ސްވިޒަރލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ހޭންސްޕީޓަރ މޮކް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ސްވިޒަރލެންޑްގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި މަރުޚަބާ ވިދާޅުވެ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާގުޅިގެން އެމަނިކުފާނަށް ތަޙުނިޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ސްވިޒަރލެންޑާއި ދެމެދުގައި އޮތް ގުޅުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ރާއްޖެއިން ދެއްވާކަން ފާހަގަކުރައްވަމުން ހޭންސްޕީޓަރ މޮކްގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ސްވިޒަރލެންޑާ ދެމެދުގައިވާ 38 އަހަރުފުރެން ގާތްވެފައިވާ މިގުޅުން އިތުރަށް ބަދަހިވާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި، ސްވިޒަރލެންޑްގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާއާއި ސްވިޒަރލެންޑްގެ އާ ސަފީރު ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ދެޤައުމުންވެސް ޤަބޫލުކުރާ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިން ދެ ޤައުމުންވެސް އެކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާކަން ފާޅުކުރައްވައިފައެވެ. މިގޮތުން، ދެބޭފުޅުންވެސް ވަނީ އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާއި ޑިމޮކްރަސީއާއި، ތިމާވެށި ރައްކާތެރި ކުރުމާއި ގުޅުންހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިބައްދަލުވުމުގައި އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ސްވިޒަރލެންޑާއެކު ވިޔަފާރީގެ ރޮނގުން ގުޅުން ބަދަހިކުރެއްވެން ހުރި ފުރުޞަތުތަކަކީ ކޮބައިތޯ ބައްލަވައި، އެދާއިރާއިން އިތުރަށް ގުޅުން ބަދަހި ކުރެއްވުމަށް ބޭނުންފުޅުވާކަން ވަނީ ހާމަކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި، ސްވިޒަރލެންޑްގެ ސަފީރު ވަނީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތައް ފުއްދުމުގައި ގެންގުޅުއްވާ ސިޔާސަތަކީ ވަރަށް ހިތްވަރުގަދަ ވަރުގަދަ ސިޔާސަތެއްކަން ހާމަކުރައްވައި އެކަމަށްޓަކައި ދިވެހި ސަރުކާރަށް ތަޢުރީފުކުރައްވައިފައެވެ. އަދި ރާއްޖެއިން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލެއްވުން ސްވިޒަރލެންޑް ސަރުކާރުން ދެއްވާނެކަމުގައިވެސް ސްވިޒަރލެންޑްގެ ސަފީރު ވިދާޅުވިއެވެ.