އެއްވެސް ފަރާތަކުން، އެއްވެސް ބޭފުޅަކު ރާއްޖޭގެ ހަމަޖެހުން ނަގާލުމަށްޓަކައި އެއްވެސް ކަމެއްކުރުމަކީ އެދެވޭކަމެއް ނޫންކަމަށާއި، ރާއްޖޭގައި ހަމަޖެހުން އޮތުމަކީ ރާއްޖޭގެ ތަރައްޤީއަށްޓަކައި ވަރަށް މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ރާއްޖޭގައި ހަމަޖެހުން އޮތުމަކީ ކޮންމެހެން ބޭނުންވާކަމެއްކަމުގައި ވިދާޅުވެ އެކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވައިފައެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބަށްފަހުގައި އެކަން ފެންނަމުންދާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ މިކަމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެކަމަށާއި، ރާއްޖެއާ ދޭތެރޭގައި ބޭރުމީހުން ދެކޭގޮތް ބަދަލުވެއްޖެކަން ފާހަގަކުރެއްވޭ ކަމަށެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނަން ފަށާފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދީނުގެ ނަމުގައި ހިންގާ ހައްދުފަހަނައަޅައިދާ ކަންތައްތަކަކީވެސް ރާއްޖެ ހަމަނުޖެހުމަށް މަގުފަހިވެގެންދާނެ ކަމަކަށްވާތީ، އެފަދަ ކަންތައްތަކަށް ފުރުޞަތު ނުދެއްވާނެކަމަށެވެ. އަދި އެމަނިކުފާނުވަނީ ޤާނޫނުތައް ތަންފީޒު ކުރުމުގައި ފަސްޖެހިވަޑައި ނުގަންނަވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާފައެވެ. 

މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި އެމަނިކުފާނު ދާދިފަހުން ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މުޙައްމަދު ބިން ޒާޔިދުގެ ދަޢުވަތަކަށް ކުރެއްވި މި ދަތުރުފުޅަކީ ވަރަށްވެސް ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ. އެގޮތުން މިދަތުރުފުޅުގައި ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށާއި، ތަރައްޤީގެ އެކިއެކި ޕްރޮގްރާމްތަކަށް ލޯނު ހޯދުމުގެ މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ. ޚާއްޞަކޮށް، ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގެ މަޝްވަރާތަކަށް އެދެވޭ ޖަވާބެއް ޔޫ.އޭ.އީގެ ސަރުކާރުން ދެއްވިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން އެކުލަވާލައްވާފައިވާ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހާސިލުކުރުމަށް ކަނޑައަޅުއްވާފައިވާ 66 ވައުދުގެ ތެރެއިން 56 ވައުދެއް ފުއްދަވާފައިވާކަމަށެވެ. އަދި ވައުދުތައް ހާސިލުވަމުންދަނީ ހިތްހަމަޖެހޭ ބާރުމިނެއްގައިކަންވެސް އެމަނިކުދާނު ފާހަގަކުރެއްވިއެވެ. 

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިވަން މުވައްސަސާތަކާއި ސަރުކާރުގެ އިދާރާތައް އިސްލާހުކުރެއްވުމަކީ ވަރަށް އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަމެއްކަން ފާހަގަ ކުރައްވައި އެމަސައްކަތްތައް މިހާރު ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވެފައެވެ. މީގެއިތުރުން ބައިނަލްއަޤުވާމީ ގޮތުން މީގެ ކުރިން ގުޅުންތައް ހީނަރުވެފައިވާ ފަރާތްތަކާއިއެކު ގުޅުން ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން ކުރިއަށްއޮތް ތާނގައި ކުރައްވަންހުރި ތަރައްޤީގެ މަޝްރޫޢުތަކާގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޕީ.އެސް.އައި.ޕީގެ މަޝްރޫޢުތައް ފެއްޓެވުމަށްޓަކާ އެމަޝްރޫޢުތަކުގެ ލިޔެކިޔުންތަކާ ދިރާސާތައް ހަދާނިމިފައިވާކަމަށެވެ. އަދި މި ފެށޭ ހަފުތާތެރޭގައި ޕީ.އެސް.އައި.ޕީ ގައި ހިމެނޭ ނަރުދަމާގެ މަސައްކަތްތަކާއި މަގު ހެދުމުގެ މަޝްރޫޢުތައް ބީލަމަށް ހުޅުވައިލައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.