ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް ޕޮލިޓެކްނިކްގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމަށް ގދ. ގައްދޫ ފަހާގެ، އަޙްމަދު ނާޞިރު ޢައްޔަން ކުރައްވައިފިއެވެ. އަޙްމަދު ނާޞިރު މި މަޤާމަށް ޢައްޔަން ކުރައްވާފައިވަނީ މިނިސްޓަރުންގެ ނައިބު ފެންވަރުގައެވެ.

އަޙްމަދު ނާޞިރަކީ ތަޢުލީމާއި ތަމްރީނުގެ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން އަޙްމަދު ނާޞިރު ވަނީ ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް މެނޭޖްމަންޓް އުފެއްދުމާއި މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.

މީގެ އިތުރުން ވެސް އަޙްމަދު ނާޞިރު ވަނީ ޓިވެޓް އޮތޯރިޓީގެ އެސެސަރގެ މާޤާމާއި ޓިވެޓް އޮތޯރިޓީގެ ކައުންސިލް މެންބަރުކަމާއި ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓާއި ވިލާ ކޮލެޖާއި ޓްރެއިނިންގް މޯލްޑިވްސާއި، މޯލްޑިވްސް އިންސްޓްޓިއުޓް ފޮރ ޓެކްނޮލޮޖީއާއި، މަންދު ކޮލެޖްގައި ޕާޓް ޓައިމް ލެކްޗަރާއެއްގެ މަޤާމު ވެސް އަދާކުރައްވާފައެވެ. އަޙްމަދު ނާޞިރަކީ މީގެކުރިން މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގެ އިސްވެރިޔާގެ މަޤާމު އަދާކުރެއްވާފައިވާ ބޭފުޅެކެވެ.

އަޙްމަދު ނާޞިރު ވަނީ އޯޕަން ޔުނިވަރސިޓީ އޮފް މެލޭޝިޔާއިން "މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން" ހާސިލު ކުރައްވާފައެވެ.