ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ހައްދުންމަތީގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި، އެއަތޮޅު ކައްދުއަށް މިއަދު މެންދުރުފަހު ވަޑައިގެންފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކައްދުއަށް ފައިބައިވަޑައިގެންނެވުމާއެކު ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުރުފުޅަކީ ލ.ގަމުގައި ޓީ.އެފް.ޖީ.އިން ބާއްވާ މެރެތަން ދުވުން ރަސްމީކޮށް ފައްޓަވައިދެއްވުމަށާއި، މެރަތަންގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.އެމަނިކުފާނުގެ މިދަތުރުފުޅުގައި އެއަތޮޅުގެ ބައެއް ކައުންސިލްތަކާއި ބައްދަލު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.