ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދު ނަންބަރު 2017/R-20 (ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދު) ގެ 10.27 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވިޔަފާރީގެ ދާއިރާ އާއި ރަށްޓެހި މާޙައުލެއް ޤާއިމުކުރުމުގެ ސިޔާސަތަށް ބާރު އެޅުމުގެ ގޮތުން "ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު" ކަނޑައަޅުއްވައި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރައްވައިފިއެވެ.

މިފަދަ ޕްރޮޕޯޒަލް ތަކަކީ އަމިއްލަ ފަރާތްތަކުގެ އިސްނެގުމާއެކު، ރައްޔިތުންގެ ތެރޭގައި އުފެދިފައިވާ ބޭނުމެއް ދެނެގަނެ އެކަމަކަށް ރިޢާޔަތްކޮށް ޕްރޮޕޯޒަލްތައް ހުށަހެޅުމަށް ފަހިކޮށްދެވޭ ނިޒާމެކެވެ. މިފަދަ ހުށަހެޅުންތަކަކީ ރައްޔިތުން ސަރުކާރާއި މަތިކޮށްފައިވާ ޒިންމާ އާއި ސަރުކާރުން ވަޢުދު ވެފައިވާ ތަރައްޤީގެ ލަނދުދަނޑިތަކަށް ވާޞިލުވުމަށް އެހީތެރިކަން ފޯރުކޮށްދޭ މަޝްރޫޢުތަކެއް ކަމުގައިވާނަމަ، އެފަދަ ޕްރޮޕޯޒަލްތައް ބަލައިގަތުމުގައި ކުރިއަށްދާނެ ގޮތްތަކެއް މި އުސޫލުގައި ބަޔާންކޮށްފައިވާނެއެވެ.

ޕްރޮޕޯޒަލްތައް އެސެސްކުރުން 3 މަރުޙަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މިފަދަ ޕްރޮޕޯޒަލްތައް ހުށަހަޅުއްވަންޖެހޭ އިދާރާއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ކަމުގައިވަނީ ހަމަޖައްސަވާފައެވެ. ޕްރޮޕޯޒަލްތައް އެސެސްކުރުމުގެ ފުރަތަމަ މަރުޙަލާގައި އުސޫލުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ޕްރޮޕޯޒަލް ފެތޭތޯ ބަލައި، ސްޓްރަޓީޖިކް އެސެސްމަންޓް ހެދުމަށްފަހު، އެ ހުށަހެޅުމަކީ ސީދާ މަޝްވަރާއަކަށް ދިއުމަށް އެންމެ އެކަށީގެންވާ ހުށަހެޅުމެއްތޯ ބެލޭނެއެވެ.

މިއުސޫލުގެ ދަށުން ސަރުކާރަށް ހުށަހަޅާ ޕްރޮޕޯޒަލްތައް ރިވިއުކޮށް ބެލެހެއްޓުމުގައި ދެފުށްފެންނަ، ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަ އުޞޫލަކުން ޢަމަލުކުރަމުން ގެންދެވޭނެ ފަދަ ނިޒާމެއް ބައްޓަންކުރެވިފައިވާނެއެވެ. ހަމަމިއާއިއެކު، މިއުސޫލުގެ ދަށުން ފިކުރީ މިލްކުވެރިކަމުގެ ޙައްޤުތައް ހިފެހެއްޓޭނެ މިންގަނޑުތަކެއްގެ މައްޗަށް ބަރޯސާވެ، އަމިއްލަ ވިޔަފާރިތަކަށް ރަނގަޅު އީޖާދީ ޚިޔާލުތައް ސަރުކާރަށް ހުށަހެޅުމަށް ހިތްވަރުދީ ބާރުއަޅައެވެ.

މި އުސޫލުގެ މައިގަނޑު މަޤުޞަދަކީ އަމިއްލަ ފަރާތްތަކުން، ރައްޔިތުންގެ ލާބަ އާއި މަންފާއަށް ހިންގުމަށް ބޭނުންވާ މަޝްރޫޢުތަކަށް ފުރުޞަތު ދީ، އީޖާދީ ތަނަވަސް ޚިޔާލަށް މަގުފަހިކޮށް، އަމިއްލަ ފަރާތްތަކުގެ ޝާމިލުވުމާއެކު ސަރުކާރުގެ ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާޞިލުވުމަށް މަސައްކަތްކުރުމަށް މަގުފަހިކުރުމެވެ.