بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين،وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

ދައުލަތުގެ ވަޒީރުން، ވިލާ ކޮލެޖުގެ ރެކްޓަރ ޑޮކްޓަރ އަހްމަދު އަންވަރު، ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ، ވިލާ ފައުންޑޭޝަންގެ ކޯ ފައުންޑަރ ފާޠިމަތު ތަސްލީމާ، ވިލާ ކޮލެޖުގެ ކައުންސިލަރ އެކެޑަމިކް ސެނިޓް، އިންޑަސްޓްރީ ލީޑަރުން، އަދި ވިލާ ކޮލެޖުގެ ހީވާގި އެންމެހައި މުވައްޒަފުން، އަދި މިރޭގެ ޝަރަފުވެރިން ކަމުގައިވާ އެވޯޑް ހާސިލުކުރެއްވި އެންމެހައި ބޭފުޅުން، އަދި އެފަރާތްތަކުގެ ބެލެނިވެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް މިރޭ އެވޯޑް ހާސިލުކުރެއްވި އެންމެހައި ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އާދެ، މިފަދަ ޙަފްލާއެއް، ޚާއްޞަކޮށް، އެޗީވްމަންޓް ފާހަގަކުރުމުގެ ގޮތުން ޙަފްލާއެއް ބޭއްވުމަކީ، އަޅުގަނޑު ދަންނަވާނީ ވަރަށް މުހިންމު ކަމެކޭ.

އާދެ ކާމިޔާބެއް ހާސިލު ކުރެވެނީ، މީހުން ބަލައިގަންނަކަހަލަ ރަނގަޅު ކަމެއް ކުރެވެނީ، ވަރަށް ބުރަ މަސައްކަތުން. ވަރަށް ގިނަ ބައެއްގެ އެހީތެރިކަންވެސް ލިބިގެން. އާދެ، މީހަކަށް ކޮށްލެވޭ ގޯސް ކަމެއްގެ ވާހަކަ، އަޅުގަނޑުމެންނަށް ވަރަށް ފަސޭހައިން، ވަރަށް ގިނައިން ދެއްކޭ. އެހެންނަމަވެސް، މި ދެންނެވިގޮތަށް ގަދައަޅައި ބުރަ މަސައްކަތުން، ދިގު ދަތުރަކުން ގިނަ ބައެއްގެ މަދަދާއި އެހީތެރިކަމާއެކު، އެ ހޯދޭ ކާމިޔާބު، އާދެ، އެ ކުރެވޭ ރަނގަޅު ކަންތައްތަކުގެ ވާހަކަ އަޅުގަނޑުމެންނަށް ދެއްކެނީ ވަރަށް މަދުން.

އާދެ، މިއީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި ރަނގަޅު ކުރަންޖެހޭ ކަމެއް. އަޅުގަނޑު މިއަދު ތިޔަ ހުރިހާ ބޭފުޅުން ތިޔަ ހޯއްދެވި ކާމިޔާބީއަށް، އާދެ، އައްސަރިބަހާއި ސާބަސް ދަންނަވައި، އަދިވެސް އެއްފަހަރު ތިޔަބޭފުޅުންނަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް، ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، ވިލާ ކޮލެޖަށް 14 އަހަރު ވެގެންދިޔައިރު، 14,000 ދަރިވަރުން އާދެ، ދަސްވެނިމިފައިވާކަމުން، އެއީ އަޅުގަނޑުމެން ފާހަގަކުރަންޖެހޭ ކަމެއް. އާދެ، ކުޑަގޮތަކަށް ފެށިގެން އައި ނަމަވެސް، މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ އާދެ، ބައިނަލްއަޤްވާމީ ފެންވަރުގެ ނަތީޖާތައް ހޯދާ ދަރިވަރުން، ދަރިންތަކެއް އުފައްދާ ބިޔަ، ބޮޑު މަރުކަޒެއްގެ ގޮތުގައި. އާދެ، ވޭތުވެދިޔަ ހަފްތާގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ވިލާ ކޮލެޖުގެ ގުރެޖުއޭޝަންގައި، އެތައް ސަތޭކަ ކުދިންނެއް ސަނަދުތައް ހާސިލުކުރިތަން. އާދެ، މި ހުރިހާ ދަރިވަރުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މަރުޙަބާ ދަންނަވަން.

