ލާމަރްކަޒީ އުޞޫލުން އަތޮޅުތައް ހިންގުމާ ބެހޭގޮތުން ނ. ރ. ބ. ޅ. މި ހަތަރު އަތޮޅަށް އަމާޒު ކުރައްވައިގެން ބާއްވަވާ މަސައްކަތު ބައްދަލުވުން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު އިފްތިތާޙު ކޮށްދެއްވައިފިއެވެ.

ފާދިއްޕޮޅު ފެލިވަރުގައި މިއަދު ހެނދުނު މި ބައްދަލުވުން އިފްތިތާޙު ކޮށްދެއްވަމުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ އަތޮޅުތައް ހިންގުމަށްޓަކައި އުފައްދަންޖެހޭ ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތައް އުފެއްދޭނީ، އެކަމާ ގުޅޭ ޤާނޫނު ފާސްވެގެން ކަމަށް ވިދާޅުވިއެވެ. އަދި މިހާރު މިކުރައްވަމުން ގެންދަވާ މަސައްކަތަކީ، ރާއްޖޭގެ އަތޮޅުތަކުގެ ސަރަޙައްދީ ތަރައްޤީގެ ކަންކަން ހިންގެވުމަށްޓަކައި މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓްގައި ހިންގަމުން ގެންދިޔަ އިދާރީ މަސައްކަތްތައް، ރާއްޖޭގެ 7 ސަރަޙައްދެއްގައި ކުރަމުން ގެންދިޔުން ކަމުގައި ވިދާޅުވިއެވެ. އަދި މިހާރު އުފެދިފައިވާ 14 މިނިސްޓްރީގެ ތެރެއިން ރައްޔިތުންނާ ގުޅުންހުރި ހުރިހާ މިނިސްޓްރީތަކެއްގެ މަސައްކަތްތަކާއި ޚިދްމަތްތައް، މިދެންނެވި 7 ސަރަޙައްދުން ލިބެން ހުންނާނެ ގޮތް އިންތިޒާމު ކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ލާމަރްކަޒީ އުޞޫލުން އަތޮޅުތައް ހިންގުމުގެ މަސައްކަތް ގަވާއިދުން ކުރެއްވޭނީ އެކަމާގުޅޭ ޤާނޫނު އެކުލަވާލެވި، އެ ޤާނޫނުގެ ދަށުން އިންތިޚާބުވާންޖެހޭ ކައުންސިލްތަކުންނާއި އަދި އެހެނިހެން މަގާމުތައް އިންތިޚާބުވެގެން ދިޔައީމާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްރަށް ހިންގުމުގެ ބާރު ރައްޔިތުންނަށް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެ ބާރު ރައްޔިތުންނަށް ލިބިވަޑައިގަންނަވަންޖެހޭނެ ކަމުގައި ވިދާޅުވިއެވެ. އަދި ޤާނޫނުތައް ނިމި، އިންތިޤާލީ ބާބުގައި އެވާ ގޮތުގެ މަތިން ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އިންތިޚާބު، އިރާދަކުރެއްވިއްޔާ މިއަހަރުގެ ޖޫން ޖުލައިހާ ތާނގައި ބޭއްވޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ލާމަރްކަޒީ އުޞޫލުން އަތޮޅުތައް ހިންގުމަށްޓަކައި މި ބާއްވަވާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން، މިބައްދަލުވުމުގެ މަޤްޞަދު ޙާޞިލު ކޮށްދެއްވުމަށްޓަކައި ހީވާގިކަމާއެކު މަސައްކަތް ކުރައްވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.