بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، މުޙައްމަދު ޤާސިމް ޕްރީސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލާ ޚަދީޖާ ޙުސައިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ، ހުޅުމާލެ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ޢިއްޒަތްތެރި މެންބަރު، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، މުޙައްމަދު ޤާސިމް ޕްރީސްކޫލްގެ އިސްވެރިން، މި ސްކޫލް ހަދިޔާކުރެއްވި މއ. ފީރުމުރަނގަގޭ އަލްފާޟިލް ޢަލީ ފިރާޤާއި އަދި ޢާއިލާ، ސްކޫލްގެ ފަޚުރުވެރި ދަރިވަރުން، އަދި އެ ތުއްތުކުދިންގެ ބެލެނިވެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑުގެ އެންމެ އިސްވާޖިބެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ، މިފަދަ މަތިވެރި މާތް މަޤްޞަދެއްގައި ތަޢުލީމު އުނގެނުމަށްޓަކައި މިފަދަ މަރުކަޒެއް، ވަކިން ޚާއްޞަކޮށް، ހުޅުމާލޭ ރައްޔިތުންނަށް ހަދިޔާކޮށްދެއްވިކަމަށްޓަކައި އަލްފާޟިލް ޢަލީ ފިރާޤަށާއި، އަދި ޢަލީ ފިރާޤުގެ ޢާއިލާއަށް ޝުކުރު ދެންނެވުން.

އާދެ، އަޅުގަނޑު ދަންނަވާނީ، މި ސްކޫލް ހުޅުމާލޭގައި ހުޅުވިގެން މިދިޔައީ، ހުޅުމާލޭގައި ސްކޫލަކަށް ބޭނުންވެފައިވާ ވަގުތެއްގައޭ. އާދެ، މިނިސްޓަރުގެ ވާހަކަފުޅުގައިވެސް، މިފަދަ ކަންކަމުގެ ހުރި މާތްކަމުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅުވެސް ދައްކަވައިފި. އަޅުގަނޑުވެސް ދަންނަވަން އޮތީ، އަޅުގަނޑުމެންގެ ތެރެއިން ތަނަވަސްކަމުގެ އަހުލުވެރިން، ތިމާއަށް ކޮށްދެވެން އޮތް ކުޑަ ނަމަވެސް، ހެޔޮކަމެއް އެކަމެއް ކޮށްދެވެން އޮތް އެންމެ ރަނގަޅު ވަގުތު ކޮށްދިނުމަކީ، އެއީ އަޅުގަނޑުމެންނަށް ދުނިޔެއާއި އަދި އާޚިރަތަށްޓަކައިވެސް ކުރެވޭނޭ އެންމެ ރަނގަޅު ކަންތައްތަކޭ.

އާދެ، އަޅުގަނޑުމެން ހުރިހާ އެންމެންގެ ދުޢާއަކީ، އަލްފާޟިލް ޢަލީ ފިރާޤުގެ ލޮބުވެތި ބައްޕަ އަލްމަރްޙޫމް މުޙައްމަދު ޤާސިމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް اللَّـهُ سُبْحَانَهُ وَتَعَالَىٰ މިންވަރު ކުރެއްވުން.

އާދެ، ހަމަ މި ފުރުޞަތުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. އަލްފާޟިލް ޢަލީ ފިރާޤު މި ރޮނގުން މި ނޫނަސް ކިތަންމެ ގިނަ ކަންތައްތަކެއް ވަނީ ދިވެހިރައްޔިތުންނަށް ކޮށްދެއްވާފައި. އާދެ، އޭގެ ކަންތައްތައް އަޅުގަނޑުމެންނަށް މި ހުޅުމާލެއިން މި ނޫނަސް ފެންނަން އެބަހުރި.

އާދެ، ޅަފަތުގެ ތަޢުލީމަކީ ވަރަށް މުހިންމު ފެށުމެއް. އާދެ، މިވަގުތަކީ ތުއްތުކުދިން އެކަކު އަނެކަކާއެކު، އުޅެން ދަސްކޮށް، މައްސަލަ ޙައްލުކުރުމަށާއި، ކަންތައްތައް ކުރުމަށް އެންމެ މުހިންމު އެއް ވަގުތު. އަޅުގަނޑު މިއަދު ބެލެނިވެރިންނަށް ދަންނަވާލަން އޮތީ، ތިޔަބޭފުޅުން މުޙައްމަދު ޤާސިމް ޕްރީސްކޫލްގެ ޓީޗަރުންނަށާއި އަދި މުވައްޒަފުންނަށް އިތުބާރު ކުރައްވައި ދަރިވަރުން ފޮނުއްވާށޭ. އިރާދަކުރެއްވިއްޔާ، މި ސްކޫލުން ރަނގަޅު ނަތީޖާއެއް ފެނިގެން ދިޔުމަކީ އެއީ، އަޅުގަނޑުމެން އެންމެން ކުރާ އުންމީދު.

