްތައް ރަނގަޅަށް ކުރާށޭ. އޭރުންނޭ އަބަދުވެސް އެ ލިބިލިބި ހުންނަ އެ ޤަދަރު، އެ ޢިއްޒަތް، އެ ޝަރަފް އެމީހަކަށް ތާއަބަދަށްވެސް ލިބޭނީ.

އާދެ، މި ފުރުޞަތުގައި ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ވަރަށް ބޮޑަށް އަޅުގަނޑު ޝުކުރު އަދާކުރަން ބޭނުންވޭ. ދިވެހިރާއްޖޭގައި ތަޢުލީމު ފުޅާކުރުމަށްޓަކައި، ޚާއްޞަކޮށް، ދީނީ ތަޢުލީމު، ޤުރްއާނުގެ ޢިލްމު ފުޅާކުރުމަށްޓަކައި ވަރަށް ގިނަގުނަ މަސައްކަތްތަކެއް އެބަ ކުރައްވާ، އަދި ޚާއްޞަކޮށް، އަޅުގަނޑު ހަމަ ފާހަގަކުރަން ބޭނުން. އަޅުގަނޑުމެންގެ ތެރޭގައި، މުޖުތަމަޢުގެ ތެރޭގައި ތިބި ޚާއްޞަ އެހީއަށް، ޚާއްޞަ އަޅައިލުމަށް ބޭނުންވާ ފަރާތްތަކަށް މަގު ހޯދައިދިނުމަށްޓަކައި ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާ. އާދެ، މިކަމަށްޓަކައި ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިނަށާއި، ވައިސް ޗާންސެލަރަށާއި އަދި މުޅި ޔުނިވަރސިޓީގެ މެނޭޖްމަންޓަށް އަދި ހުރިހާ މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑު މިއަދު އުފާވަނީ ވޭތުވެދިޔަ ހަތްވަރަކަށް އަހަރު ދުވަހުގެތެރޭގައި، މި ޔުނިވަރސިޓީން ގާތްގަނޑަކަށް ހަތަރުހާހަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެ، ޤައުމީ ޚިދުމަތުގައި މިހާރު ދެމިތިބީތީވެ. އާދެ، އަޅުގަނޑު ތިޔަބޭފުޅުންނަށް ދޭން އޮތް ނަސޭހަތަކީ، މި ޔުނިވަރސިޓީން ތިޔަބޭފުޅުންނަށް ހާސިލުވި ޢިލްމެއްގެ ބޭނުންކޮށްގެން، މުޖުތަމަޢުގެ ތެރޭގައި ހުރި މައްސަލަތައް، ހުރި ކަންތައްތައް ޙައްލުކުރުމަށްޓަކައި އެބަ މަސައްކަތް ކުރަންޖެހެއޭ. ސަރުކާރުގެ ވުޒާރާތައް ހުރޭ، ކަންކަމާ ގުޅޭ. އެއީ ހެލްތު މިނިސްޓްރީ ކަމުގައިވިޔަސް، ޖެންޑަރ މިނިސްޓްރީ ކަމުގައިވިޔަސް، ޔޫތު މިނިސްޓްރީ ކަމުގައިވިޔަސް. އަދި އެނޫނަސް އެޑިޔުކޭޝަން މިނިސްޓްރީ ކަމުގައިވިޔަސް، އެކިއެކި ކަންތައްތަކާ ގުޅޭ، އެކިއެކި ކަންތައްތައް ބަލަހައްޓަންޖެހޭ މުއައްސަސާތަކެއް ހުރޭ.

