ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތިލަދުންމަތި ދެކުނުބުރި ނޮޅިވަރަންފަރު  ކައުންސިލްގެ މެންބަރުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

 

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކޮށްލެއްވުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި ޝުކުރުއަދާކުރައްވައިފައެވެ. އަދި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ މަޢުލޫމާތާއި ރަށް ކުރިއެރުވުމުގައި ދިމާވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވައިފައެވެ. 

 

މިބައްދަލުކުރެއްވުމުގައި ކައުންސިލު މެންބަރުން ވަނީ ރަށުގައި ފަތުރުވެރިކަމުގެ ސިނާއަތް ތަރައްޤީ ކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައި އެ މަސައްކަތް ކުރެވިދާނެ ގޮތްތަކާއި މެދު މަޝްވަރާކުރައްވައިފައެވެ. މީގެއިތުރުން ރަށުގެ ދަނޑުވެރިން ހައްދާ ބާވަތްތައް ވިއްކޭނެމަގު ތަނަވަސްކޮށްދެއްވުމަށް ކައުންސިލް މެންބަރުން އެދި ވަޑައިގެންނެވިއެވެ. 

 

ކައުންސިލް މެންބަރުން އިތުރަށް ދެއްކެވި ވާހަކަފުޅުގައި ނޮޅިވަރަންފަރު ސްކޫލުގެ ޖާގައިގެ ދަތިކަމާއި، ޞިއްޙީ މަރުކަޒުގައި ލެބޯޓަރީ ނެތުމުން ދިމާވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރެއްވިއެވެ. މީގެއިތުރުން ނޮޅިވަރަންފަރު ކައުންސިލު މެންބަރުން ވަނީ އެރަށަށް ބަދަލުކުރެވިފައިވާ އެހެން ރަށްރަށުގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައާއި އެމީހުންނަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމުގައި ސަރުކާރުން އެހީތެރިވެ ދިނުމަށް އެދިވަޑައިގެންފައެވެ. 

 

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ނޮޅިވަރަންފަރު ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވާނެކަމުގައި ވިދާޅުވިއެވެ.