ސަރުކާރު ބަދަލުވުމުގެ މަރުޙަލާ ކުރިއަށް ގެންދިއުމަށް އުފެއްދެވި ޓްރާންސިޝަނަލް އޮފީހުގެ ފަރާތުން އެކުލަވައިލައްވާފައިވާ ޓްރާންސިޝަނަލް ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މި ރިފޯޓް އެމަނިކުފާނަށް އެރުވީ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން ހެންވޭރު ސީވީޑް އަޙްމަދު ލަޠީފެވެ.

ޓްރާންސިޝަނަލް ރިޕޯޓް ތައްޔާރުކޮށްފައިވަނީ‏ ޓްރާންސިޝަނަލް އޮފީހުން އެކުލަވާލެއްވި ކޮމިޓީތަކުން ސަރުކާރުގެ ވުޒާރާތަކާއި އެކިއެކި އިދާރާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުން ހޯއްދަވައިފައިވާ މަޢުލޫމާތު ތަކުގެ މައްޗަށް ބިނާކުރައްވައިގެންނެވެ.

މި ރިޕޯޓުގައި އޭރުގެ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ބަދަލުވުމުގެ މަރުޙަލާ ކުރިއަށް ދިޔައިރު ސަރުކާރު ވުޒާރާތަކާއި ސަރުކާރު އޮފީސްތަކުގެ އޭރުގެ ޙާލަތު ބަޔާންކޮށްފައިވާނެއެވެ.