ހަމަ އެއާއެކު، ދިވެހި ފުލުހުންގެ ޚިދުމަތެއް އޮވޭ. އަޅުގަނޑުމެންގެ ތެރޭގައި ޖުޑިޝަރީ އެބައޮވޭ. ޤާނޫނު ހަދާ މަޖިލީސް އެބައޮވޭ. މިހެން ގޮސް ޤައުމަކަށް ބޭނުންވާނެ، ޤައުމެއްގެ ކަންތައްތައް ބަލަހައްޓަންޖެހޭ ހުރިހާ މުއައްސަސާތަކެއް އަދި އަމިއްލަ ޖަމުޢިއްޔާތައް އަޅުގަނޑުމެންގެ ތެރޭގައި އެބައޮވޭ. އެހެންނަމަވެސް، އަޅުގަނޑުމެން އެންމެންގެ ޤައުމެއް މިއީ. އަޅުގަނޑުމެންގެ ޤައުމުގައި ރަނގަޅު ކަމެއް ހިނގިޔަސް، ނުރަނގަޅު ކަމެއް ހިނގިޔަސް، އޭގެ އަސަރު އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް، އެއީ ވަޒީރަކަށްވިޔަސް، ރައީސުލްޖުމްހޫރިއްޔާއަށް ވިޔަސް، އަދި އަޅުގަނޑުމެންގެ ތެރެއިން ކޮންމެކަހަލަ މަގާމެއް، ވަޒީފާއެއް އަދާކުރާ މީހަކަށްވިޔަސް، އެ ކަންތައްތަކެއްގެ އަސަރު ކުރާނެ. ތަޢުލީމު ލިބުމުގެ ބޭނުމަކަށްމިވަނީވެސް، ތަޢުލީމު ހޯދުމުގެ، ޢިލްމު އުނގެނުމުގެ ބޭނުމަކަށްމިވަނީވެސް މުޖުތަމަޢުގެ ތެރޭގައި ހަމަޖެހުން ޤާއިމުކުރުމަށްޓަކައި އަދި އެހެން މީހުންނަށް އެ ތަޢުލީމު ފޯރުކޮށްދީ ރަނގަޅު މަގުތައް ދައްކައިދިނުމަށް.

އެނގިވަޑައިގަންނަވާނެ، ދުނިޔޭގެ އެހެން ޤައުމުތަކުގައި މުޖުތަމަޢުގެ ތެރޭގައި ހުރި މައްސަލަތަކެކޭ އެއްގޮތަށް، އަޅުގަނޑުމެންގެ ތެރޭގައިވެސް މައްސަލަތައްވެސް އެބަހުރި. ޚާއްޞަކޮށް، މިފަދަ ކުދިކުދި ރަށްތަކުގައި، މާލެ ކަހަލަ ކުދިކުދި ރަށްތަކުގައި އުޅެންނުޖެހޭ މިންވަރަށް އާބާދީ ބޮޑުވެގެން، އަދި ބޭރު ޤައުމުތަކުގެ މީހުންނާ އެކީގައިވެސް ބޮޑުވެގެންދިޔުމުން، ފަހަރެއްގައި އަޅުގަނޑުމެންގެ ތެރޭގައި، މުޖުތަމަޢުގެ ތެރޭގައި ހުރި މިކަހަލަ އިޖުތިމާޢީ، މައްސަލަތައް ގިނަވެގެން ހިނގައިދާނެ.

އާދެ، ރާއްޖޭގައި އެނގިވަޑައިގަންނަވާނެ، ތިޔައިން ކޮންމެ ބޭފުޅަކުވެސް، އަޅުގަނޑަށް ހަމަ ޔަޤީން، އެންމެ ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި މި އޮންނަނީ، މަސްތުވާތަކެތީގެ ވަބާއާ ގުޅުންހުރި މައްސަލަތައް. އަޅުގަނޑުމެންގެ ތެރޭގައި ޒުވާން، ބްރިލިއަންޓް، ވަރަށްމޮޅު ރަނގަޅު ކުދިންވެސް އެބަތިބި. އަދި ޒުވާނުންނާއި އަޅުގަނޑުމެންގެ ހަމަ އެއްބަނޑު މީހުން، އަޅުގަނޑުމެންގެ ތިމާގެ މީހުން، އަޅުގަނޑުމެންގެ ރައްޓެހިން ނުވަތަ އަޅުގަނޑުމެންގެ އަވަށްޓެރިން، މީގައި ޖެހިގެން ގޮސް ހަލާކުވެގެންދިޔުމަކީ އެއީ މައިންބަފައިން، އެއްވެސް ރައްޓެއްސެއް، އެއްވެސް މީހަކު ބޭނުންވާނެ ކަމެއް ނޫން. މިއަދު އަޅުގަނޑުމެން ތަޢުލީމީ ބަޔަކަށްވެ ތިބެ، އަޅުގަނޑުމެން އެބަޖެހޭ މިކަމަށް ފުންކޮށް ވިސްނަން. މި މައްސަލަ ޙައްލު ކުރުމަށްޓަކައި، އަޅުގަނޑު ކުރިން މި ދެންނެވި މުއައްސަސާތައް ހުރި ނަމަވެސް، ފަރުދީ ލެވެލްއެއްގައިވެސް އަޅުގަނޑުމެންނަށް ކުރެވެންހުރި މަސައްކަތްތައް ކުރުން އެއީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބު ކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ.

