بســم اللّـه الرّحمـن الرّحيــم

 

ނިޢުމަތްތަކުގެވެރި اللّـه سبحانه وتعالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ ކައުސާހިބާ، محمّد رسول اللّـه صلّى اللّــــه عليه وسلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ، އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަމުން.

 

އާދެ، ޝައްކެއްވެސްނެތްގޮތުގައި، މިއަދު މިއީ ނޮޅިވަރަމަށް އުފާވެރި ދުވަހެއް. ނޮޅިވަރަމުގެ ޢިއްޒަތްތެރި ރައްޔިތުންނާ ބައްދަލުކޮށް، އަޅުގަނޑުމެން ތިޔަބޭފުޅުންގެ މި އުފަލުގައި ބައިވެރިވާން މިއައީ، ތިޔަބޭފުޅުންނަށް އުފާވެރިކަން ލިބޭ ދުވަހަކަށް މިއަދުވާތީ. ނޮޅިވަރަމަށް ދަތިވެފައި ހުރި ކަންތައްތަކުގެ ތެރެއިން އެންމެ ބޮޑަށް ދަތިވެފައި އޮތް އެއް ކަމެއް މިއަދު ފުރިހަމަވެގެންގޮސް، ރަސްމީކޮށް އެކަން ނިމިގެން މި ދިޔައީ.

 

އާދެ، ނޮޅިވަރަމަށް ދަތިވެފައި އޮތް ނަރުދަމާގެ މައްސަލަ ހައްލުވެގެން އިރާދަކުރެއްވިއްޔާ މިދިޔައީ. ތިންހާހެއްހާވަރު އާބާދީއަކަށް ބޭނުންވާ ކަންތައްތަކުގެ ތެރޭގައި، ޝައްކެއްވެސްނެތްގޮތުގައި، ބޮޑު ރަށެއްގައި ނަރުދަމާއަކީ މުހިންމު ކަމަކަށް ވެގެންދާނެ. މި އުފަލުގައި ބައިވެރިވުމަށް އަޅުގަނޑު އައިމާ، ތިޔަބޭފުޅުންގެ އުފާފުޅު ހުރި މިންވަރު އަޅުގަނޑަށް ފާހަގަވެގެންދިޔަ، ތިޔަބޭފުޅުން އަޅުގަނޑަށް ވިދާޅުވި އިސްތިޤްބާލުން. އަޅުގަނޑަށް އިސްތިޤްބާލު ވިދާޅުވުމަށް ނޮޅިވަރަމުގެ ކުދި ބޮޑު، އަންހެން ފިރިހެން، ގިނަ އަދަދެއްގެ ރައްޔިތުން ތިއްބެވި ކަމަށްޓަކައި ނޮޅިވަރަމުގެ ޢިއްޒަތްތެރި ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކީ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

 

އާދެ، މިވަރުގެ އާބާދީއަކަށް ޝައްކެއްވެސްނެތްގޮތުގައި، ގިނަ ކަންތައްތަކެއް ބޭނުންވެގެންދާނެ. އަޅުގަނޑު މިރަށަށް ލެފިއިރު، އަޅުގަނޑަށް ފެނިގެންދިޔަ، ބަނދަރުގެ މަސައްކަތް ކުރެވެމުންދާތަން. އިރާދަކުރެއްވިއްޔާ، މާ ލަސްތަކެއްނުވެ ބަނދަރުގެ މަސައްކަތް ނިމިގެން ހިނގައިދާނެ. އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ، ބަނދަރުގެ މަސައްކަތުގެ 65 ޕަސެންޓް މަސައްކަތް މިހާރުވަނީ ކުރެވިފައި. އަދި ހަމައެހެންމެ، މި ރަށުގެ ހުރި އެހެން ބައެއް ކަހަލަ، ވަސީލަތްތައް މިވަނީ ތަނަވަސްކޮށްދެވިފައި. އޭގެތެރޭގައި، އިންޖީނުގެވެސް އަޕްގްރޭޑް ކުރެވިފައި. ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކުރެވިފައި. ދެން ޒުވާނުންނަށް ބޭނުންވާ ކަންތައްތަކުގެ ތެރޭގައި، ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް މިހާރު އެ ކުރިއަށްދަނީ. އަދި އަޅުގަނޑު މި ރަށަށް އަންނަންވެގެން ޚިޔާލު ކުރިއިރު، ނޮޅިވަރަމުގެ ޒުވާނުންގެ އިޙްސާސްތައް ހުރިގޮތް ކޮންމެވެސްވަރަކަށް ބަލައިލިއިރު، ނޮޅިވަރަމުގެ ޒުވާނުން އެންމެ އެދޭ ކަމެއްގެ ގޮތުގައި މިއޮތީ، އެންމެ މިޒަމާނުގެ ރަނގަޅު ފެންވަރުގެ ފުޓްބޯޅަ ދަނޑެއް އަޅައިދިނުން. އަޅުގަނޑު ނޮޅިވަރަމުގެ ޒުވާނުންނަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިއަހަރުގެ ތެރޭގައި، ރާއްޖޭގެ ބައެއް ދިމަދިމާގައި މާގިނަ ރަށްތަކެއް ނޫން، އެހެންނަމަވެސް، ބައެއް ދިމަދިމާގައި، އެންމެ މިޒަމާނުގެ ބޮޑެތި ފުޓްބޯޅަ ދަނޑު އެޅުމުގެ ޚިޔާލު އަޅުގަނޑުގެ އެބައޮތޭ. މަޝްރޫޢު އެކުލަވައިލެވިފައި ވަނީ. އިރާދަކުރެއްވިޔާ އޭގެތެރޭގައި ނޮޅިވަރަމް އަޅުގަނޑު ހިމަނައިދޭނަން.

 

ނޮޅިވަރަމަށް ކުރިއަށް ހުރި މަޝްރޫޢުތަކުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ، ނޮޅިވަރަމަކީ، މިވަރުގެ އާބާދީއެއް އޮވެފައި، ބޮޑު ރަށެއް، ދަނޑުވެރި ރަށެއް. އެހެންވީމާ، ނޮޅިވަރަމަށް ސާފު ބޯފެން ލިބުމަކީވެސް، ނޮޅިވަރަމުގެ ރައްޔިތުން އެދިވަޑައިގަންނަވާނެ ކަމެއް. އިރާދަކުރެއްވިއްޔާ، ނޮޅިވަރަމަށް މިކަން ހަމަޖެހިގެންދާނެ.

 

އާދެ، ނޮޅިވަރަމަށް އައިސްފައި ތިޔަބޭފުޅުންނާ ބައްދަލުކޮށް މިކުރާ ދަތުރުގައި، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ހދ. ގެ އަދި އެހެން ރަށަކަށްވެސް އަޅުގަނޑު ދާނަން. އެއާއެކީ، އަޅުގަނޑު ހއ. ގެ ބައެއް ރަށްރަށަށް މި ދަތުރުކުރަނީ. ހއ. އާއި ހދ. އަކީ ޝައްކެއްވެސްނެތްގޮތުގައި، ރާއްޖޭގެ ތާރީޚެއް އޮތް ދިމާއެއް. ވަރަށް މުރާލި، ވަރަށް މުހިންމު މަސައްކަތްތަކެއް ކުރާ ހީވާގި ރައްޔިތުންތަކެއް ދިރިއުޅޭ ތަނެއް. ޝައްކެއްވެސްނެތްގޮތުގައި، ޤައުމީ އެތައް ކަމެއްގައި، ފާހަގަކުރެވޭ ކަންތައްތައް މިހުރީ ހއ. އާއި ހދ.ގެ ތެރޭގައި.

 

އެހެންވީމާ، ހއ. އާއި ހދ. އަށް އަޅުގަނޑު މިކުރާ ޒިޔާރަތުގައި، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ރާއްޖޭގެ ތަރައްޤީގެ ބައެއް ކަހަލަ ވިސްނުންތަކާ ދޭތެރޭގައި ތިޔަބޭފުޅުން ވިސްނާވަޑައިގަންނަވާށޭ! ކޮންކަހަލަ ކަންތައްތަކެއްތޯ ވެގެން މިދަނީ. ހއ. އާއި ހދ. އަށް އެކަނި، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މިއަންނަ ފަސް އަހަރުގެ ކުރީކޮޅު، އަޅުގަނޑުމެން ޚިޔާލުކޮށްގެން މިއުޅެނީ، ތިންހާސް އެނދު، ޓޫރިޒަމް އެނދު، އިރާދަކުރެއްވިއްޔާ، ހއ. އާއި ހދ. ގައި އަޅާނަން. ރިޒޯޓުތަކެއް ހުޅުވިގެންދާނެ، އަދި އެހެންމެ، އަޅުގަނޑުމެންގެ މަޝްރޫޢުތަކުގެ ތެރޭގައި އެންމެ އިސްކަންދޭ މަޝްރޫޢަކަށް މިއޮތީ، މި އަތޮޅުތަކުގައި ހުރި ބޮޑެތި ކޮންމެ ރަށެއްގައި ގެސްޓްހައުސްއަށް ބޭނުންވާ ހުރިހާ އިންފްރާސްޓްރަކްޗަރެއް ހަމަކޮށްދިނުން. ނޮޅިވަރަމަށް ދާދި އަވަހަށް ހަމަވެގެން އެދަނީ. ފެނުގެ ނިޒާމު ހަމަޖެހިގެން ދިޔައީމާ، ނަރުދަމާ މިއޮތީ ހަމަޖެހިފައި. ބަނދަރު މިއޮތީ ހަމަޖެހިފައި. އިރާދަކުރެއްވިއްޔާ ނޮޅިވަރަމަކީވެސް މި ދާއިރާއިން ކުރިއެރުން ލިބިގެންދާނެ ރަށަކަށް ވެގެންދާނެ. ހއ. އާއި ހދ. ގައި އެކަނި، ތިންހާސް އެނދު އަޅައި ނިމޭއިރު، ތިޔަބޭފުޅުންގެ ޚިޔާލުފުޅަށް ގެންނަވާ، މިކަންކަން ކުރުމަށްޓަކައި ބޭނުންވާ ކަންތައްތަކެއް އަޅުގަނޑުމެން މިގެންދަނީ ކުރަމުން. މިހާރުވެސް، މިތާ މާދުރުނޫން ހިސާބެއްގައި މިއޮތީ އެއަރޕޯޓެއް، ހަނިމާދޫގައި. ކުޅުދުއްފުށީގައި އެއަރޕޯޓެއް އެޅެމުން އެބަދޭ. މިއާއެކީ، އިރާދަކުރެއްވިއްޔާ، ޓޫރިޒަމްގެ އެކިއެކި މަޝްރޫޢުތައް މި ތަންތަނުގައި ހިނގާނެ.

