ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދުގެ އަރިހަށް އިންޑިޔާގެ ސަފީރުގެ އަނބިކަނބަލުން ރީތީ މިޝްރާ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މުލީއާގޭގައެވެ.

މި ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުވުމުގެ މުހިންމުކަން ފާހަގަ ކުރައްވައި، އެފަދަ ފަރާތްތަކަށް އެހީތެރިކަންދޭނެ ހަރުދަނާ ނިޒާމެއް ޤާއިމުވެފައި އޮތުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ތައުލީމީ ހަޔާތް ބައްޓަންކުރުމުގައި ހަރަކާތްތެރިވާނެ ތަމްރީނު ލިބިފައިވާ ފަރާތްތައް މަދުކަން ފާހަގަ ކުރެއްވިއެވެ. އަދި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބައިވެރިވުން މުޖުތަމަޢުގައި އިތުރުކޮށް، އެފަދަ ފަރާތްތަކަށްވެސް އެކަށީގެންވާ ހުނަރު ދަސްކޮށްދިނުމުގެ މުހިންމު ކަމުގެ މައްޗަށް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި އިންޑިޔާ ސަފީރުގެ އަނބިކަނބަލުންގެ މި ބައްދަލުކޮށްލެއްވުމުގައި، މުޖުތަމަޢުގައި އަންހެނުން ބާރުވެރިކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވައި ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި، ދިވެހިރާއްޖެއާއި އިންޑިޔާއާ ދެ ޤައުމުގެ ދެމެދުގައި ޘަޤާފީ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ. މިގޮތުން، މާލޭގައި ޤާއިމުކޮށްފައިވާ އިންޑިޔަން ކަލްޗަރަލް ސެންޓަރުގެ ފަރާތުން އިންތިޒާމުކުރާ އުރުދޫ ބަސް ދަސްކޮށްދިނުމުގެ ކްލާސްތަކާއި، މިޔުޒިކާއި، ޔޯގާ ކްލާސްތަކުގެ މަޤުބޫލުކަން ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.