ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް "ހުރަވީ ސްކޫލް" ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވައިފިއެވެ. މި ސްކޫލް އިމާރާތް ކޮށްފައިވަނީ ހުޅުމާލޭ ނެއިބަހޫޑް - 1 ގައެވެ.

ހުރަވީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނުއެވެ. މިއަދަކީ  މިއަހަރުގެ ދިރާސީ އައު އަހަރު ފެށުނު ދުވަހެވެ. ހުރަވީ ސްކޫލް ރަސްމީ ގޮތުން ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސްކޫލުގައި އޮތް މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއި ކުރައްވާފައެވެ. 

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ހުރަވީ ސްކޫލަކީ، ރާއްޖޭގެ އެހެން ސްކޫލްތަކާ ވަރަށް ގިނަ ގޮތްގޮތުން ތަފާތު ސްކޫލެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. މިގޮތުން، ހުރަވީ ސްކޫލް ފަރުމާކޮށްފައިވަނީ، ވަށައިޖެހޭ ތައުލީމީ ނިޒާމަކަށް އެކަށޭނަ ގޮތަކަށް، ވަސީލަތްތަކުގެ ގޮތުންނާއި ޖާގައިގެ ގޮތުން އެއްދަންފަޅިއަށް ކިޔަވައިދެވޭ ގޮތަށްކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި ހަމަ އެއާއެކު މިއަދު މި ހުޅުވިގެންދިޔަ ސްކޫލްގައި ކިޔަވައިދޭނީ، ހުސް ދިވެހި ޓީޗަރުންކަން އެމަނިކުފާނު އުފަލާއެކު ފާހަގަކުރެއްވިއެވެ.