 

ނޮޅިވަރަމަށް މީގައި އޮތީ ކޮން މެސެޖެއްތޯ. ނޮޅިވަރަމަކީ ބިމުގެ ގޮތުން މުއްސަނދި ރަށެއް. ބިންބޮޑު ރަށެއް. ދުއިސައްތަ އެތަކެއް ހެކްޓަރު ނޮޅިވަރަމުގެ ބިމުގައި އެބައޮތް. ނޮޅިވަރަމަކީ ފެށުނީއްސުރެ، ދަނޑުވެރިކަމުގެ މައި ރަށެއް. މި ހިސާބަށް މި އަދަދުގެ ޓޫރިޒަމް އައީމާ، ޚިޔާލުފުޅަށް ގެންނަވާ، ތިޔަބޭފުޅުން އުފައްދާ ތަކެތި ވިއްކުމަށް އަންނާނެ ފަސޭހަކަން. މިހާރުވެސް ސަރުކާރުން މަޝްރޫޢުތަކެއް އެބަ ހިންގާ. އޭގެތެރޭގައި ކުދި ވިޔަފާރިތައް ފެށުމަށް ލޯނު ދޫކުރުން އެބަ ހިނގާ. ހަމައެހެންމެ، ދަނޑުވެރިކަމަށް އަމާޒުކޮށްގެން ހިންގާ ޚާއްޞަ މަޝްރޫޢުތަކެއްވެސް އެބަ ހިނގާ. އެހެންވީމާ، މި ހިސާބަށް މި ޓޫރިޒަމް އައުމާއެކީ، ނޮޅިވަރަމަށް ދަނޑުވެރިކަމުގެ ދާއިރާގައި ކުރިއެރުންތަކެއް ލިބޭނެކަމާ ދޭތެރޭގައި އަޅުގަނޑުގެ ޝައްކެއްނެތް. އަޅުގަނޑުގެ ޚިޔާލުގައި، އިރާދަކުރެއްވިއްޔާ، ނޮޅިވަރަމަކީ، މި ސަރަޙައްދުގައި ތަނަވަސް ރަށަކަށް ވެގެންދާނެ. ނޮޅިވަރަމުގައި މި ވާހަކަ ދައްކާއިރު، ދެންމެ ޢަބްދުއްރަޙީމުވެސް، އަދި މިނިސްޓަރ ޠާރިޤުވެސް ދެއްކެވި ބައެއް ވާހަކަފުޅާ ބެހޭގޮތުން އަޅުގަނޑުވެސް ބައެއް ވާހަކަތައް ދަންނަވާލާނަން.

 

ނޮޅިވަރަމަށް ބޭނުންވާ ކަންތައްތައް ފުދިގެންދާއިރު، އަޅުގަނޑުމެންގެ ޚިޔާލަށް އަންނަންވާނެ، އަހަރުމެން މިކަހަލަ ރަށްރަށުގައި ދިރިއުޅޭއިރު، ރާއްޖޭގެ ސަރުކާރަކަށް އަންނަ ބަދަލުން، ރާއްޖޭގައި ހިންގާ ސިޔާސަތުތަކަށް އަންނަ ބަދަލުން، މިކަހަލަ ރަށްރަށަށް އަންނަނީ ކޮން ފައިދާއެއްތޯ، ނޫނީވިއްޔާ، ރައްޔިތުންގެ ސަމާލުކަމަށް ގެންނަންޖެހެނީ ކޮންކަހަލަ ކަންތައްތަކެއްތޯ. އަޅުގަނޑުމެން ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގެވެސް އެންމެ އަހަންމިއްޔަތުކަންދޭ ކަމަކީ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި އަޅުގަނޑުމެން ތިބުމަށް. ދީނަށް ގަދަކަން ދިނުމަށް. އަދި ދަރިން އެގޮތުގައި ތަރުބިއްޔަތު ކުރުމަށް. އެއާއެކީ، ދެވަނަ ކަމަކަށް އަޅުގަނޑުމެން މި ނިންމަނީ، ދަރިންނަށް ރަނގަޅު ތަޢުލީމެއް ދިނުން. ދަރިން ރަނގަޅަށް ތަރުބިއްޔަތު ކުރުން. ދަރިން ރަނގަޅަށް ތަރުބިއްޔަތު ކުރުމާއި، ދަރިންނަށް ރަނގަޅަށް ތަޢުލީމު ދިނުމާއި، އަދި ދަރިންނަކީ މުސްތަޤްބަލުގައި ދިވެހި ދައުލަތުގެ ކަންކަން ހިންގުމާ ހަވާލުވެ، އަޅުގަނޑުމެންގެ ދޮށީ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭ ބަޔަކަށްވާއިރު، މި މަފްހޫމަކާ ނުގުޅޭ، ކުށްވެރިން ދޫކުރާ ވާހަކަ ދެއްކީމައެއް. މިއީކީ، ގުޅޭ ކަންކަމެއް ނޫން. ރަނގަޅު ތަރުބިއްޔަތަކާއެކީ ނުކުންނަ ބަޔަކު، ކުށްތަކަކަށް އަރައެއްނުގަންނާނެ. އެހެން ބައެއްގެ ޙައްޤުތަކަކަށް އަރައެއްނުގަންނާނެ. އެހެންވީމާ، މިއީ އަޅުގަނޑުމެން، އޭގެ ޒާތުގައި އެހާ އަހާހިތުން އަޑުއަހާނެ ވާހަކައެއްނޫން.

 

ޝައްކެއްވެސްނެތްގޮތުގައި، މިކުރާ ކުށްތަކުގެ ތެރޭގައި އަޅުގަނޑުމެންގެ އިޙްސާންތެރިކަން އޮންނަ ކުށެއްގެ ގޮތުގައި އަޅުގަނޑަށް ގަބޫލުކުރެވެނީ، ޒުވާން ކުދިން މަސްތުވާތަކެތި ބޭނުންކުރާ ކުރުން. މި ކުދިންނަކީ އަޅުގަނޑުމެންގެ އިޙްސާންތެރިކަން އޮންނަންޖެހޭ ބައެއް. އެއީ ޒުވާނުންނަށްވެފައި، މަސްތުވާތަކެތިން އެ ކުދިން އަރައިގަތުމަށް ކުރާ މަސައްކަތުގައި އަޅުގަނޑުމެން އެހީތެރިވާންވާނެ. ކޮންމެ ސަރުކާރަކުންވެސް ގިނަ މަޝްރޫޢުތަކެއް ހިންގާ. މި ސަރުކާރުގެވެސް ވަރަށް ގިނަ މަޝްރޫޢުތަކެއް ހިންގާފައި އެހެރީ. އަދިވެސް ހިންގަމުން މިދަނީ. އެހެންވީމާ، ކުށްވެރިންގެ ތެރޭގައި ތިބި މީހުންގެ ތެރޭގައި އަޅުގަނޑުމެންގެ އެއްވެސް ކަހަލަ ވިސްނުމަކާ، ނޫނީވިއްޔާ އިޙްސާންތެރިކަމެއް އޮންނަންޖެހޭ ބައެއްގެ ގޮތުގައި، އެންމެ ބޮޑު ގިންތިއެއްގައި މިތިބީ މަސްތުވާތަކެތި ބޭނުންކުރާ ޒުވާން ކުދިން. އެކަމަކު، އެނޫން އެހެން ކުށްވެރިންނަށް ބަލާކަމަށްވަންޏާ، ޢަބްދުއްރަޙީމް އޭގެ ތަފްސީލުތައް ދެންމެ އެ ދެއްވީ. އަޅުގަނޑުމެން އެކަންކަމާ ދޭތެރޭގައި ވިސްނާފައި، އަޅުގަނޑުމެން ދަންނަވާނީ، ކޮންމެ ހަމަޖެހޭ އަމާން ވެށްޓެއް އޮންނަ މުޖުތަމަޢު، ނޮޅިވަރަމް ކަހަލަ، ނޫނީވިއްޔާ މިތާ ކައިރީގައި ހުރި އެހެން ރަށްރަށް ކަހަލަ، އަމާންކަމާއެކީ، ރައްޔިތުން އުޅެން ބޭނުންވާ ތަންތަނަށް، އެކަންކަމަށްވުރެ ބޮޑަށް ބޭނުންވާނެ، ކުށްވެރިން ދޫކޮށްގެން މުޖުތަމަޢަށް އެ ނުކުންނަ ނުރައްކަލަށްވުރެ ބޮޑަށް ބޭނުންވާނެ، ޙަޤީޤަތުގައިވެސް މި ތަންތަނަށް އަންނަ ތަރައްޤީ.

