ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށްޓަވައިދެއްވައިފިއެވެ.

މިއަދު ހެނދުނު ހެނބަދޫގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވުމުގެ ގޮތުން  ހަނދާނީ ބިނާގެ ފަރުދާ ކައްސަވައިދެއްވައިފައެވެ. 

ހެނބަދޫ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ހެނބަދޫ ކައުންސިލާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި  ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވައި، މި މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަށް ހާމަކުރައްވައި މިކަންކަން ހައްލުކުރެވޭނެ ގޮތްތަކާމެދު ރައީސުލްޖުމްހޫރިއްޔާއާއި މަޝްވަރާކުރައްވައިފައެވެ.

އަދި، މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހެނބަދޫ ކުޑަކުދިން ހުށަހަޅައިދިން ސަޤާފީ ހަރަކާތްތައް ބައްލަވާލައްވާފައެވެ.