ސިޔާސީ ޕާޓީތަކުގެ މެދުގައި ހުރި ކަންބޮޑުވުންތައް މަޝްވަރާކޮށްގެން ހައްލުކުރުމަށްޓަކައި، ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވުމަށް ޕާޓީތަކަށް އަނެއްކާވެސް ސަރުކާރުން ދަޢުވަތު ދެއްވައިފިއެވެ. މި ދަޢުވަތު ދެއްވާފައިވަނީ، މިމަހުގެ 11 ވަނަ ދުވަހު، އެމް.ޑީ.ޕީ އާއި، ޢަދާލަތު ޕާޓީއާއި، ޖުމްހޫރީ ޕާޓީ އަދި ކުރީގެ ރައީސް މައުމޫންގެ ފަރާތްޕުޅުން ސޮއިކުރައްވައި ރައީސް އޮފީހަށް ފޮނުވި ސިޓީއަށް ޖަވާބުދެއްވައި، އެމް.ޑީ.ޕީ އަށާއި، ޢަދާލަތު ޕާޓީއަށާއި، ޖުމްހޫރީ ޕާޓީއަށް ވަކިވަކިން ފޮނުއްވި ސިޓީއެއްގައެވެ.

މި ސިޓީގައި ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުންތަކަށް ޙައްލެއް ލިބޭނީ އެކުގައި މަޝްވަރާކުރެވިގެން ކަމަށާއި، އެދެވިގެންވާ ކާމިޔާބީއެއް ހޯދުމަށްޓަކައި، އެއްވެސް ޝަރުޠެއްނެތި އެއްމޭޒުދޮށަށް އައުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ. އަދި މި މަޝްވަރާތަކުގައި އ.ދ. އިން ބައިވެރިވުމަކީ، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމެއްކަން ފާހަގަކުރައްވައި، އ.ދ. ގެ ދައުރެއް މިވާހަކަތަކުގައި އޮތުމަށް، ސަރުކާރުގެ އިޢުތިރާޟެއް އެއްވެސް އިރެއްގައި ނެތްކަމާއި، އަދި މިކަމުގައި ސަރުކާރުގެ ތެރޭގައި ޚިލާފެއް ނެތްކަމުގައިވެސް ފާހަގަކުރައްވާފައިވެއެވެ.

މިއަދުގެ މި ދަޢުވަތާއެކު، ސަރުކާރުން މިހާ ހިސާބަށް މަޝްވަރާއަށް 12 ދަޢުވަތު ދީފައިވާކަން ފާހަގަކުރަމެވެ. ހަމައެއާއެކު، ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ފަށައި، ޤައުމުގައި ހިންގަމުންގެންދާ ހަމަނުޖެހުންތައް އެއްފަރާތްކޮށް ތަރައްޤީއަށާއި ރައްޔިތުންގެ ރައްކާތެރިކަމަށް ފުރުޞަތު ހޯދައިދިނުމުގެ މުހިންމުކަން ބޮޑުކަމަށް ސަރުކާރުން ޤަބޫލުކުރާތީ، ކަމާބެހޭ ފަންނީ މާހިރުން މެދުވެރިކޮށް، ކަންކަން ކުރިޔަށް ގެންދެވޭނޭ ގޮތަކާބެހޭ ގޮތުން، އިދިކޮޅު ފަރާތްތަކުގެ މަސައްކަތްތަކުގައި އެންމެ އިސްކޮށް އުޅުއްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ސަރުކާރުން ވާހަކަދައްކަމުން ގެންގޮސްފައިވާކަން މި ފުރުޞަތުގައި ސަރުކާރުން ހާމަކުރަމެވެ. ކުރީގެ ރައީސް ނަޝީދާ ސަރުކާރުން ވާހަކަދައްކަމުން ގެންގޮސްފައިވަނީ ކުރީގެ ރައީސް ނަޝީދަށް އިދިކޮޅުގެ ހުރިހާ ފަރާތްތަކެއް ތަމްސީލުކުރެއްވޭނޭ ކަމަށް ކުރީގެ ރައީސް ނަޝީދުގެ ފަރާތުން ވިދާޅުވެފައިވާތީއެވެ. ނަމަވެސް ފެބުރުވަރީ 2018 ގައި ކުރެވުނު މި މަސައްކަތަށް އަލިމަގެއް ފެނިފައިނުވަނީ، ސިޔާސީ އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ހުރި ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން ކަމަށް ސަރުކާރަށް ޤަބޫލުކުރެވެއެވެ.

މީގެ އިތުރުން މިމަސައްކަތް ކުރިއަށް ގެންދިޔުމުގެ ރޫޙުގައި މި މަސައްކަތްތައް ސިއްރުކުރުމަށް، ދެ ފަރާތުން އެއްބަސްވެ މަޝްވަރާ ކުރަމުން ދަނިކޮށް މި މަސައްކަތް ހުއްޓުވޭނޭ ފަދަ ގޮތަކަށް ވާހަކަތަކުގެ ރޫޙާ ޚިލާފަށް އިދިކޮޅު ފަރާތްތަކުން 15 ފެބުރުވަރީ 2018 ގައި ނިއުސް ކޮންފަރެންސެއް ދީފައިވާކަންވެސް ފާހަގަކުރަމެވެ. މިކަންކަން މިހެންހުރި ނަމަވެސް މިވާހަކަތައް ކުރިއަށް ގެންދިއުމުގެ ނިޔަތުގައި ސަރުކާރުން މިހާރުވެސް ވާނީ ވާހަކަދެއްކުމަށް ހުށަހަޅާފައިކަންވެސް ފާހަގަކުރަމެވެ.

އަދި މި މަސައްކަތްތަކުގެ ފުރިހަމަ މަޢުލޫމާތު އ.ދ. އާއި ކަމާބެހޭ އެހެން މުއައްސަސާތަކާއި ސަރުކާރުން ޙިއްޞާކުރަމުން ގެންދާކަމުގައިވެސް ދިވެހި ރައްޔިތުންނާއި، ރާއްޖޭގެ މަސްރަޙާމެދު ޝައުޤުވެރިވެވަޑައިގަންނަވާ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ޤައުމުގައި ހުރި މައްސަލަތަކަށް ޙައްލެއް ހޯދުމަށް، ސަރުކާރުންކުރާ މަސައްކަތްތަކަށް އިދިކޮޅު ފަރާތްތަކުން އެއްބާރުލުން ނުދެއްވައި، ކަންކަން ކާމިޔާބުކުރުމުގެ ފުރުޞަތު ބަންދުކުރަމުންގެންދާތީ، މިއީ ސަރުކާރުން ކަންބޮޑުވާ ކަމެއްކަމުގައި ހާމަކުރަމެވެ.

ވުމާއެކު، މިޙާލަތުގައި އަމިއްލަ ތަޢައްޞުބު އެކަހެރިކޮށް، ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތްކުރުން އިސްކޮށް، ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވުމަށް، ސިޔާސީ ޕާޓިތަކަށް ސަރުކާރުން އަނެއްކާވެސް އެއްފަހަރު ގޮވާލަމެވެ.