ސަރުކާރަށް ވަރަށް ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި ގަލޮޅު ވައިޖެހޭގޭއާގޭ އިބްރާހީމް ރަޝީދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވީ އިބްރާހީމް ރަޝީދުގެ މޫނު ދެކެވަޑައިގަތުމަށް މިއަދު ހަވީރު އާސަހަރާއަށް ޒިޔާރަތްކުރައްވައި ޢާއިލާގެ މެންބަރުންނާ ބައްދަލުކުރައްވައެވެ.  

އިބްރާހީމް ރަޝީދު އަވަހާރަވީ އާލަސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު ރޭ 11 ޖަހާއެހާކަންހާއިރު އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރަކީ 79 އަހަރެވެ. އަލްމަރްޙޫމް އިބްރާހީމް ރަޝީދަކީ 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި އަދި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. 

އަލްމަރްޙޫމް އިބްރާހީމް ރަޝީދު ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 13 ޖަނަވަރީ 1955 ގައެވެ. ފުރަތަމަ އަދާކުރެއްވީ އިލެކްޓްރިކް އޮފީހުގެ ކާތިބުކަމެވެ. އިބްރާހީމް ރަޝީދަކީ، ސަރުކާރުގެ ތަފާތު އެކި ދާއިރާތަކުގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި، ވަޒީރުލްއަޢުޒަމް އޮފީހުގެ ސެކްރެޓެރީކަމާއި، ބޯޓްސް އިކްވިޕްމަންޓް ގިއަރގެ މެނޭޖަރު ކަމާއި، އެއަރޕޯޓް އޮފީހުގެ އެސިސްޓެންޓް އެއަރޕޯޓް ޑިރެކްޓަރކަމާއި، މަޖީދިއްޔާ ސްކޫލުގެ ނާޒިރާގެ އެހީތެރިޔާކަން ހިމެނެއެވެ. އިބްރާހީމް ރަޝީދަކީ ތިލަދުންމަތީ އުތުރުބުރީ އަތޮޅުވެރިކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

 މީގެ އިތުރުން، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ވަކީލުކަމާއި، ޑިރެކްޓަރުކަމާއި ޑިރެކްޓަރ ޖެނެރަލްކަމާއި މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމުވެސް ފުރުއްވާފައިވެއެވެ. 23 މާރިޗު 2006 ގައި ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމުގައެވެ. 

އަލްމަރްޙޫމް އިބްރާހީމް ރަޝީދު އަވަހާރަވިއިރު ދެ ފިރިހެން ބޭފުޅުންނާއި 4 އަންހެން ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ. 

އަލްމަރްޙޫމް އިބްރާހީމް ރަޝީދުގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ، މިރޭ މަޣްރިބް ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.