އާދެ، ހަމަ އެއާއެކު، އަޅުގަނޑުމެން އެންމެ ލޯބި ދޭންޖެހޭ، އެންމެ އަޅައިލުން ދޭންޖެހޭ، އަދި ދީނީގޮތުންވެސް، ދުނިޔަވީގޮތުންވެސް، ފަރުދީގޮތުންވެސް، މަންމަ، ބައްޕަ، ބޭބެ، ދައްތަ، ރައްޓެއްސެއްގެ ގޮތުންވެސް ލޯބި ދޭންޖެހޭ ބަޔަކީ ތުއްތުކުދިން. ހިތާމަކުރަންޖެހޭ، އަޅުގަނޑުމެންގެ ތެރޭގައި އެކި ދުވަސްތައް މަތިން ތުއްތުކުދިންނާ ގުޅޭގޮތުން ނޫސްތަކުންނާއި، އެކިގޮތްގޮތުން މި ފެންނަ މަންޒަރުތަކުން، މި ފެންނަ ޚަބަރުތަކުން. ގޯނާކުރުން، އަނިޔާކުރުން މިއީކީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނެ ކަންތައްތަކެއް ނޫން. މިއީ އަޅުގަނޑުމެން ހުއްޓުވަންޖެހޭ ކަންތައްތައް. މިކަން ހުއްޓެން އެބަޖެހޭ. މިކަމާ ދެކޮޅަށް އަޅުގަނޑުމެންގެ ތެރެއިން އެންމެން އަޑުއުފުލައި، މިކަހަލަ ކަންތައްތަކަށް އަޅުގަނޑުމެން މުޅިން ނޫނެކޭ ބުނެ، މި ކަންތައްތައް ކުރާ މީހުން ހުއްޓުވަންޖެހޭ. މުޅި ސަރުކާރާއި، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން އެބަޖެހޭ، މި ކަންތައްތައް ހުއްޓުވައި، މީހުންނަށް ނަޞޭޙަތްތެރިވެ، މި ކަންތައްތަކުގައި މީހުން ހޭލުންތެރިކުރުވަން. މިފަދަ ކަންތައްތައް ހިނގާ ކަމަށްވަންޏާ މިހާރު މި ވާހަކަތައް ދެކެވޭވަރަށްވުރެވެސް އިތުރަށް މި ވާހަކަތައް ދައްކައި، މިކަންކަން ހުއްޓުވަން އެބަޖެހޭ. މިއީކީ މުޖުތަމަޢެއްގެ ތެރޭގައި ގަބޫލުކުރެވޭނެ ކަންތައްތަކެއް ނޫން. ކުޑަކުދިންނަކީ ކޮންމެފަދަ ކަމެއް ކުރިޔަސް، ދެ އަހަރު، ތިން އަހަރުގެ ކުދިން، ހަ މަހުގެ ކުދިން، ހަތަރު އަހަރުގެ ކުދިން. ކިހިނެއްތޯ އެނގޭނީ. ގޯސްކަމެއް ކުރިޔަސް، ރަނގަޅު ކަމެއް ކުރިޔަސް ނޭނގޭނެ. އެހެންވީމާ، އެއީ، ކަނޑައެޅިގެން ކޮށްގެންވާނޭ ކަންތައްތަކެއް ނޫން. އަޅުގަނޑުމެން މިކަހަލަ ކަންތައްތައް ހުއްޓުވަން އަޅުގަނޑުމެންގެ މުޖުތަމަޢުން، މިހާރު މިކުރާ މަސައްކަތަށްވުރެ ބޮޑަށް އަޅުގަނޑުމެން ހޭލުންތެރިވެ، އަޅުގަނޑުމެން މަސައްކަތްތައް ކުރަން އެބަޖެހޭ.

