މާލެ އަތޮޅު ގުޅީ ރައްޔިތުންނަށް އެންމެ ބޮޑަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެންވިދާޅުވީ ގުޅީ ކައުންސިލް މެންބަރުންނާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި، ގުޅީ ރައްޔިތުންނަށް މިހާރު އެންމެ ބޮޑަށް ދިމާވެފައިވަނީ ބިމުގެ ދަތިކަމާއި، ރަށުގައި ފެނާއި ނަރުދަމާގެ ހަރުދަނާ ނިޒާމެއް ޤާއިމުވެފައި ނެތުންކަން ކައުންސިލްގެ ފަރާތުން ފާހަގަ ކުރެއްވިއެވެ. އަދި ކައުންސިލުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ޚިދުމަތްތައް ރައްޔިތުންނަށް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމުގައި މުވައްޒަފުންގެ ދަތިކަން ކައުންސިލަށް ވަރަށް ބޮޑަށް ކުރިމަތިވަމުންދާ ކަމުގައި ކައުންސިލް މެންބަރުން ވިދާޅުވިއެވެ. މީގެ އިތުރުން، ރަށުގެ ތަރައްޤީއަށްޓަކައި ކައުންސިލުން ކުރަން ރާއްވަވާފައިވާ ކަންކަމުގެ މައުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ބަޖެޓުގައި ހިމެނިގެން ގުޅީގައި ސަރުކާރުން ކުރިއަށް ގެންދަވާނެ މަޝްރޫޢުތަކާ ބެހޭގޮތުން ކައުންސިލް މެންބަރުންނާއެކު މަޝްވަރާ ކުރައްވައުފައެވެ. އަދި، ރަށުގެ ހާލަތާއި ރައްޔިތުންގެ ދިރިއުޅުމާ ބެހޭ ގޮތުން އެކިއެކި މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ އޮޅުންފިލުއްވިއެވެ.