ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހައްދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލ. މާވަށު ކައުންސިލްގެ މެންބަރުންނާ މިރޭ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މާވަށު ކައުންސިލުގެ މެންބަރުން ވަނީ ކައުންސިލްގެ މަސައްކަތްތައް ކުރިޔަށް ދާގޮތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އަދި، ކައުންސިލްގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތަކުގެ މަޢުލޫމާތާއި ރަށުގެ ތަރައްޤީއަށްޓަކައި ރައްޔިތުން ބޭނުންވާ ކަންކަމާ ބެހޭގޮތުން ވެސް ވަނީ އެމަނިކުފާނާ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

މިގޮތުން މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި މާވަށުގެ ރައްޔިތުންގެ ގޯތިގެދޮރުގެ ދަތިކަން ޙައްލުކުރުމާއި، ރަށުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމުގެ ގޮތުން އަތޮޅުގައި ފަތުރުވެރިކަންކުރާނެ ރިސޯޓެއް ޤާއިމުކުރުމާއި، ސްކޫލް އިމާރާތުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއިބެހޭ ގޮތުން އަދި ޞިއްޙީ ޚިދުމަތްތައް ރަނގަޅުކުރުމާއި ކުޅިވަރު ތަރައްޤީކުރުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ސަރުކާރާއި ކައުންސިލާއި ގުޅިގެން ރަށުގެ ތަރައްޤީއަށް މަސައްކަތްކުރައްވައި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރެއްވުމަށް ބޭނުންފުޅުވާކަމުގައި ވިދާޅުވިއެވެ.

މާވަށު ކައުންސިލުގެ ފަރާތުން ވަނީ މިސަރުކާރާއި ގުޅިގެން ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި މަސައްކަތްކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.