އާދެ، ހަމަ އެއާއެކު، އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، އަޅުގަނޑުމެން މިއަދު މިތިބީ ވަރަށް ޖާނުގައި ވަރުހުރި މީހުންގެ ގޮތުގައި އިރާދަކުރެއްވީތީ. ރަނގަޅު ޞިއްޙަތެއް އަޅުގަނޑުމެންނަށް ވަނީ ދެއްވާފައި. ވަރަށް ވަރުގަދަކޮށް އަޅުގަނޑުމެން މިތިބީ. ސަތޭކަ، ދުއިސައްތަ ކިލޯ އަޅުގަނޑުމެންނަށް މިއަދު ހިއްލައިލެވޭހާ ބާރުގަދަކޮށް އަޅުގަނޑުމެން މިއަދު މިތިބީ. އެހެންނަމަވެސް، ދުނިޔޭގައި ލެހެއްޓެވި ކަމަށްވަންޏާ، ގައިބާރު ދޫވެ، އަޅުގަނޑުމެންނަށް ހަމަ އެއްވެސް އެއްޗެއް ހިއްލައިނުލެވޭ، އެއް ކިލޯގެ ބަރުދަންވެސް ހިއްލައިނުލެވޭ ދުވަހަކީވެސް އަންނާނެ ދުވަހެއް. އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި ޢުމުރުން ދުވަސްވީ، އަޅުގަނޑުމެންގެ ކޮންމެވެސް ބައެއްގެ ކާފަ، ބައްޕަ ނުވަތަ ބޭބެ، ނުވަތަ މާމަ، މަންމަ، ދައްތަ، އެ ޢުމުރުގައި ތިބޭއިރު، އެމީހުންނާމެދު އަޅުގަނޑުމެން ޚާއްޞަ އަޅައިލުން އަޅައިލަންޖެހޭ. މިފަދަ ކުޑަ ޤައުމެއްގައި ހަނގުރާމައެއް ނެތް، ޔަތީމުންގެ ގޮތުގައި، އޯފަނޭޖް ދަރަޖައަށް ނުދާ ޤައުމެއްގައި އަޅުގަނޑަށް އުނދަގޫވޭ ހަމަ ޤަބޫލުކުރަންވެސް، އެފަދަ ފަރާތްތައް ތާއަބަދަށް ހުރި ބައްޔެއް، ހުރި ކަމެއް، ރަނގަޅު ކުރުމަށްޓަކައި ބެލެހެއްޓުމަކީ ހަމައެކަނި ސަރުކާރަކުން ކުރަންޖެހޭނެ ކަމެއްނޫން.

މިހެން މި ދެންނެވީ، އަޅުގަނޑަށް ވަރަށް ގިނައިން މާލެއަތޮޅު ގުރައިދުއަށް ވަރަށް ކުރިއްސުރެ ފެށިގެންވެސް ދެވޭ. މިހާރު އަދި މާގިނައިން ދެވޭ. އަޅުގަނޑަށް އުނދަގޫ އެ މަންޒަރު ދެކެން. އަޅުގަނޑުގެ ލޮލުން ހަމަ ކަރުނަ އާދޭ. އަޅުގަނޑު ދިޔުމުން ބައެއް މީހުން އަޅުގަނޑު ކައިރީ ދައްކާ ވާހަކަ އަޑުއަހާފައި އަޅުގަނޑު ދެރަވޭ. އެހެންވީމާ، އަޅުގަނޑުމެންގެ މަންމަ، ބައްޕަ، އަޅުގަނޑުމެން ބަލައި ބޮޑުކޮށް، އަޅުގަނޑުމެންނަށް މި ހުރިހާ ކަންތައްތަކަކަށް މަގުފަހިކޮށްދީ، އަޅުގަނޑުމެން ފިޔަޖަހާފައި އުދުހުމުގެ ފުރުޞަތު ހޯދައިދިނުމަށްފަހު، އެމީހުން އެންމެ މުސްކުޅިވާ ދުވަހު، އެމީހުންނާ ދޭތެރޭގައި އަޅުގަނޑުމެން ހެޔޮކޮށްހިތަންޖެހޭނެ. އެއީ، އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް.

އަޅުގަނޑަކީ ދީނީ ޢިލްމުވެރިއެއް ނޫން. އެހެންނަމަވެސް، އަޅުގަނޑަށް އެނގޭ، އިސްލާމްދީނުގައިވެސް އެންމެ ބާރުއަޅުއްވައިފައި އޮންނަ ކަމަކީ، މައިންބަފައިންނަށް ހެޔޮކޮށްހިތުން. އަޅުގަނޑަށްވުރެ މާރަނގަޅަށް އެ ކަންތައް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ތިޔަބޭފުޅުންނަކީ މި ދިރާސާތައް މާބޮޑަށް ކުރައްވާ ބޭފުޅުން. އެހެންވީމާ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި ހުރި މި ބާވަތުގެ ކަންތައްތައް ރަނގަޅު ކުރުން އެއީ، އަޅުގަނޑުމެން ތަޢުލީމު މި އުނގެނޭ ބޭނުމަކީ. މިކަމަށް އަޅުގަނޑުމެން އިތުރަށް މަސައްކަތްތައް ކުރަން އެބަޖެހޭ.

