ނިމިދިޔަ ސަރުކާރުން ސިޔާސީ ސަބަބަކަށްޓަކައި ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ނުޙައްޤުން ފިޔަވަޅު އަޅައިފައިވާ މުވައްޒަފުންގެ ޝަކުވާތައް ހުށަހެޅުމަށް ކުރިން ހުޅުވައިލި މުއްދަތު، މި ޖަނަވަރީ މަހުގެ 21 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިތުރުކުރައްވައިފިއެވެ.

މިގޮތުން، ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކުރައްވާފައިވަނީ މި މުއްދަތު އިތުރު ކޮށްދިނުމަށް ގިނަ ފަރާތްތަކަކުން އެދިވަޑައިގަންނަވަމުން ގެންދަވާތީކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރެއްވި އިޢުލާނުގައިވެއެވެ.

މީގެ ކުރިން މި ފުރުޞަތު ހުޅުވާލާފައިވަނީ 3 ޑިސެންބަރު 2018 އިން ފެށިގެން 30 ދުވަހުގެ މުއްދަތަށެވެ.
ޝަކުވާ ހުށަހަޅާ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.