 

މި ތަންތަނަށް އަންނަ ތަރައްޤީއަށް ބަލާކަމަށްވަންޏާ، ނޮޅިވަރަމުގެ ރައްޔިތުންނަށް ހަމަ ތިޔަބޭފުޅުންގެ ސަމާލުކަމަށް އަޅުގަނޑު ތަފާސްހިސާބެއް ދަންނަވާލާނަން. ނޮޅިވަރަމުގައި ބަނދަރު ހެދެމުން އެދަނީ.  ނޮޅިވަރަމުގައި މިއަދު ނަރުދަމާގެ ނިޒާމު އިރާދަކުރެއްވިޔާ ޤާއިމުވެގެން ރަސްމީކޮށް ހުޅުވިގެން މިދަނީ. އެހެންވީމާ، ނޮޅިވަރަމުގެ ރައްޔިތުން އެއް އަދަދެއް ޚިޔާލަށް ގެންނަވާ ކަމަށްވަންޏާ، ނޮޅިވަރަމް އަބަދުވެސް ވިސްނަންވާނެ، ކޮންމެ ރަށަކުންވެސް ބޭނުންވާނީ، އެ ރަށަކަށް ދަތިވެފައިހުރި ކަންތައްތައް ފުދިގެންދަނީ ކިހާ މިންވަރަކަށްތޯ ބެލުން. މުޅި ދައުލަތް ހިންގަން ހުންނަ މީހަކު ބަލަންވާނީ، މުޅި ދައުލަތަށް ދަތިވެފައި ހުރީ ކޮންކޮން ކަންތައްތަކެއްތޯ. އެ ކަންތައްތައް ކިހާވަރަކަށް ފުއްދައިދެވޭތޯ. އެހެންވެގެން މެނިފެސްޓޯއާއެކީ، ވަޢުދުތަކަކާއެކީ، ކަންތައްތަކެއް ކޮށްދޭން، ކޮންމެ ރައީސަކުވެސް ނުކުމެވޭތޯ މަސައްކަތް ކުރަނީ.

 

އަޅުގަނޑުވެސް މަސައްކަތްތަކެއް ކުރީ. ރައްޔިތުންގެ އަރިހަށް އަޅުގަނޑު އައިން، ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގެ ތެރޭގައި. އަޅުގަނޑު ދެންނެވިން، އަޅުގަނޑުގެ ވިސްނުމާއި ފިކުރު މިހުރީ މިވެނި މިވެނި ކަންތައްތަކެއް ކޮށްދިނުމަށޭ. ރައްޔިތުންނަށް ދަތިވެފައިހުރި ބޮޑެތި މައްސަލަތައް ޙައްލުކޮށްދޭށޭ އަޅުގަނޑު ބޭނުންވަނީ. އަޅުގަނޑު ދެއްކީކީ ސިޔާސީ ވާހަކަތަކެއްނޫން. އަޅުގަނޑު އައީ އަޅުގަނޑުގެ ވިސްނުމުގައި އަޅުގަނޑު ދެކެން ބޭނުންވާ ސޫރަ ދިވެހިރާއްޖެއަށް ޖެއްސޭތޯ. އެއީ، ރައްޔިތުންނަށް ދަތިވެފައި ހުރި ކަންކަމުގައި ރައްޔިތުންގެ އުއްމީދުތައް އާލާކޮށްދެވޭތޯ. އަޅުގަނޑުގެ ތަޞައްވުރެއް އެކުލަވައިލައިގެން އަޅުގަނޑު އައީ. މިއަދުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެ ތަޞައްވުރުގެ މަތީގައި އަޅުގަނޑުމެން ހިނގަމުންގޮސް އިރާދަކުރެއްވިއްޔާ، މި ހަތަރު އަހަރު ބައިގެ ތެރޭގައި، ނޫނީ ފަސްވަނަ އަހަރަށް އެޅިގެންދާއިރު، މީގެތެރޭގައި ގިނަ ކަންތައްތައް އެހެރީ ފުދިފައި.

 

ނޮޅިވަރަމުގެ ރައްޔިތުންނަށް މިއަދު ދަންނަވާލާނަން. ހަމަ އެންމެ ހިސާބު އަކުރެއް، ތިޔަބޭފުޅުންގެ ޚިޔާލަށް ގެންނަވާށޭ! ނޮޅިވަރަމަކީ އާބާދީގެ ގޮތުން މެދުފަންތީގެ އާބާދީއެއް އޮތް ތަނެއް. ތިންހާހާ ގާތްކުރާ އާބާދީއެއް. ރަށްރަށުގެ މުހިންމު ކަމަށް ބަލާއިރު، ޝައްކެއްވެސްނެތްގޮތުގައި، އުތުރުގައި ހުރި މުހިންމު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެއް ނޮޅިވަރަމަކީ. މީގެކުރީގައި ދިޔަ ފަސްއަހަރު، މުޅި ނޮޅިވަރަމަށް ކުރެވިފައިހުރި ހޭދަ، ހުރިހާ މަޝްރޫޢަކަށް ކުރެވިފައި ހުރި ހޭދަ، ތިޔަބޭފުޅުންގެ ޚިޔާލަށް ގެންނަވާ! އެންމެ ހަތް މިލިއަން ރުފިޔާ. މިއީ، ދައުލަތުގެ ރަސްމީ ތަފާސް ހިސާބު ދައްކާގޮތް. މިއަދު މި ހިނގާ ހަތަރު އަހަރު ބައިގެ ތެރޭގައި ނޮޅިވަރަމަށް މިވަނީ، މީގެ އެތައް ގުނައެއް އިތުރުވެފައި. ދިހަގުނައެއްވެސް ނޫން. ވިހި ގުނައާ ކައިރިކުރާ އަދަދެއް އިތުރުވެފައި މިއޮތީ. ނޮޅިވަރަމަށް މި ހަތަރު އަހަރު ބައިގެ ތެރޭގައި 115 މިލިއަން ރުފިޔާ މިވަނީ ހޭދަވެފައި.

 

އެހެންވީމާ، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވީ، ސިޔާސީ ކަންތައްތޯ މުހިންމީ، ނޫނީވިއްޔާ ރައްޔިތުންނަށް ބޭނުންވެފައި ހުރި ތަރައްޤީތޯ މުހިންމީ. ރައްޔިތުންނަށް ބޭނުންވެފައި ހުރި ތަރައްޤީގެ ވާހަކަ ދައްކާ ކަމަށްވަންޏާ، ނޮޅިވަރަމުގައި މީގެ ފަސް އަހަރު ކުރިން، އަޅުގަނޑުމެން ދައްކާނީ، މިތަނަށް ހަތް މިލިއަން ރުފިޔާ ހޭދަކުރާ ވާހަކައެއްނޫން. ހަތް މިލިއަން ރުފިޔާ ހޭދަކުރެވިފައި މިއޮތީ. އެއީ މީގެކުރީގައި، 2013ގެ ކުރިން ހިނގައިދިޔަ ފަސް އަހަރުގެ ދެ ދައުރުގެ ތެރޭގައި، ދެ ޒަޢާމަތުގެ ދަށުގައި ހިނގާފައި އޮތީ އެންމެ ހަތް މިލިއަން ރުފިޔާ. އެކަމަކު މި ސަރުކާރުން އެކަނި ނޮޅިވަރަމަށް ހޭދަކޮށްފިން 115 މިލިއަން. އަދިވެސް ހުރީ ނޮޅިވަރަމުގައި ހުރި މަސައްކަތްތައް ކުރިއަށް.

 

ދެން އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވާ ވާހަކައެއް އެބައޮތް. މިކަހަލަ ރަށްރަށަށް އަޅުގަނޑުމެން އަންނައިރު، އިވޭ އަޑުތަކުގެ ތެރޭގައި، ދަރަނީގެ ވާހަކަ އަޅުގަނޑުމެންނަށް ކޮންމެވެސްވަރަކަށް އެބަ އިވޭ. އަދި މާލޭގައި ދަރަނީގެ ވާހަކަ އެބަ ދައްކާ. އަޅުގަނޑު ހަމަ މީގެ ދެ ކަމެއް ތިޔަބޭފުޅުންނަށް ދަންނަވާލާނަން. އެކައްޗަކީ ތަފާސްހިސާބު. އަނެކައްޗަކީ ތިޔަބޭފުޅުންގެ ވިސްނުންފުޅަށް ދޫކޮށްލަން ބޭނުންވާ ކަމެއް. ނޮޅިވަރަމަށް މިހާރު އެންމެ ދަތިވެފައި، ނޫނީވިއްޔާ ފުދިގެން އެކަމުން އެންމެ އުފާ ލިބޭނެ ކަމަކަށްވާނީ، ނޮޅިވަރަމުގައި ސާފު ބޯފެން ލިބޭނެގޮތް. ކޮންމެ ގެއެއްގެ އިސްކުރު ހުޅުވާލީމާ، ފެން ލިބޭނެ ގޮތް. އަޅުގަނޑު ކައިރީ، މިތާ ތިއްބެވި ރައްޔިތުން ހަމަ ތެދުތެދަށް ވިދާޅުވޭ. ތިޔަބޭފުޅުން ބައްލަވަން ބޭނުންފުޅުތޯ، އަޅުގަނޑު ސަރުކާރުން އެކަން ކޮށްދިނީމާ، އެއީ ކޮންގޮތަކުން ހޯދި ފައިސާއެއްތޯ؟ އަޅުގަނޑަށް ޔަޤީން، ބޭނުމެއްނުވާނެކަން. އެއީ އަޅުގަނޑު ބޭރު ސަރުކާރަކުން އެހީ ހޯދައިގެން ކުރި ކަމެއްތޯ، ވާރލްޑް ބޭންކުން ލާރި ހޯދައިގެން ކުރި ކަމެއްތޯ، އޮފިޑުން ލާރި ނަގައިގެން ކުރި ކަމެއްތޯ، މިއީކީ ރައްޔިތުން ބަލަން ބޭނުންވާނެ ކަމެއްނޫން. ރައްޔިތުން ބަލަން ބޭނުންވާނެ ކަމަކީ، ދަރަނި ބޮޑުވެގެން ދާކަމަށްވަންޏާ، އެދަރަނި އަދާކުރުމުގެ ހަކަތަ މި ސަރުކާރުގައި އެބަހުރިތޯ.