އާދެ، ކޮންމެ ކަމެއް ކުރިޔަސް، ތަޢުލީމީ ދާއިރާގައި ނަމަވެސް، އަދި މަސައްކަތުގެ މާޙައުލުގައިވިޔަސް، އަޅުގަނޑުމެން އަބަދުވެސް ޕޮޒިޓިވްކޮށް ތިބެން އެބަޖެހޭ. މިސާލަކަށް، އަޅުގަނޑު މި ތަށި ދައްކާލައިފި ކަމަށްވަންޏާ، އަޅުގަނޑަކަށް ނޭނގެ، ތިޔަބޭފުޅުންނަށް މި ފެނިވަޑައިގަންނަވަނީ ކޮންގޮތަކަށް ކަމެއް. މީގެ އެއްބައިގައި މިހިރީ ފެން. އަޅުގަނޑުމެންނަށް ލިބިފައި އޮތް ނިޢުމަތަކަށް އަޅުގަނޑުމެން އަބަދުވެސް ޝުކުރުވެރިވާންޖެހޭ. އެހެން މީހަކަށް ލިބޭ އެއްޗަކަށް އަޅުގަނޑުމެން އެއްގޮތަކަށްވެސް ޙަސަދަވެރިވާކަށް ނުޖެހޭ. އެހެން މީހަކަށް ކިތަންމެ އެއްޗެއް ލިބުނަސް، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ލިބެން އޮތް އެއްޗެއް އަޅުގަނޑުމެންނަށް ލިބޭނެ. ފެންތަށީގައި ހުރީ ދެބައިކުޅަ އެއްބަޔަށް ފެން. އެކަމަކު ދެން އަޅުގަނޑަކަށް ނޭނގެ. އަޅުގަނޑަށް ހަމަ ޔަޤީން، ތިޔައިން ބޭފުޅަކު ވިދާޅުނުވާނެކަން އެއީ، ދެބައިކުޅައެއްބައި ހުސް ތަށްޓެކޭ. އަޅުގަނޑަށް ހަމަ ޔަޤީން ވިދާޅުނުވާނެކަން. އެއަށްވުރެ ތިޔަބޭފުޅުން މާ ވިސްނުންތޫނު. އަޅުގަނޑުމެންނަކީ ލިބޭ މިންވަރަށް ޝުކުރުކުރާ، ޙަމްދުކޮށްގެން ތިބޭ ބައެއް، އެކަހަލަ މުޖުތަމަޢެއް. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރަނީ ފެންތަށީގައި ދެބައިކުޅައެއްބަޔަށް ފެން ހުރިކަމަށް.

އާދެ، ޤައުމުގެ ޙާލަތު ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު އޮތްގޮތް، ވައިސް ޗާންސެލަރ ޑޮކްޓަރ ޒަކަރިއްޔާ ވިދާޅުވެދެއްވައިފި. އެކަމުންވެސް އަޅުގަނޑުމެންނަށް އަރައިގަނެވުނީ ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މާލިމީ ކަމުގައި. އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ސީދާ ވަރަށް ގިނަ ބަޔަކު ބައިވެރިވެގެން. މި ޔުނިވަރސިޓީގެވެސް ވަރަށް ގިނަ ބޭފުޅުންގެ އެހީތެރިކަން ލިބުނު. އެކަމުގައިވެސް، އަޅުގަނޑުމެން އިސްކުރީ ޕޮޒިޓިވްކޮށް ތިބެން. އަދި ދަތި އުނދަގޫ ކަންތައްތަކުގެ ތެރެއިންވެސް ފަސޭހަކަން ހޯދުން. އަނެއްކާވެސް ދަންނަވާލަންޖެހެނީ، އެނގިވަޑައިގަންނަވާނެ، އިސްލާމްދީނުގައިވެސް، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް އަންގަވާފައި މި އޮންނަނީ، އަޑިގަނޑަކަށްފަހު އަޅުގަނޑުމެންނަށް އުސްގަނޑެއް އަންނާނެކަން. ދަތި އުނދަގުލަކަށްފަހު ފަސޭހަ އަންނާނެކަން. މިއިން ކޮންމެ ކަމެއްވެސް މި އޮންނަނީ އިމްތިޙާނެއްގެ ގޮތުގައި. އެހެންވީމާ، މި ބޮޑު ކަންތަކުން އަޅުގަނޑުމެންނަށް އަރައިގަނެވުނީ، އަޅުގަނޑުމެންގެ ދަތި ކަންތައްތައް ފަސޭހަކަމެއްގެ ތެރެއަށް ބަދަލުކޮށްލައި، އަދި އެ ޕޮޒިޓިވް ވިސްނުން އަޅުގަނޑުމެން އެންމެންގެ ތެރޭގައި ހުރެގެން. އެހެންވީމާ، އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވޭ، ކޮންމެ ކަމެއް ކުރާއިރުވެސް އެބަޖެހެއޭ ޕޮޒިޓިވްކޮށް ވިސްނަން.

