ދުންފަތް، ސުޕާރީ، އެނަރޖީ ބުއިންތައް އަދި ހަކުރުގިނަ ބުއިންތައް ފަދަ ސިއްޙަތަށް ރަނގަޅުނޫން ބާވަތްތަކުން ދުރުވުމަށް އާންމުން ހޭލުންތެރިކުރުމަށް ސަރުކާރުން ކުރެއްވުމަށް ރާއްވަވާފައިވާ މަސައްކަތްތަކުގެ ތެރެއިން، "ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ޤަވާޢިދު" ތަންފީޒު ކުރުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުއްވައިފިއެވެ. މިކަމަށް ލަފާ އަރުއްވާފައިވަނީ މިއަދު ބޭއްވެވި އެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

މި ޤަވާޢިދު ތަންފީޒު ކުރުމަށްޓަކައި މިހާރު ވަނީ، ދުންފަތުގެ ބާވަތްތަކުގެ ބޭރުގައި މަންޒަރު ހިމެނޭ ސިއްޙީ އިންޒާރު ޖެހުމަށާއި، ވަކި ސިގިރޭޓް ވިއްކުން ހުއްޓާލުމަށް ޤަވާޢިދު އެކުލަވާލައި، ޤާނޫނީ އިޖްރާޢަތްތައް ފުރިހަމަކޮށްފައެވެ.

ދުންފަތުގެ ނުރައްކަލާމެދު އާންމުން ހޭލުންތެރިކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވައުދެކެވެ. އަދި، ދުންފަތުގެ ބާވަތްތަކުގައި ތަސްވީރުން ދެވޭ ސިއްޙަތުގެ އިންޒާރު ޖެހުން ލާޒިމު ކުރުމާއި، ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ މަދު މިންވަރު ކަނޑައެޅުމަކީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނާއި، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާ ލާޒިމު ކުރާ ކަންކަމެވެ.