ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޢުމަރު ޢަބްދުލްރައްޒާޤު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. 

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޢުމަރު ޢަބްދުލްރައްޒާޤަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ސްރީލަންކާއާއި ރާއްޖެއާއި ދެމެދު އޮތް ވަރުގަދަ ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި އެގުޅުން ޢުމަރު ޢަބްދުލްރައްޒާޤުގެ އެހީތެރިކަމާއެކު އިތުރަށް ވަރުގަދަވެގެން ދާނެކަމަށް އުންމީދުފުޅުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ޢުމަރު ޢަބްދުއްރައްޒާޤު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ސްރީލަންކާއާއި ދެމެދުގައިވާ ގުޅުން އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި އިތުރަށް ބަދަހިކުރުމަށް އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އެރުވިއެވެ. އާ ސަފީރު އިތުރަށް ވިދާޅުވީ ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯއްދަވައި ދެއްވުމަށާއި، ޚާއްޞަކޮށް ވިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށާއި މީގެއިތުރުންވެސް ދިވެހީން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ރާއްޖެއާއި ސްރީލަންކާއާއި ދެމެދުއޮތް ސިޔާސީ ގުޅުން ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެކަމަށާއި ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއިން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމުގައި ސަފީރު ވިދާޅުވިއެވެ. 

މިއަދުގެ ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ސްރީލަންކާއަށް ކަނޑައެޅުއްވި އާ ސަފީރު ވަނީ ދެޤައުމު ގުޅިގެން މަސައްކަތްކުރެވިދާނެ އިތުރު ދާއިރާތަކާއި ބެހޭގޮތުން ވާހަކަފުޅުދައްކަވައިފައެވެ. ޚާއްޞަގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއިންނާއި ވިޔަފާރީގެ ދާއިރާއިން ދެޤައުމަށް ފައިދާވާނެ ގޮތްތަކާމެދު މަޝްވަރާކުރެއްވިއެވެ. 

ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔަގެ ނައިބު ވަނީ ސްރީލައްކާއަށް ކަނޑައެޅުއްވި އާ ސަފީރަށް ކާމިޔާބު ދުވަސްތަކަކަށް އެދިވަޑައިގެންފައެވެ.