 

އަޅުގަނޑު ދަންނަވާލާނަން އިޤްތިޞާދީ ވާހަކައެއް. މިއީ އެކަމަކު ހަމަ އާންމު ވިސްނުމުންވެސް ވިސްނޭނެ ވާހަކައެއް. ބޭންކަކަށް ލާރި ހޯދަންދާ މީހަކު، އޭނާ އެ ދަނީ ދަރަންޏަކާ މަތިވެގެން، އޭނާ ގޭގައި ގެސްޓްހައުސްއެއް ހަދަން. އޭނާ ގޭގައި ކުއްޔަށްދޭ ކޮޓަރިއެއް ހަދަން ދިޔަސް، އޭނާ އެ ދަނީ، އޭނާގެ ދަރިންނަށާއި، އޭނާގެ ދިރިއުޅުން އުޖާލާކުރަން. އޭނާ އެ ދަނީ ލޯނު ނަގަން. އޭނާއަށް ލިބޭ އެއްޗަކުން ދެކޮޅުޖައްސައިގެން މިކަން ކުރާކަމަށްވަންޏާ، އޭނާ އެކަން ކުރަން ނަގާފާނެކަންނޭނގެ 20 އަހަރު. އަޅުގަނޑުމެންގެ އެވަރުގެ އުމުރުގެ ތަނަވަސްކަމެއް ނޯވޭ. އަޅުގަނޑުމެން ބޭނުންވާނީ، އަޅުގަނޑުމެންގެ ގައިގައި ވަރުހުއްޓައި، އަޅުގަނޑުމެންގެ ކުދިންނަށް ކަންކަން ކޮށްދެވޭތޯ. އެހެންވީމާ، ކޮންމެ މީހަކުވެސް ބޭންކަށް މި ވަންނަނީ ލޯނު ނަގަން. ވިދާޅުވޭ، ދިވެހިރާއްޖޭގައި މަޝްހޫރު ވިޔަފާރިވެރިން، ކާކުތޯ ބޭންކަށް ނުވަދެހުރި މީހަކު ހުރީ؟ މިއަދުވެސް ބޭންކުން ނަގާ ލޯނަކީ، ދަރަންޏެއް ކަމަށްވަންޏާ، ކާކުގެ ފޮތެއްގައިތޯ ދަރަނިނެތީ؟ އެންމެ ބޮޑެތި މަޝްހޫރު ވިޔަފާރިވެރިން ވިދާޅުވޭ، ކޮންމެ މީހަކުވެސް ލޯނު ނަގާނެ. ލޯނު ނުނަގަންޏާ ކީއްކުރާ ބޭންކްތަކެއް؟ ބޭންކެއް ނުހުންނާނެ. ދުނިޔޭގެ ހުރިހާ ތަނެއްގައި ބޭންކް އެބަހުރޭ. ދުނިޔޭގެ ހުރިހާ ވިޔަފާރިވެރިން ލޯނު ނަގާ. ހުރިހާ ދައުލަތަކުން ލޯނު ނަގާ.

 

އެހެންވީމާ، ނޮޅިވަރަމުގެ ރައްޔިތުންނެއް، ފުޓްބޯޅަ ދަނޑު އަޅާއިރު، ނޫނީވިއްޔާ މިތަނަށް ބޭނުންވާ ބޯފެން އަޅުގަނޑު ފޯރުކޮށްދޭއިރު، ނޮޅިވަރަމަކުން ބަލާކަށް ބޭނުމެއްނުވާނެ، މި ދަރަނި އަދާކުރެވިދާނެތޯ، މިއީ ދަރަނިތޯ. ދަރަނި ދޫކުރާ ފަރާތްތަކުން އެބަ ބަލައޭ، ދައުލަތުގެ ހަކަތަ އެބަ ހުރިތޯ. މީހަކަށް ހަމަ ލޯނު ދޭން، ބޭންކުން އެމީހާއަކީ ކިހާ އާމްދަނީއެއް ހޯދާ މީހެއްތޯ، އޭނާގެ ޖަމާގައި، ރައުސްމާލުގައި ހުރީ ކޯއްޗެއްތޯ ބަލާ އުސޫލުން، ހަމަ ލިޔެކިޔުންތައް އެބަ ބަލައޭ، ދިވެހިރާއްޖޭގެ މިއަދުގެ ސަރުކާރުގައި އެވަރުގެ ހަކަތައެއް އެބަހުރިތޯ. ހިންގާ މަޝްރޫޢުތަކަށް ބަލާކަމަށްވަންޏާ، އެވަރު ހަކަތައެއް އެބަހުރިތޯ މި ލޯނުތައް އަދާކުރަން. އެ ހަކަތަ ހުރީމާ ލޯނު ދެނީ. މީގެ ކުރީގައިވެސް ސަރުކާރުތައް ހުރި.

 

އަޅުގަނޑު ހަމަ އެންމެ މިސާލެއް ގެންނާނަން. އަޅުގަނޑުމެންގެ މައި ދޮރާށި، އިންޓަރނޭޝަނަލް އެއަރޕޯޓް، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް، މިހާރު ވެލާނާ އެއަރޕޯޓް. އެ އެއަރޕޯޓުގެ ފެށުމަކީ، މީގެ އެތަކެއް އަހަރުތަކެއް ކުރިން، ރައީސް މައުމޫން ހިންގެވި ވަރަށް މުހިންމު މަޝްރޫޢެއް. އެ މަޝްރޫޢު އަޅުގަނޑުމެން ފަށާފައި އެއޮތީ، އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ، ކުވައިތު ސަރުކާރުގެ އެހީގައި. ކުވައިތު ފަންޑުން 30 މިލިއަން ޑޮލަރު. އެންމެ 30 މިލިއަން ޑޮލަރު ނަގައިގެން. ދެން އެތަނަށް އައިސްފައި ހުރި ތަރައްޤީ، އެކި ހިސާބުގައި އައިސްފައި އެހެރީ އެއަރޕޯޓުން ލިބުނު އެއްޗަކުން އައިސްފައި ހުރި ތަރައްޤީ. މިހާރު އެއީ އާ އެއަރޕޯޓެއް. މިއަދު އަޅުގަނޑުމެންނަށް 30 މިލިއަނަކުން ނުފުއްދޭނެ. މިއަދު އެތަނަށް އަޅުގަނޑުމެން މިނަގަނީ 1000 މިލިއަން ޑޮލަރުގެ ލޯނު. ކިހިނެއްތޯ އަޅުގަނޑުމެންނަށް 1000 މިލިއަން ޑޮލަރު މިދެނީ؟ އެއީ، މިސަރުކާރުގައި އެ ލޯނު އަދާކުރުމުގެ ޤާބިލުކަމާއި ހަކަތަ ހުރިކަން، ބޭރުގެ ފަރާތްތަކަށް ގަބޫލުކުރެވޭތީ.

 

އެހެންވީމާ، ކީއްވެގެންތޯ ނޮޅިވަރަމުގައި ބޯފެނުގެ ނިޒާމު ދޭން އަޅުގަނޑަށް ލޯނެއް ނުނެގެންވީ؟ ނޫނީ އެ ލޯނު އަދާނުކުރެވޭނެ ކަމަށް، ކޮންކަމަކާތޯ ނުނިދިގެން އުޅެންވީ؟ އެވަރުކަމަކާ ނުނިދިގެން އުޅޭކަމަށްވަންޏާ، މާތްކަލާކޯ، ނުވާނެ ރައްޔިތުންގެ ކަންކަމާ ހަވާލުވާން ވިސްނަންވެސް. ރައްޔިތުންނަށް ދިމާވާނެ އެއަށްވުރެ މާބޮޑެތި ކަންތައްތައް. އެހެންވީމާ، އަޅުގަނޑުމެން ނުކައި ނުބޮއި، ނުނިދާ އުޅެނީ ލޯނެއް ނަގައިގެން ކަމަށްވަންޏާ، އެއީ އެއްގޮތަކަށްވެސް ތަޞައްރަފު ފުދޭ ވާހަކައެއްނޫން އެ ދެއްކެނީކީ. އެހެންވީމާ، މި ލޯނު ނަގައިގެން ކުރާ ކަންތައްތައް އަޅުގަނޑުމެން މިކުރަނީ. ގައިމު ކަމެއްވީމާ، އަޅުގަނޑުމެންނަށް މި ލޯނުތައް މި ލިބެނީ. ނުކުރެވޭ ބޮޑެތި އެތައް މަސައްކަތެއް އެހެރީ އަޅުގަނޑުމެން ހަމަ ލޯނު ނަގައިގެންނާއި، އަދި ސަރުކާރުގެ ހަކަތަ ހުރީމާ، އެލޯނުތައް އެހެރީ ދީފައި.

 

އަޅުގަނޑުމެންގެ ސަރުކާރުގައި ހަކަތަ ހުރިކަމަށް އެމީހުން މިނާ އެއް މިންގަނޑު އަޅުގަނޑު ދަންނަވާލާނަން. މިއަދު ރާއްޖެއަކީ މުޅި ދުނިޔެއަށް ޓޫރިޒަމަށް މަޝްހޫރު ތަނެއް. އެންމެ މަޤްބޫލު މަންޒިލަކީ، އެންމެ މަޤްބޫލު ޞިނާޢަތަކީ، މުޅި ދުނިޔޭގައިވެސް އެންމެ މަޤްބޫލު ޞިނާޢަތަކީ ޙަޤީޤަތުގައިވެސް ޓޫރިޒަމް. ފަތުރުވެރިކަން. އެޞިނާޢަތުގެ އެންމެ މަޤްބޫލު މަންޒިލަކަށް މިއޮތީ ދިވެހިރާއްޖެ. ދިވެހިރާއްޖޭގައި އެބަހުރި، ދުނިޔޭގެ މަޝްހޫރު ހުރިހާ ބްރޭންޑްތަކެއްގެ ހޮޓާ. މިހުރިހާ ކަމަކާއެކުވެސް، މިއަދު ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަކީ ގާތްގަނޑަކަށް 1.5 މިލިއަން. 1.5 މިލިއަނުން އަޅުގަނޑުމެން މިއަދު މިދައްކަނީ ގާތްގަނޑަކަށް 30,000 ބިލިއަން ރުފިޔާގެ ބަޖެޓެއްގެ ވާހަކަ. އަޅުގަނޑުމެން 1000 މިލިއަން ޑޮލަރު ނަގައިގެން މި އެއަރޕޯޓް ހަދާ ނިމިގެން، އަޅުގަނޑުމެން މި އުންމީދުކުރަނީ އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ މިތަނަށް މިހާރު މި ޒިޔާރަތްކުރާ 1.5 މިލިއަން އިތުރުވެގެންދާނެ ކަމަށް، 8 މިލިއަން ފަސެންޖަރުންނަށް. 8 މިލިއަން ފަސިންޖަރުންނަށް އިތުރުވެގެން ދިޔައިމާ، ދެން އަޅުގަނޑުމެންގެ އާމްދަނީ އިތުރުވާވަރު، އަޅުގަނޑުމެން އެކަންޏެއްނޫން އިޙްސާސް ކުރަނީކީ. އަޅުގަނޑުމެންނަށް ލޯނުދޭ ފަރާތްތަކުންވެސް އިޙްސާސްކުރޭ.