އާދެ، މިވަގުތު އަޅުގަނޑު ދަންނަވާލަން ބޭނުން. ޚާއްޞަކޮށް، ހުޅުމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް، ސަރުކާރުން އިތުރު ސްކޫލްތަކެއް އެޅުމުގެ މަސައްކަތްތައް ކުރިއަށް އެބަދޭ. އާދެ، އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ ޚާއްޞަކޮށް ފޭސް II ގައި ހިޔާ މަޝްރޫޢުގެ ދަށުން، މީހުން ވަޒަންވެރިވެގެންދާއިރު، ހިޔާ މަޝްރޫޢާއެކު، ސްކޫލްތަކެއް ތަރައްޤީވެފައި ނެތުމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވާކަން. އެހެންނަމަވެސް، އެކަންތައް ޙައްލުކުރުމަށްޓަކައި ޚާއްޞަކޮށް، މި ސަރުކާރުން މަސައްކަތްތަކެއް މިހާރު ވަނީ ފަށާފައި. އެގޮތުން މިހާރުވެސް ދެ ސްކޫލެއްގެ މަސައްކަތް ފެށިގެންދާކަން އަޅުގަނޑު ފާހަގަކޮށްލަން. އަދި އޭގެތެރެއިން އެއް ސްކޫލްގެ މަސައްކަތް ވަރަށް ބާރަށް މި ވަގުތުވެސް ކުރިއަށް އެބަދޭ.

ހަމައެއާއެކު، ޅަފަތުގެ ތަޢުލީމަށް މި ސަރުކާރުންދޭ އަހައްމިއްޔަތު، އާދެ، ވަކިން ޚާއްޞަކޮށް، ފޭސް II ގައި ދިރިއުޅުއްވާ ފަރާތްތަކަށް، އެ ފަސޭހަކަން ހޯދައިދިނުމަށްޓަކައި އިރާކުރެއްވިއްޔާ، ވަރަށް އަވަހަށް ޕްރީސްކޫލްގެ އާދެ، ދެ ސްކޫލް އެޅުމުގެ މަސައްކަތް،ފޭސް II ގައި ކުރިއަށްދާނެ ވާހަކަވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ހަމަ ދަންނަވާލަން.

އާދެ، ތަޢުލީމު ފުޅާކުރުމުގެ މަސައްކަތަކީ އަޅުގަނޑު ދަންނަވާނީ، މި ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރާ އެންމެ ބޮޑަށް މަސައްކަތްކުރާ ދާއިރާއޭ. އާދެ، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ބަލައިލި ނަމަވެސް، ދިމާވެފައި ހުރި ދަތިތައް ޙައްލުކުރުމަށްޓަކައި، ދިވެހިސަރުކާރުން މިއަދު ކުރަމުންދާ މަސައްކަތްތައް ފެނިގެންދާނެ.

އާދެ، އަޅުގަނޑު މި ފުރުޞަތުގައި، މި ސްކޫލް މިހާ ފުރިހަމަކޮށް ހުޅުވުމުގެ ކަންތައްތައް އިންތިޒާމުކޮށް ހަމަޖެއްސެވީތީވެ، މިކަމުގައި ބައިވެރިވީ ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ހަމައެއާއެކު، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހުރިހާ މުވައްޒަފުން އަދި ދިވެހިރާއްޖޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ޓީޗަރުންނާއި، ހުރިހާ މުވައްޒަފުން، ތަޢުލީމީ ރަނގަޅު ޖީލެއް އުފެއްދުމަށްޓަކައި، އެކުރައްވާ މަސައްކަތް ފާހަގަކޮށް، ޚާއްޞަކޮށް، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ޑޮކްޓަރ ޢާއިޝަތު ޢަލީއަށާއި އަދި އެ މިނިސްޓްރީގެ ހުރިހާ ހީވާގި ވެރިންނަށާއި، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް، ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މުދައްރިސުންނާއި ބެލެނިވެރިން ތަޢުލީމު އުނގަންނައިދެއްވުމަށްޓަކައި، ކުރައްވާ މަސައްކަތުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ ބަރަކާތް ލެއްވުން. އަދި ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކޮށް، އުފާވެރި މުސްތަޤްބަލެއް ހޯދައިދިނުމަށްޓަކައި، އަޅުގަނޑުމެން ކުރާ މަސައްކަތުގައި ހެޔޮ ތައުފީޤު ލެއްވުން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.