ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ނެޝަނަލް ޑްރަގް އެޖެންސީގެ މަސައްކަތްތައް ކުރިޔަށްދާގޮތް މިއަދު ބައްލަވައިލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނެޝަނަލް ޑްރަގް އެޖެންސީއަށް މިއަދު ހެނދުނު މި ކުރެއްވި ޒިޔާރަތުގައި އެމުއައްސަސާގެ މަސައްކަތްތައް ކުރިއަށް ދާގޮތް ބައްލަވައިލައްވައި، އެ މުއައްސަސާގެ މެނޭޖްމަންޓާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ނެޝަނަލް ޑްރަގް އެޖެންސީގެ އިސްވެރިން ވަނީ މުއައްސަސާއާ ބެހޭ ބައެއް މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އަރުވާފައެވެ. އަދި މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކާއި ބެހޭގޮތުންވެސް ނެޝަނަލް ޑްރަގް އެޖެންސީގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޢުލޫމާތު ޙިއްޞާކުރައްވައިފައެވެ.