 

ލޯނުގެ ވާހަކަ ދައްކާއިރުވެސް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވާ އެހެން ވާހަކައެއް އެބައޮތް. ލޯނު ނަގައިގެން ކަންތައްތައް ކުރާއިރު، ރައްޔިތުންނެއް، ނިކަމެތި ރައްޔިތުންނެއް، ނޫނީވިއްޔާ، ކަންކަން ބޭނުންވެފައި ތިބި، ނިކަމެތިކަމުން އެކަންކަން ނުވެފައި ތިބި މީހުނެއް ބޭނުމެއްނުވާނެ، ސަރުކާރުން އެކަންކޮށްދެނީ، ކިހާވަރެއްގެ ބުރައެއް އުފުލައިގެންތޯ ބަލާކަށް. ވެރިކަން ހިންގަން ސަރުކާރަކާ ހަވާލުވަނީ، ބުރަ އުފުލައިގެން، ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދޭން ބޭނުންވާ މީހުން. އެހެންވީމާ، އެ ބުރަ އުފުލައިގެން އެކަންކަން ކޮށްދޭން ބޭނުންވާތީ، ރައްޔިތުންގެ ކުރިމައްޗަށް މީގެކުރިންވެސް އަޅުގަނޑު ނުކުތީ 2013 ގައި. އަދި މިހާރުވެސް ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ މިހުރީ، ހަމަ ބުރަ އުފުލައިގެން މިކަން ކުރަން ބޭނުންވާތީ. ޢަބްދުއްރަޙީމްގެ ވާހަކަފުޅުގައި އެވިދާޅުވީ، ލޯނުގެ ވާހަކަ ދައްކާއިރު، އަޅުގަނޑުމެންނާ އިދިކޮޅު ފަރާތްތަކުން ދައްކާކަށް މާ ޖާގައޮތް ވާހަކައެއް ނޫން މިއީކީ.

 

އަޅުގަނޑުމެން ސަރުކާރާ ހަވާލުވީއިރު، ދިވެހި ސަރުކާރުގެ ދަރަންޏަކީ، އަށާވީސްހާސް މިލިއަން ރުފިޔާ. 28.500 މިލިއަން. ނޫނީވިއްޔާ އަށާވީސްހާސް މިލިއަން. އަށާވީސް ބިލިއަން. ނޫނީވިއްޔާ އަށާވީސްހާސް މިލިއަން. މިއަދު މިރަށުގެ ހެދިގެންމިދާ ނަރުދަމާއަކީ ގާތްގަނޑަކަށް 75 މިލިއަނުގެ ނަރުދަމާއެއް. ރާއްޖޭގައި މީހުން އުޅޭ 187 ރަށް އެބައޮތް. މިއީ ބޮޑު ރަށެއް. ބޮޑު ރަށެއްވީމާ، ނަރުދަމާގެ ޚަރަދު ބޮޑުވާނެ. އެއީ ނަރުދަމާ ގޮޅިދަމަންޖެހޭ ސަރަޙައްދުވެސް ބޮޑުވާތީއާއެކީ. މިއަށްވުރެ ކުދި ރަށްތަކުގައިވެސް އަޅުގަނޑުމެން މިދަނީ ނަރުދަމާ ހަދަމުން. ބިމުގެ ގޮތުން ކުދި ރަށްތަކުގައި. އެކަމަކު މިރަށަށް 75 މިލިއަން ޚަރަދުކުރެވިގެން ނަރުދަމާ ހެދޭއިރު، މިއީ އަގުބޮޑު މަޝްރޫޢެއް. އަޅުގަނޑުމެން ހަވާލުވި ދަރަންޏަށް އެކަނި ބަލައިލާ ކަމަށްވަންޏާ، މިދެންނެވި އަށާވީސްހާސް މިލިއަން ރުފިޔާގެ ދަރަންޏަށް އެކަނި ބަލައިލި ކަމަށްވަންޏާ، 75 މިލިއަނުގެ ރޭޓުންވެސް މި ދައްކަނީ 380 ނަރުދަމާގެ ވާހަކަ. 380 ނަރުދަމާގެ ވާހަކަ މި ދައްކަނީ އަޅުގަނޑުމެން ހަވާލުވި ދަރަނި.

 

އެހެންވީމާ، އެދަރަނި ނެތްނަމަ، އަޅުގަނޑުމެންނަށް މި ހުރިހާ ކަމެއް ކުރެވުނީސް. އަދި އޭގެ އިތުރަށް، އަޅުގަނޑުމެން އެތައް ބައިވަރު ދަރަނިތަކަކާ ހަވާލުވެއްޖައިން. އެއަރޕޯޓް އަނބުރާ ހޯދުމަށް އަޅުގަނޑުމެން ކުރި ހޭދައަކީ، އަޅުގަނޑުމެން ދަރަނި ނަގައިގެން ކުރި ހޭދައެއް. އެހެންވީމާ، ދަރަނީގެ ވާހަކަ އެހެން ބަޔަކަށް ދެއްކޭކަށެއް ނެތް. އެބައެއްގެ ކުރީގައި އޮތް ދަރަނިތައްވެސް އަދާކުރީ ހަމަ މި ސަރުކާރުން. އަދި މިހާރު ދަރަނި ނަގައިގެން މިކުރާ ކަންތައްތަކަކީވެސް ދަރަނި ދޫކުރާ ފަރާތްތަކުން، ސަރުކާރުން މި ދަރަނި އަދާކުރުމަށް ޤާބިލުކަން ހުރިކަމަށް ގަބޫލުކުރެވޭތީ، ދޫކުރާ ދަރަނި. ނެގިފައިހުރި ދަރަންޏަށް ބަލާކަމަށްވަންޏާ، މި ދަންނަވަނީ، މިރަށަށް އެކަނި ބަލައިލިނަމަވެސް މިރަށުގައި މި އެޅެނީ އަގުބޮޑު ނަރުދަމާގެ ނިޒާމެއް. ޚަރަދު ބޮޑު. އެކަމަކު ދަރަނީގެ އަދަދަށް އެކަނި ބަލައިލިއަސް، އަޅުގަނޑުމެން ހަވާލުވި ދަރަންޏަކީ، ހަމައެކަނި ނަރުދަމާއަށް ހޭދަކުރަން އެފައިސާ ހުރިނަމަވެސް، 380 ނަރުދަމާގެ ވާހަކަ މިދައްކަނީ.

 

އެހެންވީމާ، ކީއްކުރަންތޯ އެހެން މީހުން ދަރަނީގެ ވާހަކަ ދައްކަންވީ؟ އެހެން މީހުން ދަރަނީގެ ވާހަކަ ދައްކާނެ ކަމެއްނެތް. އެހެން މީހުން ދައްކަންވީ ވާހަކައަކީ، ރާއްޖެ އިޞްލާޙުކުރާ ވާހަކަ. ރާއްޖެ ތަރައްޤީ ކުރާ ވާހަކަ، ރައީސް ޔާމީނަށް ދޫކޮށްލާ. ރާއްޖެ ތަރައްޤީ ކުރުމުގެ ކަންތައް، ރައީސް ޔާމީނަށް ދޫކޮށްލާފައި، ރާއްޖެ އިޞްލާޙުކުރާ ވާހަކަ ދައްކާ! ރާއްޖެ އިޞްލާޙުކުރާ ވާހަކައިގެ ތެރޭގައި އަންނަންޖެހެނީ، ކީއްވެގެންތޯ މީހުން ކުށްކުރަނީ. ކޮން ބައެއްތޯ މީހުން ކުށަށް އަރައިގަންނަށް ހިތްވަރުދެނީ. ކީއްވެގެންތޯ ޒުވާނުން ޖަލުތަކަށް ވަންނަނީ. ކީއްވެގެންތޯ މުއައްސަސާތަކުގައި ތިބި މީހުންނަށް، މިހާރު ރައްޔިތުން އިތުބާރު ނުކުރަނީ. ކީއްވެގެންތޯ މިސާލަކަށް، ޢަދުލު އިންސާފުގެ ދާއިރާގެ ތެރޭގައި، ކުރީގައި އަޅުގަނޑުމެންގެ އޮތް އިޙުތިރާމް ކުޑަވެގެން މިދިޔައީ، ފެބުރުވަރީ 1 ވަނަ ދުވަހާ ހަމައިން. ކީއްވެގެންތޯ ތަންތަނުގައި ކަންކަން ނިންމަން މުއައްސަސާތަކުގައި ތިބޭ މީހުންވެސް އެތިބެނީ، ރައްޔިތުން އިންތިޚާބު ކޮށްފައި ތިބޭ މަޤާމުތަކެއްގައި. ނޫނީވިއްޔާ ރައްޔިތުންގެ މަޖިލީހުން، ޤާނޫނުއަސާސީއިން ބުނާގޮތަކަށް ޢައްޔަނުކޮށްފައި. ކިހިނެއްވެގެންތޯ އެތަންތަނުން ނިންމާ ކަންތައް، އެތަންތަނުން ކުރަންވާ ގޮތަށް އެކަންކަން ނުކުރެވި، ވަކިގޮތަކަށް، ވަކިކޮޅަކަށް ޖެހިގެން ކަންކަން ނިންމެނީ. މިއީ ތަރުބިއްޔަތުގެ ވާހަކަ މި ދައްކަނީ.

