އިންޑިޔާގެ ބޮޑުވަޒީރުގެ ދައުވަތަކަށް ފުރަމާނަ ދަތުރުފުޅެއްގައި އާދިއްތަ ދުވަހު އެޤައުމަށް ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން އާގަރާގައި ހުންނަ ތާޖް މަހަލަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި، އިންޑިޔާގެ ބޮޑުވަޒީރާއި، ރައީސާއި، ނައިބު ރައީސްގެ އިތުރުން އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރާއި ވަނީ ބައްދަލުކުރައްވައިފައެވެ.

މި ދަތުރުފުޅުގައި، ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ 4 އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ. އަދި މިދަތުރުފުޅާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވައިފައެވެ. ނޫސްވެރިންނާ ބައްދަލުކުރައްވައި ދެބޭފުޅުން ދެއްވި ގުޅިފައިވާ މިބަޔާނުގައި ދެޤައުމުގެ ގުޅުން ބަދަހިކުރުމުގެގޮތުން ނިންމެވި މުހިންމު ނިންމެވުންތަކުގެ މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިންޑިޔާއަށް ކުރައްވަމުންދާ މިދަތުރުފުޅަކީ އިންޑިޔާގެ ބޮޑުވަޒީރުގެ ދައުވަތަކަށް އެޤައުމަށް ކުރެއްވި ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ތިއްބަވަނީ އިންޑިޔާގެ ރައީސް ރާމް ނާތު ކޯވިންދްގެ ޚާއްޞަ މެހެމާނުންގެ ގޮތުގައި، ރާޝްތްރަޕަތީ ބަވަންގައެވެ.