ވިލާ ކޮލެޖުން މިފަދަ މަތިވެރި މަސައްކަތެއް ކުރައްވާތީ، ވަކިން ޚާއްޞަކޮށް، ވިލާ ކޮލެޖުގެ ބާނީ އޮނަރަބްލް ޤާސިމް އިބްރާހީމަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އާދެ، އަޅުގަނޑު ފާހަގަކުރަނީ، މިއީ ޤައުމީ ޚިދުމަތެއްގެ ގޮތުގައި. އާދެ، ވިލާ ކޮލެޖުން ރެކްޓަރގެ ބެއްލެވުމުގެ ދަށުން ތިޔަ އުފައްދަވަނީ، މާދަމާ މި ޤައުމު ހިންގުމަށްޓަކައި ތައްޔާރުކުރާ ވަރުގަދަ ޖީލެއް. އާދެ، ވިލާ ކޮލެޖުގެ އެންމެހައި ބޭފުޅުންނަށްވެސް، އަޅުގަނޑު މި ފުރުޞަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު، ތިޔަބޭފުޅުން ތިޔަ ކުރައްވާ ބުރަ މަސައްކަތަށް ޝުކުރު ދަންނަވަން.

އާދެ، މިއަދުގެ ސަރުކާރުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަންތައްތަކަކީ، މަތީ ތަޢުލީމު ފުޅާކޮށް، ހުނަރުވެރި، ފަންނީ ދަރިންތަކެއް އުފެއްދުން. އާދެ، ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރެވޭ ދާއިރާއަކީވެސް މީހުން ބިނާކުރުން. އާދެ، މި ސަރުކާރުގެ ވޭތުވެގެންދިޔަ ދުވަސްތަކުގައި ތަޢާރުފު ކުރެވުނު ކަންތައްތަކުގެ ތެރޭގައި އަޅުގަނޑު ދަންނަވާލާނީ، ހިލޭ ޑިގްރީ، އާދެ، ފަސްޓް ޑިގްރީ ޕްރޮގްރާމްގައިވެސް މިހާތަނަށް އެގާރަހާހަށްވުރެ ގިނަ ދަރިންނަށް އެ ފުރުޞަތު ވަނީ ދެވިފައި.

ހަމަ އެއާއެކު، ލޯނު ސްކީމާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް، ވަރަށް ގިނަ އަދަދެއްގެ ދަރިވަރުންނަށް ވަނީ ދޫކުރެވިފައި. އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕަކީ އެއީ ކުރިއާ ޚިލާފަށް، އެ ދަރިވަރަކު ބޭނުން ދާއިރާއަކުން، ބޭނުން ޤައުމަކުން ކިޔެވުމުގެ ފުރުޞަތު ލިއްބައިދޭ ސްކޮލަރޝިޕްތަކެއް. އާދެ، ސަރުކާރުން މިހާ ބޮޑު ސަމާލުކަމެއް، މީހުން ބިނާ ކުރުމަށްޓަކައި މިދޭ ސަބަބު އަޅުގަނޑުމެން ދެނެގަންނަން އެބަޖެހޭ، އާދެ، އަޅުގަނޑުމެންނަށް އެބަ އެނގޭ، ޤައުމެއް ބިނާވެ ކުރިއަރައިދަނީ، ތަޢުލީމީ، ޤާބިލް، އުފެއްދުންތެރި ޖީލެއް އުފެދިގެންކަން.