 

ޒުވާން ކުދިންގެ ތަޢުލީމާއި، ތަރުބިއްޔަތުގެ ކަންތައް އަނެއްކާވެސް ރައީސް ޔާމީނަށް ދޫކޮށްލާ. އެއީ ތަޢުލީމީ ދާއިރާއަށް ގެނެސްފައި ހުރި ކުރިއެރުމާއެކީ، އައިސްފައި އެހުރީ. ދުނިޔެއިން ވަނަތައް ހޯދާ މަޤާމުތަކަށް ބަލާކަމަށްވަންޏާ، އެހެރީ މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ކޮށްދީފައި ހުރި ކަންތައްތައް. ރަށްރަށުގައި ތިބި ޓީޗަރުންގެ ފެންވަރު، ޑިޕްލޮމާ ފެންވަރަށް ގެނައީ ކާކުތޯ އަހައިފިއްޔާ ބުނާނެ، އެކަންވެސް ކުރީ ރައީސް ޔާމީނޭ. އެހެންވީމާ، އެންމެ ޒުވާން ކުދީންގެ ތަރުބިއްޔަތުގެ ވާހަކަވެސް ދައްކާނެ ކަމެއްނެތް. ތަޢުލީމުގެ ވާހަކަވެސް ދައްކާނެ ކަމެއްނެތް. ރާއްޖޭގެ ރައްޔިތުންނަށް މިސާލު ދައްކައިގެން ހިނގަން ތިބި މީހުންގެ ތަރުބިއްޔަތުގެ ވާހަކަ އަޅުގަނޑު މި ދައްކަނީ. އެ ތަރުބިއްޔަތު ކުރުމުގެ ވާހަކަ، އިދިކޮޅު ފަރާތްތަކުން ދެއްކިއްޔާ، މާ ރަނގަޅުވާނެ. އެކަމަކު އިދިކޮޅު ފަރާތްތަކުން އެ ތަރުބިއްޔަތުގެ ވާހަކައެއް ނުދެއްކޭނެ. މިއަދުވެސް އެ ގޮވާލަނީ، ކުށްވެރިންތައް ދޫކޮށްލާ ވާހަކަ. ކުށްވެރިންގެ ޙައްޤުތަކެއް ވާފަދައިން، މަޢުޞޫމް މީހުންގެ ޙައްޤު، އަޅުގަނޑުމެންގެ މުޖުތަމަޢުގައި މާ މުޙުތަރަމްކަން ލިބިގެންވޭ. މާ އިޙުތިރާމް ލިބިގެންވޭ. މާ ޤަދަރުވެރި. އެހެންވެގެން ޤާނޫނުތައް މި ހަދަނީ.

 

އަޅުގަނޑުމެން މި ވިސްނަނީ، ހަމަޖެހުމާއެކީ ތަރައްޤީ ކުރަން. ހަމަޖެހުމުގެ ތެރެއިން ތަރައްޤީ އަންނާނީ. ހަމަނުޖެހި، ހަމަނުޖެހުން، ނޫނީވިއްޔާ، ހަމަޖެހުން ނަގާލައިގެން ކުރާ ތަރައްޤީ އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ. ފަސް އަހަރުގެ ތެރޭގައި މި ދެންނެވި، އެ ތަރައްޤީގެ ނަތީޖާއަކީ ކޮބައިތޯ ނޮޅިވަރަމަށް؟ ހަތް މިލިއަން ރުފިޔާ. ހަމަޖެހިގެން މިކުރާ ތަރައްޤީގެ ނަތީޖާއަކީ ކޮބައިތޯ؟ ނޮޅިވަރަމަށް 115 މިލިއަން ރުފިޔާ. އެހެންވީމާ، ހިސާބު އަކުރުތަކުން އަޅުގަނޑުމެން އެއްޗެއް ބުނެދޭކަމަށްވަންޏާ، މި އެނގޭ އެއްޗަކީ، މަސްލަޙަތު ނަގާލައިގެން ގެނެވޭނެ ތަރައްޤީއެއް ނޯވެއޭ. މަޞްލަޙަތާއެކީ ކަންތައްތައް ކުރާކަމަށްވަންޏާ، ބޭރުގެ ފަރާތްތަކުންވެސް ރާއްޖެއަށް ވިޔަފާރިކުރަން އަންނަން ބޭނުންވާނީ.

 

އަޅުގަނޑު މި ތިންހާސް އެނދު ހއ. އާއި ހދ. ގައި ހުޅުވަނީ. އަޅުގަނޑު ކިހިނެއްތޯ އެކަންކުރާނީ، ދިވެހިރާއްޖެއަކީ، މަޞްލަޙަތު ގެއްލިފައި އޮތް ތަނަކަށް ވެއްޖިއްޔާ. ދިވެހިރާއްޖޭގައި އިންވެސްޓް ކުރާނެ މީހުންނެއްނުވާނެ. ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިން އައުމަށް ޖެހިލުންވާނެ. މިކަންކަން އަޅުގަނޑުމެން ދެކެފީމު. އެހެންވީމާ، އަޅުގަނޑުމެންނަށް ސަލާމަތްކަން އޮތްގޮތަކީ، މިދެންނެވި ކަހަލަ ކަންކަން. އެބަޔަކު އެންމެ ރަނގަޅަށް ކުރަން އެނގޭ ކަމެއް، އެބަޔަކު ކުރިއްޔާ ރަނގަޅުވާނީ. ތަރައްޤީކުރާ ވާހަކަ، މީގެކުރިން އަޅުގަނޑުމެންނަކަށް ނެތް، މިދެންނެވިހެން ފަސް އަހަރުގެ ތެރޭގައި ދެއްކޭކަށެއް. އެހެންވީމާ، މިހާރު ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި އިޚުލާޞްތެރިކަމާއެކީ، ރައްޔިތުންގެ މަޞްލަޙަތަށް ލޯބިކުރާ، އަދި ރައްޔިތުންގެ ތަރައްޤީއަށް ލޯބިކުރާ މީހަކަށް ވޯޓުލުމުގެ ތަރުބިއްޔަތު އަޅުގަނޑުމެން ދެނެގަންނަންވީ. އަޅުގަނޑުމެން ތަޖުރިބާތަކެއް ކޮށްފީމު. އެ ތަޖުރިބާތަކުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ކަޅު، އުނދަގޫ، ބަނަ ފަސް އަހަރެއްހާ ދުވަސް އަޅުގަނޑުމެންނަށް ގެއްލިގެންދިޔައީ. އެއީ، ތަހުޒީބުން. އެއީ، އަޅުގަނޑުމެން ރަށްރަށަށް ދޭންވާ ތަރައްޤީޤެ މަޝްރޫޢުތަކުން މުޅި ރާއްޖެ އެކަހެރިވެގެން ބީވެގެންދިޔަ ފަސް އަހަރު.

 

އެހެންވީމާ، އެ ތަޖުރިބާ އަޅުގަނޑުމެން ކޮށްފީމު. ފަލްސަފާއަކަށް ބަދަލެއްނާދޭ. ޝަޚްޞިއްޔަތުތައް ބަދަލުވެދާނެކަންނޭނގެ. ފަލްސަފާއަށް ބަދަލު ނާންނަކަމަށްވަންޏާ، އެންމެ މީހަކު ނުކުމެ، ގެނެވޭނެ ބަދަލެއް ނޯންނާނެ. ފަލްސަފާއަކަށް އެއްވެސް ބަދަލެއްނާދޭ. މިއަދުވެސް އެ ފަލްސަފާގެ ވާހަކަތައް އަޅުގަނޑުމެންނަށް މި އަޑުއިވިގެންދަނީ.  ހުރިހާ ކުށްވެރިން ދޫކުރާ ވާހަކަ. މިއީ، ކިހާވަރެއްގެ ވާހަކައެއްތޯ. އެއްވެސް މީހަކަށް މީހަކު އަދަބުދެނީކީ އެކަން ކުރާހިތަކުންނެއް ނޫނޭ. އެކަމަކު ކީއްވެގެންތޯ، ރަށްރަށުގައި ތިއްބަވާ ފަނޑިޔާރުން، ފަތިސްނަމާދު ކޮށްގެންދާއިރު، ދެ ފައިގައި ޖަހައި، ފައި ބިންދާލީމާ، ކީއްވެގެންތޯ، އެކަންކުރާ މީހަކަށް އަދަބު ނުލިބޭންވީ؟ ކީއްވެގެންތޯ އެއްވެސް ކަހަލަ ރަޙުމެއްނެތްގޮތުގައި މީހެއްގެ ފުރާނަ، އޭނާގެ ޖިސްމާ ވަކިކޮށްލެވިގެން ދިޔައިމާ، ކީއްވެގެންތޯ އެމީހަކަށް އަދަބު ނުދޭންވީ؟ އަދަބު ފެށިފައި މި އޮންނަނީ ދިވެހިރާއްޖޭގެ ތަހުޒީބަކުންނެއް ނޫނޭ. އިންސާނިއްޔަތުގެ އެންމެ ކުރީ ހިސާބުން އަދަބު އާދެއޭ. އަޅުގަނޑުމެންނަށް އިސްލާމްދީނުންވެސް ނަގައިދީފައި ހުރި ފިލާވަޅުތައް. އަޅުގަނޑުމެންގެ އެންމެ ދޮށީ ކާބަފައިންނާ ހަމައިން އަޅުގަނޑުމެންނަށް ނަގައިދީފައިހުރި ފިލާވަޅު.

