ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު އުތުރުބުރި އިންނަމާދޫ  ކައުންސިލްގެ މެންބަރުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ މަޢުލޫމާތާއި ރަށް ކުރިއެރުވުމުގައި ދިމާވާ ދަތިތައް ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވައިފައެވެ. 

އެގޮތުން ކައުންސިލު މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ބަނދަރު ސަރަހައްދުގައި ޒަމާނީ ފެންވަރުގެ މިސްކިތެއް އިމާރާތްކުރަން ވަރަށްބޮޑަށް ބޭނުންފުޅުވާކަން ފާހަގަކުރެއްވިއެވެ. އަދި މިކަމަށް ބޭނުންވާ ފައިސާގެ ބައެއް ކައުންސިލުން އިސްނަގައިގެން މިހާރު ހޯދާފައިވާކަން ކައުންސިލް މެންބަރުން ފާހަގަކުރެއްވިއެވެ. އެހެންކަމުން މިކަމަށް ބޭނުންވާ ބާކީ ފައިސާ ދައުލަތުން ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި ސަރުކާރުގެ އެއްބާރުލުމާއެކު މިސްކިތް ބިނާކުރަން ބޭނުންފުޅުވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. 

ރަށަށް އިތުރަށް ބޭނުންވާ ކަންތައްތައް ފާހަގަކުރައްވަމުން އެބޭފުޅުން ވަނީ ނަރުދަމާގެ ހިދުމަތް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި އެ އަތޮޅުގެ ބޯޓު ޔާޑުތަކަށް ކުރިމަތިވަމުންދާ މައްސަލަތަކާއި، އިންނަމާދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގެންނެވިއެވެ. މިބައްދަލުކޮށްލެއްވުމުގައި މެންބަރުންވަނީ ރާއަތޮޅުގެ ރަށްރަށަށް ބޭނުންވާ މިނޫންވެސް ގިނަ ކަންތައްތަކެއް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް އެކަންކަން ގެންނަވާފައެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ މުއައްސަސާތަކާއި މިގޮތަށް ބައްދަލުކޮށްލެއްވުމުން ރައްޔިތުންގެ ބޭނުންތަށް ވަރަށް ބޮޑަށް އޮޅުން ފިލައިވަޑައިގަންނަވާ ކަމަށާއި، އިންނަމާދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.