އަނެއްކާވެސް ކުޑަކުޑަ އެއްޗެއް ދަންނަވާލާނަން. 2014 ވަނަ އަހަރު، ކުރީގެ ޚާއްޞަ މަޖިލިސް، ފަހުން ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު ހޮވި، އެ މަޖިލީހަށް އަޅުގަނޑު ދިޔަ ދުވަހު، ކާރުން ފައިބައިގެން ހަމަ ދިޔަތަނާ، ކޮންމެވެސް އެއް މެންބަރަކު ވިދާޅުވަނީ، ހާދަ އަވަހަކަށޭ ތިޔަ ކާރެއް ގަނެލީ. އަޅުގަނޑު ކާރު ދުއްވާތާ، އަޅުގަނޑު އަތުގައި ކާރެއް އޮންނަތާ ވެއްޖެ އޭރުވެސް ވިއްސަކަށް އަހަރު. އަޅުގަނޑު ފަހުން ކާރެއް ނުދުއްވަން. މާލޭގައި ތަންކޮޅެއް އެއްޗެތި ގިނަވީމާ. ދެން ފަހުން ޑްރައިވަރެއް ގެންގުޅުނީ.

އެހެންވީމާ، އަޅުގަނޑު މި ދަންނަވަނީ، މިކަހަލަ ކަންކަމަށް ޕޮޒިޓިވްވާން އެބަޖެހެއޭ އަޅުގަނޑުމެން. މީހެއްގެ އަތުގައި އެއްޗެއް އޮތުމަކީވެސް، އަދި މިސާލަކަށް، މީހަކު ގަޑިއެއް އަޅައިފައި ހުރި ކަމަށްވަންޏާ، އަހަރެން އަޅާފައި ހުރި ވައްތަރުގެ ގަޑިއެއްދޯއޭ ތި އެޅީ. އެހެން މީހުން އަތުގައި ފައިސާހުރި ކަމަށްވަންޏާ، ކޮންމެ މީހަކަށްވެސް ގަނެވޭނެ އެއްޗެހިވެސް. އެ ފައިސާއަކީވެސް މަސައްކަތް ކުރީމާ ލިބޭ އެއްޗެއް. އެއީކީ ކޮންމެހެން ވަކި ކުލައެއްގެ މީހަކަށް، ވަކި ވައްތަރެއްގެ މީހަކަށް ބަލާފައި ލިބޭ އެއްޗެއް ނޫން. އެހެންވީމާ، އަބަދުވެސް އަނެކާއާ ދޭތެރޭގައި އަޅުގަނޑުމެން ދެކެން އެބަޖެހޭ ތަންކޮޅެއް ރަނގަޅު ގޮތަކަށް. ޕޮޒިޓިވް ގޮތަކަށް ދެކެން އެބަޖެހޭ. އެހެންވީމާ، އަޅުގަނޑު ހަމަ ހިތަށްއެރީ މިކަހަލަ ވާހަކައެއްވެސް ހަމަ ދަންނަވާލުމަކީ މުހިންމު ކަމެކޭ.