 

ﷲ ގެ ޝަރީޢަތުގައިވެސް، އަދަބު އެބަހުރޭ. ކަންކަމުގެ އަދަބު އެބަހުރޭ. އެއީ، ތަރުބިޔަތުގެ އަސާސަކަށްވާތީ، އަދަބު ހުންނަނީ. އަދަބު ނުދީ ދެކޮޅުޖެއްސޭނެ ގޮތެއް ނެތީމާ، ދެކޮޅު ނުޖެއްސޭތީ އަދަބު މި ހުންނަނީ. މީހުން ތަރުބިއްޔަތު ކުރަން. އަޅުގަނޑުމެން ބޭނުމެއްނޫން، އަޅުގަނޑުމެންގެ މި ރަށްރަށަކީ ބޮޑެތި މުޖުރިމުން ގިނަވާ ރަށްރަށަކަށްވާކަށް. މިއީ، ޞުލްޙައާއި މަސަލަސްކަމާއެކީ، ރަށަށް ތަރައްޤީ ގެންނަން މަސައްކަތްކުރާ ރައްޔިތުންތަކެއް ތިބޭ ރަށްރަށަށްވާން މިޖެހެނީ.

 

އެހެންވީމާ، އަޅުގަނޑުމެންނަށް ފެނިގެން މިދިޔަ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ކޯއްޗެއްތޯ؟ ހުރިހާ މުއައްސަސާތައް ބޮލާލައިޖެހީ. މުއައްސަސާތަކަށް އާންމުވެގެންދިޔައީ ސިޔާސީ ނުފޫޒު. ސިފައިންނާއި، ފުލުހުންގެ ތެރެއަށް އާންމުވެގެންދިޔައީ ސިޔާސީ ނުފޫޒު. ފަނޑިޔާރުގެތަކަށް ވަނީ، ސިޔާސީ ނުފޫޒު. ދެން ވަނީ ފައިސާގެ ނުފޫޒު. އަޅުގަނޑުމެންގެ ލޯމަތިން ފެނިގެން ގޮސްފައިހުރި ކަންތައްތައް މިއީ. އެހެންވީމާ، ކޮންމެ ޒުވާން ކުއްޖަކުވެސް އަދި ރަށަށް ހެޔޮއެދޭ ކޮންމެ މީހަކުވެސް، މިކަންކަމާ ދޭތެރޭގައި ވިސްނައިލައްވާ! ކަރަޕްޝަނާ، މަގާމުގެ ނުފޫޒާ އައިސްފައި ހުރީ، ކޮން މިންވަރަކަށް، ކޮންއިރަކުތޯ އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަވަމާ! މިއިން ކޮން ބަޔަކަށްތޯ ގެއްލުންވީ؟ ކުޑަ މިސާލެއް. އޭރުން ގެއްލުންވީ ކޮން ބަޔަކަށްކަން ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުގެ ވާހަކަކޮޅު އެ ހިސާބުން ނިންމާލާނަން.

 

ސުޕްރީމް ކޯޓުގެ ފެބުރުވަރީ 1 ވަނަ ދުވަހުގެ ޙުކުމާ ގުޅިގެން، އެކަމުގައި އުޅުއްވި ފަނޑިޔާރުންނާ ދޭތެރޭގައި ބޭރު ދުނިޔެ ދެކެނީ ކިހިނެއްތޯ؟ ޢިލްމުވެރިން ދެކެނީ ކިހިނެއްތޯ؟ ތަހުލީލުކުރާ މީހުން ދެކެނީ ކިހިނެއްތޯ؟ އަދި ޕްރޮފެސަރުން، ކިޔަވައިދޭ މީހުން ދެކެނީ ކިހިނެއްތޯ؟ އަގެއް އެބައޮތްތޯ؟ އެކަމަކު މިއީ، މިނިވަން ކަރާމާތް ލިބިގެންވާ، އދ. ގައި ހިމެނޭ ޤައުމެއް. އަޅުގަނޑުމެން މިއުޅެނީ، އަޅުގަނޑުމެންގެ ޙައްޤު ހޯދުމަށް ކުރާ މަސައްކަތްތަކުގައި. އެކަމަކު މުއައްސަސާތަކަށް ސިޔާސީ ނުފޫޒާއި ފައިސާގެ ނުފޫޒު ވަދެގެން އައިމާ، ކޮން ބަޔަކަށްތޯ ގެއްލުންވެގެން މިދަނީ. ފުލުހުންގެ މުއައްސަސާއަށް ނުފޫޒު ވަދެގެން ދިޔައިމާ ކިހިނެއްތޯ މިވަނީ. ސިޔާސީ އެކި ކަންކަމުގައި ފުލުހުންގެ އިސް މީހުން އުޅޭތީ، ފުލުހުންގެ ތެރޭގައި އެންމެ ރަނގަޅަށް ތަމްރީނު ލިބިފައި ތިބި، އަށެއްކަ މީހުން، އިސް މީހުން ވަކިވެގެން ހިނގައްޖެ. ކޮން ޢާއިލާތަކަކުންތޯ އެކަމަށް ކަރުނައަޅަނީ. ކީއްތޯ މިވީ! އެ މީހުންގެ މައްސަލަތައް ނިމިފައި އެހުރީ، އެ މީހުންގެ ޑިސިޕްލިނަރީ ބޯޑުތަކުން ބަލާފައި، އެ މީހުންގެ މައްޗަށް ކަންތައްތަކެއް ސާބިތުވާތީ.

 

އެހެންވީމާ، މިކަހަލަ ކަންކަން ކުރީމާ، ކޮން ބަޔަކަށްތޯ މިއިން ގެއްލުންވަނީ؟ ހަމަ ދިވެހި ރައްޔިތުންނަށް. މި ދިވެހި ރައްޔިތުންނަށް ލިބޭ ގެއްލުމުގެ ތެރޭގައި، މިދެންނެވި ގޮތަށް ސުޕްރީމް ކޯޓުން އެ ކުރެއްވި ކަންތައްތަކާ ގުޅިގެން، މުޅި ދުނިޔެ ދިވެހިރާއްޖެއަށް މަލާމާތްކުރޭ. ކޮބައިތޯ އަޅުގަނޑުމެންގެ އަގަކީ؟ އަޅުގަނޑުމެންގެ އަގަކީ، އެޕާޓްމަންޓެއްތޯ؟ މިއީތޯ، އަޅުގަނޑުމެންގެ ހުރިހާ މައްސަލަތައް، އެންމެފަހު މަރުޙަލާގައި ފައިސަލާކޮށް ނިންމަން ތިބޭ މީހުންގެ އަގަކީ؟ މިއީ، ދިވެހި ދައުލަތް. މި ދައްކަނީ، މީހަކަށް ބޮލަކަށް ޖެހޭވަރު، ދިހަހާސް އެމެރިކާ ޑޮލަރަށް ހިނގައްޖެއޭ. މިއަދު މި ދައްކަނީ، ދިވެހިރާއްޖޭގައި ބޮޑެތި ބިޔަ ބްރިޖް އަޅާ ވާހަކަ. މި  ދައްކަނީ، 1000 މިލިއަން ޑޮލަރުގެ ލޯނު ނަގައިގެން އެއަރޕޯޓު ހަދާ ވާހަކަ. އެކަމަކު މި ދައްކަނީ ކަންކަން ނިންމަން ތިބޭ، އެންމެ މަތީ މަޤާމުތަކުގައި ތިބޭ މީހުން، ރާއްޖެއިން ބޭރު ތަނެއްގައި އެންމެ ފްލެޓަކަށް އެމީހުންގެ ހުރިހާ ކަރާމާތެއް ގެއްލުވާލި ވާހަކަ. ކޮން ބަޔަކަށްތޯ ހުތުރު މިވީ މިއިން. ވިސްނާވަޑައިގަންނަވާ! މިއީ، ތަރުބިއްޔަތާއި އިޚުލާޞްތެރިކަމުގެ ވާހަކަ. އަދި އަޅުގަނޑުމެން މި ދުނިޔޭގައި އުޅޭއިރު، އަޅުގަނޑުމެންނަށް މި އަންނަނީ، ލަޢުނަތާއި މަލާމާތް. އަދި އަޅުގަނޑުމެން އެނބުރި ދާންއޮތީ، ﷲގެ ޙަޟުރަތަށް. ހަމަގައިމުވެސް މިކަންކަމުން އެމީހުންނަކަށް ދެއްކޭނެ މިސާލެއް ނޯންނާނެ.

 

ހުރިހާ ޒުވާން ކުދިންވެސް މިސާލު ނަންގަވާ މިކަންކަމުން. މުދައްރިސުން، ތަރުބިއްޔަތުގެ އަސްލު ކަމުގައިވާ މަންމައިން، މިކަންކަމުން މިސާލު ނަންގަވާ! އަޅުގަނޑުމެންގެ ސަލާމަތެއް، ރައްކާތެރިކަމެއް، މިކަހަލަ ކަންކަމުން އަޅުގަނޑުމެންނަށް ފިލާވަޅު ނަގައެއްނުދޭނެ. އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރިކަން އޮތީ އަޅުގަނޑުމެން ގަބޫލުކުރާ އުސޫލެއްގެމަތީގައި ތިބެގެން. ދިވެހިރާއްޖޭގެ ރައްޔިތުން ދިވެހިރާއްޖެއަށް ނޭދޭ ހެވެއް އެދިގެން ބޭރުބައެއް ނާންނާނެ. އަބަދުވެސް އަޅުގަނޑުމެންގެ ތެރޭގައި ހުރި ކަންތައްތައް ގުޑުވަން، ގަނޑުހިލުވަން އަންނަ ބަޔަކު ދިވެހިރާއްޖެއަށް އަންނާނެ. އެހެންވީމާ އެއަށް ޖާގަނުދީ! އެއަށް ޖާގަ އެ ދެވެނީ، މިހާރު ބަޔަކު ޖާގަދޭތީ. އެކިއެކި ފަރާތްތަކުން އަޅުގަނޑުމެންގެ ސިޔާސީ ކަންކަމާއި، ދާޚިލީ ކަންކަމާ ކީއްކުރަންތޯ ބެހެންވީ. މިތަނުގައި ނަރުދަމާއެއް އަޅަންޏާ، ވަކި ކުންފުންޏަކަށޭ ނަރުދަމާ ދޭންވާނީ، ބުނަންވާނީ، ރާއްޖެއިން ބޭރު ފަރާތެއްތޯ. އެމީހުންނާ ކޮން ބެހޭކަމެއްތޯ؟

