"ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ މިއަދު އުފައްދަވައިފިއެވެ. 

ޤާނޫނު ނަންބަރު 2015/28 (ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނު)ގެ 26 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން އުފެއްދެވި މި އޮތޯރިޓީ އުފެއްދެވުމާގުޅިގެން، މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިނގާގޮތަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ "ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު" މިއަދު ވަނީ އުވާލައްވައިފައެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އުފައްދަވާފައިވަނީ، ކާރިސާއެއް ކުރިމަތިވުމުގެ ފުރުސަތު ކުޑަ ކުރުމާއި، އެކަމުން ލިބޭ ގެއްލުން ކުޑަ ކުރުމަށް ޚާއްޞަ އަހައްމިއްޔަތެއް ދީގެން، ޤައުމީ، އަތޮޅުތަކުގެ، ރަށްރަށުގެ އަދި ސަރުކާރުގެ މުއައްސަސާތަކާއި، ޖަމްޢިއްޔާތަކާއި، އަމިއްލަ ފަރާތްތަކާއި، އަމިއްލަ މުއައްސަސާތަކާއި މި ނޫނަސް ކާރިސާއާ ގުޅޭ ކަންކަން ބެލެހެއްޓުމާ ގުޅުންހުރި އެހެނިހެން ފަރާތްތައް ލައްވައި، ކާރިސާއާ ގުޅޭ ކަންކަން ބެލެހެއްޓުމުގައި ގުޅިލާމެހިފައިވާ އަދި ވިލަރެސް ކުރެވިފައިވާ ނިޒާމެއް ކުރިއެރުވުމަށެވެ.