އާދެ، މިއަދަކީ ޒުވާނުންގެ ދުވަސްވެސް ދިވެހިރާއްޖޭގައި ޤައުމީ ފެންވަރެއްގައި ފާހަގަވެސްކުރަމުންދާ ދުވަސް ކަމަށްވާތީ، ޚާއްޞަކޮށް ހުރިހާ ޒުވާނުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ، ކިޔެވުމުގައި ކުރިއަށް ދިޔުމުގައި، ޤައުމަށް ބޭނުންތެރި ދާއިރާތައް އަޅުގަނޑުމެން ބަލަން އެބަޖެހެއޭ. އަޅުގަނޑުމެންނަށް ކުރެވޭ އެއްވެސް ކަމެއް، ބޭރު ބައެއްގެ، އެހެން ބައެއްގެ އަތްމައްޗަށް އަޅުގަނޑުމެން ދޫކޮށްލައިގެން ތިބެގެނެއް ނުވާނެ. އާދެ، ޤައުމީ ތަރައްޤީގައި މިއަދު ކުރިއަށްދާއިރު، ތަފާތު އެކި ދާއިރާތަކުން ވަރަށް ގިނަ އަދަދަކަށް މީހުން އެބަ ބޭނުންވޭ.

އަޅުގަނޑު ވަކިން ޚާއްޞަކޮށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ މި ތަރައްޤީގެ މަޝްރޫޢުތަކާއެކު، މުޅި ރާއްޖެއަށް ޓެކްނިކަލް ދާއިރާތަކަށް މީހުން އެބަ ބޭނުންވޭ. އެނގިވަޑައިންނަވާނެ، ރާއްޖޭގެ އެއްވެސް ރަށެއް އިރާދަކުރެއްވިއްޔާ، މިއަދު ނެތް ތަރައްޤީގެ މަޝްރޫޢުތަކެއް ނުހިނގާ. ތަފާތު އެކި މަސައްކަތްތައް ކުރެވެމުންދާއިރު، މިއަދު މި ކުރެވޭ ހޭދަ، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށްޓަކައި، މިއަދު މި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ އެ ކުރައްވާ މަސައްކަތުގެ ހެޔޮ ނަތީޖާ ފެނިގެންދާނީ، އެކަންތައްތައް ހިންގުމަށްޓަކައި، އެކަންތައްތައް ބެލެހެއްޓުމަށްޓަކައި، ރަނގަޅު ފެންވަރުގެ މީހުން ޤައުމުގައި ތިބެގެން.

އާދެ، މިގޮތުން އަޅުގަނޑު ހަމަ މިއަދު ދިވެހިރާއްޖޭގެ ރައްޔިތުންނަށް، ޒުވާނުންނަށް ޚާއްޞަކޮށް ދަންނަވާލަން، ގޮވާލަން ބޭނުންވަނީ، މިފަދަ ދާއިރާތަކަށް އަޅުގަނޑުމެން އިސްކަންދޭން އެބަޖެހެއޭ. އާދެ، އަޅުގަނޑުމެންނަށް އެބަ ބޭނުންވޭ ޓީޗަރުން. ބޭނުންވޭ ނަރުހުން. ހޮސްޕިޓަލެއް ކަމަށްވަންޏާ، ލެބޯޓްރީ ޓެކްނިޝަނުން އަޅުގަނޑުމެންނަށް ބޭނުންވޭ. ބަޔޯ މެޑިކަލް އިންޖިނިއަރުން ބޭނުންވޭ. އަދި އެކިއެކި އިންޖިނިއަރުންނާއި، ތަފާތު އެކި އެހެނިހެން ޓެކްނިކަލް ދާއިރާތަކަށް، އަޅުގަނޑުމެންނަށް މީހުން އެބަ ބޭނުންވޭ. ސަރުކާރުން ކިތަންމެވަރަކަށް ތަންތަން ހެދިޔަސް، ހޮސްޕިޓަލްތައް އެޅިޔަސް، އަދި ސްކޫލްތައް، ވަރަށް ރީތި ސްކޫލްތައް އެޅިކަމުގައިވީނަމަވެސް، އެތަނުގައި ޚިދުމަތް ދޭން، މަސައްކަތް ކުރަން ތިބޭ ބަޔަކީ އެކަށީގެންވާ ބަޔަކަށް ނުވާހާހިނދަކު، ޓެކްނިކަލީ މިގޮތަށް ކުރިއަރާފައިވާ ބަޔަކަށް ނުވާހާހިނދަކު، ފުރިހަމަ ކާމިޔާބީއެއް އަޅުގަނޑުމެންނަކަށް ނުލިބޭނެ.

އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ގުރެޖުއޭޝަނުންވެސް އަޅުގަނޑަށް މި ފެނުނީ، ތަޢުލީމަށް ދިވެހިންދޭ ސަމާލުކަން، ޝައުޤުވެރިކަން. އެކި އުމުރުގެ ބޭފުޅުން އަޅުގަނޑުމެންނަށް މި ފެނުނީ، އެކިއެކި ސަނަދުތައް މިރޭގެ ޙަފްލާގައިވެސް ހޯއްދެވި ތަން. މިއިން މި ފާހަގަކުރެވެނީ، އެނގިގެންދަނީ ދިވެހިރާއްޖޭގެ ރައްޔިތުން ތަޢުލީމަށް ޚާއްޞަކޮށް، ޢިލްމީގޮތުން ކުރިއަރައިގެންދާ ބަޔަކަށް ވުމަށްޓަކައި އެ އޮންނަ ލޯތްބާއި ޝައުޤުވެރިކަން.

އާދެ، މިރޭގެ ވަގުތުވެސް ވަރަށް ދަންވެފައި އޮތުމާއެކު، އަޅުގަނޑުގެ ވާހަކަކޮޅު އަޅުގަނޑު ތަންކޮޅެއް ކުރުވެސްކޮށްލާނަން. އެހެންނަމަވެސް، އަޅުގަނޑު އަދިވެސް އެއްފަހަރު ހަމަ ދަންނަވާލަން ބޭނުންވޭ. އަޅުގަނޑުމެންނަށް ޓޫރިޒަމް މިނިސްޓަރވެސް އެބަ ފެނޭ. ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގެ ގޮތުގައި މިއޮތީ، ވަޒީފާގެ އެންމެ ގިނަ ފުރުޞަތުތައް އޮތް އެއް ދާއިރާއެއްގެ ގޮތުގައި، ދިވެހިރާއްޖެއަށް އެކަމުން އެންމެ ބޮޑު ނަފާއެއް ލިބޭ ދާއިރާއެއްގެ ގޮތުގައިވެސް މިއޮތީ ޓޫރިޒަމް އިންޑަސްޓްރީ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް އަބަދުވެސް އެކިފަރާތްތަކުން އަންނަ އެއް ޝަކުވާ، އަދިވެސް ޓޫރިޒަމް ދާއިރާގެ މަތީ ފަންތީގެ ވަޒީފާތަކުގައި، ދިވެހި ޒުވާނުން މަދުކަމުގެ ވާހަކަ.

އަޅުގަނޑު މިއަދު ވަކިން ޚާއްޞަކޮށް، އެކިއެކި ކޮލެޖުތަކާއި އަދި މި އިންސްޓިޓިއުޓްތަކުގެ ބޭފުޅުންނަށްވެސް ދަންނަވާލަން ބޭނުންވޭ. މިކަމުގައި އިތުރަށް ތިޔަބޭފުޅުން ވިސްނަވައި، އަޅުގަނޑުމެންގެ ޚާއްޞަކޮށް، މަތީފަންތީގެ ވަޒީފާތަކަށްވެސް މީހުން ތައްޔާރުކުރުމަށް، ކުރިއަށްވުރެ ބޮޑަށް އިތުރަށް މަސައްކަތްތަކެއް ކޮށްދެއްވާށޭ.