 

އެހެންވީމާ، ތަރުބިއްޔަތާއެކީ ވިސްނާވަޑައިގަންނަވާ! އަޅުގަނޑުމެން މިދަނީ މުޅި ދިވެހިރާއްޖެއަށް، މި ޖީލެއް ނޫން، އަޅުގަނޑުމެންގެ ޒުވާން ޖީލުގެ މި ދެންނެވި ކަހަލަ ތަރުބިއްޔަތާއި އަދި ރަށްރަށަށް ބޭނުންވެފައި ހުރި ތަރައްޤީގެ ބިންގާ އެޅުމަށް ނަގާ ވޯޓަށް މިދަނީ. އެ ވޯޓު ނަގާއިރު، މި ދެންނެވި ކަހަލަ ވިޔާނުދާ ކަންކަމުގައި ބައިވެރިވެފައި އަދި އެކަންކަމަށް ހިތްވަރުދީ، އެކަންކަމުން މަންފާއެއް ލިބެން ތިބި ފަރާތްތަކާ ދެކޮޅަށް އަޅުގަނޑުމެން މި ނުކުންނަނީ. އަޅުގަނޑުމެން މި ނުކުންނަނީ، ޤައުމީ ޖިހާދެއްގައި. އަޅުގަނޑުމެން މި ނުކުންނަނީ، ދިވެހިރާއްޖެއަކީ އިސްލާމްދީންމަތީގައި އޮންނަ، ދިވެހި ސިފަތަކަކާއި ރީތި އުސޫލުތަކެއްގެ މަތީގައި ތަރުބިއްޔަތުކޮށް، ތަހުޒީބާއެކީ ތަރައްޤީ ގެނެސްދޭނެ ވެރިކަމެއް ކުރުމަށްޓަކައި. މިއަކަށް ޖަވާބުދޭކަށް، މިއަކަށް ޒުވާބުދޭކަން މީހަކު ނާންނާނެ.

 

އަޅުގަނޑު އަދި މި ދަތުރުމަތީގައި ބައެއް ބޭފުޅުންނަށް، ނޫނީ ބައެއް ސިޔާސީ ފިކުރުތަކުގެ ބޭފުޅުންނަށް ޖަވާބު ނުދެވޭނެ އެތައް ސުވާލެއް، ރައްޔިތުންގެ ކޯޓުގައި، ރައްޔިތުންގެ ދަރުބާރުގައި އެ ބޭފުޅުންނާ ކުރިމަތިކުރާނަން. އެއީ އެ ބޭފުޅުންނަށް ޖަވާބު ދެއްވޭނެ ކަންކަމެއްނޫން. އަޅުގަނޑު މިދެންނެވި ވާހަކަތަކުންވެސް، ކޮން ޖަވާބެއްތޯ ދެވޭނީ؟ ކީއްވެގެންތޯ، އަޅުގަނޑުމެންގެ އެއަރޕޯޓު ޖީ.އެމް.އާރަށް ވިއްކާލަންވީ؟ ކޮންކަމަކާތޯ ވިއްކާލަންވީ؟ އެއިން ކޮން ގެއްލުމެއްތޯ ލިބުނީ. އެއިން ލިބުނު ގެއްލުމަކީ، އެއަރޕޯޓު އަނބުރާ ހޯދަން، އަޅުގަނޑު ހޭދަކޮށްފިން، 320 މިލިއަން ޑޮލަރު. 320 މިލިއަން ޑޮލަރުގެ ވާހަކަ ދައްކާކަމަށްވަންޏާ، މިތާ 65 ޕަސެންޓް ބަނދަރުގެ ވާހަކަ މި ދައްކަނީ. ނިމިފައި އޮތީ. އަޅުގަނޑުގެ ހިސާބުން 320 މިލިއަން ޑޮލަރަކީ، ގާތްގަނޑަކަށް 80 ރަށުގެ ބަނދަރު. 80 ރަށުގެ ބަނދަރު، ކަމަކާނުލައި އަޅުގަނޑުގެ އަތުން ހޭދަވެގެންދިޔައީ، ބަޔަކު ނުބައި ވިޔަފާރިއެއް ކޮށްފައި އޮތީމާ.

 

އެހެންވީމާ، ވިޔަފާރިކުރަން އެނގޭ މީހުން ލޯނު ނަގާނީ. ލޯނު އަދާކުރާނީވެސް، ލޯނު އަދާކުރުމުގެ ޤާބިލުކަން ހުންނަ މީހުން. އެމީހުން ނުވާނެ ވިޔަފާރިކުރަން އުޅޭކަށް. އެހެންވީމާ، ވިޔަފާރިކުރަން ނޭނގޭ ބަޔަކާ، މިހާ ހިސާބަށް އަޅުގަނޑުމެން މި ތަރައްޤީކުރި ވަސީލަތްތައް، ވިޔަފާރިކުރަން ނޭނގޭ ބަޔަކަށް ދޫކޮށްލާކަށް ނުވާނެ. އެމީހުންނަށް އެނގޭނީ، އެހެންމީހުން ހަދާ، ބިނާކުރާ އިމާރާތްތައް ވިއްކާލަން އެނގޭނީ. އަޅުގަނޑުމެންނަކީ، ދިވެހިރާއްޖޭގެ ތަންތަން ބިނާކޮށްފައި، އޭގެ މަންފާ ފުރިހަމައަށް، ރައްޔިތުން ހޯދަން ތިބި ބައެއް. އޭގެ މަންފާ ހޯދަންވީ އަވަށްޓެރި ޤައުމުތަކަކުންނެއް ނޫން. މިތަނުގައި ވަޒީފާތައް އަދާކުރާނީ، މިތަނުގެ ދިވެހި ޒުވާނުން. އެތަންތަން ވިއްކާލީމާ އެތަންތަނުގެ ވަޒީފާއަށް އަންނާނީ، އެހެން ކަރަކަރައިގެ މީހުން. އެއީތޯ، ދިވެހި ޒުވާނުން ބޭނުންވާ ގޮތަކީ؟ އަޅުގަނޑުގެ ސަރުކާރުންވާ، ހަތްދިހަހާސް ވަޒީފާ އުފައްދައިފިން. އެ ސަރުކާރުން ކޯއްޗެއްތޯ އުފެއްދީ؟ ވަޒީފާ ލިބެން އޮތް ތަނަކީ، އެއަރޕޯޓް. އެއަރޕޯޓު ވިއްކާލީ.

 

އެހެންވީމާ، އަޅުގަނޑު ހަމަ މި ވާހަކަ ދައްކާލާފައި، ތިޔަބޭފުޅުންނަށް މިސާލުތަކެއް މިދަންނަވާލަދިނީ. ހަމައެކަނި ވިސްނުމުގައި، މިކަހަލަ ކަންކަން ގެންގުޅުއްވާ! ސާފު ސިކުނޑިއަކުން ވިސްނާފައި ކިރައިލައްވާ! ވަރަށްގިނަ އަސްލުތަކެއްގެ ވާހަކަ މި ދެއްކެނީ. އެހެންވީމާ، މިކަންކަމަށް ވިސްނާވަޑައިގަންނަވާ! ނޮޅިވަރަމަކީ، މުހިންމު ރަށެއް. ނޮޅިވަރަމަކީ، އުތުރުގައި ހުރި ރަށްތަކުގެ ތެރެއިން އެންމެ މުހިންމު ހަތަރު ފަސް ރަށް ނަގާކަމަށްވަންޏާ، ނޮޅިވަރަމް ހިމެނޭ. އަދި މިތަނަށް އަންނަން އޮތް ތަރައްޤީއަށް ބަލާކަމަށްވަންޏާ، އެ ތަރައްޤީއާ، ނޮޅިވަރަމުގެ އުންމީދުތަކާ މިހުރީ ގުޅިފައި. ސަރުކާރުން ކޮށްދޭނެ ކަމަކީ މަގުފަހިކޮށްދިނުން. ސަރުކާރުން ކޮށްދޭނެ ކަމަކީ، މިތަންތަނަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށްދިނުން. މިހާތަނަށްވެސް ކޮށްދިނީ އަޅުގަނޑުމެން. ކުރީގައި ހަތް މިލިއަން. މިހާރު 115 މިލިއަން. ބަނދަރާއި ދެންވެސް މިތަނަށް ބޭނުންވާ ފެނާ ނިމިގެންދާއިރު އަޅުގަނޑަށް ޔަޤީން، މިތަނަށް ދުއިސައްތަ ވަރަކަށް މިލިއަން ރުފިޔާ އަންނާނެ. އެހެންވީމާ، މި ލާރި ހޯދަން ނޭނގޭ ވާހަކަ، އިދިކޮޅު ފަރާތްތަކުން އެ ވިދާޅުވަނީ. މީގައި ވާގޮތަކީ، ދަންނަވަންތޯ، ފިނި ދުވަހެއްގައި، ވައިގަދަ ދުވަހެއްގައި އަތިރިމައްޗަށް ނުކުތީމާ ހީބިހިނަގާނެ. އެހެންނޫންތޯ؟ އެހެންވީމާ، ހީބިހިނެގީމާ އެމީހުންނަށް އަންނަ އިޙްސާސްތަކުގެ ވާހަކަ މި އަންނަނީ.

 

އެހެންނަމަވެސް، އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގައި، އަޅުގަނޑުމެން ދާނަން. އަޅުގަނޑުމެންގެ ޢަޒުމު ވަރުގަދަ، މިޞްރާބު ސީދާ. ރައްޔިތުންގެ ތަރައްޤީއަށް، ރައްޔިތުންގެ ލާބައަށްކުރާ މަސައްކަތް އަޅުގަނޑުމެން މިކުރަނީ.

 

އިރާދަކުރެއްވިއްޔާ، މި މަސައްކަތުގައި މާތް ﷲ ގެ ބަރަކާތް މިންވަރު ކުރައްވާށި!

 

والسّـــــلام عليــكم ورحمــة اللّــــه وبـركاتــه.