މެލޭޝިޔާގެ ރަސްކަމާ އަލަށް ޙަވާލުވެވަޑައިގެންނެވި ހިޒް މެޖެސްޓީ އަލް ސުލްތާން ޢަބްދުﷲ ރިއާޔަތުއްދީން އަލް މުސްޠަފާބިﷲ ޝާހްއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖްގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، މެލޭޝިޔާގެ ރަސްގެފާނަށް ތަހުނިޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި، ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެ، ދެ ޤައުމުގެ ސަރުކާރުން އެކުގައި މަސައްކަތްކުރައްވަން ބޭނުންފުޅުވާކަމުގައި ވިދާޅުވެފައިވެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ މެސެޖް ނިންމަވާލައްވަމުން މެލޭޝިޔާގެ ރަސްގެފާނަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން އިތުރު ކުރިއެރުމާއި ފާގަތިކަން ލިބުމަށް އެދިވަޑައިގެންފައިވެއެވެ.