އާދެ، އަޅުގަނޑުމެން ވަޒީފާ އަދާކުރާއިރު، އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ވާޖިބެއް އެބައޮވޭ. އަޅުގަނޑުމެން އެކަކު އަނެކަކަށް އެހީތެރިވާން އެބަޖެހޭ. އެކަކު އަނެކަކަށް ގޯހެއް ހެދޭ ކަމުގައިވަންޏާ، އެކަމެއް ރަނގަޅު ކުރަންވެސް އެބަޖެހޭ. އަޅުގަނޑުމެން މަސައްކަތުގެ މާހައުލުގަޔާއި އަދި އަޅުގަނޑުމެންގެ މުޖުތަމަޢުގައި އުޅޭއިރު، އަޅުގަނޑުމެން އިޙްތިރާމު އަދާކުރަން އެބަޖެހޭ. އަޅުގަނޑުމެން އެކަކު އަނެކަކު ކުރާ ކަންތައްތައް ބަލައިގަންނަން އެބަޖެހޭ. އާދެ، އަޅުގަނޑުމެން ޝުކުރުވެރިކަމާއެކު، ކަމެއް ބަލައިގަތުމަށްޓަކައި، މީހަކަށް ހިނިތުންވުމަށްޓަކައި، އަޅުގަނޑުމެން އެކަމަކަށް މާބޮޑު އަގެއް ދައްކާކަށްނުޖެހޭ. އެއީ އެފަދަ ކަމެއް ކުރުމުން، އަޅުގަނޑުމެންނަށް އެކަމުގެ ބަދަލުގައިއޮތީވެސް ހެޔޮ ޘަވާބު.

އެހެންވީމާ، އަޅުގަނޑުމެން ކުރިއަރައިގެންދާ ޤައުމަކަށްވާން ބޭނުންވާހިނދު، އަޅުގަނޑުމެންގެ ތެރޭގައި ހުރި މައްސަލަތައް ޙައްލު ކުރުމަށްޓަކައި، އެންމެ ފުރަތަމަ ނަމޫނާއެއްގެ ގޮތުން އަޅުގަނޑުމެން ދައްކައިދޭންޖެހޭނެ އެއްކަމެއްގެ ގޮތުގައި އަޅުގަނޑު ޤަބޫލުކުރަނީ، އަޅުގަނޑުމެން އިޙްތިރާމު ކުރުމާއި، އެކަކު އަނެކަކުގެ މަސައްކަތްތައް ބަލައިގަތުމާއި، އެކަކު އަނެކަކަށް އެހީތެރިވެދިނުމާއި، އޯގާތެރިވުން. އަޅުގަނޑުގެ ޙައްޤު އޮންނަ ގޮތަށް، އަނެކާގެ ޙައްޤު އޮންނާނެ ކަމަށް އަޅުގަނޑުމެން ޤަބޫލުކުރުން. މިގޮތަށް އަޅުގަނޑުމެން މަސައްކަތްކޮށްފި ކަމަށްވަންޏާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންވެސް ދާނީ ހަމަ ސިންގަޕޫރު ގޮތަށް، ފިންލޭންޑް ގޮތަށް، ނޯވޭ ގޮތަށް، ޖަޕާން ގޮތަށް ކުރިއަރައިގެންދާ ޤައުމެއްގެ ގޮތުގައި.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަދިވެސް އެއްފަހަރު ވަރަށް ޚާއްޞަކޮށް، ދިވެހިރާއްޖޭގެ އަމިއްލަ ޕްރައިވެޓް ފަރާތްތަކުން ރާއްޖޭގެ މަތީ ތަޢުލީމު ފުޅާކުރުމަށްޓަކައި ކުރައްވާ މަސައްކަތް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ފާހަގަކުރަން. އަދި ވަކިން ޚާއްޞަކޮށް، ވިލާ ކޮލެޖުން މި ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، ވިލާ ކޮލެޖުގެ ބާނީ އޮނަރަބްލް ޤާސިމް އިބްރާހީމަށާއި، ރެކްޓަރ ޑޮކްޓަރ އަހްމަދު އަންވަރަށާއި، އަދި ހީވާގި ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑުގެ އުންމީދަކީ، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް އަދިވެސް މިއަށްވުރެ ފަސޭހަކޮށް، މަތީ ތަޢުލީމުގެ ފުރުޞަތުތައް ރަށުގައި ތިބެގެން، އަތޮޅުގައި ތިބެގެން ލިބޭނެމަގު އިތުރަށް ފަހިވެގެންދިޔުން.

އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަކީ ޢިލްމީ އަދި ހުނަރުވެރި ބަޔަކަށްވުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވުން. ދިވެހި ޤައުމަށާއި ރައްޔިތުންނަށް ފާގަތި ދުވަސްތަކެއް މިންވަރު ކުރައްވާށި.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.