ދެން އަޅުގަނޑަށް ތަންކޮޅެއް އުނދަގޫވެސްވި، ވައިސް ޗާންސެލަރުގެ ވާހަކަފުޅުގައި އަޅުގަނޑާ ބެހޭގޮތުން ތަންކޮޅެއް ބޮޑަށް ވިދާޅުވެވުނީމާ. ކުޑަކޮށް ލަދުގަންނަގޮތްވި. އަޅުގަނޑަކީ ވަރަށް ލަދުރަކިވެސް މީހެއް. އެހެންވީމާ، ދެން ކުޑަކޮށް އުނދަގޫވެސްވޭ. ދެން އެހެންނަމަވެސް، އަޅުގަނޑު މަޑުމަޑުން ހުރީ ވައިސް ޗާންސެލަރުގެ މޫނަށްވެސް ބަލައިނުލާ. އަޅުގަނޑުމެންގެ ޒިންމާއެއް އިނގޭތޯ މިއީ. އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް މިއީ. މިފަދަ ތަންތަނަށް އައުމާއި، މަސައްކަތްކުރާ ތަންތަން ބެލުމާއި، ކޯސްތައް ހިނގާ ނުހިނގާގޮތް ބެލުމާއި، ރަށްރަށުގައި ހުރި ލަރނިންގ ސެންޓަރުތަކަށް ދިމާވެފައި ހުންނަ ދަތިތަކާއި ކަންތައްތައް ބެލުމާއި، ސްކޫލްތަކުގެ ކަންތައްތައް ބެލުން. އެއީ އަޅުގަނޑުމެންގެ ޒިންމާއެއް. މިއީ، ދިވެހިރައްޔިތުން އަޅުގަނޑުމެންނާ ހަވާލުކުރެއްވި މަސައްކަތެއް. އެހެންވީމާ، މި މަސައްކަތް އަޅުގަނޑުމެން ނުކުރާ ކަމަށްވަންޏާ، އަޅުގަނޑުމެންގެ މަގާމުގެ މަސްއޫލިއްޔަތު އަޅުގަނޑުމެންނަށް އަދާނުވަނީ. އެ ވާހަކަ ދެން ދައްކާނީ. އަޅުގަނޑުމެން މި ބަލަނީ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ވީ އެންމެ ރަނގަޅަކަށް މިކަން ކުރެވޭތޯ. އެކަމަކު، އަޅުގަނޑަށް ހަމަ ޔަޤީން އަދި މިއަށްވުރެ ރަނގަޅަށް އަޅުގަނޑުމެންނަށްވެސް ކުރެވޭނެ. އެހެން އެންމެންނަށްވެސް މާ ރަނގަޅަށް ކުރެއްވޭނެ.

އާދެ، އަޅުގަނޑު އަދި އެއް ވާހަކަ ދަންނަވާލާފައި ހަމަ ނިންމާލާނަން. އެނގިވަޑައިގަންނަވާނެ، ކިތަންމެ މޮޅު ފާހެއް ލިބުނަސް، ކިތަންމެ ބޮޑު މަގާމެއް ލިބުނަސް، އިންސާނިއްޔަތުކަން ތިމާ ގައިގައި ނެތް ކަމަށްވަންޏާ، ޙަޤީޤަތުގައި އެކަންތަކެއް މީހުން ހަނދާނެއް ނުހުންނާނެ. މަގާމުގައި ހުރެގެން ކުރާ ކަންތައްތަކާއި، ދައްކާފައި ހުންނަ ވާހަކައަކީ، އެ މަގާމުން ދިޔުމުން ގިނަފަހަރަށް ހަނދާންނެތިގެންދާނޭ ކަންތައްތައް. މިކަން އަޅުގަނޑު ފާހަގަކޮށްލަންވާނެހެން ހީވަނީ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން، ކަންދިމާކުރި ގޮތުން އަޅުގަނޑާ އެއް ރަށެއް. ވަރަށް ކުޑައިރުއްސުރެ ފެށިގެންވެސް އަޅުގަނޑުމެންނަށް ހަމަ ފެނުނީ ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއެރުވުމަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްގެ ގޮތުގައި. ތަޢުލީމީ ދާއިރާގައި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ބަދަލުތައް، ހެޔޮ ގޮތްތައް ހޯއްދަވައިދެއްވުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް، ވަރަށް އިޚްލާޞްތެރި މަސައްކަތްތަކެއް ކުރެއްވި. އަޅުގަނޑު ދަންނަވާހިތްވަނީ، ވަރަށް އިޚްލާޞްތެރި، ތެދުވެރި، ވަރަށް ރަނގަޅު ބޭފުޅެއްގެ ގޮތުގައި އަޅުގަނޑަށް އަބަދުވެސް ފާހަގަވާ ބޭފުޅެއް.

މިއަދު އެ ބޭފުޅުންގެ ވާހަކަ އަޅުގަނޑުމެން ދައްކަންޖެހޭ ސަބަބަކީ މިއީ. މަގާމު އަދާކުރެއްވިއިރުވެސް، އެބޭފުޅުން ރަނގަޅަށް އެ ކަންތައްތައް ކުރެއްވީތީވެ، އެ އިޙްސާސްތައް އަޅުގަނޑުމެންގެ ހުރީ. އަޅުގަނޑުމެންނަށް އިޙްސާސް ކުރެވުނީ، ވަރަށް ރަނގަޅަށް އެ ކަންތައްތައް ކުރެއްވި ކަމަށް. އެހާވަރަށް އެކަން ކުރެއްވުނީމާ، އެ މަނިކުފާނުގެ ނަން، އަޅުގަނޑުމެންގެ ހިތުތެރޭގައި މިއަދުވެސް ވަރަށް ބޮޑަށް އެބައޮތް.

އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މީހަކަށް ރަޙުމްކުރުން، އެ ކުލުނު ހުރުން، ލޯބިން ފިރުމާލުން، އެކަހަލަ ކަންތައްތަކެއް ހަނދާނެއްނުނެތޭނެ. 20 އަހަރުވިޔަސް، 30 އަހަރު ވިޔަސް، އެއީކީ ހަނދާންނެތޭނެ ކަންތައްތަކެއް ނޫން. ފަހަރެއްގައި މަގާމުގައި ހުރެގެން ކޮށްދޭ ކަމެއް، ކޮށްފައި އޮތް ކަމެއް، ކުރި ކަމެއް ހަނދާންނެތިދާނެ.

އަޅުގަނޑަށް އެނގޭ، ދެން މިހާރު ވަރަށް ލަސްވެސްވެއްޖެކަން. އަޅުގަނޑުގެ މި ވާހަކަވެސް ތަންކޮޅެއް ދިގުވެއްޖެކަންވެސް އެނގޭ. އެކަމަކު މިކަހަލަ ފުރުޞަތެއް އަޅުގަނޑުމެންނަށް މާގިނައިން ދެން ލިބެނީއަކީވެސް ނޫން. އަޅުގަނޑުމެން މިތިބެނީވެސް ވަކި މުއްދަތަކަށް. ދެން މިހާރު މި މުއްދަތު ކައިރިވެސް އެބަވޭ. އެހެންވީމާ، މިހެން ލިބޭ ފުރުޞަތެއްގައި، މި ވާހަކަ ދައްކައިލުމަކީ، އަޅުގަނޑަށް ހީވަނީ ހަމަ ކޮށްލަންޖެހޭނެ ކަމެއްހެން. އާދެ، އަޅުގަނޑުގެ އުންމީދަކީ، ތިޔަ ހުރިހާ ބޭފުޅުންނަކީވެސް މީހުންނަށް އަޅައިލާ، އޯގާތެރި، ހެޔޮލަފާ ރަނގަޅު ބައެއްގެ ގޮތުގައި ވެގެންދާނެ ކަމަށް.

ނިންމާލުމުގެ ކުރިން އަދިވެސް އެއްފަހަރު ހުރިހާ ދަސްވެނިންނަށް، ތިޔަބޭފުޅުން ތިޔަ ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް، މި ސަނަދު، މި ދަރަޖަ ހާސިލު ކުރުމަށްޓަކައި ކުރެއްވި ބުރަ މަސައްކަތްތައް ފާހަގަކޮށް، އަދި ތިޔަބޭފުޅުންގެ ބެލެނިވެރިން އަދި ދަރިންވެސް ތިޔަބޭފުޅުންނަށް އެ ވެދެއްވި އެހީތެރިކަން ފާހަގަކޮށް، އެ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާ ކިޔައި އަދި ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.

ހަމައެއާއެކު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން، އިސްލާމީ ޔުނިވަރސިޓީން ކުރައްވާ މަސައްކަތް ފާހަގަކޮށް، ޔުނިވަރސިޓީގެ ޗާންސެލަރ، ވައިސް ޗާންސެލަރ އަދި މުޅި ޓީމަށާއި، ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު ވަރަށް ބޮޑަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑުގެ އުންމީދަކީ، ތިޔައިން ކޮންމެ ބޭފުޅަކީވެސް، މުޖުތަމަޢަށް މުހިންމު ބޭފުޅަކަށް ވެގެންދިޔުން. އަދި މުޖުތަމަޢު އިޞްލާޙު ކުރުމަށްޓަކައި މަސައްކަތް ކުރައްވާ ބޭފުޅަކަށް ވެގެންދިޔުން.

އަޅުގަނޑުގެ ދުޢާއަކީ، ތިޔަބޭފުޅުން ތިޔަ ހާސިލު ކުރެއްވި ޢިލްމާއި ތަޢުލީމުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމުގެ ހެޔޮ ތައުފީޤު اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން. އަދި އަޅުގަނޑުމެންނަކީ އެކަކު އަނެކަކަށް އަޅައިލާ، އޯގާތެރި ބައެއްގެ ގޮތުގައި ތާއަބަދަށް اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން. ދިވެހި ޤައުމާއި ދިވެހި ރައްޔިތުންނަށް ފާގަތިކަމާއި ތިޔާގިކަން اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރައްވާށި! އާމީން!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.