ޤައުމެއް ކުރިއަރާނީ ޞިއްޙަތު ރަނގަޅު މުޖުތަމައެއް ބިނާކުރެވިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މި ސަރުކާރުގެ ވަޢުދުތަކުގައި ހިމެނިގެން ކުރިޔަށް ގެންދާ "ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ޤަވާޢިދު" އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން މިއަދު ހަވީރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ހަށިހެޔޮ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރި ބަޔަކަށް ދިވެހިން ހެދުމަކީ، މި ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. އަދި މިއަދު މި ނެގި ފިޔަވަޅުގެ އެންމެ ބޮޑު ބޭނުމަކީ ދުންފަތުގެ ގެއްލުމާމެދު އާންމު ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް ވަކިވަކިން ސިނގިރޭޓް ވިއްކުން މަނާކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ޤަވާޢިދު ގެޒެޓު ކުރިކަމުގައިވިއަސް މަޤުޞަދު ހާސިލުވާނީ ފަރުދީ ޒިންމާ އަދާކޮށް ދުންފަތާ ދެކޮޅަށް ތިމާގެ ހިތުގައި ލޭބަލެއް ތަތްކުރުމުން ކަމުގައެވެ. އެގޮތުން މިއަދު ހުރިހާ ބޭފުޅުންވެސް އަޒުމް ކަނޑައަޅުއްވަންވީ، ދުންފަތަށް އަލްވަދާޢު ކިޔައި، ފުރިހަމަ ޞިއްޙަތަކަށް މަރުޙަބާ ކިއުމަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި މިހާރު އެންމެ ގިނަ މީހުން މަރުވަނީ، ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުންކަމުގައެވެ. އަދި މިފަދަ ބަލިތަކަށް މީހުން ވާޞިލުވާ މައިގަނޑު އެއް ހިރާސް ނުވަތަ އެންމެ ބޮޑު ރިސްކް ފެކްޓަރއަކީ ދުންފަތުގެ އިސްތިޢުމާލު ކުރުންކަމަށެވެ. މީގެ އިތުރުން އާސަންދައިން ކޮންމެ އަހަރަކުވެސް އެންމެ ބޮޑު ހޭދަ ކުރަންޖެހޭ ފަސް ބައްޔަކީ ދުންފަތާއި ގުޅުންހުރި ބަލިތައްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން މިކަމާމެދު ހުރިހާ ބޭފުޅުން ފުންކޮށް ވިސްނައި ހަށިގަނޑަށް ގެއްލުންދެނިވި އެންމެހައި ކަންކަމުން ދުރުހެލިވެގެން އުޅޭ ބަޔަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވެވިއެވެ.  

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ޤަވާޢިދު އިފްތިޠާޙުކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ދައުލަތުގެ ވަޒީރުންނާއި ޔުނިވަރސިޓީގެ އިސް ވެރިންނާއި، ދަރިވަރުންނާއި، ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.